Skip to content
އެސްފިޔަ

ބައިވެރިޔާ – 1

Listen to this story Audio · 11:28 Powered by Esfiya Voice
0:00 11:28

އިރުއަރާ މަންޒަރަށް އަހަންނަށް ގެއްލިފައި އިނދެވުނީ މިކަހަލަ މަންޒަރެއް ފެންނަ މީ ފުރަތަމަ ފަހަރު ފަދައިންނެވެ. އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރަކީ ދުވަހަކުވެސް އަހަރެން ބަލާ ފޫހިވާނެ މަންޒަރުތަކެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އިރުއަރަމުންދާއިރު މުޅިން އާ ވާހަކަ ތަކެއް ކިޔައިދޭ ކަހަލައެވެ. ޤުދުރަތީ ރީތިކަމަށް އަބަދުވެސް އަހަރެން ޝައުގުވެރިވެއެވެ. ކޮންމެދުވަހަކު ފަތިސް ނަމާދު ކޮށްގެން ދުވެލަން ނުކުންނަނީ ހަށިގަނޑު ރަނގަޅު މިނެއްގައި ބެހެއްޓުމުގެ އިތުރުން ހިތްހަމަޖެހުން ލިބޭތީއެވެ. ދުވެނިމިގެން ކުޑަކޮށް ކަސްރަތު ކޮށް ހަދާލައި  ބައެއް ދުވަސް ދުވަހު އިރުއަރާ މަންޒަރު ބަލާލަން މަޑުކޮށްލަނީއެވެ. ކޮންމެ ދުވަހަކު އެކަން އާދައަކަށް ނުހެދުމަށް އަހަރެން އަބަދުވެސް ފަރުވާތެރިވަމެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް ވަކި ހައްދެއް އޮންނާނެކަން ހަނދާނުގައި ހުރެއެވެ. އެހެންނޫން ނަމަ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ލިބިދާނެއެވެ. އަހަންނަކީވެސް އޭގެ ހިތި ތަޖުރިބާއެއް ކުރެވިފައިވާ މީހެކެވެ. އޭގެ ހިތިކަން އަދިވެސް އަރުތެރޭގައި ލައެވެ.

…………………………

އެއީ މީގެ 2 އަހަރު ކުރިއެވެ. އަހަރެންގެ އުމުރުން 21 އަހަރެވެ. ރަށްފުށުގައި ދިރިއުޅެމުންދިޔައީ މަންމަ އާއި ބައްޕަ އަދި ކުޑަ ފިރިހެން ކޮއްކޮ އަކާއެކީއެވެ. އުފަން ރަށަށް ވުމުން ގިނަ އަދަދެއްގެ އާއިލާ މީހުންނާއި ތިމާގެ މީހުން ވެސް ރަށުގައި އުޅެއެވެ. ރަށުގައި ހުރެގެން އޮންލައިން ކޯހެއް ހަދަމުން ދިޔައީ މާލެ ދިއުމަށް މައިންބަފައިންގެ ރުހުން ނުލިބިގެނެވެ. އެމީހުންގެ ނަޒަރުން ދުރަށް އަހަރެން ނުފޮނުވަން އުޅުނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ސުކޫލު ދުވަސްވަރުގައި އަހަރެންނަށް އުޅެވިފައިހުރީ ވަރަށް ވިޔާނުދާ ގޮތް ގޮތަށެވެ. ފެށުނީއްސުރެ އަހަންނަކީވެސް ގޯސް ކުއްޖެއް ނޫނެވެ.އަހަންނަކީ ވެސް މައިންބަފައިންގެ ބަސް އަހާ ކިޔަވަން މޮޅު މުދައްރިސުންގެ ލޯބި ލިބިފައިވާ ކުއްޖެކެވެ. ކިލާހުގައި ނަގާ ކޮންމެ އިމްތިޚާނަކުން އެންމެ މަތި ހޯދަމުން ދިޔައިރު ސުކޫލުގައި ބާއްވާ ޤުރުއާން މުބާރާތްތަކާއި  މަދަހަ މުބާރާތް އަދި އެހެނިހެންވެސް ހަރަކާތްތަކުން ރަން ވަނަތައް ލިބެއެވެ. ހުރިހާ ކަމެއްވެސް އަހަރެންނަށް ލިބިފައިވެއެވެ. ހަމައެކަނި އެކުވެރިން ފިޔަވައެވެ.

ކިލާހުގައިވެސް އަހަރެންގެ ހަމައެކަނި އެކުވެރިއަކަށް ހުރީ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ނާވީ އެވެ. އެހެންކުދިންނާ ޖެހިގެން އޭނާވެސް ފަހަކަށް އައިސް އަހަރެންނާ މާބޮޑަށް ވާހަކަ ދައްކާ ނޫޅެއެވެ. އެކަނިވެރިކަމާއި މީހުންގެ ފުރަސާރަވީ ދުވަހެއް ދުވަހަކަށް އިތުރެވެ. ވާހަކަ ދައްކާލާނެ އެކުވެރިއަކު ނެތްތާގައި ކިލާހުގައި އިންނަ ގިނަ ވަގުތު ޖެހެނީ ކުދިންގެ މަލާމާތާ ކުރިމަތިލާށެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ ދުވަހަކުވެސް މީހަކަށް ދެރައެއްދީ ގޯނާއެއް ނުކުރަމެވެ. ކިޔެވުމަށް މޮޅުވުމަކީ އެހާބޮޑު ތަކުލީފުތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ދުވަހަކުވެސް ހީކުރެވިފައެއް ނުވެއެވެ. އަހަރެން ހުންނަ ސިފައާއި ހިނގާ ގޮތާއި ވާހަކަ ދައްކާ ގޮތަށް ވެސް މަލާމާތް ކުރަނީއެވެ. އުފެދުމުގައި މާބޮޑު އަޅައިގަންނަ ސިފައެއް ނެތްކަމަކު އަހަންނަކީވެސް ހަޑި މީހެކޭ ނުބުނެވޭނެއެވެ. އޮޅަލި ކުލައިގެ ހަންގަނޑެއް ލިބިފައިވާއިރު އިސްކޮޅުން 5 ފޫޓު 6އިންޗި ހުރެއެވެ. އެއީ ރާއްޖޭގެ ނިސްބަތުންނަމަ ދިގު އިސްކޮޅެކޭ ބުނެވިދާނެއެވެ.

އެންމެން ބުނާހެން އެމީހުންގެ ’ބިއުޓީ ސްޓޭންޑާރޑް‘ އަކަށް އަހަރެން ނުފެތެއެވެ. ފުރަތަމަ އެކަންކަމަށް ދެވުނީ ބީރު ކަންފަތެކެވެ. މީހުން ކިޔާ އެއްޗެއްސަށް މާ ބޮޑަށް އަޅައެއް ނުލަމެވެ. ނަމަވެސް އިންސާނެއްވިއްޔާ ކެތްތެރިކަމެއް ހުންނާނީ ވަކި ވަރަކަށް ނޫންހެއްޔެވެ. އަހަރެންގެ ކެތްތެރިކަން ބަދަލުވީ ހިތާމައާއި ހިތްދަތި ކަމަށެވެ. ހިތުގެ ޙާލު އަޑުއަޙާލާނެ މީހަކު ނެތެވެ. މައިންބަފައިން ގާތު ބުނުމުން މާބޮޑު ކަމަކަށް ނުހަދައެވެ. މީހަކު އެއްޗެއް ބުނާއިރަށް އަހަރެން މާކަންތައް ބޮޑު ކުރަނީ ކަމަށް ބުނެ ރުޅި އިސްކުރެއެވެ. މަންމައަކީ ފަންވިޔެގެން ރިސޯޓުތަކަށް ވިއްކައިގެން އާމްދަނީ ހޯދާމީހެކެވެ. ބައްޕަ އުޅެނީ ކަންނެލި ދޯންޏެއްގައެވެ. ހަފްތާއަކު ދެ ދުވަހު ބައްޕަ ރަށަށް އަންނާނެއެވެ. ގިނަ ވަގުތު ގޭގައި އުޅެނީ އަހަންނާއި ކޮއްކޮ ލީވާ އެވެ. މަންމައާއި ބައްޕަ އެހެން އެއުޅެނީ އަހަރުމެން ދެބެއިންނަށް އަޅާނުލާތީއެއް ނޫނެވެ. އަހަރުމެން ފަޤީރު ނޫނަސް މަންމައާއި ބައްޕަ ބުރަ މަސައްކަތް ކޮށްގެން ލިބޭ ލާރިކޮޅުން ކިރިޔާ އަނގަޔާ އަތާ ދިމާވަނީއެވެ. މަންމަމެން އެހާ ބުރަކޮށް މަސައްކަތް އެކުރަނީވެސް އަހަރުމެންގެ މުސްތަޤުބަލަށްކަން އަހަރެންނަށް ވިސްނެއެވެ. ކިޔެވުމަށް އިތުރު ހިތަވަރެއްވެސް ލިބެނީ އެކަމުންނެވެ.

ޒަމާނަކީ ކަންކަމަށް ކިތަންމެ ލޯ ހުޅުވިފައިވާ ޒަމާނަކަސް ރަށް ރަށުގައި ދިރިއުޅޭ އާދައިގެ މީހުނަށް ނަފްސާނީ ދުޅަހެޔޮކަމަކީ ކޯއްޗެއްކަން ގިނަފަހަރު ނޭގެއެވެ. އަަހަރެންގެ އާއިލާ ވެސް އޭގެ ތެރޭ ހިމެނެއެވެ. ކިލާސް ކުދިންގެ ޖެއްސުންތަކާއި ކުދި ގޯނާތަކުން އަހަރެންނަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އަހަރެން ދައްކާ ވާހަކަތައް ސުކޫލުގެ ލީޑިން ޓީޗަރުންވެސް ޤަބޫލެއް ނުކުރެއެވެ. ކަންކަން މާ މައްޗަށް ދާން ފެށުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ކަންކަމާ ވިސްނާ ފިކުރު ކުރުން ގިނަ ވިއެވެ. ކުދިކުދި ކަންކަމާ ރުޅި އިސްކުރެވެން ފެށުނެވެ. ކިޔެވުން ދިޔައީ ދުވަހެއް ދުވަހަކަު ދަށަށެވެ.

ކިލާސް ކުދިން ލޯބީގެ ގޮތުން މަތީ ގުރޭޑް ތަކުގެ ކުދިންނާ ގުޅިގެން އުޅޭތަން ފެނެއެވެ. ދުވަހަކުވެސް އަހަރެންނަށް މީހަކު ލޯބި ހުށަހަޅާފައެއް ނުވެއެވެ. އެކަހަލަ ކަމެއް ތަޖުރިބާ ކޮށްލަން އަހަރެންވެސް ނުހަނު ބޭނުންވެއެވެ. ގުރޭޑު 12 ގައި އުޅޭ މިރާންއާ އަހަރެން ވަރަށް ގަޔާ ވެއެވެ. މިރާން މުޅި ސުކޫލުގައި ވެސް ރީތިކަމަށް އަންހެން ކުދިންގެ ތެރޭގައި މަޤުބޫލެވެ. އަހަރެން އުޅުނީ ގްރޭޑް 11 ގައެވެ. އެހެންކަމުން ދެމީހުންގެ ކިލާސްވެސް ހުންނަނީ ޖެހިގެންނެވެ.

އަހަރެން މިރާންދެކެ ގަޔާވިއަސް އޭނާ ކަހަލަ މީހަކު އަހަރެން ދިމާއަށް ބަލާވެސް ނުލާނެކަން އެނގެއެވެ. އެވާހަކަ އަހަރެން ހިއްސާކުރީވެސް ނާވީ އަށް އެކަނިއެވެ. އޭރު ހީކުރެވިފައި އޮތީ ނާވީ އަކީ އަހަރެންގެ އާއިލާ ކުއްޖަކަށް ވުމުން އިތުބާރު ކުރެވޭނެ ކަމެވެ. ނަމަވެސް އަނެއް ދުވަހު ސުކޫލަށް ދިޔައިރު އެންމެން އަހަންނަށް މަލާމާތް ކުރީ މިރާންއާ ހެދި ’ހޭބަލި‘ ވެފައި ހުންނަ މީހެކޭ ކިޔައިގެނެވެ. އެންމެފަހުން އެންމެނާ އެއްބައިވެގެން ނާވީ ވެސް އަހަންނާ ދެކޮޅުވީއެވެ. އަހަރެން މުޅިން އެކަނިވެރިވީއެވެ.

އެދުވަހަށް ފަހު ކިލާހުގައި އިނުންވީ ދަތި ކަމަކަށެވެ. މީހަކުދެކެ ގަޔާވެވުމަކީ އެހާބޮޑު ކުށެއް ކަމަކަށް އަހަރެން ނުދެކެމެވެ. އިޝާހިތަކު މިރާންގެ ކަންފަތަށް ވެސް އެވާހަކަ ފޯރިއެވެ. ކޮންމެދުވަހަކުވެސް ކިލާސް ކުރިމަތިން ދާއިރު މިރާން އަހަންނަށް ހިނިތުންވެލައިގެން ހުންނަތަން ފެނެއެވެ. މަލާމާތުގެ ހިނިތުންވުމެއް ކަމެއް ނޫނީ ހިތްހެޔޮ ހިނިތުން ވުމެއް ކަމެއް ބުނާކަށް އަހަންނަކަށް ނޭގެއެވެ. އޭނާގެ ގާތުގައި ތިބޭ އެކުވެރިންތައް އަހަންނަށް ނަންނަމުން ގޮވާ  ހަޑިހުތުރު ބަސްތަކުން އަހަންނާ މުޙާތަބުކުރެއެވެ. މިރާން އަހަންނާ ދިމާއަށް އެއްޗެއް ނުބުންޏެއް ކަމަކު އެކަން މަނާކުރާކަށް ވެސް ނޫޅެއެވެ.

އެކަނިވެރިކަމާއި ހިތްދަތިކަންވީ ބޮޑު ބައްޔަކަށެވެ. ގިނަ ވަގުތު އަހަރެން ހޭދަ ކުރަމުން ދިޔައީ ފުއްޓަރު ފަރާތު އަތިރިމަތީގައެވެ. ހަވީރު 5 ޖަހާއިރު ދާގޮތަށް އެތާގައި އެތަކެއް ވަގުތެއް ހޭދަކުރަމެވެ. ބައެއް ރޭތަކު 9 ޖަހާ ބޮޑުވާއިރުވެސް އިނދެވެއެވެ. އަހަރެން ގެއްލިގެން ހޯދަން ވެސް މީހަކު ނޫޅޭނެކަން އެނގޭތީ އަވަހާ ގެއަށް ދާކަށްވެސް ބޭނުމެއް ނުވެއެވެ.

އެކަނިމާއެކަނި އިނދެ އެތައް ވާހަކަތަކެއް އަމިއްލަ ނަފްސާ ދެކެވެއެވެ. މަލާމާތް ކުރާނެ މީހެއް އެތާގައި ނުހުރެއެވެ. އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދަކަށް ނުވުމުން ހިމޭން ވެފައި ހިތްގައިމެވެ. ރަށުގެ ބިއްދޮށު މަގުން ގޮސް ހިމަ މަގަކުން އާދެވޭއިރު މޫދުކައިރީގައި   ބޮޑު ދިއްގާ ގަހެއް ހުރެއެވެ. އެސަރަހައްދަކީ މީހުން މާގިނައިން އައިސް އުޅޭ ސަރަހައްދަކަށް ނުވިއަސް މުޅިތަން އޮންނަނީ ވިނަ ކޮށައި ސާފުކޮށްފައެވެ. އެ ބޮޑު ދިއްގާ ގަހުގައި ފިލާފޮއްޗަކުން ހަދާފައި އޮންނަ ކުޑަ އުނދޯއްޔެއް އެލުވާފައި އޮވެއެވެ. އެއީ އަހަރެން ކޮންމެ ރެއަކު ވަގުތު ހޭދަކުރާ އަހަރެންގެ ’ހެޕީ ޕްލޭސް‘ އެވެ.

އާދައިގެމަތިން އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް އަހަރެން އިނީ ހަވީރު 5 ޖެހިއިރު އައިގޮތަށެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން އަނގައިން މަޑު ރާގެއް ލައްވަމުން މޫދަށް ނަޒަރު ހުއްޓާލައިގެން އިނީ ޖެހޭ ފިނި ވައި ރޯޅި ތަކުން ހިތަށް ހަމަޖެހުން ލިބޭތީއެވެ. ފިނިފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލާއިރު ނޭގޭ އަރާމެއް ލިބިދެއެވެ. ރާޅުތައް އައިސް ދޮންވެލިގަނޑަށް ބީއްސާލާ ގޮތް ވަރަށް ހިތް ގައިމެވެ. ހަނދުވަރުގެ އަލިކަން މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު މޫދު ރިހި ކުލައިން ވިދާ ބަބުޅައެވެ.

”ލަޔާ“ އެހެން އިންދާ އަހަރެންގެ ނަމުން މީހަކު ގޮވިއަޑު އިވުނެވެ. ހެއްލަން އިން އުނދޯލި މަޑުކޮށްލަމުން ފަހަތަށް އެނބުރި ބަލާލިއިރު މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެއީ ހީވި ގޮތެއް ކަމަށް ނިންމައި އަލުން އުނދޯލި ހެއްލަން ފެށީއެވެ. އަނެއްކާވެސް އަހަރެންގެ ނަމުން ދެވަނަ ފަހަރަށް ގޮވި އަޑު އިވުނެވެ. މިފަހަރު އަޑު އައީ ތަންކޮޅެއް ކައިރިންނެވެ. ފަހަތަށް އެނބުރި ބަލާލިއިރު މިފަހަރުވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އަހަރެން ނިންމީ އެއީ ކަންކަމާ މާބޮޑަށް ވިސްނާތީ އަހަރެންނަށް ހީވާ ގޮތް ކަމުގައެވެ. އޭރު ގަޑިން 8 ޖަހާފައި ވުމުން އަހަރެން ނިންމީ ދެން ގެއަށް ދާށެވެ. އުނދޯލިން ފައިބައި ފައިވާނަށް އަރައިގެން އެނބުރިލިއިރު ދިއްގާ ގަސް ކައިރީ އެހުރީ މިރާން ނޫން ދެވަނަ މީހެއް ނޫނެވެ. ހިނިތުންވެލައިގެން ދިއްގާ ގަހަށް ލެގިލައިގެން ދެޖީބަށް އަތް ޖަހާލައިގެން އެހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ.

ނޫނެކެވެ. މިރާން ކަހަލަ މީހަކު އަހަރެންނާ ދިމާއަށް ބަލަންވީ ކީއްވެހެއްޔެވެ. އަހަންނަކީ މިރާންއަށް ކަމުދާ ކަހަލަ ކުއްޖެއްނޫނެވެ. ހިތަށްވެރިވި ހިޔާލު ތަކުން އަނެއްކާވެސް ލިބުނީ މާޔޫސް ކަމެވެ. އިސްޖަހާލަމުން ހިނގައިގަންނަން ނެގި ފިޔަވަޅު ހުއްޓުނީ އަނެއްކާވެސް މިރާން ގޮވުމުންނެވެ.

”އޯކޭތަ ގާތަށް އަޔަސް؟ ވާހަކަ ދައްކާލަން“ މިފަހަރު މިރާން ވާހަކަ ދެއްކިއެވެ. އަހަންނަށް ހަމައެކަނި ބޯ ޖަހާލުން ނޫން ކަމެއް ނުކުރެވުނެވެ. ކުރިމަތީގައި އެހުރީ މިރާންއެވެ. ސުކޫލުގެ މަޝްހޫރު ރީތި ހުސްކުރިއެވެ. މިރާން ކަހަލަ މީހަކު އަހަރެންނާ ދައްކަން ވަކި އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ބަލަބަލާ ހުއްޓާ މިރާން އައިސް އަހަރެންނާ ދާދި ގާތުގައި މަޑުކޮއްލިއެވެ.

”ލަޔާ…. އަހަރެން ލަޔާއާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުން…އިށީންނަންވީނު“ މިރާން އަތުގެ އިޝާރާތުން އުނދޯލި ދެއްކުމުން އަހަރެން އުނދޯލީގައި އިށީނީއެވެ. މިރާން ހުރީ އަހަރެން ކައިރީ ކޮޅަށެވެ. އަދިވެސް އަހަރެންނަށް އަނގައިން ބުނާކަށް ހިތްވަރެއް ނުލިބުނެވެ. ކެތްތެރިކަން ކުޑަވެފައި މިރަާންއަށް ބަލާލީ އެބުނަން އުޅޭ ވާހަކަ އަޑު އަހާ ހިތުންނެވެ.

”އަހަރެންނަށް ލަޔާ ވަރަށް ކަމުދޭ…. އަހަންނާ ރައްޓެހި ވާންވީނު“ މިރާން ބުނެލި ޖުމްލައިން އަހަރެންގެ ދެލޯބޮޑުވެ ތަލިން ކުޅު ހިކުނެވެ. ހައިރާންވީ ވަރުން އިށީދެ އިނދެފައި ކޮޅަށް ތެދުވުނެވެ.

”ވަޓް؟…..މިރާން؟ އެވެސް އަހަރެންނާ؟ އާ ޔޫ ސީރިއަސް؟“ ޤަބޫލު ނުކުރެވިފައި ކޮންމެ ބަހެއް އަހަރެންގެ އަނގައިން ނުކުތީ ވަކިވަކިންނެވެ.

”ކިހިނެއްވީ؟ އަހަރެން ދެކެ ލަޔާ ލައިކް ނުވަނީތަ؟“ މިރާން ދެރަވެލާފައި ބުންޏެވެ.

”ނޫން ލައިކް ނުވަނީއެއްނޫން…..އެނީވޭޒް….ޔެސް ވައި ނޮޓް….އަހަރެން މިރާންއާ ރައްޓެހި ވާނަން“ އަހަރެން ހިނިތުން ވެލަމުން މިރާންއަށް ބަލާލީ މާ ލަސްކޮށްފިނަމަ މިރާންގެ ޙިޔާލު ބަދަލުވެދާނެތީއެވެ.

”ބުނޭ ލަޔާ ތީ ދެން މީގެ ފަހުން ހަމައެކަނި އަހަރެންގެ ޙައްޤެކޭ“ މިރާން އެއްއަތުން އަހަރެންގެ ކޮލުގައި ފިރުމާލަމުން ބުންޏެވެ. ބޯ ޖަހާލަމުން މިރާން އެބުނި ފަދައިން އަހަރެން ތަކުރާރު ކޮށްލީމެވެ. މިވީ ކިހިނެއް ކަމެއް  އަހަންނަކަށްވެސް ނޭގުނެވެ. ކުއްލިއަކަށް މިރާން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނީއެވެ. ޤަބޫލުކުރަން ދަތި ވިއަސް އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ލޯތްބަށް ނުހަނު ބޭނުންވެފައި ހުއްޓާ އަހަރެން އެންމެ ގަޔާވާ މީހާ އަހަރެންނަށް ލޯބި ހުށަހެޅީއެވެ.

އެރޭ އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު އަހަރެން ގެއަށް ދިޔައީ 10 ވެސް ޖެހި ފަހުންނެވެ.

އަނެއްދުވަހު ސްކޫލުން މިރާންއާ ދިމާވުމުން އަހަރެން ފެނުނު ކަމަށް ވެސް ނުހެދިއެވެ. ކުރިމަތިން ދިޔައިރު ބަލާވެސް ނުލިއެވެ. އެކަމާ އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ރޭގައި ދެއްކި ލޯބިވެތި ވާހަކަތަކާއި އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއަށް ވުމަށް ވެވުނު ވައުދުތައް އެއީ ހުސް ދޮގު ހެއްޔެވެ؟ ނޫނީ މިރާން އަހަރެންނާ ސަމާސަ ކުރަނީ ހެއްޔެވެ؟