
ލޯބިވޭ އަނަންތަކަށް… – 10

އޮޅުންބޮޅުން ވެފައިވާ އިހުސާސްތައް
އާދައިގެ މަތިން މީކާއިލް ހެނދުނުގެ ދުވުން ކުރިއަށް ގެންދިޔައެވެ. ބޮޑެތި ފިޔަވަޅު އަޅަމުން ބާރަށް ދުވެފައި ދިޔައެވެ. އޭނާ ދުވަމުން ދިޔައިރުވެސް ސިކުނޑި ފުރިފައިވަނީ ޔުންގެ ޚިޔާލުތަކުންނެވެ. ރޭގައި އޭނާ އާއެކު ފުރަތަމަ ފަހަރަށް އެކުގައި ނިދުނީމައެވެ. މީކާއިލް އެއްވެސް ސަބަބަކާ ނުލައި ހިނިތުންވެފައި ހުއްޓެވެ. ނަމަވެސް ކަރުކެހިލާފައި އެއްވެސް ޖަޒުބާތެއް ނެތް މޫނަށް ބަދަލުކޮށްލިއެވެ. ދުވުމަށް އެންމެ ފަހު ބުރު ހަމަ ކުރަމުން މީކާއިލް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
“ޔުން، ކޮން އިރަކު ކިލާހަށް ދާން ޖެހެނީ؟…. ހިނގާ ދެ މީހުން ކާރުގައި ދާން؟” މީކާއިލް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުންޏެވެ. ކޮޓަރީގައި ޔުން ނެތުމާއެކު، ފަހާނާއާއި ހެދުން އަޅާބައި ބެލުމަށްފަހު، ބަދިގެ ފަޅިއަށް ނުކުތެވެ. އޭރު ޔުސްރާ ކެއްކުމުގައި އަވަދިނެތި އުޅެއެވެ. ފުށްގަނޑެއް މޮޑެލައިގެން އުޅެއެވެ.
“އާނ. މަންމަ ގާތު ބުނި ޔުން ކިލާހެއް އޮތުމުން އަވަހަށް ކޮލެޖަށް ދިޔަ ވާހަކަ.” ޔުސްރާ ފުށްގަނޑު އިތުރަށް މޮޑެމުން ބުންޏެވެ. “އޭނާ އެވާހަކަ ނުބުނޭތަ؟” ޔުސްރާ މީކާއިލް އާ ސުވާލުކޮށްލިއެވެ.
~~~
“…ދެ ފިނިކުރި ‘އެމެރިކާނޯ’ ގަހުވަ އަދި ފިނިކުރި ‘ލާޓޭ’އެއް. ޝުކުރިއްޔާ!” ޔުން ކޮލެޖުގެ ގަހުވަޚާނާގެ ކޮށިގަނޑު ކައިރީ ހުރެ ބުންޏެވެ. ޔުން އާއެކު އީނާ އަދި ސަޔާންވެސް ހުއްޓެވެ. ތިން މީހުންވެސް ގަހުވަ ބޮމުން ކޮލެޖުގެ މައިދާނުގައި ހިނގަމުން ދިޔައެވެ. “އާހް، މިއަދުގެ ގަހުވަ ހާދަހާ މީރޭ!” ޔުން ދަމާލައިގެން ވާހަކަ ދެއްކިއެވެ.
“ޔުން އަނެއްކާ ރަނގަޅަށް ރޭގައި ނިދި ނުލިބުނީތަ؟” ސަޔާން ހާސްވެ ހުރެ ސުވާލު ކޮށްލިއެވެ.
“އެއީ ކަލޭ ކޮންމެ ރެއަކު ގުޅާތީވެ!!” ޔުން ލޯ ކުނާ ކޮށްލަމުން ބުންޏެވެ.
“އެ ކީއްވެ އަހަންނާ ހަދައިގެން؟ ކަލޭގެ ކޮޓަރީ ބައިވެރިޔާއާ ރޭގައި ޒުވާބު ކުރީތަ މަށާ ހެދި؟” ސަޔާން ފުންކޮށް ވިސްނުމަށްފަހު ބުންޏެވެ.
“އާނ. ހަމަ އަސްލަށްވެސް. ކަލޭގެ ސަބަބުން.” ޔުންގެ މޫނަށް ހިތިކަން ގެންނަމުން ބުންޏެވެ.
‘އެއީ ޒުވާބެއް ނޫން، އެކަމު… އެއީ އެއަށްވުރެ ބޮޑު ކަމެއް… އަހަރެމެން ފުރަތަމަ ފަހަރަށް އެކުގައި ނިދީމަ. އަހަރެން ހިއެއް ނުކުރަން މީކާއިލްގެ ހޫނު ހަށިގަނޑުގެ ސަބަބުން އެހާ އަވަހަށް ނިދި ޖެހޭނެކަމަކަށް… މީކާއިލްގެ ދެ އަތުގެ ތެރޭގައި އެހާވެސް މަށަށް އަރާމު ވީބާ؟… އަހަންނަށް އެނގޭ ހެނދުނު އޭނާ ފެނުނިއްޔާ ވަރަށް އުނދަގޫ ވާނެކަން. އެހެންވެ އޭނާ ކަސްރަތުން އެނބުރި އައުމުގެ ކުރިން އަހަރެން ކޮލެޖަށް މި އައީ…’ ޔުން ފުން ވިސްނުމެއްގައި ހުރެ ގަހުވަ ބޮމުން ދިޔައެވެ. ގަތް ލަދެއްގެ ސަބަބުން ޔުން ހުރީ ދެވަރުން އެއްވަރު ވެފައެވެ. ނަމަވެސް މީކާއިލް ބައްދާލައިގެން އޮތް އިރު އެހާވެސް ޔުންއަށް އަރާމެވެ. އަރާމު ވީތީވެ ޔުން ލަދުގަނެއެވެ.
“އޭތް. ޔުން އަހަރެން ކަލޭގެ ކޮޓަރީ ބައިވެރިޔާއާ ބައްދަލު ކޮށްދީފާނަންތަ؟ އޭނާ އެއީ އަހަރެންގެ ވައްތަރުތަ؟ މަށަށް އޭނާ ތައާރަފު ކޮށްދީބަލަ!” ސަޔާން ކުއްލިއަކަށް ހުރެ ބުންޏެވެ.
ސިއްސައިގެން ދިޔަ ޔުން ބާރަށް ބުންޏެވެ. “ކަލޭ އަބަދުވެސް ދިމާވާ ހާލަތަކުން ނާޖާއިޒު ފައިދާ ނަގަނީ…”
“ކަލޭ ތީ ހަމަ ބާޒެއް…!” އީނާ ވެސް ސަޔާންއަށް ބަލައިލަމުން ބުންޏެވެ.
“އޭނ. ކިހިނެތް ވީ؟ އޭގައި ގޯހަކީ ކޮބާ؟ އަހަރެން އޭނާއަށް ތައާރަފު ވުމީ މަނާ ކަމެއް ނޫނެއްނު؟” ސަޔާން ޔުންގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ. “އެ ކުއްޖާއަށް ކިތަށް އަހަރު؟ އިސްކޮޅުގައި ކިހާ ދިގު މިނެއް؟ ދަޅެއް ދޭނަމޭ… ބުނެބަ!” ސަޔާން އުޅުނީ އެ ކުއްޖާގެ މައުލޫމާތު ލިބޭތޯއެވެ. ޔުން އާއި އީނާ ތުނބު ކޮޅުން ހެވެން ފެށިއެވެ.
“އޫނ. އެހާ ހަޔާތްކުޑަވާނެ!… ހަމަ ގައިމުވެސް އަހަރެމެންނަށްވުރެ ދޮށީވާނެ.” ޔުން ކިޔައިދެމުން ދިޔައެވެ.
“އަހަންނަށް މައްސަލައެއް ނެތް ދޮށްޓަށް ހުރި އަންހެނަކަށް ވިޔަސް.” ސަޔާން ލޯ ބޮޑުކޮށްލާފައި ބުންޏެވެ.
“އަހަރުންވެސް އޭނާ އާ ކުރިން ބައްދަލުވި.” އީނާ ސަޔާންގެ ސަމާލުކަން ހޯދުމަށް ބުންނެވެ.
“އެހެންތަ؟ ކީއްވެ އެ ވާހަކަ ކުރިން ނުބުނީ؟” އީނާއަށް ނަޒަރު ހިންގާލަމުން ސަޔާން ބުންޏެވެ.
“އޭނާއަކީ ވަރަށް އަންހެންވަންތަ އަދި އެހާމެ ފިރިހެންވަންތަވެސް މީހެއް. އިސްކޮޅުން ދިގުވާނެ. ކަޅު ފަން އިސްތަށިގަނޑެއް ހުންނާނެ.” އީނާ މީކާއިލްގެ ސިފަތައް އޮޅުވާލައިގެން ސަޔާންއަށް ކިޔައިދެމުން ދިޔައެވެ.
“އަސްތާ!!! ތިޔަ ކުއްޖަކު އަހަންނަށް ހޯދަދީބަ… އީނާ!!” ސަޔާން އީނާއާ ދިމާއަށް ދިޔައެވެ.
‘އެއީ މީކާއިލްގެ ސިފަތަކެއް ނޫންތަ؟’ ޔުން އަމިއްލަ ނަފުސަށް ހިސާބު ކޮށްލިއެވެ.
“ޔުން!! މަށަށް އެ ކުއްޖާއަށް ތައާރަފު ކޮށްދީބަލަ. ތިއީ މަގޭ އެންމެ ގާތް ރައްޓެއްސަކީ.” ސަޔާން ޔުންގެ ކޮނޑުގައި ފިރުމަމުން ދިޔައެވެ.
“ކަލޭގެ ލަދު ކޮބާތަ ސަޔާނޫ!” ޔުން ގޮވާލިއެވެ.
“ދެން އޭނާ ކަލެއާ ބައްދަލު ކުރުމާ ނުކުރުން އެއީ އަހަރެންގެ މައްސަލައެއް ނޫން.” އީނާ ގަހުވަ ހުސްކޮށްލުމަށްފަހު ބުންޏެވެ. ތިން މީހުންވެސް މަޑުމަޑުން ކޮލެޖުގެ މައި ދޮރާއްޓާ ދިމާއަށް ހިނގަމުން ދިޔައެވެ. އެ ތިން މީހުންނަށްވެސް ކުރިމަތީ ހުއްޓިފައި ހުރި މީހާ ނުފެނުނެވެ.
“އައްސަލާމު ޢަލައިކުމް. ބާއްޖަވެރި ހެނދުނެއް.” މިކާއިލް އެ ތިން މީހުންނަށްވެސް އެކީގައި ސަލާން ގޮވާލިއެވެ. މީކާއިލް ޔުން އާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ޔުންއަށް އެއީ ހިތްހަމަ ނުޖެހިގެންކަން ދޭހަވިއެވެ.
“ކިހިނެތް މުދައްރިސްގެ ހާލު؟” ސަޔާން ސުވާލުކޮށްލިއެވެ.
“ރަނގަޅު. އެކަމު އޮފީހުގެ މަސައްކަތްތަކުގައި ބުރަކޮށް މި އުޅެނީ…” މީކާއިލް ޖަވާބުގައި ބުންޏެވެ.
އީނާ ޔުން ފަހަތަށް ޖައްސާލުމަށްފަހު ބުންޏެވެ. “…އެންމެ ފަހުން ސަޔާން ކަލޭގެ ކޮޓަރީ ބައިވެރިޔާއާ ބައްދަލު ކުރުމަށް ކުރި ދުއާ އިޖާބަ ވީ އެއޮތް ގެން.” ޔުން އާ ދެމީހުން މަޑުމަޑުން ތިބެ އަޑު ނުލައްވާ ހެމުން ހެމުން ދިޔައެވެ.
ސަޔާން މީކާއިލް އާ ވާހަކަ ދައްކަމުން ދަނިކޮށް އޭނާއަށް ފެނުނީ މީކާއިލް އަޅާފައިވާ އަނގޮޓިއެވެ. ކުއްލިއަކަށް މީކާއިލްގެ ސަމާލުކަމަށް ގެނުވިއެވެ. ފަހަތުގައި ތިބި ޔުންއާއި އީނާވެސް ތަޅުއްވައިގެން ދިޔައެވެ. ސަޔާންއަށް ސިއްރު ފަޅާ އަރާ ހިސާބުން ވާނެ ގޮތް އެނގޭތީވެ ދެ މީހުންވެސް އަވަހަށް ވިސްނަން ފެށިއެވެ.
ކުއްލިއަކަށް ވިސްނާލުމަށްފަހު، އީނާ ބުންޏެވެ. “އާހް، މުދައްރިސްގެ އަތުގައި މިލިޓަރީ ޚިދުމަތުގެ އަނގޮޓިވެސް އެބަ އޮތް؟” ޔުންވެސް އެ ބުނުމާ ތާއިދުކޮށް އީނާ އާ ބައިވެރިވިއެވެ.
“އާނ…” މީކާއިލް ވެސް ޔުންގެ މުޢާހަދާ ހަނދާންވެ އެއްބަސްވިއެވެ.
“ވަރަށް ގިނަ މީހުން އަނގޮޓި އަޅާ ދޯ މިހާރު؟ ޔުންވެސް ވަރަށް ބައިވަރު އަނގޮޓި އަޅާނެ.” ސަޔާން ޔުންގެ އަތުގައި ހިފާފައި މީކާއިލްއަށް ދައްކާލަމުން ބުންޏެވެ.
“….އެއްފަހަރު ހޮޓާއަކުން ފެނުނު އަނގޮޓި އަޅައިގެން ހުރި މީހެއް. އެހެންވެ އިއްޔެ ރޭ ގުޅީވެސް.” ސަޔާން ޔުންއާ ގުޅައިގެން އުޅުނު ވާހަކަ ބަޔާން ކުރިއެވެ. މީކާއިލްގެ މޫނު އެކަށް ހެން ހިތި ވެގެން ދިޔައެވެ.
“ކަލޭމެން ރޭގައި ގުޅައިގެން ވާހަކަ ދެއްކިން؟” އީނާ އާގަމަ ވެފައި ބުންޏެވެ.
“ކަލެއަށް ގުޅައި ނުލީމަ ދެރަވީތަ؟ ހަހަހަހަ” ސަޔާން ހެމުން ހެމުން ބުންޏެވެ.
ޔުން މީކާއިލްގެ މޫނަށް ބަލައިލިއެވެ. ‘އޭނާ ރުޅިއައީތަ؟ މިއީ އަދި މަޝްވަރާ ކުރަން ޖެހޭ ކަމެއްބާ؟’ ޔުންގެ ހިތް ފުރިފައިވީ ޖަވާބު ނުލިބޭ އެތައް ސުވާލެކެވެ. މީކާއިލް އަވަހަށް އޮފީހަށް ދާން ޖެހިގެން ދިޔައެވެ. ތިން މީހުންވެސް ވާހަކަ ދައްކަމުން، ކޮންމެ މީހަކު ގެއަށް ލިއެވެ. ޔުން އެންމެ ފަހުން އަމިއްލައަށް މީކާއިލްމެން ގެއަށް ދިޔައެވެ.
~~~
“މީކާއިލް! އެ ކީއްވެ އަނގޮޓި އެޅީ؟ ކިރިޔާ މިއަދު އަހަރެމެންގެ ސިއްރު ފަޅާ ނޭރީ!” ޔުން މީކާއިލް އާ ދިމާއަށް ބުންޏެވެ.
“ކަލޭވެސް ތިހުރީ އަޅައިގެން ނޫންތަ؟” މީކާއިލުވެސް ކުރީ ސުވާލެވެ.
“އާނ. އެކަމު އެހެން އަނގޮޓިތައް އަޅައިގެން ފޮރުވާފައި އެހުރީ!” ޔުން ބާރަށް ބުންޏެވެ.
“ކިހިނެތް ވީ؟ ކަލޭ ބިރުގަންނަނީތަ؟… ސަޔާންއަށް އެނގިދާނެތީ؟” މީކާއިލްވެސް ދުލެއް ނުކުރިއެވެ. ސަޔާން ގާތްގޯޅިވާތީވެ އޭނާ އެ ސުވާލު ކުރީއެވެ.
“އޭނ؟ ކީއްވެ އެ ވާހަކަ މިހާރު؟” ޔުން ހިތް ހަމަ ނުޖެހިގެން ދެއަތް އުރާލިއެވެ.
“އެއީ ސަޔާން…” މީކާއިލް ބުނަން އުޅުނު ބަސް ދުލުގައި ހިފަހައްޓާ ކަރު ކެހިލިއެވެ. “އެހެންވިއްޔާ، މި އަނގޮޓި ދުވަހަކުވެސް ނުނަގާތި!…” މީކާއިލް ޔުންގެ ކަނާތުގައި ހިފާލަމުން ބުންޏެވެ.
ޔުން ކުއްލިއަކަށް ހިނިތުން ވެވެން ފެށިއެވެ. ހިތްހަމަ ޖެހުމެއް ހިތަށް ވެރިވެގެން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް އެ ހިނިތުންވުން ފަނޑުވެ ދިޔައެވެ. “ކީއް ތި ކުރަނީ؟ ކަލޭ އަހަރެންގެ ހިތާއި އިހުސާސްތަކާ ކުޅެން މަސައްކަތް ކުރަނީތަ؟” ޔުން މީކާއިލްގެ އަތުން އަތް ފޮޅާލަމުން ބުންޏެވެ.
“…ކޯއްޗަކާ ކުޅެނީއޭ؟ ބަލަ ތިއީ މަގޭ އަނބިމީހާ، އެއްބަސްވުމުގައި.” މީކާއިލް ރައްދު ދިނެވެ.
“ކަލޭއެއްނު ބޭނުންވީ އެއްވެސް ލޯތްބެއް އިހުސާސެއް ނެތް ކައިވެންޏެއް… މިދިޔަ ދުވަސްތަކުގައި ކަލޭ ކީއް ކުރީ؟… މުއާހަދާގައިވާ ގޮތުގެ މައްޗަށް ޢަމަލު ކުރީ..؟” ޔުން އަތުން އިޝާރާތް ކުރަމުން ބުންޏެވެ. “… ކަލޭގެ އިހުސާސްތައް ކޮބާ؟…ކަލޭ އެއްވެސް އިހުސާސެއް ވޭތަ؟” ޔުން ސުވާލު ކުރަމުން ދިޔައެވެ. މީކާއިލް ދެ ލޯ ބޮޑުވެ އާގަމަވެފައި ހުއްޓެވެ. އަނގައިން އެންމެ ބަހެއްވެސް ނުނުކުތެވެ.
ޔުން އެނދުގެ އެއްފަޅީގައި ނިދާފައިވާ އިރު، މީކާއިލްއަށް އޮތީ ނުނިދިފައެވެ. ދެންމެ ހިނގި ހާދިޘާ ހިތުގައި ތަކުރާރު ކޮށްލަކޮށްލައެވެ. ‘އިހުސާސް؟ ކައިވެނީގައި އިހުސާސް ތަކަކީ މުހިއްމު އެއްޗެއް ނޫނެއްނު؟… ހުރިހާ ކަމެއްވެސް ފުދިގެން، އަހަރެންގެ ފިރިކަމުގެ މަގާމު އަދި ޒިންމާވެސް… ޢަހަރެން ގަބޫލު ކުރާގޮތުގައި އެއްވެސް އިހުސާސްތަކެއް ނެތި އުޅެވޭނެ… އަޅޭ އަހަންނަށް އެހެން ބުނެވުނުނަމަ… އެ ކީއްވެބާ އެ ސުވާލު ކުރުމުން އަހަރެންގެ އަނގައިން އެއްވެސް ޖަވާބެއް ނުނުކުތީ؟’ މީކާއިލް ޚިޔާލުތަކުގެ ފުން ކަނޑުގައި ފީނަމުން ދިޔައެވެ. އެހެން އޮވެ ވަރުބަލިވެގެން އޭނާއަށް ނިދުނެވެ.
~~~
ހެނދުނުގެ އަރާމު ވަގުތެވެ. މީކާއިލް ކަސްރަތުން އައިސް ފެންވަރާލައިގެން ކެއުމަށް އެއްމޭޒު ދޮށަށް އައެވެ. އޭރު ޔުސްރާ، ތަހުސީން، ޔަމީން އަދި ޔުން މޭޒުގައި އިށީނދެ ތިއްބެވެ.
“މާމުއި ހަނދަށް ދަތުރު ދިޔުމަށް ރާވައިފިންތަ؟” ޔުސްރާ ބުންޏެވެ. “އެންމެ ރަނގަޅު ގޮތަކީ ކައިވެނިކޮށް ގިނަ ދުވަސް ނުވަނީސް ދަތުރު ދިޔުން. މީކާއިލް އެހާ ބުރަކޮށް ނޫޅެ، އިހަށް އަނބިމީހާ ގޮވައިގެން މާމުއި ހަނދަށް ދޭ.” ޔުސްރާ ޕާން ފޮއްޗެއް ނަގަމުން ބުންޏެވެ.
“އާނ، ދަތުރު ދޯ…” ޔުން މީކާއިލް އާ ދިމާއަށް ބަލައިލިއެވެ. “ގުއާމް! އަހަރުމެން މި ރާވަނީ ގުއާމަށް ދާންވެގެން…” ކިރުތަށި ނަގަމުން ޔުން ބުންޏެވެ.
“އާނ ރަނގަޅު… ވަރަށް ރީތި ތަނެއް އެއީ…” ތަހުސީންވެސް އެއްބަސްވިއެވެ.
“ކޮން ދުވަހަކުން ދަނީ؟ އިރުދޭ މޫސުމުގައި ލިބޭ ބަންދުގައި؟” ޔުސްރާ ސުވާލުކޮށްލިއެވެ.
“އާނ… އެއީ ރޭވުމަކީ…” މީކާއިލް އެއްބަސްވެ ހިނިތުންވިއެވެ.
“އަހަރެމެން ރޭވީ އަހަރެންގެ ފިލާވަޅު ނިމޭހާ ވުމުން.” ޔުން އިތުރަށް ތަފުސީލު ދިނެވެ.
“…ވަރަށް ބަރާބަރު! އެހެންވިއްޔާ، ޔުން މި ހަފުތާ ބަންދުގައި ހިނގާ މަންމައާއެކު ބާޒާރަށް ދާން؟ ކޮލެޖުގެ އެންމެ ފަހު ފިލާވަޅު ނިމޭ އިރަށް ދަންޏާ، އަވަހަށް ތައްޔާރުވާން ޖެހޭނެ.” ޔުސްރާ ޕާން ފޮތީގައި ޖޭމު ކާއްތަމުން ބުންޏެވެ.
“ލައްބަ މަންމާ.” ޔުން އެއްބަސްވަމުން ބުންޏެވެ. ކުޑަކޮށް ހާސްވަމުން އޭނާ ބުންޏެވެ.
ހަފުތާ ބަންދު
އަންނައުނު ވިއްކާ ފިހާރައިގައި ޔުން އާ ހެދުންތައް ލުމުގައި އުޅުނެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްވެސް ބުންޏެވެ. “ހުރިހާ ހެދުމެއްގައި ވެސް ތިބާގެ ދަރި ވަރަށް ޗާލު!”
“އެހެންވިއްޔާ، އެހެރަ ފަސް ހެދުން ފިޔަވާ ބާކީ ހުރި ހުރިހާ ހެދުމެއް ރަންދުކޮށްލާ!” ޔުސްރާ ބޭންކު ކާޑު ދެމުން ބުންޏެވެ.
“މައްސަލައެއް ނެތް.” އެ މީހާ ކާޑުގައި ހިފަމުން ބުންޏެވެ.
“އެކަމު މަންމާ… އަހަންނަށް ރަނގަޅު ގަންޖުފަރާހަކާއި، ސޯޓު ބުރިއެއްވެސް. އެއީ ގުއާމް އަކީ ނިކަން ހޫނު ތަނެއް. ހަވީރީ ހެދުމެއް ނުލެވޭނެ.” ޔުން ޔުސްރާ އާ ގާތްވަމުން ބުންޏެވެ.
“އެ ރަނގަޅުވާނެ. ފަހުން ދަރިފުޅު ބޭނުންވާ އެއްޗެއް ގަންނާނީ. މިހާރު އަހަރެން ބޭނުންވަނީ މި ބައި ގަނެދޭން.” ޔުސްރާ އަތްދަބަހުގައި ހިފާލަމުން ބުންޏެވެ. “ބަލާލަބަ… ޔުން ވަރަށް ރީއްޗޭ ތި ހެދުމުގައި. ދެން ތިޔަ ހެދުން ލައިގެން ހުރޭ.” ޔުސްރާ ސޯފާއިން ތެދުވަމުން އޭނާގެ ކާޑު ހިފައިގެން އެ ފިހާރައިން ނުކުތެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ މި ހެދުން ގަނެދިނީ ތީވެ!” ޔުން ޝުކުރުވެރިވިއެވެ.
“ޔުން. ގެއިން ބޭރުގައި އުޅޭތީވެ، ހިނގާބަލަ ގަހުވަޚާނާއަށް ޖައްސާލާފައި ރޭގަނޑުގެ ކެއުން ކާން!” ޔުސްރާ ޔުންގެ އަތުގައި ހިފާލަމުން ބުންޏެވެ.
“އެހެންތަ؟ ހިނގާބަ!” ޔުން އެއްބަސްވަމުން ފިހާރައިން ނުކުމެ ހިނގައިގަތެވެ.
ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލިއެވެ. “އަހަނ. ޔުސްރާއްތަ؟ މިތާގައި ކީއްކުރަނީ؟” އެއީ ޔުން ދަންނަ އަޑެއް ކަމުން ފަހަތަށް ބަލައިލިއެވެ. އެއީ ހަމަ ދެވަނައެއް ނެތް ސުޒާނާއެވެ.
“ސުޒާނާ…” ޔުސްރާވެސް ބަދަލުގައި ގޮވާލިއެވެ.
“ހާދަ ދުވަހެއް ވެއްޖެއޭ ނުފެންނަތާ. ޔުސްރާއްތަ ރަނގަޅުތަ؟ ބާޒާރަށް އައިސް ތިއުޅެނީ؟” ސުޒާނާ ސުވާލު ކޮށްލިއެވެ. “ޔުން؟… ކަލޭ ކީއްކުރަނީ މިތާގައި؟ ޔުސްރާއްތަ އާއެކު ކީއްކުރަނީ؟…” ސުޒާނާ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ސުވާލުކޮށްލިއެވެ.
‘އާހް! ސުޒާނާ! މީނަ މިތަނުގައި ކީއްކުރާނެ ބާ؟’ ޔުންގެ ހިތް ތެޅިގަތެވެ. ގަތް ބިރުގެ ސަބަބުން ގުޑާލަންވެސް ނުކެރި ހުރެވުނެވެ. ޔުން ހަދާނީ ފަހެ ކޮން ދޮގެއް ހެއްޔެވެ؟ ޔުންގެ ސިއްރުތައް ސުޒާނާއަށް ފަޅާއަރާނެ ބާވައެވެ؟ މިއީ ކައިވެނީގެ ސިއްރު ފަޅާއަރާ ދުވަސް ހެއްޔެވެ؟ ހަމަގައިމުވެސް ސުޒާނާ އަކީ ސިއްރު ހިފަހައްޓާ މީހެއް ނޫނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
މި ވާހަކައިގެ އެގާރަ ވަނަ ބައި ލަސްވެފައިވާ ވާހަކަ ދަންނަވަން. ވީހާވެސް އަވަހަކަށް އެގާރަ ވަނަ ބައި ނެރެވޭތޯ މަސައްކަތް ކުރާނަން. އިންޝާﷲ
vrh reeethi but I am curious if she
will find her truth??