Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަސްވީރީ ބައިވެރިޔާ – 1

modduwrites
modduwrites Level 1
September 15, 2026 6 Mins Read
0 Comments

ހާޔާއަކީ އުމުރުން ހަތާވީސް އަހަރުގެ އަންހެނެކެވެ. ހަޔާތުގައި މިހިސާބަށް އައިއިރުވެސް އޭނާ ދުވަހަކުވެސް ލޯބީގެ ގޮތުން އެއްވެސް މީހަކާ ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް މިކަމަކީ މިހާރު މުޅި އާއިލާއަށް ކުރިމަތިވެފައިވާ މުސީބާތެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ހާޔާ އިނީ އޭނާގެ މާމަގޭ ކާ މޭޒުގެ ކޮޅުގައެވެ. ކާމެޒުގައި ވަށައިގެން ތިބި، އާއިލާގެ އެންމެން، މުޅި ރޭގައިވެސް ހާޔާ ދައްކަން ބޭނުންނުވި މައުޟޫއާ ދިމާއަށް ވާހަކައިގެ މިސްރާބު ޖަހަމުންދިޔައިރު، އޭނާ ދިޔައީ ތަށީގައި އޮތް، ފިހެފައިވާ އަލުވިކޮޅު، އުލުން މަޑުމަޑުން އެކި ފަރާތްފަރާތަށް ޖައްސަމުންނެވެ.

އޭނާގެ ދެބެއިންގެ ދެދަރި ސާރާ، މީހަކާ ކައިވެނި ކުރަން އުޅޭ ވާހަކަ އިއުލާންކުރީ މީގެ ދިހަ މިނެޓު ކުރިންނެވެ. އެ ޚަބަރާއެކު އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އިންތިހާ އުފާވެރިކަމެވެ. އެންމެން ސާރާ ގައިގައި ބައްދައި، ފޮޓޯ ނެގުމުގެ އިތުރުން، މުޅި އަހަރަށް ފުދޭވަރަށް ކައިވެނީގެ ހަފްލާ ބާއްވާނެ ތަންތަނާ ބެހޭގޮތުން ވާހަކަދެއްކުން ކުރިއަށްދިޔައެވެ. ހަޔާ އިނީ ހިނިތުންވެލައިގެންނެވެ. އޭނާ ހަގީގަތުގައިވެސް ސާރާއަށްޓަކައި އުފާވިއެވެ. ނަމަވެސް ދެން އޭނާއާ، ކުރިމަތިވި ސުވާލުތަކަށް އޭނާ ހުރީ އެއްގޮތަކަށްވެސް ތައްޔާރުވެގެންނެއް ނޫނެވެ.

“ކޮބާ ހަޔާ؟” ސެލަޑް ތަށީގައި ހިފާލަމުން އޭނާގެ ބޮޑުދައިތަ އަހާލިއެވެ.

“ކީކޭ؟” ހަޔާ އިސްއުފުލައި ބަލައިލިއެވެ.

“ޚާއްސަ މީހަކު އެބަހުރިތަ؟” ބޮޑުދައިތަގެ މޫނުމަތިން ފެނުނީ މަލާމާތުގެ އަސަރު އެކުލެވޭ ފާޑެއްގެ ހިނިތުންވުމެކެވެ. އޭނާ އިނީ އެ ސުވާލަށް އިންތިޒާރު ކޮށްގެންނެވެ. ހަޔާ ސިއްރުސިއްރުން މޭޒުވަށައިގެން ބަލައިލިއެވެ. އެވަގުތު އެއްފަހަރާ ވިހި މީހުންގެ ނަޒަރު އޭނާއާ ދިމާއަށް ހުއްޓުނުހެން ހީވިއެވެ.

“ނޫން.” އޭނާ ހިން ދިރުވާލަމުން ބުންޏެވެ.

އެއާއެކު އޭނާގެ މަންމަގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ކުޑަކޮށް ފަނޑުވެގެންދިޔައެވެ. އޭނާގެ މާމަ މޭގައި އަތް ޖައްސާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އާއިލާގެ އެހެން މީހުން މަޑުމަޑުން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ޗުކުޗުކު ތަޅުވަން ފެށިއެވެ.

“އަހަރެން މިއުޅެނީ ވަރަށް އުފަލުންނޭ.” ހަޔާ ގަދަކަމުން ހީލިއެވެ.

“އާނ. ތިއީ ތެދެއް.” މަންމަ އަވަސްއަވަހަށް ބުނެލިއެވެ. ނަމަވެސް މަންމަ އެހެން ބުނި ރާގުން ހަޔާއަށް އުނދަގޫވިއެވެ. އެއީ މީހަކަށް ހަމްދަރުދީވާން އުޅޭފަދަ އަދި އެއާއެކު ކުޑަކޮށް ޖެއްސުން ކުރުމުގެ އަސަރު އެކުލެވޭ ރާގެކެވެ.

“ހާޔާ އަބަދުވެސް އުޅެނީ މަސައްކަތުގައި. މާ ގިނައިން މަސައްކަތް ކުރަނީ.” ހާޔާގެ މާމަ ގޮނޑީގައި ލެގިލިއެވެ.

“އަހަރެންގެވެސް އަމިއްލަ ދިރިއުޅުމެއް އޮވޭ. އަހަރެން މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން.”

“ކޮން ދިރިއުޅުމެއް؟ ހާޔާގެ ދިރިއުޅުމަކީ މަސައްކަތް ކުރަން ތި ގެންގުޅޭ ލެޕްޓޮޕު ގަނޑު.” މާމަގެ ބަސްތަކުން ހާޔާ އަންތަރީސް ވެފައި މާމައާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

“މާމަ ތި ބުނީ ހަމަ ސީދާ ރަނގަޅަށް.” އޭނާގެ ކުޑަ ފިރިހެން ކޮއްކޮ މަޖާވެފައި އަޑުގަދަކޮށް ހީގަތެވެ.

“ސާރާ އެއީ ހާޔާއަށްވުރެ އުމުރުން ހަގު ކުއްޖެއް.” ހަޔާ ލަސްލަހުން އެސްފިޔަޖަހާލިއެވެ. މާމަ ދައްކަން އެއުޅޭ ވާހަކަ އޭނާއަށް މާ ރަނގަޅަށްވެސް އެނގުނެވެ.

“އެކަމަކު އޭނާ މިހާރު އެ އުޅެނީ ކައިވެނި ކުރަން. ބަލަބަލާ ތިއްބާ ހާޔާ ނޫން އެހެން އެންމެންގެ އަމިއްލަ އާއިލާތައް ބިނާވެގެން ދާނެ.” މާމަ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މާމާ.”

“އެސްފިޔަޖަހާލާހާ އަވަހަށް ތިރީސް އަހަރު ފުރިދާނެ.”

“އަހަރެންގެ އުމުރު އަހަރެންނަށް އެނގެއޭ މާމާ.”

“އެހެންވިއްޔާ އެ އުމުރުގެ މީހުން އުޅޭގޮތަށް އުޅެން ފަށަން ވެއްޖެއެއްނު؟” މާމަގެ އެ ބަސްތަކާއެކު ހާޔާ އަނގަޔާ ދިމާއަށް ގެންދަން އުޅުނު އޫ ވައިގެ ތެރޭގައި ހުއްޓުނެވެ. އެ އަޑުއިވުނު ބަސްތަކުން އޭނާގެ ހިތުގެ ހިނގުންވެސް މަޑުޖެހިލި ފަދައެވެ. ނަމަވެސް އެއީ ދެރަވެގެންނެއް ނޫނެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ހަ މަސްދުވަހު އާއިލާގެ މީހުން އެކަމާ މެދު ވިސްނަން ޖެހޭވަރުގެ ރައްދު ޖަވާބެއް އޭނާގެ ހިތަށް އެރުމުންނެވެ.

“އަހަރެން މިއުޅެނީ މީހަކާ ރައްޓެހިވެގެން. ކައިވެނިކުރަންވެސް ވާހަކަ ދައްކައިފިން.” ހާޔާގެ އަނގައިން އެ ބަސްތައް ބޭރުވިއެވެ.

އެއާއެކު މުޅި މާހައުލަށް ހިމޭންކަން ވެރިވެގެންދިޔައެވެ. ކާމޭޒު ވަށައިގެން ތިބި އެންމެންގެ އަޑު އެއްކޮށް ހިމޭންވިއެވެ. ހަޔާގެ ހަރަކާތްތައްވެސް މުޅިން ހުއްޓުނެވެ. އޭނާގެ ސިކުނޑި އެތެރެއިން “ތިހެން ބުނީ ކީއްވެގެންހެއްޔޭ؟” ކިޔައި ހަޅޭއްލަވަމުންދިޔަ އަޑު އޭނާއަށް އަމިއްލައަށް އިވެމުންދިޔައެވެ.

“ކީކޭ؟” ހާޔާގެ މަންމަ އަތުގައި އޮތް ތަށި، މަޑުމަޑުން މޭޒުމަތީގައި ބެހެއްޓިއެވެ.

“އަހަރެން މިބުނީ، އަހަރެން މިހުރީ އެންގޭޖްވެގެންނޭ.” ހަޔާ އޭނާގެ ކުރިމަތީގައި ހުރި ތަށީގައިވާ ކާނާއަށް ގެއްލިފައި އިނދެ ބުނެލިއެވެ.

އެއާއެކު މާމަގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެންދިޔައެވެ. މޫނުމަތީގައިވާ މާޔޫސްކަން ފިލައިގެންގޮސް މޫނުމައްޗަށް ވެރިވީ އުޖާލާ ހިނިތުންވުމެކެވެ. އެވަގުތު ހަޔާއަށް އެ ހެދުނީ ބޮޑު ގޯހެއްކަން ވަގުތުން ރޭކާލާފަދަ، ނުރައްކާތެރި ހިނިތުންވުމެކެވެ.

“ކާކާ؟” މާމަ އަހައިލިއެވެ.

ހަޔާގެ ސިކުނޑި މަސައްކަތްކުރުން މުޅިން ހުއްޓުނެވެ. އެހާ ހިސާބަށް އޭނާ ވިސްނާފައެއް ނެތެވެ. އޭނާއަށް ހަނދާންކުރެވުނު ކޮންމެ ފިރިހެނެއްގެ ނަމެއް ހިތަށްއެރުވޭތޯ ސިކުނޑި ގާނަން ފެށިއެވެ. އެކުގައި މަސައްކަތްކުރާ މީހެއްގެ ނަން ބުނަންވީ ހެއްޔެވެ؟ ނޫނީ އޭނާގެ ދަތުގެ ޑޮކްޓަރުގެ ނަން ބުނަންވީ ހެއްޔެވެ؟ ހާޔާގެ ބޯ ގޮވާވަރު ވިއެވެ.

“އޭނާގެ ނަމަކީ….. ދާނިއަލް.” ވަރަށް ފަސްޖެހިފައި އިނދެގެން ހާޔާ ބުންޏެވެ. އެއީ އެވަގުތު އޭނާގެ ހިތަށް އައި އެންމެ ފުރަތަމަ ނަމެވެ.

“ކީއްވެ ތިވާހަކަ އަހަރެމެން ގާތު ނުބުނެ ސިއްރުކުރީ؟” މަންމަ ޙައިރާންވެފައި އަހައިލިއެވެ.

“އަހަރެން ބުނަންނޭ އުޅުނީ.”

“ކޮން އިރަކުން؟” މަންމަ އެކޭ އެއްވަރަށް މާމަވެސް އިނީ ހައިރާންވެފައެވެ.

“ވަރަށް އަވަހަށް.”

“އޭނާގެ ފުރިހަމަ ނަމަކީ ކޮބާ؟” ހާޔާގެ ކޮއްކޮ މޭޒުމައްޗަށް ގުދުވެލަމުން، މަލާމާތުގެ ހިނިތުންވުމަކާއެކު އަހާލިއެވެ. ހަޔާ މޭޒުދަށުން ކޮއްކޮގެ ފައިގައި ޖެހިއެވެ. ނަމަވެސް އޭނާގެ ކޮއްކޮ މަޖާވެފައި ހީގަތެވެ. ހާޔާ އެ ހަދަނީ ދޮގުކަން އޭނާއަށް އެއްވެސް ޝައްކެއްނެތި އެނގެއެވެ. އެވަގުތު މާމަގެ މޫނުމަތިން ފެންނަމުންދިޔައީ އީދު ދުވަހެއް އައިސްގެން އުޅޭފަދަ އުޖާލާ އުފާވެރިކަމެކެވެ.

“މާދަމާ އޭނާ ގޮވައިގެން މިގެއަށް އާދޭ!” ހަޔާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެންދިޔައެވެ.

“މާދަމާ؟ ކީއްކުރަން މާދަމާ؟”

“އަހަރެންގެ މާމަދަރިފުޅު އިންނަން އުޅޭ މީހާއާ ބައްދަލުކުރަން ބޭނުންވާތީ.” މާމަ އެހެން ބުނުމުން ހަޔާ އަންތަރީސްވެފައި މާމައަށް ބަލަހައްޓައިގެން އިނެވެ.

“މާމަދަރިފުޅުގެ ފިރިމީހާއޭ؟”

މާމަ އުފަލުން ބޯޖަހާލިއެވެ. “އެންގޭޖްވެގެންނޭ ބުނީމެއްނު. އެހެންވީމާ އޭނާ ގޮވައިގެން އާދޭ.”

ހަޔާ އަނގަ ހުޅުވާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ވަށައިގެން ތިބި އެންމެން އަލުން ވާހަކަދައްކަން ފަށައިފިއެވެ. މަންމަ ބޭނުންވީ ދާނިއަލްގެ ފޮޓޯއެއް ބަލާށެވެ. ބޮޑުދައިތަ ބޭނުންވީ އެ ދެމީހުން ބައްދަލުވީ ކިހިނެއްކަން އޮޅުންފިލުވާށެވެ. ސާރާ ބޭނުންވީ އެންގޭޖްމަންޓް އަނގޮޓި ބަލާލާށެވެ. ކޮއްކޮ ބޭނުންވީ ދާނިއަލްގެ ވާހަކަ ކުރިން ދުވަހަކުވެސް ނުބުނީ ކީއްވެގެންކަން އެނގޭށެވެ. މާމަ އިނީ އުފާވެރި ހިނިތުންވުމަކާއެކު އެންމެންނަށް ބަލަހައްޓައިގެންނެވެ.

ލިބުނު އެންމެ އަވަސް ފުރުސަތުގައި ހާޔާ އެތަނުން ތެދުވެގެން ދިޔައެވެ. އޭނާ ބެލްކަންޏަށް ނުކުމެ، ދޮރު ލެއްޕުމަށްފަހު، އެތައް އިރަކު ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލިއެވެ. ރޭގަނޑުގެ ފިނި ރޯޅިތައް އޭނާގެ މޫނުގައި ބީހެމުންދިޔައެވެ.

އޭނާ ތުރުތުރު އަޅާ އަތަކުން ފޯނު ނެގިއެވެ. ހަގީގަތުގައި އޮތީ އެންމެ މައްސަލައެކެވެ. އޭނާ އެންގޭޖްވެގެން އުޅޭ ބައިވެރިއެއް ނެތެވެ. ދާނިއަލް ކިޔާ މީހަކުވެސް އޭނާގެ ދިރިއުޅުމުގައި ނެތެވެ.

އެހެންނަމަވެސް، އޭނާ ފޯނުގެ ކޮންޓެކްޓް ލިސްޓު ހުޅުވާލައި، އެކަށީގެންވާ މީހަކު ޖާދޫއަކުން ފެނިދާނެކަމުގެ އުންމީދުގައި މަޑުމަޑުން ލިސްޓު ތިރިއަށް ކަހަމުންދިޔައެވެ. ނަމަވެސް އެއްވެސް މީހަކު ނުފެނުނެވެ.

“އަހަރެން މީ ބޮޑު މޮޔައެއް.” ހާޔާ އޭނާގެ ބޯ ބެލްކަނީގެ ފާރުގައި ޖައްސާލިއެވެ. އެވަގުތު އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެއީ މަންމަގެ ފަރާތުން އައި މެސެޖެކެވެ.

މަންމަ: މާމަ މިހާރު އެއުޅެނީ އެންގޭޖްމަންޓް ފާހަގަކުރަން ކެއުން ރާވަން. މާމަ މާޔޫސްކޮށްނުލާތި.

ހާޔާ ދެލޯ ބޮޑުވެފައި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއާއެކު އަނެއްކާވެސް އެހެން މެސެޖެއް އައެވެ. މިފަހަރު މެސެޖު އައީ މާމަގެ ފަރާތުންނެވެ.

މާމަ: ދާނިއަލް ގާތު ބުނޭ މާމަ ހުރީ އޭނާއާ ބައްދަލުކުރާހިތުން ކެތްމަދުވެފައޭ.

ހަޔާ ދެއަތުން މޫނު ނިވާކޮށްލިއެވެ. އޭނާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އުފެއްދި ތަސްވީރީ ބައިވެރިއެއްގެ ސަބަބުން ހިތުގައި ނުތަނަވަސްކަން އުފެދިފައިވެއެވެ. އޭނާއަށް ދާނިއަލް ކިޔާ މީހަކު ހޯދަން ލިބިފައިވަނީ ސައުވީސް ގަޑިއިރަށްވުރެވެސް ކުޑަވަގުތުކޮޅެކެވެ. ސަބަބަކީ މާދަމާ، އޭނާގެ މުޅި އާއިލާ އެ މީހަކާ ބައްދަލުކުރަން އިންތިޒާރުކުރާތީއެވެ. ކަންތައް އެންމެ ގޯސްވީ އެހިސާބަކުންވެސް ނޫނެވެ. އެ ދާނިއަލްއަކީ ކާކުކަން ޙުދު ހާޔާއަށްވެސް ކުޑަކޮށްވެސް ނޭނގޭތީއެވެ.

ހާޔާ މުޅި ރޭގަނޑު ހޭދަކުރީ ތަސްވީރީ ބައިވެރިއެއްގެ ޚިޔާލީ މައުލޫމާތުތައް ސިކުނޑީގައި އުފެއްދުމުގައެވެ. އޭނާ އިނީ ކާ މޭޒުކައިރީގައި، ލެޕްޓޮޕު ހުޅުވައިގެންނެވެ. އޭނާއަށް ދިމާވެފައި މިވާ ބޮޑު މުސީބާތުން ސަލާމަތްވާނެ މަގެއް ފެނޭތޯ ހޯދުމަށެވެ. ނަމަވެސް ހެނދުނުވިއިރު، އޭނާއަށް ލިބުނު ހަމައެކަނި ނަތީޖާއަކީ ބޮލުގައި ރިހުމެވެ.

އޭނާގެ ކައިރީގައި ހުރި ކޮފީ ތަށި ހޫނުކަން ފިލިތާ އެތައް އިރެއް ވެއްޖެއެވެ. ނަމަވެސް އޭނާއަށް އެކަން ފާހަގަވިހެން ހިޔެއްނުވެއެވެ. އިންޓަރނެޓުގައި “24 ގަޑިއިރު ތެރޭގައި ތަސްވީރީ ބައިވެރިއެއް ހޯދާނީ ކިހިނެއް؟” ޖަހައިގެން، ސްކްރީނަށް ބަލަހައްޓައިގެން އިނެވެ.

“މީ ކިހާ ދެރަ ކަމެއް.” އޭނާ ލެޕްޓޮޕް ލައްޕާލުމަށްފަހު، ނިއްކުރީގައި އަތްއުނގުޅާލަމުން ގޮނޑީގައި ލެނގިލިއެވެ. މަދު ސިކުންތުކޮޅަކަށް، މާމަ ގާތު ތެދަށް ބުނެވިދާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން އޭނާ މަސައްކަތްކުރިއެވެ. އަވަސްއަރުވާލައިގެން ބުނެވުނު، މުޅިން ބޭކާރު ދޮގެއް ކަމަށް ބުނެވިދާނެއެވެ.

ނަމަވެސް، ދެރައީ މާމަގެ ތަބީއަތު ރަނގަޅަށް އޭނާއަށް އެނގޭކަމެވެ. މާމަ ވަރަށް މާޔޫސްވާނެއެވެ. އެއަށްފަހު ސުވާލުތައް ކުރާނެއެވެ. ދެން އޮންނާނީ ތެދުވެރިކަމާ ބެހޭގޮތުން ދޭ ތިން ގަޑިއިރުގެ ނަސޭހަތެކެވެ. އޭގެ ފަހުން، ކައިވެންޏާ ބެހޭގޮތުން ދޭ ފަސް ގަޑިއިރުގެ ދަރުސެކެވެ.

ހާޔާ އަލުން ލެޕްޓޮޕް ހުޅުވާލިއެވެ. ފަހަރެއްގައި މިފަދަ ޚިދުމަތެއް ދޭ ބަޔަކުވެސް އުޅެދާނެހެން ހީވެގެންނެވެ. އިތުރު ވިހި މިނެޓު، އެކި އެއްޗެހި ޖަހައިގެން މައުލޫމާތު ހޯދުމުގައި ހޭދަކުރިއެވެ. އެމުއްދަތުގެ ތެރޭގައި އިންޓަނެޓުން، ތަސްވީރީ ކައިވެނީގެ މެހުމާނުންނާއި، ތަސްވީރީ ރައްޓެހިންނާއި، ތަސްވީރީ ބައިވެރިންގެ އިތުރުން އާއިލާގެ މެންބަރުންވެސް ލިބެން ހުންނަކަން އޭނާއަށް އެނގުނެވެ.

ނަމަވެސް އެއިން އެއްވެސް ވެބްސައިޓަކީ އިތުބާރުކުރެވޭވަރުގެ ތަނެއްގެ ގޮތުގައި އޭނާއަކަށް ނުފެނުނެވެ. އެތަނުން އެއް ވެބްސައިޓަކީ 2007 ވަނަ އަހަރު ހަދާފައިވާ ބާ ވެބްސައިޓެއްހެންވެސް ހީވެއެވެ.

ހާޔާ އަނެއްކާވެސް ލެޕްޓޮޕް ލައްޕާލިއެވެ. އެއާއެކުހެން އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލައިލުމާއެކު، ހާޔާގެ ބަނޑުގައި ރިއްސާލިހެން ހީވިއެވެ. ގުޅަމުންދިޔައީ އޭނާގެ މާމައެވެ.

“ބާއްޖަވެރި ހެނދުނަކަށް އެދެން.” ހާޔާ ފޯނަށް ޖަވާބުދިނީ ވަރަށް ރައްކާތެރިކަމާއެކުގައެވެ.

“ދާނިއަލް ކޮބާ؟” މާމަގެ ސުވާލާއެކު ހާޔާގެ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ.

“ދާނިއަލް؟”

“އާން ދާނިއަލް. ހާޔާ އިންނަން އުޅޭ ބައިވެރިޔާ.” މާމަގެ އަޑުގައިވާ އުފާވެރިކަން ފޯނުގެ ޒަރިއްޔާއިންވެސް ހާޔާއަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ.

“އޯ.” އޭނާ އެސްފިޔަޖަހާލުމަށްފަހު، މި ބައިވެރިޔާއަކީ އޭނާ އަމިއްލައަށް އުފެއްދި މީހެއްކަން ހިތާހިތުން ހަނދާންކޮށްލިއެވެ.

“އޭނާ… ވަރަށް ބުރަކޮށް އުޅެނީ.” ސިކުނޑިއަށް އައި އެންމެ ފުރަތަމަ ޚިޔާލުން ހާޔާ ޖަވާބުދިނެވެ.

“ބުރަކޮށް؟ ކީއް ކުރަނީ؟ ހެނދުނު ހަތްގަޑި ބައިގައި؟” މާމަގެ ހުސްނުވާ ސުވާލުތައް ފެށިގެންދިޔައެވެ. ހާޔާ ގަޑިއަށް ބަލައިލިއެވެ. ގަޑިން ހެނދުނު ހަތްގަޑި ފަނަރަ ވީއެވެ.

“އޭނާއަކީ ވަރަށް މަސައްކަތައް އިސްކަންދޭ މީހެއް.” ހާޔާ މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. މާމަގެ ފަރާތުން އިތުރު ސުވާލެއް ނުކުރުމަށް ހިތާހިތުން ދުޢާ ކުރަމުންނެވެ.

“ރަނގަޅު. އަހަރެން މަސައްކަތްތެރި ފިރިހެނުން ދެކެ ވަރަށް ލޯބިވޭ. މިރޭ 8:30 އަށް އޭނަ ގޮވައިގެން މިގެއަށް އަންނާތި.” އެއާއެކު މާމަގެ އަޑަށް އުފާވެރިކަން ވެރިވިއެވެ. އަދި އެހެން ބުނުމަށްފަހު، ވަގުތުން ފޯނު ކަނޑާލިއެވެ.

ހާޔާ މަޑުމަޑުން ފޯނު ތިރިކޮށްލުމަށްފަހު ފޯނަށް ބަލަހައްޓައިގެން އިނެވެ. ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މާމަ ފޯނު ބޭއްވުމުން ހިތްހަމަނުޖެހުނެވެ. އޭގެ އިތުރުން، އޭނަގެ ދިރިއުޅުމުގައި ނެތް މީހަކު ގޮވައިގެން މިރޭ އާއިލާ އެންމެންގެ ކުރިމައްޗައް އަންނާށޭ ބުނުމުން ހާޔާއަށް ވީގޮތެއްވެސް ނޭނގުނެވެ. ހޭންވީކަމެއް، ރޮންވީކަމެއް، ނޫނީ ފޯނު ކުޑަދޮރުން ބޭރަށް އެއްލާލަންވީކަމެއް ނޭނގުނެވެ.

އެ ހުރިހާ ވިސްނުމެއް ދޫކޮށްލުމަށްފަހު، އެންމެ ހިނދުކޮޅެއްވެސް ލަސްނުކޮށް ހާޔާ ކޮނޑުގައި ދަބަސް އަޅުވައިގެން ގެއިން ނިކުތެވެ. އޭނާ އަވަސްއަވަހަށް ނިކުތީ، މިކަމާމެދު އޭނާއަށް ހަގީގީ އެހީތެރިކަމެއް ދެވޭނެ ހަމައެކަނި މީހާއާ ބައްދަލު ކުރުމަށެވެ.

އޭނާ މަސައްކަތް ކުރާ އޮފީސް ކައިރީގައި ހުންނަ ކެފޭއަކަށް ވަދެގެން ދިޔައިރު، އޭނާގެ އެންމެ ގާތް އެކުވެރިޔާ ލީނާ އިނީ ވަރަށް ހަމަޖެހިލައިގެން ކޮފީއެއް ބޯށެވެ. ބޮޑު މުސީބާތަކުން ސަލާމަތްވާން ދުވެފައި އައި މީހަކު ފަދައިން ހާޔާ ގޮސް ކުރިމަތީގައި ހުރި ގޮނޑިއަށް ވެއްޓިގަތެވެ.

“މާމަ މުޅި އާއިލާއަށް މިރޭގެ ދައުވަތު ދީފި.” އެންމެ އިރުކޮޅަކަށްވެސް މަޑުކުރުމެއްނެތި ހާޔާ ވާހަކަ ފެށިއެވެ.

“ދާނިއަލްއާ ބައްދަލުކުރަން؟” ލީނާ ޚައިރާންވެފައި އެސްފިޔަޖަހައިލިއެވެ.

“މިރޭ.” ހާޔާ މާޔޫސްވެފައި އިނދެ ބޯޖަހާލިއެވެ.

“އެހެންވިއްޔާ ވީހާވެސް އަވަހަކަށް ފިރިހެނަކު ހޯދަން އެބަޖެހެއެއްނު؟” ލީނާ އޭނާގެ ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު، އެ ހާލަތާމެދު ފުންކޮށް ވިސްނާލިއެވެ.

“އަހަންނަށް އެނގެޔޭ ތިކަން.” ހާޔާ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ދެ އަތުން އޭނާގެ އިސްތަށިގަނޑުގައި ހިފައިގަތެވެ.

“ނޫން ހާޔާ. އަހަރެން މިބުނީ ސީދާ ވަގުތުން ވަގުތަށް.” ލީނާ އަޑު ތަންކޮޅެއް ބާރުކޮށްލަމުން ބުންޏެވެ.

“އަޅެ އާނއެކޭ!” އެއަށްވުރެ ބާރަށް ހާޔާ ހަޅޭއްލަވައިގަތެވެ.

“ރީތި މީހެއް ރަނގަޅުވާނެ ދޯ.”

“އަހަރެން މޮޑެލްއެއް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ މާމަގެ ސުވާލުތަކަށް ޖަވާބުދެވޭނެވަރުގެ މީހެއް.” ހާޔާ ވަރުބަލިވެފައިވާ ނަޒަރަކުން ލީނާއަށް ބަލައިލިއެވެ.

“އެބަހުރި މީހެއް.” އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި ލީނާ ހިނިތުންވެލިއެވެ.

“ކާކު؟” ލީނާގެ އަޑުގައިވި ޔަގީންކަމުގެ ސަބަބުން، ހަޔާގެ ހިތުގައި ޝައްކު އުފެދުނެވެ.

“ފަހުން އެނގޭނެ.”

 

Share Article

modduwrites
Follow Me Written By

modduwrites

Level 1

Turning thoughts, emotions, and imagination into stories. Welcome to my little world of words. @modduwrites on instagram if you want to connect! ⭐️

Other Articles

Previous

ވާނަމޭ ލޯބިން އުމުރަށް

Next

އާރާ 3

Next
September 15, 2026

އާރާ 3

Previews
September 15, 2026

ވާނަމޭ ލޯބިން އުމުރަށް



All Right Reserved!