
ޒައިނަބް – 10

އޭގެފަހުން ދެދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ޒައިނަބް މެންގެ ގޯތިތެރެއިން ފެނުނު އެތީގެ ހަގީގަތް އެނގޭގޮތެއް ނުވިއެވެ. ދެތިން ފަހަރެއްގެ މަތިން އަހުސަލް ސަލީމުއާއި ބައްދަލުކޮށް ލަސްނުކޮށް މިކަމުގެ ހަގީގަތް ހޯދައި މިކަމަށް ހައްލެއް ގެންނަން ބޭނުންވާ ކަމުގައި ބުންޏެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެން ނަމަވެސް އަދި ކިތަންމެ ފައިސާއެއް ހަރަދުކޮށްގެން ވިޔަސް މިކަމުން މިންޖުވާން ބޭނުންވާ ކަމުގައި ތަކުރާރުކޮށް އަހުސަލް ބުންޏެވެ. ސަލީމު ބުނިގޮތުގައި މި ވަމުންދާ ކަންތަކުގެ ބޮޑުކަން އޭނާއަށްވެސް މިހާރު އިހުސާސް ވާން ފަށައިފިއެވެ. ނަމަވެސް މިކަމަކީ އޭނާއަށް އެކަނި ކުރެވޭ ވަރުގެ ކަމެއް ނޫންކަމުގައި ބުންޏެވެ. ސަލީމު ބުނި ގޮތުގައި މިފަދަ ބޮޑެތި ކަންކަމަށް ވަރަށް މޮޅު މީހަކު އެރަށުގައި އުޅެއެވެ. އޭނާގެ ނަމަކީ ޔޫނުސް ކަމަށާއި އޭނާއަކީ ޤުރުއާން ހިތުދަސް ކޮށްގެން ހުރި ޙާފިޒެއް ކަމުގައިވެސް ބުންޏެވެ. އަދި ޔޫނުސްއަކީ ސިހުރާއި ޖިންނި ޝައިތާނުންގެ ފަރާތުން ޖެހޭ ބޮޑެތި ކަންކަމަށް ރުޤްޔާ ކުރުމަށް ވަރަށް މޮޅު މީހެއް ކަމުގައިވެސް ބުންޏެވެ.
އަހުސަލްގެ އެދުމުގެ މަތިން ސަލީމު ޔޫނުސްއާއި އެވާހަކަތައް ހިއްސާކުރިއެވެ. އަދި އެކަމުގައި ޔޫނުސްގެ އެހީއަށް އެދުނެވެ. ޔޫނުސް ބޭނުންވީ އެންމެ ފުރަތަމަ މިކަމުގެ ހަގީގަތް ބެލުމަށް ޒައިނަބްއާއި އަހުސަލްއާ ބައްދަލު ކުރުމަށެވެ. އެރޭ ސަލީމު އަހުސަލަށް ގުޅުމަށްފަހު ޔޫނުސް އަހުސަލް މެންނަށް އެހީވުމަށް ތައްޔާރަށް ހުރިކަމުގެ އުފާވެރި ހަބަރު ދިނެވެ. އަދި އޭގެ އަނެއްދުވަހު މެންދުރުފަހު ޔޫނުސް މެންގެ ގެއަށް ދިއުމަށް ބުންޏެވެ. ޔޫނުސްއާއި ބައްދަލުކުރުމަށް ދާއިރު އެމީހުންނާއެކު ސަލީމުވެސް ދާނެކަމަށް ސަލީމު ބުންޏެވެ. އަހުސަލް ޒައިނަބަށް އެވާހަކަތައް ކިޔާ ދިނުމުން މިހުރިހާ ކަމަކުން ސަލާމަތް ވެވިދާނެ ކަމުގެ އުންމީދު އޭނާގެ ހިތުގައި އާވެގެން ދިޔައެވެ.
ޖެހިގެންއައި ދުވަހުގެ އިރު އެރީއްސުރެ ޒައިނަބް އިރު އިރުކޮޅާ ގަޑިއަށް ބަލަމުން ދިޔައެވެ. އަދި އިންތިހާއަށް ކަމަކަށް ކެތްމަދުވެފައިވާ މީހެއް ފަދައިން އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެދުވަހު މެންދުރުގެ ނަމާދަށްފަހު އަހުސަލްއާއި ޒައިނަބް އިސްމާއިލް ގޮވައިގެން ސަލީމުމެންގެ ގެކައިރިއަށް ދިޔައެވެ. އެމީހުން ގޮސް އެގެ ކައިރިއަށް މަޑުކޮށްލި އިރު ސަލީމު އެމީހުންގެ އިންތިޒާރުގައި ގޭ ދޮރުމަތީގައި ހުއްޓެވެ. ސަލީމު އެމީހުން ނާއެކު ޔޫނުސްމެންގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.
ސަލާމް ގޮވާލުމާއެކު އެތެރެއިން ޔޫނުސް ސަލާމް ބަލައިގަތް އަޑުއިވުނެވެ. ސަލީމް ކުރީގައި ހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އިސްމާއިލްވެސް ސަލީމްއާއި އެކުގައި ވަނެވެ. ޔޫނުސްއާއި ބައްދަލުކުރަން ޒައިނަބް ކިތަންމެ ކެތްމަދުވެފައި ހުރިނަމަވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވެފައެވެ. އަހުސަލްގެ އަތުގައި ހިފައިގެން ހުރެ ޒައިނަބް އެގޭތެރެއަށް ވަދެ ވަށައިގެން ބަލާލިއެވެ. އެގެއަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ ރީތި ނަމަވެސް ކުޑަގެއެވެ. ގޭތެރެއަށް ވަދެގެން ދާއިރު ފުރަތަމަވެސް ވަދެވެން ހުންނަނީ އެގޭގެ ސިޓިންރޫމަށެވެ. ސިޓިންރޫމުގައި ފޮތް ބަހައްޓާ ބޮޑު ހަރެއް ހުރިއިރު އެ ހަރު ހުރީ އެކިވަރުގެ ފޮތްތަކުން ފުރާލާފައެވެ. ފެންނަ ފެނުމަށް އެތަނުގައި ގިނައީ ދީނީ ފޮތްތަކާއި އަރަބި ބަހުގެ ތަފާތު އެކި ފޮތްތަކެވެ. ސިޓިންރޫމުގައި ހުދުކުލައިގެ ތަށިމުށި ޖަހާފައިވާއިރު ފާރުތަކުގައިވެސް ހުދުކުލަ ލާފައި ހުރުމުން ގޭތެރެ ފެންނަނީ ވަރަށް އަލިކޮށެވެ. ސިޓިންރޫމުގައި މޭޒަކާއި އެ މޭޒު ވަށައިގެން ހަތަރު ގޮނޑި ބަހައްޓާފައި ހުއްޓެވެ. އަދި އެތަނުގައި އާދައިގެ ސޮފާއެއްވެސް ހުއްޓެވެ. ފެންނަ ފެނުމަށް ގޭތެރެ ވަރަށް ސާދާވެފައި ސާފެވެ.
“އަވަހަށް އިށީނދޭ..”
ޔޫނުސް އެމީހުން ކައިރީގައި ސޯފާގައި އިށީނުމަށް ބުންޏެވެ. ޔޫނުސް އެދުނީ އެހުރިހާ ކަމެއް ފެށިގެން މިއަދާ ހަމައަށް އޭނާއަށް ކިޔާދިނުމަށެވެ. ޒައިނަބްއާއި އަހުސަލް ވަރަށް ތަފްސީލުކޮށް ހުރިހާ ވާހަކައެއް ޔޫނުސްއަށް ކިޔާދިނެވެ.
ޒައިނަބްމެންގެ ގޯތިތެރޭގައި މަރިޔަމް ބޭއްވިކަމަށް ބުނި އެއްޗާއި، ފަހުން އެމީހުންނަށް ފެނުނު ހަމަ އެކަހަލަ އެތީގެ ވާހަކައެވެ. ގޯތި ތެރެއިން ދުވި ކުނިވަހުގެ ވާހަކައާއި ބިންމަތިން ފެނުނު ކޮނެ ފަސްލާފައި ވާހެން ހީވާތަނުގެ ވާހަކަވެސް ކިޔާދިނެވެ. އަދި އަހުސަލްއާއި އިސްމާއިލަށް ވަލުތެރެއިން ފެނުނު އަންހެންމީހާގެ ވާހަކައާއި ފާތުންމެންގެ ގޭތެރެއިން ދަންވަރު އާރާއަށް ފެނިފައިވާ ދިގުކޮށް ހުރި މީހާގެ ވާހަކަވެސް ކިޔާދިނެވެ. އަދި އެއާއިލާ ލޮނުދޫއަށް ދަތުރުގޮސް އުޅެނިކޮށް ފެނިފައިވާ ތަނުގެ ވާހަކައާއި އެރަށުގައި ދިމާވި ކަންކަންވެސް ވަރަށް ތަފްސީލުކޮށް ޔޫނުސްއަށް ކިޔާދިނެވެ. އަދި އަބަދު ކަހަކަ ގޮތަކަށް ޒައިނަބްގެ ބޮލުގެ ރިހުން ނުކެނޑި ހުންނަ ވާހަކައާއި ނިދީގައި ފެންނަ ހުވަފެންތަކާއި ސްލީޕް ޕެރެލައިޒް ވާ ވާހަކަވެސް ކިޔާދިނެވެ. ގޭތެރެއިން އިވޭ އަޑުތަކުގެ ސަބަބުން އަބަދުމެ ޒައިނަބްގެ ހިތް ބިރުގަނެފައި ހުންނަ ކަމުގައިވެސް ޒައިނަބް ބުންޏެވެ.
އެހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު ޔޫނުސް ފުންނޭވާއެއް ލިއެވެ.
“ޒައިނަބްގެ ބޮލުގެ ރިހުމުގެ ކަންތަކުގައި ޑޮކްޓަރަށް ދެއްކިންތަ؟. ކީކޭ ޑޮކްޓަރު ބުނީ؟.”
ޔޫނުސް އެހިއެވެ.
“ވަރަށް ގިނަ ފަހަރުމަތިން ދެއްކިން… އެކިއެކި ޓެސްޓުތައްވެސް ހެދިން… ޑޮކްޓަރު ބުނީ އެއްވެސް ބައްޔެއް ފެންނަން ނެތްކަމަށް.. އަދި ބުނި ވެދާނެޔޭ ޑިޕްރެޝަނާ އެންޒައިޓީގެ ކަމަކަށް.. ދެން ބޭސް ދިނީ.. އެކަމަކު އަހަންނަށް ދޯ އެނގޭނީ އަހަންނަށް މިވަނީކީ އެކަހަލަ ކަމެއް ނޫންކަން..”
ޒައިނަބް ވަރަށް ދެރަވެފައި އިނދެ ޖަވާބުދިނެވެ.
“ދެންމެ ބުނީމެއްނު ގޯތި ތެރެއިން ފެނުން އެއްޗެއްގެ ވާހަކަ… އެއްވެސް މީހެއް އޭތި އެތާ ބާއްވަނިކޮށް މީހަކަށް ފެނިފަ ވޭތަ؟. ކޮބާ މިހާރު އޭތި؟.”
ޔޫނުސް އަހުސަލްއަށް ބަލަންއިނދެ އެހިއެވެ.
“ގެ ކައިރި އަވައްޓެރި ދައްތައެއް ބުނި އޭނައަށް ދަންވަރު ފެނުނޭ އެދިމާލުގަ މީހަކު ހުއްޓާ.. އެކަމަކު އެމީހާގެ މޫނެއް ނުފެނެޔޭ ބުނީ.. އެ އެތި އޮންނާނެ ރައްކާތެރިކޮށް ބާއްވާފަ..”.
އަހުސަލް ބުންޏެވެ.
“ޒަައިނަބް… ޒައިނަބް ބަރާބަރަށް ނަމާދު ކުރަންތަ؟.”
ޔޫނުސް ޒައިނަބް ކައިރީގައި އެހެން އެހުމުން ޒައިނަބް އާއެކޭ ބުނެ ބޯޖަހާލިއެވެ. ނަމަވެސް ބައެއް ފަހަރު ވަރުބަލިކަމުން އޮށޯވެގެން އޮންނަ ދުވަސްދުވަހު ބައެއް ނަމާދު އެޅޭ ކަމުގައި ބުންޏެވެ.
“އިންޝާ ﷲ ޒައިނަބަށް ކުރިމަތިވެފައި ތިވާ ކަންތަކުގައި އަހަރެންނަށް ވެވުނު ކަމެއްވިއްޔާ ކޮށްދޭނަން.. އެކަމަކު ޒައިނަބު ވާނެ އަބަދުވެސް ނަމާދުކޮށް ދުޢާ ކުރަން.. ކިތަންމެ ވަރުބަލިވިޔަސް ބިރުގަތަސް ނަމާދެއް ނާޅާ ކުރެވޭތޯ ބަލާތި.. ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ.. އެކަލާނގެއަށް ދުޢާކޮށް އަޅުކަން ކުރުންމަތީ އަބަދުވެސް ދެމި ހުންނާތި!!..”
ޔޫނުސް ޒައިނަބަށް ނަސޭހަތްތެރި ވިއެވެ.
“ކުޑަކޮށް ކިޔަވާލާނަން އިނގޭ… އިންޝާ ﷲ ތި ބޮލުގެ ރިހުންވެސް ފަސޭހަ ވެދާނެ އޭރުން.. ޒައިނަބް އިނދޭ ލޯމަރާލައިގެން އަހަރެން ކިޔަވާ އަޑުއަހަން..”
ޔޫނުސް އެހެންބުނެ ކިޔަވަން ފެށިއެވެ. އޭރު ޔޫނުސް ކައިރީގައި އަހުސަލްއާއި އިސްމާއިލްވެސް ތިއްބެވެ. ސަލީމްވެސް ވަރަށް ޝައުގުވެރި ކަމާއެކު ޔޫނުސް ކިޔަވަމުންދިޔަ އަޑުއަހަން އިނެވެ.
ޔޫނުސް އަޑު ހަރުކޮށް ރީތިކޮށް ކިޔަވަމުން ދިޔައިރު ޒައިނަބް އެއަޑު އަހަން އިށީނދެގެން ލޯމަރާލައިގެން އިނެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ކިޔެވި ތަނާހެން ޒައިނަބްގެ ހަށިގަނޑު އޭނާގެ އެއްވެސް ބާރަކާއި ނުލައި ތެޅިލިއެވެ. އެވަގުތު ޒައިނަބްގެ ހަށިގަނޑަށް އަރައިގެންދިޔަ ބާރަކާއެކު އޭނާގެ އަތުގެ އިނގިލިތަކަށް ވާންވެ ބާރުވާން ފެށިއެވެ. ޒައިނަބް ދެއަތުން އޭނާގެ ހެދުމުގެ ފަސްބާގައި ހިފާ ބޮނޑި ކޮށްގެން އިންއިރު ދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ އަންނަމުން ދިޔައެވެ. ޔޫނުސްގެ ކިޔެވުމުގެ އަޑު ސާފުކޮށް ޒައިނަބަށް އިވެމުން ދިޔަނަމަވެސް އޭނާއަށް ސިފަވަމުން ދިޔައީ މުޅިން އެހެން ތަނެކެވެ.
ދެލޯ މަރައި ބާރު ކޮށްގެން އިން ޒައިނަބަށް ސިފަވަމުން ދިޔައީ ލޮނުދޫގެ އަތިރިމައްޗެވެ. ކުރިމަތިން ފެންނަމުންދިޔަ ސާފު މަންޒަރެއް ފަދައިން އޭނާއަށް ލޮނުދޫގެ އަތިރިމަތި ސިފަވަމުން ދިޔައެވެ. ޒައިނަބް ހުރީ މީހުން ކާށި ހޮވަން ވަލަށް ވަންނަ ހަނި މަގުގެ ކޮޅުގައެވެ. އެއްވެސް މީހަކު ފެންނަން ހުރިތޯ ޒައިނަބް ވަށައިގެން ބަލާލިއެވެ. ނަމަވެސް އެހިސާބަކުން ޒައިނަބަކަށް އެއްވެސް މީހެއް ނުފެނެއެވެ. އެ މާހައުލަށް ވަނީ ބުނެދޭން ނޭނގޭފަދަ ތަފާތު ހަމަހިމޭން ކަމެއް ވެރިވެފައެވެ. ޒައިނަބް ހުއްޓިހުރި ދިމާލުން އެ ހަނި މަގުގެ ކޮޅުގެ ބިންމަތީގައި ކޮންމެވެސް އެއްޗެއް ދަމާ ކޫއްތާފައި ވާކަމުގެ ހެކި ފެންނަން ހުއްޓެވެ.
އެމަންޒަރު ސިފަވަމުން ދިޔައިރު ޒައިނަބް އިނީ ދެލޯ މަރައި ބާރުކޮށްގެންނެވެ. އޭރު އޭނާއަށް ޔޫނުސްގެ ކިޔެވުމުގެ އަޑު ވަރަށް ސާފުކޮށް އިވެމުން ދިޔައެވެ. އަދި ސީލިންގުގައި ހުރި ފަންކާ އެނބުރެމުންދިޔަ އަޑުވެސް އިވެމުން ދިޔައެވެ. އެހެންކަމުން އެއީ ޒައިނަބަށް ސިފަ ވަމުންދާ ހިޔާލެއްކަން ޔަގީންވިއެވެ.
އެ ހަނި މަގުގެ އެހިސާބުގައި އެއްކޮށްފައިވާ ހިކިފަތް ތަކަކާއި ދަރުތަކެއްވެސް ހުއްޓައި ޒައިނަބަށް ފެނުނެވެ. އޭރު އެތަނުގައި ކޮންމެވެސް މީހެއް ހުއްޓިގެން ހުއްޓެވެ. ނަމަވެސް އެމީހާގެ މޫނު ސާފުކޮށް ނުފެނުނަސް އެމީހާއަށް ޒައިނަބް ފެނުނުކަން ޒައިނަބަށް އެނގުނެވެ. އެވަގުތު ޒައިނަބް ހާސްވެގެން ތެޅިގަނެފައި ދެލޯ ހުޅުވާލިއެވެ.
“ހުއްޓާލާ… ކިޔެވުން ހުއްޓާލާ…”
ދެލޯ ހުޅުވުމަށްފަހު ޒައިނަބް ބިރުން އިނދެ ޔޫނުސް ކައިރީގައި ބުންޏެވެ. ޒައިނަބް އެހެން ބުނިއިރު ބިރުންގޮސް އޭނާގެ އަޑު ތުރުތުރު ލަނީއެވެ.
ޔޫނުސް ކިޔެވުން ހުއްޓާލުމަށްފަހު ޒައިނަބް ކައިރީގައި ހަމަ ޖެހުމަށް ބުންޏެވެ.
“ކިހިނެއްވީ ޒައިނަބް؟.”
ޒައިނަބަށް ބަލަންއިން އަހުސަލް ހާސްވެފައި އެހިއެވެ.
“ލޮނުދޫ…”
އަހުސަލްގެ މޫނަށް ބަލަން އިނދެ ޒައިނަބަށް ބުނެވުނީ އެހިސާބަށެވެ. އޭނާ ބިރުން އިނދެ ގޭތެރެއަށް ވަށައިގެން ބަލާލިއެވެ.
“ލޮނުދޫ ކިހިނެއްވީ؟…”
ޒައިނަބްގެ ހަރަކާތްތަކަށް ބަލަން އިނދެ ޔޫނުސް އެހިއެވެ.
ޒައިނަބް އޭނާއަށް ދެންމެ ސިފަވީ މަންޒަރު ޔޫނުސްއަށް ކިޔާދިނެވެ. އެވަގުތު އަހުސަލްއާއި އިސްމާއިލަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ޒައިނަބް އެ ކިޔާދިނީ އެމީހުން އެރަށަށް ދަތުރު ގޮސްގެން އުޅެނިކޮށް ފެނުންފަދަ ކަމެކެވެ.
“ޒައިނަބް.. ޒައިނަބަށް ހުވަފެނުގަވެސް އެރަށް ފެނޭތަ؟.”
ޔޫނުސް އިރުކޮޅަކު ވިސްނާލަން އިނދެފައި އެހިއެވެ.
ޒައިނަބް އާއެކޭ ބުނެ ބޯޖަހާލިއެވެ. އަދި އެތަކެއް ފަހަރު މަތިން ހުވަފެނުގައި ލޮނުދޫ ފެނިފައިވާ ވާހަކަ ކިޔާދިނެވެ. އަދި އެ ކޮންމެ ހުވަފެނެއް ގައިވެސް ކޮންމެވެސް ބިރުވެރި ކަމެއް ދިމާވާ ކަމުގައިވެސް ޒައިނަބް ބުންޏެވެ.
“ތަކުރާރުކޮށް ހުވަފެނުގަ ލޮނުދޫ ފެންނަކަމަށް ވާނަމަ އެރަށާ މިކަމާ ގުޅުމެއް އޮތްތޯ ބަލަން ޖެހޭނެ..”
ޔޫނުސް ބުންޏެވެ. އަދި ސަލީމު ކައިރީގައި އޭނާ މިކަމާއި ގުޅިގެން އެރަށަށް ދިޔައިންތޯ ސުވާލު ކުރިއެވެ. އެސުވާލުގެ ޖަވާބުގައި ސަލީމު ނޫނެކޭ ބުނުމުން ޔޫނުސް އިރުކޮޅަކު ވިސްނާލަން އިނެވެ.
“ޒައިނަބް އެބުނާތަން އަހުސަލްއަށް އެނގޭތަ؟.. އެރަށަށް ގޮސްފިނަމަ އެތަނަށް ދާން އެނގޭނެތަ؟..”
ޔޫނުސް އަހުސަލް ކައިރީގައި އެހިއެވެ. އަހުސަލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިސްމާއިލްވެސް އެ ވާހަކަޔާ ބައިވެރިވެ އޭނާއަށްވެސް ޒައިނަބް އެ ބުނާތަން އެނގޭކަމުގައި ބުންޏެވެ.
“އަހުސަލް.. އަހަރެން ބޭނުން ތި މީހުންނާއެކު ލޮނުދޫއަށް ގޮސް ޒައިނަބް އެބުނާ ތަން ބަލަން… އެތަނާ މިކަންކަމާ ގުޅުމެއް އޮތްތޯ ބަލަން.. އެރަށަށް ގޮސް ހަމަލޮލުން ބަލާލާފަ ކުޑަކޮށް ކިޔަވާ ހަދާލަން ބޭނުން.. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން.. ކާމިޔާބު ދެއްވާ ފަރާތަކީ މާތް ﷲ ..”
އެކަމުގައި އިތުރަށް ކުރިޔަށް ދިއުމަށް ޔޫނުސްއަށް ފެންނަ ގޮތް އޭނާ ކިޔާދިނެވެ.
“ކޮން އިރަކުން ދާންވީ؟.. ޔޫނުސް ބުނެފިއްޔާ ހަމަ މިހާރުވެސް ދެވިދާނެ…”
އަހުސަލްގެ ޖަވާބުން މިކަމުން ސަލާމަތް ވުމަށް އޭނާ ކެތްމަދުވެފައި ވާވަރު ޔޫނުސްއަށް އެނގުނެވެ.
“މާދަމާ ހެނދުނު ފުރާގޮތަށް ތައްޔާރުވޭ… މަށާ ސަލީމުއާ އަހުސަލްއާ އިސްމާއިލްއާ ހަތަރު މީހުން ދާނީ.. ގޮސް ނަމާދުކޮށްގެން ކިޔަވާފަ ކަމެއް އުޅޭތޯ ބަލާނީ.. ފަހަރެއްގަ ރޭގަނޑުވެސް މަޑުކުރަން ޖެހިދާނެ.. އެކަމަކު އެއްވެސް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ ވަގުތުން އަނބުރާ ރަށަށް އަންނަންވާނެ..”
ޔޫނުސް އެކަމުގައި އޭނާގެ ވިސްނުން ހުރިގޮތް ކިޔާދިނެވެ.
ތަފާތު އެކި ވާހަކަތަކުގައި އެގޭގައި އިރުގަނޑެއް ވަންދެން ތިބުމަށްފަހު ޔޫނުސްއަށް ޝުކުރު އަދާކުރުމަށްފަހު ޒައިނަބްމެން ގެއަށްދާން ނިކުތެވެ.
ގެއަށްވަދެ ހަމަޖެހިލައިގެން އަހުސަލް ޓީވީ ބަލަން ސޯފާގައި އިށީނެވެ. ޒައިނަބްވެސް ގޮސް އަހުސަލް ކައިރީގައި ޓީވީ ބަލަން އިށީނެވެ. އެތައް ދުވަހަކަށްފަހު އެ ދެމަފިރިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާކަން އެމީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެތައް ދުވަހަކަށްފަހު ދެމީހުން ހިނިތުންވެލާފައި އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.
“މާދަމާ ލޮނުދޫއަށް ދިޔާމަ ކިހިނެއްބާ ވާނީ؟.. އަހަރެން ކުޑަކޮށް ބިރުވެސް ގަނޭ.. އެކަމަކު މިކަމަށް ނިމުމެއް ގެންނަން ކުރެވުނު ކޮންމެ ކަމެއްވެސް ކުރާނަން… އިންޝާ ﷲ…”
އަހުސަލް ޒައިނަބްގެ ކޮނޑަށް އަތް ވައްޓާލަމުން ބުންޏެވެ. ޒައިނަބްވެސް އިންޝާ ﷲ އޭ ބުނެ އަހުސަލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
ހިނދުކޮޅަކަށް ނަމަވެސް ޒައިނަބްއަށް ރައްކާތެރިކަން އިހުސާސް ކުރެވުނެވެ.
އެރޭ ރޭގަނޑުގެ ކެއުމަށްފަހު އިސްމާއިލް އޭނާގެ ދަބަސް ތައްޔާރުކުރަން ފެށިއެވެ. ފާތުމަތާއި ޝިފާއަށް އެދުވަހު ޔޫނުސްއާއި ދިމާވެ އެގޭގައި ހިނގާދިޔަ ކަންތައް ކިޔާދިނުމަށްފަހު އެކަމާ ގުޅިގެން މާދަމާ ލޮނުދޫއަށް ދާންޖެހޭ ކަމުގައިވެސް އިސްމާއިލް ބުންޏެވެ. އެހެންކަމުން ޝިފާ އަވަސްވެގަތީ އެމީހުން ލޮނުދޫގައި ވާނީ ކިހާއިރެއްކަން ނޭނގޭތީ އެރަށުގައި ކެއުމަށް ބައެއް ސާމާނު ތައްޔާރު ކުރުމަށެވެ.
އޭރު ގޭތެރޭގައި އިން ފާތުން ކައިރީގައި އާރާ އިށީނދެލައިގެން އިނެވެ. އާރާއަށް ދިމާވި ކަންތަކަށްފަހު ބައެއް ދުވަސްދުވަހު އާރާ ވަރަށް މަޑުން އިންނަކަން ޝިފާއަށް ފާހަގަވެއެވެ. އެ ކުޑަކުޑަ އާރާ އަބަދު ކަހަލަ ގޮތަކަށް ހިޔާލެއްގެ ތެރެއަށް ގެއްލިފައިވެސް އެތައް އިރަކު އިނދެއެވެ. ނަމަވެސް މިކަންތައްގަނޑު ނިމޭއިރު އާރާވެސް މަޑުމަޑުން ރަނގަޅުވާނެ ކަމުގައި ޝިފާއަށް އުންމީދު ކުރެވެއެވެ.
އެރޭ ދިހައެއް ޖަހަނިކޮށް އަހުސަލްވެސް އޭނާގެ ގޭގައި މާދަމާގެ ދަތުރަށް ތައްޔާރު ވުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ބައެއް ކާއެއްޗިއްސާއި ފެނާއި ޓޯޗުބައްތިއާ ބެޓެރިއާއި އަދިވެސް ބައެއް ސާމާނު ދަބަހަކަށް އަޅައި ތައްޔާރު ކުރިއެވެ. ޔޫނުސް ބުނެފައިވަނީ އެރަށަށް ދާގޮތަށް ރަށުތެރެ ބަލާލުމަށްފަހު ކިޔަވަން ފަށާނީ ކަމުގައެވެ. އަދި އެރަށުގައި މަޑުކުރަން ޖެހިއްޖެނަމަ ރޭގަނޑުވެސް މަޑުކުރެވޭނެ ގޮތަށް ތައްޔާރުވުމަށް ޔޫނުސްވަނީ އަހުސަލް ކައިރީގައި ބުނެފައެވެ. ގޯތި ތެރެއިން ފެނިފައިވާ ގޮތްނޭނގޭ އެތިވެސް ރައްކާތެރި ކަމާއެކު އެރަށަށް ގެންދިޔުމަށް ޔޫނުސް ބުނެފައި ވެއެވެ. ދަތުރަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު އަހުސަލް ގޮސް ގޭގެ ދޮރުތައް ލައްޕާ ތަޅުލިއެވެ.
އެގޮތުން ގޯތިތެރެއަށް ހުޅުވޭގޮތަށް ހުންނަ ބަދިގޭގެ ދޮރު ލައްޕަނިކޮށް އަހުސަލްއަށް ގަސްތަކާއި ދިމާލުން މީހެއްގެ ހިލަމެއްވީހެން ހީވިއެވެ. އެހެންކަމުން އިރުކޮޅަކު އެދިމާލަށް ބަލަން މަޑު ކޮށްލުމަށްފަހު އެއީ ހީވިގޮތެއް ކަމުގައި ނިންމައި ދޮރުލައްޕާ ތަޅުލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
Mi episode ves varah reethi, kon irakun next episode libeyni? Varah curious
Thank you dear 🤍 in sha Allah very soon 😊 hope you will like the next episode also 🤍
Can you please upload the next part soon
Or please can you make the parts longer
Mi part v reethi
Ma sha Allah♥️
Mi part kudakoh kuru dho. Normally mi story episodes dhigukoh aslu kuranee. Dhen gehna episodes thah dhigu kohlaanan ingey Insha Allah 🤍thank you for dropping a comment and hope you will like the next part too ☺️