
ތަޤްދީރުގެ ނިޔާ (1): މި ލޯތްބާއި ތި ވަޢުދު – 40

“މަންމާ”
ދޮރުމަތީ ހުއްޓިހުރި ރަހުމާގެ މޫނު ވަނީ އެކީ އެއްކޮށް ހުދުވެފައެވެ. އޭނާއަށް މި ފެނުނީ އެއްވެސް އިރެއްގައި އޭނާ އަންދާޒާ ކުރި މަންޒަރެއް ނޫނެވެ.
ޔޫޝާ އަށް މިފަދަ ބޮޑު އަނިޔާއެއް ދޭން ރަޒާނަށް ހިތްވަރު ލިބުނީ ކޮންތާކުން ހެއްޔެވެ؟
“މަންމާ.. މަންމަ ތި ހީކުރާ ގޮތަކަށް ނޫން…”
“ރަޒާން. ޔޫޝާ އަށް ތިހެން ހަދަން ކެރުނީ ކީއްވެ؟”
“ދައްތާ. އަޑުއަހާބަލަ…”
“މަގޭ… މަގޭ…” ރަހުމާގެ ދެލޯ މެރި ވެއްޓެން ދިޔައެވެ. އެ ފަޅި ސިކުންތުގައި ރަޒާން ގައިގައި ހުރި ބާރެއް ލައިފައި ހިނގައިގަތީ ރަހުމާ ވެއްޓުމުގެ ކުރިން ހިފަން ވެގެންނެވެ.
“ދައްތާ… ރަޒާން. ސޯފާއަށް ގެނޭ” ވެއްޓެން ދިޔަ ރަހުމާ ރަޒާން ހިފުމާއެކު ރޫޔާ ސޯފާއަށް އިޝާރަތް ކުރިއެވެ. ވަގުތު ބޭކާރު ނުކޮށް ރަހުމާ ދެއަތް ދަނޑި މައްޗަށް ލައިގެން ސޯފާ ކައިރިއަށް ހިނގައިގަތެވެ. ސޯފާ މަތީ ރަހުމާ ބޭއްވުމަށްފަހު އޭނާ ރަހުމާގެ މޫނުގައި ފިރުމައިލިއެވެ.
“މަންމާ…”
ސޯފާ މަތީ ރަޒާން ރަހުމާ ބޭއްވުމާއެކު ރޫޔާ ރަހުމާގެ ފައިދަށަށް ބާލިސް ލިއެވެ. ރަހުމާގެ އަތް އުފުލައިލުމަށްފަހު ވިންދު ޗެކު ކޮށްލިއެވެ.
“ދައްތާ!!” ރަހުމާ ލޯ ތޮޅޭ ތަން ފެނުމާއެކު ރޫޔާ ގޮވައިލިއެވެ.
“މަންމާ!” ރަޒާން ރަހުމާގެ އަތުގައި ހިފައިލިއެވެ. “އަޅުގަނޑު މިހުރީ..މަންމާ.. މަޑުމަޑުން ނޭވާލައި ބަލަ”
“ރަޒާން…” ބަލި އަޑުން ރަހުމާ ރަޒާނަށް ގޮވައިލުމާއެކު ރަޒާން ރަހުމާ އާ ގާތް ވެލިއެވެ.
“ލައްބަ މަންމާ”
“ޔާ ރައްބީ.. މަގޭ ދަރި…” ރަހުމާ ނޭވާތަކެއް ނަގަން ފެށިއެވެ.
“މަންމާ…”
“ރަޒާން. ކީއްވެ؟ ކީއްވެ ޔޫޝާ އާއި އިނދެގެން ހުރެ….” ރަހުމާ ސޯފާ ގައި އިށީނަމުން ރަޒާންގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.
“މަންމާ” ރަޒާން އަޑަށް ބާރު ލައިފައި ގޮވައިލުމާއެކު ރަހުމާ ހުއްޓުން އެރިއެވެ. ރަހުމާގެ ފުރިހަމަ ސަމާލުކަން އޭނާއަށް ލިބުމާއެކު ރަޒާން ނޭވާއެއް ދޫކޮށްލިއެވެ.
“މަންމާ.. އަހަންނާއި ޔޫޝާ ވަރިވެފަ.. މިހާރު… އަހަރެއް މިވަނީ”
މުޅި ގޭތެރެއަށް ހިމޭންކަމެއް ވެރިވިއެވެ. ރަޒާނާއި ރަހުމާ އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ރަޒާންގެ ފަހަތުގައި ހުއްޓިހުރި ރޫޔާ އިނީ އެ ދެމީހުންނަށް ބަލަންށެވެ.
“އަޅުގަނޑު މިދަނީ” މަންމައާއި ދަރިފުޅުގެ ވާހަކައިގެ މެދު ތެރެއަށް ނުވަންނަން ވެގެން ރޫޔާ އުޅުނީ އެތަނުން ދާންށެވެ. ފަހަތަށް އެނބުރުނު ވަގުތު މީހަކު އޭނާގެ މުލައްދަނޑީގައި ހިފިއެވެ.
“ނޫން. ރޫޔާ މަޑުކުރޭ” ރަޒާން ރޫޔާގެ އަތަށް ބާރުކޮށްލުމަށްފަހު ހަށިގަނޑު ސީދާކޮށްލިއެވެ.
ސޯފާގައި ރަނގަޅަށް އިށީނުމަށްފަހު ރަހުމާ ކުރިމަތީ ހުރި ދެ ޒުވާނުންނަށް ރަނގަޅަށް ބަލައިލިއެވެ. ރަޒާން ދެންމެ ހާމަކުރި ވާހަކަތައް ބޮލުގައި އެނބުރެން ފެށުމާއެކު އޭނާ ބޯ ހޫރައިލީ، ހަޤީގަތާ ދެކޮޅު ހަދަން ވެގެންނެވެ. ރަޒާން ވަރިވެގެން މިހާ ދުވަސްވީއިރު، އޭނާއަށް ހިލަމެއް ނުވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟
ހިތު ތެރޭ އެތަކެއް ސުވާލުތައް ފުނިޖެހުނެވެ. އެހެނަސް އޭނާއަށް އެއިން އެއްވެސް ސުވާލެއް ބޭރުކޮށް ނުލެވުނެވެ.
“މަންމާ!” ރަހުމާ އިން ގޮތް ފެނިފައި ރަޒާން ރަހުމާ ކައިރީ އިށީނެވެ. މަންމަގެ އަތް އަމިއްލަ އަތުތެރެއަށް ލުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލިއެވެ.
“އެނގޭ މަންމައަށް މިކަން އެނގެން ހައްޤުކަން. އެންމެ ފުރަތަމަ ދުވަހުން ސުރެ” ރަޒާން ބޯ އަރި ކޮށްލުމަށްފަހު ރަހުމާގެ ލޮލަށް ބަލައިލިއެވެ. “އެކަމަކު ނަސީރަށް އެއްވެސް ގޮތަކުން އެނގެން ބޭނުން ނުވާތީ އަޅުގަނޑާއި ޔޫޝާ މިކަން ސިއްރުކުރީ. މަންމައަށްވެސް އެނގޭ ނު ނަސީރު ރުޅި އައިސްފިއްޔާ ކަންތައް ކުރާނެ ގޮތް.”
“އެކަމަކުވެސް.. ދަރިފުޅާ”
“މަންމައަށް އެނގޭތަ ކީއްވެކަން ޔޫޝާ ރާއްޖެއިން ކުއްލިއަކަށް ދިޔައީ؟” ރަޒާންގެ ސުވާލާއެކު، ކައިރީގައި ހުރި ރޫޔާ މުޅި ހަށިގަނޑު ފިނިވިއެވެ. ރަޒާނަށް އެނގެނުނީ ހެއްޔެވެ؟ އޭނާއަށް ނަގައިގެން ހުރި ނޭވާ ހިފަހައްޓައިލެވުނެވެ.
“ނޫން..” ރަހުމާ ބޯ ހޫރައިލިއެވެ.
“ނަސީރަށް އެނގުނީ އަހަންނާއި ޔޫޝާ ވަރިކުރިކަން.. ޔޫޝާ އަމިއްލައަށް އަހަރެން ކައިރީ ބުނި… އެކަން އެނގުމާއެކު ޔޫޝާ އަވަހަށް ރާއްޖެއިން ޔޫ.ކޭ އަށް ފޮނުވައިލީ. އަމީރާއްތަވެސް ޔޫ.ކޭގެ ހޮސްޕިޓަލަކަށް ބަދަލުކުރީ. ނަސީރުބޭ ގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެ ދެމީހުންނަށް ބައްދަލުކުރެވޭ ގޮތަށް ހަދާފަ ބެހެއްޓީ.”
ރަޒާންގެ ވާހަކައިން ޔޫޝާ ވީ ގޮތުގެ އަސްލު ފޮރުވި ކަން އިހުސާސް ކުރެވުމާއެކު ރޫޔާއަށް ނޭވާއެއް ދޫކޮށްލެވުނެވެ.
“އަޅޭ…” ބޯ ހޫރަމުން ރަހުމާ ބުންޏެވެ. “އެކަމަކުވެސް ދަރިފުޅާ…”
“މަންމާ.. ސޮރީ.. އެކަމަކު އޭރު ކަން އޮތް ގޮތުން އަހަންނަށް މަޖުބޫރުވީ…”
ރަހުމާ ރަޒާންގެ އަތުގައި ފިރުމައިލިއެވެ. ރަޒާންގެ ނަޒަރު ސީދާ ވުމާއެކު އޭނާ ބޯ ޖަހައިލިއެވެ.
“ޑރ. ރޫޔާ ދޯ؟” ރޫޔާއަށް މޫނު އަނބުރައިލަމުން ރަހުމާ ސޯފާއިން ތެދުވިއެވެ.
“ލައްބަ…” ރޫޔާ ހަށިގަނޑު ސީދާވީ ބޭއިޚްތިޔާރުގައެވެ. އޭނާ ރަހުމާއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
“އަހަރެން ހަނދާން އެބަހުރި. ރަނާ އޮޕަރޭޓު ކުރި ޑޮކްޓަރެއް ނު…” ރަހުމާ ރޫޔާއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. “މިކަހަލަ ގޮތަކަށް ދޯ މި ދިމާވީ. ރަޒާނާ ހެދި..”
ރަހުމާގެ ބަހަށް އެއްބަސްވާން ރޫޔާ ބޯ ޖަހައިލިއެވެ.
“ކޮޅަށް ނުހުރެ އިށީންދެ.” ރޫޔާއަށް ސޯފާ ދައްކަމުން ރަހުމާ އަނެއްކާވެސް އެހެން ސޯފާއެއްގައި އިށީނެވެ. “ރަޒާން. އިތުރަށް މަންމައަށް ކަމެއް ސިއްރު ކޮށްގެންތަ ތިއުޅެނީ؟” ރަހުމާ ސޯފާގައި ހަމަޖެހިލަމުން ރަޒާނަށް ބަލައިލިއެވެ.
ރަޒާން އިސްނަގައި ބަލައިލީ ރޫޔާ އަށެވެ. އިން ތަނުން ތެދުވެ އޭނާ ގޮސް އިށީނީ ރޫޔާ ކައިރީގައެވެ.
“މަންމަ އެހީމަ މި ބުނަނީ…” ރޫޔާގެ އަތުގައި ހިފަމުން ރަޒާން ރަހުމާއަށް ބަލައިލިއެވެ.
“އަހަރެމެން ދެމީހުން އިންނަން ވެގެން މިއުޅެނީ”
***
އޮފީސް ނިންމައިފައި އަމިއްލަ އެޕާޓްމެންޓަށް ދިޔުމުގެ ބަދަލުގައި ރަޒާން މިސްރާބު ޖެހީ ރަހުމާ މެން އުޅޭ ގެއަށެވެ. ކާރު ޑްރައިވަރަށް ދާން ވިތަން ބުނުމަށްފަހު އޭނާ ޖީބުން ފޯނު ނެގިއެވެ. ރޫޔާގެ ފަރާތުން މި ދުވަސްކޮޅު ފެންނަމުންދާ އާދަޔާ ޚިލާފު ޢަމަލުތަކާ ބެހޭގޮތުން ރާޝިދު ކައިރީގައި ސުވާލުކުރަން އޭނާ ބޭނުންވިއެވެ. ކަމެއް ވަރަށް ބޮޑަށް ގޯސްވިކަން އޭނާއަށް އެނގެއެވެ. ރޫޔާއާއި ނާސިރުގެ ބައްދަލުވުމާ ބެހޭގޮތުން ރޫޔާ އޮޅުވައިލި ކަންވެސް އެނގެއެވެ.
ރަޒާން: މިރޭ ބައްދަލުކޮށްލެވޭނެތަ؟
ރާޝިދުބޭ: ހޫމް. ބޭބެގެ ގެއަށް މާދަން އަންނަންވީނު ދެކުދިން އެކީ..
ކާރު ގޭޓު ކައިރީ މަޑުކޮށްލުމާއެކު ރަޒާން އަވަހަށް ފޯނު ޖީބަށް ލިއެވެ. ކާރުން ފޭބުމަށްފަހު އޭނާ އެ އިމާރާތުގެ ތެރެއަށް ވަނެއެވެ. ފިޔަވަޅުތަކެއް އަޅަމުން އޭނާ ލިފްޓަށް އެރިއެވެ.
ގެއަށް ވަދެވުމާއެކު، އޭނާގެ ކަންފަތުގައި ޖެހުނީ ރަހުމާ ބަދިގޭގައި އުޅޭ އަޑެވެ. މޫނުމައްޗަށް ލުއި ހިނިތުންވުމެއް ގެންނަމުން ރަޒާން ލަސް ފިޔަވަޅުތަކެއް އަޅަމުން، ބަދިގެ ދޮރުމަތީ މަޑުކޮށްލިއެވެ.
“މަންމާ.. ކޯންޗެއް ތި ހަދަނީ؟”
ފަހަތުން ރަޒާންގެ އަޑު އިވުމާއެކު، އައިސް އަލަމާރި ކައިރީ ހުރި ރަހުމާ މޫނު އަނބުރައިލިއެވެ. އޭނާގެ ދޮށީދަރިފުޅު ފެނުމާއެކު ނޭވާއެއް ދޫކޮށްލިއެވެ.
“ރިހާކުރު ދިޔައާއި ހުނި ރޮށި…”އައިސް އަލަމާރިން މިރުސްކޮޅު ނަގަމުން ރަހުމާ ޖަވާބު ދިނެވެ.
“ރޫޔާ ވަރަށް މޮޅުވާނެ ރޮށި ދަމަން…” ރަހުމާ ކައިރީ ހުއްޓިލަމުން ރަޒާން ބުންޏެވެ. އޭނާ ރަހުމާއަށް ރަނގަޅަށް ބަލައިލިއެވެ. “މަންމަ ހިތްހަމަ ނުޖެހިފަތަ؟”
ރަޒާންގެ ސުވާލު އިވިފައި ރަހުމާ އަތުގައި އޮތް ކޮތަޅު ޝީޓު މަތީ ބޭއްވިއެވެ. އޭނާ އެއްޗެކޭ ނުބުނެ މިރުސް ކޮތަޅު ހުޅުވައިލިއެވެ.
“މަންމަ ހިތްހަމަ ނުޖެހިފައި މިހުރީ ދަރިފުޅު އެހާ ބޮޑު ކަމެއް ސިއްރު ކުރީމަ.”
“މަންމާ…”
“ނޫން… ދަރިފުޅާ..” ރަހުމާ ރަޒާނަށް ބަލައިލިއެވެ. “މަންމައަށް އެނގޭ ދަރިފުޅު އެހެން ހެދީ އެންމެންގެ ރައްކަލަކަށް ކަން. މަންމައަށްވެސް އެނގޭ ނަސީރުގެ ގޮތް. އެކަމަކު މަންމަ އެއް އިރެއްގައިވެސް ބޭނުމެއްނޫން ދަރިފުޅަށް ނޫފުލޭނެ ވަރުގެ ބުރަތައް އުފުލާކަށް. އެނގޭ ބައްޕަގެ ވަސިއްޔަތް ފުރިހަމަ ކުރަންކަން ޔޫޝާ އާ ކައިވެނި ކުރީ. ދަރިފުޅު އެ ވަސިއްޔަތް ފުރިހަމަ ކުރި. މަންމަވެސް، ބައްޕަވެސް ފަޚުރުވެރިވޭ ދަރިފުޅަށްޓަކައި.” ރަހުމާގެ ދެލޯ ފެންކަޅިވިއެވެ.
“ދަރިފުޅުގެ ބައްޕަވެސް ކަންތައްތައް ސިއްރުކުރި. އެތަކެއް ކަންކަމެއް މަންމަ ކައިރީ ނުބުނޭ. މަންމަގެ ރައްކަލަށްޓަކައި، ދަރިފުޅުމެންގެ އުފަލަށްޓަކައި. އެހެންވާކަށް މަންމައެއް ބޭނުމެއްނޫން. އަހަރެމެންނަކީ ބިއްލޫރިއެއް ނޫން، ބުރައެއް ސިއްރެއް ކޮނޑުމައްޗަށް ލީމަ ތަޅައިގެން ދާން. މީހުން އާއިލާ ބިނާކުރަނީ އެކަކު އަނެކަކުގެ ބުރަ އުފުލާ، އެކަކު އަނެކަކުގެ ސަޕޯޓަށް ވާން. ކަންކަން ސިއްރުކުރާކަށް ނޫން.”
“މަންމާ” ރަޒާން މަޑުމަޑުން ރަހުމާ ގައިގައި އޮޅުލައިގަތެވެ. ރަހުމާ އޭނާގެ މޭމަތީ ބޯ އަޅައިލުމާއެކު މަޑުމަޑުން މަންމަގެ ބޮލުގައި ފިރުމަންފެށިއެވެ. މަންމަ ހިތްފުރޭވަރަށް ރޯން ފުރުސަތު އޭނާ ދިނެވެ.
“ދެން މަންމަ ކައިރީ އެކަހަލަ ބޮޑުކަމެއް ސިއްރު ނުކުރާނަން.”
“ދެން މަންމައަކަށް ނޫނޭ ސިއްރުކުރަންވީ ކީއް. ” ރަހުމާ ރަޒާންގެ މޭމަތިން ބޯ ހިއްލައިލިއެވެ. “ރޫޔާ ދޯ.. އެމަންޖެއާ އިންނަން ތި އުޅެނީ. އެމަންޖެއަށް ސިއްރު ނުކުރަންވީ…” މޭޒުމަތިން ޓިޝޫ ނަގަމުން ރަހުމާ ބުންޏެވެ.
“ދަރިފުޅު ކިހިނެއް އެ މަންޖެއާ ދިމާވި؟” މޫނު ސާފުކޮށްލުމަށްފަހު ރަހުމާ އެހިއެވެ. ރަހުމާގެ ސުވާލަށް ރަޒާން ނޭވާއެއް ދޫކޮށްލިއެވެ.
“ވަސީމްގެ ކައިވެންޏަށް އެރަށަށް ދިޔަތަނާ. އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް އެނގުނީ ރޫޔާ ވަޅަށް ފޭބިކަން. އެފަހަރު އީދު ދުވަހު އޭނާ ގަހަށް އަރާ އޮއްވަވެސް ފެނުނު”
“އެއީ ޔޫޝާ އާ ކައިވެނި ކުރުމުގެ ކުރިން ދޯ؟” ޔަޤީން ކުރަންވެގެން ރަހުމާ ކުރި ސުވާލާއެކު ރަޒާންގެ މޫނު މަތިން އުފާވެރިކަމުގެ ކުލަ ފިލައިގެން ދިޔައެވެ. އޭނާ މަޑުމަޑުން ބޯ ޖަހައިލިއެވެ.
“ހޫމް. އަސްލު ހުރީ…” ރަޒާން ނަޒަރު ހުއްޓައިލީ ފާރަށެވެ. “ބައްޕަ ރަނގަޅުވެގެން މާލެ އައީމަ، ޕްރޮޕޯޒް ކުރަން… ދެން.. އެނގޭ ނު ކަންތައް ވީގޮތް…”
“ދަރިފުޅު އެކުއްޖާއާ ރައްޓެހިވެގެން އުޅެނިކޮށް ޔޫޝާއާ ކައިވެނި ކުރީ؟”
އެ ސުވާލަށް ރަޒާނަކަށް ޖަވާބެއް ނުދެވުނެވެ. އޭގެ ބަދަލުގައި މުޅި ބަދިގެ ތެރޭ ހަމަހިމޭން ވިއެވެ.
“އަޅޭ…”
“މަންމާ.. އަހަރެމެން އެކަކު އަނެކަކަށް މަޢާފު ކޮށްފިން.. މާޒީގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން…”
“އެކަމަކު ދަރިފުޅާ..” ރަހުމާއަށް ޤަބޫލުކުރަން ދަތިވެގެން އަނގަމަތީގައި އަތް އަޅައިލެވުނެވެ.
“އޭރު އެހެންވީ. ރޫޔާއަށް ވިސްނުނު އަހަރެން ކައިވެނި ކުރީ ކީއްވެގެން ކަންވެސް. ހަ އަހަރު ފަހުން އަހަންނާ ދިމާވުމުން ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވުނު. އަޅުގަނޑަށްވެސް އެނގޭ އޭރު ކަންތައްތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. މާޒީއާ މެދު ފިކުރު ކުރާކަށް ދެމީހުންވެސް ބޭނުމެއް ނޫން މިހާރު” ރަޒާން ރަހުމާގެ އަތުގައި ހިފައިލިއެވެ.
ރަހުމާ އޭނާގެ ދަރިފުޅުގެ އަތަށް ބާރުކޮށްލުމަށްފަހު މަޑުމަޑުން އެ ދަރިފުޅު ގައިގައި ބައްދައިގަތެވެ. ލޯބިން ދަރިފުޅުގެ ބަދަމަތީ ފިރުމައިލިއެވެ.
“މަންމަވެސް، ބައްޕަވެސް ބޭނުންވަނީ ދަރިފުޅު އުފަލުގައި ހުންނަން.. ދަރިންގެ އުފަލަކީ މައިންބަފައިންގެ އުފާ”
***
ސޯފާގައި އިން ރޫޔާ އިރުއިރުކޮޅާ ފޯނު ޗެކު ކޮށްލެވެނީ މައިރާގެ މެސެޖަކަށް ކެތްމަދުވެ ހުރެއެވެ. ކޮފީ މޭޒުމަތީ ބަހައްޓައިފައި އިން ލެޕްޓޮޕާއި ގަނޑުތަކަށް ނަޒަރު ހިންގައިލުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލިއެވެ. ރާޝިދުގެ ބަސްތަކުގައި ހިފައިގެން އޭނާ އުޅުނީ، އެ ބަރު ހިތަށް ތަސައްލީ އެއް ހޯދަންށެވެ. އޭނާ ރަޒާން ގާތު ބުނެވިދާނެއެވެ. އެހެނަސް ރަޒާން ގާތު ބުނާ ހިސާބުން، ޔޫޝާ ގެ ކޮއްކޮމެންނަށާއި ޔޫޝާ ގެ މަންމައަށް ވާނެ ގޮތް ނޭނގޭހާ ހިނދަކު އޭނާއަށް އެކަންވެސް ކުރެވޭކަށް ނެތެވެ.
ދޮރު ބެލުގެ އަޑު އިވުމާއެކު ރޫޔާ އަވަހަށް ސޯފާއިން ތެދުވެ، ދޮރު ހުޅުވަން ދިޔައެވެ. ދޮރު ހުޅުވުމާއެކު، ކުރިމަތީ ހުރި މައިރާއަށް އޭނާ ލުއި ގޮތަކަށް ބޯ ޖަހައިލިއެވެ. ނާސިރުގެ އިންޒާރަށް ފަހު އޭނާ އުޅުނީ މައިރާ އާ ދުރު ދުރުގައެވެ. މައިރާ ހިތްހަމަ ނުޖެހިފައި ހުންނާނެ ވަރު އޭނާއަށް އެނގެއެވެ.
“މަ އަދި ހީކުރީ އިތުރު ދެ ހަފްތާ ނަގާނެ ކަމަށް…” ހިތްހަމަ ނުޖެހިފައި ހުރި ކަމުގައި ވިޔަސް، މައިރާ ރޫޔާ ގައިގައި އޮޅުލައިގަތެވެ.
“ސޮރީ. ކަންތައް ޕްރޮސެސް ކުރަން ކުޑަ ވަގުތުކޮޅެއް ނެގީ.. ވަރަށް ހެކްޓިކް ކޮށް މިއުޅެނީ…”
“ޔޫ އޯކޭތަ؟” ހާސްވެ ހުރެ މައިރާ ރޫޔާގެ މޫނަށް ބަލައިލިއެވެ. ޖަވާބުގައި ރޫޔާ ބޯ ހޫރައިލިއެވެ.
“އަހަރެން އެބައޮތް އެއްޗެއް ދައްކަން ވެފަ” ދޮރު ލައްޕައިލުމަށްފަހު ރޫޔާ މައިރާގެ އަތުގައި ހިފައިގެން ދިޔައީ ސިޓިން ރޫމަށެވެ.
ކޮފީ މޭޒުމަތީ ހުރި ގަނޑުތައް ފެނުމާއެކު މައިރާގެ ދެލޯ ބޮޑުވިއެވެ. ރޫޔާގެ އަތް ދޫކޮށްލައިފައި އޭނާ އަވަހަށް އެ ގަނޑުތައް ނެގިއެވެ. އެ ގަނޑުތަކާއި ފޮޓޯތައް ރަނގަޅަށް ބެލުމަށްފަހު އޭނާ ރޫޔާއަށް ބަލައިލީ އެތަކެއް ސުވާލުތަކަކާ އެކުއެވެ.
“މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން..” ރޫޔާ ނޭވާއެއް ނަގައިލިއެވެ. “ނަސީރު އަހަންނާ ބައްދަލުކުރި… ހީ ނޯޒް. އަހަރެމެން އޭނާ އިންވެސްޓިގޭޓް ކުރާކަން. ޔޫޝާ އަހަރެމެންނަށް އެހީ ވިކަން. އޭނާ…” ރޫޔާ މައިރާގެ މޫނަށް ބަލައިލިއެވެ. “އޭނާ އަހަންނަށް އިންޒާރު ދިނީ. އަހަންނާ ކޮންމެ ގޮތަކުން ގުޅުން ހުރި އެންމެންނަށް ގޮތެއް ހަދާނެ ކަމަށް ބުނި، އޭނާ ބޭނުންވާ ގޮތަށް ކަންތައް ނުކޮށްފިއްޔާ.. އަދި” ރޫޔާ މަޑުމަޑުން ފިޔަވަޅުތަކެއް އަޅަމުން ލެޕްޓޮޕް ހުޅުވައިލިއެވެ. ލެޕްޓޮޕަށް ޖަހައިފައި އިން ޕެންޑްރައިވަށް ކަޅި އެއްލުމަށްފަހު އޭނާ ސްކްރީނުން ފައިލެއް ހުޅުވައިލިއެވެ. “އަހަންނަށް މި ވީޑިޔޯ ދިނީ” މައިރާއަށް ސްކްރީން ފެންނާނެ ހެން ލެޕްޓޮޕް އަނބުރައިލުމަށްފަހު ރޫޔާ އެ ވީޑިޔޯ އެޅުވިއެވެ.
ހަށިގަނޑު ސީދާކޮށްލުމަށްފަހު ރޫޔާ މޫނު އަނބުރައިލިއެވެ. ދެލޯ މަރައިލީ އެ ވީޑިޔޯ ބަލަން އޭނާއަށް ކުޅަދާނަ ނުވީމައެވެ. އަމީރާގެ ހަޅޭކުގެ އަޑު މުޅި ސިޓިން ރޫމު ތެރޭ އިވުމާއެކު އޭނާ ސިހުނެވެ. އެހުރިހާ އިރު މައިރާގެ ފަރާތުން އޭނާއަށް އެއްވެސް އަޑެއް ނީވެއެވެ.
ވީޑިޔޯ ނިމުމާއެކު މައިރާ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ މަޑުމަޑުން އެ ލެޕްޓޮޕް ލައްޕައިލިއެވެ. ބަހެއް ބޭރު ނުކޮށް އޭނާ ނިތްކުރީގައި ފިރުމައިލިއެވެ.
“ޔޫޝާގެ މަންމަ ދޯ އެއީ” އޭނާ އެހީ ވަކި ޔަޤީން ކުރަންވެގެން ނެއް ނޫނެވެ.
“ޔޫޝާ ބުނީ، ނަސީރަށް ޔޫޝާ ގެ ބައިވެރިވުން އެނގުނުހާ ހިސާބުން އޭނާ ޔޫ.ކޭއަށް ފޮނުވައިލީ. ޔޫޝާ ގެ މަންމަވެސް ޔޫ.ކޭގެ ފެސިލިޓީއަށް ބަދަލުކުރީ.. އެއަށްފަހު އޭނާ އަހަންނާ ބެހޭގޮތުން މަޢުލޫމާތު ހޯދީ.. ނަސީރުއާ ބައްދަލުވި ރޭ އޭނާ އަމިއްލަ އަނގައިން ޝަފަޤްގެ ނަން ބޭރުވީ. ވާހަކަ ހުރި ގޮތުން އަހަންނަށް އެނގޭ އޭނާ ސީރިއަސް ވެފައި ހުރި ވަރު. އޭނާ ޔޫޝާ ރާއްޖެ ގެނައީ އަހަރެން އިންވެސްޓިގޭޓް ކުރުން ހުއްޓައި ލީމަ، ރިވާޑެއް ހެން”
މައިރާ އެއްޗެކޭ ނުބުނެ މޫނުމަތީ ދެއަތް އެޅިއެވެ. ކަރު ބުޑުން އަޑެއް ބޭރުކޮށްލުމަށްފަހު އޭނާ ދެއަތް ތިރިކޮށްލިއެވެ. އޭނާ ރޫޔާ އާ ނަޒަރު ސީދާކޮށްލިއެވެ.
“ޔޫ… އިޑިއަޓް.. ސީރިއަސްކޮށް” މައިރާ އަވަހަށް ރޫޔާ ގައިގައި އޮޅުލައިގަތެވެ.
“ސޮރީ.. އައި ޝުޑް ހޭވް ޓޯލްޑް ޔޫ ބިފޯ. އެކަމަކު ހުރިހާ ކަމެއް ހަމައަކަށް އެޅެންދެން.. ޔޫ ނޯ.. ނަސީރަށް ސަސްޕިޝަސް ނުވާނެ ހެން”
“އައި އަންޑަސްޓޭންޑް” ދުރަށް ޖެހިލަމުން މައިރާ ޖަވާބު ދިނެވެ. “ރޫ ރަނގަޅަށް ކަންތައް ކުރީ…” ރޫޔާގެ އަތުގައި ހިފައިލަމުން މައިރާ ބުންޏެވެ.
“އައި ޑޯންޓް ނޯ… ބައިވަރު ކަންތައް ވެގެން ދިޔަ އޭގެ ފަހުން…”
“ތިބުނީ…”
ރޫޔާ ތުންފަތުގައި ދަތް އަހައިލިއެވެ. މައިރާ އާ ނަޒަރު ވަކިކޮށްލުމަށްފަހު ރޫޔާ ދުރަށް ބަލައިލިއެވެ.
“އައި އޭމް އޮފް ދި ރޯޓާ. އައި ގޮޓް ޑިސްޓްރަކްޓެޑް އެންޑް.. އޯލްމޯސްޓް…”
“ވަޓް؟” މައިރާގެ ދެލޯ ބޮޑުވިއެވެ. ރޫޔާގެ ދެކޮނޑުގައި ހިފައި ލުމަށްފަހު ރޫޔާގެ މޫނަށް ބަލައިލީ ހާސްވެ ހުރެއެވެ. “ރޫ… ޔޫ އާ ބެންޗްޑް؟ ސިންސް ވެން؟”
“ލާސްޓް ވީކް.. އެންޑް…” ރޫޔާ މައިރާގެ އަތް ދުރުކޮށްލިއެވެ. “ރަޒާނަކަށް ނޭނގޭ މިކަމެއް”
“ރޫޔާ…”
“އައި ނޯ.. ބަޓް ހީ އޯލްރެޑީ ހޭޒް ހިޒް ޕްލޭޓް ފުލް.” ރޫޔާގެ ރާގު ހުރި ގޮތުން އޭނާ ރަޒާން ގާތު އެއްވެސް ވާހަކައެއް ކިޔައިދޭކަށް ނޫޅޭކަން އޭނާއަށް ވިސްނުނެވެ. މައިރާ ގޮތް ހުސްވެފައި ބޯ ހޫރައިލިއެވެ.
“ދެން މިހިސާބުން މިކަންވެސް ނިމުނީނު. ރަޒާން އެ އުޅެނީ ނަސީރުގެ ބާރުތައް ކަނޑުވަން ވެގެން، ކޮންމެވެސް ދުވަހަކުން އޭނާ ހޮސްޕިޓަލުވެސް ސަލާމަތް ކޮށްފާނެ އެއްނު”
“ރޫ..”
“މައި.. ދެން މިވާހަކަ ނުދައްކަމާ. ރަޒާނާއި އަހަރެމެން ދެމީހުން ކައިވެނި ކުރަންވެގެން މިއުޅެނީ. އައި އޭމް ގޮނާ ފޯކަސް މައިސެލްފް އޮން ދެޓް.”
“އޯކޭ… ރޫ ބޭނުން ގޮތެއް” ރޫޔާ އޭނާގެ ގައިގައި އޮޅުލައިގަތެވެ.
“ތެންކްސް މައި… ހަމަ އަސްލަށްވެސް….”
މައިރާ ރޫޔާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާގެ އެކުވެރިޔާގެ ހާލާމެދު ކަންބޮޑުވެ ހުރެއެވެ.
***
ލައިގެން ހުރި ރަތް މަތިކޮޅު ރަނގަޅަށް ހެޔޮކޮށް ލަމުން ރޫޔާ ކޮޓަރިން ނުކުތް ވަގުތެވެ. ކޮފީ މޭޒުމަތީ އޮތް ފޯނު ރިންގުވާ އަޑު އިވިފައި ރޫޔާ އަވަހަށް މޭޒުމަތިން ފޯނު ނެގިއެވެ. ރަޒާންގެ ނަން ފެނިފައި އަވަހަށް ފޯނު ނެގިއެވެ.
“ހަލޯ.. މި ދަނީ…”
ލިފްޓުން ފޭބުމަށްފަހު، އަވަސް ފިޔަވަޅުތަކެއް އަޅަމުން ރޫޔާ އެ އިމާރާތުން ނުކުތީ ރަޒާން ގެ ހިލަމެއްވޭތޯ ދެކޮޅު ބަލަމުންނެވެ. ކޮނޑުގައި އަޅުވައިފައި އިން އަތް ދަބަހުން ފޯނު ނެގުމަށްފަހު އޭނާ ރަޒާންގެ ނަމްބަރަށް ގުޅަން އުޅުނެވެ. އެހެނަސް ކައިރިން ކާރު ބަރުގޮނުގެ އަޑު އިވިފައި ރޫޔާ ފަސް އެނބުރި ބަލައިލިއެވެ. ކާރު ޑްރައިވަރު ސީޓުގައި އިން ރަޒާން ފެނިފައި އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިއެވެ. އަވަސް ހިނގުމެއްގައި އޭނާ އެ ކާރާ އަރާ ހަމަކުރުމަށްފަހު، ޕަސެންޖަރު ސީޓުގެ ދޮރު ހުޅުވައިލިއެވެ. ވަގުތު ބޭކާރު ނުކޮށް އޭނާ ސީޓުގައި އިށީނެވެ. ރޫޔާ ސީޓުގައި ހަމަޖެހިލުމާއެކު ރަޒާން ކާރު ދުއްވައިލިއެވެ.
“އަހަރެންގެ ނަސީބު ހާދަ ރަނގަޅޭ…” އެއް އަތުން ކާރުގެ ހުންގާނުގައި ހިފައިގެން ހުރެ، ރަޒާން ރޫޔާއަށް ކަޅި އެއްލިއެވެ.
“ތި ބުނީ؟”
“ރޫޔާ ކަހަލަ ލޯބި އަންހެނެއް އަހަރެންގެ ބައިވެރިއަކަށް ވާން އުޅޭތީ…” ރޫޔާގެ އަތުގައި ހިފަމުން ރަޒާން އެއް ބުމަ އަރުވައިލިއެވެ. ރޫޔާގެ ކޯތާފަތް ރަތް ވި މަންޒަރު ފެނިފައި ރަޒާނަށް ހެވުނެވެ.
“ސާބަސް…” ރޫޔާ ރަޒާންގެ އަތަށް ބާރުކޮށްލަމުން ރަޒާނަށް ބަލައިލިއެވެ.
“ތެދު ވާނީ ތެދަށް ދޯ. ކޮންމެ ގޮތަކަށް ބުންޏަސް” ރޫޔާގެ އަތް އޭނާގެ ތުންފަތާ ކައިރިކޮށްލަމުން ރަޒާން ބުންޏެވެ. ރޫޔާ އާ ހަތަރު ކަޅި ހަމަކުރަމުން އޭނާ ރޫޔާގެ އަތުގައި ބޮސް ދިނެވެ.
“ހޫމް. މަ ކޮން އިރަކުތަ ބުނީ ރަޒާން ދޮގު ހަދަނީއޭ؟” ރޫޔާގެ ހިނިތުންވުން ފުންވިއެވެ.
“ރޫޔާ ސާބަސް ބުނިގޮތުން ހީވަނީ އަހަރެންގެ ބަސް ޤަބޫލު ނުކުރާހެން” ރަޒާންގެ ޖުމުލައާއެކު ރޫޔާ ތުން ދަމައިލިއެވެ. އޭނާ އެއްޗެކޭ ނުބުނެ، ރަޒާންގެ އަތަށް ދަމައިލިއެވެ. ރަޒާނަށް ބަލަން ހުރެ އޭނާ ރަޒާންގެ އަތުގެ ކުޑަހުޅުގައި ތުންފަތް ޖައްސައިލިއެވެ.
“މިހާރު ޤަބޫލު ކުރެވޭތަ؟” ދިމާކުރާ ރާގަކަށް ރޫޔާ އަހައިލިއެވެ. ރައްދުގައި ރަޒާން މަޑުމަޑުން ހޭންފެށިއެވެ.
“ހަމަ ލޯބި އަންހެނެއް އަހަންނަށް މި ލިބުނީ. ތިހާ ލޯބިކޮށް ކަންތައް ކުރަންޏާ އަހަރެންގެ ހިތަށް ކެތްވާނެބާ؟”
ރޫޔާ އެދެމީހުންގެ ގުޅިފައިވާ އަތަށް ބަލައިލިއެވެ. ރަޒާންގެ އަތުގެ ކުޑަހުޅު މަތީ އޭނާގެ ލިޕްސްޓިކް މާކު ފެނިފައި ދަބަހުން ޓިޝޫ އެއް ނަގަން އުޅުނެވެ.
“ނޮޕް. ފޮހެން އުޅޭނެ ކަމެއް ނެތް…”
“އެއީ؟” ހައިރާންވެ ހުރެ ރޫޔާ ރަޒާނަށް މޫނު އަނބުރައިލިއެވެ.
“ރޫޔާގެ މާކެއް ނު.”
“އެންމެންނަށް ފެންނާނެ” ރޫޔާ ނުތަނަވަސްވެފައި ބުންޏެވެ. ރޫޔާގެ ހާސްވެފައިވާ މޫނު ފެނުމާއެކު ރަޒާން އިޝާރާތްކުރީ ޕަސެންޖަރު ކޮމްޕާޓްމެންޓަށެވެ.
“އޭގައި އިންނާނެ އަހަރެންގެ ގަޑި ފޮށި.”
ރަޒާން ބުނިހެން ގްލޯވް ބޮކްސް ތެރޭ ގަޑި ފޮށްޓެއް އޮތެވެ. ރޫޔާ ފަރުވާތެރިކަމާއެކު އެ ފޮށި ނަގައި ހުޅުވައިލިއެވެ. އެ ފޮށި ތެރޭ އޮތް ގަޑި ނެގުމަށްފަހު، އެ ފޮށި އަނބުރާ ގްލޯވް ބޮކްސް ތެރެއަށް ލިއެވެ. ރަޒާންގެ އަތް އޭނާއާ ކައިރިކޮށްލުމަށްފަހު އެ އަތު ކުރީގައި އެ ގަޑި އެޅުވިއެވެ. ރަނގަޅަށް އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ރޫޔާ އަނެއްކާވެސް އެ އަތުގައި ހިފައިލިއެވެ.
“މި އާދެވުނީ” ކާރު ޕާކު ކުރަމުން ރަޒާން ބުންޏެވެ. ރޫޔާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. ރާޝިދުގެ ގޭ ފެނިފައި އޭނާ ނޭވާއެއް ދޫކޮށްލިއެވެ.
***
“އަހަރެމެން ދެމީހުން ކައިވެނި ކުރަން މިއުޅެނީ”
ރަޒާންގެ ޖުމުލައާއެކު އަޒުރާ އަނގަމަތީ އަތް އަޅައިލިއެވެ. ރަޒާން ކައިރީ އިން ރޫޔާއަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައެވެ. އަޒުރާގެ ނަޒަރު އޭނާއަށް އަމާޒުވުމާއެކު ރޫޔާ ލަދުން ބޯ ޖަހައިލިއެވެ.
“އަޅޭ. އަލްޙަމްދުﷲ، އުފާވެރި ޚަބަރެއް. މަރުހަބާ ދެކުދިން…” އަޒުރާ ތެދުވެ ރޫޔާގެ އަތުގައި ހިފައިލިއެވެ. ލުއި ހިނިތުންވުމަކާއެކު ރޫޔާވެސް ތެދުވެ އަޒުރާ ގައިގައި ބައްދައިގަތެވެ.
ރާޝިދު ރޫޔާއަށް ބަލަން ހުރެފައި މަޑުމަޑުން ބޯ ޖަހައިލިއެވެ. މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު ގެންނަމުން އޭނާވެސް އިންތަނުން ތެދުވެ، ރަޒާނާ ސަލާމްކުރިއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ގައިގައި ބައްދައިގަތެވެ.
“މަރުހަބާ ދެކުދިން… ބޭބެވެސް އުފާވެއްޖެ…” އޭނާ ރަޒާންގެ ކައިރިން ދުރަށް ޖެހިލަމުން ރޫޔާގެ ބޮލުގައި ފިރުމައިލިއެވެ. “ކޮން އިރަކު ކައިވެނި ކުރަން ތި ވިސްނަނީ؟”
“ހަތަރު ފަސް މަސް ތެރޭ.. ސްކޫލް ބަންދާ ދިމާކޮށްފަ…”
“އެހެންވީމާ އަހަރެމެން ދެމީހުން މިޖެހުނީ ކުރީބައިގައި ލީވް އަށް ލާން ދޯ” ރާޝިދު ސަމާސާކުރަމުން ރޫޔާއަށް ބަލައިލިއެވެ. އެތަކެއް ސުވާލާ އަސަރު ތަކާއެކު އެވެ. ރޫޔާއަށް އެ ހުރިހާ އެއްޗެއް ފެނުނެވެ. ނަމަވެސް އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ.
ރާޝިދުގެ ދެމަފިރިންނާއެކު ކައި ނިމުމަށްފަހު، ރޫޔާ އުޅުނީ އަޒުރާ އާ އެކު ތަން ރީތި ކުރުމުގައިއެވެ. ރާޝިދުގެ އެދުމުގެ މަތިން ރަޒާން ދިޔައީ ރާޝިދު އާއެކު އެ ގޭގެ ޓެރަހަށެވެ.
“ޔޫ.ކޭ ދަތުރު ވަނީ ކިހިނެއް؟” ޓެރަހުގައި އިން ޖޯލީގައި އިށީނަމުން ރާޝިދު ރަޒާނަށް ބަލައިލިއެވެ.
“ރަނގަޅު. ބޭނުންވީ ގޮތަށް ކަންތައްވީ” ރަޒާން ރާޝިދު ކައިރީ އިށީނަމުން ބުންޏެވެ.
“އަދި އެއްފަހަރު މަރުހަބާ ކިޔަން ދެކުދިންނަށް. ބޭބެ ހަމަ ވަރަށްވެސް އުފާވެއްޖެ.”
“ޝުކުރިއްޔާ.” ރަޒާން ކަޅުފޮއެ އުޑަށް ބަލައިލިއެވެ. “ބޭބެއަށް އެނގޭދޯ ރޫޔާއަށް ކަމެއް ދިމާވެގެން އުޅޭކަން” ރަޒާންގެ ސުވާލު ވީ ކޮންމެހެން ތެދު ހޯދަން ކުރި ސުވާލެއް ނޫނެވެ.
“ހޫމް. ބޭބެއަށް އެނގޭ.”
“ނަސީރާ ބައްދަލުކުރިކަންވެސް އެނގޭތަ؟”
މިފަހަރު ރާޝިދު އެއްޗެކޭ ބުނުމުގެ ބަދަލުގައި ހަމަ ހިމޭންވިއެވެ. އޭނާ ޖޯލީގައި ލެނގިލަމުން އޭނާ އުޑަށް ބަލައިލިއެވެ.
“ބޭބެއަށް އޮތް ހައްގެއްނޫން ވެގެން އުޅޭ ގޮތް ކިޔައި ދިނުމަކީ. ބޭބެ ނޫޅެން ޢާއިޝާގެ އިތުބާރު ގެއްލުވާލާކަށް. ބޭބެއަށް ބުނެވެން އޮތް އެއްޗެއް ބޭބެ ބުނާނަން. އެނގޭތަ ޢާއިޝާ ސާޖަރީތަކުން ބެންޗު ކުރެވިފައި އިން ކަން؟”
“ކީކޭ؟ ތި ކޮން އިރަކު ވީ ކަމެއް؟” ރަޒާނަށް ޤަބޫލު ކުރަން ނޭނގިފައި ރާޝިދަށް ބަލައިލިއެވެ.
“އޭނާގެ އަތުން ގޯހެއް ހެދުނީ. އެކަމަކު އަވަހަށް އެކަން ރަނގަޅުވެސް ކުރި. ޕޭޝަންޓްގެ ފުރާނަ ކިރިޔާ ސަލާމަތްވީ..” ރާޝިދު ފުންނޭވާއެއް ދޫކޮށްލިއެވެ. “އަހުމަދު، ބޭބެ ނަސޭހަތެއް ދެންތަ؟”
ރަޒާން އެއްޗެކޭ ނުބުނެ ރާޝިދަށް ބަލަން ހުރިއެވެ.
“މިވަގުތު، ޢާއިޝާ އެހުރީ ވަރަށް ނާޒުކު ހާލެއްގައި. ނު އުފުއްލަންޖެހޭ އެތަކެއް ބުރައެއް އެދަނީ އުފުލަމުން. ނަސީރުގެ ސަބަބުން، އަނެއްކޮޅުން ޢާއިޝާގެ ބައްޕަގެ ބަލި. އަހުމަދުގެ އަތުން ހަދައިލެވޭ ގޯހަކުން އަހުމަދުގެ އަތުން އެކުއްޖާ ގެއްލިގެން ހިނގައިދާނެ.”
“ދެން އަޅުގަނޑު ކީއް ކުރަންވީ؟”
“ޢާއިޝާއަށް ވަޤުތު ދީ. ބޭބެއަށް އެނގޭ އާއިޝާއަށް ނުވާވަރު ވީމަ އަހުމަދު ގާތަށް އަންނާނެކަން. އެދުވަހަކު ރުޅި އައުމުގެ ބަދަލުގައި އަމާންކަން ފޯރުކޮށްދީ. ބޭބެއަށް ބުނެވޭނީ އެވަރަށް.”
***
ރޫޔާ ފުންނޭވާއެއް ނަގަމުން އަނެއްކާވެސް މޭޒުމަތީ އޮތް ފޯނު ނެގިއެވެ. ކައިރީގައި އިން ބަންގްލަދޭޝް އަންހެން މީހާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އޭނާ ހޮސްޕިޓަލުގެ ކްލިނިކަލް ސަޕޯޓް ސާވިސަށް ގުޅައިލިއެވެ.
“ޓްރާންސްލޭޓާ އެއް ފޮނުވާލާ ދެއްވާ ސަޖިކަލް އޯ.ޕީ.ޑީ ރޫމް ތިނަކަށް”
އެކޮޅުން އާއެކޭ ބުނުމާއެކު ރޫޔާ ފޯނު ބޭއްވިއެވެ. ސިސްޓަމުން ޕޭޝަންޓްގެ ހިޒްޓްރީ ހުޅުވައިލިއެވެ. އޭނާ އެ ކިޔައިލީ ވެގެން އުޅޭ ގޮތް ދެނެގަންނަން ވެގެންނެވެ.
ދޮރުގައި މީހަކު ޓަކި ދިން އަޑަށް ރޫޔާ ހަށިގަނޑު ސީދާކޮށްލިއެވެ. އެތެރެއަށް ވަންނަން ހުއްދަ ދިނުމަށްފަހު ދޮރުން ވަދެގެން އައި އަންހެން ކުއްޖާއަށް ހީލިއެވެ.
“ލައިލާ؟؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
41st bai nereyni kon dhuvahakun
Hi. This week in’sha allah.
Have been busy with college and life, so slow update these days.