ބޭނުންވަނީ ކަލާ (ދެވަނަ ބައި)
ފެރީއަށް އަރާ ހަމަޖެހިލެވުމުން ޒަލަފް އެސިޓީއުރައަށް ބަލާލިއެވެ. އެވަގުތު ޒަލަފްއަށް އެސިޓީއުރައިގެ ބޭރުގާ ފަންސުރުން ޖަހާލާފައިވާ ނަން ފެނުނެވެ. “އަޔާނީ”.. އެނަން ކިޔާލުމަށްފަހު ޒަލަފްގެ ތުންފަތް މައްޗައް ފަނޑު ހިނިތުންވުމެއްވެރި ވިއެވެ.
ފެރީ މާލެ ކައިރިކުރުމާއެކު އަވަސްއަވަހަށް ފެރީއިން ފައިބައިގެން ޒަލަފް ދިޔައީ ސައިކަލަށް އަރާށެވެ. ހުޅުމާލެއާ މާލެއާދެމެދު ދަތުރުކުރާމީހުންގެ ސައިކަލުތައް ފެރީޓާމިނަލް ކައިރީ ގިނަކަމުން ޒަލަފްގެ ސައިކަލު ޕާކުކޮށްފައިވަނީ ފެރީޓާމިނަލްއާ ތަންކޮޅެއް ދުރުގައެވެ. ސައިކަލަށްއަރާ ދުއްވާލުމުގެ ކުރިން ޒަލަފް ގަޑި ބަލާލިއެވެ. އޭރުއަދި އަށްގަޑިބައިވާން ފަނަރަމިނެޓު ހުއްޓެވެ.
ފެރީންފޭބި ގޮތަށް ޓެކްސީއެއް ލިބޭތޯ ފެރީޓާމިނަލްކައިރީ މަޑުކޮށްގެން އަޔާނީ ހުއްޓެވެ.މަގުމަތީގަ ދުއްވާއެއްޗިހި ކިތަންމެ ގިނަޔަސް ގިނަ ޓެކްސީތަކުގާވަނީ ރަތްބޮކި ދިއްލިފައެވެ. އެހެންވެ އެތާ ގިނައިރުވަންދެން ހުންނަން ޖެހުމުން އަޔާނީ ހުރީ ދާހިއްލާ ފޯވެފައެވެ. އެހެންހުއްޓާ ފެހިބޮކި ދިއްލިފާއިން ޓެކްސީއެއް އަންނަތަން ފެނުމުން އަޔާނީ އަތްނަގާލިއެވެ. ކަންދިމާކުރި ގޮތުން އެޓެކްސީ ލިބުނީ އަޔާނީއަށެވެ.އަޔާނީ އަވަހަށް ޓެކްސީއަށް އަރާ ހަމަޖެހިލަމުން ޑްރައިވަރުކައިރީ ދާންވީ މިސްރާބު ބުނެލިއެވެ.
އާދައިގެމަތިން ފަސްމިނެޓުކުރިން އޮފީހަށްވަދެ ޒަލަފް ހަމަޖެހިލީ ދުވަހުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުންނެވެ.ކުރަން ހުރިމަސައްކަތް ފަށަން އުޅެފާ ބަހުން ފޭބިގަޑީ ފެނުނު ސިޓީއުރަމަތިން ޒަލަފް ހަނދާންވިއެވެ.ހަމައެވަގުތު ޒަލަފް އެސިޓީއުރައިގާވަނީ ކޮންއެއްޗެއްތޯ ބަލާލިއެވެ. އެ ސިޓީއުރަ ހުޅުވާލިތަނާ ފުރަތަމަ ޒަލަފްއަށް ފެނުނީ ސީވީއެކެވެ. އެ ސީވީގައި އޮތީ އަޔާނީގެ ނަމެވެ. އަދި އެސީވީއާއެކު އަޔާނީގެ އޯލެވެލް އަދި އޭލެވެލްގެ ސެޓްފިކެޓްތަކާއި ކޮލެޖުން ލިބިވައިވާ ސެޓްފިކެޓްތައްވެސް ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ވަޒީފާއަކަށް ކުރިމަތިލާންވެގެން ކޮޕީނަގަން ތައްޔާރު ކޮއްފައިވާ ލިޔުންތަކެއް ހެންނެވެ. އެހެންކަމުން އަވަސްއަވަހަށް ސީވީގައި އިން ނަންބަރަަށް ޒަލަފް ގުޅާލިއެވެ. ނަމަވެސް ދެފަހަރު ގުޅިއިރުވެސް ފޯނު ނުނަގާތީ އޮފީހުގައި ކުރަންހުރި މަސައްކަތައިގެން ޒަލަފް ކުރިއަށް ދިޔައެވެ.
އަޔާނީއަށް އޮފީހަށް އާދެވުމުން ފާހަނައަށްވަދެ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު މޫނުގައި ފުއްޖަހާލައި މަޑު ފިޔާތޮށި ކުލައިގެ ލިޕްގްލޯޒް ތުންފަތުގައި ހާކާލިއެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ރީތިވެލުމަކީ އަޔާނީގެ އާދައެކެވެ. ވާނީވެސް އެހެންތާއެވެ.އަޔާނީއަކީ ރިސެޕްޝަންގައި ހިދުމަތްދޭން މުޅިދުވަހު އިންނަންޖެހޭ ކުއްޖެކެވެ.އަދި ކަނޑު ދަތުރުކޮށްފާ ކޮންމެދުވަހަކު އަންނަންޖެހޭތީ މޫނުމަތީގައި ހުންނަ ފްރެޝްކަން އަޔާނީއަށް އިހުސާސް ކުރެވެނީ މިގޮތަށް ރީތިވެލީމައެވެ.
“ޒަލަފް… ހާދަބުރަ ދުވަހެއްހެން ހީވެޔޭ..” އޮފީހުގެ މަސައްކަތުގައި އަވަދިނެތި މަސައްކަތް ކުރަންއިން ޒަލަފްއަށް އޭނާގެ މޭޒުކައިރީ މީހަކު ހުރިކަން އިހުސާސްވީ ޝާލިން ޒަލަފްއާ ވާހަކަދައްކަން ފެށީމައެވެ. ” ހުމްމްމް….” ކުރުޖަވާބެއް ޒަލަފްދިނީ ޝާލިންއާ ވާހަކަ ދައްކާހިތް ނެތީމައެވެ. ” މަފާޒް ބުނީ ވަރަށް މުހިންމު މީޓިންއެއް އެބަައޮތޯ ދިހައެއްޖަހާއިރު.. އެހެންވީމަ އެގަޑިއަށް މީޓިންރޫމަށް ދައްޗޯ..” ޝާލިން ބުނަންއައި ވާހަކަ ނިމުމުން ދާނަންކަމުގައި ބުނެ ކުރަންހުރި މަސައްކަތް ކުރިޔަށް ގެންދެވޭތޯ ޒަލަފްއުޅުނެވެ. ނަމަވެސް ޖެހިގޮތަށް ހުރި ބުދެއްހެން ޒަލަފްގެ ހަރަކާތްތަކަށް ގެއްލިފާ ޝާލިންހުއްޓެވެ. އެންމެފަހުން ޝާލިން ބަލަން ހުރުމުން ޒަލަފްއަށް އުނދަގޫވެގެން ދެންދިޔަސް އެންމެރަނގަޅޭބުނެ ޝާލިން ފޮނުވާލިއެވެ.
ޝާލިންއަކީ ޒަލަފްއާ އެއް އޮފީހެއްގާ މަސައްކަތްކުރާ ކުއްޖެކެވެ. އުމުރުން ވިހިއަހަރުވިޔަސް ބަލާބެލުމަށް ހީވަނީ ސޯޅަސަތާރަ އަހަރުގެ ކުއްޖެއްހެންނެވެ. ޝާލިންގެ ދޮންކަމުގެ އިތުރުން ޝާލިންގެ ކިބައިން ފިރިހެނުން އަޅައިގަންނަ އެއްސިފައަކީ އޭނާގެ ޖާދުވީ ބޮޑު ދެލޮލެވެ. ހުދުކަންގަދަ ކަޅިރަވަކަޅު އެސްފިޔަދިގު އެދެލޮލުން ބަލާލި ކޮންމެ މީހެއްގެ ހިތްވެސް ޝާލިންދަނީ ކަތިލަމުންނެވެ.ނަމަވެސް ޝާލިންގެ ހިތުގެވެރިޔާއެއް އަދިވެސް އެ ދެލޮލުގެ ޖާދޫގައެއް ނުޖެހެއެވެ. އެއީ ޒަލަފްއެވެ.
ޒަލަފް ފުރަތަމަ ވަޒީފާއަށް ނިކުތްދުވަހުން ފެޝިގެންވެސް ޝާލިންގެ ހިތްވަނީ ޒަލަފްއަށް ނޭނގިވެސް ހަދިޔާކުރެވިފައެވެ. ނަމަވެސް ގިނަދުވަސް ތަކެއްވެގެން ދިޔައިރުވެސް ޒަލަފްގެ ކިބައިން ޝާލިންއަށް އެއްވެސް އިޝާރާތެއް ނުވާތީ އަމިއްލައަށް ޒަލަފްއަށް ލޯބި ހުށައެޅީވެސް ޝާލިންނެވެ.ނަމަވެސް ޝާލިންއަށްޓަކައި ޒަލަފްގެ ހިތުގާވަނީ ހަމައެކަނި ރަހުމަތްތެރިކަން އެކަނިކަން ޝާލިންއަށް ޒަލަފް އޮޅުންފިލުވައިދިނީ ވަރަށްވެސް މަޑުމައިތިރިކަމާއެކުއެވެ. ޒަލަފް ޝާލިންގާތު އެދުނީ ތިމާދެކެލޯބިވާ ރަނގަޅު ބައިވެރިއަކު ހޯދުމަށެވެ. ނަމަވެސް މިއަދާހަމައަށްވެސް ޝާލިންގެ އުންމީދު ކަނޑާނުލާ ޝާލިން ހުރީ ޒަލަފްގެ އިންތިޒާރުގައެވެ.
ވަޒީފާއިންލިބޭ ނުވަހާސް ރުފިޔާއިން އަޔާނީއާއި އޭނާގެ މަންމައަށް ދިރިއުޅެވޭވަރު ވަނީކިރިޔާއެވެ. އެހެންކަމުން އަޔާނީ މިއަދުއޮފީހަށް އައީ ރަނގަޅު މުސާާރައެއް ލިބޭތަނަކަށް ވަޒީފާއަށް ލުމައްޓަކައި ކޮޕީ ނަގަންޖެހޭ ތައުލީމީ ސެޓްފިކެޓްތައް ހިފައިގެންނެވެ. ބްރޭކްގަޑި ލިބުމާއެކު އަޔާނީ އަވަސްއަވަހަށް ފައިލު ބަލާލީ ހެނދުނު އަންނަމުން ފައިލަށްލީ ސިޓީއުރަ ފެނޭތޯއެވެ. ފައިލުތެރޭން ސިޓީއުރަ ހޯދާހޯދާވެސް އަޔާނީއަކަށް ނުފެނުނެވެ. ދެން ރިސެޕްޝަންގެ ކައުންޓާމައްޗާއި ލޮކަރުވެސް ޗެކްކުރުމަށްފަހު އަޔާނީ ވަރަށް ހާސްވިއެވެ. އަދި ހުޅުމާލޭގައި ބާއްވާފައާދެވުނީތޯ ބަލަން މަންމައަށް ގުޅުމަށް ފޯނުނެގި ވަގުތު ނުދަންނަ ނަންބަރަކުން ގުޅާފައިވާ ދެ މިސްކޯލް ފެނުނެވެ.
މީޓިން ފެށުމުން ފޯން ސައިލެންޓްއަށްލި ޒަލަފްއަށް ފޯނަށް ބަލާލެވުނީ ޑިއުޓީ ނިންމާފައި މާލެދާން ފެރީޓާމިނަލްއަށް ވަންފަހުންނެވެ. އެވަގުތު ފެނުނީ ހެނދުނު ޒަލަފް ގުޅިނަންބަރުން މިސްކޯލެއް އިންތަނެވެ. ލަސްނުކޮށް ޒަލަފް އެނަންބަރަށް ގުޅާލިއެވެ.
ޑިއުޓީ ނިންމާލާފަ ހުޅުމާލެއަށް އައިސް ފެންވަރާލައިގެން ނިކުތް އަޔާނީ އިނީ ހެނދުނުން ފެށިގެން ގެއްލިގެން އުޅޭ ސިޓީއުރައަށް ވީގޮތަކާމެދު ފިކުރުބޮޑު ވެފައެވެ.ކުއްލިއަކަށް ސިއްސައިގެން ގޮސް އަޔާނީއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނީ ފޯންރިންގް ވާންފެށުމުންނެވެ.” އައްސަލާމް އަލައިކުމް.. ” ފޯނުނެގުމާއެކު އަޔާނީގެ ކަންފަތުގައި ޖެހުނީ ފިރެހެންވަންތަ ބަރުއަޑެކެވެ. ” ވައަލައިކުމް ސަލާމް.. ކާކު؟..” އެގަޑީގައި އަޔާނީއަށް އެގުޅީ ކާކުތޯބަލަން ކެތްމަދުވެފާ ހުރެ އަޔާނީ ސުވާލު ކޮށްލިއެވެ. ” އަޔާނީތަ؟…” ޔަގީން ކޮށްލުމުގެ ބޭނުމުގައި ޒަލަފް އަހާލިއެވެ. ” އާނ… އެކަމަކު ތީކާކު ކަމެއް ނޭނގުނު…” ހައިރާންވެފަ ހުރެގެން އަޔާނީ ބުނެލިއެވެ. ” މީ ޒަލަފް.. ނަންބުންޏަކަސް ހިޔެއްނުވެ އިނގޭނެ ހެނެއް.. އަހަރެންނަށް މިއަދު މާލެދާން އުޅުނު ގަޑީގަ ބަހުންފޭބި އިރު އަޔާނީގެ ނަންޖަހާފަ އޮތް ސިޓީއުރައެއް ފެނުނީ އަހަރެންގެ ފައިކައިރިއަށް ވެއްޓުނުތަން.. އެކަމަކު އޭރަކު އަސްލު ސިޓީއުރައިގަ އިން ނަމެއް ނުފެނެ. މާފަހުން ފެނުނީ.. ދެން އޮފީހަށްދާން ލަސްވެފަ ހުރީމަ އެހިފައިގެން މާލެއައީ.. ދެން އަދި މާފަހުން އިނގުނީ ވަރަށް އިމްޕޯޓަންޓް އެއްޗިހިކަން އޭގަހުރީ.. އެހެންވެ އެސިޓީއުރައިގަ އޮތް ސީވީގަ އިންނަންބަރަށް މި ގުޅީ..” ޒަލަފްއަށް ވީއެންމެ އަވަހަކަށް ހުރިހާވާހަކައެއް ފައްޗަކައް އަމުނާލީ އަޔާނީގެ އަޑުއިވުމުން ބުނެދޭން ނޭނގޭ އިހުސާސްއެއް ވާންފެށީމައެވެ. ” އޯކޭ.. އެހެންވިއްޔާ މާދަން މާލެގޮސްސަ އޮފީސް ނިމުނީމަ ގުޅާނަން.. އޭރުން ހަވާލު ކޮށްލަ ދެވޭނެތަ..؟” އަޔާނީގެ ސުވާލު ނިމުމާއެކު އަވަސްއަވަހަށް ޒަލަފް އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ. ޒަލަފް ކުއްލިއަކަށް ފޯންކަނޑާލުމުން އަޔާނީ ފޯނަށް ބަލާލިއެވެ. އަދި އެސިޓީއުރަ އަނބުރާ ލިބޭނެކަން އެނގުމާއެކު ހިތްހަމަޖައްސާލައިގެން މަންމަ ކައިރީ އެވާހަކަ ބުނަން ދިޔައެވެ.
ކުއްލިއަކަށް ފޯނުކަނޑާލެވުނީ ކީއްވެބާއޭ ޒަލަފް ހިތަށްއެރިއެވެ. އެހެންނޫނިއްޔާވެސް ކިތަންމެ އަންހެން ކުއްޖަކާ އޮފީސް މަސައްކަތްތަކުގެ ވާހަކަ ދައްކަން ޒަލަފް ގުޅައެވެ. ކިޔަވަން އުޅުނު އިރުވެސް އެކިކަންކަމުގައި އެތައް އަންހެން ކުއްޖަކަށް ޒަލަފް ގުޅައެވެ. ނަމަވެސް ދެންމެ ކުރެވުނު ކަހަލަ ތަފާތު އިހުސާސްއެއް ދުވަހަކުވެސް ނުކުރެވެއެވެ. އެހާ އޮމާން ރީތިއަޑެއް މީގެ ކުރިން ޒަލަފްއަށް އިވިފާ ނުވާ ކަހަލަ އިހުސާސް އެއް ކުރެވުނެވެ. އަދި އެންމެ ބޮޑަށް ޒަލަފް ހައިރާންވީ ހިތުގެ ވިންދުއަވަސް ވެފާ ހުރުމުންނެވެ. އެކަހަލަ ތަފާތު ހިޔާލުތަކެއް ޒަލަފްގެ ހިތު ތެރޭގައި ހިނގަމުންދިޔައެވެ.
އެހެންދުވަސް ދުވަހާހިލާފަށް ޒަލަފްއަށް ތަންކޮޅެއް ކުރިން މާލެ އާދެވުނެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ހިނގާލާފައި މަގުމައްޗައް ނިކުތެވެ. އެވަގުތު ޒަލަފްގެ ހިނގުމަށް ހުއްޓުމެއްއައީ ކާރެއް ލިބޭތޯ އަތްނަގަމުން ދިޔަ އަންހެން ކުއްޖާ ފެނުމުންނެވެ. އެއީ ބަހުން ޒަލަފްއަށް ފެނުނު ކުއްޖާކަން ހަމައެވަގުތު ޒަލަފް ހަނދާންވިއެވެ. މިއަދު އެއަންހެން ކުއްޖާ މާރީތިހެން ޒަލަފްއަށް ހީވިއެވެ. އެހެންވެ އެއަންހެން ކުއްޖާ ކައިރިއަށް ދެވެންފެށިއެވެ. އަދި ތަންކޮޅެއް ކައިރިއަށް ގޮސް އެއަންހެން ކުއްޖާއަށް ކަޅިޖަހާ ނުލާބަލަން ހުއްޓެވެ. ބޮލުން ފެށިގެން ފަޔާހަމައަށެވެ. ފަހަތަށް އައްސާލާފައި އޮތް ބޮޑު ކަޅުއިސްތަށިގަނޑު ޒަލަފްއަށް ވަރަށް ރީތިވިއެވެ. އަދި ކަރުގައަޅާފައިވާ ފަށުން އެދޮންކަރުގެ ފަޅުކަން ފިލައެވެ.ވިލު ނޫކުލައިގެ ގަމީސްކޮޅަކާއި ކަޅު ސްކިނީއެއްގައި ހުރިއިރު އެއަންހެން ކުއްޖާ ވަރަށް ފުރިހަމައެވެ. އަރިއަކަށް ހުރުމުން މޫނުގެ އެއްބައި ފޮރުވިފާ ހުރިއިރުވެސް މޫނުމަތީގެ ހަންގަނޑުގެ އޮމާންކަމާއި އެދޮންމޫނުގަވާ ފުރިހަމަކަމަށް ގެއްލިފާ ޒަލަފްއަށް ހުރެވުނެވެ. ޒަލަފް ހުރިގޮތަށް ހުއްޓާ ހުސް ޓެކްސީއެއް ލިބމުުން އެއަންހެން ކުއްޖާ އޭނާގެ މިސްރާބަށް ދިއުމަށް ދަތުރު ފެށިއެވެ. އެވަގުތުވެސް ޒަލަފްގެ ހިތުގެ ވިންދު އަވަސްވިކަހަލަ އިހުސާސްއެއް ޒަލަފްއަށް ކުރެވުނެވެ.
އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް މީހަކު ގުޅާހެން ހީވުމުން ޒަލަފް ފޯނު ނެގިއެެވެ. ” މީ އަޔާނީ… ސިޓީއުރަ ހޯދަން ވެގެން..” އަޔާނީގެ އަޑު އިވުމާއެކު ޒަލަފް އަވަސްއަވަހަށް ކޮންތަނަކަށްތޯ އެސިޓީއުރަ ގެންދަންވީ އަހާލިއެވެ. އަދި އަޔާނީ ގެ ޖަވާބު ލިބުމުން މިދަނީއޭ ބުނެ މަފާޒްކައިރިން ހުއްދަ ހޯދުމަށްފަހު އޮފީހުން ނިކުމެ ސައިކަލުގައި މިސްރާބު ޖެހީ އަޔާނީ ހުރިދިމާލަށް ދެވޭތޯއެވެ.
އައިޖީއެމްއެޗްކައިރީ ވަރަށް މީހުންގިނައެވެ. ދުވަސްވަރަކީ ސުކޫލް ބަންދު ދުވަސް ކޮޅެއްކަމުން އެހިސާބުވަނީ މާލޭގެ އެންމެ ކާރޫބާރުބޮޑު އެއްހިސާބަށް ވެފައެވެ. އޮފީސް ނިންމާލުމަށްފަހު އަޔާނީގެ އެންމެގާތް ރަހުމަތްތެރިޔާ ހުންއައިސްގެން އެޑްމިޓްކޮށްފައިވާތީ އަޔާނީ ހުރީ އައިޖީއެމްއެޗަށް އައިހެވެ. ނަމަވެސް މިވަގުތު އަޔާނީ އިންތިޒާރު ކުރަމުން އެދަނީ ސިޓީއުރަ ގެނެސްދޭން އަންނަވާހަކަ ޒަލަފް ބުނުމުންނެވެ.
އައިޖީއެމްއެޗް ކައިރީ ސައިކަލު ޕާކްކޮށްލި ތަނާ ޒަލަފްއަށް ފެނުނީ ހެނދުނުވެސް ޒަލަފްއަށް ފެނުނު އާދަޔާ ހިލާފު އަންހެން ކުއްޖާއެވެ. އެކުއްޖާ ފެނުމާއެކު ޒަލަފްއަށް އެކުއްޖާ ހުރި ދިމާލަށް ދެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އެކުއްޖާ ކައިރީ ހުއްޓިލައިގެން އެކުއްޖާއަށް ބަލަން ޒަލަފްއަށް ހުރެވުނީ އެތަނަށް އައީ ކީއްކުރަން ކަންވެސް ހަނދާންނެތިފައެވެ. ކުއްލިއަކަށް ޒަލަފްއަށް ހަމަހޭވެރިކަންވީ ޖީބުގައޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެވަގުތު ފޯނުނަގާ ކަންފަތުގަ ޖައްސާލިތަނާ ޒަލަފްއަށް ހީވީ އެކަކުގެ އަޑު ދެފަހަރަށް އިވުނު ހެންނެވެ. ކުރިމަތީގައި ހުރިއަންހެން ކުއްޖާއަށް ޝައްކުގެ ނަޒަރަކުން ޒަލަފްއަށް ބަލާލެވުނީ އެރީތި އަންހެން ކުއްޖަކީ ހަމަ އަޔާނީތޯ ޔަގީން ކޮށްލުމަށެވެ. ” ކުރިމަތީގަ ހުއްޓަސް ކިހިނެއް ދޯ އިނގޭނީ… ކީއްވެ އައިސްސަ ނުގުޅާ ތިހިރީ..” ލަސްވެފަ ހުރިވަރުން އަޔާނީއަށް ބުނެވުނެވެ. ނަމަވެސް އަޔާނީގެ ފުރިހަމަ ހަށިގަނޑަށާއި އޮމާންއަޑުގެ ޖާދޫގައި ޖެހިފައިވާ ޒަލަފްހުރީ ބުނާނެބަހެއް ނޭނގި ތަލިން ކުޅު ހިކިފައެވެ.
8 Comments!
Comments are closed.

V reethi….nxt part whn??
V v reethi
varah salhi
Vvvvvvvvvvvvvvv rythi story. avahah up kohlaba
V lobi story
Boy etha ?
Thank u all for the comments.. hope u enjoyed… ☺☺☺
Waa waa zeek nala story ekey dhw.. I love this story.. keep it up..
Salhi ingey zeek.. Waitin 4 de nxt prt…