Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަވައްޓެރިޔާ! – 11

Eyesh Level 310 Stories100 Comments500 Comments
September 14, 2026 7 Mins Read
2 Comments

“އަސްލު ވީގޮތެއް ނޭނގެ..” ސަމީރު ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ.

“އެކަމަކު ސަމީރު ތިކިޔާދިނީނު އެރޭގަ ސަނޫރާ ފެނުންވާހަކަ. ދެން އެހެންވިއްޔާ އެނގޭނެ އެެއްނު..” އަހަރެން ބޭނުންވީ ހަގީގަތް ސާފުކޮށް އެނގެން ކަމުން އަނެއްކާވެސް އެހީމެވެ.

 

“މާބޮޑަކަށް ނޭނގެ ވީގޮތެއް… ހަމަ ގައިމުވެސް އެތަނުން އެކަކީ ތައުފީގު.. ދެންހުރި މީހާއެއް އަހަންނަކަށް ނޭނގެ…” ސަމީރު އިތުރަށް އޭނާއަށް ފެނިފައިވާ މަންޒަރު ކިޔާދިނެވެ.

 

އެވަގުތު އަހަރެން ހަނދާންވީ އެއްކަލަ ފޮޓޯގެ އަރިމަތިން ކަފާލާފައިވާބައެވެ. ސަމީރު ކައިރީގައި ކުރިން އެހުމުން އޭނަ ބުނެފައި ވަނީ އެތާހުރީ އެތާ ހުންނަން ނުޖެހޭ މީހެއްކަމަށެވެ. އެއީ އެމީހާކަމަށް ވެދާނެބާއެވެ.

 

“ތައުފީގު ސަނޫރާ މަރާލީތަ؟” އަހަރެން އަނެއްކާވެސް ސުވާލުކުރަން ފެށީމެވެ.

“ނޫން…” ސަމީރު ބޯހުރާލަމުން ބުންޏެވެ.

“ދެން އެހެންވީރު ތައުފީގު ކީއްތަ ކުރީ ސަނޫރާއަށް…” އަހަރެން އެހީމެވެ.

“ހީހެލޕްޑް ދެމް…” ސަމީރު ބުންޏެވެ.

“ކިހިނެއް ހެލްޕްވީ؟” އަހަރެން އެހީމެވެ.

“ރޫމު 7 ގެ ކީ އެމީހުންނަށް ދިނީ ތައުފީގު..”

 

“އެކަމަކު ރޫމް 7އަކީ މުދާ ބަހައްޓާ ސްޓޯރ ރޫމެއްނު؟…” އަހަރެން އެހީމެވެ.

“އާނ..” ސަމީރު އާނއެކޭބުނެ ބޯޖަހާލިއެވެ.

 

“އަހަންނަށް އެނގޭ ނޫރާ އަތުގަ ތިއޮތް ތަޅުދަނޑި ތީ އެޖިންނި އަންހެންމީހާ ނޫރާއަށް ދެއްކި އެއްޗެއްކަން… އެނގޭތަ ތީތި ނޫރާއަށް އެދެއްކީ ކީއްވެކަން؟..” ސަމީރު ވާހަކަ ދެއްކީ އަހަރެންގެ މޫނަށް ބަލަންއނދެއެވެ.

“ކީއްވެ؟..” އަހަރެން އެހީމެވެ.

“އޭނަ ބޭނުން ވަނީ އަހަރެންނަށް ނުހޯދުނު ހަގީގަތް ނޫރާއަށް ފެންނަން…” ސަމީރު އެބުނި ޖުމްލަ އަޑު އަހާފައި އަހަރެންނަށް ދެކަމެއް ޔަގީންވިއެވެ. ސަމީރުއަށް އަސްލުވެސް ސަނޫރާއަށް ވީގޮތް ނޭނގެނީ ކަންނޭނގެއެވެ. އަދި އަހަރެންނެކޭ އެއްގޮތަށް ސަނޫރާއަށް ވީގޮތް ހޯދުމަށް ސަމީރުވެސް ވަރަށް މަސައްކަތް ކޮށްފައިވޭ ކަންނޭނގެއެވެ.

 

 

 

އިރުކޮޅެއް ވަންދެން ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެތިބީމެވެ.

“މިކަންތައްގަނޑު ފެށުނީއްސުރެ ނުދަންނަ ނަންބަރަކުން އަހަރެންގެ ފޯނަށް މެސެޖުއަދޭ… އެކާކު ފޮނުވާ މެސެޖުތަކެއް.. ސަމީރުތަ؟..” އަހަރެން އެހީމެވެ. ހިތުގައިވާ ހުރިހާ ސުވާލެއް ކުރަން އަހަރެން ބޭނުމެވެ.

ސަމީރު ނޫނެކޭބުނެ އަހަރެންގެ ފޯނު އޭނާ އަތަށް ދިނުމަށް އެދުނެވެ.

 

އެންމެ ފުރަތަމަ މެސެޖުން ފެށިގެން ސަމީރު ކިޔަނ1ފެށިއެވެ.. މެސެޖުތައް ކިޔަމުންދިޔައިރު އޭނާގެ މޫނުގެ ކުލަވަރު ދިޔައީ ބަދަލުވަމުންނެވެ.

“މީކީ އެޖިންނި އަންހެންމީހާ ފޮނުވާ މެސެޖުތަކެއްނޫން..” ސަމީރު ވަރަށް ޔަގީންކަމާއެކު ބުންޏެވެ.

 

 

“ކިހިނެއް ސަމީރުއަށް އެނގެނީ.. ހަމަ ވެދާނެއެއްނު އޭތި ކަމަށް… ” އަހަރެން ބުނީމެވެ.

“އެއީ ޖިންނިއެއްނު… ރޫހާނީ އެއްޗިއްސަށް ފޯނުން މެސެޖުކޮށެއް ނުހެދޭނެއެއްނު…” ސަމީރު ބުންޏެވެ.

“ދެން ކާކުބާ ތި މެސެޖުތައް ފޮނުވަނީ.. ؟” އަހަރެން ބޯކަހާލަމުން އެހީމެވެ.

އެއީ އެޖިންނި އަންހެންމީހާގެ ކަމެއްނޫންނަމަ ހަމަ ޔަގީނުންވެސް އެވާނީ މިހިނގާ ހުރިހާކަމެއް ވަރަށް ރަނގަޅަށް އެނގޭ މީހަކަށެވެ. އެމީހަކަށް އަހަރެންނަށް ސަނޫރާގެ ހަގީގަތް އެނގެންފެށިކަންވެސް، އަދި އަހަރެން އެކަން އިތުރަށް ހޯދާ ބަލާކަންވެސް އެނގޭތާއެވެ. އެމީހާއަށް އެޖިންނި އަންހެންމީހާބެހޭގޮތުންވެސް މައުލޫމާތު އެނގެއެވެ. އެމީހަކަށް ނާއިލް ވެސް އެބައެނގެއެވެ. އެއީ ކާކުބާއެވެ…

 

 

ހުރިހާ ކަމަކާ އެއްފަހަރާ ވިސްނާލެވުމުން ކަމުގެ ބިރުވެރިކަން އަހަރެންނަށް އިހުސާސްވިއެވެ.

“ސަމީރުއަށް ވެސް މިހެން މެސެޖު ލިބުންތަ ދުވަހަކުވެސް؟..” އަހަރެން އެހީމެވެ.

“އާނ މީގެ އަހަރުތަކެއް ކުރިން އަހަރެންނަށްވެސް ތިހެން މެސެޖު އައި… އަހަރެން ހީކުރީ މީހަކު ޖެއްސުންކުރަނީ ކަމަށް. އެހެންވެ އެވާހަކަ އެއްވެސް މީހަކަށް ކިޔައެއްވެސް ނުދެން.. ސޭވްވެސް ނުކުރަން… އެތަނުން އެއްމެސެޖު އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި..” ސަމީރު ކިޔާދިނެވެ.

 

“ކީކޭ އޮތީ އެމެސެޖުގަ؟..” އަހަރެން އެހީމެވެ.

“އެއަންހެންމީހާއަށް އެނގޭ ސަމީރުއަށް ފެނުންކަން… އެހެންއޮތީ އެމެސެޖުގަ.” ސަމީރު ހިންދިރުވާލަމުން ބުންޏެވެ.

“އެބުނީ އެޖިންނި އަންހެންމީހާގެ ވާހަކަތަ؟.” އަހަރަން އެހީމެވެ.

ސަމީރު އާނއެކޭ ބުނެ ބޯޖަހާލިއެވެ.

“އަސްލު ކީއްވެ ސަމީރުވެސް ބުނަނީ ސަނޫރާ ގެއްލުނީއޭ.. އަސްލު އެހެންނެއްނޫނެއްނު ވީކީ..” ްައަހަރެން އެހީމެވެ.

 

“ތައުފީގު ބުނެފައޮތީ އެންމެން ކައިރީގަވެސް އެހެންބުނަން.. އަހަންނަށް އެނގޭ އެހެން އެވާހަކަ ފެތުރީ ކީއްވެކަން… އެއީ ދުވަސް ކޮޅަކު ސަނޫރާ ހޯދާފަ އޭނަގެ ހަށިގަނޑުވެސް ނުފެނުނީމަ އޭނަ ގެއްލުނީކަމަށް ނިންމާ ދެން އެއްވެސްމީހެއް އިތުރަކަށް ނުހޯދާނެއެއްނު… މަރުވީއޭ ބުނިނަމަ ސަނޫރާގެ ބޮޑީ ހޯދަން ޕޮލިސް މަސައްކަތް ކުރާނެއެންނު… ތައުފީގު އެކަން އޮއްބާލަން ވެގެން ޖެހި މަޅިއެއް އެއީ..” ސަމީރު ކިޔާދިނެވެ.

 

އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު ސަމީރު ނިކުމެކެން ދިޔައީއެވެ.

އަހަރެންނަށް އެތަށް އިރެއް ވަންދެން ސަމީރު ކިޔާދިން ވާހަކަތަކާމެދު ވިސްނަން އިނދެވުނެވެ.

 

 

އެރޭ ނިދަން އޮށޯއްނަން އުޅެނިކޮށް އަހަރެންގެ ފޯނަށް އަނެއްކާވެސް މެސެޖެއް އައެވެ.

“މިހާރު ތި އިނގުނީ ސަމީރުގެ ވާޝަން.. ދެން ބާކީއޮތީ އަސްލު ވާޝަން…” އެމެސެޖު ކުރާ މީހާއާސް ސަމީރުއަށް ފެނުން މަންޒަރު އަހަރެންނަށް ކިޔާދިންކަންވެސް އެނގުނީތާއެވެ. އެކަމުގެ އަސްލު ވާޝަން އަކީ… އަސްލް ހަގީގަތަކީ ކޮބައިބާއެވެ. އެމެސެޖު ކިޔުމަށް ފަހު ސަމީރު ކިޔާދިންވާހަކަ ތަކުގެ ތެދުކަމާމެދު ސުވާލު އުފެދެންފެށިއެވެ.

 

 

އެވަގުތު ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މީހަކު ޓަކިދިން އަޑުއިވުނެވެ. އެއީ އެޖިންނި އަންހެންމީކަން އެނގިހުރެ އަހަރެންގޮސް ކުޑަދޮރު ހުޅުވާލީމެވެ.

އެމީހާ އަތުގެ އިޝާރާތުން އަހަރެންކައިރީގައި ދާޝޭ ބުންޏެވެ.

“ބޭރަށްތަ؟..” އަހަރެެން އެހީމެވެ. އެމީހާ ބޯހޫރާލިއެވެ.

“މަގުމައްޗަށްތަ؟.” އަހަރެން އެހީމެވެ. އެމީހާ އަނެއްކާވެސް ބޯހޫރާލިއެވެ.

“ރަށަށްތަ؟..” އަހަރެން އެހީމެވެ. އެމީހާ މިފަހަފު އާނއެކޭ ބުނާ އުސޫލުން ބޯޖަހާލިއެވެ. ހަމަ އެވަގުތު އެމީހާ ކުއްލިއަކަށް ގެއްލުނެވެ.

 

 

އަހަރެން އެރޭ މަންމައަށް ގުޅުމަށްފަހު ރަށަށް ދާންބޭނުން ކަމުގައި ބުނީމެވެ. “އަހަރެން ބޭނުން އަހަރެން ކުޑައިރުވީ ހުރިހާ ކަމެއް އެނގެން.. އަހަރެން ހަނދާން ނުހުންނަ އިރުވީ ހުރިހާ ކަމެއްވެސް…” އަހަރެން ބުނީމެވެ. މަންމަ އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށް ފަހު ވާހަކަ ދައްކަންފެށިއެވެ.

“ދަރިފުޅަށް ނޭނގޭ އެތައްކަމެއް އެބަހުރި… ދަރިފުޅަށް ކުރިން އެއްވެސް ކަމެއްގެ ހަގީގަތް ނޭނގޭތީ މަންމަ ކިޔާނުދީހުރި ވަރަށްގިނަ ކަންކަން އެބަހުރި..” މަންމަ ބުންޏެވެ.

“ކޮން ކަމެއް..” އަހަރެން އެހީމެވެ.

“އާދޭ ރަށަށް..” މަންމަ އެހެންބުނެ ފޯނު ކަނޑާލިއެވެ.

 

 

އޭގެ އަނެއްދުވަހު އޮފީހަށް ދިޔަގިތޮތަށް ގޮސް އެމެޖެންސީ ކަމެއްގައި މަންމަ ކައިރިއަށް ރަށަށް ދާންޖެހިއްޖެ ކަމަށްބުނެ އަހަރެން އޮފީހުން ޗުއްޓީއެއް ނެގީމެވެ..

 

 

އޭގެ އަނެއް ދުވަހު އަހަރެން ރަށަށްދާން ތައްޔާރުވާން ފެށީމެވެ. އެއްޗެހި ދޮވެ ހިއްކައި، ފޮއްޓަށް އެއްޗެހި އެޅުމުގެ މަސައްކަތް ފެށީމެވެ. މާލޭގެ ހަލަބޮލި މާހައުލުން ބޭރަށް، ވާނުވާނޭނގޭ މިހިނގާ ކަންތައް ގަނޑުގެ ތެރެއިން ދުރަށް އަހަރެންގެ ރަށް ކާށިދޫއަށް ދުވަސްކޮޅަކަށްނަމަވެސް ދެވޭތީ އަހަރެންހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

 

 

ފޮއްޓަށް ހެދުންތަކާ އަދިވެސް އެހެނިހެންސާމާނު އަޅަމުން ދިޔައިރު މޭޒުމަތީގައި އޮތް ފޮޓޯގަނޑުވެސް ފޮއްޓަށްލީމެވެ. ނަމަވެސް އަހަރެން އެއްކަލަ ތަޅުދަނޑި ކުޑަ ޕައުޗްއަކަށް ލުމަށްފަހު ރަށަށް ދާއިރު ގެންދަންބޭނުންނުވާ ހޭންޑްބޭގަކަށް ލާފައި އެދަބަސް އަލަމާރީގެ އަތްގަނޑުގައި އަޅުވާލީމެވެ. އެތަޅުދަނޑިން ހޮޅުވޭތަނެއް އަދި ނޭނގޭތީ، އޭގެ ހަގީގަތް އަދިވެސް އެނގިފައި ނުވާތީ އަހަރެން ބޭނުންވީ ކޮންމެގޮތަކުން ވިޔަސް އެތަޅުދަނޑި ރައްކާތެރިކަމާއެކު ފޮރުވާށެވެ.

 

 

އޭގެ އަނެއްދުވަހު ހެނދުނު އަހަރެން ފުރަން ޖެޓީއަށް ދިޔައިރު އެތާގައި ގިނަ އަދަދެއްގެ ބަޔަކު ފޮށިތައްހިފައިގެން ފުރަންގޮސް ތިއްބެވެ. އެކަކު އަނެކާ ސަލާމްކޮށް ހަދާތަން ފެނުނެވެ. ދުވަހަކީ ކަނޑުމަޑު، މޫސުން ރީތި ދުވަހެކެވެ. އިރުގެ ދޯދިތަށް މޫދުގެ ލޮނުގަނޑަށް އެޅިފައިވާރީތި މަންޒަރަށް ބަލަން އިރުކޮޅަކު އަހަރެންނަށް ހުރެވުނެވެ.

 

ފުރާގަޑި ޖެހުމާއެކު ލޯންޗު ނައްޓާލިއެވެ. މާލޭގެ ފަޅުތެރެއިން ނިކުމެ ލޯންޗުގެ ސްޕީޑު ބާރުކޮށްލިއެވެ. މާގިނަ އިރެއްނުވެ އެއޮއް ބޮޑުމާލެ ފަސްދީ އޮބާލަމުން، ގެއްލެމުންދިޔައެވެ.

 

މާލެއާ ދުރަށް ލޯންޗުދާވަރަކަށް އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހެމުއް ލިބެމުންދިޔައެވެ. އެޕާޓްމެންޓުތަކުގެ ދޮރުތަކާ ދުރަށް، ސަމީރުއާ ތައުފީގުއާ ދުރަށް، އެޖިންނި އަންހެންމީހާއާވެސް ދުރަށް ދެވޭތީކަމަށްވެސް ވެދާނެއެވެ. ނަމަވެސް ރަށަށްގޮސްގެން މަންމަގެ ފަރާތުން އެނގޭނީ ކޮންފަދަ ފޮރުވިފައިވާ ސިއްރުތަކެއް ބާއެވެ. ކުރިއަށްއޮތީ ކޮންފަދަ ކަންތައްގަނޑެއްބާއެވެ.

 

 

ސިކުނޑީގައި އެކިހިޔާލުތައް މައްސުނިވާން ފެށުމުން އަހަރެން ދެލޯމަރާލީމެވެ. ރަށުގެ އަތިރިމަތީގެ ރީތި ދޮންވެލި ތުނޑިއާ ސާފުމޫދު ހަނދާންކޮށްލައި ހިތްހަމަ ޖައްސާލީމެވެ. އެހެންއޮއްވައި ނިދުނު އިރުވެސް ނޭނގުނެވެ.

 

ކުޑަކޮށް ނިދިފައި ހޭލެވުންއިރު ލޯންޗު ރަށުގެފަޅަށް ވަންނަނީއެވެ. ލޯންޗު ރަށާ ކައިރިވަމުން ދިޔަވަރަކަށް އަހަރެންނަށް ތޮށިގަނޑުމަތީގައި އަހަރެންބަލާ އައިސްތިބި މަންމައާ ބައްޕަ ފެނުނެވެ. އަހަރެން ރަށަށް ދިޔައީ އަހަރަކަށް ވުރެން ގިނަދުވަސް ކޮށްފައިކަމުން މަންމައާ ބައްޕަ ތިބީ އަހަރެން ފެނުމުން ވަރަށް އުފަލުންނެވެ.

 

 

އަހަރެން ޖެޓީމައްޗައް ފޭބުމާއެކު މަންމައާ ބައްޕަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ބައްޕަގެ މޫނުމަތިން ފެނުނީ އެހެންނޫނަސް އެމޫނުމަތިން ފެންނަ އުފާވެރިކަމާ ސަމާސާ ގޮތްގަނޑެވެ. އެހެންކަމުން ބައްޕައަށް އަހަރެންނަށް ސަނޫރާއަކީ ކާކުކަން، އަދި އެއީ އަހަރެންގެ މައިންބަފައިން ނޫންކަން އެނގޭކަން ނޭނގެނީކަން އަހަރެންނަށް ޔަގީންވިއެވެ. އަހަރެންނަށް ހުރިހާ ކަމެއް އެނގުނުކަން ބައްޕަ އަށް މަންމަ އަދި ކިޔައިނުދެނީތާއެވެ.

 

 

ލޯންޗުން ބޭލި ފޮށިތަކުގެ ތެރެއިން އަހަރެންގެ ފޮށި ނެގުމަށް ބައްޕަ ދިޔަވަގުތު އަނެއްކާވެސް މަންމަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. މިފަހަރު އެމޫނުމަތިން ފެނުނީ އުފާވެރިކަމެއްނޫނެވެ. މަންމަގެ ދެލޯވަނީ ފެންކަޅުވެފައެވެ. އަހަރެންވެސް މަންމަގެ ގައިގައި ބާރަށް ބައްދާލީމެވެ. ހަގީގަތް އޮތީކޮންމެ ގޮތަކަށް ނަމަވެސް އެއީ އަހަރެން ބަލާބޮޑުކުރި މަންމައެވެ. އުމުރުން ތިން އަހަރުއްސުރެ އަހަރެން ބަލާ ބޮޑުކުރީ ހަމަ އެމަންމައެވެ. އަތުން ލަވާ ކާންދީ، އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ ހަމަ އެލޯބި މަންމައެވެ. ބަނޑުއަޅާ ނުވިހިއެއްކަމަކު އަހަރެންނަށް އިންތިހާއަށް ލޯބިދީ ފިރުމާ ހެދީ ހަމައެމަންމައެވެ. އަހަރެންނަށް އެޕާޓްމެންޓު ނަގައިގެން އެގެއަށް ބަދަލު ނުވެވުނުނަމަ، އަދި ސަނޫރާ އަކީ ކާކުކަން ނޭނުގުނުނަމަ އަދިވެސް އަހަރެންނަކީ އަހަރެންގެ މަންމަ ޝިފާނާގެ ދަރިއެއް ނޫންކަމެއް ނޭނގުނީސް ކަންޔަގީނެވެ.

 

 

ފޮށިތައް ބަރޯއަށް ލައިގެން ބައްޕަ އައުމުން އަހަރުމެން ގެއަށްދާން ހިނގައިގަތީމެވެ. ގެއަށް ގޮސް ވަތްއިރު ދޮންތަ ފިހާރަ ބަންދުކޮށްފައި އައިސް އަހަރެންނަށް އެންމެމީރު ކެއުން ކަމުގައިވާ ސްޕެގެޓީ ކައްކަނީއެވެ. އަހަރެން ކައިގެންގޮސް ރޫމަށް ވަދެ ނިދަން ޖައްސާލީމެވެ. އެދުވަހު މެންދުރުފަހު ނިދަން އޮށޯތް ގޮތަށް އަހަރެން ފަތިސްވަންދެން އަރާމު ނިންޖަކުން ނިދީމެވެ. ފަތިހު ހޭލެވުންއިރު އަހަރެންނަށް އިހުސާސްވީ އެތައްދުވަހެއްގެ ނިދި ހަމަވެފައިވާހެންނެވެ.

 

 

އަހަރެން ކުޑަކޮށް ތައްޔާރުވެލައިގެން ކޮފީތައްޓެއް ގިރަން ބަދިގެއަށް ދިޔައިރު މަންމައާ ދޮންތަ އަވަދިނެތި ސައިތައްޔާރު ކުރުމުގައި އުޅެއެވެ.

ސައި ހެދާ ނިމުމުން ބައްޕައާއި ދޮންތަބެވެސް އައިސް އަހަރުމެންނާއެކުގައި ސައިބޯން އިށީނެވެ.

“ދަރިފުޅާ… މިހާ ދުވަސްކޮށްފަ އައީމަ ވާނެ ވަރަށް މަޖާކޮށްލަންދޯ… ޕިކްނިކް ގޮސްލަންވެސް ވާނެއެއްނު… ކިތައް ދުވަހަހަށްތް ތިއައީ؟.”

ބައްޕަ އަކަށް އަހަރެން ރަށަށް މިއައި ސަބަބު ހަމަ އެއްގޮތަކަށްވެސް ނޭނގެނީތާއެވެ.

“މާގިނަ ދުވަހު މަޑެއް ނުކުރެވޭނެ.. ހަފްތާއެއް ވަރުކޮށްފަ ޖެހޭނެ ދާން… އަވަހަށް ޗުއްޓީއެއް ނުލިބޭނެތީ މިއައީ އެމަޖެންސީ ލީވެއް ނަގައިގެން.. އަދި އަންނާނަމޭ ބޮޑު ޗުއްޓީއަކަށް މަޖާ ކޮށްލަން.. މިބުރު ބޭނުމީ މަންމައާ ދޮންތަ ކައްކާ މީރުކެއުން ކައިގެން ރެސްޓްކޮށްލަން..” އަހަރެން އެހެން ބުނެ ހީލާފައި ކާންފެށީމެވެ.

 

ސައިބޮއިގެން އެންމެންވެސް އެންމެންގެ މަސައްކަތް ތަކަށް ދިއުމުން ގޭތެރޭގައި އަހަރެންނާ މަންމަ އެކަނި ވިއެވެ. ވަގުތުގެ ބޭނުން ކޮށްގެން އަހަރެން އަވަހަށް ހިތުގައިވާ ހުރިހާ ސުވާލެއް މަންމައާ ކުރަންފެށީމެވެ.

 

“މަންމާ… މަންމަ ބުނީމެއްނު ރަށަށް އައިމަ ކިޔާދޭނަމޭ… އަހަރެން ހިތުގަ އެބަހުރި ބައިވަރު ސުވާލު… ” އަހަރެން ގޮސް ގޯތިތެރޭގައި ހުންނަ އުނދޯލީގައި މަންމަ ކައިރީގައި އިށީނީމެވެ.

 

“މިހާރު ދަރިފުޅަށް ވަރަށްގިނަ ކަންކަން ސާފު ވެއްޖެއެންނު… އިތުރަށް އެނގެން ބޭނުންވާ އެއްޗެއް އޮތަސް އަހާ..”

މަންމަ ދުފާތަބަށް އެއްކައިރި ކޮށްލާ ހަމަ ޖެހިލިއެވެ. އަހަރެންގެ ހުރިހާ ސުވާލަކަށް މިއަދު މަންމަގެ ފަރާތުން ޖަވާބު ލިބޭނެކަމަށް އުންމީދުކޮށް އަހަރެން ސުވާލު ކުރަން ފެށީމެވެ.

 

 

“މަންމަ އަށް ކިހިނެއް ސަނޫރާ އެނގެނީ؟..” އަހަރެން ބޭނުންވީ ހުރިހާ ކަމެއް ފަށައިގެން ވީގޮތް ސާފުކުރާށެވެ.

“މަންމަ އާ ކޮންމެވެސް ވަރަކަށް ސަނޫރާ ރައްޓެހި. އެކަމަކު އެއީކީ ސިއްރުތަށް ހިއްސާކޮށް ހަދާވަރުގެ ގާތްމީހެއްނޫން… ސަނޫރާ ދުވަހަކުވެސް އޭނަގެ ދިރިއުޅުމުގެ ވާހަކަ ދައްކާ ނުހަދާ… އަސްލު ބުނަންޏާ ދެކެ ފަރިތަ މީހެއް އެއީ…” މަންމަ ކިޔާދިނެވެ

 

މަންމަ ގެ ވާހަކަ އަޑުއަހާފައި އެހާ ގާތްނޫން މީހަކާ އަމިއްލަ ދަރި ހަވާލުކުރީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

“ދެން ކީއްވެ މަންމައާ އަހަރެން ހަވާލު ކުރީ.؟” ްައަހަރެން އެހީމެވެ.

 

“ދަރިފުޅަށް ކިޔާނުދޭ ވަރަށްގިނަ ވާހަކަ އެބަހުރި. މަންމަ އެހުރިހާ ކަމެއް ދަރިފުޅަށް ސިއްރުކުރީ ދަރިފުޅު ރައްކާތެރި ކުރަންވެގެން.. ދަރިފުޅުގެ މުސްތަގުބަލަށް ވިސްނާފަ.. ހުރިހާ ކަމެއް އެނގުމުން ދަރިފުޅު ބޮޑުވެގެން މަންމަމެން ދޫކޮށްލާފަ ގޮސްދާނެތީ…” އެހެން ބުނީރު މަންމަގެ ދެލޯ ފެންކަޅިވީތަން އަހަރެންނަށް ފެނުނެވެ.

 

“މަންމާ… ހުރިހާ އެއްޗެއް ތެދަށް ކިޔާދީ… އަހަރެން ދުވަހަކުވެސް މަންމަ ދެކެ ރުޅިއެއްނާންނާނެ.. މަންމަ ދޫކޮށްލާފަ ނުވެސްދާނަން..” އަހަރެން މަންމަގެ އަތުގައި ހިފާލަމުން ބުނީމެވެ.

 

“މަންއަކީ އަސްލު މި އަތޮޅު ހިއްމަފުށީ މީހެއް. މަންމަގެ މަންމަ އާ ބައްޕަގެ ހުންނަނީ މަންމަ އެކަނި. މަންމަގެ އުމުރުން އެންމެ 10 އަހަރުގަ މަންމަގެ ބައްޕަ ނިޔާވީ، މަސްބާނަން ގޮސް އުޅެނިކޮށް މޫދަށް ވެއްޓިގެން… ދެން މަންމަގެ މަންމަ އެކަނި މަސައްކަތް ކޮށްގެން މަންމަބެލީ.. މަންމައަށް ސަތާރަ އަހަރުގަ ދަރިފުޅުގެ ބައްޕަ އެރަށަށް ގޮސް އުޅެނިކޮށް މަންމައާ ދިމާވެގެން އިންނަން އެހީ.. މަންމަ ބައްޕައާ އިންއިރު ވެސް ބުނިން ހިއްމަފުށީގައޭ ދިރި އުޅެންވާނީ.. ދަރިފުޅުގެ މާމަ އޭރު ވަރަށް ބަލިވާނެ.. ދެން ބައްޕަ ވެސް އެއްކޮށް އެރަށަށް ބަދަލުވީ.. އެރަށުގަ އުޅެނިކޮށް ދޮންތައާ ދޮންމެ ލިބުނީ… އޭރު މަންމަމެން ގެއާ ޖެހިގެން ހުންނަ ގޭގެ ޒުލްފައްތަ ކައިރިއަށް ހިއްމަފުއްޓަށް ސަނޫރާ އަންނާނެ ދޭތެރެއަކުން… އެއީ ޒުލްފައްތަގެ ރައްޓެއްސެއް އަސްލު… ދެގެ ޖެހިގެން ހުންނާތީ ސަނޫރާ އެނގެނީ ކޮންމެވެސް ވަރަކަށް. ސަނޫރާ އަބަދު އެރަށަށް ގޮސްހަދާތީ ދެކެ ފަރިތަވީ.. އަނެއްހެން މާގާތެއް ނުވާނެ…”

އެންމެ ފުރަތަމަ ކަންތައް ފެށުނު ހިސާބުން ފެށިގެން މަންމަ ކިޔާދޭން ފެށިއެވެ. ފުރަތަމަވެސް އެކިޔާދިނީ އަހަރެންނަށް ނޭނގިއޮތް ވާހަކައެކެވެ. އަހަރެން ހީކުރަނީ މަންމައާ ބައްޕަ އަކީވެސް ހަމަ ކާށިދޫ ދެމީހުން ކަމަށެވެ.

 

“މަންމާ… ދެން ކިހިނެއްވީ.. ކިޔާދީބަލަ އެއްކޮށް..” އަހަރެން އިނީ އެވާހަކަތައް އަޑުއަހަން ކެތްމަދުވެފައެވެ.

 

“ފުރަތަމަ ސަނޫރާ އެރަށަށް ދާންފެށީރު އޭނައަށް ވާނީ ސޯޅަ ސަތާރަ އަހަރު… ފަހުން އޭނާ ނޫރާއަށް ބަނޑުބޮޑު އިރުވެސް އެރަށަށް ގޮސްހަދާ… ދެން އެހެން ދުވަސްތައް ދަމުންގޮސް އެއްފަހަރެއްގަ މަންމައާ ބައްޕަ މާލެއަށް ބޭސްފަރުވާއަކަށް ދިޔައީ މަންމަގެ ލޯފުސްވާތީ އައިނު ހައްދާށާ އެއްކޮށް.. އެބުރު ދިޔައީ ދޮންތައާ ދޮންބެވެސް ގޮވާގެން.. އޭރު ދަރިފުޅުގެ މާމަވެސް ނިޔާވެފަވީ.. އެހެންވެ ގޭގަ އެއްވެސް މީހެއް ނުހުންނާނެއެއްނު.. މަންމަމެން މާލެ ދިޔައިރު ޒުލްފައްތައާ އޭނަގެ ފިރިމީހާވެސް ދިޔަ މަންމަމެންނާއެކު ބޭސްފަރުވާއަށް .. އޭރު ޒުލްފައްތަ ހިތުގެބައްޔަށް ބޭސްކުރަމުން ދިޔައީ.. އަހަރުމެން ތިބީ ދުވަހު ކުއްޔަށް ކޮޓަރި ދޭތާކުން ކޮޓަރި ނަގައިގެން… އޭރު ނޫރާއަށް ވާނީ 3 އަހަރުވަރު. އޭރުވެސް ސަނޫރާ ވަރަށް ގިނައިން އަންނާނެ ޒުލްފައްތަ ކައިރިއަށް ނޫރާ އުރާލާގެން…. އަހަރުމެން މިކޮޅުގަ ތިއްބާ އެއްދުވަހަކު ހަވީރު، ހާޓްއެޓޭކެއް ޖެހިގެން ކުއްލިގޮތަކަށް ޒުލްފައްތަ ނިޔާވީ.. އެެރޭ ޒުލްފައްތަގެ ޖަނާޒާއަށްފަހު ޒުލްފައްތަ ފިރިމީހާ ދިޔައީ ރަށަށް… މަންމަމެން މަޑުކުރީ ޑޮކްޓަރަށް ދައްކާ ނުނިމޭތީ.. ހަމައެރޭ ދަންވަރު ޒުލްފައްތަ އުޅުނު ކޮޓަރީދޮރުގަ މީހަކު ބާރަށް ތަޅައިގަތް އަޑަށް މަންމައާ ބައްޕަ ނިކުމެ ބެލީރު ސަނޫރާ ހުރީ ނޫރާ އުރައިގެން އަައިސް.. މަންމަ ބުނިން ޒުލްފައްތަ ހަމަ އެދުވަހު ނިޔާވި ވާހަކަ…. އޭނާ މަންމައަތަށް ނޫރާދީފަ ބުނީ ނޫރާ ސަލާމަތުން ރައްކާތެރިކޮށްދިނުމަށް… ވީގޮތެއް ކިޔައެއްނުދޭ….. ހަމައެކަނި ބުނީ ނޫރާކަރުގައޮތް ފަށް ނުނަގައްޗޭ… ނޫރާ އަތުގަ އޮތް ކެވެލިފޮރުވާށޭ… އެކެވެއްޔާ ބެހޭގޮތުން މީހަކު ސުވާލުކުރިޔަސް އެނގޭކަމަށް ނުހަދައްޗޭ… މަންމައަކަށް އެދެއްކި ވާހަކަ ސާފުވާގޮތެއްނުވި ހަމަ އެއްގޮތަކަށްވެސް.. އެހެން ކަންތައްކުރަން ބުނި ސަބަބެއްވެސް ކިޔައެއްނުދޭ.. ސަނޫރާ ހުރީ ވަރަށް ހާސްވެފަ… އެނގޭ ކޮންމެވެސް ކަމަކާ ބިރުންކަންހުރީ… ދަމުން ބުނި ފަހުން އަންނާނަމޯ ނޫރާ ބަލާ…”

މަންމަ ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހައްލަކީ ކޮބާ؟-3

Next

ގާތުގާ… 55

Next
September 14, 2026

ގާތުގާ… 55

Previews
September 14, 2026

ހައްލަކީ ކޮބާ؟-3

2 Comments!

  1. Niff says:
    September 14, 2026 at 5:59 pm

    Vvv reethi

  2. Layla says:
    September 14, 2026 at 9:35 pm

    Vrh Salhi ingey.i cant wait for the next parts.

Comments are closed.



All Right Reserved!