
ހިމޭން ސީސަން ދޭއް – 1

ހިމޭން ސީސަން 2 އަށް ކިޔުންތެރިންނަށް މަރުހަބާ!… ހިމޭންގެ ފުރަތަމަ ސީސަން އަށް ލިބުނު ފަދަ ތަރުހީބެއް މި ސީސަން އަށް ވެސް ލިބިގެން ދާނެ ކަމަށް އުންމީދު ކުރަން. މިއީ ތިޔަ ކިޔުންތެރިންގެ އެދުމުގެ މަތިން ޝާއިޢު ކުރަމުންދާ އިތުރު ސަފްޙާ ތަކެއްކަން އުފަލާއެކު ހިއްސާ ކޮށްލަން.
މި ވާހަކަ ކިޔާލަން ލިބޭނީ ހަފްތާގެ އާދިއްތަ އަދި ބުދަ ދުވަހު އިންޝާﷲ… އިންތިޒާރު ކޮށްލައްވާ….
*********
ހަވީރުގެ ވަގުތެވެ. ޖެހެމުންދާ ފިނި ވައިގެ ތެރޭ އަމީލުގެ ގޭ ޖޯލިފަތީގައި އޮށޯއްވެލައިން އޮތް މިންހާގެ ނިއްކުރި މަތީ ވަނީ ކަނާއަތް ބާއްވާ ލާފައެވެ. ކޯޓު ތެރޭގައި ދެއްކި ވާހަކަ ތަކަށް އަމީލު އިޢުތިރާފު ވަމުންދިޔަ މަންޒަރު މިންހާއަށް ފެނި, އިވޭ ފަދައެވެ.
“މަންމި!… ލިޔަމް ހުރިހާ އެއްޗެއް ހަމަ ކޮށްފިން.” މިންހާ ސިއްސައިން ދިޔައީ ލިޔަމްގެ އަޑަށެވެ. އޭރު ލިޔަމް ގާތުގައި ޝިޔާމް ވެސް ހުއްޓެވެ.
އޮށޯއްވެލައިން އޮތް މިންހާ އެއަޑަށް ހަށިގަނޑު ތެދުކޮށް އިށީނދެލަމުން ފުން ނޭވާއެއް ދޫކޮށްލީ ލިޔަމްއާ ޝިޔާމް ފެނުމުންނެވެ.
“ހިނގާ ދާން.. މަންމަ އަންނާނަން ދަބަސް ހިފައިން.”
ގޭތެރެއަށް ވަންނަން ހިނގައިގަތް މިންހާގެ އެއް އަތުގައި ޝިޔާމް ހިފައްޓާ ލިއެވެ. ޝިޔާމްގެ ކުއްލި އެ އަމަލުން ހައިރާން ކަމާއެކު ހުއްޓި މިންހާ އެކުޑަކުޑަ ދެލޮލަށް ބަލައިލިއެވެ.
“ހުރިހާ އެއްޗެއް ހިފައިން އަހަރުމެން ކީއްވެ މިގޭން ދަނީ؟” ޝިޔާމް ކޮށްލި ސުވާލުން މިންހާގެ ނަޒަރު އެ ދެލޮލާ އެއްފަރާތް ކޮށްލަން މަޖުބޫރުވިއެވެ.
“ދެން އަހަރުމެން އުޅޭނީ…… އިނާޔާ ދައްތަ ގޭގަ..” އެއްޗެކޭ ކިޔާ އޮޅުވާލަމުން މިންހާ ބުނެލީ ދުރަށް ނަޒަރު ހިންގަމުންނެވެ.
“ތި ވާހަކަ އެނގެއޭ… ދެން ކީއްވެހޭ މިގޭން މި ދަނީ؟” މިންހާގެ އަތުން އަތް ދޫކޮށްލަމުން ޝިޔާމް އަނެއްކާ ވެސް ތަކުރާރު ކޮށްލީ އެ ސުވާލެވެ.
“ލިޔަމް ބޭނުމެއް ނޫން މިގެއެއް.. އިނާޔާއްތަ ގެއަށް ދާން ބޭނުމީ.” ކައިރީގައި ހުރި ގަހަކުން ފަތެއް ނައްޓާލަމުން ލިޔަމް ބުނެލިއެވެ.
“ޝިޔާމް!…” އެހިސާބަށް ބުނެލުމަށް ފަހު މިންހާގެ ބަސް ހުއްޓުނެވެ.
“ދަރިފުޅު ބޭނުން ވަނީ މިގޭގަ ހުންނަންތަ؟” މިންހާ އަހާލީ ޝިޔާމްއާ އެއްވަރަށް ތިރިވެ ލަމުންނެވެ.
“ބައްޕަ ރުޅި އާދެ އެއްނު މަންމަގެ ރައްޓެހިން ގާތަށް ދިޔައިމަ…. ދެން ކީއްކުރަން މަންމަ އެއްކޮށް ދާން ތިއުޅެނީ؟” ޝިޔާމް ވާހަކަ ދެއްކީ ސީދާ މިންހާގެ ދެލޮލަށް ވަރަށް ފުންކޮށް ބަލައިލަމުންނެވެ.
“ދެން ބައްޕަ ރުޅިއެއް ނާންނާނެ.. މިހާރު މަންމަ ދިޔަސް ބައްޕަ އެއްޗެއް ނުބުނާނެއޭ.” މިންހާގެ ލޮލުން ކަރުނަ ހިލިފައި ވިޔަސް، ހިނިތުން ވެލަމުން މިންހާ ބުނެލިއެވެ.
“މަންމި ތިދަނީ ބައްޕަ ބަހައްޓާފަތަ؟” ވަރަށް ހިތްހަމަ ނުޖެހޭ ގޮތް މޫނަށް ހަދާލަމުން އަނެއްކާ ވެސް ޝިޔާމް އަހާލިއެވެ.
“ޝިޔާމް ވަރަށް ލޯބިވޭ ދޯ ބައްޕަ ދެކެ… ދަރިފުޅު ބޭނުމިއްޔާ މިއަދު ބައްޕަ ގާތު ހުރެލާފަ މާދަން އިނާޔާއްތަ ގެއަށް އަޔަސް އެންމެ ރަނގަޅު.” ޝިޔާމްގެ ދެއަތް ތިލައިގައި ހިފާލަމުން މިންހާ ބުނެލީ ލުއި ހިނިތުން ވުމަކާ އެކުގައެވެ.
“އެންމެ ވަރަކަށް ވެސް އެ ބައްޕަ ދެކެ ލޯތްބެއް ނުވޭ. މަންމަ ނޫޅެންޏާ، އަހަރެން މިގެއަކު ނުހުންނާނަން… މިގޭގަ ހުރިއްޔާ، މިރޭ ވާރޭ އަޔަސް ބައްޕަ ރުޅި އައިސްފިއްޔާ…. ޝިޔާމް ލާފާނެ ވާރެއަށް ވެސް.. ބައްޕަ ރުޅި އައިމަ މަންމައަށް ވެސް ހެދީ އެހެންނެއްނު؟..” ޝިޔާމް ހަނދާންވީ އެރޭ އަމީލު މިންހާއަށް ހެދި ގޮތެވެ.
ދޮރާ ދިމާ އެތެރެއިން ފިލާ ހުރި އަމީލަށް، ޝިޔާމްއާ މިންހާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުނެވެ. ވަގުތުން އަމީލުގެ ސިކުނޑީގައި ކުޅެލީ އެރޭ މިންހާ ވާރޭގެ ތެރެއަށް ލީ ރަހުމު ކުޑަ މަންޒަރެވެ. އެއާއެކު އަމީލަށް އޭނާގެ މޭގައި އަތް ބާއްވާ ލެވުނީ އެ ކުޑަކުޑަ ކުއްޖާގެ ހިތުގައި އޭނާގެ ބައްޕައަށް އެއްވެސް އިތުބާރެއް ނެތްކަން ޔަގީން ވުމުންނެވެ.
“ދެން މަންމި އަވަހަށް ހިނގާ ބަލަ ދާން.” ޝިޔާމްއަށް ނަޒަރު ހުއްޓާލައިން ހުރި މިންހާ ސިއްސައިން ދިޔައީ ލިޔަމްގެ ބޮޑާ ހޭކުމުގެ އަޑަށެވެ.
“ހިނގާ… އަންނާނަން ދަބަސް ހިފައިން..!” ހިތް ދިރުވާ ލަމުން މިންހާ ގޭތެރެއަށް ހިނގައިގަތީ ޝިޔާމްގެ ދެއަތުން ދޫކޮށްލަމުންނެވެ.
ކަނޑުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ދުއްވާފައި ދިޔަ ލޯންޗުގެ ބިއްލޫރި ގަނޑުން ބޭރު ބަލަން ނަޝާޔާ އިނީ ފޫހި ގޮތަކަށެވެ. އޭރު ޖެހިގެން އިން ގޮނޑީގައި އިނދެ ޝަރާ ދިޔައީ ނަޝާޔާގެ އެ ބުޅި އިސްތަށި ގަނޑުގައި ފިރުމަމުންނެވެ. ކައިރީގައި އިން ވިޔާމްގެ އަތްތިލަ ޝަރާގެ އަތްތިލައަށް ޖޯޑު ކޮށްލާފައި ވާއިރު އެއީ ޝަރާއަށް ލިބުނު އިތުރު ހިތްވަރެއް ހެން ޝަރާއަށް އިހްސާސްވިއެވެ.
މިންހާ ގޭތެރެއަށް ވަނުމުގެ ކުރިން އެތެރެއިން ދޮރު ކައިރީގައި އަމީލު ދުރަށް ޖެހިލިއެވެ. މިންހާއާ ޝިޔާމް ދެއްކި އެއްވެސް ވާހަކައެއް އަޑު އިވުނު ކަމުގެ އަސަރެއް އަމީލުގެ މޫނުމަތިން ފާޅެއް ނުވެއެވެ.
“މިންހާ!…. އަހަރެން ދަބަސްތައް ގެންގޮސް ދޭނަން.” އަމީލުގެ އަޑު އިވުނު ކަމުގައި ވިޔަސް މިންހާ ކުރިޔަށް ހިނގަމުން ގޮސް ކޮޓަރިއަށް ވަނީ އެއްވެސް އެއްޗެއް ނުބުނެއެވެ.
މިންހާގެ ފަހަތުން ގޮސް އަމީލު ވެސް ކޮޓަރިއަށް ވަނެވެ. އަމީލުގެ ހަށިގަނޑުގައި ވަނީ މަޑު މައިތިރި ކަމާއި ވަރުބަލި ކަމުގެ އިހްސާސެވެ. ނޫނީ އެއީ އޭނާއަށް ވެރި ވެފައިވާ އާދަޔާ ޚިލާފު ހިމޭން ކަމެވެ.
“މިންހާ!… ގެނޭ. އަހަރެން ތި ގެންގޮސް ދޭނަން އިނާޔާ މެން ގެއަށް.” އަންނައުނު އަޅާފައި ހުރި ބޮޑު ފޮށީގެ އަތްގަނޑުގައި ހިފާ މިންހާ ކުރިޔަށް ދަމާލުމާ އެކު އަމީލު ކުރިމައްޗަށް އެރިއެވެ.
މިންހާ ވަގުތުން އެ ފޮށިން އަތް ދޫކޮށްލީ ކޮޓަރި ދޮރު ކައިރީ ހުއްޓި ހުރި ލިޔަމް ފެނިފައެވެ. ދަރިންގެ ކުރިމަތީ ހަޅޭއްލަވާ ޒުވާބު ކުރުމަކީ އެއްވެސް އިރެއްގައި މިންހާގެ އާދައެއް ނޫނެވެ. އެހެންވެ މިންހާ އެގޮތަށް އަމަލު ކުރީއެވެ.
ގޭގެ ބޮޑު ދޮރުން ފޮށި ހިފައިން ނުކުތް އަމީލުގެ ލޮލުގައި އަޅައިގަތީ ޖޯލިފަތީގައި އޮށޯވެ އޮތް ޝިޔާމެވެ. އެވަގުތު ޝިޔާމްގެ ނަޒަރު އަމީލަށް ހުއްޓުނީ މިންހާ ކަމަށް ހީކޮށެވެ. ވަގުތުން ޝިޔާމްގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާލީ އަމީލާ ދިމާލަށް ބަލަން ބޭނުން ނުވާތީއެވެ.
“ޝިޔާމް!.. ދަރިފުޅާ…! އާދޭ ދާން.” އަމީލުގެ މަޑުމައިތިރި އެހާމެ ކިޔަމަންތެރި އަޑާއި އެކު ޝިޔާމް ސިއްސައިން ދިޔައެވެ.
“ދަރިފުޅާ!….ދަރިފުޅާ!…” ޝިޔާމްގެ ކަންފަތުގައި ހިނދުކޮޅަކަށް ގުގުމަމުން ދިޔައީ އަމީލުގެ ދުލުން “ދަރިފުޅާ” އޭ ކިޔާ ގޮވާލި އަޑެވެ.
އެއްވެސް އެއްޗެއް އިވުނު ކަމަށް ނުހަދާ ޝިޔާމް އަނެއްކާ ވެސް ހަމަ ޖެހިލައިން އޮތެވެ. އޭރު ތަންކޮޅެއް ދުރުގައި ގަސްތަކާ ކުޅެން ހުރި ލިޔަމް ވަރަށް ބާރަށް ދުވެފައި އައީ އަމީލުގެ އަތުގައިވާ ފޮށި ފެނުމުންނެވެ.
“މަންމި!…. ދާން ވީތަ؟ ޔޭ…! ދޮންބޭ ހިނގާ ދާން.” ހުރިތާ ހުރެ ދެ ފަހަރަކަށް ފުންމާލަމުން އުފާވެފައި ހުރި ލިޔަމް ބުނެލިއެވެ.
އަމީލު ހައިރާންވީ ލިޔަމްގެ އެ އުފާވެރިކަން ފެނިފައެވެ. އުޅެ ބޮޑުވި ތަން ދޫކޮށް ދާން ޖެހޭތީ އެކުއްޖާއަށް އެ ލިބޭ އުފާވެރިކަން އެއީ ކޮންފަދަ އަޖައިބެއް ހެއްޔެވެ؟ ނުވިތާކަށް އެވަރުގެ ކުޑަކުޑަ ދަރިން އެ ކުދިންގެ ބައްޕަ ދޫކޮށް ދާން ޖެހޭތީ އެއިން އެއްވެސް މޫނަކުން ދެރަވުމުގެ އަސަރެއް ނުފެނެއެވެ. އަމީލަށް އެންމެ ރަނގަޅަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. ހިތުގައި ޖެހުނެވެ. އެހެނަސް ހިތުގައި އުފެދެން ފެށި ދިލަކަނި ނިއްވާލަން މަސައްކަތް ކުރަމުން އެހެން މީހުނަށް ވުރެ ކުރިން ގެއިން ބޭރަށް ނުކުތެވެ.
ހުޅުމާލެ ފޭސް އެކެއްގެ ހިތްގައިމު ގޮނޑުދޮށާ ދިމާލުން އެއްގަމުގައި ހުރި ފަސް ބުރީގެ އިމާރާތް ފެންނަނީ ހުދު ބޯކިރު ކޮޅެއް ހެނެވެ. އެ އިމާރާތުގެ ތިންވަނަ ފަންގި ފިލާގެ ބެލްކަނީގައި އިން ގޮނޑި އެއްގައި ވާހަކަ ފޮތެއް ހިފައިން އިނީ ރީމެވެ. އޭނާގެ ބޮލުގެ އިސްތަށިތައް ވަޔާ ވިހުރެން ދޫކޮށްލާފައި ވާއިރު، ލޮލުގައި އަޅާފައިވާ ނަންބަރު އައިނުގެ ސަބަބުން ރީމްގެ ރީތިކަން އިތުރަށް ފުރިހަމައެވެ.
“ދަރިފުޅާ!…” ވޭނީ އަޑަކުން އެހާމެ ބާރަށް ގޮވާލި އެ ފިރިހެން ވަންތަ ދުވަސްވީ އަޑަށް އަތުގައި އޮތް ފޮތް ލައްޕާލަމުން ސިއްސައިން ގޮސް ރީމްއަށް އެތެރެއަށް ދުއްވައި ގަނެވުނެވެ.
“ބައްޕަ!…” ދުވެފައި ދިޔަ ރީމް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓެމުން ނިކަށް ބާރަށް ގޮވާލީ ހާސްވެފައި ހުރެއެވެ.
ހަރަކާތްތައް އަވަސް ކޮށްލަމުން ރީމް ގޮސް އެނދުން ވެއްޓިފައިވާ އޭނާގެ ބައްޕަ ނެގޭތޯ އެކި ގޮތް ގޮތުން މަސައްކަތް ކުރިއެވެ. ރީމްގެ މަސައްކަތުން އަނަރޫފަ ހަށިގަނޑެއް ލިބިފައިވާ ބައްޕަ ނަގާ އެނދު މައްޗަށް ލިއެވެ. އެއަށް ފަހު ޖިންސްގެ ފަހަތު ޖީބު ގައިވާ ފޯނު ނަގާ އެމްބިއުލާންސްއަށް ގުޅާލިއެވެ.
ގެއަށް ވަދެވުމާއެކު އެކު ނަޝާޔާގެ މިސްރާބު ހުރީ ކޮޓަރިއަށެވެ. ކުޑަކުޑަ ލަގޭޖްގެ އަތްގަނޑުގައި ހިފާ ދަމާލަމުން ނަޝާޔާ އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު ޝަރާއާ ވިޔާމް ފޮށިތައް ހިފައިން އެމީހުންގެ ކޮޓަރިއަށް ވަންނަނީއެވެ.
“ނަޝާ!… މަންމަ އެބަ ނުކުންނަން ފްރެޝް ވެލައިގެން. ނަޝާ ވެސް ފެންވަރާލާ އިނގޭ.” ކޮޓަރީގެ ދޮރު ލައްޕަން ދިޔައިރު ނަޝާޔާގެ ކަންފަތުގައި ޖެހުނީ ޝަރާގެ އަޑެވެ.
އެތެރެއަށް ވަނުމަށް ފަހު ނަޝާޔާ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ހައިރާން ވެފައިވާ ނަޝާޔާގެ ނިތްކުރީގައި ހާސްކަމުގެ އެތައް ރުލެއް އިރުކޮޅަކަށް މަޑުޖެހި ލާފައި ހުއްޓެވެ. ހަރަކާތްތައް އަވަސް ކުރަމުން ނަޝާޔާ އެނދަށް އަރާ ބާލީސްތައް އެކި ދިމަދިމާލަށް ޖައްސާލިއެވެ.
މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާ ލުމާއި އެކު ވެސް ނަޝާޔާގެ ހިތަށް ހަމަ ޖެހުމެއް ނުލިބުނެވެ. އޭނާގެ ލޯބިވާ ބެއަރ އެއްވެސް ތާކުން ނުފެނުމުންނެވެ. ފުން ނޭވާއެއް ދޫކޮށް ލަމުން ނަޝާޔާ މަޑުމަޑުން އެނދުގައި އިށީންދެލިއެވެ. ހިތާމަ އާއި މާޔޫސްކަން ވެރިވެފައިވާ އެ މޫނު މަތިން ފެންނަނީ އުންމީދެއް ނެތް ކަމުގެ އަސަރެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށް ފަހު ތައްޔާރު ވެލައިގެން ފެންވަރަން ވަނެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ކައިރި މަޑުކޮށްލައިގެން ހުރި ރީމްގެ މޫނު މަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އެ މޫނުމަތީގައިވާ ހިތާމައިގެ ކުލަވަރާއި އެކު ވެސް ހިތްވަރު ކުރަން ރީމަށް މަޖުބޫރެވެ.
ވޭތުވެ ދިޔަ ދުވަސް ތަކުގައި ބައްޕަ ބަލަހައްޓަން ގޭގައި އުޅުނީ ބައްޕަގެ ބޮޑު ފިރިހެން ދަރިއެވެ. އެއީ ރީމްގެ އެއްބަނޑު ބޭބެއެވެ. ރީމް ހަމަ ހުޅުމާލެއަށް ބަދަލުވުމާއި އެކު އޭނާ އެ ގެއިން ނުކުމެގެން ދިޔައީއެވެ. ރުޅިއަކުން ނޫނެވެ. އެހެނަސް އޭނާއަށް ވުރެ ރަނގަޅަށް ބައްޕަގެ ޒިންމާ ނެގޭނީ ރީމަށް ކަމަށް ވާތީއެވެ.
ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ ރީމްގެ ބައްޕަ އަލިފުތަކީ އޭނާގެ ޅަ އުމުރުގައި ރުކަކަށް އަރަން އުޅުމުގެ ތެރޭގައި މައިބަދައިގެ ކަށިގަނޑަށް އަނިޔާވެ އުމުރަށް، އެނދުމަތި ވެފައިވާ މީހެކެވެ.
ހަވީރުގެ ވަގުތެވެ. ލިޔަމްއާ ބަނޫން އިނާޔާ މެންގެ ސިޓިންރޫމުގައި ތިބީ އަވަދި ނެތި ކުޅޭށެވެ. އެކުދިން ކުޅެމުން ދިޔައިރު ސޯފާގައި އިން ޝިޔާމްގެ ނަޒަރު ހުއްޓިފައި ވަނީ ކުރިމަތީ ހުޅުވާފައި ހުރި ޓީވީއަށެވެ. ޓީވީ އިން ދައްކަމުން ދަނީ ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ދިވެހި ޕްރޮގްރާމެކެވެ.
ޝިޔާމްގެ ކުރިމަތިން ހިނގާފައި ގޮސް އިނާޔާ ނުކުތީ ބޭރަށެވެ. އޭރު ގޯތި ތެރޭ ޖޯލީގައި އޮށޯވެ އޮތް މިންހާ ހީވަނީ ފިކުރެއްގައި އޮތް ހެނެވެ.
“މިންހާ!… ކިހިނެއްވެފަ؟” ޖެހިގެން އިން ޖޯލީގައި އިށީންނަމުން އިނާޔާ ބުނެލިއެވެ.
“ވިސްނާލީ….” ހަށިގަނޑު ތެދުކޮށް އިށީންނަމުން މިންހާ ބުނެލިއެވެ.
“ކޮން ކަމަކާ ދެން މިހާރު ވިސްނަންވީ؟ އެންމެ ބޮޑު ކަންތަކުން ސަލާމަތް ވެވިއްޖެ؟” އިނާޔާގެ ޝައުގު ވެރިކަން ހުއްޓާލީ މިންހާގެ ޖަވާބު އަންނާނޭ ގޮތަކާ މެދުގައެވެ.
“އަމީލު…” މިންހާ ބުނެލީ ހަމަ އެކަނި އެންމެ ލަފުޒެކެވެ.
އެކަމަކު އެއީ މިހާރު މިންހާ އެންމެ ކަންބޮޑު ވާން ޖެހޭ ލަފްޒު ހެއްޔެވެ؟ ނޫނީ އަނެއްކާ ވެސް މިންހާ އަމީލު ގާތަށް އެނބުރި ދާން ވިސްނަނީ ބާއެވެ؟
– ނުނިމެ-
ފޫހި ކަމެއް ނެތި އިންތިޒާރު ކުރައްވާ… ކުރިއަށް ހުރީ ހައިރާން ކުރަނިވި ބައިތަކެއް. ރީތި ނަމަ ކޮމެންޓެއް ނޫނީ “ލައިކް” އެއް ދޭނެ ކަމަށް އުންމީދު ކުރަން…. 🙂
ޝަލީންގެ ވާހަކަތައް ކަމުދާ ނަމަ ފޮލޯ ކޮށްލައްވާ.