
ހުވަފެން ދެކޭނީ – 7

ދުވަސްތައް ފާއިތުވަމުން ގޮސް، އިސްމާއިލް އޭލެވެލް ހަދައި ނިމުނެވެ. އެންމެ ފަހު ޓެސްޓުން އޭނާ ނުކުތީ ވަރަށް ހިތްހަމަ ޖެހިގެން ނެވެ. ހުރިހާ އެއްޗަކުން އޭ ސްޓާރ ލިބޭނެ ކަމުގެ އުއްމީދެއް ވަރަށް ބޮޑެވެ. ބައްސާމްގެ ހެޔޮކަމުގެ ސަބަބުން، ކިޔެވުމަށް އެކަނި ސަމާލުކަން ދެވުނެވެ ގެއަށް ދާ ގޮތައް އޭނާ ބޭނުންވީ ބައްސާމް އަށް ޝުކުރު އަދާކުރާށެވެ.
އީވް އާއި އިސްމާއިލްއާ އެކު ޔާނީ ވެސް ދިޔައީ ބައްސާމް މެން ބަޔަށެވެ. ޓެސްޓު ނިންމާފައި އަންނަ ގޮތައް އެ ބަޔަށް ދާން ސާރާ އޮތީ ދަޢުވަތު ދީފައެވެ. ނަތީޖާ ލިބުމުން ކުރިއަށް ކުރަން ހުރި ކަންތައް ތައް ހިއްސާ ކުރަމުން ތިން ކުދިން ވެސް ގެއަށް ވަނީ އުފާވެރި މޫޑަކާ އެއްކޮށެވެ.
އީވްގެ ފިޔަވަޅުތައް ހުއްޓުނީ ސޯފާގައި ތިބި ކަޝާންގެ އާއިލާ ފެނިފައެވެ. އޭނާ މޫނު މަތީގައިވި ހިނިތުންވުން ގެއްލި ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ކަޝާންގެ މަންމައަށް އީވް ފެނުމުން ފުޅާ ހިނިތުންވުމަކާއެކު އީވް ގާތަށް އައެވެ. އީވް އަތުގައި ހިފައިގެން ގެން ގޮސް ސޯފާގައި ބޭންދިއެވެ.
ކަޝާންގެ އާއިލާ ރާއްޖެ އައީ އީވްގެ ކައިވެންނަށް އެދޭށެވެ. ބައްަސާމް އާއި ކަޝާންގެ ބައްޕަ ތައިމޫރްއަކީ ގާތް ރަހުމަތްތެރިންނެވެ. ސީދަލަށް ނުބުނި ކަމުގައި ވިއަސް ކަޝާން ވެސް އޭނާގެ އާއިލާ ގާތު އީވްއާ ކައިވެނި ކުރަން ބޭނުންވާކަން ވަނީ އެކިގޮތްގޮތުން ހާމަކޮށްފައެވެ. އެ މުޅި އާއިލާއަށް ވެސް އީވް ކަމުދާތީ އެމީހުން ތިބީ އީވް ޓެސްޓު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އީވް އާއި ކަޝާންގެ ކައިވެނި ކުރެވިއްޖެނަމަ ދެ އާއިލާގެ އެކުވެރިކަން ވެސް އިތުރަށް ބަދަހިވެގެން ދާނެއެވެ.
ސާރާގެ އެދުމަށް އީވް ކޮޓަރިއަަށް ދިޔައީ ކުޑަގޮތަކަށް ތައްޔާރުވެލާށެވެ. އީވް އެނދުމަތީގައި އޭނާ ލާންވީ ހެދުން ބާއްވާފައި އޮތެވެ. ފެހި ކުލައިގެ ޕާކިސްތާނު ހެދުމެކެވެ. އެ ހެދުމާއެކު އަޅާނެ ގަހަނާވެސް ކައިރީގައި ހުއްޓެވެ. އެއީ ކަޝާންގެ އާއިލާއިން ގެނެސްފައި ހުރި ތަކެތިކަން ބަލާލުމުން ވެސް އެނގެއެވެ. އީވްއަށް ހީވީ އޭނާ ސިކުނޑީގައި ބޮޑު ބުރައެއް ވީހެންނެވެ. ފަހަކަށް އައިސް ކަޝާންގެ އަމަލުތައް ހުންނަ ގޮތުން، އެއީ އެންމެ ރަނގަޅު ބައިވެރިޔާތޯއާ މެދު އީވް ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ކަޝާންގެ އޭނާދެކެ ހަގީގަތުަގައި ވެސް ލޯބީވޭބާއެވެ؟
ބައްަސާމް އާއި ސާރާގެ އެއްވެސް މައްސަލައެއް ނެތުމުން އީވް އާއި ކަޝާންގެ ކައިވެނި ހަމަޖެހިގެން ދިޔައެވެ. ކާޝާންގެ ވިސްނުންތެރި ކަމުން އެ ދެމީހުން މިހާރުން ސުރެ އުޅެނީ ރަށްޓެހިވެގެން ކަމެއް ދެ އާއިލާއަަށް ވެސް ރޭކައިނުލައެވެ. ބައްސާމްގެ އެދުމަށް ކައިވެނި އޮތީ، ހަތަރު މަސް ފަހުން ހީރާއްޖޭގައެވެ.
އީވްގެ ކައިވެނި ކަޝާންއާ ކުރެވޭކަން އެނގުމުން އިސްމާއިލްއަށް އުނދަގޫވިއެވެ. ކަޝާންއަކީ ރަނގަޅު ބައިވެރިއެއް ނޫންކަން އެތައް ގޮތަކުން އޭނާއަށް ވަނީ ފެނިފައެވެ. ކަޝާންގެ ސިފަ ފިޔަވާ އިތުރު ރީތިކަމެއް އޭނާއަކަށް ނުފެނެއެވެ. ޓެސްޓު ނިމުމުގެ އުފާވެރިކަން ވެސް އޭނާއަށް އެދުވަހު ގެއްލުނެވެ. ކަޝާންއާ ކައިވެނި ނުކުރަން އީވް ގާތު ބުނަން ބޭނުންވިއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އެހެނަސް އޭނާގެ ބަސް އީވް އަހާނެކަމާ މެދު ޝައްަކެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުރީ އެހެންވެއެވެ.
އޭގެ އަނެއް ދުވަހު އިސްމާއިލް ރަށަށް ދާން ފުރިއެވެ. ދިޔުމުގެ ކުރިން އޭނާ ވަނީ ބައްސާމްގެ އާއިލާއަަށް ޝުކުރު އަދާކޮށްފައެވެ. ބައްސާމްގެ އެހީތެރިކަން ނުލިބުނުނަމަ ހިތްހަމަޖެހޭ ވަރަށް ނުކިޔެވުނީސްއެވެ. އެގެއިން އަބަދުވެސް އިސްމާއިލްއަށް ޖާގަ އޮތް ކަމަށް ބައްސާމް ވަނީ ބުނެފައެވެ. ކަމެއް ބޭނުން ވެއްޖެ ނަމަ ކޮންމެ ވަގުތަކުވެސް ގުޅަން ފަސްނުޖެހުމަށް އެދުނެވެ. އިސްމާއިލް ދާތީ އެވަން އަދި ޔާނީ ވެސް ތިބީ ދެރަވެފައެވެ. ކަންދިމާ ކުރި ގޮތުން، އިސްމާއިލް ރަށަށް ފުރުމުގެ ކުރިން އީވްއާ ދިމާވާ ގޮތެއް ނުވިއެވެ.
އޭލެވެލްގައި އިސްމާއިލްގެ ނަތީޖާ ވަރަށް ވެސް ފުރިހަމައެވެ. ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދައި އޭނާ ވަނީ ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލާރޝިޕް ހޯދާފައެވެ. އޭނާގެ އާއިލާގެ އިތުރުން މުޅި ރަށް ވެސް ފަޚުރުވެރި ކޮށްދީފައެވެ. ޔާނީ އާއި އީވްގެ ނަތީޖާ ވެސް ހަމަ އެހާ ރަނގަޅެވެ. ހުރިހާ މާއްދާއަކުން އޭ ހޯދައި ދެކުދިން ވެސް ވަނީ ހަޔާރ އެޗީވާރސް ސްކޯލާޝިޕް ހޯދާފައެވެ.
އިސްމާއިލްއަށް ރަނގަޅު ނަތީޖާ ލިބުމުން ބަހިއްޔާ އަދި ޖުވޭދާ ވެސް ހަސަދަވެރިވާ ގޮތްވިއެވެ. އާދައިގެ ރަށެއްގެ ނިކަމެތި ކުއްޖަކަށް ރަނގަޅު ގޮތެއް ވުމުން ދެމީހުންނަށް ވެސް އެކަން ހަޖަމު ކުރަން އުނދަގޫވިއެވެ. އިސްމާއިލް އެގެއިން ދިޔަ ކަމުގައި ވިއަސް ހިތުގައިވި ރުޅިވެރިކަން ނުފިލައެވެ. އަދިވެސް ދެމީހުން ތިބީ އިސްމާއިލްއަށް ރަނގަޅު ލަނޑެއް ދޭން ބޭނުންވެފައެވެ.
އިސްމާއިލް އެނބުރި މާލެ އައީ ޓޮޕް ޓެން ޖަލްސާއަށެވެ. ޖަލްސާ ނިންމާފައި އޮސްޓްރޭލިޔާއަށް ކިޔަވަން ދާން ފުރަންށާ އެކީގައެވެ. ރަށުގައި ހޭދަވި ހަމަސް ދުވަހު އޭނާ ވަނީ ކުދިންނަށް ޓިއުޝަން ދީގެން ލާރި ހޯދަން މަސައްކަތް ކޮށްފައެވެ. އިސްމާއިލްގެ ތޫނު ފިލި ކަމާއި ކިޔައިވައި ދިނުމުގެ ހުނަރު ހުރުމުން ގިނަ ކުދިންތަކެއް ވަނީ ކިޔެވުމަށް އޭނާ ގާތަށް އައިސްފައެވެ.
ދެމަސް ދުވަސް ކުރިން ކަޝާންއާ ކައިވެނި ކޮށްގެން އީވް ވަނީ އެނބުރި އިނގެރޭސި ވިލާތަށް ބަދަލުވެފައެވެ. އީވް ނެތުމުން ގޭތެރެ ފަޅުކަން އިސްމާއިލްއަށް އިހުސާސް ކުރެވުނެވެ. އީވްގެ ކައިވެނި ޕާޓީއަށް އިސްމާއިލް ނައުމުން ބައްސާމް އެކަމުގެ ޝަކުވާ ކުރިއެވެ. ބިޒީ ކަމުން އެ ދުވަސްކޮޅަށް ނާދެވުނީ ކަމަށް އިސްމާއިލް ބުންޏެވެ. އީވްގެ ހާލު އަހަން ނުހަނު ބޭނުންވެފައި ހުރި ނަމަވެސް އަހާކަށް އިސްމާއިލްއަކަށް ނުކެރުނެވެ. އެގޭ މީހުން ހީކޮށްފާނެ އެއްޗެއް ނޭންގޭތީއެވެ. ރަށުގައި އުޅުނު ދުވަސްތަކުގައި ވެސް އޭނާ އީވްއާ މެދު ވިސްނުނެވެ. ކަޝާންއަކީ ރަނގަޅު މީހެއް ކަމަށް އެއްވެސް ގޮތަކަށް އޭނާގެ ހިތެއް ނުބުނެއެވެ.
ހުކުރު ވިލޭރޭ އޮންނަ ޖަލްސާއަށް ދިއުމަށް ވަރަށް ފުރިހަމައަށް އިސްމާއިލް ތައްޔާރުވިއެވެ. މަސައްކަތް ކޮށްގެން ހޯދި ރުފިޔާއިން އޭނާ ވަނީ އެރޭ ލާނެ ރަނގަޅު ސޫޓެއް ގަނެފައެވެ. ގަަދަ ނޫ ކުލައިގެ އެ ސޫޓު ލުމުން އޭނާގެ ވަރުގަދަ ޝަޚުސިއްޔަތު ފާޅުވެއެވެ. އެރޭގެ ޖަލްސާއަށް އޭނާގެ ބެލެނިވެރިއެއްގެ ގޮތުގައި ދިއުމަށް އޭނާ ވަނީ ބައްސާމް އަށް ދަޢުވަތު ދީފައެވެ.
އެންމެ މަތީ ވަނަ ހާސިލް ކުރި ދަރިވަރުންނާއި، އެކުދިންގެ ބެލެނިވެރިންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރަށް ރައިސުލް ޖުމްހުރިއްޔާ ވެސް ހަފުލާގައި ބައިވެރިވުމަށް ވަނީ ދަރުބާރުގެއަށް ހާޒިރުވެފައެވެ. ބައްސާމްގެ ގިނަ އެކުވެރިންނާއި އެ ހަފުލާއިން ބައްދަލުވަމުން ދިޔައެވެ. ފަޚުރުވެރިކަމާއެކު ބައްސާމް އޭނާގެ އެކުވެރިންނަށް އިސްމާއިލް ތަޢާރަފު ކޮށްދެމުން ދިޔައެވެ.
ޖަލްސާ ފެށިގެން މާ ގިނައިރެއް ނުވަނީސް، އިސްމާއިލްގެ ބޮލަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ބޮލަށް ބަރުވެ މޭނުބައި ކުރާގޮތްވިއެވެ. އޭނާއަށް އެހީވާނެ މީހަކު ފެނޭތޯ ވަށައިގެން ނަޒަރެއް ދެވުނެވެ. ލޯ ފުސްވެފައި ހުރުމުން ތަންތަން ވެސް ފެންނަމުން ދިޔައީ ނުސާފުކޮށެވެ. އިނާމު ބަލައި ސްޓޭޖަށް އަރަން ދާން ވެސް ދެން މާ ގިނައިރެއް ނެތެވެ. ސްޓޭޖަށް އަރަން ދާން ތައްޔާރުވާން ތެދުވުމާއެކު އިސްމާއިލް ގޮނޑިއަށް ވެއްޓުނެވެ. ބޮލަަށް ބުރަވުމާއެކު އޭނާއަށް ބޮލުގައި އަތް އަޅާލެވުނެވެ. އެންމެންގެ ސަމާލުކަން އޭނާއަަަށް ހުއްޓިގެން ދިޔައެވެ. އޭނާ ކައިރީގައި ހުރި ކުއްޖާ އިސްމާއިލްއަށް ދެތިން ފަހަރަކު ގޮވައިލިއެވެ.
ގޭގެ ސިޓިންރޫމުގައި އެންމެން ތިބީ ޖަލްސާ ބަލާށެވެ. ދުފައި ރަތް ކޮށްގެން ބަހިއްޔާ އާއި ޖުވެއިދާ އުނދޯލީގައި ތިއްބެވެ. ޔާނީ އާއި އެވަން ސޯފާގައި ތިއްބެވެ. އެ ދެމީހުން ވެސް ތިބީ އިސްމާއިލްއަށް ރައީސްގެ އިނާމު ލިބޭތަން ބަލަން ކެއްމަދުވެފައެވެ. އެންމެންނަށް ހައިރާނަކަން ލިބުނީ ދެފައި އޮޅަމުން ސްޓޭޖަށް އެރި އިސްމާއިލް ފެނިފައެވެ. އިސްމާއިލް ފަހަތުން ދެ މީހަކު އޭނާ ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެމީހުން އަތުން ރެކިގެން އިސްމާއިލް ގޮސް ޕޯޑިއަމް ކުރިމަތީ ހުއްޓުނެވެ. ހަމަ ނުޖެހޭ މީހެއް ފަދައިން މައިކްއާ އަނގަ ކައިރިކޮށް އަޑު ލައްވަން ފެށިއެވެ. މައިކުން ތޫލި އަޑެއް އެރިއެވެ. އެއާއެކު ޓީވީން ލައިވް ވެސް ކަނޑާލިއެވެ. ޔާނީ އާއި އެވަންއަށް އެކަކު އަނެކަކަށް ބަލާލެވުނީ ހައިރާން ކަމާއެކުއެވެ. އިސްމާއިލްއަށް ވީގޮތެއް ނޭންގި ދެ ޒުވާނުން ވެސް ކަންބޮޑުވިއެވެ. އިސްމާއިލް ހުރީ ހަމަހޭގައި ނޫންކަން އެ މަންޒަރު ފެނުނު ކޮންމެ މީހަކަށް ވެސް ޔަގީންވާނެއެވެ.
“ރީތި ވެއްޖެއްނު…މަ އޭރުވެސް ބައްސާމް ކައިރީ ބުނިން އެ ސޮރަށް މާ ހެޔޮވާނެ ކަމެއް ނެތޭ…ރާއްޖެތެރޭ މީހުންނަކީ ފާޑެއްގެ ބަޔެކޭ…އެކަމު ހަމައަޑެއް ނޭހީ…އެފެނުނީ އެމީހުންގެ އަސްލު ފެންވަރު…” މަލާމަތް ކުރާ ރާގަށް ބަހިއްޔާ ބުންޏެވެ. އޭނާގެ މޫނު މަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ. “ކީއްކުރާނީ…މިހެން ބުނާ އަޑު އިވުނަސް ބައްސާމްއަށް ކުއްވެރިވާނީ އަހަރުމެން ވިއްޔާ” ޖުވެއިދާ ވެސް ، ބަހިއްޔާއާ އެއްބައިވިއެވެ. ދެމީހުން ތިބެގެން ދެން ވެސް އިސްމާއިލް ދަށްކޮށްފައި ވާހަކަ ދެއްކިއެވެ. ޔާނީ އާއި އެވަން ނުރުހުނު ކަމުގައި ވިއަސް އެއްޗެކޭ ނުބުނެ ތިބީއެވެ. ވީގޮތް އެމީހުންނަށް ވެސް ރަނގަޅަށް ނޭންގޭތީއެވެ. ސާރާ ކަންބޮޑުވެގެން ބައްސާމްއަށް ގުޅަން ފެށިއެވެ. ބައްސާމް ފޯނަށް ޖަވާބު ދިނީ ފަސް ވަރަކަށް ފަހަރު ގުޅި ފަހުންނެވެ. ބައްސާމް އެދުނީ އެވަންއަށް ފޯނު ދިނުމަށެވެ.
ކާރުގައި އެވަން ގޮސް މަޑުކޮށްލީ މާލެ ޕޮލިސް ސްޓޭޝަން ކުރިމަތީއެވެ. ކާރު ރަނގަޅަށް ޕާކު ވެސް ނުކޮށް ހަލުވި ފިޔަވަޅުތަކުގައި ގޮސް އެތެރެއަށް ވަނެވެ. އޭރު ވެއިޓިން އޭރިއާގައި ބައްސާމް އިނެވެ. ބައްސާމް ގެ މޫނު މަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.
މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމާއެކު އިސްމާއިލް ހައްޔަރު ކުރިއެވެ. އޭނާއަށް ހަމަހޭކަން ވެރިވީ އަނެއް ދުވަހު ހެނދުނުއެވެ. ޖަލްސާއަށް ގޮސް ވަން ފަހުން ވީ އެއްވެސް ކަމެއް އިސްމާއިލް ހަނދާނެއް ނެތެވެ. ހެނދުނު ހޭލިއިރު އޭނާ ބޮލުގައި ގަދަ ރިހުމެއް ހުއްޓެވެ. މިހާ ހަމައަކަށް އެޅުނީ ދެތިން ފަހަރު ހޮޑު ލެވުނު ފަހުންނެވެ. ހޭލިއިރު އޭނާ ފުލުހުންގެ ބެލުމުގައި ހުންނަން ޖެހުނި ސަބަބު ނޭންގުމުން ހުރީ ވާނުވާގައެވެ. އޭނާއަށް ވާނުވާ އިނގޭ ވަރުވީ ގަޑިއިރެއްހާ ފަހުންނެވެ. ފުލުހަކު އައިސް ކިޔައިދިނުމުންނެވެ. އިސްމާއިލް ވަގުތުން ދެކޮޅު ހެދިއެވެ. އޭނާއަކީ ދުވަހެއްގެ ކޮޅުން ވެސް، މަސްތުވާ ތަކެތި ބޭނުން ކުރި ޒުވާނެއް ނޫނެވެ. ދެން އަމުދުން ހަޔާތުގެ މުހިންމު ރެއެއްގައި މަސްތުވާންވީ ކީއްވެހެއްޔެވެ.
“މިއީ މި ވަގުތު ތިބޭފުޅާ މާލޭގައި ދިރިއުޅޭ ގޭގެ ކޮޓަރިން، ތި ބޭފުޅާގެ ސާމާނު ތަކާއި އެކު ފެނުނު ޕެކެޓުތަކެއް…ތިބޭފުޅާ ޕޮޒިޓިވް ވެފައި ވަނީ ވެސް މި ބާވަތުގެ މަސްތުވާ ތަކެއްޗަށް” އިސްމާއިލް ކުރިމަތީގައި ، ފުލުސްމީހާ ރަބަރު ޕެކެޓުތަކެއް ބެހެއްޓިއެވެ. “ތިއީ އެކަމު އަޅުގަނޑުގެ އެއްޗިއްްސެއް ނޫން… ” އިސްމާއިލްގެ އަޑުވަނީ ކުރަކިވެފައެވެ. ނޭންގި ހުއްޓާ ބޮޑު ކުށެއްގެ ތުހުމަތު އެ ވަނީ އޭނާގެ ބޮލުގައި އެޅިފައެވެ. ފުލުސް މީހާގެ ވާހަކަ ހުރިގޮތުން، އިސްމާއިލްއަކީ ކުއްވެރިޔާކަން މިހާރުން ސުރެ އޭނާ ހުރި ކަނޑައަޅައިގެންކަން އެނގެއެވެ. އަމިއްަލަ ދިފާއުގައި ވާހަކައެއް ބުނާނެ ފުރުސަތެއް ނުދެއެވެ. ސުވާލަކަށް ފަހު ސުވާލެއް ކުރަނުން ދިޔައެވެ. އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އިސްމާއިލް އަތަކު ނެތެވެ.
ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އިސްމާއިލް ކުރި ހުރިހާ ބުރަ މަސައްކަތެއް ފެނަށް ވެގެން ދިޔައެވެ. އެވޯޑް ހަފުލާއަށް ‘މަސްތުވެގެން’ ދިޔަ ޒުވާނާގެ ގޮތުގައި އިސްމާއިލް މުޅި ރާއްޖެއަށް މަޝްހޫރު ވެގެން ދިޔައެވެ. އޭނާއަށް ލިބިފައި އޮތް ސްކޯލާޝިޕް ބާތިލު ވެ، މަސްތުވާތަކެތި ބޭނުން ކޮށްގެންނާއި އޭގެ މުޢާމަލާތު ކުރުމުގެ ސަބަބުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. ބައްސާމް ވެސް އޭނާދެކެ ހިތްހަމަ ނުޖެހި ގުޅުން އެކީ ކަނޑާލިއެވެ. ރަށު ތެރޭގައި އިސްމާއިލްގެ މުޅި އާއިލާ ވެސް ބަދުނާމު ވެގެން ދިޔައެވެ. ހުދު ފަރުދާއެއް ދަށުގައި ފިލާ ހުރެ ، ނުބައި ކަންތައް ކުރި ޒުވާނެއްގެ ގޮތުގައި އިސްމާއިލް ލޭބަލް ކުރެވުނެވެ. މުޅި ދުނިޔެ ކުރިމަތީ އިސްމާއިލްގެ ނަން ކިލަނބު ވެގެން ދިޔައެވެ. ހުރިހާ ކަމަކަށް ވުރެ އިސްމާއިލް ހިތުގައި އެންމެ ބޮޑަށް ޖެހުނީ އޭނާގެ ސަބަބުން ބައްސާމް މާޔޫސްވީ ތީއެވެ. ދުލުން ނުބުނި ކަމުގައި ވިއަސް، ބައްސާމް އޭނާއާ މެދު ދެކެމުން އައި ގޮތް މުޅިން ބަދަލުވިކަން އެ މޫނު މަތިން ފެންނަން ހުއްޓެވެ. ހަރުކަށި ކަމާއެކު ވާހަކަ ނުދެއްކި ނަމަވެސް، ކުރިން އޮތް ގާތްކަން އެކީ ވަނީ ނެތި ގޮސްފައެވެ.
މާފުށީ ޖަލަށް އިސްމާއިލް ބަދަލު ކުރެވުނީ ހުކުމް ކުރިތާ ދެދުވަސް ފަހުންނެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔައީ ބަނަ ކަމެވެ. ދެލޯ ކައިރި ވަޅު ވަދެފައި ހުރިއިރު ތުނބުޅި އާއި އިސްތަށިގަނޑު ވަނީ ތަރުތީބެއް ނެތި ދިގުވެފައެވެ. ފެންނަމުން ދިޔައީ އުމުރަށް ވުރެ ދޮށި ކޮންނެވެ. ފުރާނަ ހުއްޓަސް، އެއްވެސް ދިރުމެއް ނެތެވެ. ކަރެކްޝަން އޮފިސަރު ގޮސް އިސްމާއިލް ވެއްދީ އަނދިރި ގޮޅިއަކަށެވެ. އެ ގޮޅީގައި ގޮދަޑިއެއް ފިޔަވާ އިތުރު އެއްޗެއް ނެތެވެ. އޭނާގެ ރޭވުމުގައި އޮތީ ކުރިއަށް އޮތް، ފަސް އަހަރު އިންޖީނިއަރިން ކިޔަވަން އޮސްޓްރޭލިޔާގައި ހޭދަކުރުމެވެ. އެހެނަސް ތަޤުދީރު މިވަނީ މުޅިން ބަދަލުވެފައެވެ. ހުވަފެންތަކުގައި ކުލަ ޖެހެން ނުހަނު ގާތްވެފައި ވަނިކޮށް އެވަނީ ފެނަށް ވެގެން ގޮސްފައެވެ. އޮސްޓްރޭލިއާގެ ބަދަލުގައި އޭނާ މި ވަނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދުވެފައެވެ. ގާތް މުސްތަގުބަލެއްގައި ވެސް، ހަޔާތަށް ބަހާރު މޫސުން އަންނާނެ ކަމުގެ މަލަމަތި ވެސް ފެންނާކަށް ނެތެވެ. އޭނާއަށް ވުރެ ބަދުނަސީބު މީހެއް މިދުނިޔޭގައި އެބަހުރިބާއެވެ؟
ނިމުނީ
Comments (1)
Comments are closed.
Alheyy ismail ah insaaf hoadha dheefa vaaahaka nimmaali nama.. yageen eii bahiyyaa and juwydhaa ge kameh..