Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ހުވަފެން ދެކޭނީ 01

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 23, 2026 4 Mins Read
1 Comment

ވަރުބަލި ކަމާއެކު ގެއަށް ވަދެގެން އައި އިސްމާއިލް ސޯފާއަށް ވެއްޓިގަތެވެ. މުޅި މީހާ ވަނީ ދަލުން ތަތްތެޅިފައެވެ. ކޮޅަށް ހުންނާނެހާ ހިތްވަރުވެސް އޭނާގައިގައި ހުރިހެން ހިއެއް ނުވެއެވެ. ރަނގަޅަށް ހިންނުދެމިވެގެން އުޅެނިކޮށް ، އޭނާއަށް ގޮވި އަޑު އިވުނެވެ. ކިތަންމެ ވަރުދެރަވެފައި ހުރި ނަމަވެސް ގޮވުމަށް އިޖާބަ ދޭން އިސްމާއިލަށް މަޖުބޫރުވިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ސޯފާއިން ތެދުވެގެން ގޯތިތެރެއަށް ދިޔައެވެ.

 

ވެލި ބަސްތާތަކެއް ކައިރީގައި މެދު އުމުރުގެ އަންހެނަކު ހުއްޓެވެ. ދުފައި ރަތްކޮށްގެން ހުރި އެ އަންހެންމީހާ ބަލަމުން ދިޔައީ އެތަނުގައި މަސައްކަތް ކުރިއަށް ދާ ގޮތެވެ. ގޯތިތެރޭގައި ދެފަންގިފިލާގެ އިމާރާތެއް ހަދަމުން ދިޔައެވެ. މަސައްކަތް ކުރަން ގިނައިން އުޅުނީ ބަންގާޅިންނެވެ. ކަންތައް ކުރަންވީ ގޮތް އެމީހާ ބަންގާޅިންނަށް ކިޔައިދެމުން ދިޔައެވެ. “ކަލޭ ކީއްވެ ތިދިޔައީ؟ ވެލި ބަސްތާއެއް އުފުލުމުން މަސައްކަތް ނިމުނީކީ ނޫނޭ… ކަލޭ ދެން ކުރަންވީ ކަމަކީ ، ކާސިމްބެ ގެނެސްފައި ހުރި މަސްކޮޅު ކަނޑަންވީ…އެކަނޑާފައި ރޫމީ އަތައް ގަރުދިޔަ ކައްކަން ދީ، އޭގެފަހުން ދެން ކޮންމެ ކަމެއް ކުރިއަސް މަށަށް ހެޔޮ” އިސްމާއިލް ބޯ ޖަހާލުމަށްފަހު ދެކޮޅު ހެދުމެއް ނެތި މަސްކަނޑަން ،

ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ތިން ރަތްކޮތަޅު ފުރާ ހުރި ކަނޑުމަސް ކަނޑާ ނިމިނުއިރު ، އިސްމާއިލްއަށް މައި ނޭވާ ލެވެމުން ދިޔައެވެ. މަސްތައް ކަނޑާއި ސާފުކޮށް އަދި ކޮށަން ގަޑިއެއްގެ އިރު ނެގިއެވެ. ހުރިހާ ކަމެއް ކޮށްފައި އެގޭގެ ކައްކާ ރޫމީއާ ހަވާލުކޮށްފައި އޭނާއަށް ޚާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ދިޔައެވެ.

 

ފޮށިގަނޑެއް ވަރުގެ ކުޑަ ކޮޓަރިގަނޑުތެރޭގައި ކުޑަ އެނދަކާއި ، ފޮތި އަލަމާރިއެެއް ފިޔަވައި އިތުރު ފަރުނީޗަރެއް ނެތެވެ. ފަންކާއަކަށް ވެސް ހުރީ ސްޓޭންޑް ފަންކާއެކެވެ. މަސައްކަތުގައި އުޅެފައި އައިސް ފިނިކޮށްލަން އޭސީއެެއްހާ ހިސާބުވެސް ނެތެވެ. ކޮޓަރިއަށް ވަން ގޮތައް އިސްމާއިލް އަވަސްވެގަތީ ފެންވަރައި ތާޒާވެލާށެވެ.

އިޝާ ނަމާދު ކުރި ގޮތަށް އިސްމާއިލް ނިދަން އޮށޯތެވެ. ފަތިހުން ފެށިގެން ހުއްޓުމެއް ނެތި އޭނާ އުޅުނީ މަސައްކަތުގައެވެ. ގޯތިތެރެޔާއި ގޭތެރެ ކުނިހެމުގެ އިތުރަށް ގަސްތައް ބަލަހައްޓައި ފެންދީ ހަދާފައި، ގޭގައި ހަދަމުންދާ ދެވަނަ އިމާރާތުގެ މަސައްކަތްތައް ވެސް ކުރިއެވެ. ކޮންމެ ދުވަހަކުވެސް އޭނާގެ ހާލަކީ އެއީއެވެ. އެވަރުން ވެސް އެގޭ ދައްތަގެ ހިތެއް ނުފުރެއެވެ. އޭނާ މަސައްކަތް ކުރާލެއް ލަސްވެގެން ނޫނިއްޔާ ރަނގަޅަށް ނުކޮށްގެން ކުދިކިޔައެވެ. ހިތްދަތިވި ނަމަވެސް މިއީ މިއަދު އިސްމާއިލް އުޅެން ޖެހިފައި ހުރި ގޮތެވެ. ރާއްޖެތެރޭގެ އާދައިގެ ރަށަކުން އޭނާ މާލެ ބަދަލުވީ މަތީ ސާނަވީއަށް ކިޔެވުމުގެ އުއްމީދުގައެވެ. އޯލެވެލް ގަދަ ދިހައެއްގެ ތިން ވަނަ ލިބުމާއެކު މައިންބަފައިން އޭނާ މާލެ ފޮނުވީ ނުހަނު ފޮނި ހުވަފެން ދެކިފައެވެ. ނަމަވެސް އޭނާ މިޖެހެނީ މާލޭގެ މުއްސަނދި އާއިލާއަކަށް ޣުލާމު މަސައްކަތް ކޮށްދޭށެވެ. ސްކޫލަށް ދިޔަ ނަމަވެސް ރަނގަޅަށް ކިޔަވާނެ ވަގުތެއް އޭނާއަކަށް ނުލިބެއެވެ. ސްކޫލަށް ގޮސްފައި ވެސް އޭނާ ހުންނަނީ ވަރުބަލިވެފައެވެ. ކޮންމެ ރެއަކުވެސް އިޝާ ކުރާ ގޮތައް ނިދާފައި ފަތިސް ނަމާދުގެ ކުރިން ތެދުވެ ކިޔެވޭތޯ ބަލައެވެ. ސްކޫލް އޮންނަ ދުވަސް ދުވަހު ޖެހެނީ ސްކޫލުން އަންނަ ގޮތައް މަސައްކަތް ފަށާށެވެ. ބަންދު ދުވަހެއް ނަމަ ފަތިހު މަސައްކަތް ފަށަން ޖެހެއެވެ. ރައިސުލް ޖުމްހުރިއްޔާގެ ސްކޯލާޝިޕް ހޯދުމަށް ކުރި އުއްމީދު ދުވަހަކައްވުރެ ދުވަހެއް ދިޔައީ ފަނޑުވަމުންނެވެ.

ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު ޔާނީ އެނދުން ތެދުވިއެވެ. ނިދަން ބޭނުންވެފައި އޮތަސް ގަދަކަމުން ނަމާދަށް ތެދުވިއެވެ. ފާޚާނައަށް ވަދެ ވުޟޫކޮށްގެން  ސުންނަތް ކުރުމަށްފަހު ނަމާދު ކުރިއެވެ. މުސައްލަ މަތިން އޭނާ ތެދުވީ ހެނދުނުގެ ޛިކުރުތަކުގެ އިތުރަށް ޤުރުއާން ވެސް ކިޔަވައިގެން، އިރު އެރުމުންނެވެ. ބަދިގެއައް ގޮސް ކޮފީއެއް ހަދައިގެން ޔާނީ ގޯތިތެރެއަށް ނުކުތެވެ. އެ ގެއަކީ މާލޭގައި ގޯތިތެރެއެއް އޮންނަ، މަދު ގެ ތަކުގެ ތެރެއިން ގެއެކެވެ. އެގޭގެ ދެވަނަ އިމާރާތެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޔާނީ ބޮޑުބޭބެއަށް ވީ ބައިގެ މަސައްކަތެވެ. އެގެއަކީ އޭނާގެ ކާފަގެ ގެއެކެވެ. ކާފަ ނިޔާވުމަށްފަހު އެގެ ލިބުނީ އޭނާގެ ބައްޕައަށާއި ބޮޑުބޭބެއަށެވެ. ބޮޑުބޭބެ ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އުޅެނީ ބޭރުގައެވެ. އެހެންވެ އެގޭގައި ދިރިއުޅެނީ، އޭނާގެ މާމާ އާއި މައިންބަފައިންނާއި ކޮއްކޮގެ އިތުރަށް ކާފަގެ އަންހެން ކޮއްކޮއެވެ. ބޮޑު ބޭބެ މާލެ އަންނަން ބޭނުންވެގެން، މީގެ އަހަރެއްހާ ދުވަސްކުރިން އާ އިމާރާތެއް އަޅަންފަށައިފިއެވެ. ބައު އިމާރާތުގައި އެންމެންނަށް އުޅެވޭނެ ޖާގަ ނެތީމައެވެ. ކޮފީ ބޮއެ ނިމިގެން ޔާނީ އެނބުރި ބަދިގެއަށް ގޮސް ތަށި ދޮވުނެވެ. ބަލާބެލުމައް ގޭގެ އެކަކުވެސް އަދި ނުހޭލައެވެ. އަށެއް ޖަހާއިރު ސުކޫލަށް ދިއުމާ ދެމެދު އަދި ކުޑަ ވަގުތުކޮޅެއް އޮތުމުން ، ނާސްތާއެއް ތައްޔާރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ގޭގައި ކައްކާ މީހެއް ހުރިނަމަވެސް ޔާނީ ބަލަނީ ވީވަރަކުން އަމިއްލައަށް މަސައްކަތް ކުރެވޭތޯއެވެ.

ސުކޫލަށް ދިއުމުގެ ކުރިން ގަސްތަކައް ފެންދޭން  ދައްތަ އަންގާފައި އޮތުމުން އިސްމާއިލް އަވަސްވެގަތީ، އެ މަސައްކަތް ކުރާށެވެ. ފެންދީ ނިންމުމަށްފަހު ބަނޑުހައިވެފައި ހުރުމުން ބަދިގެއަަށް ވަނީ ކާއެއްޗެއް ތައްޔާރު ކުރާށެވެ. އިސްމާއިލް ފެނުމުން ޔާނީ ހިނިތުންވެލިއެވެ. އެގޭގައި ކިރިޔާ ވެސް އިސްމާއިލަށް ހެޔޮކޮށް ހިތާ މީހަކީ ޔާނީއެވެ. އެ އާއިލާގެ އެހެން މީހުންނާ ޚިލާފަށް ޔާނީއަކީ އެންމެންނާވެސް ގުޅޭ އެކުވެރި މިޒާޖެއްގެ އޯގާތެރި ކުއްޖެކެވެ. ޔާނީގެ ސުލޫކާއި، އެގޭގެ ދެންތިބި މީހުންގެ ސުލޫކު އުޑާއި ބިމާހާ ތަފާތެވެ.

އިސްމާއިލް އަމިއްލައަށް ނާސްތާ ތައްޔާރު ކުރަން އުޅުމުން ޔާނީ އެކަން މަނާ ކުރިއެވެ. ބިސްގަނޑަކާއި ޓޯސްޓް ޕާންފޮއްޗެއް ތަށްޓަކައް ލާފައި ދިނެވެ. އަދި ކަޅު ސައިތަށްޓެއް ވެސް ގިރާދިނެވެ. ބަނޑުހައިވެފައި ހުރިވަރުން ދެކޮޅު ހެދުމެއް ނެތި އިސްމާއިލް ނާސްތާ ކުރިއެވެ. ޔާނީއަށް ޝުކުރު އަދާކޮށްފައި، އޭނާ ތައްޔާރުވާން ދިޔައެވެ.

އޭނާ އަމިއްލަ އަތުން ނާސްތާ ތައްޔާރުކޮށްފައި، އިސްމާއިލަށް ދެވުމުން ޔާނީ ހިތާ ހިތުން އުފާވިއެވެ. އެންމެ ފުރަތަމަ އިސްމާއިލް އެގެއަށް އައި ދުވަހުން ފެށިގެން ވެސް އޭނާއަށް އިސްމާއިލް ކަމުގޮސްފިއެވެ. ގިނައިރު މޫދުގައި ނޫނީ އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު ހުރީ ރީތި މުށި ކުލައަކަށެވެ. މަޑު މުށިކުލައަކަށް ދާ ރާޅު ބާނީ އިސްތަށިގަނޑެކެވެ. އާދައިގެ ދިވެއްސަކަށް ވުރެ އިސްކޮޅުން ދިގުވެފައި ، ހަށިގަނޑު ވަރުގަދައެވެ. އިސްމާއިލް ކަމުދާކަން އޭނާ އުޅެނީ މުޅި ދުނިޔެއަށް ވެސް ސިއްރުކޮށްގެންނެވެ.

ބްރޭކް ގަޑީގައި ކެންޓީނަށް ނުގޮސް އިސްމާއިލް ކުލާހުގައި މަޑުކުރީ ކިޔަވާށެވެ. ނޭންގޭ އެއްޗިހި ފަހުން އިތުރަށް އޮޅުންފިލުވަން ވަކިން ނޯޓު ކުރިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕް ލިބުމުގެ އުއްމީދު ނެތް ނަމަ ވެސް އެ ހޯދަން މަސައްކަތް ކުރަން އޭނާ ބޭނުންވިއެވެ.

ސްކޫލް ނިމިގެން ޔާނީ އާއި އިސްމާއިލްއަށް ގެއަށް އާދެވުނީ އެކުއެކީހެންނެވެ. ޔާނީ ވަނުމަށް ގޭގެ ދޮރު އިސްމާއިލް ހުޅުވައިދިނެވެ. އިސްމާއިލްގެ އެ ކުޑަ ޢަމަލުން ވެސް، ޔާނީގެ ހިތް އިސްމާއިލްއަށް ލެނބޭ ގޮތްވިއެވެ.

އާދައިގެ މަތިން ޔުނީފޯމު ބަދަލުކޮށް ނަމާދުކޮށްގެން އިސްމާއިލް ނުކުތީ ގޭގެ މަސައްކަތްތައް ކުރާށެވެ. މުޅި ގޭތެރެ ކުނިކަހައި، މޮޕްކޮށްފައި، ދެން ދިޔައީ އައު އިމާރާތް ހަދަން މަސައްކަތް ކުރާތަނަށެވެ. އެތަނުގައި ހުރި ވެލި ބަސްތާތައް އުފުލުން ފަދަ މަސައްކަތް ކުރާށެވެ. އެ މަސައްކަތް ނިންމާފައި، މިއަދު އޭނާ ކޮޓަރިއަށް ވަނީވެސް ދައްތަ ގާތުން ހުއްދަ ހޯދައިގެންނެވެ. ފެންވަރައިގެން ރީތި ވެގެން ފިހާރައަށް ދިއުމަށް ދައްތަ އެންގިއެވެ.

އައު އިމާރާތް އެެެއްކޮށް ނުހެދެނީސް، ޔާނީގެ ބޮޑުބޭބެ މާލެ އަންނަން ތައްޔާރުވިއެވެ. ބޮޑުބޭބެ އަންހެންނުންނާއި ތިން ކުދިން ވެސް ގޮވައިގެންނެވެ. އެމީހުން އަންނަން ވާއިރަށް ގޭތެރެ ތައްޔާުރުކުރުމުގައި އަވަދިނެތި މަސައްކަތު މީހުން އުޅުނެވެ. ޔާނީއަށް ޖެހުނީ އޭނާގެ ކޮޓަރި ، ބޮުޑުބޭބެގެ އަންހެން ދަރިފުޅު އީވްއާ ހިއްސާ ކުރާށެވެ. އީވް އާއި ޔާނީ އުމުރުގެ ގޮތުން އެއްވަރު ނަމަވެސް، މީގެ ކުރިން ދެކުދިން ބައްދަލުވެފައެއް ނުވެއެވެ. ވީޑިއޯ ކޯލުތަކުން ވަނީ މަދުން ފެނިފައެވެ. ބޮޑުބޭބެ އީވްމެން ގޮވައިގެން މާލެ ނާންނާތީވެ މާމާ އަބަދު ޝަކުވާ ކުރެއެވެ. ކާފަ ނިޔާވީވެސް ބޮޑުބޭބެގެ ދަރިއެެއް ހަމަ ލޮލަށް ނުފެނިއެވެ.

ދެބެއިންގެ ދެދަރިންނަށް ވިއަސް އީވްއަކީ ޔާނީއަށް ބީރައްޓެއްސެކެވެ. އެހެންވެ ކޮޓަރީގައި އެކީގައި އުޅެން ޔާނީ ކުޑަކޮށް ޖެހިލުންވިއެވެ. އީވްގެ ގޮތެއް އޭނާއަކަށް ނޭންގެއެވެ.

ހުކުރު ދުވަހުގެ ހެނދުނެވެ. ފަތިސް ބޯދަނައަށް ހޭލައިގެން އުޅޭ ބަހިއްޔާގެ ދެފައި އެއްތާ ހަރު ނުލައެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ބައްސާމް، ރާއްޖެ އެ އަންނަނީ ވިހި އަހަރުކޮށްފައެވެ. މާމަ ދަރިން އުފަންވީން ސުރެ އެކުދިން ދުށުމަށް އޭނާގެ ދެލޯ ވަނީ ބޭގަރާރުވެފައެވެ. ސަޔަށް ތައްޔާރު ކުރަންވީ ބާވަތްތައް ރޫމީއަށް ކިޔައިދީފައި ބަހިއްޔާ މިސްރާބު ޖެހީ ސިޓިން ރޫމަށް ދާށެވެ. އޭރު ޔާނީ އާއި އޭނާގެ ކޮއްކޮ ޔައިކް އުޅެނީ، ބޮޑުބޭބެގެ އާއިލާއަށް މަރުހަބާ ކިޔަން ތައްޔާރުކޮށެވެ. ވިދާ ކަރުދާސް ގަނޑު ކަފައިގެން ފާރުގައި ‘ ވެލްކަމް ހޯމް’ ރީތި ގޮތަކަށް ތަތްކުރަން މަސައްކަތް ކުރަމުން ދިޔައެވެ.

ސިޓިން ރޫމް ތެރޭގައި އަޅަން ބޮޑު ކާޕެޓެއް ހިފައިގެން އިސްމާއިލް އައެވެ. އިސްމާއިލް ފަހަތުން، ކުދި ކިޔަމުން ޖުވެއިދާ އައެވެ. އިސްމާއިލްއަށް ކާޕެޓުގައި ހިފުނު ގޮތް ވެސް ޖުވެއިދާއަކަށް ކަމަކު ނުދިޔައެވެ. ޖުވެއިދާގެ އަނގަ ގަދަ ކަމުން ބަހިއްޔާއަށް ވެސް ބޯ ހޫރާލެވުނެވެ. ޖުވެއިދާއަށް އިސްމާއިލް ފެނިއްޖެނަމަ އެއްޗެކޭ ނުބުނާ ފަހަރެއް މަދުވާނެއެވެ.

ހަމްދަރުދީގެ ނަޒަރަކުން ޔާނީ ، އިސްމާއިލްއަށް ބަލާލިއެވެ. މުޅި މީހާ ވަނީ ދަލުން ތަތްތެޅިފައެވެ. ވަރުބަލި ވެގެން ގޮސް ދެންމެ ދެންމެ ވެއްޓިދާނެހެން ހީވިއެވެ. އިސްމާއިލް، މަސައްކަތް އެ ކުރަނީ ހެނދުނުގެ ނާސްތާ ކޮއްގެން ބާއޭ ޔާނީ ހިތައް އެެރިއެވެ. ޖުވެއިދާ ހުރުމުން އިސްމާއިލްއާ ވާހަކަ ދައްކާކަށް ނުކެރުނެވެ. ބައްޕަގެ ބޮޑު ދައިތައަށް ވިނަމަވެސް ، ޔާނީމެންގެ ކަންތަކަށް ވެސް ޖުވެއިދާ ބަސްބުނެއެވެ. އެކަމާ ހިތްހަމަނުޖެހިގެން ޔާނީގެ މަންމަ ޔުމްނާ ، ޔާނީމެންގެ ބައްޕަ ގާތު ވަރަށް މައްސަލަ ޖައްސައެވެ. ބޮޑުދައިތަ ދައްކާ ވާހަކައަށް އަޅައި ނުލަން މާހިދު އޮންނަނީ ، ޔުމްނާ ގާތު ބުނެފައެވެ.

ޖުވެއިދާ ހިތްހަމަ ޖެހޭ ގޮތައް ކާޕެޓުގަނޑު އެޅުނީ ބައި ގަޑިއިރު އުޅެގެންނެވެ. ޖުވެއިދާދެކެ ހިތާތުން އިސްމާއިލް ރުޅިއައެވެ. ގަދަކަމުން މޫނު މައްޗަށް ހިނިތުންވުން ވެރިކިރުވީ، ގޭގެ ބޮޑެތި މީހުންނާ ޒުވާބުކޮށްގެން ވާނެ ފައިދާއެއް ނެތީމައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 28

Previews
September 22, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 28

One Comment

  1. springbloom says:
    September 23, 2026 at 4:20 am

    v rythi vaane hen heevanii
    high hopes<3
    waiting 4 the next

Comments are closed.

Next Episodeހުވަފެން ދެކޭނީ←


All Right Reserved!