ކުރީގެ ޢަދަދާއި ގުޅޭ :
އެމީހުން، ޔާސްމީން ބަލައިގަތީ އުފަލާއި އެކުގައެވެ. ދީނީގޮތުން ތަފާތުކަމެއް ހުއްޓަސް އެމީހުން އެގޮތެއް ނުބާއްވައެވެ. އަދި ވަކިން ޚާއްސަކޮށް ޔާސްމީންގެ ޢާޢިލާގެ މީހުންނަށް ކަމެއްވޭތޯ ނުވޭތޯވެސް އެމީހުން ބަލައެވެ. ދެން ތިބޭ ޖިންނީންނަކަށްވެސް އެހެންވެ އެޢާޢިލާއާ އިތުރަށް ދިމާކުރާކަށް ނުކެރެއެވެ.
ޔާސްމީންގެ ބައްޕައަށް ޒިލާލްގެ ގޮތްވެސް ރަނގަޅަށް އެނގެއެވެ. ކޮންމެވެސް ދުވަހަކުން ޒިލާލްވެސް މުސްލިމްވާނޭކަމުގެ ފުރިހަމަ އުއްމީދު އަބަދުވެސް ޔޫސުފްއަށް އޮވެއެވެ.
ޔާސްމީންގެ ކައިވެނި ޒިލާލްއާ ޔޫސުފް ކޮށްދީފައިވަނީ އެވަގުތަށް އެންމެ އެކަށީގެންވާ ރަނގަޅު އެހެން ޖިންނިއެއް ނެތުމުންވެސް މެއެވެ. ޚާއްސަކޮށް މުސްލިމު ޖިންނިންނެވެ.
ޔޫސުފްމެން ދިރިއުޅޭ ހިސާބުގަނޑުގައި އިތުރު ޢާޢިލާއެއްގެ އެއްވެސް މުސްލިމު ޖިންނިއެއް ނޫޅެއެވެ. އަދި ހަމަ އެހެންމެ އަބަދުވެސް ދުނިޔޭގެ ހުރިހާ ތަނެއްގައި އުޅޭ ކާފަރު ޖިންނިންގެ އުނދަގޫ ޔޫސުފްމެންނަށް އޮންނަނީ ބޮޑުވެފައެވެ.
ޔޫސުފް ބޭނުންވަނީ މުސްލިމު ޖިންނިއެއްގެ އިތުރުން މުއުމިނު ޖިންނިއަކަށް ވާށެވެ. އެހެންނަމަވެސް އެހިސާބަށް ދިއުމުގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކުރަން ޖެހޭކަން ޚުދު ޔޫސުފްވެސް ޤަބޫލުކުރެއެވެ.
އޭނާގެ ޢާޢިލާގެ މެންބަރުންނަށް އަބަދުވެސް ޔޫސުފް ނަސޭހަތްދެއެވެ. މުސްލިމުންގެ ގޮތުގައި ތިބުމަށެވެ. މުއުމިނަކަށްވެވޭތޯ މަސައްކަތްކުރުމަށެވެ.
ކާފަ ދަރިފުޅު ސިތާރާއަށް އެނަން ކިޔުމުންވެސް ޔޫސުފް ވަރަށް ހިތްހަމަނުޖެހުނެވެ. އޭނާ ބޭނުންވީ އިސްލާމީ މުސްލިމު ނަމެއް ކިޔާށެވެ.
އެހެނަސް، ޒިލާލްގެ ޢާޢިލާގެ މީހުންގެ ރުހުން ލިބުނީ އެނަމަށެވެ. ސިތާރާއަކީ ހިންދޫ ނަމެކެވެ. އިންޑިޔާގެ ހިންދޫ އަންހެންކުދިންނަށް އެނަން ކިޔާ އުޅެއެވެ.
ޒިލާލްގެ ޢާޢިލާގެ ތިމާގެ މީހުންގެ ތެރޭަގައި ބުދަށް އަޅުކަން ކުރާ ޖިންނިންނާއި، ކްރިސްޓިއަން ޖިންނިން އަދި އެއްވެސް ދީނެއް ޤަބޫލު ނުކުރާ ޖިންނިންވެސް އުޅެއެވެ. އަދި އޭގެ އިތުރުން ސިހުރު އުފުލާ، ސިހުރުހަދާ ޖިންނިންވެސް އުޅެއެވެ.
ޒިލާލްވެސް ފުރަތަމަ ޒާރާގެ ރަށަށް ގެނެވުނީ ސިހުރު އުފުލުވުމަށެވެ. އޭރު، ޒިލާލްއަށްވެސް މަޖްބޫރުވެގެން އެކަމުގެ ބައެއް ކަންކަމުގައި ބައިވެރިވާންޖެހުނެވެ. ޢާޢިލާގެ ނުފޫޒާ ހެދިއެވެ. އެހެނަސް އޭނާ މާތްﷲ ދެކެ ބިރުގަނެއެވެ. ނުބައިކަންކަން ކުރަން ވަރަށް ބޮޑަށް ފަސްޖެހެއެވެ.
އިސްލާމްވުމުގެ ޝައުޤުވެރިކަންވެސް ޒިލާލްގެ ހިތުގައި އޮވެއެވެ. އެކަމަށް ހުރަސްއަޅަނީ އޭނާއަށް ސިހުރެއްގެ ކަމެއްގައި ބައިވެރިވެވުނީތީއެވެ. ސިހުރަކީ ﷲ ހަރާމްކުރެއްވި އެއްޗެއްކަމުން އޭގައި ބައިވެރިވާ މީހުންގެ ވަރަށް ގިނަ މީހުންގެ އުފާތަކަށް ހުރަސްއެޅެއެވެ.
ޒިލާލްއަށް އެކަން ކުރެވުނީ މާބޮޑު އެއްޗެއް އެނގި ހުރެގެންނެއް ނޫނެވެ. ޢާޢިލާގެ މީހުން ބުނީމައެވެ. އެހެނަސް އެކަމާ ފަހުން އޭނާ ވަރަށް ދެރަވިއެވެ. އެއީ އޭނާއަށް ކޮށްދޭން ޖެހުނު ކަމަކީވެސް ޒާރާގެ ގެއަށް ހަދާފައި ހުރި ސިހުރެއްގެ ކަމެކެވެ.
އޭނާއަށް އަލަށް ފެނުނު އިންސާނަކީވެސް ޒާރާއެވެ. އޭގެ ކުރީގައި އޭނާ އުޅުނީ މުޅިން އެހެން ދުނިޔެއަކުއެވެ. މާރިދު ޖިންނީން ގާތުގައެވެ. އޭނާއަށް ފެނިފައިވަނީވެސް މާރިދު ޖިންނީން އުޅެމުންދާ ގޮތެވެ.
ޒިލާލްއަށް ބޮޑެތި ބަދަލްތަކެއް އަންނަން ފެށީ ޒާރާ ނަމާދުކޮށް ޤުރުއާން ކިިޔަވާ އުޅޭތަން ފެނުމުންނެވެ. އެ ޤުރުއާން އަޑުއަހާފައި ޒިލާލްއަށް ވަރަށް އަސަރުކުރިިއެވެ. އެތައްދުވަހަކު ޒިލާލްގެ ލޮލުން ކަރުނައައެވެ.
ޒިލާލް ދެން ބެލީ ޖިންނިންގެ ތެރެއިންވެސް ސާލިހު ޢަމަލުކުރާ ރައްޓެހިންތަކެއް ހޯދޭތޯއެވެ. އެހެންއުޅެނިކޮށް ޔާސްމީންގެ ބައްޕަ ޔޫސުފްއާ ދިމާވިއެވެ.
ސޯލިހު އިންސާނުން އުޅޭ ނޫޅޭގޮތް ބަލަން ޒިލާލް ދާންފެށިއެވެ. އެމީހުންގެ މަޖިލީސްތައް ނިމެންދެން ޒިލާލް ދުރުގައި ބަލަން ހުރެއެވެ.
ސިހުރު ޖެހިފައި ހުރިި ތަންތަނަށްވެސް ވަންނަންވެސް ޒިލާލްއަށް ފަސޭހަވިިއެވެ. އޭގެ ތެރޭގައި ބައެއް މަދަރުސާ، ގޭގެ، އޮފީސް އަދި މިނޫނަސް ބައެއް މިސްކިތް ފަދަ ތަންތަންވެސް ހިމެނެއެވެ. މިފަދަ ތަންތަނުގެ އަޑީގައި ސިހުރުވަޅުލާފައިވަނީ އެތަންތަން ހެދުމުގެ ކުރިންނެވެ.
ކޮންމެ ޖިންނިއެއްވެސް ޒިލާލް އެތަންތަނަށް ވަނަސް އަޅައެއް ނުލައެވެ. އެއީ ޒިލާލްއަކީ މުސްލިމު ޖިންނިއަކަށް ނުވާތީއެވެ.
މުސްލިމު، އަދި ޚާއްސަކޮށް މުއުމިނު ޖިންނިންނަކީ ކާފަރު ޖިންނީންގެ ވަރަށް ބޮޑެތި ދުޝްމިނުންނެވެ.
ދުނިޔޭގެ ދަތުރުކުރަން އުޅުމުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން މުސްލިމު ޖިންނިން ހޯދައި، ޒިލާލް އެމީހުންނާ ރަހުމަތްތެރިވިއެވެ. އެކަމަކު އެމީހުން އަތުން ގުނާލެވޭހާ މަދެވެ.
ކާފަރު ޖިންނިންގެ އުނދަގޫ ބޮޑުވެދާނެތީ ޒިލާލްމެން އުޅެނީ ޔޫސުފްމެންގެ ގެއާއި ގާތުގައި ގެއެއް އަޅައިގެންނެވެ. ރައްކާތެެރިކަމަށްޓަކައެވެ.
އެހެންކަމުން އެމީހުން އުޅެނީ ޒިލާލްގެ ތިމާގެ މީހުންނާވެސް މުޅިން ވަކިންނެވެ. އެހެނަސް ލޭގެ ގުޅުން އޮންނާތީ ބައެއްފަހަރު އެމީހުންނާ ބައްދަލުކޮށްލަނީއެވެ.
ޔާސްމީން އަދި ޒިލާލް ކައިވެނީގެ ކުރީގައި ޒިލާލް އިސްލާމްވުމާމެދު ޔޫސުފްއާ ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އެހެންނަމަވެސް އެކަމުގައި ވަރަށް ގިނަ ހުރަސްތަކެއްވާކަން އެދެ ޖިންނީންނަށްވެސް ފާހަގަކުރެވުނެވެ.
ފުރަތަމަކަމަކީ ސިހުރުގެ ކަންތަކެވެ. ދެންއޮތް ހުރަހަކީ ޒިލާލްގެ ޢާޢިލާއެވެ. ޒިލާލްގެ ޢާޢިލާގައި މުސްލިމަކު ނުތިބެއެވެ.
” ދަރިފުޅާ މާލަސްނުކުރާތި. ބައްޕައަށް އެނގޭ ކުރިން ކުރެވިފައިވާ ކަންތަކުން ދަރިފުޅަށް އުނދަގޫތަކެއް ހުރެދާނެކަން. އެކަމަކު އިސްލާމްނުވެ ހުއްޓާ ދަރިފުޅުގެ ފުރާނަ ވަކިވެއްޖިއްޔާ ދަރިފުޅު ދާނީ ނަރަކައަށް. ” އެއީ އެއްދުވަހަކު ޔޫސުފް ޒިލާލް ގާތުގައި ބުނެފައިވާ ޖުމްލަތަކެކެވެ.
” މާތް ﷲ އެއީ އެންމެ އޯގާވަންތަ ފަރާތް. ކޮންމެ މީހަކުވެސް އުޅޭ ޙާލާއި ދިމާވެފައި ހުންނަ ކަންތައްތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެ. ދަރިފުޅުވެސް ތިއީ ﷲ އުފެއްދެވި މަޚްލޫޤެއް. ސިތާރާގެ ނަންވެސް ވާނެ ރަނގަޅު ނަމަކަށް ބަދަލުކޮށްލަން. ޢަޢިޝާ، ހައްވާ، ސާރާ .. މިކަހަލަ ނަންތައް އަސްލު ކިހާ ރީތި. ” މިކަހަލަ މަޝްވަރާތަކެއް އެދުވަހު ޔޫސުފް ކުރިއަށް ގެންދިޔައެވެ.
” އެނގޭ.. އަހަރެން ބޭނުންވަނީ މުސްލިމްވުމަށްފަހު މުސްލިމް ޖިންނީންނާއެކު ވަކިން ދިރިއުޅެން. ކާފަރު ޖިންނިންގެ އެއްވެސް އުނދަގުލެއްވާކަށް އަހަރެން ބޭނުމެއްނޫން. މިކަމުގެ މަޢުލޫމާތު އަހަރެން ބޭނުންވަނީ. އަހަރެމެންނަށް އެހެން އުޅެވިދާނެތޯ ބަލަން. ” ޒިލާލްވެސް އޭނާގެ ހިތުގައި އޮތްގޮތް ހާމަކޮށްލިއެވެ.
” ދަރިފުޅާ. އިސްލާމްވުމަށްފަހު ނަމާދުކުރާނެ. ޤުރުއާން ކިޔަވާނެ. ރޯދަހިފާނެ. ޒިކުރު ކުރާނެ. ދުޢާކުރާނެ. މިކަންތައްތަކަކީ ދަރިފުޅަށްް ރައްކާތެރިކަން ލިބޭނޭ ކަންކަން. ބައްޕަ އިތުރަށް ކިޔާދޭނަން. ދަރިފުޅާ ބަލަންވީ މުއުމިނު ޖިންނިއަކަށް ވެވޭތޯ. އަދި އެކަމުގައި ދެމިހުރެވޭތޯ. އޭރަށް ޔަޤީނުންވެސް ﷲގެ ރައްކާތެރިކަން ދަރިފުޅަށް ލިބުނީ. މީގައި އެންމެ މުހިންމު ކަމަކީ ހިތުތެރޭގައި ބޮޑާކަމެއް ނުބޭއްވުމާއި، ޙަރާމް ކުރެއްވިކަންތައްތައް ނުކުރުން. ކުށެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުން. ތައުބާ ނަމާދުކުރުން. މިހެންގޮސް ވަރަށް ބައިވަރުވާހަކަ ކިޔައިދޭން އެބަހުރި. ” ޔޫސުފް ވާހަކަ ކުރިއަށް ގެންދިޔައެވެ.
ޒިލާލް އެވާހަކަތައް ކަނުލައި އަޑުއަހަމުން ގެންދިޔައެވެ.
” އަހަރެން ސިތާރާ މުސްލިމުކޮށްފައި ކިޔާނީ ޢަޢިޝާ.” ސިތާރާގެ ނަން ބަދަލުކުރާނެ ވާހަކަ ޒިލާލް ޔޫސުފް ގާތުގައި ބުނެލިއެވެ.
******************
” އަހަންނަކަށް ވިލްދާންއެއް ނުބެލޭނެ. އަހަރެން އެކަނި ކިހިނެއް ބަލާނީވެސް. ” ޝައިހާގެ ކޮޓަރީގެ އެނދުމަތީގައި އޮވެގެން އޭނާ އެކަހަލަ އެކި ޚިޔާލުތައް ކުރަމުން ގެންދިޔައެވެ.
” އާނ. ހަނދާންވެއްޖެ. ރަހުމަތްތެރިޔާ ހުންނާނެ އެއްނު ” އެހެން އޮވެފައިި ކުއްލިއަކަށް ފޯނުނަގައި ނަންބަރަކަށް ޝައިހާ ގުޅާލިއެވެ.
” ހަލޯ. ޝައިހާތަ؟ ” އެކޮޅުން ވާހަކަދެއްކިއެވެ.
” އާނ. ” ޝައިހާ އެއަށް ޖަވާބުދިނެވެ.
” ހާދަ ދުވަހެއް ކޮށްލާފައޭ ދޯ މިދިމާވީ. ކޮބާ ކިހިނެއް؟ ރަގަޅުތަ؟ ” އެކޮޅުން އަހާލިއެވެ.
” ވަރަށް ބޮޑު ވާހަކައެއް ބުނަން މިގުޅާލީ. ކުރީ ދުވަހު މަންމަ ނިޔާވެއްޖެ. މިހާރު މިއުޅެނީ އަހަންނާ ވިލްދާންއާ އެކަނި. އަދި އިތުރު އެހެންވާހަކައެއްވެސް އެބައޮތޭ. އަހަރެންގެ އެބަހުރި ވަރަށް ބޮޑު ބައްޔެއް. އެބަލި ދެން ފަސޭހަ ނުވާނެކަމަށް ޑޮކްޓަރު ބުނަނީ. އެހެންވެ ވިލްދާން ބަލާނެ މީހަކު އެބަބޭނުންވޭ ” ޝައިހާ އެވާހަކަތައް އެއްވެސް ޖެހިލުމެއްނެތި ހިއްސާކޮށްލިއެވެ.
” އަސްލުވެސްތަ އަހަރެން ވަރަށް ދެރަވެއްޖެ. ޝައިހާއަށް ކިހިނެއްވީތަ؟ ” އެކޮޅުން ސުވާލުކުރިއެވެ.
” އަހަންނަށް މިހިރީ އެއިޑްސް ޖެހިފަ ” ޝައިހާގެ ކަރުނަތައް ފައިބަންފެށިއެވެ.
” ކީކޭ؟ އެއިޑްސް އޭ؟ ” އެކޮޅުން އަނެއްކާވެސް ސުވާލުކުރިއެވެ.
” އާނ. އެވާހަކަ މިކިޔާދެނީ. ” ރޮމުންރޮމުން ޝައިހާ އެވާހަކަތައް ކިޔާދިނެވެ.
” އަހަރެން ޖެހޭނީ ތިކަމާ އިރުފާންއާ މަޝްވަރާކޮށްލަން. އަހަރެމެންގެވެސް މިހާރު ތިން ކުދިން މިތިބީ. ހަގަށްތިބި ދެކުދިން އެހާ ކުޑަ. އެކަމަކު ތިބުނާހެން ވިލްދާން ބަލާނެ މީހަކުވެސް ދެން ބޭނުންވާނެ. ” އެކޮޅުން ވާހަކަދައްކަމުން ގެންދިޔައީ ރިޔާއެވެ.
” އަދި ކުއްލިއަކަށް ނުވިއަސް އޯކޭ. އަހަރެން އަދި ދުނިޔޭގައި އެބަހުރީން. މަންމަގެވެސް ބައްޕަގެވެސް ތިބި ތިމާގެ މީހުންނަކީ އަހަންނާވެސް މިހާރު އެހާ އަޅާލާ ބައެއްނޫން. އަހަންނަކަށް އެމީހުންނާ ދޭތެރޭ އެއްވެސް ޔަޤީންކަމެއް ނެތް. ” ޝައިހާ ރޮމުން ކަރުނަ ފުހެމުން އިތުރަށް ކިޔާދެމުން ގެންދިޔައެވެ.
(ނުނިމޭ)


