Skip to content
އެސްފިޔަ

ހަގީގަތަކީ ކޮބައިހޭ؟… – 37

Listen to this story Audio · 12:43 Powered by Esfiya Voice
0:00 12:43

“އަހަރެންގެ ބައްޕަ އަކީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ޖެހިލުން ނުވާނެ މީހެއް….އެ ހެޔޮ މީހަކު މަރާލަން ޖެހުނަސް ނުވަތަ ނުކުރާ ކުށެއްގެ މަތި އަޅުވާލަން ޖެހުނަސް އެއީ ބައްޕައަށް ފެން ފޮދެއް ބޯލުންހާ ފަސޭހަ ކަމެއް…..” ނަވީން ހިމޭން އަޑަކުން ކިޔައިދިނެވެ.

“ތިއީ އާ ކަމެއް ނޫނެއްނު….ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ ޢަމަލުތައް ތި ކިޔައިދެނީ….” މެހެކަށް މާބޮޑު އެއްޗެއް އެއަކުން ދޭހައެއްނުވިއެވެ.

“މެހެކް، އަހަރެން މި ދައްކަނީ އާދައިގެ ސިޔާސީ ވާހަކައެއް ނޫން، ބޭނުންތަ އަސްލު ހަގީގަތް އެނގެން؟…” ނަވީން މެހެކުގެ އަތުގައި މަޑުމަޑުން ހިފާލަން އުޅުނެވެ. ނަމަވެސް ނަވީންގެ އަތް އެހިސާބަށް ފޯރުމުގެ ކުރިން މެހެކް އަތް ދުރައް ލިއެވެ. “ހަގީގަތް އެނގެން ބޭނުންވާތީ ދޯ މިހާ ވަރަކުން މި ތަނަށް އަންނާނީ…” މެހެކް ރުންކުރު ވަމުންދިޔައެވެ. ހީވަނީ ނަވީން އުޅެނީ ވާހަކަ މާ ދިގުކުރަން ހެންނެވެ.

“މީސަމްގެ މަރުގެ ވާހަކަ…ޝަދަންގެ މައްޗަށް އެޅުވި ތުހުމަތުގެ ފަހަތުގައި އޮތީ ކާކުކަން އެނގޭތަ….ހައްހައް..އެއީ އަހަރެންގެ ބައްޕަ…ބައްޕަގެ ނުފޫޒުން ޝަދަން ފްރޭމްކުރީ” ނަވީން ގޮނޑިއެއްގައި އިށީންނަމުން ހަމަޖެހިލާ އިއްވާލީ ވޭނުން ފުރިގެންވާ ހަގީގަތެކެވެ.

މީސަމްގެ މޫނުން ހިތްހަމަޖެހުން ފެނިގެންދިޔައެވެ. ނަވީންގެ ނިތަށް ރޫތައް އަރައިގެން ދިޔައީ އޭނާ ހީކުރި ސިހުމާއި، ކަންބޮޑުވުމާއި، ރުޅިވެރިކަމުގެ ކުލަވަރު މެހެކުގެ މޫނުން ނުފެނުމުންނެވެ. އޭނާ ހީކުރީ މެހެކު ރޮއިގެންފައި ހަޅޭއްލަވައިގަންނަން ކަމަށެވެ. އޭނާ އާއި ސުވާލުކޮށް އޭނާގެ ފައިބުޑަށް ތިރިވެ އެއީ ކީއްކުރަން ކުރި ކަމެއްތޯ ސުވާލުކުރާނެ ކަމަށްށެވެ. އެކަމަކު މެހެކުގެ ދެލޮލުން ފެންނަނީ ފުން ހިތާމައެކެވެ. އެއާއިއެކު ސާބިތުކަމާއި ހަގީގަތް އެނގެން ބޭނުންވެފައި ހުރި މިންވަރު ވެސް ފެނިގެންދެއެވެ.

“ކީއްވެ ތިހާ ހަމަޖެހިލާފަ ތިހުރީ؟ މަ މި ދެއްކީ ކަލޭ އެންމެ ލޯބިވީ ކޮއްކޮގެ ވާހަކައޭ!” ނަވީންގެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެކުލެވިގެން ދިޔައެވެ. އެހެނީ މެހެކުގެ ފުށުން އޭނާ ބޭނުންވިފަދަ އެއްވެސް ކުލަވަރެއް ނުފެންނާތީއެވެ. މިކަން އޭނާގެ ބިރުވެރިކަމުގެ ފެށުމަކަށް ވެއްޖެއެވެ.

މެހެކު މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ނަވީންގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި އޭނާގެ ދަބަހުން ނެގި ކުޑަ ވޮއިސް ރެކޯޑަރެއް މޭޒުމަތީގައި ބޭއްވިއެވެ. އޭގެ ރަތް ބޮކި ދިޔައީ ދިއްލި ނިވެމުންނެވެ. އެއާއިއެކު ނަވީންގެ ދެ ލޯ ދެ ކާށި ކިބައަށްވުރެން ބޮޑުވިއެވެ. އެފަދަ އެއްޗެއް މެހެކު ގެނެސްފާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ.

“އަހަރެން ހައިރާން ނުވީ، ތި ބުނި ވާހަކަ މާ ކުރިން ވެސް އަހަންނަށް އެނގޭތީ،” މެހެކުގެ އަޑު މަޑު ނަމަވެސް، އެ އަޑުގައި ވަނީ ސާބިތުކަމެވެ. ޖެހިލުން ކުޑަ ކަމެވެ. “ނަވީން… ކަލޭ ހީކުރީ ފަސް އަހަރު ފަހުން އަހަރެން އެނބުރި މާލެ މި އައީ ކަލޭ ދައްކާހާ ދަޅައަކަށް ހެއްލެން ކަމަށްތަ؟ ޝަދަންއަކީ ގާތިލެއް ނޫންކަން އަހަންނަށް އެނގުނީ ދާދި ފަހުން…މިއޮތް ހުރިހާ ދުވަހަކު އަހަރެން މި ގަބޫލުކުރީ ގާތިލެއްގެ ބަސްތައްކަން އެނގުނީ އިހަކަށް ދުވަހު… އަދި މިއަދު،މިވަގުތު ކަލޭ ތި އިޢުތިރާފުވީ ކަލޭގެ އަމިއްލަ ދުލުން.”

ނަވީންގެ މޫނުމަތީގެ ކުލަވަރު ވަގުތުން ފަނޑުވެގެން ދިޔައެވެ. ގޮނޑިން ކުއްލިއަކަށް ތެދުވިއެވެ. އޭނާ މުޅިން ހާސްވެ ކަންބޮޑުވާ ގޮތް ވެއްޖެއެވެ. އެވަގުތު ރެސްޓޯރަންޓުގެ ވީއައިޕީ ބައިގެ ދޮރު ހުޅުވިގެން ދިޔައެވެ.

ދޮރުމަތީގައި ހުރީ ޝަދަންއެވެ. އޭނާގެ ފަހަތުގައި ދެ ފުލުހުން ތިއްބެވެ. ޝަދަންގެ ލޮލުގައި ވަނީ މެހެކަށްޓަކައި ފުންވަމުންދިޔަ ކުލުނާއި، ނަވީނަށް އަމާޒުވެފައިވާ ނަފުރަތުގެ ދިލަ ކަންޏެވެ.

“މެހެކު ހޯދުމުގެ ނަމުގައި މީސަމް މަރާލައި، އަހަރެންގެ ބޮލުގައި އިލްޒާމް އެޅުވި ހިސާބުން ކަލޭ ހީކުރީ ކަލޭ މޮޅުވީ ކަމަށްތަ؟” ޝަދަން ކުރިއަށް ޖެހިލަމުން ބުންޏެވެ. “ހަގީގަތަކީ އަބަދު ފޮރުވިފައި އޮންނާނެ އެއްޗެއް ނޫން، ނަވީން.” ޝަދަން މެހެކާއި ކައިރިވެލަމުން ބުނެލިއެވެ.

ފުލުހުން އައިސް ނަވީންގެ އަތުގައި ބިޑިއަޅުވަން ފެށުމުން، އޭނާއަށް ލިބުނު ޝޮކުގައި އަނގައިން ބަހެއް ވެސް ބޭރެއް ނުކުރެވުނެވެ. އޭނާގެ މަކަރުވެރި ރޭވުންތައް އޭނާގެ އަމިއްލަ ފައިދަށަށް ވެއްޓި ފުނޑުފުނޑުވެއްޖެކަން އިހުސާސްވިއެވެ. އޭނާ ދިފާއުކޮށްދޭކަށް ބައްޕައެއް ވެސް ދޮންބެ އެއްވެސް ނެތެވެ.

މެހެކު އެނބުރި ޝަދަންގެ މޫނަށް ބަލައިލިއެވެ. ފަސް އަހަރުގެ ދިގު އިންތިޒާރާއި، ހިތާމަތަކާއި، ޝައްކުތަކުގެ ނިމުން އަތުވެއްޖެކަން ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ދޭހަވިއެވެ. މީސަމްގެ ރޫޙަށް އިންސާފު ލިބި، ދެ ހިތުގެ ދެމެދުގައި އޮތް ބޮޑު ސިއްރުގެ ހަގީގަތް އެންމެ ފަހުން ހާމަވެގެން ދިޔައީއެވެ.

މިއީ ކިހާ ބޮޑު ހިތްހަމަޖެހުމެއް ހެއްޔެވެ؟ ދެން އޮންނާނީ އޭނާ އާއި ނަވީން ކޯޓުން ދިމާވުމެވެ. އޭނާ ބޭނުން ވަނީ ދުނިޔޭގެ ކުރިމަތީގައި ނަވީންގެ ކުށަށް އިޢުތިރާފުވުމެވެ. އަދި ނަބީހުގެ ކުތްތައް ވެސް މުޅި ދުނިޔެއަށް ހާމަވުމެވެ.

ނަބީހު ފޯނު އަތުކޮޅަށް ހޫރާލިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ނަވީންގެ މޮޔަކަމުން އޭނާ ހުރީ ރުޅިން ތުރުތުރުއަޅައަޅައެވެ. ދެންމެ އެއައި ފޯނު ކޯލަކުން އޭނާގެ ނަފުސުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ޕޮލިހުން ނަވީން ހައްޔަރުކުރީއެވެ. އަދި އެވެސް ހެއްކާއި ސާފު ޤަރީނާ އާއިއެކުއެވެ. ނަވީނުގެ ދުލުން އެއްބަސްވި އެއްބަސްވުމަކުން ދެން އޭނާއަށް ވެސް ކުރެވޭނެ އިތުރު އެއްކަމެއް ވެސް ނެތެވެ.

ނަބީހު ދެން ބަލާލީ އިސްޖަހާލައިގެން ގޮނޑިއެއްގައި އައްސާފައި އިން އޭނާގެ އަންހެނުން މަލްޝަބާއަށްށެވެ. މަލްޝަބާއަށް އޭނާ ދެއްކި ހުރިހާ ވާހަކައެއް އިވޭނެކަން ގައިމެވެ. އޭނާ މަލްޝަބާ އާއި ގާތަށް ޖެހިލިއެވެ. އޭރު މަލްޝަބާ އިނީ ހިނިއައިސްފައެވެ.

މިތަން ފެނި ނަބީހުގެ ރުޅިގަނޑު އިތުރަށް ފަޅައިގެން ދިޔައެވެ. އަތުހުރި ބާރެއްލާ މަލްޝަބާގެ ކަންކަށި މައްޗަށް ހޫނު އެތިފަހަރެއް އަރުވާލިއެވެ. ކޮލުން ނަގައިގަތް ދިލައިން މަލްޝަބާގެ ދެ ލޮލުން ފެން ވެސް އައެވެ.

“ވީ ގޮތް އެނގިއްޖެ ތަ؟…ކަލޭގެ ދަރި މިހާރު އެއިނީ ފުލުންގެ ދަށުވެފަ.އެވެސް އޭނާ އަމިއްލައަށް ބުއި ބޮޑިއެއް….މަ ކިހިނެއް އޭނާ ސަލާމަތްކުރާނީ ދެން….ހުއް….” ނަބީހު ދެކޮޅު ދެކޮޅަށް ހިނގަން ފެށިއެވެ.

އޭނާ ކޮންމެހެން ދެރަވީކީ ފުލުހުން ނަވީން ހައްޔަރުކުރީމައެއްނޫނެވެ. އެހެނަސް އޭނާގެ އަމިއްލަ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވެން، ދެން މާދުރަކު ނެތްކަން އިހުސާސުވާތީއެވެ. ރައްޔިތުންގެ ކުރިމަތީގައި އޭނާގެ އަނދިރި ފަރާތް ނިއުޅިގެންދާނެތީއެވެ. މުޅި ދުނިޔެއަށް އޭނާ އާއި އޭނާގެ އާއިލާ ބޭޒާރުވާނެތީއެވެ.

“ރަނގަޅަށް އެވީ……އޭނާ ކުރީކީ ކުޑަ ކުށެއް ނޫނެއްނުން….މައުސޫމު ކުއްޖެއްގެ ފުރާނަ ދުއްވާލުން އެއީ ކުޑަ ކަމެއް ކަމަށްތަ ކަލޭ ހީކުރަނީ….” މަލްޝަބާ ބުނެލިއެވެ. އޭނާގެ ދަރިއަކަސް ކުށެއް ވާނީ ކުށަކަށްށެވެ. ހިތުގައި ކިތައްމެ ވޭނެއް އެޅިޔަސްވެހެވެ.

މިކަން ވެގެންދިޔައީ ނަބީހު ހަމައިން ނެއްޓިކަމަކަށްށެވެ. “މީ ހައްތަހާ ވެސް އެ ސުންޕާގެ ކަންތައް..ނަވީން ވެސް ވެއްޖެ އޭނާގެ ދަލުގައި ޖެހެން…..މަ އޭރު ވެސް ބުނީމޭ އޭނާ އާއި ދުރުވާށޭ…މިހާރު ނިކަން ތާހިރުވެފަ ހުންނާނީ….” ނަބީހު ރުޅި އައީ މެހެކު ދެކެއެވެ.

“އެ ކުއްޖާފުޅަށް ދެރަ ގޮތެއް ހަދަން ހިތަށް ވެސް ނާރުވާތި…….ބަލަ އެއީ ކަލޭ އެންމެ ލޯބިވާ މީހާގެ ދަރިއެއްނުން….” މަލްޝަބާ މަލާމާތުގެ ޒާތަކަށް ބުނެލިއެވެ. ނަބީހު މަލްޝަބާއަށް ބަލާލިއެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނެއެވެ.

ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އެއީކީ ވެސް ދޮގެއް ނޫނެވެ. ޝެހެނާޒުގެ ދަރިއަކަސް އޭނާގެ ހިތުގައި ކުލުނެއްނުވެއެވެ. ނަމަވެސް މިހާރު ދެން އޭޞާގެ ދަރިއަކަސް، އަޔނބަކަސް، ލޯބިވެރިއަކަސް، ދެން އިސްވާނީ އޭނާގެ އަމިއްލަ ނަފުސެވެ. އޭނާ ވެސް ފުލުހުންގެ ދަށުވާކަށް ދެން މާ ގިނަ އިރެއްނެތެވެ. ވިސްނަންވީ އަވަހަށް ސަލާމަތްވެވޭނެ ގޮތެކެވެ.

ހަފުތާއެއް ފަސް

ހަފްތާތަކަކަށް ދެމިގެންދިޔަ ތަހުގީގަށްފަހު، އެންމެ ފަހުން ޝަރީޢަތުގެ ދުވަސް އައެވެ. ކޯޓު ރޫމު ތެރެ އޮތީ މީހުންނާއި ނޫސްވެރިންގެ ސަބަބުން ތޮއްޖެހިފައެވެ. ސިޔާސީ ގޮތުން ނުފޫޒުގަދަ ނަބީހުގެ އާއިލާއާ ދެކޮޅަށް އުފުލިފައިވާ މި ބޮޑު މައްސަލައަކީ މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައެކެވެ. ދަޢުވާ ލިބޭ ގޮނޑީގައި ނަވީން އިނީ އިސްދަށަށް ޖަހައިގެންނެވެ. އޭނާގެ  ބޮޑާކަމާއި ކިބުރުވެރިކަން ވަނީ ވެއްޔާ މޮޑެވިފައެވެ. އޭނާގެ ކައިރީގައި، އަބަދުވެސް ނުފޫޒާއި ބާރުގެ ފަހަތުގައި ފިލައިހުރި އޭނާގެ ބައްޕަ ނަބީހު ވެސް އިނީ އޭނާ އެކޭ އެއް ހާލެއްގައެވެ. މިއަދު އެތައް ބައެއްގެ ކުރިމަތީގައި އިސްއުފުލާލަން ނުކެރިފައެވެ.

މެހެކު ހެކިބަސް ދޭން ހުއްޓުނު ވަގުތު، މުޅި ކޯޓު ރޫމަށް ހަމަހިމޭންކަން ވެރިވިއެވެ. އޭނާގެ އަޑުގައި ތުރުތުރުލުމާއި ހިތާމަވެރިކަން ފައުޅުވެއެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް، މިއަދު ބަދަލުވެފައިވަނީ ސާބިތު ހިތްވަރަކަށެވެ. މެހެކު އެ ދުވަހު ރެކޯޑުކުރި އަޑާއި، ޝަދަން ހޯދާފައިވާ ހެކިތަކާއި، ނަބީހު ފައިސާދީގެން މައްސަލަ އޮއްބާލަން އުޅުނުކަމުގެ ހެކިތައް އެއްފަހަރާ ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅިގެން ދިޔައެވެ. ނަބީހުމެންނަށް މައްސަލަ ނާނބުރާލެވޭވަރަށް ހެކި ވަނީ ހުށަހެޅިފައެވެ.

މީސަމް ވައްޓާލި މަންޒަރުގެ ގެއްލިފައިވާ ފޫޓޭޖު ވެސް ކޯޓުގައި އިތުރު ހެއްކެއްގެ ގޮތުގައި ހުށަހެޅިގެންދިޔައެވެ. މިކަން ވެގެންދިޔައީ މުޅި ކޯޓު ރޫމު ވެސް ސިއްސައިގެންދިޔަ ވަރުގަދަ ހެއްކަކަށްށެވެ.

ކުށުން ބަރީޢަވެވޭނެ އެއްވެސް ދޮރެއް ނެތްކަން ޔަގީންވި ހިނދު، ނަވީންގެ ދުލުން އެންމެ ފަހުން ބޭރުވީ އިޢުތިރާފުގެ ލަފުޒުތަކެވެ. އެންމެ ފުރަތަމަ މީސަމާއި ގުޅުނު ހިސާބުން ފެށިގެން ކަންތައްކުރަމުން އައިގޮތުން ފެށިގެން ނަވީންގެ ދުލުން އިޢުތިރާފުގެ ބަސްތައް ހާމަވަމުންދިޔައެވެ. މެހެކަށް ހަގީގަތް އެނގިދާނެތީ އާއި މެހެކު ހޯދުމުގެ ދަހިވެތިކަމުގައި މީސަމް މަރާލީ ކަމަށާއި، ޝަދަން ފްރޭމްކޮށް މުޅި މައްސަލަ އޮޅުވާލީ އޭނާގެ ބައްޕަގެ އެހީގައި ކަމަށް ފަނޑިޔާރުންގެ ކުރިމަތީގައި އޭނާ އެއްބަސްވިއެވެ. ޝަދަންގެ ބޮލުގައި އިލްޒާމު އެޅުވީ މެހެކުގެ ހިތުގައި ޝަދަން އާއި ދޭތެރޭ އޮތް ނަޒަރިއްޔާތުގެ ސަބަބުންކަމަށް ވެސް އޭނާ ބުންޏެވެ. ނަބީހުގެ ދޮގުތަކުގެ މައްޗަށް ހުރި ހުރިހާ ހެއްކެއް އެންމެންގެ ކުރިމަތީގައި ހާމަވެގެންދިޔައެވެ.

އިސް ފަނޑިޔާރުގެ ޙުކުމް އިއްވި އަޑު އިވުމުން މެހެކަށް ލޯ މަރާލެވުނެވެ. މީސަމްގެ މަރުގެ ބަދަލު ލިބި އިންސާފު ޤާއިމުވެ، ނަވީނާއި ނަބީހަށް އެމީހުންގެ ޖަރީމާތަކަށް ޙައްޤު އަދަބު ލިބިއްޖެއެވެ. އަދި ސިޔާސީ ގޮތުން ކަމުގެ އަޑީގައި ތިބި އެންމެނަށް ވެސް ޙުކުމް ކުރެވިގެންދިޔައެވެ. އަދި ފަސް އަހަރު ވަންދެން މީހުންގެ މަލާމާތާއި ބަދުބަސްތަކާއި ނަފްރަތު އަމާޒުވި ޝަދަން، މުޅި މުޖުތަމަޢުގެ ކުރިމަތީގައި ކުށެއް ނެތް މައުސޫމު މީހެއްގެ ގޮތުގައި ސާބިތުވެގެން ދިޔައެވެ. މިކަމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ޝަދަނަށް ލިބުނެވެ. އެއީ އޭނާގެ ކޫށެއް ނެތްކަން މުޅި ދުނިޔެއަށް ހާމަވީއިރު މެހެކުގެ ކުރިމަތީގައި އޭނާގެ ކުށެއް ނެތްކަން ސާބިތު ހެއްކާއިއެކު ސާބިތުވެގެންދިޔުމުންނެވެ.

ކޯޓުން ބޭރަށް ނިކުތް ވަގުތު، މެހެކަށް ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ބޭރުކުރެވުނެވެ. ސާފު އުޑަށް ބަލާލެވުނު ވަގުތު އުފާވެރިކަމުގެ ކަރުނަ ތިއްކެއް ކޯތާފަތުގައި ބީހިލާފައި ތިރިއަށް ފައިބައިގެންދިޔައެވެ. އެވަގުތު މެހެކުގެ ކައިރިއަށް ޝަދަން ހުއްޓުނެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ހިތާމަތަކުން މިންޖުވެފައިވާ ހަގީގީ ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ. އެތައް ދުވަހެއްގެ ދިގު އިނސްތިޒާރެއްގެ ނިމުމެކެވެ.

“ތޭންކްސް ދާން، އެންޑު އައިމް ރިއަލީ ސޮރީ ފޯރ ނޮޓް ބިލީވިންގ ޔޫ…” މެހެކުގެ އަޑުގައި ވަނީ ފުން އަސަރެކެވެ. “ދާންގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވެއްޖެ…މީސަމް ކޮއްކޮއަށް އިންސާފު ވެސް ލިބިއްޖެ…” މެހެކު މަޑުމައިތިރި އަޑަކުން ބުންޏެވެ. “އަހަރެން އަބަދުވެސް ބޭނުންވީ ހަގީގަތް ހޯދަން. މިއަދު އެ ހަގީގަތް އެންމެންނަށް އެނގިއްޖެ.”

ޝަދަން ކުރިއަށް ފިޔަވަޅެއް އަޅައި، މެހެކުގެ ދެއަތުގައި ހިފާލިއެވެ. އެ އަތުގެ ހޫނުކަމުން ހަނދާންކޮށްދިނީ ފާއިތުވެދިޔަ ފަސް އަހަރުގެ އަނދިރިކަން މިހާރު ނިމިއްޖެ ކަމެވެ. ކުރިމަތިން ފެންނަނީ އަލުން ބިނާކުރަންވީ ދިރިއުޅުމެވެ. އުޖާލާ މުސްތަޤުބަލެކެވެ. އެކަކު އަނެކަކަށް ގެއްލިފައިވި އިތުބާރާއި، ހިތާމައިގެ ސަބަބުން ވަޅުޖެހިފައި އޮތް ލޯބި އަލުން ދިރުވައި އާލާ ކުރަންވީ ވަގުތު އައިސްޖެހިއްޖެއެވެ.

“ދެން ދުވަހަކުވެސް ދުރަކަށް ނުދާނަން ދޯ؟” ޝަދަން އަހާލިއެވެ.

“ދެނެއް ނުދާނަން،” މެހެކުގެ ދެލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަތިކި ފޮހެލަމުން ބުންޏެވެ. “އަހަރެމެންގެ މަންޒިލަކީ މިއީ، ދެ މީހުން އެކުގައިވުން،…ވަކިވުމެއްނެތި…” ޝަދަން ބުނެލިއެވެ.

މި މަންޒަރު ބަލަން އާލިޔާމެން ދުރުގައި ތިބީ އުފާވެރިކަމުގެ ކަރުނަތަކާއިއެކުއެވެ. އެތައް ގޮންޖެހުމަކާއި ދިގު ރާސްތާއަކަށްފަހު މިސްރާބު ބަދަލުވީ ގޮތް ނިކަން ދެކި ބަލާށެވެ. މިއީ އޭނާ ވެސް އަދި އޭނާގެ މަރުޙޫމް ފިރިމީހާ ވެސް ދެކެމުން އައި ހުވަފެނެކެވެ. މެހެކަށް ޝަދަނަށްވުރެން ހެޔޮލަފާ ބައިވެރިއަކު ނުލިބޭނެއެވެ. ޝެހެނާޒު ވެސް ހުރީ މީކާއިލުގެ އަތު ތެރޭގައި މެހެކުމެންނަށް ބަލަންށެވެ. އެއީ މިހާރު އޭނާގެ ހުރި ހަމައެކަނި ފުރާނައެވެ. އޭނާގެ ލޯބިވާ ހަގު ދަރިފުޅަށް އިންސާފު ލިބިއްޖެއެވެ. އަނިޔާވެރިންނަށް ޙައްގު އަދަބު ލިބިއްޖެއެވެ. ދެން ވިސްނަންވީ ކުރިމަގަށްށެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ރިހުންތަކަށް ނިމުން އައިސް، ދެމީހުންގެ ޙަޔާތަށް އައު ފަތިހެއްގެ އަލިކަން ވެރިވެއްޖެކަން އިހުސާސްވަމުން ދިޔައެވެ. ހަގީގަތަކީ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް، ދުވަހަކުވެސް ނެތިގެންދާނެ އެއްޗެއް ނޫނެވެ. އެކަން މެހެކާއި ޝަދަން ސާބިތުކޮށްދީފިއެވެ.

=ނިމުނީ=

Comments (1)

  1. Mal

    Love thr story… Kiyaa hithun kiyaali vs mi…. Gud luck… Umeedhu kuran vrh avahah ehn vhk kiyaalan libeyneh kahmah

Comments are closed.