
ޒައިނަބް – 1

އަރާމު ނިންޖަކުން ނިދާފައި އޮތް ޒައިނަބަށް ހޭލެވުނީ ކުއްލިއަކަށް އޭނާގެ މޭ ފިތޭ އިހުސާސްވާން ފެށުމުންނެވެ. ނޭވާލާން އުދަގޫވެ، ހީވީ ހިތްހުއްޓި ފުރާނަ ނިކުންނަން އުޅުނުހެންނެވެ.
އޭރު ގަޑިން ދަންވަރު ދެގަޑި ސަތާރަ ވަނީއެވެ.
އެވަގުތަކީ ރަށުތެރެ އެންމެ ހަމަހިމޭން ވަގުތެވެ. ގެއާ މާދުރުން މޫދުން ޖަހަމުންދިޔަ ރާޅުތަކުގެ އަޑު، މާހައުލުގެ ހިމޭންކަމުގެ ތެރެއިން ކޮންމެވެސް ވަރަކަށް އިވެމުންދިޔައެވެ. ދޭތެރެއަކުން ޖެހެމުންދިޔަ ވައިރޯޅިތައް އައިސް މަގުމަތީގައި ހުރި ރުއްތަކުގެ ފަންތަކުގައި ކުޅެލާ އަޑުވެސް އިވެމުންދިޔައެވެ.
ޒައިނަބް އޮތީ އޭނާގެ އެނދުގައި އުއްޑުން އޮށޯވެގެންނެވެ. ސީލިންގާ ދިމާލަށް ބަލަން އޮތްއިރު ހީވަނީ އޭނާގެ ދެ ކަޅި ހުއްޓުން އަރާފައި ހުރިހެންނެވެ.
ޒައިނަބަށް ފެންނަމުން ދިޔައީ ހުވަފެނެއް ނޫންކަން އޭނާއަށް އެނގުނީ ކޮޓަރީގެ ކުޑަދޮރުގެ ދޮރުފޮތިގަނޑުގެ ދޭތެރެއިން ފުރޭނިގެން އައިސްފައިވާ ހަނދުވަރުގެ ފަނޑު އަލިކަން ފެންނާތީއެވެ. އޭރު ޒައިނަބް ކައިރީގައި އޭނާގެ ފިރިމީހާ އަހުސަލް ނިދާފައި އޮތެވެ. އެވަގުތު ކޮޓަރީގެ ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. އެއަޑުއައީ މަޑުމަޑުން ލަސްލަހުންނެވެ. ދޮރާއި ވަރަށް ކައިރިއަށް އައިސްފައި އެއަޑު ހުއްޓުނެވެ. ޒައިނަބް އޮތީ އަހުސަލްއަށް ހޭލެވޭތޯ ބަލާށެވެ. ނަމަވެސް އަހުސަލެއް ހެއެއް ނުލިއެވެ. ދެން ޒައިނަބް ބެލީ ތެދުވެވޭތޯއެވެ. ނަމަވެސް އޭނާއަކަށް ގުޑިވެސް ނުލެވުނެވެ. ބުނެދޭން ނޭނގޭފަދަ ބަރުކަމެއް ހަށިގަނޑުގައި ވާކަހަލައެވެ. ކުޑަމިނުން އޭނާގެ އަތެއް ފަޔެއް އަދި، އިނގިއްޔެއްވެސް ގުޑުވައެއް ނުލެވުނެވެ. ދެން ޒައިނަބް މަސައްކަތްކުރީ އަހުސަލްއަށް ގޮވާ ހޭލައްވާށެވެ. ނަމަވެސް އަނގަޔަކުން އަޑެއް ބޭރެއްނުވިއެވެ.
އެވަގުތު އެނދުކައިރީގައި މީހަކު ހުއްޓިހުރި ކަމުގެ އިހުސާސް ޒައިނަބުއަށް ވާންފެށިއެވެ. އެމީހާގެ މޫނު ނުފެނުނަސް ހިޔަންޏެއް ފަދައިން އެމީހާ ފެންނަން ހުއްޓެވެ. ޒައިނަބްގެ ހިތަށް ބިރުވެރިކަން ވަދެ މީހާ ދާހިއްލަން ފެށިއެވެ. އެވަގުތު އެނދުގެ ފައިލާ ކޮޅުން ގޮދަޑި އަޑި ވެގެންދިޔަ އިހުސާސް ޒައިނަބް އަށް ކުރެވުނެވެ. ހީވާގޮތުން އެނދުމަތީގައި މީހަކު ނުވަތަ އެއްޗެއް އިށީނީއެވެ. ޒައިނަބްގެ ހިތުގައިވާ ބިރުވެރިކަން އިތުރުވެ މީހާ ތުރުތުރުލާން ފެށިއެވެ. ކިތަންމެ މަސައްކަތް ކުރިނަމަވެސް ބޯ ހިއްލައި އެދިމާލަށް ބަލައިވެސް ނުލެވުނެވެ.
ދެން ޒައިނަބް މަސައްކަތްކުރީ ކުރުސި ކިޔޭތޯއެވެ. އަޑު ނުނިކުތުމުން ހިތު ތެރެއިންވިޔަސް ކިޔޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. ވަކިހިސާބަކަށް ކިޔުން ތަނުން އަކުރުތައް އޮޅި ކުރުސި ހަނދާން ނެތުނެވެ. ނަމަވެސް އަނެއްކާވެސް އަލުން ފަށައިގެން ކިޔޭތޯ ބެލިއެވެ.
އެވަގުތު ޒައިނަބުގެ މެޔަށް ވެފައިހުރި ބަރުކަން އިތުރުވެ އޭނާގެ މޭ ފިތިގެން ދިޔަހެން ހީވިއެވެ. ނޭވާވެސް ލެވެމުން ދިޔައީ ވަރަށް މަސައްކަތުން ފިތި ފިތިގެން ކަހަލަ ގޮތަކަށެވެ. ހަމައެވަގުތު ޒައިނަބްގެ ފައިން ފެށިގެން މެޔާ ހިސާބަށް ފިނިކަމެއް އަރައިގެން ދިޔައެވެ. އެވަގުތު އެނދު ކައިރިން ފެންނަންހުރި ހިޔަނި އޭނާއާއި ދިމާލަށް ގުދުވާން ފެށިއެވެ.. ގަތްބިރުން ޒައިނަބަށް ތެޅިގަނެވުނެވެ. ކުއްލިއަކަށް ތެޅިގަނެފައި ޒައިނަބް ތެދުވެ އިށީނެވެ. ލެވުނު މާނޭވާ އަކާއިއެކު މެޔަށް ވެފައިހުރި ތާށިކަން ކުއްލިއަކަށް ފިލާދިޔައެވެ. ހީވީ މޭމަތީގައި އޮތް ބަރެއް ނެގި ހެންނެވެ.
އަހުސަލްއަށް ހޭލެވުނީ ޒައިނަބް ބާރަށް ރޯންފެށި އަޑަށެވެ. އަހުސަލްތެދުވެ ކޮޓަރީގެ ބޮކި ދިއްލާލުމަށްފަހު ގޮސް ޒައިނަބްގެ ގައިގައި ބައްދާލިއެވެ. އޭރުވެސް ޒައިނަބް ބިރުން ތުރުތުރު ލަނީއެވެ.
“ޒައިނަބް…ޒައިނަބް… ކިހިނެއްވީ؟..”
އަހުސަލް ޒައިނަބްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން އެހިއެވެ.
“މީ… މީހަކު ހުރީ… އެނދު ކައިރީގަ…”
އާގަންނަމުން ޒައިނަބަށް ބުނެވުނީ އެހިސާބަށެވެ. ގަނެފައިވާ ބިރުން މީހާ އިނީ ޝޮކެއްގައެވެ.
އަހުސަލް ތެދުވެގެންގޮސް ކޮޓަރިތެރެ އެއްކޮށް ހޯދައި ބެލިއެވެ. ޒައިނަބާއި އަހުސަލް ފިޔަވައި އިތުރު އެއްވެސް މީހެއް އެ ކޮޓަރިއަކު ނެތެވެ. އަހުސަލް ކޮޓަރިން ނިކުމެ ބޭރުވެސް ބެލިއެވެ. ނަމަވެސް ބޭރުގައިވެސް އެއްވެސް މީހެއްގެ ހިލަމެއްވެސް ނެެތެވެ.
އަހުސަލްގޮސް ޒައިނަބް ކައިރީގައި އިށީނދެ ވީގޮތް، ވަރަށް ތަފްސީލުކޮށް ކިޔައިދިނުމަށް އެދުނެވެ. ޒައިނަބް އޭނާއަށް ވީގޮތާއި، ފެނުނު މަންޒަރު ކިޔައިދިނެވެ.
“ތިވާނީ ސްލީޕް ޕެރެލައިޒް ވީކަމަށް… އެއީ ބައެއްފަހަރު އުއްޑުން އޮވެ ނިދީމަ ބައެއް މީހުންނަށް ވާގޮތެއް… އެއީ ހަމަ ބިރުވެރި ހުވަފެނެއް ފެނުން ކަހަލަ ކަމެއް. މާބޮޑަށް އެކަމާ ނުވިސްނާ…. އެއީ ބިރުވެރި ހުވަފެނެއް…..”
އަހުސަލް މަސައްކަތްކުރީ ޒައިނަބް ހަމަޔަކަށް އަޅުވާށެވެ.
“އަހަރެންވެސް އަޑުއަހަން ބައެއްމީހުން ސްލީޕް ޕެރެލައިޒް ވާ ވާހަކަ… އެކަމަކު އަހަންނަށް އަލަށް މިކަހަލަ ކަމެއް މިވީ.. އެއީ ހުވަފެނެއްދޯ…”
ނިއްކުރީގައި ހިއްލާފައި ހުރި ދާތައް ފޮހެލަމުން ޒައިނަބް ހަމަޖެހިލެވޭތޯ ބެލިއެވެ.. ނަމަވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވުންކަން ޒައިނަބަށް ވަރަށް ޔަގީނެވެ. އެރޭ ދެން އިތުރަށް އޭނާއަށް ނިދުނީ ކުރުސި ކިޔައި ދުޢާތަކާއި ޒިކުރުތައް ކިޔުމަށްފަހު، ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުމުންނެވެ.
އަނެއްދުވަހު ހެނދުނު ތެދުވެ ޒައިނަބް ނިންމީ އެއްވެސް އިތުރު މީހެއް ކައިރީގައި އެވާހަކަ ނުދެއްކުމަށެވެ. އެވާހަކަ ކިޔައިދީފިނަމަ މީހުން އޭނާ ޑިޕްރެޝަނަށް ދިޔައީކަމަށް ހަދައި ވާހަކަ ފަތުރައިފާނެއެވެ. އަދި ޒައިނަބް ނަފްސާނީ ވީކަމަށްވެސް ކިޔައިފާނެއެވެ. އެހެންވެ ޒައިނަބް އެވާހަކަ އެއްވެސް މީހަކަށް ކިޔައެއް ނުދެއެވެ.
އެދުވަހުވެސް، އެހެން ދުވަސް ތަކެކޭވެސް އެއްފަދައިން ޒައިނަބް އޭނާގެ މަސައްކަތް ތަކާއިގެން ކުރިއަށްދިޔައެވެ. ހެނދުނުގެ ސައި ތައްޔާރުކޮށް ގޭތެރޭގެ މަސައްކަތްތަކުގައި އަވަދިނެތި އުޅެންފެށިއެވެ. ރޭގައި ވީކަންތައް ހަނދާން ނައްތާލެވޭތޯ ޒައިނަބް ވަރަށް މަސައްކަތް ކުރިއެވެ. އެދުވަހުގެ މެންދުރެއްހާއިރު ވާން ވީއިރު ރޭގައި ވީކަންތަކު ގެ ބިރު ކޮންމެވެސްވަރަކަށް ވަނީ ފިލައި ގޮސްފައެވެ.
އެރޭ ޒައިނަބް ހުރީ ނިދަން އޮށޯންނަމުން ދުޢާތައް ކިޔަން ވަރަށް ހަނދާން ކޮށްގެންނެވެ. ނަމަވެސް އެނދުގައި އޮށޯވެ ފޯނާކުޅެން އޮއްވައި ޒައިނަބަށް ނިދުނީއެވެ. މިރޭވެސް ގަޑިން ދެގަޑިސަތާރަ ވީތަނުން މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. މިފަހަރު އެއަޑު އައީ ކޮޓަރީގެ ތެރެއިންނެވެ….
…………………….
މިހުރިހާކަމެއް ފެށިގެންއައީ ޒައިނަބުގެ ކައިރީގައި އުޅުނު މީހެއްގެ ހަސަދަވެރިކަން އޭނާއަށް ޖެހުނު ހިސާބުންނެވެ..
…………………….
ޒައިނަބް ދިރިއުޅެމުން ދިޔައީ އޭނާގެ އުފަންރަށް ކަމުގައިވާ ގާފު ދާލު ތިނަދޫގައެވެ. ރަށަކީ އާބާދީބޮޑު ރަށެއްކަމުން އާންމުކޮށް އެރަށު ތެރެ ފެންނަނީ އަބަދުވެސް ވަރަށް ހަލަބޮލިކޮށެވެ. ޖެޓީ މައްޗާއި ޖޯލިފަތި ތަކުގައިވެސް އަބަދު ކަހަލަ ގޮތަކަށް މީހުން ތިބޭތީ ފެނެއެވެ. ރަށުގެ ފުއްޓަރު ފަޅީގައި ރުއްދަނޑު ހެދިފައިވާއިރު އެދިމާލުން ބޮޑު ވަލެއްވެސް އޮވެއެވެ. ދުވާލުގެ ބައެއް ވަގުތުތަކުގައި އެދިމާލަށް ދަރާއި ކާށި ހޮވަން ގޮސް އުޅޭމީހުންވެސް ވަރަށްގިނައެވެ.
ރަށުގެ ގިނަމީހުން އަސުރު ނަމާދަށްފަހު ފެންވަރައި ރީތިވެގެން ރަށުތެރެއަށް ނިކުމެއެވެ. ހަވީރު ފިންޏަށް ކުދިން ގޮވައިގެން ހިނގާލަން ދިއުމަކީ އެރަށުގައި ވަރަށް އާންމުކަމެކެވެ. ގިނަމީހުން އަތިރިމައްޗަށް ގޮސްލައި، އަދި ގާތްތިމާގެ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް ހަދަނީވެސް އެގަޑީގައެވެ. ހަވީރު ފިންޏަށް ނިކުމެއުޅޭ ޅަވަރުގެ ލާނެތް ކުދިންތައް ބައިސްކަލުތަކުގައި ރަށުގެ މަގުތަކުގައި ބާރަށް ދެކޮޅަށް ދުއްވާ ހަދާތީވެސް އެގަޑީގައި ފެންނާނެއެވެ. އެރަށަކީ އެކުވެރި، އެއްބައިވަންތަ، އުފާވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރީތި ރަށެކެވެ.
ދުވަހަކީ ބުރާސްފަތި ދުވަސްކަމުން ވަރަށްގިނަ މީހުން، ހުކުރުދުވަހު ކައިރީގައި އޮންނަ ފަޅުރަށަށް ދަތުރު ދިއުމަށް ދިޔައީ އެކިއެކި ތައްޔާރީތައް ވަމުންނެވެ. ތިނަދޫ ކައިރީގައި ދެތިން ފަޅުރަށް އޮންނާތީ އެރަށުގެ ވަރަށްގިނަ މީހުން ބަންދު ދުވަސް ތަކުގައި އެ ފަޅުރަށްތަކަށް ޕިކްނިކު ގޮސް ހަދައެވެ. ރައްޓެހިންނާއި އާއިލާތަކުންވެސް ދަތުރުތައް ރާވައިގެން ގޮސް ޕިކްނިކު ހަދާލައި މަޖާ ނަގައިފައި އިރުއޮއްސެން ވާއިރަށް ތިނަދޫއަށް އެނބުރި އާދެއެވެ.
އެހެން ޕިކްނިކު ގޮސް ހެދުމަކީ ޒައިނަބްވެސް ވަރަށް ފޯރިހުންނަ ކަމެކެވެ. އާންމުކޮށް އެމީހުންގެ އާއިލާ އެންމެންވެގެން ކުޑަ ދޯންޏެއްގައި ހުކުރުދުވަހު ނޫނީ ހޮނިހިރުދުވަހު ހެނދުނު ހެނދުނާ ދަތުރު ދިއުމަށް ފުރައެވެ. ޒައިނަބު މެން އާންމުކޮށް ޕިކްނިކް ގޮސް ހަދަނީ އެރަށް ކައިރީގައި އޮންނަ ލޮނުދޫކިޔާ ފަޅު ރަށަށެވެ.
އާންމުކޮށް ދަތުރުދާ ދުވަސް ދުވަހު ކައްކަން ބޭނުންވާ ސާމާނާއި ތެލި ތަށިތައް ފަދަ ސާމާނުތައް ފޮށިތަކާއި ކޮތަޅުތަކަށް އަޅައިގެން އިރުއަރަން ވާއިރަށް ދޯންޏަށް އަރައެވެ. ފަޅުރަށަށް ދެވުމުން ބޮޑެތި މީހުންތައް ވަލަށް ވަދެ ދަރު ހޮވައިގެން ގޮސް އަތިރިމަތީގެ ހިޔާ ހިސާބެއްގައި، އުނދުން ޖަހައި ކައްކަން ތައްޔާރުކުރަން ފަށައެވެ. އޭރު ކުދިވެރިން އަތިރިމަތީގައި އެކިއެކި ކުޅިވަރުތައް ކުޅެ މޫދަށް އެރި ހަދައެވެ. އެންމެންވެގެން ކައްކާ ކައި، ކުޅެ ހެދުމަށްފަހު ކުޑަކޮށް އަރާމު ކޮށްލަނީއެވެ. އެރަށުން ފުރުމުގެ ކުރިން ވަލު ތެރެއަށްވަދެ މަދާއި، ކާއްޓާއި ދަރު ހޮވައިގެން އެނބުރި ރަށަށް ދަނީއެވެ.
އެކަހަލަ ދަތުރެއްދާ ކޮންމެ ފަހަރަކީ އެމީހުންގެ އާއިލީ ގުޅުން އިތުރަށް ބަދަހިވާ ފަހަރެކެވެ. ދަތުރުދިއުން ނޫނަސް، ޒައިނަބުގެ އާއިލާއަކީ އަބަދުވެސް ކޮންމެވެސް މަޖާކަމެއް ރާވައިގެން އެންމެން އެކުގައި ވަރަށް މަޖާ ނަގާ ބައެކެވެ. އެކުވެރި އުފާވެރި އާއިލާއެކެވެ.
ޒައިނަބްގެ ފިރިމީހާ، އަހުސަލްއަކީ ވަރަށް އޯގާތެރި ހެޔޮ ފިރިއެކެވެ. ޒައިނަބެކޭ އެއްގޮތަށް އަހުސަލްއަކީވެސް ވަރަށް ދީލަތި، މީހުންނަށް ހެޔޮ މީހެކެވެ. އެހެންކަމުން މުޅި އާއިލާއާއި ދުރުތާ ތިމާގެ މީހުންވެސް އަބަދުވެސް އެދެމަފިރިންގެ ދީލަތިކަމުގެ ވާހަކަ ދައްކައި އުޅެއެވެ. ޒައިނަބަކީ އަބަދުވެސް ގާތްތިމާގެ މީހެއްގެ ގެއަށް ދިޔަޔަސް ގިނަފަހަރު ކޮންމެވެސް އެއްޗެއް ކައްކައިގެން ހިފައިގެންދާ މީހެކެވެ. ނޫނީ ދާނީ ކޮންމެވެސް ހަދިޔާއެއް ހިފައިގެންނެވެ. ޒައިނަބް އާއި އަހުސަލް އުޅެމުންދިޔައީ ތަނަވަސް އުފާވެރި ދިރިއުޅުމެކެވެ.
ނަމަވެސް ބައެއްމީހުންގެ ހިތަށް އެދެމަފިރިންގެ އެ އުފާވެރި ދިރިއުޅުން ދެކޭކަށް ކެތެއް ނުވެއެވެ.
މަރިޔަމް، ޒައިނަބް ދަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެދެމީހުންނަކީ މާގާތް ރައްޓެހިން ކަމުގައި ނުވިޔަސް އެދެމީހުންވެސް އުޅެނީ ދާދި އެއް ބަޔަކާ އެކުގައެވެ. ރަށުގެ އެކިހިސާބުތަކުގައި އުޅޭ އެއްވަރުގެ މީހުންގެ ރައްޓެހި ގުރޫޕުތައް އޮވެއެވެ. އެގޮތުން ޒައިނަބު މެންވެސް އެއްކޮށް ކައްކާލައި، އެކުގައި މޫދަށް ގޮސްލާ، މަޖާކޮށްލާ އަންހެންވެރިންގެ ގުރޫޕެއް އޮވެއެވެ. ދޭތެރެއަކުން އެމީހުން އެކުގައި އެއްޗެއް ކައްކާލައި، ކޮންމެވެސް މަޖާކަމެއް އެންމެން އެކުގައި ކޮށް ހަދައެވެ. އެގޮތުން މަރިޔަމްއަކީވެސް އެ ގުރޫޕު ތެރޭގައި އުޅޭ މީހެކެވެ.
އެހެން އުޅޭއިރު ޒައިނަބް މެންގެ ގެއަށް މަރިޔަމް ވަދެއްޖެނަމަ އަބަދުވެސް ޒައިނަބް ކައްކާފައި ހުންނަ މީރު ކާއެއްޗިއްސަށް ތައުރީފުކޮށް ހަދައެވެ. އަދި ބައެއްފަހަރު ޒައިނަބްގެ ދިރިއުޅުމާ ބެހޭގޮތުން ބައެއް ޒާތީ ސުވާލުކޮށް ހެދުމަކީވެސް މަރިޔަމްގެ އާދައެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ސިފައެވެ. އެހެންކަމުން މަރިޔަމްއަކީ ތަންކޮޅެއް އަނގަގަދަ، މީހުންގެ ކަންކަމާ ސުވާލުކޮށް ހަދާ ހިތްވާ މީހެއްކަމުގައި އެންމެންނަށްވެސް ހީވެއެވެ. އެއީ ދެން އޭނާގެ ހުންނަގޮތް ކަމުގައި ވިސްނުމަށްފަހު އެއްވެސް މީހެއް މަރިޔަމްގެ އެސިފަ އަކާ މާބޮޑަކަށް އަޅައެއްނުލައެވެ.
ނަމަވެސް އެއްވެސް މީހަކަށް ނޭނގި އޮތީ މަރިޔަމްގެ ހިތުގައި ހިނގާ ކަންކަމެވެ. އެހިތުގައިވާ ހަސަދައެވެ… އޭނާ ހިތުގެއަޑިން ޒައިނަބްގެ އެއުފާވެރި ދިރިއުޅުމާމެދު އަބަދުވެސް ހަސަދަވެރިވެއެވެ. ޒައިނަބުގެ ފިރިމީހާ އަހުސަލް ޒައިނަބުއާ ދޭތެރޭ އުޅޭލެއް ލޯބި ކަމާއި، އެދެމަފިރިންގެ ތަނަވަސް ، އުފާވެރި ދިރިއުޅުމަށް މަރިޔަމް އަބަދުވެސް ހަސަދަވެރިވެއެވެ. ދުވަހެއް ދުވަހަކަށް މަރިޔަމްގެ ހިތުގައިވާ ހަސަދަވެރިކަން ބޮޑުވަމުންގޮސް ޒައިނަބްގެ ގާތްތިމާގެ މީހުން އޭނާއަށް ކުރާ ތަޢުރީފުތަކާއި، އެކިމީހުންގެ ފަރާތުން ޒައިނަބު ކައްކާ މީރު އެއްޗިއްސަށް އަންނަ ތައުރީފުގެ ބަސްތައްވެސް ވާންފެށީ މަރިޔަމް އަށް އަޑުއަހަން ކެތްނުވާވަރުގެ ބަސް ތަކަކަށެވެ. މަރިޔަމް ހުންނަތަނެއްގައި މީހަކު ޒައިނަބް އަށް ތަޢުރީފެއް ކުރިނަމަވެސް، ނޫނީ އަހުސަލްއާއި ޒައިނަބް އެކުގައި ހީސަމާސާ ކޮށްލާ މަންޒަރެއް އޭނާއަށް ފެނުނަނަސް މަރިޔަމްގެ ހިތުގައިވާ ހަސަދައިގެ ހުޅުގަނޑު ބޮޑުވެގެން ދެއެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔަ ދިޔަހެން މަރިޔަމްގެ ހިތުގައިވާ ހަސަދަވެސް ދިޔައީ ބޮޑުވަމުންނެވެ.
ޒައިނަބަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އަދި އޭނާއަށް ލިބޭ ކޮންމެ އުފާވެރި ކަމަކީ މަރިޔަމްއަށް ލިބޭ ނާކާމިޔާބީއެއް ކަމުގައި މަރިޔަމްއަށް އިހުސާސްވާން ފެށިއެވެ.
ޒައިނަބްގެ އާއިލާއާއި ބައެއް ރައްޓެހިން، އަހުސަލްގެ އުފަންދުވަސް ފާހަގަކުރުމަށް ޒައިނަބް މެންގެ ގޭގައި ހެދި ކެއުމަކަށް އައިސް އުޅުން ދުވަހެކެވެ. އެތާގައި ޒައިނަބްގެ ތިމާގެ މީހުންނާއި ރައްޓެހިން އޭނާ ކައްކާފައި ހުރި ކާއެއްޗެހީގެ މީރު ވާހަކަ ދެއްކާހެދިއެވެ. އަދި ޒައިނަބް ލައިގެން ހުރި ރީތި ހެދުމަށްވެސް ބައެއްމީހުން ތައުރީފު ކުރިއެވެ. އެކަމަކު އެކަންކަން ފެނި މަރިޔަމްގެ ހަސަދަވެރި ހިތަކަށް ކެތެއްނުވިއެވެ. މަރިޔަމް އެދުވަހު އެނބުރި ގެއަށް ދިޔައިރު އޭނާގެ ހިތުގައި އޮތް ހަސަދަ ވަނީ ރުޅިވެރިކަމާއި ނަފްރަތަށް ބަދަލުވެފައެވެ. ހަސަދައިގެ ހުޅުރޯވެ، އެ ހުޅުގަނޑު ބޮޑުވެގެންގޮސް ނިއްވާނުލެވޭ ވަރުވީއެވެ.
އެދުވަހު ގެއަށްގޮސް މަރިޔަމް ވަރަށް ވިސްނިއެވެ. ޒައިނަބްގެ އެއުފާވެރި ދިރިއުޅުން ހަލާކުކޮށްލާނެ ގޮތެއް ވިސްނަންފެށިއެވެ. މަރިޔަމް ބޭނުންވީ ޒައިނަބް ބަލިކަށި ކޮށްލައި، އޭނާ އެންމެންނާ އެކަހެރިކޮށް މީހުންގެ ލޯތްބާ ތައުރީފުތަކުން މަހުރޫމު ކޮށްލާށެވެ. ޒައިނަބްގެ ގޭތެރޭގައި އެވާ އުފާވެރިކަމާއި އެމީހުންގެ ތަނަވަސްކަންވެސް ގެއްލިގެން ދިއުންވީ މަރިޔަމްގެ އެންމެބޮޑު އެދުމަށެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން ރަށުގައި ސިހުރުހާހޫރައަށް މޮޅު، އެކަމަށް ވަރަށް ނަންމަޝްހޫރު މީހެއްގެ ކައިރިއަށް މަރިޔަމް ދިޔައެވެ. އެމީހާއަކީ ފަންޑިތަ ވެރިކަމުގެ އެކިއެކި ކަންކަން ކޮށް ހަދާ މީހެކެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ސިއްރުން ގޮސް އެމީހާ ކައިރީގައި މަރިޔަމް އެދުނީ ޒައިނަބްގެ ދިރިއުޅުން އެފުށްމިފުށަށް ޖެހޭވަރުގެ ވަރުގަދަ ސިހުރެއް ހެދުމަށެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން، އަދި ކުރެވެން މިއުޅޭ ކަންތަކުގެ ބޮޑުކަން ޙުދު މަރިޔަމްއަށްވެސް އެނގެއެވެ. ނަމަވެސް މަރިޔަމްގެ ހިތުގައިވާ ހަސަދައިގެ ބޮޑުކަމުން، އެކަން ކޮށްފިނަމަ ދެން އިތުރަށް ވެދާނެ ކަމަކާމެދުވެސް މަރިޔަމް ވިސްނާކަށްވެސް ބޭނުމެއް ނުވިއެވެ. އެކަމުގެ ސަބަބުން މަރިޔަމްގެ އަމިއްލަ ނަފްސަށް ކުރިމަތިވެދާނެ ކަމަކާވެސް އޭނާ ނުވިސްނިއެވެ. އެހުރިހާ ކަމަކަށް ވުރެން އެހިތުގައިވާ ނަފްރަތުގެ ހުޅުގަނޑު މާބޮޑެވެ.
އެދުވަހު މަރިޔަމް އެނބުރި ގެއަށް ދިޔައީ އޭނާ އެންމެ ނަފްރަތުކުރާ މީހާގެ ދިރިއުޅުން ހަލާކު ކޮށްލެވޭ ކަމުގެ ހިތްހަމަޖެހުމާއެކުއެވެ.
ޒައިނަބް އަށް ކުރިމަތިވާން ފެށި ބިރުވެރި ކަންތައްގަނޑުގެ ފެށުމަކީ އެއީއެވެ. ޖެހިގެންއައި ހަފްތާތެރޭގައި ހަތަރުފަހަރު ޒައިނަބް ސްލީޕް ޕެރެލައިޒް ވިއެވެ. ބިރުވެރި ހުވަފެން ފެނި ދެބަދޭތެރޭގައި ބިރުވެރި އެއްޗެހި ފެންނަން ފެށިއެވެ. އެއިން ކޮންމެ ފަހަރަކީވެސް ޒައިނަބް އަށް ގުޑިވެސް ނުލެވި، އަނގައިން އެއްވެސް އަޑެއްވެސް ބޭރު ނުކުރެވި، ބިރުން ހަލާކުވާފަދަ ފަހަރެކެވެ.
އެހެންވެފައި އޮންނަ ބައެއް ފަހަރުފަހަރު ޒައިނަބްގެ މޭފިތި، މޭމަތީގައި ބަރު އެއްޗެއް ބާއްވާ އިހުސާސް ވެއެވެ. އަނެއްބައި ފަހަރު ކޮޓަރީގެ ބޭރުން، ކޮރިޑޯގައި މީހަކު ހިނގާ އަޑު އިވެއެވެ. އަދި އެއްރެއަކު ކޮޓަރީގެ އަނދިރިކޮށް ހުރި ކަނަކާއި ދިމާލުން މީހަކު ވައިއަޑުން ޒައިނަބަށް ގޮވިއަޑުވެސް އޭނާއަށްވަނީ އިވިފައެވެ.
ކުރިން ކޮޓަރި އަނދިރި ކޮށްގެން ނިދަން އާދަވެފައިވާ ޒައިނަބް، މިހާރު ކޮންމެރެއަކު ނިދަނީ އެނދުގެ ސައިޑްޓޭބަލް މަތީގައި ހުންނަ ލައިޓު ދިއްލައި ގެންނެވެ.
މިހާރަކަށް އައިސް ޒައިނަބްގެ ބޮލުގައި ގޮތްނޭނގޭ ރިހުމެއް އަބަދު ކަހަލަ ގޮތަކަށް ނުފިލާ ހުރެއެވެ. ކޮންމެދުވަހަކު ހެނދުނު ރިއްސަން ފަށާ ގޮތަށް ރޭގަނޑު ވާން ވާއިރު އެތަދު އިތުރަށް ބޮޑުވެއެވެ. އަބަދު މޭނުބައި ކޮށްފައި ހުންނާތީ ކާއެއްޗެއްވެސް ކެވެނީ ގަދަކަމުން، އަދި އެހާމެ ކުޑަކޮށެވެ. ގޭތެރޭގެ ކުދިކުދި މަސައްކަތްތައް ކޮށް އުޅުންވެސް މިހާރު ޒައިނަބަށް ވަނީ ބުރަ ކަމަކަށެވެ. އެއްވެސް މަސައްކަތެއް ކޮށްލަން ފެށިޔަސް ކުއްލިއަކަށް ހިތުގެ ހިނގުން އަވަސްވެ މޭ ތެޅެންފަށައެވެ. މީހާ ދާހިއްލައި ބުނެދޭން ނޭނގޭފަދަ ގޮތްތަކެއް ވާން ފަށައެވެ.
ޒައިނަބަށް ވަމުންދާގޮތް ބަލަން އަހުސަލްއަށް ކެތްނުވެގެން އެންމެފަހުން ޒައިނަބް ގޮވައިގެން ރަށު ހޮސްޕިޓަލަށް ދިޔައެވެ. އެދުވަހު ޑޮކްޓަރު ބެލުމަށްފަހު ބޭސްދީފައި ބުނީ ދުވަސްކޮޅަކު ބޭސް ކައިފައި ވާގޮތެއް ބެލުމަށެވެ. ބޭސްކައިގެން ރަނގަޅު ނުވާކަމުގައި ވާނަމަ އިތުރު ޓެސްޓުތައް ހަދަން ފަހުން އަންނަން ޑޮކްޓަރު ލަފާދިނެވެ.
ބޭސްކާން ފެށިފަހުން ޒައިނަބް އަށް ވަމުންދިޔަ އުނދަގޫތައް ކޮންމެވެސް ވަރަކަށް ރަނގަޅު ވާންފެށިއެވެ. ބޮލުގެ ރިހުމަށްވެސް ލުޔެއް ލިބުނެވެ. ބައެއް ދުވަސްދުވަހު ޒައިނަބް ގޭތެރޭގެ މަސައްކަތްތައް ކޮށް، ކައްކާ، ގާތްތިމާގެ މީހުންގެ ގޭގެއަށް ގޮސްލާ ހަދަންފެށިއެވެ. އަހުސަލްއާއެކު ބޭރަށްގޮސްވެސް ހަދަންފެށިއެވެ. ނަމަވެސް އެހެން ހުރެފައި ކުއްލިއަކަށް މީހާ ވަރުބަލިވެ ގައިން ވަރުދާހެންވެސް ހީވެއެވެ. ހަމަ ރަނގަޅަށް ހުރެފައިވެސް ކުއްލިއަކަށް މީހާ ލޮޑުވެ އޮށޯންނަން ބޭނުންވާ ފަހަރުވެސް އާދެއެވެ.
ދުވަހެއް ދުވަހަކަށް ޒައިނަބަށް ނިދީގައި ފެންނަމުންދިޔަ ބިރުވެރި ހުވަފެންތައްވެސް ގިނަވާން ފެށިއެވެ. އެކިފަހަރުމަތިން އެއް ހުވަފެނެއް ތަކުރާރުވެސް ވެއެވެ. އެގޮތުން އޭނާއަށް އެންމެ ގިނައިން ފެންނަނީ އެމީހުން ދަތުރުދާ ފަޅުރަށް ކަމުގައިވާ ލޮނުދޫގެ އަތިރިމަތީގައި ރޭގަނޑު އޭނާ ހިނގާ ތަނެވެ. އެހެން ހިނގަމުން ދަނިކޮށް ވަލުތެރެއިން އަންހެނެއް ޒައިނަބް އަށް ގޮވާއަޑު އިވެއެވެ. އެއަޑު އަންނަ ދިމާލެއް ބަލަން ޒައިނަބް ހިނގާފައިގޮސް ހަނިމަގަކުން ވަލުތެރެއަށް ވަދެއެވެ. އެ ހަނިމަގުގެ ކޮޅުގައި ހުންނަނީ މަރިޔަމްއެވެ. ބައެއްފަހަރު މަރިޔަމް އެތާ ހުރެ ޒައިނަބުއަށް ބަލާފައި ހީލައެވެ. އަނެއްބައި ފަހަރު މަރިޔަމް ރޮއެވެ. އަދި ބައެއްފަހަރު ވަރަށް ރުޅިއައިސްފައި ހުރެ ޒައިނަބް އާއި ދިމާލަށް ބަލަންވެސް ހުރެއެވެ.
އެހުވަފެން ފެންނަ ކޮންމެ ރެއަކުވެސް ޒައިނަބަށް ހޭލެވެނީ ރޮމުންނެވެ. މަރިޔަމް އެހާ ރުޅިއައިސްފައި އެބަލަނީ ކީއްވެބާއޭ ހިތަށްއަރައެވެ. އަދި އެހާގިނައިން ތަކުރާރުކޮށް އެހުވަފެން ފެންނަނީ ކީއްވެބާއޭވެސް ޒައިނަބުގެ ހިތަށްއަރައެވެ. އެހާވަރަށް ހުވަފެނުގައި މަރިޔަމް ފެންނަނީ ކީއްވެތޯވެސް އަމިއްލަ ސިކުނޑީގައި ސުވާލު އުފެދެއެވެ. މަރިޔަމްއާއި ޒައިނަބްގެ ދެމެދުގައި ދުވަހަކުވެސް މައްސަލައެއް ޖެހި އެދެމީހުން ޒުވާބެއްވެސް ކޮށްފައެއް ނުވެއެވެ. ވީއިރު އެކަހަލަ ހުވަފެނެއް އެހާގިނައިން ފެންނާތީ ޒައިނަބަށް އެކަމާ ވަރަށް ވިސްނެއެވެ.
އެއްރެއަކު އަހުސަލް އައިސް ގެއަށް ވަތްއިރު ޒައިނަބް ކާމޭޒުކައިރީގައި އެކަނި އިނެވެ. އޭރު ކުރިމަތީގައި އޭނާ ކާން އެޅި ބަތްތަށި ހުރިގޮތަށް ހުއްޓައި އަހުސަލަށް ފެނުނެވެ.
“ޒައިނަބް… ކާން އަޅައިގެން ނުކައި ތީނީ ިިކިހިނެއްވެފަ؟…އާޔޫ އޯކޭ؟…”
އަހުސަލް ގޮސް ޒައިނަބު ކައިރީގައި އިށީނެވެ.
“އާން… ކާހިތެއް ނުވި… އަހުސަލްއަށް އެނގޭތަ؟.. އަހަރެން ކޮންމެރެއަކު ނިދާފައި އޮއްވާ ބިރުވެރި ހުވަފެން ފެނޭ.. މެޔަށް ފިތޭހެންވެސް ހީވޭ.. ދަންވަރު ބޭރުން މީހަކު ހިނގާ އަޑުވެސް އިވޭ.. ކޮންމެ ރެއަކު ސިއްސައިގެންގޮސް ހޭލެވޭ… އަބަދު އަހުސަލް ކައިރީގައި މިވާހަކަ ނުދައްކަނީ އަހުސަލްއަށް އުނދަގޫ ނުކުރާން ވެގެން..”
ޒައިނަބް ފެންކަޅިވެފައި އިނދެ އޭނާއަށް ވަމުންދާ އުނދަގޫތައް ކިޔައިދިނެވެ.
“އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. އަހަރުމެން ދެމީހުންވެގެން ތިކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރާނީ..”
އަހުސަލް ޒައިނަބްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
ޒައިނަބް ހަމައެކަނި އޭނާއަށް ދިމާވަމުންދާ ކަންކަމާ ބިރުގަންނަނީ އެކަންޏެއް ނޫނެވެ. ޒައިނަބް އޭނާގެ ހާލު ރަނގަޅު ކަމުގައި މީހުންނަށް ދެއްކުމަށް، ގަދަބާރުން ތެދުވެ، ގައިގައި ނެތް ހިތްވަރު ދައްކައިގެން އުޅޭތީ، އޭނާވަނީ މުޅިން ވަރުބަލިވެފައެވެ. މީގެ މަހެއްހާ ދުވަސްކުރިން ޒައިނަބް އުޅެމުން ދިޔަ އުފާވެރި ދިރިއުޅުން މިހާރުމިވަނީ އެއްކޮށް ބަދަލުވެފައެވެ. ކުރިން އަބަދު ހީލާފައި ހުންނަ ޒައިނަބުގެ މޫނުމަތިން މިހާރު އަބަދުވެސް ފެންނަނީ މާޔޫސްކަމެވެ.
އެރޭ ނިދަން ވަތް އިރުވެސް ޒައިނަބް ހުރީ ކުޑަކޮށް ބޮލުގައި ރިއްސާތީ ވަރަށް ފާޑަކަށެވެ. ބޮލުގެ ރިހުން ރަނގަޅުވޭތޯ އޭނާ އަހުސަލުގެ ކައިރިން އެދުނީ، ނިދުމުގެ ކުރިން ބަޤަރާ ސޫރަތް ކިޔަވާލައި ދިނުމަށެވެ. އަހުސަލް ވަގުތުން ވުލޫ ކޮށްލައިގެން އައިސް އެނދުމަތީގައި އޮށޯވެގެންއޮތް ޒައިނަބް ކައިރީގައި އިށީނދެ ކިޔަވަން ފެށިއެވެ. އެއަޑު އިވެން ފެށުމުން ޒައިނަބުގެ ހިތަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ބޮލުގެ ރިހުން މަޑުމަޑުން ފިލައިގެންގޮސް ނިދި ޖެހެންފެށިއެވެ. އެވަގުތު ކުއްލިއަކަށް ގޭގެ މައިދޮރުގައި މީހަކު ބާރަށް ޓަކިޖެހި އަޑު އިވުނެވެ. އެއަޑު އިވިފައި، ނިދި ނިދި އޮތް ޒައިނަބް ފުންމައިގެން ތެދުވެ ކައިރީގައި ކިޔަވަން އިން އަހުސަލްއަށް ބަލާލިއެވެ. އަހުސަލްއަށް ވެސް އެ އަޑުއިވުނެވެ. އޭރު ގަޑިން ގާތްގަނޑަކަށް ދަންވަރު ބާރަ ޖަހަނީއެވެ. ހަތިމު ބޭއްވުމަށްފަހު އަހުސަލްގޮސް ދޮރުގެ ބޭރުގައި މީހަކު ހުރިތޯ ބެލިއެވެ. ޒައިނަބުވެސް އަހުސަލްގެ ފަހަތުން ދިޔައެވެ. ދޮރުހުޅުވިއިރު އެއްވެސްމީހަކު އެތާކު ނެތެވެ. މަގުމަތީގައި ވަނީ ހަމަހިމޭންކަމެވެ. މަގުގެ އެއްވެސް ހިސާބަކުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
“ވެދާނެ އެއީ ދޮރުކައިރީގައި ހުރި ގަހުގެ ގޮފިގަނޑެއް ދޮރުގަ ޖެހުނު އަޑުކަމަށް…”
އަހުސަލް އެހެން ބުނެ ދޮރު ތަޅުލުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ.
“ހިނގާ ދެން ނިދަންދޯ..”
އަހުސަލް ކޮޓަރީގެ ބޮކި ނިއްވާލަމުން އެހެންބުނި ވަގުތު އެނދު ދަށުން އަޑެއް އިވުނެވެ. އެއީ އެނދުގެ ދަށު ފިލާގަނޑުގައި ޓަކިޖެހި ކަހަލަ އަޑެކެވެ. ތިންފަހަރު އެއަޑު އިވުނެވެ.
“އިވުނުތަ އަޑެއް؟.. އެނދު ދަށުންދޯ އެއަޑު އެއައީ..”
ޒައިނަބް ބިރުން އަހުސަލްގެ އަތުގައި ހިފައިގެން ހުރެ އެހިއެވެ. އަހުސަލް އާއެކޭ ބުނެ ބޯޖަހާލިއެވެ. އޭނާއަށްވެސް ވަރަށް ސާފުކޮށް އެއަޑު އިވުނެ
ވެ. ގަތްބިރުން ދެމީހުންކުރެ އެކަކުވެސް ތިބި ފިޔަވަޅުމަތިން ގުޑިވެސް ނުލައި ތިއްބެވެ. އެވަގުތު އެނދުދަށުން މީހަކު މަޑުމަޑުން ނޭވާލާއަޑު އިވެން ފެށިއެވެ…..
…ނުނިމޭ….