Skip to content
އެސްފިޔަ

ހުވަފެން ދެކޭނީ – 6

Listen to this story Audio · 9:31 Powered by Esfiya Voice
0:00 9:31

ރާއްޖޭގެ ޤުދުރަތީ ރީތިކަން ފެނި އީވްމެން ތިބީ އަޖައިބުވެފައެވެ. ސާފު ބިއްލޫރި ފަދަ ކަނޑާއި، ކުދިކުދި މުތީ ތަކެއް ފަދަ ރަށްތަށް ފެނި އެމީހުން އާޝޯހު ވަމުން ދިޔައެވެ. ފިނޮޅަށް ދިޔަ މަގުގައި ރިސޯޓުތައް ވެސް ވަރަށް ގާތުން އެމީހުންނަށް ފެނުނެވެ. ކަޝާންވެސް އޭނާ ގެނައި ކެމެރާގައި މަންޒަރުތައް ރައްކާކުރަމުން ދިޔައެވެ.
ވިލު ނޫކުލައިގެ ފަޅު ތެރެއިން ފިނޮޅު ތެރެއަށް ލޯންޗު ވަނެވެ. ގޮނޑުދޮށަށް އެމީހުން ބޭލުމަށް ބޮއްކުރާއެއް އައިސް އޮތެވެ. ޖާގަ ހުރި ގޮތުން އީވް ޖެހުނީ އިސްމާއިލް ގާތު އިށީންނާށެވެ. ރާޅާއެކު ބޮއްކުރާ އަރި އަޅައިލި ވަގުތު އީވް އަށް އިސްމާއިލް ގައިގައި ހިފެހެއްޓުނެވެ. ކަޝާންއަށް ބަލާލުމަށްފަހު އީވް ނިކަން އަވަހަށް އިސްމާއިލްއާ ދުރަށް ޖެހުނެވެ.

ފިނޮޅަށް ފޭބި ގޮތަށް ފުރަތަމަ ވެސް އެމީހުން ސައި ބުއީއެވެ. އެމީހުން އައީ ސައިބޯން މަސް ހުންނާ ރޮށީގެ އިތުރަށް ޕާނާއި ސޮސެޖު އަދި ބޭކެޑް ބީންސް ހިފައިގެންނެވެ. ހެނދުނު ސައި ހިފައިގެން އައި ކަމުގައި ވިއަސް، މެންދުރު ކެއްކުން އޮތީ ފިނޮޅުގައެވެ. ޒުވާން ދުވަސްވަރުގައި ކޮށް އުޅުނު ކަމެއް ވުމުން ބައްސާމް މިހާރު ވެސް ހުރީ ވަރަށް އެކަން ކުރާހިތުންނެވެ.

އެވަން އާއި އިސްމާއިލް އުޅުނީ އެމީހުން ގެނައި އުނދުން ސެޓް ކޮށެވެ. ބައްސާމް އާއީ މާހިދު ވެގެން އެ މީހުން ތިބެން ދެ ޓެންޓު ހަދައި އުޅުނެވެ. ސާރާ އާއި ޔުމްނާ އެމީހުންނަށް އެހީވެ އުޅުނެވެ. ބަހިއްޔާ އާއި ޖުވެއިދާ ތިބީ ސަރަންފީ ގޮނޑިއެއް ބަހައްޓައިގެން އޭގައި އިށީންދެގެންނެވެ. ޔާނީ އާއި އީވް ކޮއްކޮމެން ގޮވައިގެން ވެލިގަނޑު މަތީ ތިއްބެވެ. ކާޝާން އުޅުނީ އޭނާ ގެނަސްގެން އުޅޭ ކެމެރާއިން ފޮޓޯ ނަގައެވެ.

އުނދުން ސެޓުކޮށް ނިންމާފައި އެވަން އާއި އިސްމާއިލް އައިސް ޔާނީ މެން ތިބި ތާ އިށީނެވެ. އޭނާ ނިއްކުރިން ފައިބަމުން ދިޔަ ދާތައް ފުހެ ފައި އުނގުޅާލީ ޔާނީގެ ހެދުމުގައެވެ. ތޫލި އަޑަކުން ޔާނީ ހަޅޭއްލަވައި ގަނެފައި އެވަން އަތުގައި ތަޅައިގަތެވެ. ޔާނީ އަށް ޖެއްސުމެއް ކޮށްނުލާ އެވަން ހިތްހަމައެއް ނުޖެހެއެވެ. “ޗީޑި ދެން އެވަން…ބޮޑުބެ ދައްތާ ބަލާބަ މި އެވަން ކުރި ކަންތައް” އެވަންގެ ޝަކުވާ ހިފައިގެން ސާރާ ގަތަށް ޔާނީ ދިޔައެވެ. ޔާނީގެ ފަހަތުން ގޮސް އެވަން އަމިއްލަ ދިފާއު ގައި ވާހަކަ ދެއްކިއެވެ.

އެވަން އާއި ޔާނީގެ ކޯޅުން ބަލަން ހިނިއައިސްފައި އިސްމާއިލް އައި އީވް ތިއްބެވެ. ދެމީހުންގެ ކަޅި ބައްދަލުވި ހިނދު، ދެ މީހުންގެ މޫނު މަތިން ވެސް ހިނިތުންވުން ފިލައިގެން ދިޔައެވެ. އިސްމާއިލްގެ މޫނުން ނަޒަރު ވަކިކޮށް އީވް ދުރު ބަލަން ފެށިއެވެ. އެހެނަސް އިސްމާއިލްގެ ނަޒަރު ހުރީ އީވް އަށެވެ. އެ މޫނު މަތިން ކުރިން ފެނުނު އުޖާލާކަން މިހާރު ފެންނާކަށް ނެތެވެ. ކޮންމެސް ކަމަކާއި ހިތާމަ ކުރާހެން ހީވެއެވެ. އީވްއަށް ވެގެން އުޅޭގޮތް ނޭންގޭތީވެ އިސްމާއިލްގެ ހިތަށް އުނދަގޫވާން ފެށިއެވެ.

އިސްމާއިލް އަތަށް ހޫނު އެއްޗެއް އެޅުމާއެކު ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. އެތާ ތިބި އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. “ސޮރީ އަހަރެން ފައި އޮޅިގެން ވެއްޓުނީ” ވަރަށް ދެރަވެފައި ހުރެ ކަޝާން ބުންޏެވެ. އިސްމާއިލް އަތަށް އެޅުނީ ކަޝާން އަތުގައި އިން ހޫނު ކޮފީތަށްޓެވެ.

ދުރުގައި ހުރެފައި ޔާނީ އައިސް އިސްމާއިލްގެ އަތަަށް ފުމުނެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަން ޔާނީއަށް ރޭކައިލީ އެންމެންގެ ލޯތައް އޭނާއަށް އަމާޒު ވުމުންނެވެ. އޭނާ ބިރުގަތީ ޖުވެއިދާ އާއި ބަހިއްޔާއަށް އޭނާގެ ހިތުގެ ހިލަމެއް ވެދާނެތީއެވެ. އެހެން ތިއްބަސް އެ ދެމީހުންނަކީ ނިކަން ޗާލާކު ބަޔެއްކަން ޔާނީއަށް އެނގެއެވެ. މޫނު މަތިން މާ ބޮޑު އަސަރެއް ނުދައްކާ ޔާނީ ގޮސް، އެމީހުން ގެނަސްފައި ހުރި ފެން ކޭހުން ފެން ފުޅިއެއް ނަގައި އިސްމާއިލް އަތަަށް އެޅިއެވެ.

ކާޝާން ކެެމެރާ ހިފައިގެން މޫދާއި ދިމާއަށް ދިޔައެވެ. އެންމެންނަށް ބަލާލުމަށްފަހު އީވް ވެސް ނުވާކަމަކަށް ހެދިފައި ކަޝާން ފަހަތުން ދިޔައެވެ. “ކަޝާން ގަސްތުގައި ދޯ އިއްސެ ގަޔަށް ކޮފީ އެޅީ؟” ހަމަ އެކަނި ، ކަޝާންއަށް އަޑު އިވޭ ވަރަށް ނުރުހުންތެރި ކަމާއެކު އީވް އެހިއެވެ. “އީވް ދެރަވީތަ؟ އަހަރެންތަ ނޫނީ އެ އިސްމާއިލް ތަ އީވްގެ ލޯބިވެރިޔާއަކީ؟” އީވް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ، ކަޝާން ވެސް ކުރީ ސުވާލެކެވެ. ކަޝާންގެ އަޑުގައި ވަނީ ރުންކުރު ކަމެވެ.

މެންދުރަށް ބައްސާމް ބޮޑު ނޫޑްލްސް ގަނޑެއް ކެއްކިއެވެ. ދިވެހި ވަންތަ ރަހަތަށް އެކުލެވޭ ނޫޑްލްސް އެންމެނަށް ވެސް ވަރަށް ކަމުދިޔައެވެ. އެކަމާ ބައްސާމް ހުރީ ވަރަށް ފޮނިވެފައެވެ. ޅަ އިރު އެކުވެރިންނާ އެއްކޮށް ދަތުރު ގޮސްފައި ކައްކާ ގޮތުގެ ވާހަކަ ކިޔައިދިނެވެ.

މޫދަށް އެރުން އޮތީ ކެއުމަށް ފަހުއެވެ. މީގެ ކުރިން ދުވަހަކު ވެސް މޫދަށް އެރިފައި ނުވުމާއެކު، މޫދަށް އެރެން އީވް ބިރުގަތެވެ. އެވަން ގަދަކުން އޭނާ މޫދަށް ލާން އުޅުނުން ރޯންފެއްޓިއެވެ. އީވް އަކީ އެއް އިރެއްގައި ވެސް، އައު ކަމެއް ކުރަން ޖެހިލުން ވި ކުއްޖެއް ނޫނެވެ. މޫދަށް ނޭރެން އޭނާ ރޯނީ ވަރަށް ބިރުގަތީމައި ކަން އެވަން އަށް ވިސްނިގެން އިތުރަށް އޭނާ މޫދަށް ލާކަށް ނޫޅުނެވެ.

ޕޫލްގައި ފެތުމާއީ، ގުދުރަތީ މޫދުގައި ފެތުމުގެ ތަފާތު އެވަންއަށް އިހުސާސް ކުރެވުނެވެ. މޫނު މަތި އަޅައިގެން މޫދު އަޑީގެ ރީތި މަންޒަރު އޭނާ ބެލިއެވެ. ކުދިކުދި މަސް އައިނުތައް ފެނި ، އޭނާ އަންތަރީސް ވިއެވެ. ފަތަށް އެނގުނަސް މާ ފުނަށް ދާކަށް އެވަން އަކަށް ވެސް ނުކެރުނެވެ.

މޫދަށް އިސްމާއިލް ނުހަނު ފަރިތައެވެ. މާލެ އައި ފަހުން މޫދަށް ނޭރުނަސް، ރަށުގައި އުޅުނު އިރު އޭނާއަކީ ގަވައިދުން މޫދަށް ދާ ކުއްޖެކެވެ. ފަތަން ނޫނީ މަސް ބާނަށް ވިއަސް ކޮންމެ ދުވަހަކު މޫދަށް އެރެއެވެ. މޫދުގައި ފަރިތަކަމާއެކު އިސްމާއިލް ފަތާފައި އުޅުނު އިރު ހީވަނީ މަހެއް ހެންނެވެ. ފީނަން ވެސް ، އިސްމާއިލް އެހާ ކުޅަދާނައެވެ. ޔާނީ އަކީ ވެސް މޮޅު ފެތުންތެރި އެކެވެ.

މޫދަށް ކިތަންމެ އެރޭ ހިތުން ހުރި ނަމަވެސް، ގަނެފައި ހުރި ބިރުން އެރޭކަށް އީވް އަކަށް ނުކެރުނެވެ. ޔާނީ މެން މަޖާ ކޮށްކޮށް ފައި މޫދު ގައި އުޅޭތަން ، ދުރުގައި ބަލަން ހުންނަން ވުމުން ދެރަވިއެވެ. “ބޭބް ހިނގާ މަށާ އެއްކޮށް އެރެން…ޕޫލްގަ ވެސް އަހަރުމެން ފަތަމެންނު” ވަރަށް ލޯބިން ކަޝާން ބުނެލިއެވެ. މީގެ އިރު ކޮޅެއް ކުރިން، ފަރުވާކުޑަކޮށް އީވްއާ ވާހަކަ ދެއްކި މީހެއް ހެން ވެސް ހީނުވެއެވެ. ކަޝާން އެހާ ލޯބިން ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ކަޝާން އަތުގައި ހިފައިގެން މޫދަށް އެރުނެވެ. މޫދުގައި ތިބިހާ ވަގުތު، ކަޝާން އަތުން އީވް ދޫ ނުކުރެއެވެ. ކަޝާން ދާހައި ދިމާއަކަށް އަތުގައި ހިފައިގެން ދެއެވެ. ކަޝާން ވެސް، އީވް ގެންގުޅުނީ ވަރަށް ބަލައިގެން ލޯތްބާ އެކު ގައެވެ. ޔާނީ އާއީ އެވަން މޫދުގައި އުޅުނު އިރު ވެސް ތޮޅުނެވެ. މޫދު އަޑިން ވެލި ނަގައިގެން ޔާނީ ބޮލަށް އެވަން އެޅިއެވެ. ޔާނީ ވެސް ވަކި ދޫކުރުމެއް ނެތި އެވަން ބޮލަށް ވެލި ޖެހިއެވެ. މާ ފުން ހިސާބަށް ދާން ، އެވަން ބިރުގަންނާނެކަން އެނގޭތީވެ ޔާނީ ފަތާފައި އެއްގަމާ ދުރަށް ދިޔައެވެ.

ކަޝާން ވެސް ފުން ހިސާބަށް ދާން ބޭނުންވިއެވެ. ކަޝާންއާ ވަކިވާން ، އީވް ބޭނުންނުވެގެން އޭނާ ގައިގައި ހިފަހައްޓައިގެން އޮވެ ކަޝާން ފަހަތުން އީވް ވެސް ފުން ހިސާބަށް ދިޔައެވެ. ދެން ކަޝާން ބޭނުންވީ މޫނު މަތި އަޅައިގެން ފީނަން ދާށެވެ. އީވް ގޮވައިގެން ފީނަށް ، ނުދެވޭނެތީވެ ފުން ހިސާބުގައި އޮވެފައި ، އީވްއަށް އަންގާލުމެއް ވެސް. ނެތި އަތުން ދޫކޮށްލިއެވެ. ނުވިސްނާއި ހުއްޓާއި ކަޝާން އޭނާ އަތުން ދޫކުރުމުން އީވް ހާސްވިއެވެ. ފައި ނުޖެހޭ ހިސާބަށް ވުމުން ، ހާސްވެގެން އީވް ގެބެން ފެށިއެވެ.

ބަކަ ތަޅަމުން އީވް މަސައްކަތް ކުރީ ފެން މައްޗަށް އަރާށެވެ. ނަމަވެސް ކޮންމެ ފަހަރަކު އަޑި އަށް ގަނބައި ގަންނަނީއެވެ. ނޭފަތާއި އަނގައި ތެރެއަށް ލޮނު ވަދެ ނޭވާލާން އުނދަގޫވިއެވެ. ސަލާމަތް ނުވާނެހެން ހީވުމާއެކު، އީވް ބަކަ ތެޅުން ހުއްޓާލިއެވެ. ގައިން ވަރު ދޫވެގެން ، އެކީ އަޑިއަށް ދާން ފެށިއެވެ.
އޭނާ އަތުގައި ހިފައި މީހަކު ދަމައިގަތެވެ. އެމީހަކު ކަންބޮޑުވެފައި ހުރެ ކޮލުގައި ތަޅަމުން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ.

ކަޝާން އީވްގެ އަތުން ދޫކޮށްލައިފައި ދިޔަ މަންޒަރާއި ، ސަލާމަތް ވާން އީވް ތެޅުނުް ގޮތް އިސްމާއިލްއަށް ފެނުނެވެ. އީވްގެ ނަމުން ބާރަށް ގޮވަމުން އޭނާ، ގައިގައި ލެވުނުހާ ބާރެއްލާފައި ފަތާގަތެވެ. ވަރުދޫވެގެން އަޑިއަށް ދާން ފެށި އީވް އަތުގައި އިސްމާއިލްއަށް ހިފުނީ ކިރިޔާއެވެ. އީވްގެ އަތުގައި ހިފައި ބާރަށް ދަމަމުން ފެންގަނޑު މައްޗަށް އެރުވިއެވެ.

އީވް ހޭއެރި އިރު އޭނާ އޮތީ ޓެންޓުގައެވެ. ބޭރުގައި އަޑުގަދަކަމުން ހީވަނީ ޒުވާބެއް ކުރާހެންނެވެ. ލަސްލަހުން އޭނާގެ ހަނދާންތައް އަވާންފެށިއެވެ. ކަޝާން އޭނާ ގެބެން ދޫކޮށްފައި ދިޔަ ހަނދާނެވެ. ނޭވައި ހޮޅިއަށް އެޅިފައިވަނި ކޮށް މީހަކު އޭނާ ސަލާމަތް ކުރިއެވެ. އުނދަގޫ ގޮތަކަށް ތެދުވެފައި ،ލަސް ފިޔަވަޅު ތަކެއްގައި އީވް ޓެންޓުން ނިކުތެވެ.

ކަޝާން ގައިގައި އެވަން ހިފަހައްޓައިގެން ހުއްޓެވެ. އޭނާ ނޭފަތުން ތިރިއަށް ލޭގެ ރޮނގެން އެޅިފައި ހުއްޓެވެ. އީވްއަށް ވަގުތުން ކަޝާން ގާތަށް ދެވުނެވެ. ހާސްކަމާ އެކު ވީ ކިހިނެއްތޯ އެއްސެވެ. “ކަލޭއަށް ހީވޭތަ ކަމެއްހެން ! މަ އީވް ގަންބާލިނަމަ މި ގޮތައް އީވް މަށާ ވާހަކަ ދައްކާނެތަ؟” ކަޝާން ހަޅޭއްލަވައި ގަތެވެ. އީވްއަށް ދެން ބަލާލެވުނީ އިސްމާއިލްއަށެވެ. ކުރިން ނުފެންނަ ރުޅި ވެރިކަމެއް އިސްމާއިލްގެ މޫނު މަތިން ފެންނަމުން ދިޔައެވެ. ބައްސާމް ހުރީ އޭނާ ގައިގައި ހިފަހައްޓައިގެންނެވެ. އިސްމާއިލް ލައިގެން ހުރި ޓީޝާޓުގެ އެއްބައި ވަނީ ވީދައިގެން ގޮއްސައެވެ. ވެގެން އުޅޭ ގޮތް ކޮންމެސް ވަރަކަށް އީވްއަށް ރޭކައިލިއެވެ. ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރީ އިސްމާއިލްކަން އޭނާއަށް އެނގުނެވެ. އަދި އިސްމާއިލްއަށް ހުރިހާ މަންޒަރެއް ފެނުނުކަން ވެސް ވިސްނުނެވެ.

އިސްމާއިލް އީވްއަށް ބަލާލީ ކަޝާންގެ ވާހަކަ ދޮގު ކުރާށެ ބުނާ ފަދައަކުންނެވެ. އިސްމާއިލް ބުނުމުން ގަބޫލު ނުކުރި ކަމުގައި ވިއަސް، އީވް ވީ ގޮތް ކިޔައިދިނުމުން އެންމެން ވެސް ގަބޫލު ކުރާނެއެވެ. އެއްފަހަރު ކަޝާންއަށް ބަލާލާފައި، އަނެއް ފަހަރު އިސްމާއިލްއަށް ބަަލާލިއެވެ. އެންމެން ވެސް ތިބީ، އޭނާ އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. ކަޝާން ދިފާއު ނުކުރި ކަމުގައި ވިއަސް، އޭނާ ކަޝާން ކުއްވެރި އެއް ވެސް ނުކުރެެއެވެ. ކުއްވެރި ކުރީ އަމިއްލަ ނަފުސެވެ. އިސްމާއިލްގެ ލޮލުން މާޔޫސީކަން ފެންނަމުން ދިޔައެވެ. އީވްއާ މެދު ޝަކުވާ ފެންނަމުން ދިޔަކަހަލައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.