Skip to content
އެސްފިޔަ

ސިއްރު

Listen to this story Audio · 27:12 Powered by Esfiya Voice
0:00 27:12

އެކި މީހުންގެ ދިރިއުޅުމުގައި ފޮރުވިފައި ވާނީ އެކިކަހަލަ ސިއްރުތަކެވެ. އެއިން ކޮންމެ ސިއްރަކީ އަނެކާއަށް އެނގޭނެ ނޫނީ ފެންނާނެ ކަންކަން ކަމުގައި ނުވެދާނެއެވެ.

ޒަމީރު ދަންނަ އެންމެންނަށްވެސް ހީވެފައި އޮންނަނީ އޭނާއަކީ އެންމެ ފުރިހަމަ ފިރިއެއް ކަމުގައެވެ. ޒަމީރުއަކީ އަބަދުވެސް ވަރަށް މަޑުމައިތިރި ދީލަތި މީހެކެވެ. އޭނާ އަބަދުވެސް ފެންނާނީ ވަރަށް ރީތިވެގެން މީރުވަސް ދުވާ ސެންޓު ޖަހައިގެން ހުއްޓައެވެ. ޒަމީރު އޭނާގެ އަނބިމީހާ ޒަރާ އާއިއެކު ޕާޓީއަކަށް ތަނަކަށް ދިޔަޔަސް އެދެމީހުންވެސް ދަނީ އަގުބޮޑެތި ހެދުންލައި ވަރަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ. އެކަހަލަ ތާކަށް ދާނަމަ ޒަރާވެސް ހުންނަނީ އެންމެ އަގުބޮޑެތި ދަބަސް އަޅުވައި، އަދި އެހާމެ ރީތި އަގުހުރި ގަހަނާއިން ޒީނަތްތެރި ވެގެންނެވެ. އެއީ ޒަމީރު ބޭނުންވާ ގޮތެވެ. ޕާޓީ، ނޫނީ އާއިލާމީހުން އެއްވާ ކެއުމެއް ނަމަވެސް ޒަމީރު އަބަދުވެސް ޒަރާގެ ތައްޓައް ކާން އަޅައިދީ، އޭނާގެ ދަބަހުގައި ހިފައިދީ ހަދައެވެ. އެންމެންނަށްވެސް އަބަދުވެސް ޒަމީރު ފެންނަނީ މިފަދަ ޒަމާނެއްގަ މީހަކަށް މަދުން ނޫނީ ނުލިބޭނެފަދަ އަގުހުރި ޖަވާހިރެއް ފަދައިންނެވެ.

މީހުންގެ ތެރޭގައި ޒަރާއަށް ތައުރީފުކޮށް ލޯބިވެތި ބަސްތައް ބުނުމަކީވެސް ޒަމީރުގެ އާދައެކެވެ. ޒަމީރުއާއި ޒަރާ ދަންނަ ވަރަށް ގިނަމީހުން އަބަދުވެސް އެދެމަފިރިންގެ ލޯބި ދިރިއުޅުމުގެ ވާހަކަ ދައްކާ ހަދައެވެ. ޒަމީރުގެ ރަނގަޅު ވާހަކައާއި އޭނާގެ ހެޔޮލަފާ ކަމުގެ ވާހަކައެވެ. އެމީހުންގެ ފިރިންވެސް ޒަމީރުހެން އުޅޭނެ ނަމައޭ ހިތަށްއަރައެވެ.

އެއިން އެކަކަށްވެސް ނޭނގެނީ ޒަރާ އޭނާގެ ގޭގައި ހުންނަނީ ސިހި ސިހި ކަމެވެ. ފާހާނަ ތެރޭގައި އެކަނި އިނދެ ރޮނީ ކިތައް ދުވަހު ކަމެވެ. ފެންނަ ފެނުމަކުން ބައެއްގެ ދިރިއުޅުގެ ސިއްރުތަކެއް އެކަކަށްވެސް ނޭނގޭނެއެވެ.

ބޭރު ތެރެއިން ފެންނަ ޒަމީރުއާއި ގޭތެރޭގައި އުޅޭ ޒަމީރުއަކީ މުޅިން ތަފާތު ދެމީހުންނެވެ. މީހުންނަށް ނޭނގުނަސް އެއީ ޒަރާގެ ހަޔާތުގައި ފޮރުވިފައިވާ އެންމެ ބޮޑު ސިއްރެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޒަރާގެ ފޯނު ބެލުމަކީ ޒަމީރުގެ އާދައެކެވެ. ޒަރާގެ ރައްޓެހިންނާއި އޭނާއާއި އެކުގައި މަސައްކަތް ކުރާ މީހުންނާ ބެހޭގޮތުން އެކިއެކި ސުވާލުކޮށް ހަދައެވެ.

ޒަމީރު ގުޅާ ގަޑިއެއްގައި ޒަރާއަށް ފޯނު ނުނެގިއްޖެ ނަމަ ދުވަސް ދިޔައީއެވެ. އެއިން ކޮންމެ ފަހަރަކީ އެތަކެއް ސުވާލުތަކާއި ޝަކުވާތަކުން ޒަރާގެ ބޯހާސްކޮއްލާ ފަހަރެކެވެ. އަދި ކިތަންމެ އަވަހަށް ދާންޖެހިގެން ވިޔަސް ޒަމީރު ކައިރީގައި ނުބުނެ ޒަރާ އޭނާގެ މަންމަމެންގެ ގެއަށް ދިޔަކަން އެނގުނަސް ޒަމީރު ރުޅިއާދެއެވެ. އެ ރުޅި މަތީގައި އެތައްދުވަހެއް ވަންދެން ރީތިކޮށް ވާހަކަ ނުދައްކާވެސް ހުރެފާނެއެވެ. އެއީ ޒަމީރުގެ އާދައެވެ. އެއިން ކަމަކާ ޒަރާ އެއްޗެއް ބުނެފިނަމަ ޒަމީރު އިތުރަށް ހިތްހަމަ ނުޖެއެވެ.

ޒަމީރު ބުނާގޮތުގައި އޭނާއަށް އެހެން ކަންތައް ކުރެވެނީ ޒަރާދެކެ ލޯބިވާލެއް ބޮޑުކަމުންނެވެ. ޒަރާއާއި ދޭތެރޭ އޭނާ ވިސްނާލެއް ބޮޑުކަމުންނެވެ.

“އަހަރެން ހެން ލޯބިވާނެ، ކެއާ ކުރާނެ އެހެންމީހެއް ދުވަހަކުވެސް ޒަރާއަކަށް ނުލިބޭނެ. އަހަރެން ޒަރާދެކެ ވަރަށް ލޯބިވޭ..”

މިއީ އާންމުކޮށް ޒަމީރު ކުރާ ކަންކަމުގެ މަތިޖަހާ އޮއްބާލަން އޭނާ ބުނާ އެއްޗެކެވެ. ޒަރާގެ ހަޔާތުގައި ހިނގަމުންދާ ދަތިތަކަށް އޭނާ ކެތްކުރާވަރު މީހަކަށް ނޭނގޭނެއެވެ.

ޒަމީރު ރުޅިއަންނަ ކިތަންމެ ފަހަރަކު ބަވާ ބަވާ ޒަރާ ރޮއްވާލައެވެ. އެ ރުޅި މަތީގައި ޒަރާގެ އަތުގައި ބާރަށް ހިފާ ދަމައިގަނެ ކޮޓަރި ތެރޭގައި ހުންނަ އެއްޗެހި ނަގާ އުކާވެސް ހަދައެވެ. އެއިން ކޮންމެ ފަހަރަކުވެސް ޒަމީރު ކުއްވެރި ކުރަނީ ޒަރާއެވެ. ޒަމީރު ރުޅިއަންނަހެން ކަންކަން ކުރަނީ ކަމުގައި ބުނެ އެކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ޒަރާ ކަމުގައި ހަދައި ނިންމާލައެވެ.

ނަމަވެސް ޖެހިގެން އަންނަ ދުވަހު ހެނދު ޒަރާ ހޭލާއިރު ކޮންމެވެސް ހަދިޔާއެއް ނޫނީ މާބޮނޑިއެއް ގެނެސް ދެއެވެ. ޒަރާގެ ނިއްކުރިއަށް ބޮސް ދިނުމަށްފަހު ދެން އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ވައުދު ވެއެވެ.

ޒަރާއަށް ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބެނީ ޒަމީރުގެ ރުޅިގަނޑު މައިތިރި ވެފައި ހުންނަ ވަގުތު ތަކުގައެވެ. ނަމަވެސް ނޭނގެނީ ޒަމީރު އެހެން ހުންނާނީ ކިހާއިރަކު ކަމެވެ. ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމަކުންވެސް ޒަމީރު ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އަބަދުވެސް ޒަރާގެ ހިތުގައި އޮވެއެވެ.

ޒަރާއަށް ވުރެ ބޮޑަށް ޒަމީރުއަކީ އޭނާގެ ވަށައިގެން އުޅޭމީހުން ފަސޭހައިން ދަސްކުރާ މީހެކެވެ. ރައްޓެހިންގެ ތެރޭގައި ފައިސާއަށް ލޯބި ކުރަނީ ކޮންބައެއްކަން، އާއިލާގެ ތެރޭގައި އާއިލާގެ އަގު ހިފަހައްޓަން އެންމެ މަސައްކަތް ކުރަނީ ކޮންކޮން ބައެއްކަން އަދި ކުޑަ ހަދިޔާއެއް ދިނުމުން ގާތްކަން އިތުރުވަނީ ކޮންބައެއް ކަންވެސް އޭނާއަށް އެނގެއެވެ.

އާއިލާ އެންމެން އެއްކޮށް ތާކަށް ކާލަން ދާ ރެއެއްގައިވެސް ޒަމީރު އަބަދުވެސް އޭނާގެ ހިތްވަރުގަދަ ކަމުގެ ވާހަކައާއި ކެތްތެރިކަމުގެ ވާހަކަ ދައްކައެވެ. ޒަރާއަކީ ކުދިކުދި ކަންކަމާ ފަސޭހައިން ރުޅިއައިސް ދެރަވާ މީހެއްކަމުގައި ކިޔާ ހަދައެވެ. ނަމަވެސް އެހާ އުފާވެރި ދިރިއުޅުމެއް މިއުޅެވެނީ އެކަންކަން ކެތްތެރި ވާތީ ކަމުގައިވެސް އޭނާ ބުނެއެވެ.

އެއީ ކިހާވަރެއްގެ ބޮޑު ދޮގެއްކަން ޒަރާ ފިޔަވައި އެނގޭނެ އިތުރު މީހެއް ނެތެވެ. އެއިން ކަމަކާ އެއްޗެއް ބުނެފިނަމަ ގެއަށްގޮސް ޒަމީރު އޭނާއަށް ކޮށްލާނެ ވަރު ވިސްނާލުމަށް ފަހު ހީލާފައި ހަނު އިންނަނީއެވެ.

ދުވަސްތައް އެކަހަލަ ގޮތަކަށް ފާއިތުވަމުން ދިޔައެވެ. އެއްދުވަހަކު ޒަރާއާއި އެއް އޮފީހެއްގައި މަސައްކަތްކުރާ ޝިފާ އޮފީސް ނިމިގެން ކޮފީއެއް ބޯން ދާން ބުންޏެވެ. ޒަރާވެސް ހުރީ ބޭރަށް ގޮސްލާ ހިތުން ކަމުގައިވާތީ މާބޮޑު ވިސްނުމެއްނެތި ޝިފާ އާއިއެކު ދިޔައެވެ. ކޮފީބޮއިގެން ގެއަށް ދިޔައިރު އިރު އޮއްސިއްޖެއެވެ.

ޒަރާގޮސް ގެއަށް ވަތްއިރު ސިޓިންރޫމުގެ ސޯފާގައި ޒަމީރު އިނެވެ.

“ކޮންތާކުން ތިއައީ؟…” ޒަރާ ފެނުމާއެކު ވަރަށް ހިތްހަމަ ނުޖެހިފައި ޒަމީރު އެހިއެވެ.

“ޝިފާ އެއްކޮށް ކޮފީއެއްބޯން ދިޔައީ..” ޒަރާ ޖަވާބުދިނީ ވަރަށް ޖެހިލުންވެ ހުރެއެވެ.

“ކީއްވެ ނުބުނެ ދިޔައީ؟..” ޒަމީރު ރުޅި އައިސްފައި ޒަރާގެ މޫނަށް ބަލާލިއެވެ.

“އޮފީސް ނިމުން ގަޑީގަ ޝިފާކުރި ޕްލޭނެއް އެއި.. ކުއްލިއަކަށް ރޭވި ކަމެއްވީމަ ބުނަން ހަނދާން ނެތުނީ..” ޒަރާ ޖަވާބު ދިނީ އިސްޖަހާލައިގެން ހުރެއެވެ.

“އަމިއްލަ ފިރިމީހާ ކައިރީގައި ތާކަށް ދިއުމުގެ ކުރިން ބުނެލަންވެސް ހަނދާން ނެތުނީތަ މިހާރު؟..” ޒަމީރު ދަތްކުނޑި ވިކާލިއެވެ.

“ވަރަށް ވަރުބަލި… މިދަނީ ފެންވަރާލަން…” ޒަމީރު އިތުރަށް ރުޅިގަދަ ވެދާނެތީ އަވަހަށް އެވާހަކަ ނިންމާލާފައި ޒަރާ ގޮސް ކޮޓަރިއަށް ވަނެވެ. ޖެހިގެން އައި ތިންދުވަހުވެސް ޒަމީރު ޒަރާއަކާ އަނގަޔަކުން ނުބުނެއެވެ.

ހަތަރު ވަނައަށް ވީދުވަހު ޒަރާ ހޭލީރަށް ކޮފީތައްޓެއް ގިރައިގެން އައިސް ކައިރީގައި ޒަމީރު އޭނާ ކައިރީގައި އިށީނެވެ.

“ޒަރާ… ސޮރީ އިނގޭ މާ ދުރުވެވުނީމަ.. އަހަރެންނަށް މިހާރު ފީލްވަނީ ޒަރާއަށް އަހަރެން އެހާ މުހިއްމެއް ނޫނޭ…”

ޒަރާގެ އަތަށް ކޮފީތަށި ދެމުން ޒަމީރު ބުންޏެވެ.

ޒަރާއަށް ވިސްނުނީ އެކަންތަކާ އޭނާ މާފަށް އެދެންޖެހޭނެ ކަމުގައެވެ. އަދި އެއީ އޭނާގެ ސަބަބުން ދިމާވި ކަމެއް ކަމުގައެވެ.

“އައި އޭމް ސޮރީ.. އެހެން އެވީ އަހަންނާ ހެދި..”

ޒަރާ އެހެން ބުނެ ހީލިއެވެ.

“އިޓްސް އޯކޭ… ދެންފަހަރަކުން އަހަރެން ދެރަވާ ގޮތަށް ކަންކަން ނުކުރައްޗޭ… ދެރަވީމަ ރުޅި ގަދަވަނީ ބައެއްފަހަރު…”

ޒަމީރު ޒަރާގެ ބޮލުގައި ފިރުމާލިއެވެ. އެދުވަސް އެކަން ނިމުން އިރު ކުއްވެރިވެ މާފަށް އެދެން ޖެހުނީ ޒަރާއެވެ. ޒަރާއަށް ނޭނގި ނަމަވެސް ޒަމީރު ދިޔައީ ޒަރާގެ ސިކުނޑިއާ ކުޅެ ޒަމީރު ބޭނުންވާ ގޮތަށް ޒަރާގެ ވިސްނުން މަޑުމަޑުން ބަދަލު ކުރަމުންނެވެ.

އެދުވަހު މެންދުރެއް ހާއިރު ޒަމީރު ފޭސްބުކުގައި ޒަމީރުއާއި ޒަރާ އެކުގައި ނަގާފައިވާ ފޮޓޮއެއް ޕޯސްޓު ކުރިއެވެ. އެފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ

“ކޮންމެ ހާލެއްގަ ނަމަވެސް އަހަރެންގެ އަނބި މީހާއަކީ އަހަރެންގެ ފުރާނަ”…

އެފޮޓޯއަށް އެތަކެއް ބަޔެއް ލައިކް ކޮށް ކޮމެންޓުވެސް ކުރިއެވެ.

“ކަޕުލް ގޯލްސް.. ބެސްޓް ކަޕުލް އިންދަ ވޯލްޑް…” އެފޮޓޯއަށް ޝިފާ ކޮށްފައިވާ ކޮމެންޓުގައި ވެއެވެ. އެފޮޓޯއަށް މީހުން ކޮށްފައިވާ ކޮމެންޓުތައް ކިޔަން ޒަރާ އިންއިރު އޭނާގެ ސިކުނޑީގައި އެކި ހިޔާލުތައް އެނބުރެމުން ދިޔައެވެ. އެތައް ބަޔެއްގެ ކުރިމަތީގައި މާ އުފާވެރި ކަމަށް ދެއްކިގެން، އަދި އެންމެ ރަނގަޅު ފިރިމީހާ ކަމުގައި ދެއްކިގެން ޒަމީރު އުޅޭނީ ކިހާދުވަހަކު ބާއެވެ؟.. މީހުންނަށް ނޭނގޭ އެތަކެއް ކަމެއް އެދެމީހުންގެ ދިރިއުޅުމުގައި ހިނގަމުން ދާކަން މީހަކަށް ކިޔާދޭނީވެސް ކިހިނެއްބާއެވެ… ކިޔާދިނަސް ޒަރާގެ ވާހަކަ ގަބޫލު ކުރާނީވެސް ކާކުބާއެވެ؟.. ޒަރާގެ ހަޔާތުގައި ފޮރުވިފައިވާ ހިތި ސިއްރުތައް ހާމަ ކުރާނީވެސް ކިހިނެއް ހެއްޔެވެ؟… ސިކުނޑީގައި އެކަހަކަ ހިޔާލުތައް ގިނަވާން ފެށުމުން ޒަރާ ފޯނު ދުރުގައި ބޭއްވިއެވެ.

ދުވަސްތައް ހަފްތާ ތަކަށްވެ މާޒީއާ އެކުވަމުން ދިޔައެވެ. އިއްޔަވެސް ހަމަ ކަމަކާނުލައި ޒަމީރު ރުޅިގަދަވެގެން އުޅުނެވެ. ޒަރާ އޮފީހުން އައިސް ގެއަށް ވަތް އިރު އޭނާ ގައިން ސެންޓު ވަސް ދުވާތީ މާވަރަކަށް ސެންޓު ޖަހައިގެން އޮފީހަށް ދަނީ ކާކަށް ވަސް ދައްކަންހޭ ކިޔައި ޒުވާބު ކުރިއެވެ. އަދި ޑްރެސިން ޓޭބަލް މަތީގައި ހުރި ޒަރާގެ ސެންޓުފުޅި ނަގައި އެއްލާލަން އުޅުމުން ޒަރާގޮސް ޒަމީރުގެ އަތުގައި ހިފެހެއްޓުމުން ޒަރާ އަތުގައި ބާރަށް ހިފާ ދުރަށް ކޮއްޕާ ލުމަށްފަހު ޒަމީރު އެ ސެންޓުފުޅި އެއްލާ ފާރަށް ޖެހިއެވެ. ޖެހުނު ބާރަށް ސެންޓުފުޅި ދިޔައީ ތަޅައިގެންނެވެ. އެކަމާ ޒަރާ ވަރަށް ރުޔެވެ. ނަމަވެސް ޒަމީރު އެކަމަކަށް މާފަކަށްވެސް ނޭދެއެވެ. އަދި ފަހުންވެސް އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ.

އޭގެ އަނެއްދުވަހު އޮފީސް ތެރޭގައި އެއްވެސް މީހެއް ނެތް ވަގުތު ޒަރާ އޭނާގެ މަންމަ ޝާހިދާއަށް ގުޅިއެވެ.

“މަންމާ… ވާހަކައެއް ދައްކާލަން ވެގެން މިގުޅީ.. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ޒަމީރު އެކަމަކާ ބެހޭ… އޭނަ ސުވާލު ނުކުރާ ގޮތަކަށް އަހަންނަކަށް ފިޔަވަޅެއްވެސް ނޭޅޭ… އަބަދު ފޯނުވެސް ޗެކު ކުރޭ.. ބައެއް ފަހަރު އޭނަ އުޅޭގޮތުން އަހަރެން ބިރުވެސް ގަނޭ…”

ޒަރާ މަސައްކަތް ކުރީ އޭނާގެ އިހުސާސްތަށް ޝާހިދާއަށް ވިސްނައިދޭށެވެ.

“އެކަމަކު ޒަމީރަކީ ކިހާ ރަނގަޅު މީހެއް… މަންމައަށް އަބަދުވެސް ފެންނަނީ ޒަމީރު ވަރަށް ލޯބިން އުޅޭތަން..” ޝާހިދާ ހައިރާން ވެފައި ބުންޏެވެ. ޒަރާ ދެއްކި ވާހަކަ ޝާހިދާއަކަށް ގަބޫލެއް ނުކުރެވުނެވެ.

“އޭނަ އެހާ ރަނގަޅަށް އެއުޅެނީ މީހުންގެ ތެރޭގަ.. ގޭތެރޭގަ އެއީ މުޅިން ތަފާތު މީހެއް..”

ޒަރާ އަދިވެސް މަސައްކަތް ކުރީ ޝާހިދާއަށް ހަގީގަތް ކިޔާ ދެވޭތޯއެވެ.

“ދަރިފުޅާ.. ޒަމީރުއަކީ އެތަކެއް ޒިންމާއެއް އުފުލާ މީހެއް… އެހެންވެ ވަރުބަލިވެގެން މޫޑު ސަކަރާތް ވާ ފަހަރުވެސް އަންނާނެ… އެއީ އެންމެންނަށްވެސް ވާކަންކަން.. އެހެންނޫނަސް ދެމަފިރިއެއް ވިއްޔާ ކުދި ކުދި މައްސަލަވެސް ޖެހޭނެ..އެއީ މާ ބޮޑުކަމަކަށް ނުހަދަބަލަ…” ޝާހިދާއަށް ވިސްނުނީ އެދެމަފިރިން ދެމެދުގައި ހިނގާ ކުދި ކުދި ދެބަސްވުންވެސް ޒަރާ މާބޮޑު ކަމަކަށް ހަދަނީ ކަމުގައެވެ.

“ރޭގަވެސް އަހަރެން އަތުގަ ހިފާ ތަދުވެސް ކޮއްލި… ކޮއްޕާވެސް ލި…”

ޒާރާ ވާހަކަ ދެއްކީ ވަރަށް ދެރަވެފައި އިނދެއެވެ.

“ޒަމީރު ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއް ޒަރާ ކުރީތަ؟..” ޝާހިދާ އެހެން ބުނިއަޑު އިވިފައި ޒަރާ ފެންކަޅި ވިއެވެ. ޒަރާ އެދައްކާ ވާހަކަ އޭނާގެ އަމިއްލަ މަންމައަށް ގަބޫލު ނުކުރެވުމުން ވަރަށް ހިތުގައި ޖެހުނެވެ. ޒަރާ އިތުރަށް އެއްޗެއް ނުބުނެ ދެން ބާއްވަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ.

އޭގެ ހަފްތާއެއް ފަހުން އެއްދުވަހަކު ޒަމީރުއާއި ޒަރާ ތަރުކާރީއާ މޭވާކޮޅެއް ގަނެގެން ޝާހިދާގެ ގެއަށް ދިޔައެވެ. ޝާހިދާ ކައިރީގައި އިށީނދެ ހާލު އަހާ އެކި އެކި ވާހަކަ ދައްކާ ހީލާ ހެދިއެވެ. ޒަރާ ފާހަނައަށް ވަންނަން ދިޔަވަގުތު ޒަމީރު އަވަހަށް އެވަގުތުގެ ބޭނުން ހިފުމަށް އޭނާ އެގެއަށް އައި އަސްލު ބޭނުމާއި ގެން ކުރިއަށް ދިޔައެވެ.

“މަންމާ… މިހާރަކަށް އައިސް ޒަރާ އަބަދު ހުންނަނީ ކަމަކާ ވިސްނަން.. ކަމަކާ ދެރަވެފަ ހުންނަހެން.. އެކަމަކު އަހަރެން އަބަދުވެސް މި މަސައްކަތް ކުރަނީ ޒަރާ އުފަލުގަ ބެހެއްޓޭތޯ.. ވެދާނެ ދޯ އޮފީހުގެ ކަންކަމާ މާބޮޑަށް ވިސްނަނީ ކަމަށްވެސް…”

ޒަމީރު ދެރަވެލާފައި އެހެން ބުނުމުން ޝާހިދާ ޒަމީރުގެ އަތުގައި ހިފާލިއެވެ.

“ދަރިފުޅު ވަރުގެ ހެޔޮ ފިރިއެއް ޒަރާއަށް ލިބުނީތީ މަންމަ އަބަދުވެސް ވަރަށް އުފާވޭ…”

ޝާހިދާ އެހެން ބުނިއިރު އެއްވެސް ކަމެއްގެ ހަގީގަތެއް އޭނާއަކަށް ރޭކައެއް ނުލައެވެ. ޒަމީރު ޒަރާގެ ފޯނަށް ކޯލް ރެކޯޑުކުރާ އެޕެއް އަޅާފައި ފޯނުން ނުފެންނަހެން ހައިޑް ކޮށްފައި އިންނަ ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. އޭނާ ޒަރާގެ ފޯނުން ޒަރާއާއި ޝާހިދާ ކުރީދުވަހު ދެއްކި ވާހަކަ އަޑުއަހާފައި އަވަހަށް އެކަން ހަމަޖައްސާލަން އުޅެނީކަން އެނގޭނެ އެއްވެސް މީހެއް ނެތެވެ.

އިރުކޮޅަކުން ޒަރާ ފާޚާނައިން ނިކުމެގެން އައުމުން ޒަމީރު ތިރީ ފިހާރައަށް ގޮސްލާފަ އެބައަންނަމޭ ބުނެ ގެއިން ނިކުތެވެ. އެވަގުތު ޝާހިދާގޮސް ޒަރާގެ ބޮލުގައި ފިރުމާލިއެވެ.

“ޒަމީރަކީ ވަރަށް ރަނގަޅު ކުއްޖެއް… އެކަހަލަ ހެޔޮ ފިރިއެއް ލިބުނީތީ ﷲ އަށް ޝުކުރު ކުރަން ޖެހޭނެ… އެކަމަކު ޒަރާ ތިއުޅެނީ އޭނަގެ ކުށް ހޯދައި އޭނަ ގޯސްކުރަން… އެހެން އުޅޭކަށް ނުވާނެ..”

ޝާހިދާ އެހެން ބުނެ ހީލިއެވެ. އެވަގުތު ޒަރާގެ ހިތް ކުދިކުދި ވެގެންދިޔައެވެ. އެވާހަކަ ޝާހިދާއަށް ކިޔާ ނުދެވުން ނަމައޭވެސް ޒަރާގެހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ސިއްރު ވެފައިވާ ހަގީގަތްތައް އޭނާގެ އަމިއްލަ މަންމަ ގަބޫލު ނުކުރާއިރު އެވާހަކަ އިތުރަށް ކިޔައިދޭނީވެސް ކާކަށް ހެއްޔެވެ؟…

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒަމީރުގެ ފަރާތުން އަންނަ ކަންކަމާ ޒަރާ މާބޮޑަށް އަޅައި ނުލާން ފެށިއެވެ. ޒަމީރު ޒަރާ ދެރަވާގޮތަށް ކަމެއް ކުރިނަމަވެސް ފަހުން އެއިން ކަމަކަށް އެއްބަހެއްވެސް ނުވެއެވެ. ކޮންމެ ކަމެއްވަނީ ޒަރާގެ މައްސަލަ އަކަށެވެ.

“ޒަރާ އަށް މާބޮޑަށް ކަންކަމާ ވިސްނެނީ.. ޔޫއާ އޯވާ ތިންކިން…”

“އަބަދު ކޮންމެ ކަމެއް ޒަރާ ބޮޑު ކޮށްލަނީ… ޒަރާ ޑިޕްރެޝަނަށް ދަނީ ކަންނޭނގެ… ޔޫ ނީޑް ސައިކޮލޮޖިކަލް ސީރިޔަސް ހެލްޕް… ދާންވީނު ތެރަޕީއަށް…”

“އަމިއްލަ ސިކުނޑީ ތެރޭގަ ހުންނަ ނެގެޓިވް އެއްޗެހި ތީ… އަސްލު އަހަރުމެން ކިހާ ލޯބިން މިއުޅެނީ…”

މީ ޒަމީރު ކުރާ ކަމަކާ ދެރަވެގެން ނޫނީ ހިތްހަމަ ނުޖެހިގެން ޒަރާ ޝަކުވާއެއް ކޮށްފިނަމަ ޒަމީރު ކިޔާހާ އެއްޗިއްސެވެ. އަބަދު މި ކަހަލަ އެއްޗެހި އަޑު އިވިއިވި ޒަރާއަށްވެސް މިހާރު ގަބޫލުކުރެވެނީ އޭނާގެ ކޮންމެވެސް ނަފްސާނީ މައްސަލައެއް ހުންނަނީ ކަމުގައެވެ.

ދުވަހެއް ދުވަހަކަށް ޒަރާގެ ނަފްސާނީ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ވަމުންދާ ކަންކަން އެއްވެސް މީހަކަށް ކިޔައިނުދީ ހުރިހާ ކަމެއް ސިކުނޑީގައި ބަހައްޓައިގެން ހުރެ ހުރެ ޒަރާގެ ބޯ ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ. އެދެމަފިރިންގެ މެދުގައި ހިނަގަމުން ދިޔަ ކަންކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޒަމީރު ދިޔައީ ޒަރާގެ ހުރިހާކަމެއް ކޮންޓްރޯލު ކުރަމުންނެވެ. އެންމެ ފަހުން އޭނާ ބޭނުންވާ ގޮތަށް ޒަރާގެ ސިކުނޑިވެސް ބަދަލުކޮށްލީއެވެ. ޒަރާއަށް އަމިއްލަ ނަފްސާމެދު ސުވާލު ކުރެވެއެވެ. ބައެއްފަހަރު އޭނާއަށް އަޑުއިވޭ އެއްޗިއްސާ ފެންނަ ކަންކަމަކީ ހަމަ ހަގީގަތް ބާއޭވެސް އަމިއްލަ ނަފްސާ ސުވާލު ކުރެވެއެވެ. ޒަމީރުގެ އެއްވެސް ކުށެއް ނެތްކަން، ހުރިހާ ކަމެއްވެސް ގޯސްވަނީ ޒަރާގެ ސަބަބުންކަން އަމިއްލައަށް ވިސްނެން ފެށިއެވެ. ބޭރުން އެއްވެސް އަނިޔާއެއް ފެންނަން ނެތަސް ޒަރާގެ ހިތްވަނީ ކުދިކުދި ވެފައެވެ. ނަފްސާނީ ގޮތުން މީހާވަނީ އެއްކޮށް ބަލިކަށި ވެފައެވެ.

މިހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އެއްރެއަކު ޒަރާ މެންގެ ގޭގައި ކެއުމެއް ހެދި ރެއެއްގެ ފަހުންނެވެ. އެއީ ޒަމީރުގެ ދައުވަތަކަށް އޭނާގެ އޮފީސް މީހުން އެގެއަށް ކާން ދިޔަ ރެއެކެވެ.

އެދުވަހު އެއްކޮށް ކަހަލަ ގޮތަކަށް ކެއްކުމާއި ގޭތެރެ ސާފުކުރުމުގައި އަވަދިނެތި ޒަރާ އުޅުނެވެ. ރޭގަނޑު އަށެއް ޖަހަންވާއިރަށް ކާމޭޒުމަތި ތައްޔާރު ކޮށްވެސް ނިންމާލިއެވެ. ޒަމީރު ދައުވަތު ދިން އެންމެން އައިސް ހަމަވުމުން އެންމެން އެކުގައި ކާންފެށިއެވެ.

“ޒަރާމެންގެ އޮފީސް ކިހިނެއް… ބިޒީތަ؟..”

ކާން އިނދެފައި އެތަނުން އެކަކު ޒަރާ ކައިރީގައި އަހާލިއެވެ. ޒަރާ އެސުވާލުގެ ޖަވާބުދޭން އަނގަ ހުޅުވާލި ނަމަވެސް އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ.

“ޒަރާ އެބަވިސްނާ މިހާރު އޮފީހުން ކެނޑެން ދޯ… އަހަރެން ބުނެފިން މިހާރުވެސް ޒަރާ ބޭނުމިއްޔާ ވަޒީފާއިން ކެނޑިގެން ގޭގަ ހުންނާށޭ.. އަހަރެން ހުރިހާ ހަރަދެއް ކުރާނަމޭ..”

ޒަމީރު އެހެން ބުނެ ހީލާފައި ކާންފެށިއެވެ.

“އަހަރެން ބޭނުމެއް ނެތް އޮފީހުން ކެނޑޭކަށް..”

ޒަރާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

މޭޒު ކައިރީގައި ކާން ތިބި އެންމެން ޒަރާގެ މޫނަށް ބަލާލިއެވެ. އެ އެންމެންނަށްވެސް އެނގިފައި އޮންނަނީ ޒަމީރުއާއި ޒަރާ އަކީ އެއްވެސް ކަމަކާ ދެބަސްވެ ނޫޅޭ ދެމީހުން ކަމުގައެވެ. އެހެންކަމުން ޒަރާގެ ރާގު ހުރިގޮތުން އެ އެންމެންވެސް ތިބީ ކުޑަކޮށް ހައިރާންވެފައެވެ..

“އޮފްކޯސް… ކެނޑޭށެކޭ ނޫނޭ މިބުނީ ލޯބީ.. މިބުނީ ޒަރާ ނުޖެހޭނެއޭ ފައިސާއާ ދޭތެރޭ ވިސްނާކަށް..”

ޒަމީރު ބޭނުންވީ އަވަހަށް ވާހަކަ އޮޅުވާލާށެވެ.

“ނޫން… ތީ ދޮގެއް… ޒަމީރު އަބަދު މިހާރު ކިޔަމެއްނު ވަޒީފާއިން ކެނޑޭށޭ…”

ޒަރާ އެހެން ބުނިއިރު އޭނާގެ އަޑު ތުރުތުރު ލައެވެ. އެވަގުތު

ޒަމީރުގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ.

“ޒަރާ މިދުވަސްކޮޅު ތަންކޮޅެއް ސްޓްރެސްގަ އުޅޭތީ އަހަރެން ބުނިއެއްޗެއް ނުބައިކޮށް ނެގުނީ… އެ އޯކޭވާނެ…”

ޒަމީރު ހީލަމުން އެކަން ހަމަ ޖައްސާލިއެވެ. އެތާގައި ތިބި މީހުންނަށް ހަގީގަތް އެނގިދާނެތީ ޒަމީރު އިނީ ކުޑަކޮށް ޖެހިލުންވެފައެވެ.

އެރޭ އެކި ވާހަކައިގައި ތިބެ ކައި ނިމިގެން އެންމެން އެނބުރި ގެއަށް ދިއުމުން ޒަރާ ކާމޭޒުމަތީގައި ހުރި ތަށިތައް ހިފައިގެން ސިންކު ކައިރިއަށް ދިޔައެވެ. ޒަމީރުވެސް ޒަރާގެ ފަހަތުން ދިޔައެވެ.

“ވަޓް ވޯސް ދެޓް ޒަރާ؟… ކީއްވެ އެންމެން ކުރިމަތީގަ އެހެން ވާހަކަ ދެއްކީ؟..”

ޒަމީރު ހިތްހަމަ ނުޖެހިފައި ހުރެ އެހިއެވެ.

“ޒަމީރު އެއްނު ދޮގުހެދީ…!”

ޒަރާ ވެސް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“އަހަރެން ކޮން ދޮގެއްތަ ހެދީ؟..”

ޒަމީރު މަސައްކަތްކުރީ އޮޅުވާލާށެވެ.

“އަހަރެން ވަޒީފާއިން ކެނޑެން އެބަ ވިސްނައޭ ޒަމީރުއެއް ނޫންތަ ބުނީ.. އަދި އެވެސް އެންމެން ތެރޭގަ!. އެއީ ބޮޑު ދޮގެއްނު…!”

ޒަމީރުގެ ލޮލަށް ބަލަންހުރެ އަޑުހަރުކޮށް ޒަރާ ޖަވާބުދިނެވެ.

ޒަމީރު އައި ރުޅީގައި ކަބަޑުމަތީގައި ހުރި ފެންބޯ ތައްޓެއް ނަގައި ބާރަށް ސިންކު ތެރެއަށް ޖެހިއެވެ. ވަގުތުން ތަށި ތަޅައިގެން ދިޔައެވެ. ސިއްސައިގެން ގޮސް ޒަރާއަށް ފަހަތަށް ޖެހެވުނެވެ.

“ބަލާބަލަ ހުންނަ ނުލަފާކަން.. އަމިއްލައަށް މަ ރުޅިއަރުވާފަ، ދެން ރުޅި އައިމަ މިވަރުގެ ގޯސްމީހެއް ނުހުންނާނެ…”

ޒަމީރު ހަޅޭއް ލަވައިގަތެވެ.

ޒަރާއަށް ބިރުން ރޮވެން ފެށުނެވެ. އިރުކޮޅަކު ޒަރާއާއި ދިމާލަށް ބަލަން ހުރުމަށްފަހު ޒަމީރުގޮސް ޒަރާ ކައިރީގައި ހުއްޓުނެވެ.

“ޒަރާ..ކަލޭ ހަނދާން ކުރާތި!.. މީގެ ފަހުން ދުވަހަކުވެސް މީހުން ކުރިމަތީގަ މަ ލަދުގަންނަން ޖެހޭ ކަހަލަ ކަމެއް ކޮއްފިއްޔާ މަގޭ ނުލަފާކަން ދައްކާލާނަން!..”

ޒަމީރު ދަތްކުނޑި ވިކަމުން ބުންޏެވެ.

އަނެއް ދުވަހު ހެނދުނު ޒަމީރު ރޭގައިވީ ކަންތަކަށް ޒަރާގެ ކިބައިން މާފަށް އެދުނެވެ. މިދުވަސްކޮޅު މާ ބިޒީކޮށް އުޅެންޖެހޭތީ މާއަވަހަށް ރުޅި އާދެވެނީ ކަމުގައި ބުނެ ރޭގައި ވީކަންތައް އޮއްބާލަން މަސައްކަތް ކުރިއެވެ. ޒަރާ އެއްވެސް ރައްދެއްނުދީ ޒަމީރުގެ ވާހަކަ އަޑުއަހަން އިނެވެ. އަބަދު އެއް ޝަކުވާތަކެއް ކޮށްކޮށް ޒަރާވަނީ ވަރުބަލި ވެފައެވެ. ޒަމީރު ބަދަލުވާނެ ކަމަށް އުންމީދު ކޮށްކޮށްވެސް އޭނާ މުޅިން ފޫހިވެއްޖެއެވެ.

އެދުވަހު އެއްކޮށް ޒަރާ ވަރަށް ވިސްނިއެވެ. އެހުރިހާ ކަމަކަށް ނިމުމެއް ގެންނާނެ ގޮތެއް ހޯދުމަށް ހިތު ތެރެއިން ރާވަން ފެށިއެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ ޒަމީރު ދޫކޮށްލާފައި އެގެއިން ނިކުމެގެން ދިއުމެވެ.

އެހާ ފަސޭހައިން ޒަމީރު ޒަރާ ދޫކޮށެއް ނުލާނެކަން ޒަރާއަށް އެނގެއެވެ. ޒަރާގެ ހުރިހާކަމެއް ކޮންޓްރޯލް ކޮށްގެން ޒަމީރު އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ޒަރާ އެގެއިން ނިކުމެގެން ދާން ވިސްނާކަން ޒަމީރުއަށް އެނގިއްޖެނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ. ޒަމީރުއަށް އެއްވެސް ޝައްކެއް ވެދާނެތީ ޒަރާ ހުންނަނީ ވަރަށް ބިރުންނެވެ. އެހެންކަމުން ޒަރާގެ އާންމު ދިރިއުޅުމުގެ އެއްވެސް ކަމެއް ބަދަލު ނުކޮށް އުޅެވޭތޯ އޭނާ ބެލިއެވެ.

ޒަރާ އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ޝިފާއާ ހިއްސާކުރިއެވެ. ޝިފާ ޒަރާ ދެއްކި ހުރިހާ ވާހަކައެއް ގަބޫލުކޮށް އޭނާއަށް އެހީވެސް ވިއެވެ. އެދެމީހުން ވެގެން ޒަރާ ހުންނަން ކޮޓަރިއެއްވެސް ހަމަޖެއްސިއެވެ. ޒަރާ ހުރީ ޒަމީރުގެ ފަރާތުން ސަލާމަތްވެގެން ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޒަރާ ކުޑަކޮށް ބޮލުގައި ރިއްސާތީ ކަމުގައި ބުނެ ސިކް ލީވެއް ނަގައިގެން ގޭގައިހުރި ދުވަހެކެވެ. ހެނދުނު ޒަމީރު އޮފީހަށް ދިއުމުން ޒަރާ އަވަސް އަވަހަށް ފޮއްޓަށް އެއްޗެހި އަޅައިގެން ޝިފާ މެންގެ ގެއަށް ދިޔައެވެ. ޒަރާ އެގެއަށް ދަމުން ޝިފާއަށް ގުޅުމުން ޝިފާވެސް އޮފީހުގައި އިނދެފައި ޒަރާ ކައިރިއަށް ދިޔައެވެ. ޝިފާގޮސް ވަތްއިރު ޒަރާ އެނދުމަތީގައި ރޯން އިނެވެ.

“ޒަރާ.. މިހާރު އެންމެ ބޮޑުކަންތައް ތިކުރީ.. އެގެއިން ނިކުމެގެން އައުން ތީ ޒަރާކުރި އެންމެ ރަނގަޅު ކަންތައް… ނައު ޔޫއާ ސޭފް.. ދެން މިއަދު ހުރިހާ ކަމަކާ އެއްފަހަރާ ވިސްނާ ބޯގޮއްވާ ނުލާ ކުޑަކޮށް ހަމަޖެހިލާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..”

ޝިފާ މަސައްކަތްކުރީ ޒަރާ ހަމައަކަށް އެޅުވޭތޯއެވެ.

އެތައް އަހަރަކަށްފަހު ޒަރާއަށް މީހެއްގެ ފަރާތުން އެފަދަ ބަސްކޮޅެއް އެއިވުނީ އަލަށެވެ.

އެރޭ ޒަމީރު އެތައް ފަހަރަކު ޒަރާއަށް ގުޅިއެވެ. އަދި ގެއަށް އަންނާށޭ ބުނެ އެތަކެއް އާދޭހެއެއް ކުރިއެވެ. ރުޅިއައިސް ހަޅޭވެސް ލެވިއެވެ. ނަމަވެސް ޒަރާހުރީ އެނބުރި އެގެއަށް ދާގޮތަކަށް ނޫންކަން ޔަގީންވުމުން ޒަމީރު ޒަރާގެ އާއިލާގެ އެކި މީހުންނަށް ގުޅަންފެށިއެވެ.

އެންމެންނަށް ގުޅާފައިވެސް ޒަމީރު ކީ އެކައްޗެކެވެ. ޒަރާގެ ނަފްސާނީ ހާލަތު ރަނގަޅުނޫން ކަމަށާއި ވިސްނާނުލައި ޒަރާ އޭނާ ދޫކޮށް ދިޔައީ ކަމުގައެވެ. ވީގޮތެއްވެސް ނުބުނެ އެހެން ދިޔައީ ކަމުގައެވެ.

އޭގެ އަނެއް ދުވަހު ޒަމީރު ޒަރާގެ ފޮޓޮއެއް އޭނާގެ ފޭސްބުކު ފީޑުގައި ޕޯސްޓުކުރިއެވެ.

“މީހަކާ ދޭތެރޭ ކިތަންމެ ރަނގަޅަށް ކަންތައް ކުރިޔަސް، ކިތަންމެ ލޯބިވިޔަސް ބޭވަފާތެރި ވާން ހުރިމީހަކު ވާނެ… ދޫކޮށް ދާންވީމަ ދާނެ… މީހަކަށް ޓްރަސްޓު ކުރުމަކީ މޮޔަކަމެއް..”

އެފޮޓޯގެ ކެޕްޝަންގައި ޒަމީރު ލިޔެފައި ވެއެވެ.

އެތަކެއް ބަޔެއް އެޕޯސްޓަށް ކޮމެންޓު ކުރިއެވެ. ޒަމީރު ފަދަ ހެޔޮ މީހެއް ދޫކޮށް ދިޔައީއޭ ޒަރާގެ ނުލަފާ ކަމުން ކަމުގައިވެސް އެއްބަޔަކު ބުންޏެވެ. ޒަރާގެ ސަބަބުން އުފާވެރި ކައިވެންޏެއް ރޫޅެނީ ކަމުގައިވެސް އަނެއް ބަޔަކު ބުންޏެވެ.

ނަމަވެސް އެއިން އެކަކަށްވެސް ހަގީގަތެއް ނޭނގޭނެއެވެ. އެމީސްމީހުންނަށް އެފެންނަނީ ޒަމީރު ދުނިޔެއަށް ދައްކާ ދަޅައެވެ.

ޒަމީރު ބޭނުންވާގޮތަށް ގިނަބަޔަކު ގަބޫލުކުރީ ޒަރާ އެގެއިން ނިކުމެގެން ދިއުމަކީ ޒަރާގެ ގޯސްކަމުން ކުރި ކަމެއް ކަމުގައެވެ. ޒަމީރުއާ ޒަރާގެ އާއިލާގެ ގިނަބަޔަކުވެސް އެކަމުގައި ކުއްވެރިކުރީ ޒަރާއެވެ. ދުނިޔެއަށް ހަގީގަތް ހާމަ ކުރުމަށް ޒަރާ ނުހަނު ބޭނުންވިއެވެ. މިކަމުގެ ފޮރުވިފައިވާ ސިއްރު އެންމެންނަށް ކިޔައިދޭންވެސް ބޭނުންވިއެވެ. ނަމަވެސް އެހުރިހާ ކަމެއް ކިޔައިދިނަސް އެވާހަކަތައް ގަބޫލު ކުރާނީ މަދު މީހެއްކަން އޭނާއަށް އެނގެއެވެ. ވާނީވެސް އެހެންތާއެވެ. އެންމެންނަށްވެސް ފެނިފައި ވާނީ ޒަމީރު ޒަރާއާ ދޭތެރޭ ރަނގަޅަށް ކުރާ ކަންކަމެވެ. ގޭގެ ހަތަރުފާރުގެ އެތެރޭގައި ހިނގާފައިވާ އެއްވެސް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.

ހަފްތާއެއްގެ ތެރޭގައި ޒަރާ އޭނާ ހުންނަން ހޯދި އެޕާޓްމެންޓަށް ބަދަލުވިއެވެ. އަދި މަންމައާއި ބައްޕައަށް ގުޅުމަށްފަހު އޭނާހުރީ ސަލާމަތުން ކަމުގައިވެސް ބުންޏެވެ. އެއީ ޒަރާގެ އަމިއްލަ ދިރިއުޅުން ކަމާއި އޭނާގެ ދިރިއުޅުމުގައި އޭނާ ކުރާކަންކަންވެސް އެއީ އޭނާގެ އަމިއްލަ ކަމެއްކަމުގައި އެމީހުންނަށް ވިސްނައިދިނެވެ.

ކުޑަ ދުވަސްކޮޅެއް ތެރޭގައި ޒަރާ ކައުންސިލިން އަށް ދާން ފެށިއެވެ. އަދި ޑިޕްރެޝަން އާއި އެންޒައިޓީއަށް ބޭސްވެސް ކުރަންފެށިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން ޒަރާގެ ނަފްސާނީ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. ވިސްނުން މަޑުމަޑުން ބަދަލުވާން ފެށިއެވެ. އަމިއްލަނަފްސަށް އިތުބާރު ކުރެވެންފެށިއެވެ. މީހުން ކިޔާހާ އެއްޗިއްސާ ދޭތެރޭގައި ނުވިސްނާ އުޅެން ދަސްވާން ފެށިއެވެ. ޒަރާ އޭނާގެ ފޯނު ނަންބަރު ބަދަލުކޮށް އާ ފޯނެއްވެސް ގަތެވެ. ސޯޝަލް މީޑިއާގެ ހުރިހާ އެއްޗަކުން ޒަމީރު ބްލޮކް ކޮށްލިއެވެ. އަދި ޒަމީރު ކައިރިން ވަރިވުމަށް އެދި ކޯޓަށް ފޯމު ލިއެވެ.

ކޯޓަށް ފޯމު ލީތާ ތިންދުވަސް ފަހުން ނުދަންނަ ނަންބަރަކުން ފޯނެއް އައުމުން ޒަރާ ފޯނު ނެގިއެވެ. އެކޮޅުން ހަލޯ ބުނީ ޒަމީރުއެވެ.

“އަހަރެން ޗޭންޖު ވާނަން.. ޒަރާއަށް އެނގެއެއްނު އަހަރެން ޒަރާދެކެ ލޯބިވާވަރު.. އަލުން އެނބުރި އާދޭ..”

ޒަމީރު އާދޭސް ކުރަން ފެށިއެވެ. ޒަމީރުގެ އެ ބަސްތަށް އިވިފައި ޒަރާގެ މާޒީ އޭނާގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. ޒަމީރު ދިންހާ އަގުބޮޑު ހަދިޔާތަކެވެ.. ޒަމީރު ލޯބިން ކޮށްދިން ކަންތައްތަކެވެ. ލޯބިން ބުނާ ބަސްތަކެވެ.

ދެން ސިފަވާން ފެށީ ޒަމީރު ރުޅިއަންނަ ކޮންމެ ފަހަރަކު އަތުޖެހުނު އެއްޗެއް އުކާލާ މަންޒަރެވެ. ހިތްހަމަ ނުޖެހުމުން ޒަރާއަށް އަދަބު ދިނުމަށް ޒަރާ ކޮޓަރީގައި ތަޅުލާފައި ޒަމީރު ނިކުމެގެންދާ ހަނދާނެވެ. ދުވަހަކުވެސް ޒަރާ ދައްކާވާހަކަ އެއްވެސްމީހަކު ގަބޫލު ނުކުރާނެ ކަމަށްބުނެ ޒަމީރު އޭނާ ބިރުދައްކާ ހަނދާނެވެ. އެތަކެއް ރެއަކު ނިދެންދެން ރޮއި ރޮއި އޮންނަ ހަނދާނެވެ.

އެހަނދާންތައް އާވުމުން ޒަރާގެ ދެލޯ ފެންކަޅިވިއެވެ.

” ﷲ އިރާދަ ކުރެއްވިއްޔާ އަހަރެން ދެން ތި ލައިފަކަށް ނުދާނަން…”

އެހެން ބުނެ ޒަރާ ފުންނޭވާއެއް ލިއެވެ.

“އަހަރެން ބޭނުން ޒަރާއާ އެކު ލޯބި ލައިފެއް އުޅެން..”

ޒަމީރު އަދިވެސް އާދޭސް ކުރަނީއެވެ.

“ޒަމީރު ތި ބޭނުންވަނީ ޒަމީރު ބޭނުންގޮތަކަށް ކޮންޓުރޯލް ކޮށްގެން ގެންގުޅޭނެ މީހެއް.. ތިއުޅެނީ ކޮންމެހެން އަހަރެންދެކެ ލޯތްބަކުން ނޫން..”

ޒަރާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“ތީތަ އަހަރެން ކޮށްދިން ހުރިހާކަމެއްގެ ބަދަލުދޭން އެނގުނު ގޮތަކީ؟..”

މިއޮއް ހާއިރު އާދޭސްކުރި ޒަމީރު ކުއްލިއަކަށް ރުޅިއައެވެ.

ޒަރާ އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ.

“އަހަރެން ދެން އެނބުރި ޒަމީރު ކައިރިއަކަށް ނުދާނަން.. ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް، ރުޅިއައިސްގެން ހަޅޭ ލެވިޔަސް އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ..”

ޒަރާ ވަރަށް ވިސްނާލާފައި އެހެން ބުނެ ފޯނު ކަނޑާލިއެވެ.

އޭގެ ފަހުން ދުވަސްތައް ފާއިތު ވަމުންގޮސް ހަމަސް ވެގެން ދިޔައީއެވެ. ޒަރާ އުޅެމުން ދިޔައީ އެއް ރޫމު އެޕާޓްމެންޓެއްގައި އެކަންޏެވެ. އެއީ މާ ފެންވަރުގައި ހަދާފައިވާ ތަނެއް ނޫނަސް އޭނާ އުޅެމުން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. މިހާރު އޭނާގެ މަންމައާ ބައްޕަވެސް ޒަރާގެ ވާހަކަތައް ގަބޫލު ކޮށްފިއެވެ. ޒަމީރު އެމީހުން ކައިރީގައި ޒަރާގެ ވާހަކަ ދައްކަން ދިޔަ ދުވަހަކު އެގޭގައި ހުރެ ރުޅިގަދަވެގެން އޭނާ ކޮންޓްރޯލުން ނެއްޓިގެން ކާމޭޒު މަތީގަ ހުރި ތަށިތައް ބުރުވާލި ދުވަހުން ފެށިގެން އެމީހުންނަށް ހަގީގަތް ވިސްނުނެވެ. ޒަރާ ދެއްކި ވާހަކަތައް ގަބޫލު ކުރެވި އެމީހުންނަށް ޒަމީރުގެ ހަގީގަތް އެނގުނީ އެހިސާބުންނެވެ.

މިހާރު ޒަރާއަކީ އޭނާގެ ހުރިހާކަމެއް އަމިއްލައަށް ކޮށްގެން އުޅޭ މީހެކެވެ. ބޭނުން ވުމުން މަންމަ ކައިރިއަށް ނޫނީ ރައްޓެހިންނާއެކު ބޭރަށްވެސް ގޮސް ހެދެއެވެ. މީހަކު ބަވާ ހަޅޭއް ލަވާފާނެ ކަމުގެ ބިރެއްނެތި އޭނާ އުޅެމުން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ނަމަވެސް އަދިވެސް ދޭތެރެއަކުން ނިދީގައި ސިއްސައިގެން ގޮސް ހޭލެވެއެވެ. ކައުންސިލިން ތެރަޕީ ސެޝަން ތަކުގެ ސަބަބުން އެކަންވެސް މިހާރު މަޑުމަޑުން ދަނީ ރަނގަޅު ވަމުންނެވެ.

މަޑުމަޑުން ޒަރާގެ މޫނުމައްޗަށް ހަގީގީ ހިނިތުންވުން އެނބުރިއައެވެ. މީހެއްގެ ހުއްދައަކާ ނުލައި ހޭން ދަސްވިއެވެ. އެހެން މީހެއްގެ އަމުރަކާ ނުލައި އަމިއްލަ ކަންކަން ނިންމަން ދަސްވިއެވެ. ޒަމީރުގެ ވާހަކަ ގަބޫލުކުރާ މީހުން އުޅުނަސް މިހާރަކު ފަރުވާލެއް ނެތެވެ. މަޑުމަޑުން ޒަރާގެ ދިރިއުޅުން ބަދަލުވެ މާޒީގައި ތަހައްމަލް ކުރަމުން ދިޔަ ވޭނީ ސިއްރުތަކުން އަރައި ގަނެވުނެވެ.

..ނިމުނީ..

ނޯޓް: މިވާހަކައިގައި ގެނެސްދީފައި މިވާ ކަންކަމަކީ އެތައް ބަޔެއް އެމީހުންގެ ދިރިއުޅުމުގައި ތަހައްމަލް ކުރަމުންދާ ކަންކަމެވެ. އަންހެނުން އެކަންޏެއް ނޫނެވެ. މަދުން ނަމަވެސް ފިރިހެނުންވެސް ގެވެށި އަނިޔާ ތަހައްމަލް ކުރެއެވެ. ގިނަމީހުން މިފަދަ ދިރިއުޅުމެއްގައި ތާށިވެފައި ވަނީ ދަރިންގެ ހައްގުގައެވެ، ނުވަތަ ކައިރީގައި އުޅޭ މީހުން ކިޔާފާނެ އެއްޗެއްގެ ބިރަށެވެ. ނަމަވެސް ހަނދާން ކުރާށެވެ. އެންމެ ފުރަތަމަ އަމިއްލަ ނަފްސު އިސްކުރާށެވެ. އަމިއްލަ ނަފްސުގެ ހައްޤު ހޯދާށެވެ. މިފަދަ އަނިޔާވެރިކަމަށް ކެތްކޮށްގެން ހުރުމަކީ ކުރެވޭ ވަރަށްބޮޑު މޮޔަ ކަމެކެވެ. އަނިޔާވެރިއެއްގެ ބިރަށް އަމިއްލަ ދިރިއުޅުން ހަލާކުކޮށް ނުލާށެވެ. އެއްވެސް މީހަކަށް ގޮތެއް ހުހެއް ނުވާނެއެވެ. މީހަކު ކިޔާފާނެ އެއްޗަކަށް ޖެހިލުން ނުވެ ކަމާބެހޭ ފަރާތްތަކަށް އަންގާށެވެ.

ޑިޕްރެޝަންއާއި އެންޒައިޓީގެ ޝިކާރައަކަށް ވެފައިވާނަމަ އަވަހަށް ސައިކޯ ތެރަޕިސްޓަކަށް ކޮންސަލްޓް ކޮށް ފަރުވާ ހޯދާށެވެ. އެއީ ލަދުގަންނަން ޖެހޭކަމެއްވެސް ނޫނެވެ. އަބަދުވެސް ތިމާގެ އަމިއްލަ ނަފްސު އިސްކުރާށެވެ، ތިމާގެ އަމިއްލަ ނަފްސު ދެކެ ތިމާ ނުވި ލޯތްބެއް އެހެން މީހަކު ނުވާނެއެވެ.

Comments (2)

  1. Xamhath Solih

    Ibraththeri vaahakaeh ♥️

    1. Eyesh
      Xamhath Solih

      Thank you 😘☺️

Comments are closed.