Skip to content
އެސްފިޔަ

ލޯބިވާތީ… – 5

Listen to this story Audio · 7:43 Powered by Esfiya Voice
0:00 7:43

“މާދަން ހަވީރު ކިހިނެތް؟” އަހަރެން އަހާލީމެވެ.

“އޯކޭ. ސީޔޫ ދެން.” ޒައީންގެ މެސެޖު ކިޔާލާ އަހަރެން ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލީމެވެ.

އަހަރެން ރާއްޖެ އަނބުރާ އައިސް ވަރަށް ގިނަ ކަންތައްތައް ކުރުމަށް އުންމީދު ކުރީމެވެ. ހަމަގައިމުވެސް މިއީ އެލިސްޓުގައި ހިމެނުނު ކަމެއްނޫނެވެ. އެހާވަރަކުން މަންމަ އާއި ބައްޕަ އަހަރެން ރާއްޖެ ގެންނަން އުޅުމުންވެސް އަހަންނަށް ކަމެއް ރޭކާ ނުލީތީ މިހާރު އެބަ މޮޔަހީވެއެވެ. އެރޭ އެވަރަށް ރުއީ މަންމައާއި ބައްޕަ ގަދަކަމުން ނުޤަބޫލުގައި ކައިވެންޏެއް ކުރުވަން އުޅޭތިއެވެ. މިއަދު މިއަންނަނީ ސަލާމަތެއްގެ ހިންޏެއްނޫނެވެ. މިއޮށްފަދަ 21 ވަނަ ގަރުނުގައި މިފަދަ ކަމެއް ކުރުވުމުގެ ހިޔާލު އައީވެސް ކިހިނެއްބާވައެވެ؟ ނުވިތާކަށް އަހަރެންގެ އެއްވެސް މަޝްވަރާއަކާވެސް ނުލައެވެ. މީހަކު އަޅެ އާޝޯހު ނުވާނެހެއްޔެވެ؟ އަހަންނަށް ބޯހޫރުވާލެވުނީ ތަޤުދީރުގެ މިސަމަސާ ޤަބޫލުނުކުރެވިގެންނެވެ.

*** *** *** *** **** *** *** *** **** *** *** *** ****

މިއަދު މިއީ އަހަރެން ޒައީންއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. އަހަރެންގެ ހަޔާތް ފަދައިން ބަނަވެފައިވާ އުޑުމައްޗަށް ބަދަލެއްނާދެއެވެ. މުޅި މާލެ އޮތީއެކީހެން ކޯރު ހެދިފައެވެ. ރަތް އެލާރޓް ވެސް ނެރެފިއެވެ. ފަހަރެއްގައި މިހިޔާލު ދޫކޮށްލާ ފިލައިގެން އަނބުރާ ސްކޮޓްލެންޑް އަށް ދިއުމަށް ކާއިނާތުވެސް އިޝާރަތްކުރަނީ ކަމަށް ވެދާނެއެވެ.

އަހަރެން ނަފްސާނީ ފަރުވާ ހޯދުމަށް ކޮންސަލްޓް ކުރާ ޑޮކްޓަރު ޑރ. ޑަގްލަސް ބުނެއުޅެއެވެ. ކަންކަމުން ފިލުމަކީ ފަސޭހަގޮތެވެ. އެކަމަކު ގިނަފަހަރު އެއީ މައްސަލައަށް ލިބޭ ހައްލެއްނޫނެވެ. ބަދަލުގައި ލަސްކުރެވޭ ލަސްކުރުމެކެވެ. ލަސްކުރާހާ ހިނދެއްގައި އެކަމެއް އެމީހެއްގެ ފަހަތުން ދުވާނެއެވެ. އެކަމާއި ކުރިމަތިލާ އެކަމަކުން އަރައިގަތުމަކީ ބުއްދިވެރި ގޮތެވެ.

މިއީ އަހަރެން މާގިނަ ދުވަހަކު އަހަރެންގެ ދިރިއުޅުމަށް ސަވާރުވާން ބޭނުންވާ މައްސަލައެއްނޫނެވެ. ތެދަށް ބުނާނަމަ އަހަރެން ހައްލުކުރަން ދިރިއުޅުމުގައި މާބޮޑެތި ކަންކަން އެބަހުއްޓެވެ. އެހެންކަމުން ޒައީންގެ ނަމުން ނަންދެވިފައިވާ ބާބު މިއަދުން މިއަދަށް ނިންމާލުމަށް އަހަރެން ސިކުނޑީގައި ރޭވީމެވެ.

ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހަރަކާތްތެރިވަމުން ދިޔައީ އިސްތަށިގަނޑު ހަމައަކަށް އެޅުވޭތޯއެވެ. މެދުން މަގުފެޅުމަށްފަހު ރާޅުބައިނި އިސްތަށިގަނޑު ބޮލުގެ ފަހަތުގައި ހުޅިއެއްފަދައިން ގައިދުކޮށްލީ ކްލޯ ކްލިޕަކުންނެވެ. މޫނުގައި ސްކިންޓިންޓް މަޑުމަޑުން އުނގުޅާލާ، ކޯތާފަތްމަތީ މަޑު ފިޔާތޮށި ބްލަޝްއެއް އުނގުޅުމަށްފަހު މަޑު މުށިކުލައަކަށްދާ ފަންސުރަކުން ތުންފަތް ފަވާ ލިޕްގްލޮސް އުނގުޅާލީ މިލާފައިވާ މޫނަށް ދިރުމެއް ގެނެވޭތޯއެވެ.

ނޫކުލައިގެ ފުޅާ ޖިންސަކާއި ހުދު ސްވެޓަރ އެއްގައި އަހަރެންނަށް ލޯގަނޑުން ބަލަން އިނީ ރޭގައި ރޯންހުރި މަހަމްއެއްނޫނެވެ. ލޯގަނޑުން ބަލަން އިން މަހަމް ހީވަނީ ހަމަ އިހުގެ މަޙަމްހެންނެވެ. އެއްވެސް ވައްކެއް ކޫރުމެއްނުވާ މައުސޫމާއެކެވެ. އިންސާނާގެ ބޭރުފުށުގެ ސިފައަކީ ހާދަހާ ކެހިވެރި އެއްޗެއްތާއެވެ.

އަވަސްއަވަހަށް ބޫޓަށް އަރާ ސެންޓުޖަހާލީމެވެ. ފޯނު މެދުނުކެންޑި ރަނގަބީލުވަމުން ދިޔައީ މާހިންގެ ގުޅާތިއެވެ. ތިރިއަށް އައިސްކަން ޔަޤީނެވެ. ގަދަ ނޫ ކުލައިގެ ވާރޭކޯޓެއް ގަޔަށް ލައްވާލަމުން އަވަސް އަވަހަށް ލިފަޓަށް އެރީ ތިރިއަށް ދިއުމަށެވެ. އެޕަރޓްމެންޓް ކޮމްޕެލެކްސްއިން ނުކުމެގެން ޕާރކިން އޭރިއާއަށް ނަޒަރު ހިންގާލިއިރު، އެއަރ ބްލޭޑް ސައިކަލެއްގައި އަހަރެންގެ އިނތިޒާރުގައި މާހިން ހުއްޓެވެ. މާހިންގެ ފަހަތަށް ވާގޮތަށް މަޑު ދަނބު ކުލައެއްގެ ސްކޫޕީއްގައި މަޑުކޮށްލައިގެން އިނީ ދެކިފަރިތަ މޫނެކެވެ.

“ދޮންތީ” އަހަރެން ފެނުމާއެކު ލައިލީ ހަޅޭއްލަވަމުން އައިސް ގައިގާ އޮޅުލައިގެތެވެ. ލައިލީއަކީ ކުޑައިރުއްސުރެ މާހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއެކުވެރިކަމުގައި ގެއަށް އައިސް އުޅުމުގެ ތެރޭގައި މިދެމެދުވެސް ގުޅުން ބަދަހިވީއެވެ. ކުޑައިރު ލައިލީ އަބަދު އަހަންނާއިއެކީ ކުޅެން ބޭނުންވާތީ މާހިން ވަރަށް ބޮޑައިހާކާނެއެވެ.

“ލައިލީ.. އައި މިސްޑް ޔޫ. ބޮޑުވެއްޖެދޯ!” ލައިލީ މޫނުގައި އަތްޖަހާލަމުން ބުނެލީމެވެ. އަހަރުތައް ފާއިތުވާ ގޮތެއްވެސް ނޭނގޭތާއެވެ. އެންމެފަހުން އަހަރެން ލައިލީ ދުށީ 5 އަހަރުކުރިންނެވެ. އިސްކޮޅުން ދެމިލާފައިވީއިރު މޫނަށް މާބޮޑު ބަދަލެއް ނާދެއެވެ. ލައިލީގެ އިސްތަށިގަނޑުގެ ބައިބައި ރަތްކުލައިން ފަވާފައިވާއިރު ނޭފަތުގެ ސެޕްޓަމްގައި ރިންގެއް އަޅުވާފައިވިއެވެ. މިއީ ހަމަ އަހަރެންނަށް އެއަރޕޯޓުގައި އަލްވަދާއު ކިޔަންއައި އެލޯބި ލޯބި މައުސޫމުކުއްޖާބާއެވެ؟

“މީޓޫ. ދޮންތި ހަމަ ތިހުރީ ހުރިގޮތަށް” ލައިލީ ހީނލަމުން ބުނެލިއެވެ.

ވާހަކައިގައި ހުރެ އަހަރެން ގޮސް މާހިންގެ ސައިކަލުގެ ފަހަތަށް އެރީމެވެ. ވާރޭ ހުއްޓާލައިފާވީނަމަވެސް ޖައްވުގައިވި ފިނިކަން ހަރުލާފައިވިއެވެ. ހުޅުމާލޭގެ ފުޅާ މަގުތަކުގައި އުފެދިފައިވާ ކޯރުތައް ކަޑައްތުކުރަމުން ދެސައިކަލު އެއްދުވެއްޔެއްގައި ދިޔައިރު ތިން މީހުންގެ މެދުގައި ސަމާސާ ވާހަކަތައް ދެކެވެމުންދިޔައެވެ. އާއުސްމިންތަކަށް އާރާސްތުކުރެވެމުންދިޔަ އިމާރާތްތަކުން ވަށައިލެވިފައިވާ މަގުތަށް ކުރީގެ ހަނދާންތަކަށް ފަސްއަޅާ، އޭގެ މަތީގައި އާ ދުނިޔެއެއް ބިނާކުރީތާއެވެ.

“ސޯދޮންތީ، ވެޑިންގެ ޑްރެސްއެއް ޕިކް ކޮށްފިންތަ؟” ލައިލީ އަހާލިއެވެ. އެއާއެކު މާހިން ހޭންފަށައިފިއެވެ.

“ހޭނެ ކަމެއްނެތް.. ދޮންތި މެރީ ކުރީޔާ ދެން އޮންނާނީ މާހިންގެ ވެޑިން. އަނެއްކާ ބައްޕަ ކޮންމެވެސްތަނަކުން ކުއްޖެއް ގެނެސްދާނެ” އަހަރެން ހެމުންހެމުން ބުނީމެވެ. “އޭރުން ރޯންހުންނާނީ ތިދެމީހުން”

“އައްޗި މާހިން އެއްނު ރޯނީ… ލައި ނުރޯނަން” ލައިލީ އަނގަ ހަނދާލާ ބުނެލިއެވެ. އެއާއެކު އަހަރެންނާއި މާހިން ދެމީހުންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

ވާހަކައިގެ ތެރޭއިން މަޢުޟޫ ބަދަލުވެގެން ދިޔައީ މާޒީގެ ތެރެއަށް ފޮތުގެ ސަފްޙާތަށް އުކާލާ އުސޫލުންނެވެ. އެންމެން އެކުގައި ހޭދަކުރި ދުވަސްތަކުގެ ފޮނި ހަނދާންތަކެވެ. އެކީގައި ވާރެއާތެމެން ގޮސް އުޅުނު ދުވަތަކާއި، މޫދަށް އެރެން ޓްރެކަށް ދިޔަ ދުވަސްތަކާއި ނައިޓް ފިޝިންއަށް ގޮސް ތަރި ގުނަން އުޅުނު ދިގު ރޭތަކުގެ ވާހަކައެވެ. ވާހަކަތަކުން އުނިކުރެވެމުން ދިޔައީ ކޮން ބަތަލެއްކަން މިހިތް ދަނެއެވެ. އަދެމީހުން އަހަރެންގެ ހިތް އުދާސްތަކުން ރައްކާތެރިކުރުމަށް އުޅޭގޮތުން ހީވާނީ ގެއްލުންވި ފަރާތަކީ އަހަރެންހެނެވެ.

ވާހަކަތަކަށް ނިމުމެއް އަތުވީ ދެސައިކަލު އައިސް ހުޅުމާލޭގެ ފޭސް 1 ނިމޭ ހުސާބުގައިއިން ބްރެޑް މެޓަރސް ކުރިމަތީގައި ހުއްޓުމާއެކުއެވެ. އެއީ ޒައީންއާއި ދިމާކުރަން ނިންމިތަނެވެ. އަހަރެން އެތަނަށް ފޭބިއިރު ނުތަނަވަސްކަން ގައިގެ އެންމެ ހިމަނާރުތަކަށްވެސް ފޯރައިފިއެވެ. ދެއަތާއި ދެފައި ފިނިވެ ދާހިތްލާކަން އިހްސާސްކުރެވެންފެށިއެވެ. ޒައީން ކައިރީގައި ދައްކާނެ ވާހަކަ ހިތާހިތުން ރާވާލެވޭތޯ ބެލީމެވެ.

ތާޒާ ކޮފީގެ މަޑުވަހެއް ވައިގައި ހިފާފައިވިއެވެ. އިމާރާތުގެ ބޭރުގައި ޖަހާފައިވާ މޭޒުތަކުގައި ޖޯޑުތަކަށް މީހުން ހަވީރުގެ ސައި ނަގުމުގައި މަސްއޫލްވެތިއްބެވެ. އުސް އިމާރާތުގެ އެންމެ ތިރީގައި ރީތިގަސްތަކުން ޒީނަތް ކުރެވިފައިވި ބައިގެ ބިއްލޫރިގަނޑުގެ އަނެއް ފަރާތުން އަހަރެންގެ ލޮލުގައި އަޅައިގަތީ ކަޅު ޖިންސަކާއި ކަޑުނޫ ކުލައިގެ ގަމީހެއް ލައިގެން ހުރި ފިރެހެންވަންތަކަމުގެ ފުރިހަމަ މިސާލެކެވެ.

“އެހެރީ” މާހިން ލައިލީއަށް ބިއްލޫރި އެތެރަށް އިޝަރާތްކޮށް ލެޕްޓޮޕެއްގައި ޓައިޕްކުރަން އިން ޒައީން ދެއްކިއެވެ. ކުރަން އިން މަސައްކަތުގެ ތެރެއަށް ގެނބިފައިވުމުން ބަޔަކު ބޭރުން އޭނައަށް ބަލަންއިންކަންވެސް ރޭކާނުލައެވެ.

“ވާއު ދޮންތީ.. ނޮޓް ބޭޑް” ލާނެއް ހިނިތުންވުމެއް ލައިލީގެ މޫނަށް ވެރިވިއެވެ. “އަދި ލަހެއްނުވޭ ހިޔާލު ބަދަލުކުރާކަށް. މުޢުމިންބެގެ ޗޮއިސް ވަރަށް ރަނގަޅު”

“އެވަރަށް ނުބެހޭދެން.. ދޮންތިއާއެކީ ދާންވީތަ؟” ހިނިގަނޑު ފިއްތާލަމުން މާހިން އަހަރެންގެ ކިއިރީ އަހާލިޔެވެ. ފަހަރެއްގައި މޫނުން ފެންނަމުން ދިޔަ ނުތަނަވަސްކަން ނަގައިގަނެވުނީއެވެ. ފާއިތުވެދިޔަ ދެތިން އަހަރަކީ އަހަރެން މީހުންނާ ވަރަށް ދުރުން އުޅުނު ދުވަސްތަކެކެވެ. ކުއްލިއަކަށްހުރެ ނުދަންނަ މީހަކާ ބައްދަލުކޮށް ވާހަކަދެއްކުމަކީ އަހަރެންނަށް މާފަސޭހަކަމެއްނޫނެވެ. ޑރ.ޑަގްލަސް ބުނިގޮތަށް ހިތާނުތަނަވަސްކުރުވާ ކަންކަމާއި ކުރިމަލައިގެން މެނވީ އެކަމުން އަރައިނުގަނެވޭނެއެވެ. އެހެންވިޔަސް އަހަރެން މިއަދު އައީ އަޒުމަކާއެކުއެވެ.

“ނޫން. އައި ގޮޓް ދިސް”.

*** *** *** *** **** *** *** *** **** *** *** *** ****