ރަހުމްކުރާށެވެ – 9
7:30 ގެ ފެރީގައި އަހަންނާ ޝާޔާ އާއި އާމިރު އަދި ދޮންތައާއި ފައިޒާން އަތޮޅު ހޮސްޕިޓަލް އަށް ދާން ނައްޓާލީމެވެ. ދުވަހަކީ ރީތި ދުވަހެކެވެ. އުޑުމަތީގައި ވަނީ އާދަޔާހިލާފު ރީތި ނުލެކެވެ. ފެރީގައި ތިބި އިރު އެއްވެސް މީހެއް އަނގައިން ނުބުނެއެވެ. ފައިޒާން އާއި ދޮންތަ ތިބީ އިސްދަށަށް ޖަހައިގެންނެވެ. އާމިރު އިރުއިރު ކޮޅާ އަހަންނާ ދިމާލަށް ބަލާލައެވެ. އެކަމު އަނގައިން ނުބުނެއެވެ. އަހަރެން އިނީ ޝާޔާ އަތުގަ ހިފާލާއިގެންނެވެ. ވިއްސަކަށް މިނެޓް ފަހުން އަތޮޅު ވެރިކަން ކުރާ ރަށާ ކައިރިކޮށްލައިފިއެވެ. ފެރީ އިން ފޭބިއިރު ފައިޒާން ހަމަޖައްސާފައި އޮތް ކާރު އަހަރުމެން ބަލާ އައިސް އޮތެވެ. އަހަރުމެން ކާރުގަ ހޮސްޕިޓަލް އަށް ދިޔައިރު ޝާޔާގެ އިސްތިޤްބާލުގަ ނަރުހުންނާ އަލީޝާގެ ޑޮކްޓަރު ހުއްޓެވެ. ޝާޔާ ގޮވައިގެން އެމީހުން އަވަސް ވެގަތީ ޕްރޮސީޖަރ ރޫމް އަށެވެ.
ހޮސްޕިޓަލުގެ ފިނި ކޮރިޑޯގެ ތެރޭގައި އެންމެންގެ ނޭވާ ވަނީ ހިފެހެއްޓިފައެވެ. އިރުގަނޑެއް ފަހުން ޑޮކްޓަރު ނުކުމެ، ޝާޔަގެ ކްރޮސް-މެޗް ދިމާނުވާ ވާހަކަ ބުނުމާއެކު، ދޮންތަ ރޮއިގަންނަމުން ބިންމައްޗަށް ތިރިވިއެވެ. ފައިޒާން އިސްދަށަށް ޖަހައިގެން ހުރީ އުއްމީދު ގެއްލި، ހަދާނެ ގޮތް ހުސްވެފައެވެ.
ފައިޒާން ހުރިގޮތް ފެނިފަ އަހަރެން ހީކުރީ އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބޭނެކަމަށެވެ. ނަމަވެސް ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އަހަރެންގެ ހިތަށް ރަހުމް ވެއްދިއެވެ. އެވަގުތު އަހަރެން ހަނދާންނެތިފަ ހުރި ކަމެއް އަހަރެންގެ ސިކުނޑިން އަހަންނަށް ހަނދާންކޮށްދިނެވެ. އަހަރެންގެ ލޭގެ ގްރޫޕަކީވެސް ހަމަ އެ ގްރޫޕް ކަމެވެ. އަހަރެން ހިތަށް ހައިރާންކަން ވެރިވިއެވެ. އެހުރިހާ ވަގުތެއްގަ އަހަންނަށް އެކަން ހަނދާން ނުވީ ކީއްވެބާއެވެ. ދޮންތަވެސް ހަނދާންނެތުނީބާއެވެ. އެވަގުތު އަހަރެންގެ ހިތަށް ކުރީގެ އެ ހިތްދަތި މާޒީއާއި، އަހަންނަށް ކުރި އަނިޔާތަކާއި، ރަށު މީހުންގެ ކުރިމަތީގައި ބަދުނާމުކޮށް ގެއިން ނެރެލި ހަނދާންތައް އަރައި ފައިބައިގަތެވެ. އެމީހުންގެ ސަބަބުން ވީ ހިތާމަތަކުގެ ބަދަލު ހިފަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ހިތުގެ އެއް ކަނަކުން ބުނަމުން ދިޔައެވެ. ނަމަވެސް، އެނދުގައި ފުރާނައާ ހަނގުރާމަކުރަމުން އެދަނީ އެއްވެސް ކުށެއް ނެތް މައުސޫމު ފުރާނައެކެވެ.
އަހަރެން އެއްވެސް ވަރަކަށް ފަސްޖެހުމެއް ނެތި، ކުރިއަށް ޖެހިލައި ޑޮކްޓަރު ގާތުގައި އަހަރެންގެ ޓެސްޓުތައް ހެދުމަށް އެދުނެވެ. އެޖުމްލައާއި އެކީ އެތާ ތިބި އެންމެނަށް ސިހުން ލިބުނެވެ. ފައިޒާން ލޯބޮޑުވެގެން ދިޔައެވެ. ބިންމަތީ އިށީންދެގެން އިން ދޮންތަ ރުއިން ހުއްޓާލާފައި އަހަންނާ ދިމާލަށް ކަޅިޖަހާނުލާ ބަލަން އިނެވެ. ޝާޔާވެސް އާމިރުވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
“ނަތާ…” އާމިރު ވާހަކަ ދައްކަން ފެށުމުން އަހަރެން އޭނާ ހުއްޓުވުމަށް އަތް ހިތްލާލީމެވެ.
“މީ އަހަރެންގެ ނިންމުން. އަހަރެންގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވުން އެއީ އަހަންނަށްވެސް ލިބޭނެ އުފަލެއް”
އެހެން ބުނުމަށް ފަހު އިތުރު އެއްވެސް މީހަކަށް ބެލުމެއް ނެތި ޑޮކްޓަރާއި އެއްކޮށް ޕްރޮސީޖަރ ރޫމް އަށް އަހަރެން ވަނީމެވެ.
ކަންދިމާކުރި ގޮތުން އަހަރެންގެ ހުރިހާ ޓެސްޓެއް އަލީޝާ އާއި މުޅިން ދިމާވިއެވެ. ދިގު އަދި އުނދަގޫ އޮޕަރޭޝަނަށްފަހު، މާތް ﷲ ގެ އިރާދަފުޅާއެކު އެ ކުއްޖާގެ ފުރާނަ ސަލާމަތްވިއެވެ.
ހޭއެރުމަށްފަހު، އަހަރެން އޮތް ކޮޓަރިއަށް ދޮންތައާއި ފައިޒާން ވަދެގެން އައީ ލަދުވެތިކަމާއި ކުށްވެރި އިހުސާސުން ފުރިގެންވާ ހާލުގައެވެ. ފައިޒާން ކަކޫމައްޗަށް ތިރިވެ، ކަރުނައަޅަމުން އަހަރެންގެ ފައިބުޑަށް ވެއްޓި މަޢާފަށް އެދުނެވެ. “އަހަރެން ތި ދިރިއުޅުން ހަލާކުކޮށްލީ… އަހަރެން ތި މައުސޫމު ދަރިފުޅު ބަލައިނުގަނެ އެއްލައިލީ… އެކަމަކު މިއަދު ތި ސަލާމަތްކޮށްދިނީ އަހަރެންގެ ދަރިފުޅުގެ ފުރާނަ. އަހަންނަކީ އިންސާނެއްގެ ސިފަ ޖެހިގެން ހުރި ޖަނަވާރެއް. އަހަންނަށް މަޢާފުކުރޭ!”
އަހަރެން އާމިރުގެ އަތުގައި ހިފާލަމުން، އެމީހުންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ މޫނުމަތިން ފާޅުވޭވޭ ހުރީ ހިތްހަމަޖެހުމާއި ކެތްތެރިކަމެވެ.
“ބަދަލު ހިފުމަކީ އަހަރެންގެ ހިތަށް ދުވަހަކުވެސް ހަމަޖެހުމެއް ގެނެސްދޭނެ ކަމެއް ނޫން،” އަހަރެން މަޑުމައިތިރި އަޑަކުން ބުނީމެވެ. “އަނިޔާވެރިކަމަށް އަނިޔާވެރިކަމުން ރައްދު ދިނުމަކީ އިންސާނިއްޔަތުކަމެއް ނޫން. ކަލޭމެން އަހަންނަށް ނުކުރި ނަމަވެސް، އަހަރެން އިޚްތިޔާރުކުރީ ރަހުމް ކުރަން. އަހަރެން މާތް ﷲ އަށްޓަކައި ކަލޭމެންނަށް މަޢާފުކޮށްފިން.”
އެ ކޮޓަރިތެރޭގައި ތިބި އެންމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. އަހަރެން ދެއްކި މަތިވެރި ނަމޫނާއިން ސާބިތުކޮށްދިނީ، ދުނިޔޭގެ އެންމެ ވަރުގަދަ ބާރަކީ ނަފުރަތާއި ބަދަލުހިފުން ނޫން ކަމެވެ. އަދި އިންސާނާގެ އަގު އުފުލިގެންދަނީ ހިތުގައި ރަހުމާއި ކުލުނު އޮވެގެން ކަމެވެ. ބަދަލުހިފުމުގެ ބާރު ލިބިފައި އޮވެމެ، އަނެކާއަށް އިހުސާންތެރިވެ ރަހުމްކުރާށެވެ. އޭރުން ދެދުނިޔޭގެ ކާމިޔާބީ ލިބޭނެއެވެ.
ނިމުނީ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

