
ވާތީ ހިތަކު ލޯބި މަންމަންވެފާ – 94

އެޒިކިއެލް އެއްވެސް އެއްޗެއް ނުބުނެ މިކްޔާގެ މޭގެ ތެރޭގައި ބޮނޑި ވެލީ ކުޑަ ކުއްޖެއް ފަދައިންނެވެ. މިކްޔާގެ ކަރުގައި އޮތް ރަންފަށުގެ ފުލުގައި އިން ހިތް ނަގާ އަނގައަށް ލަމުން އޭނާގެ ހިތާއި ދިމާލުގައި ތުން ޖައްސާލިއެވެ. އެޒިކިއެލްގެ މޫނު މިކްޔާގެ މެއާއި ގާތް ކޮށްލުމުން އަވަސްވެފައިވި މިކްޔާގެ ހިތުގެ ތެޅުމުގެ އަޑު އިވިފައި އެޒިކިއެލްއަށް ހިނިތުންވެވުނެވެ. އެރީތި ރާގު އިވިފައިވެސް އެހިތަށް ތަސައްލީއެއް ލިބުންފަދައެވެ.
(94 ވަނަ ބައި)
އެ ލޯބިލޯބި ވަގުތުކޮޅަށް ނިމުމެއް އައީ މިކްޔާގެ ފޯނު ސޯނާ ވާން ފެށުމުންނެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ކޮޅަށް ނިމުން އައުމުން މިކްޔާގެ ހިތަށް ތަދުވިއެވެ. ފޯނާއި ދިމާލަށް ވަށް ކަޅިން ބަލައިލެވުނެވެ.
“ސޮރީ…” ތެދުވެ އިށީންނަމުން އެޒިކިއެލް މަޢާފަށް އެދުނެވެ. އަދި މިކްޔާގެ ޖަވާބަކަށް އިންތިޒާރު ނުކޮށް އެނދުން ތެދުވެގެން ދިއައީ ބިންމަތީގައި އޮތް ފަންކާވެސް ހިފައިގެންނެވެ.
ކޮޓަރި ދޮރާއި ދިމާލަށް ބަލަން އިން މިކްޔާއަށް މިއަދު އެއްކަމެއް ޔަގީން ވެއްޖެއެވެ. އަދިވެސް އެޒިކިއެލް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ހުރިހާ ކަމެއް ބަދަލު ވެގެން މިދިޔައީ އެވީޑިއޯ އެއީ ހަގީގަތެއްކަމަށް އޭނާއަށް ހީވުމުންނެވެ. މިކްޔާ ކުރަންވީ ކަމަކީ އެއީ ނަސްލެއް ކަން ސާބިތު ކޮށްދެން ވީއެވެ. އޭރަށް ހުރިހާކަމެއް ހައްލު ވާނެކަން މުޖައްރިބެވެ.
އެނދުން ތެދުވަމުން މިކްޔާ ގޮސް ވަނީ ފާހާނާއަށެވެ. ވުޟޫ ކޮށްލައިގެން ނިކުމެ، އިހު ސުންނަތާއި، ފަތިސް ނަމާދުގެ ދެ ރަކުއަތް ކޮށްލާފައި ދުޢާއަށް އަތް ނެގިއެވެ. ދެލޮލުން ކަރުނަ ފައިބާ ހާލުގައި މިކްޔާ ދުޢާ ކުރިއެވެ. އާދޭސް ކުރިއެވެ. އޭނާއަށް އެކަން ކުރުމުގައި އެހީ ދެއްވައި ތޯއެވެ.
ނަމާދު ކޮށްގެން ޒިކުރު ކިޔަން އިން ޔައުލާންގެ ނަޒަރު ހުއްޓިފައިވީ، ނިދިފައި އޮތް ލޯބިލޯބި އަލައިރާ އަށެވެ. އަލައިރާ ފެންނަ ކޮންމެ ވަގުތަކު އެލާރާ މަތިން ހަނދާންވެ، އެހިތުގައި ރިއްސައި ގަންނަނީ އިންތިހާއަށެވެ. އެކަމަކު، އަލައިރާއަކީ އެލާރާ މި ދުނިޔޭގައި ބެހެއްޓި އަމާނާތެކެވެ. އެ އަމާނާތަށް އޭނާ ހިތުގެ އެންމެ ފުންމިނުން އިހުތިރާމު ކުރެއެވެ. އަލައިރާދެކެ އަމިއްލަ ދަރިއެއް ދެކެ ވާނެހާ ލޯބި، ޔައުލާން ވެއެވެ.
***7 ހަފުތާ ފަސް***
މެންދުރުގެ އެންމެ ހޫނުގަދަ މި ވަގުތުގައި، މާލޭގެ ކާރުބާރު ބޮޑު މަގުތަކުން ފެންނަނީ ވަރުބަލިކަމާއި ނުތަނަވަސްކަމެވެ. ސައިކަލުތަކުގެ އިންޖީނުގެ އަޑާއި، ކާރުތަކުގެ ބަޓަން އަޅާ އަޑު މުޅި މާހައުލަށް ވެރިވެފައިވާއިރު، ހިޔާވަހިކަމެއް ހޯދުމަށް ދުވާރުމަތިން ހިނގާފައިދާ މީހުންގެ މޫނުމަތިން ފެންނަނީ ދަލުން ތެމިފޯވެފައިވާ ހާލެވެ. އެންމެންވެސް އަވަސްވެ ގަނެފައިވަނީ އަވަހަށް ފިނި މައިޒާނަކަށް ވަދެވޭތޯއެވެ.
ނަމަވެސް، މަގުމަތީގެ އެ އަޑުގަދަ އަދި ހޫނު މާހައުލާ މުޅިން ޚިލާފަށް، ކްރިމިނަލް ކޯޓުގެ އެތެރެއިން އިހުސާސްވަނީ ހިތް ފިނި ވާފަދަ، އެހެނަސް ބިރުވެރި ހަމަހިމޭންކަމެކެވެ. އޭސީގެ ފިނި ވަޔާއެކު، ކޯޓު ރޫމުގެ ތެރޭގައި ވަނީ ނުތަނަވަސް ކަމެވެ. ލަކުޑި މޭޒުތަކާއި ކަޅުކުލައިގެ ގޮނޑިތައް ތަރުތީބު ކުރެވިފައިވާއިރު، އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ބިއްލޫރި މޭޒު ކައިރީ އިސްދަށަށް ޖަހައިގެން ހުރި ޒެން އަށެވެ. ޒެންގެ މޫނުމަތިން އޭނާއަށް ކުރެވުނު ކުށަށް އެއްވެސް ވަރަކަށް ދެރަވާކަހަލަ އަސަރެއްވެސް ނުފެނެއެވެ. ފެންނަނީ ރުޅިވެރިކަމެވެ. އެދެލޮލުން އަނގުރު އަލިފާން ބުރާ ފަދައެވެ.
މުޅި ކޯޓު ރޫމުގައި ގުގުމައިގެން ދިޔައީ ގާޒީގެ މޭޒުގައި އިންނަ ކުޑަ މުށި ގަނޑުން ޖައްސަވާ ލެއްވި އަޑެވެ. އެއާއެކު މުޅި ތަން އެއްކޮށް ހިމޭންވެ، އެންމެންގެ ނޭވާވެސް ހުއްޓުނު ފަދައެވެ. ގާޒީ އެމަނިކުފާނުގެ އައިނު ރަނގަޅުކޮށް ލެއްވުމަށްފަހު، ހަރުކަށި އަދި ބަރު އަޑަކުން ހުކުމް އިއްވަވަން ފެއްޓެވިއެވެ.
“ދައުލަތުން އަހުމަދު ޒެންގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށާއި، ގެވެށި އަނިޔާގެ ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ވަނީ ސާބިތުވެފައި” ގާޒީގެ ވިދުވަރު ފަދަ ނަޒަރު ޒެންގެ މޫނަށް ހުއްޓުނެވެ. “އަދި ހަމައެހެންމެ، އަމިއްލަ އަނބިމީހާއަށް ރަހުމުކުޑަ ގޮތަކަށް ޖިސްމާނީ އަދި ޖިންސީ ބޮޑެތި އަނިޔާތަކެއްދީ، އެ ބަނޑުގައިވީ މައުސޫމު ފުރާނަ ދުނިޔެއަށް ނޭވާލުމުގެ ހައްގުން މަހުރޫމުކޮށް، ދަރިފުޅު ވައްޓާލިކަން ހެކިންގެ ހެކިބަހުންނާއި މެޑިކަލް ރިޕޯޓްތަކުން ކަށަވަރުވޭ. މިއީ އިންސާނިއްޔަތުކަމުގެ އެއްވެސް ކަންފުޅެއް ނެތް، އަނިޔާވެރި އަމަލެއް.”
ގާޒީގެ މި ބަސްތަކާއެކު، ކޯޓު ރޫމުގެ ފަހަތު ސަފުގައި މަޒީނާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެއީ ވޭނާއި ހިތްދަތިކަމުގެ ކަރުނައެވެ. އެހެނަސް އަދުލުއިންސާފު ގާއިމު ވަމުންދާތީ ލިބުނު ކުޑަ ހިތްހަމަޖެހުމެއްވެސް އެކުގައެވެ. ކައިރީގައި އިން އަޒީން މަޒީނާގެ އަތަށް ފިތާލިއެވެ.
“އޯކޭތަ..؟” މަޒީނާގެ އަތުގައި ފިރުމާލަމުން އަޒީން އެހިއެވެ. މަޒީނާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.
ގާޒީ އެމަނިކުފާނުގެ ހުކުމް ނިންމަވާލެއްވީ، ޒެން ދިގު މުއްދަތަކަށް ޖަލަށްލުމަށް އަމުރު ކުރައްވަމުންނެވެ. ދަތްކުނޑި ވިކައިލަމުން ޒެން ބަލައިލީ މަޒީނާއާއި ދިމާލަށެވެ. ރުޅިއައިސްފައި އޭނާ އިނަސްވެސް، މަޒީނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމެވެ. އުފާވެރިކަމެވެ. މިނިވަންކަމެވެ.
މަޒީނާ، އަޒީން އަދި ޒާލާ ކޯޓުން ނިކުން އިރު، ބޭރުގައި ޝަރަފް އިންތިޒާރުގައި ހުއްޓެވެ. ޝަރަފްއަށް ހިނިތުންވެލަމުން މަޒީނާ ގޮސް އޭނާ ކުރިމަތީގައި ހުއްޓުނެވެ. “ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… ތި ކޮށްދިން ކަމުގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެ ކަންނޭނގެ..” ހިނިތުންވެލަމުން މަޒީނާ ބުންޏެވެ.
ތެދެކެވެ. މަޒީނާ އަށްޓަކައި ޝަރަފް ބައިވަރު ކަންކަން ކޮށްދިނެވެ. ހުރިހާ ހެއްކެއް ހަމަކޮށް ފުލުހަށް މައްސަލަ ހުށަހެޅީވެސް ޝަރަފެވެ. މަޒީނާ ގަދަވަންދެން ހުރިހާ ހަރަދުތަކެއް ބެލީވެސް ހަމަ އޭނާއެވެ. މަޒީނާ ގަދަވުމުން މިއަދު އެހުރީ މަޒީނާއަށް ރަށުން ވަޒީފާއެއްވެސް ހޯދަ ދީފައެވެ.
***
ކީބޯޑުގައި އެއްޗެއް ލިޔަން އިން ޑަކްޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކައިރީ އިން މިކްޔާގެ މޫނާއި ދިމާލަށް ބަލައިލިއެވެ. “ބަނޑުބޮޑު ވެފައިކަމަށް ލަފާ ކުރެވޭނެތޯ؟ މައްސަރުކަންތައް ލަސްވެ، ބަނޑުބޮޑުވެ، ވަރުބަލިވުން ކުރިމަތިވާ ވާހަކަ ބުނީމަ ބުނެލީ..” ޑަކްޓަރު މީނާ އަހައިލިއެވެ.
“ނޫން… ބަނޑުބޮޑު ވީ ނަމަވެސް.. އަދި މިހާ ވަރަށް ބަނޑުބޮޑު ވާނެތަ؟ މިހާރު ހީވަނީ 4 މަސް ވާން އުޅޭހެން” ބޮޑުވެފައިވީ އޭނާގެ ބަނޑުގައި އަތް ޖައްސާލަމުން މިކްޔާ ބުނެލިއެވެ.
“ދެން، ލަފާ ކުރެވިދާނެ ސިސްޓެއް ކަމަށްވެސް.. އަޅެ ހިނގާބަލަ ދޯ ސްކޭނެއް ކޮށްލަން؟” މީނާ ބުނެލިއެވެ. ބިރުން އިން ނަމަވެސް މިކްޔާ ބޯ ޖަހައިލިއެވެ. އަމިއްލަ ނަފުސަށްޓަކައި ހެޔޮ ދުޢާ ކުރާ ހާލުގައެވެ.
ޑަކްޓަރު ކޮޓަރިން ނިކުމެ ދެން އޭނާ ދިޔައީ ސްކޭން ހަދާށެވެ. އެވަގުތު އޭނާ ނޫން އެހެން އެއްވެސް މީހަކު ސްކޭން ހަދަން އައިސްފައި ނެތުމުން، އޭނާއަށް ވަރަށް ފަސޭހައިން ވަދެވުނެވެ.
“އައްސަލާމު އަލައިކުމް މިސް މިކްޔާ” މިކްޔާ ވައިން ތަން ފެނުމުން ހާނިއާ ކޮޅަށް ތެދުވެލިއެވެ. ޕާކިސްތާނަށް ނިސްބަތް ވާ ހާނިއާ އަކީ މިކްޔާގެ ވަރަށް ގާތް އެކުވެރިއެކެވެ. ހަސްފަތާލުގައި މިކްޔާ މަސައްކަތް ކުރިއިރު ދެމީހުން ވަރަށް ގިނައިން އެކުގައި އުޅެފައި ވާތީއެވެ.
“ވައަލައިކުމުއް ސަލާމް ހާނިއާ..” ޑަކްޓަރު ދިން ރިޕޯޓު ހާނިއާ އަތަށް ދެމުން މިކްޔާ ބުނެލިއެވެ.
މިކްޔާ ގޮސް އެނދުގައި އޮށޯތުމުން ހާނިއާ މިކްޔާގެ ބަނޑުގައި ޖެލް ކޮޅެއް ހާކާލިއެވެ. އަދި ސްކޭން ކުރަން ފެށީ މިކްޔާގެ ހާލު އަހައި ލަމުންނެވެ.
“އަލްހަމްދުލިއްލާހި ރަނގަޅު.. ހާނީ، ކިހިނެއްތަ؟” ހިނިތުންވެލަމުން މިކްޔާ އެހިއެވެ.
“އަލްހަމްދުލިއްލާހި، އަހަރެންވެސް ރަނ-” އެހިސާބުން ހާނިއާގެ އަނގަ ހުޅުވުނެވެ. އޭނާ ހުރީ ކޮސް ވެފައެވެ. އަދި ރާއްޖެއިން މިކަހަލަ ކަމެއް މީނާއަށް މިފެނުނީ އަލަށެވެ. “މިކީ…”
ދެލޯ ބޮޑުވެފައި ހުރި ހާނިއާ ފެނި މިކްޔާގެ ހިތުގައިވެސް ބިރުވެރިކަން އުފެދުނެވެ. “ހާނީ.. ކި… ކިހިނެއްވީ…؟”
“މިކީ!!!! މިކީ… ބަނޑުބޮޑު… ބަނޑަށް 6 ހަފުތާ… މިކީ… މިކީ ބަނޑުގަ ތިން ކުދިން އެބައޮތް” ހާނިއާ ލަސްލަހުން ބުނެލި ޖުމްލައާއި އެކު މިކްޔާ ކޮޅަށް ޖެހުނެވެ.
“ވަޓް؟؟؟؟” އެވާހަކަ އޭނާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. އާންމުކޮށް މީހުންނަށް އެއްމާބަނޑު 3 ކުދިން ލިބެނީ ‘އައި.ވީ.އެފް’ ހަދައިގެންނެވެ. މީ ރާއްޖޭގައިވެސް އެހާ އާންމު ކަމެއް ނޫނެވެ. އެވާހަކަ އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.
“ދޮގު ނުހަދާ… ހާނީ… ސަކަރާތް ނުޖަހާ… މަޖަލެއް ނޫން އިނގޭ…” ގަބުވެފައި އިނދެ މިކްޔާ ބުންޏެވެ.
“އޮށޯވެލަބަލަ” މިކްޔާ އަލުން އެނދުގައި އޮށޯތުމުން ހާނިއާ އެ ސްކޭން މިކްޔާއަށް ފެންނަހެން އަނބުރާލިއެވެ. “މީނީ ނުން.. 1، 2، 3 .. ތިން ކުދިންވެސް ހަމަ ރަނގަޅު” ހާނިއާ ބުނެލިއެވެ. އަދި ކުދިންގެ ހިތުގެ ވިންދުގެ އަޑު މިކްޔާއަށް އިއްވާލިއެވެ.
މިކްޔާއަށް ލޯ މަރާލެވުނެވެ. ވަގުތުން އެހިތުގައި އެ ތިން ފުރާނައަށްޓަކައި އިންތިހާ ދަރަޖައިގެ ލޯބި އުފެދުނެވެ. އެކުދިން ދުށުމަށް ކެތްމަދުވިއެވެ.
***
ބަދިގެ ތެރޭގައި ކޮފީއެއް ބޯން އިން ޔައުލާން އިނީ ހާސްވެފައެވެ. ވަރަށް ހާސްވެފައެވެ. ދެއަތް މޮޑެލާ މޮޑެލާ އިން ގޮތުންވެސް އެކަން އެނގެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިއަދަކީ އަލައިރާގެ ‘ޑީ.އެން.އޭ’ ޓެސްޓުގެ ނަތީޖާ ލިބޭ ދުވަހެވެ. އެލާރާއަށް އަނިޔާވެރިވީ ކާކުކަން އެނގޭނެ ދުވަހެވެ.
“އެހެމް…” މިކްޔާ ކަރުކެހިލި އަޑަށް ޔައުލާން ދިޔައީ ސިއްސައިގެންނެވެ.
“އަލައިގެ ނަތީޖާ ލިބިއްޖެތަ..؟” ޔައުލާން ގާތުގައި އިށީންނަމުން މިކްޔާ އަހައިލިއެވެ.
“ނޫން.. އަދި ނުލިބޭ.. ދާއިއާއި އެއްލުއާއި ދިޔައީ އެބަލާ.. އަންނާނެ އިރުކޮޅަކުން..” ފުންނޭވާއެއް ދޫކޮށްލަމުން ޔައުލާން ބުނެލިއެވެ.
“ޔާ… ޔައު… އަހަ.. އަހަރެން..”
“ޕްލީޒް… ހެޔޮނުވާނެ މިކްޔާ.. އަހަރެން ބުނިންދޯ މިހާރު އަހަރެން ބޭނުމެއް ނޫނޭ މިކްޔާގެ ބަރަހަނާ ވީޑިއޯ ބަލާކަށް…” ދުރު ބަލާލަމުން ޔައުލާން ބުނެލިއެވެ.
“އަހަރެންވެސް ވަކި ބޭނުމެއް ނޫނޭ ޔައުލާންއަށް ދައްކާކަށް. އަހަރެން ބޭނުންވަނީ އެއީ އޭއައި ވީޑިއޯއެއްކަން ސާބިތު ކުރަން.. މަށަށް އެނގޭ އެކަން ކުރުމުގެ ކުޅަދާނަކަން ޔައުލާންގެ ހުންނާނެކަން…” މިކްޔާ ކޮޅަށް ތެދުވަމުން ބުނެލިއެވެ. ޔައުލާން އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ.
ޔައުލާން މިއަދު ފަސް ދީފަ ގޮސްގެން އެއްލު އަހަރެން ވަރި ކޮށްފިއްޔާ މަގޭ ދަރިން ޔަތީމު ކޮށްލި މީހަކަށް ވާނީ ޔައުލާން އިނގޭ!!!” މިކްޔާ ބުނެލި ޖުމްލައާއި އެކު ޔައުލާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ފަހަތަށް އެނބުރުނެވެ.
“އާން… އަހަރެން ބަނޑުބޮޑު.. މާތް ﷲ އަހަރެންނަށާއި އެއްލުއަށް ނިޢުމަތެއްގެ ގޮތުގައި އެ ދެއްވީ އެއްމާބަނޑު ތިން ކުދިން.. އެކުދިން ބިކަ ވިޔަ ނުދީ.. ހެޔޮނުވާނެ… އެލާއަށް ޓަކައިވެސް އަހަރެންނަށް މިކަމުގައި އެހީވެދީ…” ކުޑަކަކޫ ޖަހަމުން ދެއަތް ގުޅުވާލީ އާދޭސް ކުރާ ހާލުގައެވެ.
(ނުނިމޭ)
ނުވަދިހަފަސްވަނަބައިގެ ތެރެއިން:
ފުލުސް ކާރު އައިސް އެ މަޑުކޮށްލީ އޭނާގެ ލޯބިވާ އެލާރާގެ ދިރިއުޅުން ހަލާކުކޮށްލި އަނިޔާވެރިޔާގެ ގޭ ކުރިމަތީގައެވެ. މިއަދު މީ ބޮޑު ދުވަހެކެވެ. އެލާރާއަށް އިންސާފު ލިބޭނެ ދުވަހެވެ.. މުޖައްރިބެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (8)
Comments are closed.
Masha Allah vrh furihama 💗✨️
Next part thankolheh avahah upload kohlla dhehchey can’t wait😭😭
Jazaakallah khair Anonymous 🩶
Yess i will try my best to upload it as soon as possible 🫶🏻🫶🏻
Stay tuned 🥰
OMG mi prt ves vrh vrh salhi. Maashaa Allah.
When next?????? Sooo curious……….. Can’t waittttt……..
Reallyy Triplets??? Congrats Mickyy.. Ur so lucky
Tc Shihaa
jazaakillah khair Exxo 🥹🩶
next in sha allah veryyyy sooon i just submitted it.
yess tripletss heehee🥹 i wanted to make it different.. i have never seen a story with triplets soo yess teehee..
tc too Exxo 🩶
Wow I’m very excited for the next part.
This part is very beautiful, Keep it up Shihaamaa 🤍
When is next???
jazaakillah khair Maria 🥹🩶
next in sha allah veryyyy sooon i just submitted it.
Shihaa avas koh next part upload kohladheeba 🥹
i js uploaded it dear 🥹 i was berryyyy busy yesterday thats why i wasnt able to write. hopefully you can read ep 95 tonight 🩶