
ވާތީ ހިތަކު ލޯބި މަންމަންވެފާ – 96

“ނޫޅެން. ވަރަށް ފޫހިވޭ.. ބައްޕި މިހާރު ވަރަށް ގޯސް.. އަބަދު ބިޒީ.. ކޮއްކޮއާއި އެކު ނުވެސް ކުޅޭ. ސުކޫލު ކައިރިއަށް ބަލާވެސް ނާދޭ.. ވަރަށް ފޫހިވޭ ބައްޕިދެކެ” ކަޅި އަޅައިލަމުން ދުވަމުން ކަހަލަ ގޮތަކަށް ކާގެއިން ނިކުން ޔޫއާލް ޖެހުނީ ޔައުލާންގެ މޭގައެވެ. ފުލުސް ޔުނީފޯމުގައި ތިބި ޔައުލާންއާއި އެޒިކިއެލް ފެނިފައި ދިޔާންއަށް ކޮޅަށް ތެދުވެވުނެވެ.
(96 ވަނަ ބައި)
އެޒިކިއެލްއާއި ޔައުލާންގެ ފަހަތުގައި ކަރުނުން ފުރިބާރު ވެފައިވީ ދެލޮލުން އޭނާއާއި ދިމާލަށް ބަލަން ހުރި ދާއިޔަލް ފެނިފައި ހުރިހާ ކަމެއް ފަޅާ އަރައިފިކަން އޭނާއަށް އެނގި ޔަގީންވިއެވެ. ދެފަޔަށް ބާރު ލަމުން ދުއްވައިގަތީ އެހެން ވެގެންނެވެ. އެހެން ވިޔަސް ދާއިޔަލް، އެޒިކިއެލް އަދި ޔައުލާން ހުރީ އެކަމަށް ހުޝިޔާރު ވެގެންނެވެ. ޔައުލާންއާއި ދާއިޔަލް ގޮސް ދިޔާން ހުއްޓުވާ ބިންމައްޗަށް ވައްޓާލުމުން، އެޒިކިއެލް އައިސް ދިޔާންގެ އަތުގައި ބިޑި އެޅުވިއެވެ.
“ބައްލަވާ ކިހިނެއްތޯ މިވަނީ؟ ދިޔާން…؟” ޔޫޒާ އުޅުނީ ދިޔާން ސަލާމަތް ކުރެވޭތޯއެވެ. އެކަން ހުއްޓުވީ ދާއިޔަލްއެވެ.
“ދޮންބެ ދައްތާ… މަޢާފު ކުރަށްވާ… ދޮންބެ އެއީ ޤާތިލެއް.. އަހަރެމެން ނުހުއްޓުވައި ފިއްޔާ ވަރަށް ރަނގަޅު.. އާދޭސް ނުކުރޭ.. ބޭނުންވާ ވަރަށް ހެކިވެސް އެބައޮތް…”
“ޤާތިލެކޭ؟ ދާއިޔަލް؟؟؟ ކީކޭތަ ތި ކިޔަނީ؟” ޔޫޒާގެ ސުވާލު ތަކަށް ޖަވާބު ދޭނެ ވަރުގެ ހިތްވަރު އެވަގުތު ނެތުމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ދާއިޔަލް ނިކުމެގެން ދިޔައެވެ.
10 ވަރަކަށް މިނެޓު ފަހުން ހުރިހާ އެންމެން ތިބީ ސްޓޭޝަނުގައެވެ، ސްޓޭޝަން ތެރޭގައި ކާރު ޕާކު ކޮށްލުމުން ޔައުލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. މިހާރު ކާރުގެ ފަހަތުގައި އެތިބީ އޭނާ ފުރާނަ ފަދައިން ލޯބިވީ، އެލާރާއަށް އަނިޔާވީ އަނިޔާވެރިންނެވެ. މިއަދު އެއޮތީ އެމީހުންގެ ކޮޅު ބާރު ދަށްވެ، ޔައުލާންގެ ކޮޅު ބާރު ގަދަވެފައެވެ. މިއަދު ބާރު ބޮޑީ އޭނާގެ އަތުގައެވެ.
ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ކާރުން ނިކުތީ އަޒުމާއި އެކުގައެވެ. ކާރު ދޮރު ހުޅުވާލަމުން އެޒިކިއެލް ދިޔާން ކާރުން ނެރުން އިރު ޔައުލާން ނެރުނީ އަކިޔަލްއެވެ. “އައްދިއްޔޯތް! ތަންކޮޅެއް ބަލައިލައިގެން އުޅި ބަލަ” ތަދުވީ ކަމަށް ހެދެމުން އަކިޔަލް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. “ފުލުހުން ނޯ މީ. މިތަނަށް ވައްދާ މީހުންނަށްވެސް ތި ކަންކުރަނީ ކަން ކުރާނެ ގޮތަކަށް”
“އޭ ބަލަ މިހިރަ މީހާ. ކަލޭ ހަމަ ބަސް އަހައިގެން ގޭގެ ޒުވާރި ކާން ތިއްބަތަ އަހަރެމެން ކަލޭ މިތަނަށް މި ގެނައީ؟ ކަލޭތީ ޤާތިލެއް. އެލާރާ މަރާލީވެސް ހަމަ ކަލެއާއި ދިޔާން!! އަދި އެވަރުން ނުވެގެން އަލައި މަރާލަންވެސް ރާވަން ފެށީ އޭ ދޯ؟ އަކިޔަލް، ކަލޭތީ ފުލުހުންނަށްވެސް ހުރި ބޮޑު ހުތުރެއް!!” އަކިޔަލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ވާންކޮށްލަމުން ޔައުލާން ބުންޏެވެ.
ރަތްވެ، ދުޅަ ވެފައިވީ ޔައުލާންގެ ވޭނުން ފުރިފައިވީ ދެލޯ ފެނި، އަކިޔަލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. އޭނާ ފެށީ އަޑުން އަޑުނަގާ ހޭށެވެ. “އޯހްހްހް. އެހެންތަ؟ ކަލެއަށް އެލާރާ ސެޓު ނުވެގެން އުޅެނިކޮށް އަހަރެމެން އެލާރާ ތަ*ލީމަ ދޯ ކަމުނުގޮސްގެން ތިއުޅެނީ؟ ހަޖަމު ނުވީ ދޯ؟”
ދަތްކުނޑި ވިކާލަމުން ޔައުލާން އަކިޔަލްގެ ކަންކަށިމަތީގައި ޖަހަން އުޅުނެވެ. “ޔައުލާން!!! ޔައުލާން ތިހުރީ ޔުނީފޯމުގަ.. ނުޖަހާތީ!!” އެދެމެދަށް ވަނީ ރުޒައިކްއެވެ. އޭރުވެސް އަކިޔަލް ހުރެގެން ހެމުން ދިޔައެވެ.
އަކިޔަލް އެހެން ބުނެ ލުމާއި އެކު ދިޔާން ހޭން ފެށިއެވެ. މި މަންޒަރު ފެނި ދާއިޔަލް ގޮސް ދިޔާންގެ ކަންކަށިމަތީގައި ޖެހިއެވެ. “ދޮންބެ ހާދަ ހަޔާތްވެސް ކުޑައޭ ދޯ؟ ބަލަ ތީ މީހެއްގެ ފިރިއެކޭ. ދަރިއެއްގެ ބަފައެކޭ.. ތެޅޭ ވައްތަރު ނިކަން ދެކިބަލަ!” ވަގުތުން ދިޔާންގެ އަނގަ ކުނި ވިއެވެ.
“އައްސަލާމު އަލައިކުމް” ފަހަތުން މީހެއްގެ އަޑު އިވުމުން އެންމެންގެ ސަމާލުކަން އެދިމާލަށް ދިޔައެވެ. ފުލުސް ޔުނީފޯމުގައި އެތަނަށް ދެ ޒުވާނުން އައެވެ. އެމީހުންގެ ރޭންކު ތަކުން އެއީ މަތީ މަގާމުގެ މީހުންކަން އެނގިގެން ދެއެވެ.
“އަޅުގަނޑުމީ މިއުވާން. ދެން މީ ޒިވާން. ދިޔާންއާއި ސުވާލު ކުރުން ކުރިއަށް ގެންދާނީ ޒިވާން.. އަކިޔަލް އަޅުގަނޑާއި އެކު ދުރުވެލާ..” މިއުވާން އަދަބުވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ.
***
ސުވާލު ކުރާ ކޮޓަރިއަށް ދިޔާން ގޮވައިގެން ވަދެ ޒިވާން ގޮސް ގޮނޑީގައި އިށީނެވެ. އަދި ކައިރީގައި އިން ކެމެރާ ޖައްސާލަމުން ވޭދަނައާއި ބެހޭ ފައިލް ހުޅުވާލިއެވެ. އަދި ދިޔާންއާއި ދިމާލަށް ބަލައިލިއެވެ.
“ދިޔާން…؟”
***
“އިށީނދޭ” ކެމެރާ ޖައްސާލަމުން މިއުވާން ބުނެލިއެވެ. އޭރުވެސް އަކިޔަލް ހުރީ އޭނާގެ ކުރިމަތީގައި، ކޮޅަށެވެ.
“ކަލޭމެންނަށް ހައްޔަރު ކުރަން އެނގުނީ މަށާ ދިޔާންއާއި އެކަނިތަ؟؟ ކަލޭމެނަށް ހީވަނީތަ މިކަމުގައި ތިބި ހަމައެކަނި ކުށްވެރިންނަކީ އަހަރެމެންނޭ؟ ކޮބާ ތިންވަނަ މީހާ؟” އަކިޔަލް ކުރިއަށް ފިޔަވަޅު އަޅާލަމުން އެހިއެވެ.
“ތިންވަނަ މީހަކުވެސް އެބަ އުޅޭތަ؟” މިއުވާން ހައިރާންވެފައި އެހިއެވެ. މީ އަދި އޭނާއަށް ނޭނގޭ ހަބަރެކެވެ.
***
“ކިހިނެއްވީ މާ ލޯބިން ތި ގޮވަނީ؟ ކަލޭ މަށަށް ހިތް ކީތަ؟” ކަޅި އަޅައިލަމުން ދިޔާން އެހިއެވެ.
“އަޅުގަނޑު ދިޔާންއާއި ކޮށްލަން ބޭނުން ބައިވަރު ސުވާލު އެބަ ހުރި.. ފުރަތަމަ ސުވާލު.. ލައިލީންގެ މަރާއި ދިޔާންއާއި އެއްވެސް ގުޅުމެއް ވޭތަ؟” ޒިވާން އަހައިލިއެވެ.
ފުންނޭވާއެއް ދޫކޮށްލަމުން ދިޔާން ކަޅި އަނބުރާލިއެވެ. އެނަން ދެވަނަ ފަހަރަށް އަހަންވެސް އޭނާ ބޭނުން ނުވާފަދައެވެ. އިސްޖަހާލައިގެން އޭނާ އިރުކޮޅަކު އިނެވެ. ދެން އޭނާ އިސްއުފުލާލި އިރު އެދެލޮލުގައިވި ކޮންކަހަލަ އިހުސާސެއް ކަމެއް ބުނަން ދައްޗެވެ. “މަށޭ އޭނަ މަރާލީ ބުނިއްޔާ…؟” އެއްމިޔަކަނުން ހީލަމުން ދިޔާން އެހިއެވެ.
“ދިޔާން!!!” ގޮށްމުށް ކަވާ ލަމުން ޒިވާން މޭޒުމަތީގައި ޖެހިއެވެ.
***
“އަސްލު ކަލޭމެން ފުލުހުން ހާދަ ގަމާރޭ ދޯ؟ އަހަރެމެންނަށް އަދަބު ލިބެންޏާ މުން ޒާވިލްއަށް ވެސް އަދަބު ލިބެންޖެހޭނެ!!” ދަތްކުނޑި ވިކައިލަމުން އަކިޔަލް ބުންޏެވެ.
“ޒާވިލް މިތަނަށް ނުވައްދާ… އޭނަ މި ދުނިޔޭގައި ވެސް ނެތް ދޯ؟”
“ހަހަ.. މިހާރުތާ އޭނަ ދުނިޔޭގައި ނެތީ؟ ބޭރަށް ދާން ނައްޓާލި ބޯޓު ވައްޓާލީ ކާކު؟؟ ޒާވިލްއޭ! އޭނާ ދުނިޔޭގައި ނެތިއްޔާ އޭނަ ދަރިންނަށް ވިޔަސް މިކަމުގެ އަދަބު ލިބެން ޖެހޭނެ!!. ޒަވުލްއާއި ޒާލާއާއި ދުނިޔޭގަ އެބަ ތިއްބެއް ނުން؟ މަގޭ ފޯނު ލިބުނީމަ ވެސް އެ ރަނގަޅަށް ބަލައިވެސް ނުލަން ދޯ؟ ނިކަން ބަލާބަލަ. އޮންނާނެ ހެކި.. ބަލާބަލަ، ބަލާބަލަ” އަކިޔަލް ދައްކަމުން ދިޔަ ވާހަކަ އިވިފައި މިއުވާން އަށް އަނގަ ހުޅުވުނެވެ.
***
“ދިޔާންއަށް ހީވަނީތަ މީ ސަމާސާއެކޭ؟؟؟ ބަލަ ފުރާނައަކީ އަމާނާތެކޭ. އަމިއްލަ ފުރާނަ ނައްތާލުން އެއީ ހަރާން ކަމަކަށް ވާއިރު، އެހެން މީހެއްގެ ފުރާނަ ނައްތާލުން، ވިސްނާލަބަލަ އެއީ ކިހާ ބޮޑު ފާފައެއް؟ ހެއްދެވި ފަރާތަށް ބިރުވެރި ވެބަލަ!!” ޒިވާން އަޑަށް ބާރު ލަމުން ބުނެލިއެވެ.
“މަށަށް ތި ލައިލީންއާއި ހުރެ ނޫޅެވިގެން މަ އެކަން ކުރީ!!! އެންމެ ރެއަކު މަ އޭނަ ގޮވައިގެން އެނދަށް އެރިއޭ ކިޔާފަ ‘ހަގީގީ ލޯބި’ ވެވޭތަ؟؟ ދެން ބުނީ ކީކޭ؟ ދާނަމޭ ޔޫޒާ ގާތަށްވެސް. ދެވަނަ އަންބަށް ވިޔަސް އިންނަން ބޭނުމޯ. ބޮޑު މުސީބާތެއް ކަހަލަ އެއްޗެއް އެއީ” ދެއަތް މުއްކަވާލަމުން ދިޔާން ބުންޏެވެ. އޭނާގެ ތޫނު ނިޔަފަތިތައް އަތުގެ ހަމަށް ހެރި ލޭ ފައިބަން ފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
(ނުނިމޭ)
ނުވަދިހަހަތްވަނަބައިގެ ތެރެއިން:
އެއްކައިރިއަށް ޖެހިލަމުން މިއުވާން ގުޅައިލީ ޔައުލާންއަށެވެ. މުޅި ސްޓޭޝަނުގައިވެސް ޓެކް ކަންކަންމުގައި އެންމެ މޮޅު ފުލުހަކީ އޭނާއަށް ވުމުންނެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ މީ ފަސޭހައިން ނިމޭނެ ވޭދަނައަކަށް ނުވާނެތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.