Skip to content
އެސްފިޔަ

ވާނަން އެކީގާ – ޓްރޭލާރ

Listen to this story Audio · 6:35 Powered by Esfiya Voice
0:00 6:35

ދުވަސްތަކާ އެކު އެދެމެދުގައި އެކުވެރިކަން އުފެދެމުން އައެވެ. އެކަކު އަނެކަކާ މެދު ހިތުގައި އުފެދެމުން ދިޔަ ޝައުގުވެރިކަން ސިއްރު ކުރަމުން ދެ މީހުންވެސް އެ އެކުވެރިކަމަށް މަރުޙާބާ ކިއެވެ. މާޔާ ހިތާހިތުން ނިންމީ އެއީ ދުވަސްކޮޅެއްގެ އެކުވެރިކަމެއް ކަމުގައެވެ.

އެކަކު އަނެކަކަށް ހިތުގައިވާ އެއްޗެއް ފާޅު ނުކޮށް ތިބި ނަމަވެސް އެ ސިއްރު އެ ގޮތުގައި ގިނަ ދުވަހަކު ނުބޭއްވުނެވެ. އެ އޮފީހުގައި މާޔާއާ ޔާދިން އެންމެ ފަހުން އެކުގައި ކުރި މަސައްކަތް ނިމުމުން އެ މީހުންގެ ‘ޕާޓްނަރސް’ ދިން ދަޢުވަތަކަށް ޔާދިންއާ މާޔާ، އަދި އޮފީހުގެ އެހެން ބައެއް މީހުން ދިޔައެވެ. ކެއުމަކާ އެކު އޮތް އެ ކުޑަ ހަފްލާ އޮތީ ހުޅުމާލޭގައި ހުންނަ އެ އިމާރާތުގެ “ރޫފްޓޮޕް”ގައެވެ.

އެރޭ ހަފްލާ ނިންމާފައި މާޔާއާ ޔާދިންއަށް ނިކުމެވުނީ ދިހަގަޑި ބައިވީ ފަހުންނެވެ. އޭގެ ކުރިން އެހާ ލަސްވަންދެން ބޭރުގައި އުޅެފައި ނުވާތީ މާޔާ ހުރީ އަވަހަށް ގެއަށް ދާން ބޭނުން ވެފައެވެ. އެރޭ އެ ތަނުގައި ހުރުމުން މަންމަ ގުޅި ވަގުތު އެ ފޯނަށް ޖަވާބު ނުދެވުމުން އެކަމާ މަންމަ ކަންބޮޑުވާނެ ކަން އެނގޭތީ އެ ވަގުތު މެސެޖް ކޮށްލި ނަމަވެސް މާޔާ ހުރީ ނިކުމެވުމާއެކު ގުޅާށެވެ.

“ކޮންގްރެޗުލޭޝަންސް! މާޔާގެ މަސައްކަތް އެންމެންނަށްވެސް ވަރަށް ކަމުގޮއްސި” ލިފްޓް އަންނަން ދެން މަޑުކޮށްލައިގެން ހުރެފައި ޔާދިން ވާހަކަ ދެއްކިއެވެ.

“ތެންކްޔޫ! އަޅުގަނޑު އެކަންޏެއް ނޫނެއްނު؟ ޔާދިންސަރގެ ހެލްޕްއާ އެކީ ނޫން ނަމަ ނުވާނެ” މާޔާ ބުންޏެވެ.

އެ ވަގުތު ހުޅުވުނު ލިފްޓަށް ޔާދިންގެ ފަހަތުން ވަންނަން އުޅެފައި މާޔާއަށް އިރުކޮޅަކަށް މަޑުކޮށްލެވުނެވެ.

“އިޓްސް އޯކޭ..” ލިފްޓްގެ ދޮރު ލެއްޕުނަނުދީ ހިފަހައްޓާލަމުން ޔާދިން ބުންޏެވެ.

ފުން ނޭވައެއް ލަމުން މާޔާ ވަނެވެ. ލިފްޓްގެ ދޮރު ލެއްޕި ތިރިއަށް ދާން ފެށުމުން ކޮނޑުގައި އަޅުވައިގެން ހުރި ދަބަހުގެ ވާގަނޑުގައި މާޔާއަށް ދެ އަތުން ހިފާ ބާރުކޮށްލެވުނެވެ. އެކަން ޔާދިންއަށް ފާހަގަ ކުރެވުނެވެ.

“އިންޓަރންޝިޕް ނިމޭ އިރަށް ރަށަށް ދާނީތަ؟ މާޔާއަށް ޖޮބް އޮފަރ ކޮށްފިއްޔާ މަޑެއް ނުކުރާނަންތަ؟” ޔާދިން ވާހަކަ ދައްކަން ފެށީ މާޔާގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލުމަށެވެ. ނަމަވެސް ކަންތައް ވީ އެކަކުވެސް ހީނުކުރާ ގޮތަކަށެވެ.

*****

“އެރޭ ވީ ގޮތުން އަހަރެން ދެކެ ހިތްހަމަ ނުޖެހިފަތަ؟ އެހެންވެތަ ވާހަކަ ނުދައްކަނީ؟” މާޔާއަށް ބަލަން އިރުކޮޅަކު އިނދެފައި ޔާދިން އަހާލިއެވެ.

“އަމްމް.. އެނގޭ އަޅުގަނޑު ޑިސްޓްރެކްޓް ކުރަން ޔާދިންސަރ ކުރި ކަމެއް ކަން—” އިސް އުފުލާ ޔާދިންއަށް ބަލާލުމާއެކު އަނެއްކާވެސް އިސްޖަހާލަމުން މާޔާ ބުންޏެވެ.

“އެހެންތަ މާޔާއަށް ހީވީ؟” މާޔާގެ ވާހަކަ ނުނިމެނީސް ޔާދިން އަހާލިއެވެ.

ޔާދިން އަހާލި ގޮތުން މާޔާއަށް އިތުރު އެއްޗެއް ބުނަންވެސް ނޭނގިފައި އިނދެވުނެވެ.

“ނޯ! އިޓް ވޯޒް ނޮޓް އޮންލީ ޓު ޑިސްޓްރެކްޓް ޔޫ.. އައި ވޯންޓެޑް ޓު ޑޫ ދެޓް.. އައި ވޯންޓް ދެޓް.. އައި ސްޓިލް ވޯންޓް ޓު..” މޭޒާ ގޮނޑި ކައިރި ކޮށްލަމުން މޭޒުމަތީ ދެ އަތް ޖައްސާލާ މާޔާއާ ވީހާވެސް ކައިރި ވެލަމުން ޔާދިން މަޑުމަޑުން ބުންޏެވެ.

އެ ރޭގެ ފަހުން މާޔާ ފުރަތަމަ ފަހަރަށް ޔާދިންއާ ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ.

އެކަކު އަނެކަކުގެ ލޮލާ ލޯ ސީދާ ކޮށްގެން ތިބެފައި ޔާދިންގެ ނަޒަރު މާޔާގެ ތުންފަތަށް ހުއްޓުނުކަން އެނގި މާޔާ އަނެއްކާވެސް އިސްޖަހާލިއެވެ.

ޔާދިން ގޮނޑިން ތެދުވެގެން އައިސް މާޔާ އިން ފަރާތުން މޭޒުގެ ކަނެއްގައި އިށީނދެފައި މޭޒުމަތީ އޮތް މާޔާގެ އަތްތިލައިގައި އެއް އިނގިލި ޖައްސާލިއެވެ. އެއާއެކު މާޔާ އެ އަތުގެ އިނގިލިތައް މުށްކަވާލިއެވެ. ލުއި ހުނުމަކާއެކު އެ އަތުގައި ހިފާލާ މަޑުމަޑުން އިނގިލިތައް ހުޅުވާލުމަށް ފަހު ޔާދިން ޖީބުން ނެގި ކެވެލިކޮޅު އެއަތުގެ ތެރެއަށް ލައިދިނެވެ.

“މި.. ޔާދިންސަރ އަތުގަ..؟” އެ ކެވެލިކޮޅު ޔާދިންއަށް ލިބުނު ގޮތަކާ މެދު ކުރަން އުޅުނު ސުވާލު ފުރިހަމަ ނުކޮށް މާޔާ ހުއްޓާލީ، އެ ސުވާލުގެ ޖަވާބު ވިސްނުމުންނެވެ.

“އެރޭ ކާރު ތެރެއަށް ވެއްޓިފަ އޮތީ. އަހަރެންގެ މަންމަ އަތުގަވެސް ހަމަ ތީގެ ކެވެލިކޮޅެއް އޮވޭ، އެހެންވެ ހީކުރެވުނީ މަންމަގެ އެއްޗެކޭ. އެކަމަކު މަންމަގެ ކެވެލިކޮޅު މަންމަ އަތުގަ އެބަ އޮތް. ތި ކަހަލަ ކެވެލިކޮޅެއް އަޅާނެ މީހަކު އަހަރެންނާ އެކީ ކާރަށް ނާރާތާ ވަރަށް ދުވަސް ވެއްޖެ. އެހެންވެ އެނގުނީ މާޔާގެ އެއްޗެއް ކަން” ޔާދިން ބުންޏެވެ.

“ތެންކްޔޫ..” ކެވެލިކޮޅާ އެކު އިނގިލިތައް އަނެއްކާވެސް މުށްކަވާލަމުން މާޔާ ބުންޏެވެ.

*****

“ކޮން ތަނަކަށް މި ދަނީ؟” މާޔާ އަހާލިއެވެ.

“ހާސް ނުވޭ. އަހަރެން މާޔާއަށް ދެރަ ގޮތެއް ނުހަދާނަން” ލައިޓް ފެހިވުމުން ކުރިއަށް ދުއްވާލަމުން މަގަށް ސަމާލުކަން ދީގެން އިނދެ ޔާދިން ބުންޏެވެ.

“ޔާދިންސަރގެ ބަހަށް އަޅުގަނޑު އިތުބާރު ކުރަންވީ ކީއްވެ؟” ޔާދިންއާ ދިމާއަށް ބަލާލަމުން މާޔާ އަހާލިއެވެ.

“ޕްލީޒް މާޔާ. ސަރއާ އަޅުގަނޑާ ކިޔާ ހިސާބަކު ނޫން މިހާރު އަހަރުމެން މި ތިބީ. ތީ މާޔާ، މީ ޔާދިން” ޔާދިންގެ އަޑާ ރާގުން ހިތްހަމަނުޖެހުނު ކަން ފާޅުވިއެވެ.

“އެހެން ނުކިޔަންވީ ސަބަބެއް ނެތް. އަޅުގަނޑަކީ ޔާދިންސަރގެ ދަށުން މަސައްކަތް ކުރި އިންޓަރންއެއް. ވަރކް ރިލޭޝަންޝިޕްއެއް ނޫނީ އަޅުގަނޑާ ޔާދިންސަރގެ މެދުގައެއް ނެތް” މާޔާގެ އަޑުގައިވީ ގޮތްދޫ ނުކުރުމެވެ. ޔާދިންގެ ބޭނުމަކީ ކޮބާ ކަން މާޔާއަށް ނޭނގެނީއެއް ނޫނެވެ. ޔާދިންގެ ހިތުގައި މާޔާއާ މެދު ވާ ޝައުގުވެރިކަން މާޔާގެ ހިތުގައި ޔާދިންއާ މެދުވެސް ވެއެވެ. ނަމަވެސް އެ ޝައުގުވެރިކަން އިތުރު ހަރުފަތަކަށް ގެންދާކަށް މާޔާ ބޭނުމެއް ނޫނެވެ. އެ މަގުން ކުރިއަށް ދެވެން މާޔާއަށް ނެތީތީއެވެ. މައިންބަފައިންގެ ރުހުމާ ދެކޮޅަށް މާޔާއަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެ ގުޅުމަށް މާޔާގެ މަންމައާ ބައްޕަގެ ރުހުން ނުލިބޭނެ ކަން މާޔާއަށް އެނގެއެވެ.

“އަހަންނަށް ބައިގަޑިއިރު ދީ މާޔާ. އެހާއިރު ތެރޭ އަހަރެން ދައްކާ ވާހަކަ މާޔާއަށް ގަބޫލު ނުކުރެވުނިއްޔާ، ނޫނީ އަހަންނަށް މާޔާގެ ނިންމުން ބަދަލު ނުކުރެވިއްޖެއްޔާ ދެން އަހަރެން މާޔާއަށް ހުރަހެއް ނާޅާނަން. ބަޓް ޕްލީޒް ގިވް މީ ވަން ޗާންސް” ޔާދިން އެދުނެވެ.

*****

“.. ވަޓް އެބައުޓް ޔޯރ ލައިފް؟ މާޔާ އަމިއްލަ ދިރިއުޅުމެއް ފަށާ ދުވަހުވެސް ކަންތައް ނިންމާނީ ތި ގޮތަށްތަ؟ ރަށުން ބޭރު މީހަކު މާޔާގެ ލައިފްއަށް އައިއްސިއްޔާ ކިހިނެއް ހަދާނީ؟” މާޔާ ދެއްކި ވާހަކަ ޔާދިން ގަބޫލު ކުރިއެވެ. ނަމަވެސް އެ ނިންމުމާ ޔާދިންއަށް މުޅިން އެއްބަހެއް ނުވެވުނެވެ.

“އެ ދުވަހަކުން އެކަމާ ވިސްނާނީ” މާޔާ އިސްޖަހާލަމުން މަޑުމަޑުން ބުންނެވެ.

“އެ ދުވަހަކީ މިއަދަށް ވެއްޖެއްޔާ؟” ޔާދިން އަހާލިއެވެ.

ޔާދިންގެ ސުވާލަށް މާޔާ ޖަވާބެއް ނުދިނެވެ. އިސްޖަހާލި ގޮތަށް ދެއަތް ދެއަތާ މޮޑެން އިނީއެވެ. ޔާދިންއަށް ގިނަ އިރަކު ދުރުގައެއް ނީނދެވުނެވެ. އިންތަނުން ތެދުވެގެން އައިސް މާޔާ ގައިގައި ކިރިޔާ ނުޖެހޭ ހިސާބުގައި އިށީނދެފައި ޔާދިން މާޔާގެ އަތްތިލައިގައި ހިފާލިއެވެ.

*****

މީ މާޝާ ދެން ފަށާ ވާހަކައިގެ ޓްރެއިލަރއެއް. މާޝާގެ ކުރީގެ ވާހަކަތަކެކޭ އެއްގޮތަށް މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން. އިންޝާﷲ، މާ ލަސްނުކޮށް އަޕްލޯޑް ކުރަން ފަށާނަން.

Comments (1)

  1. Nayaa

    wowww this is so good!! waitinggg ❤️❤️

Comments are closed.