
ލޯބިން ބުނާތީ – 51

އިމްތިހާނުތައް ނިމި އެންމެންނަށްވެސް ހިންދެމިލާނެ ވަގުތު ލިބިއްޖެއެވެ. މިފަހަރުވެސް ކައިލްގެ ނުރުހުމުގައި އަކީލް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ކައިލް އާއި އާލިކްވެސް ގޮވައިގެންނެވެ. ކުރީ ފަހަރާ ހިލާފަށް ކައިލް މިފަހަރު ނުދާން ވަރަށް ބަހަނާ ދެއްކިއެވެ. އެންމެފަހުން ބޭނުން ނުވި ނަމަވެސް އަކީލްގެ ކުރިމަތީވެސް ހަރުކަށިކަން ދެއްކުނެވެ. ދެބަފައިން މެދުގައި އުފެދުނު ނުތަނަވަސްކަން ފުންވެގެން އައީ ލިއާގެ ނަން އެ ދެމެދަށް އައުމުންނެވެ. އެންމެފަހުން ހޮސްޕިޓަލު ތެރެއިން ކައިލް އާއި އެކު ލިއާ ފެނުނު ދުވަހުގެ ވާހަކަ އަކީލް ގޮވާލި އިރު އޭނާ ބުނާ އެއްޗެއްގެ އެއްވެސް އަގެއް ކައިލްގެ ކުރިމަތީ ނެތީތޯ ސުވާލު ކުރިއެވެ. ލިއާއަށް ނިސްބަތްކޮށް އެއްވެސް މީހެއްގެ ފަރާތުން ކުޑައިމީސް ބަހެއް އިވުމަކީ ކައިލްއަށް ބަރުދާސްތު ކުރެވޭވަރު ކަމެއް ނޫނެވެ. އެއީ އަމިއްލަ ބައްޕަ ކަމުގައި ވިޔަސްއެވެ. އެ ޒުވާބު ނިމުމަކަށް އައީ އެހެންވެއެވެ. ލިއާގެ ކައިވެނި ކުރެވޭކަން އެނގި ކައިލްގެ އެތެރެހަށީގައިވި ހިތް ކޮންމެ ދުވަހަކު އެތައް ހާސް މަރަކުން މަރުވާ ކަހަލައެވެ. މިފަދަ ވަގުތެއްގައި ލިއާ އާއި ދުރަށް ދާކަށް ކައިލް ބޭނުމެއް ނޫނެވެ. އެހެނަސް މަޖުބޫރުވީއެވެ.
އަނެއްކޮޅުން ލިއާ ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. ކައިލް ފުރައިގެން ދިޔަފަހުން އެ މޫނުމަތީގައިވާ ރޫހު ގެއްލިފައިވާ ކަހަލައެވެ. ސަބަބަކީ ހަމައެކަނި އެޔެއް ނޫނެވެ. ކައިލް ފުރުމުގެ ކުރިން ލިއާއާއި ބައްދަލު ކުރަން ބޭނުންވެ އާދޭސް ކުރި ނަމަވެސް ލިއާ އެ ފުރުސަތެއް ނުދިނެވެ. ސަބަބު އެނގެނީ ހަމައެކަނި ލިއާ އަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކައިވެނީގެ ކަންތަކުގައި ލިއާގެ ބައްޕައާއި ރިހާން ވާހަކަ ދެއްކުމަށްފަހު އެރޭގެ ވަގުތެއްގައި ލިއާއަށް ގުޅިއެވެ. އެކި ވާހަކަތަކަށް ފަހު ރިހާން ބުނެލީ ލިއާގެ މުޅި ވުޖޫދަށް ސިހުން ގެނުވާ ވަރު ވާހަކައެކެވެ.
“އަހަންނާ މެރީ ކުރާށޭނު ތިއުޅެނީ ދޯ…؟ އެހެންވީމަ މިހާރުން ފެށިގެން ކައިލް އާއި ހުރިހާ ގުޅުމެއް ކަނޑާލާ…! ހުރިހާ ސޯޝިއަލް މީޑިއާއަކުންވެސް ބްލޮކް ކުރޭ…!” ރިހާން ވާހަކަ ދެއްކި އިރު ލިއާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނާ އަށް ވާހަކަވެސް ދެއްކުނީ ރިހާން ފަސްވަރަކަށް ފަހަރު ގޮވާލި ފަހުންނެވެ.
“ތި ހިފާލީ ބަދަލެއްތަ…؟” ލިއާގެ ހަނދާނަށް އައީ ހޮސްޕިޓަލުގައި ލިއާ އޮތް ރޭ ރިހާން އާއި ކައިލް އާއި ދެމެދު ބަދަލުކުރެވުނު ވާހަކަތަކެވެ. އޭރުވެސް ރިހާން އެކަމުގެ ބަދަލު ދޭނެކަން ލިއާއަށް އެނގެއެވެ. އޭރު ހިތަށް ވެފައިވާ އުނދަގުލާއެކު ލިއާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނަމަވެސް ލިއާ ހިތްވަރުކޮށްލީ ރިހާނަށް އޭނާ ރޯކަން ނޭންގުމަށެވެ.
“ކައިލް އާއި އަހަންނަކީ ހަމައެކަނި ރައްޓެހިން…”
“އަހަރެން ނާހަމޭނު ދޯ…މި ބުނީނު އޭނާއާއި ގުޅުން ކަނޑާލާށޭ…! އަހަރެން ވިއްޔާ އަހަރެން…އޭނާ ވިއްޔާ އޭނާ…!” ރިހާން ފަހުގެ ނިންމުން އިއްވާލިއެވެ. އެންމެ ރަނގަޅޭ ބުނެފައި ލިއާ ފޯނު ކަނޑާލީ ދެން ރުއިން ނުހިފޭއްޓޭނެކަން އެނގޭތީއެވެ. އޭރު ލިއާއަށް ހީވަމުން ދިޔައީ ހަތަރު ފާރުވެސް އޭނާ ފިއްތަމުން ދާހެންނެވެ. ކައިރީގައި އޮތް ބާލީސްތެރެއަށް މޫނު ގަންބާލުމާއެކު ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
ރިހާން ބުނިކަމަކު ލިއާއަށް އެކަން ކުރަން ފަސޭހައެއް ނުވިއެވެ. ފުރުމުގެ ކުރިން ކައިލް ބައްދަލުކުރަން އެދުމުން ލިއާއަށް ދާނެ ހިތްވަރު ނުލިބުނީ ރިހާންގެ ވާހަކަތައް ހަނދާންވެފައެވެ. ދެން ކައިލް އަނބުރާ ރާއްޖެ އަންނައިރު އޭނާ ވާނީ ރިހާންގެ އަންބަކަށް ނޫންކަމެއްވެސް ނޭނގެއެވެ. އެންމެ ފަހު ފަހަރަށް ކައިލް ދުށުމުގެ ފުރުސަތުވެސް ގެއްލުވާލެވުނީއެވެ. ލިއާއަށް އަބަދުމެ ހުރެވެނީ ހިމޭންވެފައެވެ. ގިނަ ވަގުތު ކޮޓަރީގައި ހޭދަކުރާތީ ޝަރީފާވެސް މިހާރު އެ ވާހަކަ ދައްކައިފިއެވެ. ލިއާގެ ކަމަކީ ކޮޓަރީގައި އޮވެގެން އޭނާ އާއި ކައިލް އެކުގައި ހޭދަކުރެވުނު ދުވަސްތަކުގެ ހަނދާންތައް އާކުރުމެވެ. ކައިލް އާއި ބައްދަލު ނުކުރި ކަމަކު ސޯޝިއަލް މީޑިއާއިން ކައިލް ބްލޮކް ކުރުމަކީ ލިއާއަށް ނުވި ކަމެކެވެ.
އެ ދުވަސްވަރާ ދިމާކޮށް ސުމާއާއި އަލްޔާވެސް ބޮޑު ޗުއްޓީއަށް ރަށަށް އައެވެ. ލިއާއަށް އެމީހުން ދިނީ ‘ސަޕްރައިޒް’ އެކެވެ. އެހެނަސް ހައިރާންކަން ލިބުނީ އެމީހުންނަށެވެ. ލިއާ ބަދަލުވެފައިވާވަރު ފެނުމުންނެވެ. ސުމާއާއި އަލްޔާ ފެނުމުން ލިއާއަށް ރޮވުނެވެ. އެމީހުންނާ ކުރިމަތިލުން ލިއާއަށް ފަސޭހައެއް ނުވިއެވެ. ނަމަވެސް ލިއާގެ ދިރިއުޅުމުގައި އެހާ ބޮޑު ނިންމުމެއް ނިންމާއިރު އެކުދިންނަށް ނޭންގުމަކީ އިންސާފެއްވެސް ނޫނެވެ.
ހީކުރި ގޮތަށް ސުމާ އާއި އަލްޔާގެ އެއްބާރުލުމެއް ނުލިބުނެވެ. ނަމަވެސް ލިއާ ކުރަން ހިފާފަ ހުރި ކަމެއް ނުހުއްޓުވޭނުންހޭ އެކުދިން ބުނީ ނުރުހުމާއެކުއެވެ. މިހާ ދުވަސްކޮށްފައި ތިން އެކުވެރިން އެއްތަންވުމުންވެސް ކުރިމަތިލާން މިޖެހުނީ ނުތަނަވަސްކަމާއެވެ. ލިއާ އޭނާގެ މަޖުބޫރީ އެކުދިންނަށް އިހުސާސްވާނެ ނަމައޭ ހިތަށް އެރިއެވެ. ކައިލްއަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ ޒުވާނެއް ނޫނެވެ. ކައިލް ދުރުގައި ހުންނާނީ މިފަދަ ފިޔަވަޅެއް ލިއާ ނެގީމައެވެ. ރިހާން ދެކެ ލޯބިވިއެއް ކަމަކު ލިއާ މިއަދު ރިހާންއާއި ގުޅިގެން އުޅުމުގެ މަގުސަދެއް ކަމުގައި ކައިލް ދުރުގައި ބެހެއްޓުންވެސް ހިމެނެއެވެ.
އިޝާން އާއި ކައިރާ ލިއާގެ ނިންމުންތަކަށް ފާޑު ނުކިޔާވޭތޯ ބަލައެވެ. އިޝާން ކައިރާ ގާތު ބުނެފައި ވަނީ ލިއާގެ ކައިވެންޏަށް އޭނާ ނުދާނެ ކަމުގައެވެ. ދެރަވިޔަސް ލިއާ އެކަން ގަބޫލު ކުރިއެވެ. އެހެންނޫނަސް އިޝާން އަކީ ކައިލްގެ ރަހުމަތްތެރިއެކެވެ. އިޝާންއަށް މުހިއްމުވާނީ ކައިލްއެވެ. މިފަހަރު ކައިލް ފުރައިގެން ދިޔަފަހުން ކައިރާ ލިއާ ގާތު ކައިލްގެ ވާހަކައެއް ނުދައްކައެވެ. ލިއާ ގާތަށް އައިސް އުޅުމުގެ ތެރޭގައި ކައިރާ އާއި ސުމާ އަދި އަލްޔާއާ ރަހުމަތްތެރިވިއެވެ. ލިއާއަށް އެނގުމެއް ނެތި އެ ތިން އަންހެންކުދިން ވަކިން ބައްދަލުކުރިއެވެ. ކައިލްއާއި ލިއާގެ ގިނަ ކަންތައް ސުމާއާއި އަލްޔާއަށް އެނގުނީ ކައިރާ ފަރާތުންނެވެ. ކުރިއަށްވުރެ ބޮޑަށް ސުމާއާއި އަލްޔާއަށް ކައިލްއާއި މެދު ރުހެވުނެވެ. ނަމަވެސް އެ ވާހަކަ ދައްކަން ނުކެރެނީ ލިއާ ބުނެފައި ވާފަދައިން އަކީލްގެ ވިސްނުން ހުންނާނެ ގޮތެއް ސުމާއާއި އަލްޔާއަށް ނޭނގޭތީއެވެ. ލިއާއަށް ދެރަ ގޮތެއް ވާކަށް އެމީހުން ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް ތިން ޒުވާނުންނަށްވެސް ލިއާ ކުރަން އުޅޭ ކައިވެންޏާ ރުހެވޭ ގޮތެއް ނުވިއެވެ. އެހެނަސް ދެން ކުރެވޭނެ ކަމެއް ނެތެވެ.
ކްލާހުގެ ފެއަރވެލްއަކަށް ލިއާ ނުދިޔައެވެ. އެންމެފަހުން ލިއާއަށް ކައިލް ދެން ފެނުނީ އިމްތިހާނުތަކުގެ ނަތީޖާ ލިބުނު ދުވަހުއެވެ. އެންމެ މަތީ ދަރަޖަތަކުން ހުރިހާ މާއްދާއަކުން ފާސްވުމުންވެސް އެކަމުގެ އުފަލެއް ލިއާގެ މޫނުމަތިން ނުފެނެއެވެ. އެއްފަރާތުގައި ހުރި ކައިލްއަށް ނުބަލާ ވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ލިއާއަށް ހީވަމުން ދިޔައީ ވަގުތު މަޑުޖެހިފައި ވާހެންނެވެ. ލިއާ އާއި ކައިލް ނޫން މީހަކު އެތަނުގައި ނުވާ ފަދައެވެ. މޫނުމަތިން އަސަރެއް ނުދައްކާ ހުރި ކަމަކު ކައިލްގެ ލޮލުގައިވި ރިހުމުގެ އަސަރު ފެނި ލިއާގެ ހިތް ވިރިގެން ދިޔަކަހަލަ އިހުސާސެއް ކުރެވުނެވެ.
ކައިލްއަށް ލިއާ އަތުވާ ގޮތެއް ނުވިއެވެ. އެހެން އެންމެންނަށްވުރެ ކުރިން ލިއާ ނިކުންނަން ދިޔަކަން ކައިލްއަށް އެނގުނީ ކައިރާ ބުނުމުންނެވެ. ދުވެފައި ނިކުތްއިރު ލިއާ އަލްޔާގެ ސައިކަލަށް އަރަނީއެވެ. އަލްޔާއަށް ކައިލް ހުރި ގޮތް ފެނުމުން ހިތަށް ހަމްދަރުދީ ވަނެވެ. ނަމަވެސް އޭނާއަށް މުހިއްމީ ލިއާ ބުނާ ގޮތަށް ކަންތައް ކުރުމެވެ. ކައިލް ބަލަހައްޓައިގެން ހުއްޓާ އަލްޔާ ސައިކަލު އަނބުރާލަން އުޅެނިކޮށް ފަހުފަހަރަށް ބަލާލާ ފަދައިން ލިއާ އެނބުރި، ކައިލްއަށް ބަލާލިއެވެ. ދެން އެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ. އެ ހިނިތުންވުން ފެނި ކައިލްގެ ހިތުގެ ހިނގުން މަޑުޖެހި މޭފިތިގެން އައިކަހަލައެވެ. ކައިލްއަށް ވޭނީ އިހުސާސެއް ކުރެވުނު ސަބަބެއް ނޭނގުނެވެ. އެ ހިނިތުންވުން ފެނި ކައިލްއަށް ހީވީ ލިއާ އޭނާއާއި ވަދާއުގެ ސަލާމްކޮށްލިހެންނެވެ. އެހާވެސް އެ ހިނިތުންވުން ވޭންގަދައެވެ. ކައިލްގެ ވަށައިގެންވި ހުރިހާ މަންޒަރެއް ފުސްވެގެން އައިކަހަލައެވެ.
“ނޫން…” ކައިލްއަށް ބުނެވުނެވެ. ލޯމަތިން ލިއާ ގެއްލުމާއެކު ހޭވެރިކަން ވީ މީހެއް ފަދައިން ކައިލް ދުވެފައި ގޮސް އޭނާގެ ސައިކަލަށް އެރިއެވެ.
ދުވެފައި ކަހަލަ ގޮތަކަށް ގެޔަށް ވަދެގެން އައި ކައިލްގެ ގައިގަ ބައްދާލީ ސޯފާގައި އިންތިޒާރުގައި އިން އާލިކްއެވެ. ކައިލް ހޯދާފައިވާ ރަން ވަނައާއި ގުޅިގެން މަރުހަބާ ނުކިއިގެން އުޅެނިކޮށް އާލިކް ކައިރިން ވީއްލިގަނެގެން ކައިލް ދުވެލާފައި ސިޑިން އަރައިގެން ގޮސްފިއެވެ. އާލިކްއަށް ކައިލްގެ މޫނުމަތީގައިވި ކުލަވަރު ނުފެނުނީ ކައިލް އަވަސް އަރުވާލާފައި ހުރުމުންނެވެ.
ފޯނު ނަގާފައި ކައިލް ލިއާއަށް މެސެޖު ކުރިއެވެ. އޭނާއަށް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ ބުނެދޭށޭ ބުނެލިއެވެ. ލިއާ އޮންލައިން ވީކަމަކަށް ނުދައްކައެވެ. ކައިލްގެ ހިތަށް ހަމަޖެހުން ލިބޭގޮތެއް ނުވިއެވެ. ޔުނީފޯމްގެ ކޯޓު ބޭލުމަށްފަހު ޓައީ ނައްޓާ ގޮށްތައް ނައްޓާލީ ނޭވާލާން ދަތިވެގެން އުޅޭ މީހަކު ފަދައިންނެވެ. އެ ފިރިހެންވަންތަ މޫނުމަތީ ވަނީ ހިތް ހަލާކުވާފަދަ އަސަރެކެވެ. ފޯނަށް ބަލަން ކައިލްއަށް ހުރެވުނީ ކެތްތެރިކަން ގެއްލިފައެވެ. ނަމަވެސް އެހެން ގިނައިރު ހުރެވޭ ގޮތެއް ނުވިއެވެ. ޑިއުޓީގައި އުޅެފައި ބްރޭކަށް އަކީލް އައީ އެވަގުތުއެވެ. ކައިލްގެ ކޮޓަރިއަށް ވަދެގެން އައި އަކީލްގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ކައިލް ހޯދި ނަތީޖާއާއި މެދު ފަހުރުވެރިކަން ފެންނަމުން ދިޔައިރު ކައިލްގެ ހިތަށް ދަތިކަން ލިބުނެވެ. އޭނާގެ ހާލަތު ބައްޕަ ދެނެގަންނާނެ ނަމައޭ ހިތަށް އެރިއެވެ.
“ޕްރައުޑް އޮފް ޔޫ މައި ސަން…” އަކީލް ކައިލްގެ ގައިގަ ބައްދާލިއެވެ. ފަހަތުން ކޮޓަރިއަށް ވަދެގެން އައި އާލިކްވެސް އަކީލްގެ ވާހަކައަށް އެއްބާރުލުން ދެމުން ކައިލްގެ ބުރަކަށީގައި ޖަހާލިއެވެ. ކައިލްއަށް މަޖުބޫރުވީ މިވަގުތު އޭނާ ކުރަން އުޅުނު ކަންތައް މަޑު ޖައްސާލުމަށެވެ.
ހަވީރު އާމިރު ގުޅާފައި ބުނީ ތިންބަފައިން އެގެޔަށް އައުމަށެވެ. އޭރު ވާން އުޅޭ ގޮތް ނޭނގެނީ ކައިލްއަށް އެކަންޏެވެ. އެގެޔަށް ދިޔައިރު ކައިލް އާއި ކައިރާ ހޯދި ރަނގަޅު ނަތީޖާއާއި ގުޅިގެން ކުޑަވަރެއްގެ ޕާޓީއެއް ރާވާފައި އޮތެވެ. ކައިލްގެ ތުންފަތްމައްޗަށް މަސްނޫއީ ހިނިތުންވުމެއް ގެނައީ މަޖުބޫރުވެގެންނެވެ. ދެން ކައިލްއަށް ފާހަގަވީ ކައިރާ ނުތަނަވަސްކަމާއެކު ކައިލްއަށް ބަލަމުން ދިޔަ ގޮތެވެ. ހީވަނީ ވާހަކައެއް ބުނަން އުޅެ އެކަމަކު އެތަނުގައިވާ ގިނަ މީހުންގެ ސަބަބުން ނުބުނެވިފައި ވާހެންނެވެ. އެންމެފަހުން ކައިރާއަށް ފުރުސަތެއް ލިބުނީ ކޭކު ފަޅާނިމި ބޮޑެތި މީހުން އެކި ވާހަކައިގަ މަޝްއޫލުވި ފަހުންނެވެ.
ކައިރާ ހާމަކޮށްލި ވާހަކައިން ކައިލްގެ ފައިދަށުން ބިންގަނޑު ދެމިލިހެން ހީވިއެވެ. އާލިކް ގާތަށް ގޮސް ކައިލް އާލިކްގެ ކާރުގެ ތަޅުދަނޑި ނެގިއެވެ. ތިން ބަފައިން އެއްކޮށް އަންނާތީ ކާރުގައި އަންނަންވެގެން ކައިލް ސައިކަލުގައި ނާދެވުނީއެވެ. އަކީލް ސުވާލުކުރުމުން ކައިރާ ކޮންމެވެސް އެއްޗެކޭ ކިޔާ ހަމަޖައްސާލިއެވެ.
ބާރު ސްޕީޑުގައި ކައިލް ކާރު ދުއްވާފައި ދިޔައިރު ކައިލްއާއި ޖެހިގެން ކުރީ ސީޓުގައި ކައިރާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކައިލްގެ މޫނުމަތީވި ކުލަވަރު ފެނިފައި ކައިރާ އިނީ ޖެހިލުންވެފައެވެ. ކައިލް ކާރު ހުއްޓާލީ ލިއާމެންގޭ ދޮރު ކުރިމައްޗަށެވެ.
ކާރުން ކައިލް ފޭބުމާއެކު ކައިރާވެސް ފައިބެގެން ދުވެލާފައި އައެވެ. ގޭތެރެއަށް ވަންނަން އުޅުނު ކައިލްގެ އަތުގައި ކައިރާ ހިފެހެއްޓިއެވެ. ކައިލް ހީވަނީ ކެތްތެރިކަން ކޮޅުންލާފައި ވާހެންނެވެ. ކައިރާ އަވަސްއަވަހަށް ސަލާން ގޮވާލީ ކައިލް ދެންމެދެންމެ ގޭތެރެއަށް ވަދެދާނޭ ހީވާތީއެވެ. އެވަގުތު ގެއިން ނިކުމެގެން އައީ ޝަރީފާއެވެ.
“ލިއާ ހޯދަން…” އެންމެ ސިކުންތުކޮޅެއްވެސް ބޭކާރު ކުރުމެއް ނެތި ކައިލް ވާހަކަ ދެއްކިއެވެ. ޝަރީފާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
“ލިއާ ނުބުނޭތަ…؟ މިއަދު މެންދުރު ލިއާ ފުރައިފި…އިންނަން އުޅޭ ކުއްޖާގެ ރަށަށް ދިޔައީ…މާދަން ލިއާގެ ކައިވެންޏޭނު…؟ ދައްތަވެސް މިރޭ ފުރަން…” ޝަރީފާ ވާހަކަ ދެއްކިއެވެ.
ހުއްޓުން އަރާފައި ހުރި ކައިލްގެ އަތަށް ކައިރާ ދެފަހަރަކު ދަމާލައިފިއެވެ. ކައިލް ހިނގައިގަތްއިރު ދެލޯ ފުރިފައިވަނީ ކަރުނައިންނެވެ. ނަމަވެސް އެ ކަރުނަތައް ފައިބައިގެން ނުދިޔުމަށް ކައިލް މަސައްކަތް ކުރަމުން ދިޔައިރު މޫނުމަތީގައިވަނީ ހުސްކަމެވެ. މިދުވަސް އަންނާނެކަން އެނގޭއިރުވެސް ކައިލްއަށް މި ހާލަތަށް އަމިއްލަ ނަފްސު ތައްޔާރު ނުކުރެވުނެވެ. ހިތަށް ލިބެމުން ދިޔައީ މީގެ ކުރިން ނުލިބޭފަދަ ވޭނެކެވެ. ކައިލްގެ މޫނަށް ނުބަލަން ކައިރާ ހުރީ އޭނާއަށް ރޮވޭނެކަން އެނގޭތީއެވެ.
ކާރަށް އަރާފައި ތިބޭތާ އިރުކޮޅެއް ވެއްޖެއެވެ. ކައިލްގެ އެއް އަތް ހުންގާނުގައި ވީއިރު ނަޒަރު ހުއްޓިފައިވަނީ ބިއްލޫރިގަނޑަށެވެ. އިރުއިރުކޮޅާ ލަގޮނޑި ހަރަކާތްކޮށްލާ ގޮތުން ހިންދިރުވާލާކަން ފާހަގަވެއެވެ. އެ ސިކުނޑީގައިވަނީ ކޮން ހިޔާލެއް ކަމެއް ނޭނގެއެވެ. އެތައް އިރެއް ވަންދެން ހިމޭނުން އިނދެފައި ކައިރާ އޭނާގެ ފޯނު ނެގިއެވެ. އެއްޗެއް ހޯދާލާފަދައިން ފޯނު ހާވާލާފައި ކައިރާ ކައިލްއަށް ގޮވާލިއެވެ. ކައިލް މަޑުމަޑުން ބަލާލުމާއެކު ކައިރާ ދައްކާލީ ލިއާ ފޮނުވާފައި އިން ދައުވަތު ކާޑެވެ.
ތިރީ ތުންފަތުގައި ދަތް އަޅާލި ކައިލްގެ ކަތުރުކަށިގަނޑަށް ވާންވެގެން އައި އިރު އެ މޫނުމަތިން ނުރައްކާތެރި ކުލަވަރެއް ފާޅުވެގެންއައެވެ. ކައިރާ އިސްޖަހާލިއެވެ. ކައިލްގެ ހިތަށް ކެތްނުވާވަރު ވުމުން އެ އިހުސާސްތައް ކައިލް އެ ފަރުދާކޮށްލީ ރުޅިވެރިކަމުގެ ސިފައިގައެވެ. ހުންގާނުގައި ބާރަށް ހިފާލުމާއެކު ކައިލް ކާރު ސްޓާޓްކޮށްލަމުން ދުއްވާލީ ބާރު ސްޕީޑްގައެވެ. އޭރު ލޮލަށް ކަރުނަ ގިނަވަމުން އަންނަކަމުގެ އިހުސާސްވީ ނަމަވެސް އެއިން އެންމެ ކަރުނަ ތިއްކެއްވެސް ފައިބެގެން ދާކަށް ކައިލް އިޒުނައެއް ނުދިނެވެ. ބާރު ސްޕީޑުގައި ކާރު ދިޔަ ގޮތުން ހީވީ ހިތުގައިވި ހައިޖާންގަނޑު ކާރުގެ ހުންގާނަށް ބާލަން ކައިލް ގަސްތުކޮށްފައިވާހެންނެވެ.
ކައިރާގެ ގެޔާއި ހަމަޔަށް ދެވުނު އިރު އާލިކްއާއި އަކީލް ތިބީ އިންތިޒާރުގައެވެ. ކައިލް ފަހަތު ސީޓަށް ގޮސް އަކީލަށް ކާރު ދުއްވަން ފުރުސަތު ދިނެވެ. އަތުތެރޭގައި އޮތް ފޯނަށް ބާރުކުރެވެމުން ދިޔައީ ކަމަކަށް ކެތްތެރިކަން ކޮޅުންލައިގެން ދާ ފަދައަކުންނެވެ. ގާތުގައި އާލިކް އިނުމުން އޭނާއަށް މަޖުބޫރުވީ ކެތްތެރިވެގެން އިންނާށެވެ.
ގެއަށް ދެވުމާއެކު ކައިލް ވަނީ ކޮޓަރިއަށެވެ. ދޮރު ލެއްޕުމާއެކު އެ ފިރިހެންވަންތަ މޫނުމަތީގައިވި ކުލަވަރު ބަދަލުވެއްޖެއެވެ. ކައިލް ހީވަނީ ހިތާމައިގެ ތަސްވީރެއްހެންނެވެ. އެނދުގައި ކައިލްއަށް އިށީނދެވުނީ ލިއާގެ ނަންބަރަށް ގުޅަމުންނެވެ. އެ ރީތި އިސްތަށިގަނޑު ހޭވި ނިތުމައްޗަށް ފައިބާފައިވާއިރު ކައިލްއަށް އެކަމުން އުނދަގޫ ވާހެން ހީނުވެއެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ލިއާ ފޯނު ނުނެގިއެވެ.
“އާހް…!” ފޯނު އެނދުމައްޗަށް ހޫރާލުމާއެކު ކައިލްއަށް ކަކުލުގައި އުޅަނބޮށި ވިއްދާލަމުން ދެއަތުން މޫނު ފޮރުވާލެވުނެވެ. އެގޮތުގައި އެހެން އިނދެފައި ދެއަތުން ފަހަތަށް ވާގޮތަށް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ހަމައިން ނެއްޓިގެން ދިޔަ ފަދައިން ފުންމައިގެން ތެދުވެވުމާއެކު އަނެއްކާވެސް ފޯނު ނަގައިފިއެވެ.
ކައިލް ވަނީ ލިއާގެ ކޮންވަޒޭޝަނަށެވެ. މެސެޖު ކުރަން ފެށިއިރު އެ މޫނުގައިވަނީ ބަޔާންކުރަން ނޭނގޭ އަސަރެކެވެ.
“ޕްލީޒް ޓޯކް ޓު މީ…”
“ލިއާ ޕްލީޒް…”
“އައި ނީޑް ޓު ޓޯކް ޓު ޔޫ…”
ކުއްލިއަކަށް ލިއާ އޮންލައިންވިކަމަށް އެރުމާއެކު ކައިލްގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ. މެސެޖުތައް ލިއާ ސީން ކުރުމާއެކު ކައިލްއަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭނާއަށް ފޯނަށް ބަލަން އިނދެވުނީ އިންތިޒާރުގައެވެ. ލިއާ ޖަވާބު ދޭނެ އިރަކަށެވެ. ގިނައިރުވާން ފެށުމުން ކައިލްއަކަށް ނުހުރެވުނެވެ.
“ލިއާ ޕްލީޒް…ޓޯކް ޓު މީ…” ކައިލް މެސެޖު ފޮނުވާލިއިރު ލިއާ ވަގުތުން ސީން ކުރިއެވެ. ކައިލްގެ އަތުތެރޭވި ފޯނަށް ބާރުކޮށްލައިގެން ހިނގަމުންދިޔައީ ހަމައިން ނެއްޓިފައިވާ މީހަކު ފަދައިންނެވެ. އެއް މިނެޓު ދެ މިނެޓަށްވެ ފަސް މިނެޓު ފާއިތުވެއްޖެއެވެ.
ކުއްލިއަކަށް ކައިލްގެ ހިނގުން މަޑުޖެހުނީ ކޮންވަޒޭޝަނުން ފެންނަމުންދިޔަ ލިއާގެ ޕްރޮފައިލް ޕިކް ގެއްލުމުންނެވެ. އެސްފިޔަ ޖަހާލުމެއް ނެތި އެހެން ހުރެފައި ކައިލް އަވަސްއަވަހަށް މެސެޖެއް ޓައިޕްކޮށްލިއެވެ. ނަމަވެސް އެ މެސެޖު ނުދިޔަކަމުގެ ނިޝާން އެރުމުން ކައިލްގެ މޭފިތިގެން އައެވެ.
“ނޯ…” ކައިލްއަށް ވައިއަޑަކުން ބުނެވުނެވެ. މޮޔަވެފައިވާ މީހަކު ފަދައިން އޭނާ ފުލުފުލުގައި އެތައް މެސެޖެއް ޓައިޕްކޮށްފައި ފޮނުވައިފިއެވެ. ނަމަވެސް ދެން އެންމެ މެސެޖެއްވެސް ނުދިޔައެވެ. މި ވީ ގޮތް އެނގުނަސް ކައިލްގެ ހިތް އެ ހަގީގަތް ގަބޫލުކުރަން ދެކޮޅު ހަދަމުން ދިޔައެވެ. ލިއާ އޭނާ ބްލޮކް ކޮށްލީއެވެ. ހުރި ފިޔަވަޅުމަތިން ހަރަކާތްކޮށްލާކަށް ކައިލް ހަނދާނެއްނެތްކަހަލައެވެ. ބްލޮކްޑް އަރާފައިވާ ނިޝާނަށް ބަލަން ހުރެ ކައިލްއަށް މަޑުމަޑުން އަތުތެރޭވި ފޯނު ތިރިކޮށްލެވުނީ ވަރުބަލިވި މީހަކު ފަދައިންނެވެ.
ހުރިދިމާ ތިރީގައި އިށީނދެވުންއިރު ކައިލްގެ ނޭވާ ކުރުވެފައިވެއެވެ. އޭނާގެ ހިޔާލުގައިވަނީ ލިއާ އެހެން މީހެއްގެ އަންބަކަށް ވާ މަންޒަރެވެ. އޭނާ އާއި ދުރަށް ދިޔުމަށް ލިއާ ފިޔަވަޅު ނަގަމުން ދިޔަ މަންޒަރު ލޯ ކުރިމަތިން ސިފަވާ ކަހަލައެވެ. ރިހާންއާއި އެކު ލިއާ އުފަލުގައި އުޅޭނެ މަންޒަރު ސިފަވުމުން ހިތާއި ދިމާލުން މޭގައި ކައިލްއަށް އަތް ޖައްސާލެވުނެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ކަނޑައިގެން ދާހާ ބާރަށެވެ. ލިއާ މިގޮތަށް އޭނާ އާއި ގުޅުން ކަނޑާލާނެ ކަމަކަށް ކައިލް ހިއެއް ނުކުރެއެވެ. އިންޒާރަކާ ނުލާ ލިއާ ކައިލް ލިއާއާއި ހަމަޔަށް ވާސިލުވާން އޮތް ހުރިހާ މަގެއް ބަންދުކޮށްލީއެވެ. ކައިލް ހަނދާންވީ ލިއާގެ އެންމެފަހު ބަލާލުމެވެ. އެ ހިތްދަތި ހިނިތުންވުމެވެ. އެ ލޮލުން އެވަގުތުވެސް ކައިލްއަށް ފެނުނީ މަޖުބޫރުކަމުގެ ވޭނެވެ.
“ލިއާ…” އިސްޖަހާލުމާއެކު ކައިލްގެ ތުންފަތް ފޫއަޅުވާލާފައި ވޭނީ އާހެއް ފަދައިން ނިކުތެވެ. އެ އަޑުގައިވީ ހިތާމައެވެ. ކައިލްއަށް ނުހަނު ބޮޑަށް އިސްއޮބާލެވުނުއިރު އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އަމިއްލަ އަޑުގައިވި ބަލިކަށިކަން ދެކެ ކައިލްއަށް ނަފްރަތުކުރެވުނެވެ. ކައިލްއަށް ދެއަތުން މޫނު ފޮރުވާލެވުނެވެ. ލިއާއާއި ދިމާވީއްސުރެ ކައިލްގެ ދުވަސްތައް ފާއިތުވީ ލިއާ ރައްކާތެރި ކުރުމުގައެވެ. ހިމޭންކަމާއެކު އޭނާ ލިއާ ދެކެ އިންތިހާ ދަރަޖައަށް ލޯބިވިއެވެ. ނުލިބޭނެކަން ޔަގީންވިއިރުވެސް އިންތިޒާރުކުރެވުނެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ހިތުގައި ލިއާއަށްޓަކާ ވާ ލޯބި ލިއާ ގަބޫލުކުރާނެ ކަމުގެ އުއްމީދުގައެވެ.
އެހެނަސް މާދަން ލިއާ އެހެން މީހަކާއި ކައިވެނި ކުރެވެން އުޅެނީއެވެ. މިރޭ ލިއާގެ ހަޔާތުން ކައިލް ވަކިކޮށްލާފައެވެ. ކައިލް ކައިރީގައި އޮތް ފޯނު ނަގަމުން ކޮންވަޒޭޝަނަށް ވަނެވެ. އޭނާ އެންމެ ފަހުން ލިއާއަށް ފޮނުވާފައިވާ މެސެޖަށް ބަލަން އިނދެވުނީ އެތައް އިރެއް ވަންދެންނެވެ. އެންމެފަހުން ލޮލަށް ގިނަވެފައި ހުރި ކަރުނަތަކަށް ނުކުޅަދާނަ ވެގެން ކައިލްގެ ކޯތާފަތުގައި ފިރުކިލާފައި ތިރިއަށް ފައިބެގެން ގޮސްފިއެވެ. ކައިލް އެ ކަރުނަތިކި ފޮހެލިއެވެ. ރޯން ބޭނުން ނުވިނަމަވެސް ހިތް ޒަހަމްވެ ލޭ އޮހެމުން ދިޔައެވެ. އޭނާއަށް ކެހި ދީފައި އަނެއްކާވެސް އެ ރީތި ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެއް ދިމާލަކަށް ނަޒަރު ހުއްޓިފައިވީއިރު ކައިލް ހިމޭންވެފައި އިންއިރު އެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުންދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (23)
Comments are closed.
omg girllll, this is sooo goood, maasha allah ….i think lia is gonna dhekolhu hadhanings hen fahu vaguthu…..n also kyle might go to the weddingg….urghh this is getting intrestingg…keep it up gurlllll
I’m sooo glad you’re enjoying it!! 👀😂 You’re already making theories and I love it 🤭 Let’s see if Leah really changes her mind or if Kyle actually shows up at the wedding 👀 No spoilers from me thoughhh 🤐😂 Thank youuu so much for the love and support 🥹💗
Dhen dhen dhen 😭😭😭 Alhe nooooonnn my kailllllll 😭💔💔💔💔
I knowwww 😭 poor Kyleee 😭 He really doesn’t deserve this heartbreak 🥹💔 But keep readinggg 👀🤭 I’m not saying anythinggg 😂💗
Kyle kairi buney Leah kidnap kohgen raajjeyn beyrah gendhaashey!!! Leah girl please come to your senses 😤
LMAOOO 😭 girl you’re too funny 😭💀 you really want Kyle to just grab Leah and disappear with her 😭😂 but honestly Leah pleeeeeease come to your senses already 💀💗
NOOOO😭 don’t do this💔
I’m sorryyy 😭😂 I knew you guys weren’t going to like this part 😭💔
Plzzzz Leah marry nukuruvahchey rihaan aa. Plzz I’m begging you in my kneesss. Enme fahu vaguthu viyas ok yey wedding cancel kollan… 💔
I can feel how badly you want this wedding cancelled 😂🤭 But I’m not saying anythinggg…you’ll have to keep reading 👀💗
ur welcomee gurlll
omg such an emotional part🥺🥺🤍
i felt both of them in so much pain😭
hope they will be toghether soon❤️🩹
this is getting intresting🧡
curiously waiting to see what happen nxt🤔
Awww 🥹😭 I’m glad you could feel their pain because this part was definitely emotional 💔 things are only getting more interesting 👀Thank you so much for reading and waiting for the next part 🫶🏻
ughhjjj dhn noooooo tell lia to cancel the wedding and com3 back to kail can’t wait for the next part make it fast okeyyyyyyyyyyy
Ahaha 😭😭 I can feel how badly you want Lia to cancel that wedding 😂 I’m not telling you anythinggg 👀🤭 You’ll have to wait and see what happens next…I’ll try not to keep you waiting too longgg 😭
When’s next dear?
Soon In Shaa Allaah 💗
Hey dear.. varah dhuvas vejje dhw comment eh kohnuleveythaa.. ekamu hama baraabarah kiyan ingey.. mihaaru ekamu neyvaa hifahataigen ihnan jehey varun hama miulhenii.. hehe.. asluves.. hama ehkon kiyan beynunvanee mihaaru..varah inthizaaru kuran hama.. ur so talented gurl.. so keep goingggggg..❤️
Awww 🥹💗 It means so much that you’ve been quietly reading all this time…Thank you for coming back to comment and for all the love and support 💗 I’m so happy you’re enjoying the story, especially now that things are getting this intense 😭👀 I hope the next parts will be worth the wait! 💗💗
Nooo… Liaa plss e rihaakuru baiy theli aa marry nukuraathi plss… Hama Gisslevihj. Kail ah vefa huri goiy 😭😭😭💔💔
I knowww 😭💔 Poor Kyle really broke our hearts this time 😭
vrh dhera vey mi story kiyaafa 😭💔
but i love it
when is the next part??
liaa ah kail dhee not reevan
Aww 💗🥺 I already uploaded