Skip to content
އެސްފިޔަ

ހިމޭން ސީސަން ދޭއް – 2

Listen to this story Audio · 13:20 Powered by Esfiya Voice
0:00 13:20

“ކޮން ކަމަކާ ދެން މިހާރު ވިސްނަންވީ؟ އެންމެ ބޮޑު ކަންތަކުން ސަލާމަތް ވެވުނީމަ؟” އިނާޔާގެ ޝައުގު ވެރިކަން ހުއްޓާލީ މިންހާގެ ޖަވާބު އަންނާނޭ ގޮތަކާ މެދުގައެވެ.

“އަމީލު…” މިންހާ ބުނެލީ ހަމަ އެކަނި އެންމެ ލަފުޒެކެވެ.

އެކަމަކު އެއީ މިހާރު މިންހާ އެހާ ކަންބޮޑު ވާން ޖެހޭ ލަފްޒު ހެއްޔެވެ؟ ނޫނީ އަނެއްކާ ވެސް މިންހާ އަމީލު ގާތަށް އެނބުރި ދާން ވިސްނަނީ ބާއެވެ؟ އިނާޔާއަށް ހިތްހަމަ ނުޖެހިފައި އިނދެ ދެބުމަ ގޮށްޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ.

*********

“އަމީލު ކިހިނެއްވީ؟… އަނެއްކާ މިންހާ ކައިވެނި ރުޖޫޢަ ކުރަން ވިސްނަނީތަ؟” ދެބުމަ ކައިރިކޮށްގެން އިން އިނާޔާއަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ.

“ނޫން.. އެހެންނެއް ނޫނޭ… އަމީލު އަހަރުމެންނަށް އެއްވެސް ފައިސާއެއް ދޭނެ ކަމެއް ނޭނގެ. އަހަރެން ޖެހޭނީ ވަޒީފާއެއް ހޯދަން. ކިހިނެއް އިނާ ކައިރީގަ…. މިގެއަށް ހަރަދު ނުކޮށް އުޅޭނީ.” މިންހާގެ ވިސްނުމާއި ފިކުރުތައް ގުޅިފައިވާ ކަންކަން ހިއްސާ ކުރަމުން ވާހަކަތައް ކުރިޔަށް ގެންދިޔައެވެ.

“މިންހާ…! އަދި މިގެއަށް ޚަރަދު ނުކުރެވި ފައެއް ނެތެެއްނު. ފުރަތަމަ ބަލާބަލަ މިންހާގެ އަމިއްލަ ނަފްސު ހަމަޖައްސާ ލެވޭތޯ. ވަޒީފާ ހޯދާނީ ހަމައަކަށް އެޅިލާފަ.” ފުން ނޭވާއެއް ދޫކޮށްލަމުން  އިނާޔާ ނަސޭހަތް ދިނެވެ.

“އެކަމު އަހަންނަށް ހީވަނީ އަހަރެން ދެން މުޅިން ހަމަޖެހޭނީ ވަޒީފާއަކަށް ދާން ފެށީމަ ހެން.. ގޭގަ އިނދެގެން ކިހިނެއް ނަފްސު ހަމަޖެހޭނީ؟… އަހަރެންގެ ޚިޔާލުތައް ވެސް ދުރުވާނީ އެހެން ކަމަކާ އުޅުނީމަ.” މިންހާ ވިސްނަމުން ދިޔައީ ފައްސި ވިސްނުމެކެވެ.

“ތިވެސް ތެދެއް…. އަމިއްލަ ހިތް ބުނާ ގޮތެއް ހެދީމަ ހުންނާނީ ރަނގަޅަށް.. ކޮންކަހަލަ ވަޒީފާއަކަށް ދަނީ؟” އެ ވާހަކައަށް އެއްބާރު ލުން ދެމުން އިނާޔާ ބުނެލިއެވެ.

“ދެން ކޮންމެސް ކަމެއް.. ވިސްނަން ޖެހޭނީ.” އަނެއްކާ ވެސް ޖޯލީގައި އޮށޯއްވެ ލަމުން މިންހާ ބުނެލިއެވެ.

ފާޚާނާއިން ނުކުމެ ރީތިވާން ހުރި ނަޝާޔާ ސިއްސައިން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. ލިބުނު ކުއްލި ސިހުމާ އެކު ބަލައިލެވުނީ ޝަރާގެ އިންތިޒާރުގައި ހުރި ވަރުންނެވެ. ކަން ދިމާވީ ވެސް އެފަދައިންނެވެ. ކުރިމަތީގައި ހުރީ ޝަރާއެވެ. ނަޝާޔާގެ ހިތުގެ އުދާސްތައް ބޭރުކޮށްލަން ލިބުނު މި ފުރުސަތުގައި ވެސް އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އާނއެކެވެ. ޝަރާއާ ކުރިމަތި ލުމަކީ ހަނގުރާމައަކަށް ނުކުތުމަށް ވުރެ ބިރުވެރި ކަމެއްކަން އިހްސާސް ކުރެވެނީއެވެ.

“ކޮ…ކޮބާ ޑަ…ޑައިރީ؟” ނަޝާޔާއަށް އަހާލެވުނީ ބިރުން ހުރެއެވެ.

ކޮޓަރި ތެރެއަށް ވަނުމަށް ފަހު ޝަރާ ވަރަށް ލޯބިން ނަޝާޔާގެ ގައިގައި ބައްދާލިއެވެ. އަދި ހަމަ އެވަގުތު ނަޝާޔާގެ ކޯތާފަތުގައި ބޮސްދިނެވެ. އެއީ ނަޝާޔާއަށް އަލަށް ލިބުނު އުފާވެރި އިހުސާސެއް ފަދައެވެ. ޝަރާގެ އެ ލޯބި ހަރަކާތުގެ ސަބަބުން ނަޝާޔާގެ މުޅި ހަށިގަނޑު ފިނި ވެގެން ދިޔައެވެ. ގަނެފައިވާ ބިރު މުޅިންހެން ފިލާ ދިޔަކަމުގެ އިހްސާސް އެ ހަށިގަނޑަށް ވެރިވެ މުޅި މީހާ ހަމަޖެހުން ކަހަލައެވެ.

“ދަރިފުޅު..! ނަޝާ..! ދެން ޑައިރީ ހޯދާނެ ކަމެއް ނެތް. މަންމަ ބަލާނަން ދެން ދުވަހަކު ވެސް ނަޝާ ދެރަވާ ކަހަލަ ކަމެއް ނުކޮށް ވޭތޯ.” ނަޝާޔާގެ ގައިގައި ބައްދާ ލައިން ހުރެ ޝަރާ ވާހަކަ ދެއްކިއެވެ.

“އެކަމު… ޑައިރީ ކޮބާތަ؟” ނަޝާޔާ އަނެއްކާ ވެސް ތަކުރާރު ކުރީ އޭނާ ކުރި ސުވާލުގެ ފުރިހަމަ ޖަވާބު ނުލިބުމުންނެވެ.

“ޑައިރީ ވީތަނާ، ވީ ގޮތް ބުނެފިއްޔާ މަންމަ ދެކެ ނަޝާ ވަރަށް ރުޅި އަންނާނެ. އެހެންވެ މަންމަ އަކަށް ނުކެރޭނެ ބުނާކަށް.” ނަޝާޔާގެ ގައިން ދޫކޮށްލަމުން ސީދާ ނަޝާޔާގެ ދެލޮލަށް ބަލަން ހުރެ ޝަރާ ބުނެލިއެވެ.

“ނޫން… ނަޝާ ބުނިން ދޯ މަންމަ ކޮންމެ ގޮތެއް ހެދިޔަސް އެންމެ ރަނގަޅޭ. ނަޝާ ރުޅިއެއް ނާންނާނަމޭ.. ނަޝާޔާ ބުނެލީ އޭނާ އެގޮތަށް ވަޢުދު ވެފައި ވާތީއެވެ.

“އެ ބެއަރ އަންދާލީ…. ކީއްކުރަން ވާހަކަ ނުދެއްކޭ އެއްޗަކަށް ވާހަކަ ޝެއަރ ކުރަނީ؟… މީގެ ފަހުން ނަޝާޔާ ވަނީ ކޮންމެ ވާހަކައެއް ވެސް މަންމައާ ޝެއަރ ކުރަން.” ޝަރާގެ މޫނު މައްޗަށް ކޮންމެސް ވަރަކަށް ހިތްހަމަ ނުޖެހޭ ގޮތް ވެރި ކޮށްލަމުން ބުންޏެވެ.

“އަންދާ ލީއޭ…؟ މަންމި ރުޅި އައީތަ؟ ބުނީމެއްނު މީގެ ފަހުން ނަޝާދެކެ ވަރަށް ލޯބި ވާނަމޭ… ދެން ކީއްވެ ރުޅި އައިސްފަ ތިބުނީ؟.” ފުރަތަމަ ފަހަރަށް ވަރަށް ހިތްވަރާއެކު ނަޝާޔާ ޝަކުވާ ކޮށްލިއެވެ.

“ސޮރީ… ސޮރީ ނަޝާ…! މަންމައަށް އަދި ދުވަސްކޮޅެއް ނަގާނެ މަންމަގެ މިޒާޖު ބަދަލު ކުރަން… ވަރަށް ބޮޑަށް ސޮރީ… ދެން ބަލާނަން އަވަސް އަވަހަށް ރުޅި ނާދެވޭތޯ.” ނަޝާޔާ ގެނެސް މެއާލާ ބައްދާލަމުން ޝަރާ ބުނެލިއެވެ.

އެކަނިވެރި ދުނިޔެއެއްގައި އަމީލު އުޅެމުން ދަނީ ނުހަނު ހިމޭން ކަމުގައިވެ. ގެއަށް ވަދެއްޖެ ނަމަ މިންހާ އާއި ދަރިންގެ ދިރުމެއް ނެތް ކަން އިހްސާސްވާ ކޮންމެ ވަގުތަކު އެ ފަޅު ކަމުގެ ތެރެއިން ސަލާމަތް ވުމުގެ ގޮތުން އަމީލު ގިނައިން އުޅެނީ ބޭރުގައެވެ. އެހެނަސް، އެއީ ވަކި އުފާވެރި މާހައުލެއް ނޫނެވެ. ޖައްވާ ފަޒާގެ ތެރެއިން ދުނިޔެއަށް ޖެހެމުންދާ ސާފު ވައިގެ ފިނިކަން އަމީލަށް އިހްސާސް ނުވާ ކަހަލައެވެ. ހަމަ ހިމޭން މަގުތަކާއި ހަލަބޮލި މަގުތަކުުން އަމީލަށް ހަނާ އަޅާލާނެ އެއްވެސް މީހަކު ނުވެއެވެ. ގޭތެރޭގެ ފަޅުކަމާ ބަލާއިރު ބޭރުން ލިބޭ އަމާން ކަމެއް ވެސް ވަކި ނެތެވެ.

އަމީލުގެ އެންމެ ގާތް އެކުވެރިޔަކީ އޭނާގެ ފޫހި ފިލުވައިދޭ ބައިވެރިއެެއް ކަމުގައިވާ، އަނދައަނދާ އޮންނަ ސިނގިރޭޓެވެ. އެއިން އޭނާއަށް ހިތްހަމަ ޖެހުން ލިބޭކަމުގެ އިހްސާސް ވަމުން ދިޔަ ނަމަވެސް، އެއީ އޭނާގެ ހަލާކު ކަން ބުނެދޭނެ މީހަކު މިހާރު ކައިރިއަކު ނެތެވެ.

ދަންވަރުގެ ވަގުތެވެ. އިމަޖެންސީ ރޫމުން ބަދަލު ކުރުމަށް ފަހު ރީމްގެ ބައްޕަ އަލިފުތު މިވަގުތު އޮތީ އައި.ސީ.ޔޫ ގައެވެ. ރީމަށް ލިބުނު ހިތާމައިގައި ބައިވެރިވާން ހަމަ އެކަނި ގާތުގައި ހުރީ އެއްބަފާ ބޭބެ ކަމުގައިވާ ޔާސީންއެވެ.

“ރީމް…! ކޮއްކޯ..! ދެން ދޭބަލަ ގެއަށް ގޮސް ނިދާލަން.. ބޭބެ މަޑުކޮށްލާނަން މިރޭ މިތާ.” ޔާސީންގެ އަޑުގައި ވަނީ އޯގާތެރި ކަމެވެ.

“ބޭބެ… އަހަރެން އެބަ ވަރަށް ޖެހިލުންވޭ… ހަމަ ހީވަނީ ހާސް ވާހެން… ބައްޕައަށް ކަމެއް ވިއްޔާ އަހަރެން ވަރަށް ދެރަވާނެ.. ގެއަށް ދިޔަސް… ކިހިނެއްތަ ނިދޭނީ؟” ރީމްގެ އިހްސާސްތައް ޔާސީންގެ ކުރިމަތީ ބަންޑުން ކޮށްލިއެވެ.

“ކޮއްކޯ؟ މާބޮޑަށް މިކަމާ ނުވިސްނާ… ބައްޕައަށް ރަނގަޅު ފަރުވާއެއް ދެވުނީމަ ދެން ވަރަށް އަވަހަށް ރަނގަޅު ވެދާނެ.” ޔާސީންގެ ހިތުގައި ވަނީ އިތުބާރާއި އުންމީދެވެ.

“އަހަރެން ނިދާފަ އޮތަސް، ކަމެއް ޖެހުނިއްޔާ ގުޅާނަން ދޯ؟…” ގެއަށް ދާން ހިނގައި ގަންނަމުން ހާސްވެފައި ހުރެ ރީމް ބުނެލީ ޔާސީންގެ އަތުގައި ހިފާ ތަޅުވާ ލަމުންނެވެ.

“އާނ! ގުޅާނަން.. ދެން ދޭ. އަނެއްހެން ދެން ކުއްލިޔަކަށް ވެސް ކަމެއް ޖެހިދާނެތީ މިތާ ތިބެން ވާނެއްނު. އެހެން ވީމަ، ހެނދުނު ނުވައެއް ޖެހީމަ އަންނަން ރީމް ދޭ.” ޔާސީން ބުނެލީ ވަރަށް ހަމަޖެހިގެން ގޮތް ދައްކާ ލަމުންނެވެ.

ގެއަށް ދާން ހިނގައިގަތް ރީމްގެ ފޯނު ރިންގް ވާން ފެށީ އެވަގުތެވެ. ގުޅަމުން ދަނީ އިނާޔާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ރީމް ވަގުތުން ވާހަކަ ދައްކަން ފެށިއެވެ.

“ހެލޯ!… ކީކޭ އިނާ؟..” ހާސްކަން އެކުލެވިގެން ވާ އަޑަކުން ވާހަކަ ދެއްކިޔަސް ރީމްގެ އަޑުގައި ވަނީ އާންމު ގޮތެކެވެ.

“ރީމް ކިހިނެއްތަ؟ މިކޮޅުން ދިޔަ ފަހުން އަދި މި ގުޅާލެވުނީ ދޯ… ހެހެ….” އިނާޔާގެ ވާހަކަ ދެއްކުމުގައި ވަނީ ގާތްކަން އެކުލެވޭ ސަމާސާ މިޒާޖެކެވެ.

“އަހަރެން ރަނގަޅު. އެކަމު ބައްޕަ ބާއްވައިން ހޮސްޕިޓަލުގަ މިއުޅެނީ.” ރީމް އޭނާގެ ވާހަކަ ހިއްސާ ކޮށްލިއެވެ.

“ކިހިނެއްވީ ބައްޕައަށް؟” އިނާޔާގެ ހައިރާން ކަން ކުއްލިޔަކަށް އެ އަޑުގައި އެކުލެވުނެވެ.

“ބައްޕައަކީ ފުއްޕާމޭގެ މައްސަލަ ހުންނަ މީހެއް. ދެން ވަރަށް އޮކްސިޖަން ދަށްވެފަ ހުރީ… ހޮސްޕިޓަލަށް ގެނެވުނު އިރުވެސް. އެކަމު ގޭގަ ވެސް އޮކްސިޖަން ގުޅައިގެން އުޅެނީ. ދެން ނޭނގެ. ވަރަށް ހާލު ދެރަ މިރޭ.” ރީމް ކިޔައި ދިނީ ވަރަށް ދެރަވެފައި ހުރެއެވެ.

“އެހެންތަ. ބައްޕައަށް އަވަސް ޝިފާއަކަށް އެދެން.” އިނާޔާ ދިނީ ކުރު ޖަވާބެކެވެ.

“އަސްލު ކިހިނެއް ވީތަ؟… މިގަޑީގަ ތި ގުޅީ؟” ރީމް ސުވާލު ކޮށްލިއެވެ.

“ދެން އަޅާނުލާ. ތިއުޅެނީ ވަރަށް ހާސް ކަމުގައެއްނު. ދެން ފަހުން އެވާހަކަ ބުނާނަން.” އިނާޔާ ބޭނުންވީ ދައްކަން އުޅުނު ވާހަކަ މެދުކަނޑާލާށެވެ.

“ނޫނޭ… ބުނެބަލަ… އަހަރެން ބުނިން ދޯ އިނާޔާއާ މިންހާ ބުނާ ކަންކަން… މިކޮޅުގަ ހުއްޓަސް ކޮށްދެވޭތޯ ބަލާނަމޭ. ބުނެބަލަ. ޕްލީޒްޒޒޒ” ރީމް ބޭނުންވީ އިނާޔާގެ އެދުން ފުރިހަމަ ކޮށްދެވޭތޯ ބަލާށެވެ.

“އެއީ އަސްލު….. މިންހާއަށް ފޯނެއް ފޮނުވައި ދޭށޭ ބުނެލަން… އަހަރެން ލާރި ފޮނުވާނަން. އެކައުންޓު ނަންބަރު ފޮނުވަބަލަ.” އިނާޔާ ބުނެލީ އޭނަ ބޭނުންވާ ކަންތަކެވެ.

“މާދަން ތިރަށު ލާންޗު އޮންނާނެތަ ހެނދުނު ނުވައެއްގެ ފަހުން؟” ރީމް ބުނެލިއެވެ.

“ހޫމް… އެބަ ފޮނުވާލަން ހުރިހާ ޑީޓެއިލްސެއް.” އިނާޔާ ފޯނު ބާއްވަމުން މެސެޖް ކުރަން ތައްޔާރު ވިއެވެ.

ނިދަން އޮށޯއްވެ އޮތް މިންހާގެ ހަށިގަނޑުގައި ވަނީ ފޫހިކަމެވެ. އޭނާގެ މުޅި ސިކުނޑި ވަނީ ވިސްނުމާއި ފިކުރު ތަކުން ފުރިފައެވެ. ދިރިއުޅުމަށް ހުވަފެނުން ބެލި ކުލަ ތަސްވީރުތައް ވީ ބޭކާރު އެއްޗަކަށެވެ. އަމީލްއާ އެކު އުޅެން ބިނާކުރި ޚިޔާލީ ގަނޑުވަރު ވެގެން ދިޔައީ ވީރާނާ ވެފައިވާ ތަނަކަށެވެ. ދުނިޔެ ކެހިދިން މި ހަޔާތުގެ ހިތި ރަހަ ތަޖުރިބާ ކުރަން ޖެހުނުކަމީ މިންހާގެ ބަދު ނަސީބެވެ.

“މިންހާ..! އަދި ވެސް ނުނިދަނީތަ؟” ތަޅު ނުލާ ހުރި އެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު އިނާޔާ އަހާލިއެވެ.

“ނިދި ނައިސްފަ.. އެހެންވެ ހަމަ އޮތީ..” އާދައިގެ ގޮތަކަށް އޮވެ މިންހާ ބުނެލިއެވެ.

“ދެންމެ މި އައީ ރީމަށް ގުޅާފަ.. މިންހާއަށް ސަލާން ބުނި. ރީމް ބުނި މި އުޅެނީ އޭނަ ބައްޕަ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލުގައޭ.” ކޮޓަރިއަށް ވަދެ އެނދު ކައިރިއަށް ހުއްޓެމުން، އިނާޔާ ކިޔައިދިނީ އޭނަ ދެއްކި ވާހަކައިގެ އެއް ބައެވެ.

“އެހެންތަ؟ ހާދަ ދެރައޭ..” މާގިނަ ވާހަކައެއް ނުދައްކާ މިންހާ ދިނީ ކުރު ޖަވާބެކެވެ.

“އޭތް… މިހާރު ޖޮބެއް ވިސްނިއްޖެތަ؟” އިނާޔާ އަހާލީ އިތުރަށް ވާހަކަ ދެއްކުމުގެ ގޮތުންނެވެ.

“ހޫމް… ބުނާނަން ފަހުން. މިހާރު ބޭނުމީ ނިދާލަން.” މިންހާ ބޭނުންވާ ގޮތް ބުނުމާއި އެކު އިނާޔާ ވެސް ނިދަން ދިޔައެވެ.

ޝަރާގެ ކޮޓަރި ތެރޭގެ ހަމަހިމޭން ކަން ނަގާލީ ވިޔާމެވެ. ވިޔާމް އޮތީ އެނދުގައި އޮށޯއްވެ ޝަރާގެ ހަރަކާތް ތަކަށް ބަލާށެވެ. އޭރު ޝަރާ ނިދުމުގެ ކުރިން ރީތި ވަނީއެވެ. ފެން ވަރައިގެން އައިސް ޑްރެސިންގް ޓޭބަލް ކައިރީ އިނދެ ހަންގަނޑު ގައި އެކި ކަހަލަ މީރުވަސް ދުވާ ތަކެތި ބޭނުން ކުރަމުން ދިޔައެވެ. .

“ޝަރާ!… ސިމޫގެ ކަންތައް….” ޖެހިލުންވެ އޮވެ ވިޔާމަށް ބުނެވުނީ ވާހަކައިގެ އެއް ބައެވެ.

“ވިޔާމް…! ސިމޫގެ ކަންތަކާ އުޅޭނަން މާދަމާ. އަހަރެން ދާނަން ދާން ޖެހުނު ކޮންމެ ތާކަށް.. ވިޔާމް ވެސް ވާނެ މަށަށް އެހީވާން.” ލޯޝަން ފުޅީގެ މަތި ޖަހާލަމުން ޝަރާ ބުންޏެވެ.

“ހޫމް… އެކަމު ޝަރާ މަންމަ…؟” ވިޔާމްގެ ވިސްނުން ހިނގާ ގޮތް ޝަރާއަށް އިއްވާ ލިއެވެ.

“މި ހިސާބަށް ދިޔައިމަ މަންމައަށް ބަލާކަށް ނުޖެހޭނެ… އަހަރެން އެކަނިތަ މަންމައަށް ބަލަން ޖެހޭނީ؟ ސިމޫ ވެސް މަންމައަށް ބަލާ ނަމަ އެހެން ކަންތަކެއް ނުކުރާނެ ދޯ؟ މަގޭ ދަރި ފަޅާ، ފޮތިކޮށް ހެދިއިރު އެ ކުއްޖާއަށް ތަދު ވާނެ ވަރު އޭނައަކަށް ނޭނގުނެއްނު؟… އަނެއް ކޮޅުން މަންމަ… މަގޭ ދަރިއަށް އެވަރަށް ބެލި ނަމަ…. ގައިމު މިކަހަލަ ކަމެއް ހިނގާކަށް ނުޖެހުނީސް ކަންނޭނގެ… އެހެން ވީމަ ސިމޫ ޖަލަށް ލިޔަސް، އަހަރެން ބޭނުން ވަނީ ނަޝާއަށް އިންސާފު ހޯދައި ދޭން.” ޝަރާގެ ވަރުކޯލި ރުޅިގަނޑު ގައި އިނދެ ބުނެލިއެވެ.

“އޯކޭ އޯކޭ… ދެން ތި ވާހަކަ ހުއްޓާލާ.. އާދޭ ނިދަން. މިގަޑީގަ މޫޑް އޮފް ވާކަށް ބޭނުމެއް ނޫން.” އޮށޯއްވެ އޮތް ވިޔާމް އެނދު މަތިން އިތުރު ބާލީހެއް ނަގައި މޫނު މަތީ އަޅާލިއެވެ.

އާ ދުވަހަކަށް އަލި ވިލުނީއެވެ. ކޮންމެ ދުވަހަކީ ވެސް އެއްބަޔަކަށް އާދައިގެ ދުވަހަކަށް ވާއިރު އެއީ އަނެއް ބަޔަކަށް އުފާވެރި ދުވަހެކެވެ. ނޫނީ ދެން ކޮންމެސް ބަޔަކަށް ހިތާމައިގެ ދުވަހެކެވެ. ދުނިޔެ ހިނގަނީ އެފަދަ ނިޒާމެއްގެ ތެރޭގައެވެ. އެއީ ދުނިޔޭގެ އާދައެވެ. ބާރު ނުފޯރުވޭ ކަންކަމާ ބާރު ފޯރުވޭ ކަންކަން ހިމެނޭ މި ދިރިއުޅުމުގެ ހަޔާތަކީ އެފަދަ ހިތި އެއްޗެކެވެ. އެއީ ހަގީގަތެވެ.

ލިޔަމްއާ ޝިޔާމްއަށް އިނާޔާގެ ގެއަކީ ވަރަށް އާ މާހައުލެކެވެ. އެ މާހައުލު އެކުދިންނަށް އަންގައިދެނީ ބީރައްޓެހި ކަމާއި ގެއްލިފައިވާ އަމިއްލަ މިނިވަންކަމެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެއީ އަމިއްލަ ހިޔާވަހި ނޫންކަން އެކުދިންނަށް ވިސްނެއެވެ. އެ ބީރައްޓެހި ކަމުގައި އެކުދިން ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.

ހެނދުނުގެ ވަގުތެވެ. ޝިޔާމް އިނީ އިނާޔާގެ ޖޯލިފަތީ އިށީންދެލައިންނެވެ. އެތަނުގައި އެއްވެސް މީހަކު ނެތްއިރު، ޝިޔާމްގެ އަތުގައި ހިމަ ދިގު ދަނޑިކޮޅެއް އޮތެވެ. އޭނާ ޖޯލީގައި އިނދެ އެއިން ވެލިގަނޑުގައި ކުރަހަނީއެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރި ކަމުގެ އިހްސާސެއް ނުފެނެއެވެ.

“އައްސަލާމް ޢަލައިކުމް..” ބޭރު ދޮރު ހުޅުވާލާފައި އަންހެނަކު ސަލާން ގޮވާލި އަޑަށް ޝިޔާމް ބަލައިލިއެވެ.

“ކޮއްކޮ މަންމަ ކޮބާ؟” އެމީހާ ޝިޔާމްއާ ދިމާލަށް އެހެން ބުނި އިރު މިންހާއަށް އެތަނަށް ނުކުމެވުނެވެ.

“މިންހާ….! ކަލޭ ބަލާ މިއައީ… ހިނގާ ދާން.” އެމީހާ ބުނެލީ ހިނިތުން ވެފައި ހުރެއެވެ.

– ނުނިމެ-


މި ބައި ރީތި ނަމަ ކޮމެންޓެއް ނުވަތަ ލައިކެއް ދެއްވުން އެދެން.

🚨މި މަހު އަޅުގަނޑު އެންމެ ފަހުން ޝާއިޢު ކުރި ކުރު ވާހަކަ, “ވަގުތު މަޣްރިބު” މިހާރު ހިލޭ ކިޔާލެވޭނެ ވާހަކަ ދަންނަވަން.🚨