
ވާތީ ހިތަކު ލޯބި މަންމަންވެފާ – 83

ކުޑަ ހިނދުކޮޅެއްވީ އިރު އެމީހުން ތިބީ ހަސްފަތާލުގައެވެ. ގޮނޑިބަރީގައި އިނދެ ޔާޝާ ރޮމުން ދިޔައިރު މިކްޔާ އިނީ ޔާޝާއަށް ހިތްވަރުދޭށެވެ. ޔައުލާން، އަލާން، އަދި އެޒިކިއެލް ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ގަޑި އިރެއް ހާއިރު ފަހުން ޑަކްޓަރު ނިކުތެވެ. ޑަކްޓަރުގެ މޫނުމަތީގައިވީ އަސަރުތައް ފެނި 5 މީހުންގެ މޫނުމަތީގައިވީ ބިރުވެރިކަން އެތަށް ގުނަޔަކަށް އިތުރުވެގެން ދިޔައެވެ.
(83 ވަނަ ބައި)
ސީލިންގާއި ދިމާލަށް ބަލަން އިން އެޒިކިއެލްގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ކޮޓަރިއަށް ވައިން މިކްޔާގެ މޫނުމަތީގައިވެސް ވީ ހަމްދަރުދީއެވެ. އެވަގުތު އެއްލި ކަޅި އަކުން އެނދު ކައިރީ ބަހައްޓާފައި ހުރި ކައިވެނީގެ ހަދިޔާތައް އޭނާގެ ލޮލުގައި އަޅައިގަތެވެ.
“އެއްލޫ.. ދެން ތިހެން ދެރަވެފަ ނީނދެބަ.. ހިނގާބަ. ކައިވެނި ހަދިޔާތައް ހުޅުވަން” މިކްޔާ ގޮސް އެޒިކިއެލް ގާތުގައި ކުޑަ ކަކޫ ޖަހަމުން ބުނެލިއެވެ.
އެޒިކިއެލް އެކަން ކުރަން އެއްބަސް ވީ ބޭނުން ވެގެންނެއް ނޫނެވެ. އޭނާ އެހާ މަޑުމޮޅިވެފައި އިންދާ މިކްޔާއަށް ދައްކަން ބޭނުން ނޫން ވީމައެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ސިޓީ އުރަ ހުޅުވާލުމާއި އެކު އެމޫނުމަތީގައިވީ ވޭން ފިލާ ދިޔަ ތަނެއްވެސް ނޭނގެޔެވެ. ދެބުމަ ގޮށް ޖެހި، ކަރުގައި ހުރި ނާރުތައް ފުއްޕާލީ އިރު، މިހާރު އެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“މިކްޔާ!!!” އަޑަށް ބާރު ލަމުން އެޒިކިއެލް ހަޅޭއްލަވައިގަތެވެ. އަދި ހަމަ އެހިނދުގައި މިކްޔާގެ ކަންކަށިމަތީގައި ވިހެލިއެވެ.
***10 ގަޑި އިރު ކުރިން***
ގަޑި އިރެއް ހާއިރު ފަހުން ޑަކްޓަރު ނިކުތެވެ. ޑަކްޓަރުގެ މޫނުމަތީގައިވީ އަސަރުތައް ފެނި 5 މީހުންގެ މޫނުމަތީގައިވީ ބިރުވެރިކަން އެތަށް ގުނަޔަކަށް އިތުރުވެގެން ދިޔައެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ޔައުލާން ޑަކްޓަރު ކުރިމަތީގައި ހުއްޓުނެވެ. “ޑަކްޓަރ… އެލާ ކިހިނެތްތަ؟… ދަރިފުޅު ކިހިނެތްތަ؟…؟” ކަރުނުން ފުރި ބާރުވެފައިވީ ޔައުލާންގެ ދެލޯ ފެނި ޑރ.ނައިފާއަށް އިސްޖަހާލެވުނެވެ. ނައިފާއަކީ ޔައުލާންގެ ތިމާގެ ކުއްޖެކެވެ. އެލާރާދެކެ ޔައުލާން ލޯބިވާވަރު އެންމެ ރަނގަޅަށް އެނގޭ އެކަކުވެސްމެއެވެ.
“އެލާރާ ވިހައިފި… އަންހެން ކުއްޖެއް… ދަރިފުޅުގެ ހާލަތު ރަނގަޅު…”
“ދެން… އެލާ…؟” ނައިފާގެ މޫނުމަތީގައިވީ ކުލަތައް ފެނި އެންމެންގެ މޫނުމަތީގައިވެސް ވީ ހާސްކަމެވެ. އިސްޖަހާލައިގެން ހުރެފައި ނައިފާ އިސް އުފުލާ ފަހަރަކު މީހަކާއި ދިމާލަށް ބަލައިލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އެލާރާއަށްޓަކައި ހާސްވެފައިވާ މިންވަރެވެ. ހަސްފަތާލުގައި އޭނާ މަސައްކަތް ކުރާތާ މިހާުރު 6 އަހަރުވީއެވެ. މިކަހަލަ ކިތަންމެ ކަންތައްތަކެއް އޭނާއަށް ވަނީ ކުރިންވެސް ކުރިމަތިވެފައެވެ. ނަމަވެސް މިފަހަރު އެހެން ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
ކުރިއަށް ފިޔަވަޅެއް އަޅާލާފައި ޔައުލާންގެ އަތުގައި ނައިފާ ހިފާލިއެވެ. “ޔައުއްކޯ… ހިތްވަރު ކުރައްޗޭ… ދުނިޔެ މީ އިމްތިހާނެއް. މި ދުނިޔެއަކީ މިކަހަލަ ތަނެއް. ކެތް ކުރަންވާނެ.. ހިތްވަރު އެލުވާ ނުލާތި.. އިނގޭ..؟” ނައިފާގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަން ފަށައިފިއެވެ.
“ކުޑައްތަ ކީކޭތަ ތި ކިޔަނީ…؟” ބަނޑުހައިވެފައިވާ ކުޑަ ކުއްޖަކު އަވަހަށް ކާން ހަދައިދޭށޭ ބުނާ ފަދަ ރާގެއްގައި ޔައުލާންއަށް ބުނެވުނެވެ.
“ޔައުއްކޯ… ކުޑައްތަ ވަރަށް މަސައްކަތް ކުރިން… ހަމަ ހުވާ.. ވަރަށް ވަރަށް މަސައްކަތް ކުރިން… އެކަމަކު… ކުޑައްތައަކަށް… އެލާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު…”
ނައިފާގެ ޖަވާބު އިވި އަލާންގެ އަތުގައި ހިފައިގެން ހުރި ޔާޝާގެ ހަށިގަނޑު ހުރިތަނަށް ދެމުނެވެ. އެޒިކިއެލްއަށް ކުޑަ ކަކޫ ޖެހުން އިރު، ޔައުލާން ދެލޯ ބޮޑު ކޮށްލާފައި ނައިފާ އަތުން ދޫކޮށްލިއެވެ.
“އަހަރެން ނުކުރާނަން ތިވާހަކައެއް ގަބޫލެއް. ކަލޭމެން ކުރިންވެސް ބުނީ އެލާ މަރުވިއްޔޭ. ކަލޭމެންގެ އިހުމާލުން އެލާ ފަކީރު ކިހާ ދުހާކު، ކޮން ހާލެއްގަ އެ ތެޅުނީ..؟؟؟” ޔައުލާން އެވާހަކަ ގަބޫލު ނުކުރާނޭކަން ކުރިންވެސް ނައިފާއަށް އެނގެޔެވެ. ނަމަވެސް މިފަހަރު އެއީ ދޮގެއް ނޫނެވެ. ހަގީގަތުގައިވެސް އެލާރާގެ ފުރާނަ ވަނީ ފުރާނަ ދެއްވި ފަރާތުން އަނބުރާ ގެންގޮސްފައެވެ.
“އާދެބަ.. އެޒިކިއެލް… އަންނާނަންތަ..؟” ޔައުލާންގެ އަތުގައި ހިފާލަމުން ނައިފާ އަހައިލިއެވެ. އެޒިކިއެލް ބަލައިލީ އަލާންއާއި ދިމާލަށެވެ.
“ދަރިފުޅު ދޭ.. ބައްޕަ މިދަނީ މަންމަ ގޮވައިގެން އަވަސް ފަރުވާ ދޭތަނަށް” ޔާޝާގެ ހަށިގަނޑު އުފުލާލަމުން އަލާން ބުނެލިއެވެ. މިކްޔާގެ އަތުގައި ހިފައިގެން އެޒިކިއެލް ވެސް ނައިފާއާއި ޔައުލާންގެ ފަހަތުން ދިޔައެވެ.
ނައިފާ އެމީހުން ގޮވައިގެން ދިޔައީ އެލާރާ އޮތް އެނދާއި ދިމާލަށެވެ. ދެލޯ މެރިފައި އޮތް އެލާރާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިޔެވެ. ހީވާފަދައެވެ. އޭނާ ތަހައްމަލު ކުރި ހުރިހާ ވޭނެއްގެ ނިމުން މިއައީއެވެ. ދެން އޭނާ ހުންނާނީ އުފަލުގައެވެ.
އޭނާގެ ކަރުގައި އަޅުވާލާފައި އޮތް ‘ސްޓެތޯސްކޯޕް’ ނަގާ ޔައުލާންގެ ކަންފަތުގައި އަޅުވާލިއެވެ. އަދި މޭގައި ޖައްސާ ބައި ލަސް ލަހުން ގެންގޮސް އެލާރާގެ މޭގައި ޖައްސާލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔައުލާންގެ މޫނުމަތީގައި ހުރި ހުރިހާ އަސަރުތަކެއް ފިލައިގެން ދިޔައެވެ.
“ކު.. ޑައްތާ… ކި… ކީއްވެ އެލާގެ ހިތުގައި ވިންދު ނުޖަހަނީ…؟ ވިހެއުމުގެ ތެރެއިން އެލާގެ ހިތަށް ގެއްލުމެއް ވީތަ..؟ ނޫން ނޫން.. އެހެން ވިއްޔާ.. ޔައުގެ ހިތް ނަގާ ކުޑައްތާ.. ޔައުގެ ހިތް އެލާއަށް ދީ.. އެލާގެ ދަރިފުޅު އެހެން ނޫނީ ކިހާ ހާލުގަ ޖެހޭނެތަ؟ ކިހާ އެކަނިވެރިވާނެ؟ އެހާ އަނިޔާ ވެރިޔަކަށް އެކުއްޖާގެ ބައްޕައަކަށް ނުވެވޭނެ. ދެން.. މަންމަ ނެތިއްޔާ… ކޮން ހާލެއްގަ އެކުއްޖާ އުޅޭނީ.. ކުޑައްތާ.. އަވަސް ކުރަން ހިނގާ.. އަހަރެންގެ ހިތް ނަގާބަލަ”
ޔައުލާން ދައްކަމުން ދިޔަ ވާހަކަތައް އިވި އެޒިކިއެލްއަށް ތުންފިއްތާލެވުނެވެ. ހިތުގައި އުފެދުނު އިންތިހާ ވޭނުން އެޒިކިއެލް ގޮސް ފާރުގައި ގޮށް މުއްކަވާފައި ޖެހިއެވެ. މިކްޔާ ދުއްވައިގަތީ އޭނާ ހަމައަކަށް އަޅުވާށެވެ. އަނެއްކޮޅުން ނައިފާ މަސައްކަތް ކުރީ ޔައުލާން ހަމައަކަށް އެޅުވޭތޯއެވެ.
“ޔައު.. ކެތް ކުރޭ.. ހިތްވަރު ކުރޭ.. އިންޝާ ﷲ ދެން އެލާ އުޅޭނީ ވޭނަކު ނޫން.. އުފަލުގައި.. ބަލިކަށި ނުވެ، އެލާއަށް އިންސާފު ހޯދަދޭން އެހީތެރިވޭ…” އެލާރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން ދިޔަ ޔައުލާންގެ ކޮނޑުގައި ފިރުމާލަމުން ނައިފާ ބުނެލިއެވެ.
ހެނދުނުވެ އިރު އަރައިގެން އައި އިރު މީހުންތައް ހަސްފަތާލަށް އަންނަމުން ދިޔައީ ކަފުންކޮށްފައި އޮތް އެލާރާ، ފަހު ފަހަރަށް ދުށުމަށެވެ. ކޮންމެ މީހެއްގެ ލޮލުގައިވެސް ވީ ހަމްދަރުދީގެ އިންތިހާއެވެ. އެލާރާ ނިޔާވެގެން އެދިޔައީ ކިހާ ވޭންދެނެވި މަރަކުން ހެއްޔެވެ؟ އެލާރާގެ ކުށަކީ ކޮބާ ހެއްޔެވެ؟
މެންދުރު ނަމާދުކޮށްފައި އެލާރާގެ ކަށު ނަމާދު ކުރެވުނެވެ. އެލާރާގެ ފުރާނަ ނެތް މަސްގަނޑު 6 ފޫޓު ދަށަށް ތިރި ކުރި މީހުންގެ ތެރޭގައި ޔައުލާންވެސް ހިމެނުނެވެ. އޭރުވެސް އެފަކީރުގެ ދެލޮލުން ކަރުނަ ނުހިކެޔެވެ. ރޮއެ ރޮއެ އޭނާ ހުރީ ހިނދޭ ވަރުވެފައެވެ. މައްޔިތާއަށްޓަކައި ހެޔޮ ދުޢާ ކޮށްދީފައި ވެލި އަޅަށް ފެށިއެވެ. ވަގުތުން ޔައުލާން ތެޅިގަތެވެ. އޭނާ އުޅުނީ އެ ވަޅަށް ފައިބާށެވެ.
“ޔައުލާން.. ނޫން..” ޔައުލާން ހުއްޓުވީ ރުޒައިކްއެވެ. ކައިރީގައި ހުރި އަލާންއާއި އެޒިކިއެލްވެސް ހުރީ ގަބުވެފައެވެ.
“ރުޒައިކް ނޫން… އަހަރެންވެސް މި ވަޅަށް ވަނަ ދީ.. އެލާ އެކަނިވާނެ.. ބިރުގަންނާނެ.. އަނދިިރި ތަންތަނުގައި ހުންނަން ކުޑަ އިރުންސުރެ އެލާ ބިރުގަންނާނެ.. ހެޔޮނުވާނެ އެލާ އެކަނި މިތާ ނުބާއްވާ.. އަހަރެން ދިޔަ ދީ…” ޔައުލާން ޝަކުވާ ކޮށްލީ ކުޑަ ކުއްޖެއް ފަދައިންނެވެ.
(ނުނިމޭ)
އައްޑިހަހަތަރުވަނަބައިގެ ތެރެއިން:
“ކޮންމެވެސް މީހަކާ ވައްތަރު ވޭ އެބަ.. ކާކުކަން ޔަގީން ނުވެގެން މިއުޅެނީ..” އެލާރާގެ ތުއްތު ފުރާނަ އުނގުގައި ބާއްވައިގެން އިންދެ އެޒިކިއެލް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
When next?
In sha allah very soon 🩶🩶
Gurl I am so confused why he slapped mikyaa🤔🤔?
I am curious to know abt boss and his purpose🫢🤨
Mi part ves nice 💙
Whn nxt?
Welll pumpkin, you’ll know why very soon hehe..
BOSS and hiss purpose ingeyne dhen VARAH avahah🫣🫣🫣 stay tunedd🩶🩶
Jazaakillah khair pumpkin🥹 in sha allah next sooon🩶🫶🏻