Skip to content
އެސްފިޔަ

ސައިކޯ – 1

Listen to this story Audio · 6:51 Powered by Esfiya Voice
0:00 6:51

(1 ވަނަ ބައި)

ރޭގަނޑުގެ ވަގުތެވެ. ހަމަ ހިމޭންކަން މަތީގައި މުޅި ދުނިޔެ އޮވެފައި ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. ކޮލެޖު ކުތުބުހާނާގައި ކިޔަވަން އިން ނައިކާ ޖާލީ ދޮރުން ބޭރު ބަލައިލިއެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭއަށް ބަލައިލާފައި ނައިކާ އޭނާގެ ދަބަހަށް ފޮތްތައް އަޅަން ފެށިއެވެ. އަވަހަށް ގެއާއި ދިމާލަށް ދެވޭތޯއެވެ. ދަބަހުގައި އޮތް ކުޑަ ނަގާ ނައިކާ ހިނގައިގަތެވެ.

އުމުރުން 19 އަހަރުގެ ނައިކާއަކީ ‘ސައިރިކްސް’ ކޮލެޖުގައި ސައިކޮލޮޖީ ކިޔަވަމުންދާ ކިޔެވުމަށް މޮޅު ކުއްޖެކެވެ. ސުކޫލު ދައުރުގައި ވެސް އެންމެ މޮޅު ދަރިވަރުގެ ލަގަބުވެސް ލިބިފައިވާ ނައިކާ މިހާރު އެހަދަނީ ސައިކޮލޮޖީގެ ‘ބެޗްލާސް’ އެވެ. އިސްކޮޅުން ކުރުކޮށް، ކުޑަކޮށް ފަލަކޮށް ހުންނަ ނައިކާއަކީ ބަލައިލަން ވަރަށް ލޯބި ކުއްޖެކެވެ. އުޅުމަށް ބެލިޔަސްވެސް ނައިކާއަކީ ހަމަ އެއްވަނަ ލިބޭ ވަރުގެ ކުއްޖެކެވެ. ކިޔަވަން ކިތަންމެ ވަގުތުތަކެއް ހޭދަ ކުރިނަމަވެސް، ނައިކާއަކީ ހުރިހާ ނަމާދެއް ވަގުތުގައި ކުރާ، ދީނީ ކަންކަމަށް ވަރަށް ސަމާލުކަން ދޭ ކުއްޖެކެވެ. ކުޑަކުޑަ ތުންފަތުގައި އެއްވެސް މޭކަޕެއް ނެތިވެސް ގުދުރަތީ ރަތްކަމެއް ވެއެވެ. އޭނާގެ ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކުން އެ ތޫނު ނަޒަރު ވަކިން ފުރިހަމަ ކޮށްދެއެވެ. ނައިކާގެ ރީތި ކަމުން ކޮލެޖުގެ ގިނަ ފިރިހެން ކުދިންވެސް ތިބެނީ ‘މަށަށް މަށަށް’ ގޮވާލަ ގޮވާލައެވެ. އެހެން ވިޔަސް ނައިކާ އެކަމަކަށް އެއްވެސް ސަމާލު ކަމެއް ނުދެއެވެ.

ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ނައިކާ ހީ ކަރު ވަމުން ދިޔައެވެ. އޭނާގެ ފިޔަވަޅުތައް ހަލުވި ކޮށްލާފައި ހިނގަމުން ދިޔައީ އަވަސް ގޮތެއްގައި ގެއާއި ހަމައަށް ވާސިލު ވެވޭތޯއެވެ. ކޮލެޖުން ނިކުންނަ މައި ދޮރާއި ހަމައަށް ވާސިލު ވެވުން ތަނާހެން ކޮލެޖު މައި ދޮރު ކުރިމަތީގައި ހުރި ޒުވާނާ ނައިކާގެ ލޮލުގައި އަޅައިގަތެވެ. އެ ފިނިފިނި ވަގުތުގައި ހިޔާވަހި ކަމެއް ހޯދަން ނޫޅި އެތަނުގައި އެހެން ހުރުމުން ނައިކާ ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ.

ނައިކާ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވިއެވެ. އެހެން ވިޔަސް އެމީހަކު ހުރީ ނައިކާއަށް ފުރަގަސް ދީގެން ކަމުން ލަސްލަހުން ހިނގައިގަތީ ޝަހާދަތް ކިޔަމުންނެވެ. އެހެން ވިޔަސް ކުއްލިއަކަށް މަޑުން ހުރެފައި އޭނާ ނައިކާއާއި ދިމާލަށް އަންނަން ފެށިއެވެ. ހަމަ ޖެހިލައިގެން ހުރި ނައިކާ ސިހުނީ ވިދާލި ވިދުވަރާއި އެކު އޭނާގެ އަތުގައި އޮތް ތޫނު ވަޅި ފެނިފައެވެ. ފިޔަވަޅުތައް ހަލުވި ކޮއްފައި ނައިކާ ދުއްވައިގަތެވެ. ނަމަވެސް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ނައިކާ ކައްސާލައިގެން ވެއްޓުނެވެ.

“އާހްހްހް” ނައިކާއަށް އޭނާގެ ޖާދޫވީ އަޑުން ހަޅޭއް ލަވައިގަނެވުނެވެ. ބިންމައްޗަށް ވެއްޓި އޭނާގެ ކަނާތުފައި ހުޅު ޖެހުނު ވަގުތު އިވުނު އަޑުންވެސް އެތަން ބިނދުނީ ކަން އޭނާއަށް އެނގި ޔަގީން ވިއެވެ. ވަގުތުން ނައިކާއަށް ރޮއެގަނެވުނެވެ. އެހެން ވިޔަސް އެތަނުގައި އޭރު ދިރޭ ފުރާނައެއް ނުވެއެވެ. ވަގުތުގެ ބޭނުން ހިފާ އޭނާ ނައިކާގެ ހަށިގަނޑު އަތުލަފި ކޮށްލިއެވެ. ނައިކާގެ ހަށިގަނޑު ދަމަމުން ގޮސް އޭނާ ވަނީ ކޮލެޖު ފާހާނާއަށެވެ…

***

އިރުމަތީ އުދަރެހުން ފާޅުވާން ފެށި ރަންރީނދޫ ކުލައިގެ ދޯދި ތަކާއެކު، މުޅި ކަނޑުފަޅު ރަން އައްޔެއް ފަދައިން ދިއްލިގެން ދިޔައެވެ. ފަތިހުގެ އަނދިރިކަން ފިލާ، މަޑުމަޑުން އަރަމުން އައި އިރުގެ ރަން ދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅި، ޖާދޫވީ ގޮތަކަށް ވިދަން ފެށިއެވެ. ގަސްގަހާގެހީގެ ފަތްތަކުގައި ވިދަމުންދިޔަ ޝަބްނަމް ތިކިތައް އިރުގެ އަލީގައި ދަޅަ އަޅަމުން ދިޔައިރު، ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކުން މުޅި ވެށި ގުގުމާލިއެވެ. ދޮންވެލި ގޮނޑުދޮށަށް ބީއްސާލާ މަޑުމައިތިރި ރާޅުތަކުގެ އަޑާއި، ފަތިހުގެ ތާޒާ ފިނިރޯޅިތައް ހަށިގަނޑުގައި ބީހިލުމުން ގެނެސްދެނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ރޭގައި ވެހުނު ބޯ ވާރޭގެ ސަބަބުން ފެން ހެދިފައިވީ ނަމަވެސް އިރުގެ ހޫނުން މަގުތަކުގަ އިވީ ފެންތައް ހިނދެން ފެށިއެވެ.

ވަގުތު ހިނގަމުން ދިޔަވަރަކަށް އިރުގެ އުސްމިން މައްޗަށް އަރައި، ފަތިހުގެ ތާޒާ ފިނިކަން ފިލައި މަޑުމަޑުން ދުވާލުގެ ހޫނުކަން ވެރިވާން ފެށިއެވެ. އެއާއެކު މުޅި މާލެ ހޭލައްވާލައި، އައު ދުވަހަކަށް މަރުޙަބާ ކިޔުމުގެ ގޮތުން މަގުތަކަށް ދިރުން ލިބިގެން ދިޔައެވެ. ސްކޫލް ކުދިންގެ ހުދު ޔުނިފޯމުތަކާއި، އޮފީސްތަކަށް އަވަސްއަރުވާލާފައި ދާ މީހުންނާއި، މަސައްކަތު މީހުންގެ އަޑުތަކުން މަގުތައް ފުރި ބާރުވާން ފެށިއެވެ. ކަންމަތީ ފިހާރަތަކާއި ކެފޭތަކުގެ ދޮރުތައް ހުޅުވި، ދުވަހުގެ މަސައްކަތްތައް ފެށިގެން ދިޔައިރު، މީހުންގެ ހަރަކާތްތަކުން ދައްކުވައިދެނީ ދިރިއުޅުމުގެ ވާދަވެރި އަދި އެހާމެ ބުރަ ދުވެއްޔެވެ. ފަތިހުގެ ހަމަހިމޭންކަން ނިމުމަކަށް އައިސް، އަނެއްކާވެސް ދުވާލުގެ ހަލަބޮލިކަމުގެ ތެރެއަށް މުޅި މާހައުލު ގެނބިގެން ދިޔައެވެ.

ކޮލެޖަށް ދާން ތައްޔާރުވާން ހުރި ކިިއިޝާގެ ހަރަކާތްތައް އަވަހެވެ. މުށި ކުލައިގެ އަބާޔާއެއް ލައިގެން ހުރި އިރު ހަމަ އެކުލައިގެ ޝޯލްއެއް އަޅަން ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުންނަތާ މިހާރު 10 ވަރަކަށް މިނެޓު ވެދާނެއެވެ. އަދިވެސް އެއުޅެނީ އޭނާ ހިތްހަމަ ޖެހޭ ކަހަލަ ގޮތަކަށް އެ ޝޯލް ނޭޅި ގެންނެވެ.

“ހޫން. ދެން ވަރަށް ފޫހިވޭ. ލަސް ވެގެން އުޅެންޏާ މިވަރު ވާނީ އަބަދުވެސް” ޗުސް ތަޅުވާލަމުން ކިއިޝާ އަމިއްލަ ނަފުސަށް އަޑު ލައްވާލިއެވެ. އުމުރުން 18 އަހަރުގެ ކިއިޝާއަކީ ރީތި ކުއްޖެކެވެ. ކުޑަކުޑަކޮށް ހުންނަ ކިއިޝާ 5 ފޫޓުވެސް ހަމަވާ ކަމެއް ނޭނގެއެވެ. ކުޑަކުޑަ ދެލޮލާއި އެކު ބޮޑު ތުންފަތެއް ލިބިފައިވީ އިރު އެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެނީ އޭނާގެ ތުންފަތް ކައިރީގައި އިން ކަޅު ތިލައެވެ.

“ޕިސް، ޕިސް، ޕިސް. ކޫ އަދިވެސް ރެޑީ ނުވަނީ ދޯ؟” އެވަގުތު ކޮޓަރިއަށް ކިރުތައްޓެއް ހިފައިގެން ވައިން ކިއިޝާގެ މަންމަ ހަދީޖާ ބުނެލިއެވެ.

“މި ނިމުނީއޭ މަންމާ” ބޮލުގައި ފަހު ޕިން ޖަހައިލަމުން ކިއިޝާ ‘މާޝްމެލޯ ބްލަޝް’ ސެންޓު ފުޅި ނަގާ މުޅި ހަށިގަނޑުގައި މީރުވަސް ދުއްވާލިއެވެ.

“ސާބަސް ދެން ދަރިފުޅަށް. އަން މި ބުއްތަށި ބޯލާ. މިއަދުވެސް ދެން ނުކައި ނުން ދާން ޖެހޭނީ” އޭނާގެ އަތުގައި އިން ކިރުތަށި ދިއްކޮށްލަމުން ހަޖީދާ ބުންޏެވެ.

“ދެން ސޮރީއޭ މަންމާ… ނުހޭލެވުނީއޭ”

“އަދިވެސް އޮވޭ 3 ޖަހަންދެން ތި ޓިކްޓޮކް އަކާ އެހެން ޓޮކްއަކާ ބަލަން. އޭރަށް ފަސޭހަ ވާނެ ހޭލަން. ކިތަށް ދުވަސް ކަމެއް ނޭނގެ މި ވީކީ ފަތިސް ނަމާދުވެސް ނުކުރާތާ. ކިއާ ރޭގަ ވެސް ބުންޏޭ ދަންވަރު ފެންބޮވައިގަނެގެން ހޭލެވުން އިރުވެސް ޓިކްޓޮކް ބަލާ އަޑު އިވެއޭ” ކިއިޝާގެ ކަންފަތުގައި މަޑު މަޑުން ހިފާލަމުން ހަދީޖާ ބުންޏެވެ.

އެވަގުތު، ކަޅު ކުލައިގެ އަބާޔާ އަކާއި އެކު ކަޅު ކުލައިގެން ޝޯލްއެއް އަޅައިގެން ހުރި ކައިރާ ކޮޓަރިއަށް ވަނެވެ. ކިއިޝާއާއި ކައިރާއަކީ އެއްމާބަނޑު ދެބެންނެވެ. ސިފައަށް ބަލާ ނަމަ ދެމީހުންގެ އެއްވެސް ތަފާތެއް ނެތެވެ. ދެމީހުން ފާހަގަ ކުރަނީވެސް ކައިރާގެ ކަނާއަތުގެ ހުޅުގައި އިންނަ ކަޅު ތިލަ އިންނެވެ. އެނޫން އެއްވެސް ތަފާތެއް ދެމީހުންގެ ސިފަ އަކު ނުހުރެއެވެ.

(ނުނިމޭ)

ދެވަނަބައިގެ ތެރެއިން:

ޒުވާން އުމުރުގެ މީހެއް ދޮރު ހުޅުވާލާފައި ކުޑަ ކޮޓަރިއަކަށް ވަނެވެ. ޓިނުން ހަދާފައި ހުރި އެދޮރުގައި ދަބަރު ޖަހާފައި ހުރުމުން ބޮލަށް އުނދަގޫ ވާކަހަލަ އަޑެއް މުޅި ކޮޓަރި ތެރޭގައި އިއްވާލިއެވެ. ކޮޓަރި ތެރޭގައި ލުއި އަލިކަމެއް ވީއިރު މޭޒުމަތީގައި ޒުވާން އަންހެން ކުދިންގެ ފޮޓޯ ތަކެއް ހުއްޓެވެ. އެފޮޓޯ ތަކުގެ ތެރޭގައި ނައިކާގެ ފޮޓޯވެސް ހިމެނުނެވެ. ނައިކާގެ ފޮޓޯ އޭނާ ނެގި އިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވިޔެވެ.

Comments (5)

  1. Ayshathhuu

    “adhi ves ovey 3 jahandhen tiktok akaa ehn tok akaa balan”😭so relatable… first ep vx vrh reethi Masha Allah… waiting for the next part..

    1. shihaamaa ali
      Ayshathhuu

      Ikrrr🤣🤣🤣🤣
      Jazaakillah khair Ayshathhuu🥹 in sha allah next episode soon 🫶🏻

  2. .

    Vrh salhi vrh reethi vrh furihama Masha Allah 💗🫶

    1. shihaamaa ali
      .

      Jazaakallah khair🥹🫰🏻

  3. Futtaki

    This is a long story dhww???
    First i thought it was a kuru vaahaka

Comments are closed.