ކުރީގެ ޢަދަދާއި ގުޅޭ :
” އަހަރެން ޖެހޭނީ ތިކަމާ އިރުފާންއާ މަޝްވަރާކޮށްލަން. އަހަރެމެންގެވެސް މިހާރު ތިން ކުދިން މިތިބީ. ހަގަށްތިބި ދެކުދިން އެހާ ކުޑަ. އެކަމަކު ތިބުނާހެން ވިލްދާން ބަލާނެ މީހަކުވެސް ދެން ބޭނުންވާނެ. ” އެކޮޅުން ވާހަކަދައްކަމުން ގެންދިޔައީ ރިޔާއެވެ.
” އަދި ކުއްލިއަކަށް ނުވިއަސް އޯކޭ. އަހަރެން އަދި ދުނިޔޭގައި އެބަހުރީން. މަންމަގެވެސް ބައްޕަގެވެސް ތިބި ތިމާގެ މީހުންނަކީ އަހަންނާވެސް މިހާރު އެހާ އަޅާލާ ބައެއްނޫން. އަހަންނަކަށް އެމީހުންނާ ދޭތެރޭ އެއްވެސް ޔަޤީންކަމެއް ނެތް. ” ޝައިހާ ރޮމުން ކަރުނަ ފުހެމުން އިތުރަށް ކިޔާދެމުން ގެންދިޔައެވެ.
******************
” އަހަރެން މި އެޕާޓްމެންޓް ރިޔާގެ ނަން މައްޗަށް ބަަދަލުކޮށްދީފާނަން. އޭރުން ރިޔާމެންނަށް މާލޭގައިވެސް އުޅެވޭނެ. ބޭބެ ނިޔާވުމަށްފަހު މަންމަ އޮތީ މިގެ އެއްކޮށް އަހަރެންނަށްްދީފައި. އަހަރެމެންގެ ހުންނާނެ އަދި އެއް އެޕާޓްމެންޓް އެހެން ގެއަކުވެސް. އެއީ އަސްލު މަންމަގެ. މިއީ ބޭބެ ދުނިޔޭގައި ހުރިއިރު ގަނެފައި ހުރި ތަނެއް. ” ޕަނީނޯ ހައުސްގެ އެޕާޓްމެންޓްގެ ތަފްސީލްތައް ރިޔާ ކިޔާދެމުންގެެންދިޔައެވެ.
” އަހަރެންގެ ޝައިމް މިހާރު ފުދޭވަރަކަށް ބޮޑުވާނެ. ޝައިމްއަށްް ކިޔަވާދޭން އަސްލު އަހަރެން ބޭނުން މާލެދާން. ޝައިމް 4 ވަރަކަށް އަހަރު ވިލްދާންއަށްވުރެ ދޮށިވާނެ. މިކޮޅުގައި ކިޔެވުމުގެ ފެންވަރު އެހާ ރަނގަޅު ނުވާތީ އެހެންވެ. ޝައިހާ ތިކޮށްދޭން އުޅޭ ކަންތަކަކީ އަހަރެމެން ވަރަށް ޝުކުރުވެރިވާނެކަމެެއް. ” ރިޔާ ވާހަކަދައްކަމުން ގެންދިޔައެވެ.
” އަހަރެންވެސް ބޭނުން ވިލްދާންއަށް ރަނގަޅު ގޮތެއް ވާން. ” ވިލްދާންއާ ދޭތެރޭ ކަންތައްކުރެވިފައިވާ ގޮތުން ހަޤީގަތުގައި މިހާރު ޝައިހާ ކޮންމެވެސް ވަރަކަށް ދެރަވެއެވެ.
” އަހަރެން، ވިލްދާން މިހާ ހިސާބަށް މިގެންގުޅުނީ ވެސް ވަރަށް ގިނަ އުނދަގޫތަކެއް އުފުލައިގެން. ބޭބެމެން ނިޔާވުމަށްފަހު މަންމަ އަދި ބައްޕަގެ ތިމާގެ މީހުން އަހަރެމެންނާ ދޭތެރޭވަނީ ފަރުވާކުޑަކޮށްލާފައި. އަހަރެމެން ގޭގެ ޚަރަދުތައް ހަމަޖައްސަނީ އަނެއް އެޕާޓްމެންޓް ކުއްޔަށް ދީގެން އެއިން ލިބޭ ލާރިން. ބައެއްފަހަރު ވިލްދާންގެ ކަންތައްތައް ހަމަޖައްސަންވެސް ވަރަށް އުނދަގޫވޭ. ” ވަމުންދާގޮތުގެ އަސްލު ޝައިިހާ ހާމަކޮށްލިއެވެ.
” ވިލްދާންއަށްް މިހާރު ކޮންމެވެސް ވަރަކަށް އެކަނި އުޅެ ބައެއް ކަންތައް ކުރަންވެސް އެނގޭނެ. އަހަރެން ހުންނާނީ ވިލްދާން އެގޮތަށް ހާނާފައި. ޤަބޫލްކުރަން އަހަންނަށް ވިލްދާންއާ ދޭތެރޭ ކަންތައް ކުރެވެނީ އެންމެ ރަނގަޅަށް ނޫންކަމަށް. އެކަމަކު އެއީ އަހަރެންވެސް އެކަނިމާއެކަނި އުފުލަން ޖެހިފަ އޮތް ބުރަ ބޮޑު ޒިންމާގެ ސަބަބުންވާ ގޮތެއް. ބައެއް ފަހަރު ރުޅިގަދަވެސް ވެވޭ. ވިލްދާން މިހާރު މަދަރްސާއަށްވެސް އެކަނި ދާނެ. އެކަނި ކާނެ. ފެންވަރާ ރީތިވެ ހަދާނީވެސް އަމިއްލައަށް. ” ޝައިހާ އިތުރަށް ކިޔައިދެމުން ގެންދިޔައެވެ.
” އަހަންނަށް ދެން އެންމެ އިތުބާރު ކުރެވޭ މީހަކަށް ހުރީ ރިޔާޝާ. އެހެންވެ މިހުރިހާ ވާހަކައެއް އަހަރެން ރިޔާޝާ ގާތުގައި މިބުނަނީ ” ޝައިހާ ހިތްހަމަޖެހުމުގެ ފުންނޭވައެއްލިއެވެ.
ރިޔާޝާއަށް ހުރިހާ އެއްޗެއްވެސް މިހާރު އޮޅުންފިލައިފިއެވެ. ޝައިހާ ހާދަ ބޮޑަކަށް ބަދަލުވެއްޖެތާއެވެ. އަދި ވިލްދާންއާ ދޭތެރޭ ޝައިހާ ޢަމަލުކުރަމުންދިޔަ ގޮތްވެސް ކުޑަކޮށް މިހާރު ރިޔާއަށް އެނގިއްޖެއެވެ.
އެގޭގެ މައި ފޯނަށް ގުޅުމުން، ފޯނުނަގާފައި ކަނޑާލަނީވެސް ޝައިހާއާއި ޒޭންއާ ދެމީހުންވެގެންނެވެ. އެހެންވެ، ވިލްދާންއާ ބައްދަލުވާގޮތްވެސް ރިޔާއަށް އޮންނަނީ ގިނަފަހަރަށް ނުވެފައެވެ.
ޝައިހާއަށްވުރެ އެތައް އަހަރެއް ދޮށިއިރު، ނަމުން ކިޔާތީވެސް ރިޔާ ހައިރާންވިއެވެ. ޒާރާ ދުނިޔޭގައި ހުރިއިރު ރިޔާޝާއަށް ޝައިހާ ކިޔާ އުޅެނީ “ރިޔާ ދައްތަ” އެވެ. އެހެނަސް އެކަމާ އެެއްވެސް އެއްޗެއް ރިޔާ ނުބުނެއެވެ.
ތަޤްދީރުގައި ރޭވިފައި އޮތީ ކިހިނެއްކަމެއް އަދި އެއްވެސް މީހަކަށް ނޭނގޭމެއެވެ.
ސަބަބަކީ، ޝައިހާމެން މިގޮތަށް ރޭވުންތައް ރާވަމުން ދިިޔަނަމަވެސް ސިތާރާއާއި އިކްލީލްވެސް ރޭވުންތަކެއް ރާވަމުންގެންދިޔައެވެ.
” އަހަންނަށް ފެންނަނީ ދެން ވިލްދާން އަހަރެމެންގެ ދުނިޔެއަށް ގެންދަން. ” އިކްލީލް ހުރީ މާކުރިން އެގޮތަށް ނިންމައިގެންނެވެ.
” ސިތާވެސް ބޭނުން ސިތާއާ އެކީ ވިލްދާން އުޅެން. ” އިކްލީލް ރާވަމުންގެންދިޔަ ރޭވުމާމެދު ސިތާރާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
” އެހެންވީމާ ހިނގާ އެކަމާ އުޅެމާ. ބޭބެއަށް އިނގޭ ކޮއްކޮ ވަރަށް ލޯބިވާކަން. ކޮއްކޮ ބޮޑުވީމާ އޭނާއާ ކައިވެނިކުރާނީ .. ” އިކްލީލް އޭނާގެ ނިންމުމެއް ދެން ބަދަލެއް ނުކުރާނެއެވެ.
ސިތާރާ އުފަލުންގޮސް އެނބުރިލާފައި ނަށާލިއެވެ. އަދި ބޮޑުބޭބެއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
*****************
ޒޭން ގެއްލިގެން ސާމިރުމެން އުޅޭ ދުވަހެކެވެ. ބައްދަލުވާން ބުނެފައި އޭނާ ނާދެއެވެ. އެހެންވެ، ޒޭން އުޅޭ ގޭންގެ މީހުންވެސް ތިބީ ހާސްވެފައެވެ. މިއީ އެހެންޏާ ދުވަހަކުވެސްވީ ގޮތެއް ނޫނެވެ.
މާލޭގައި ފަހަކަށް އައިސް ހިނގި ބިރުވެރި ހާދިސާއަށްފަހު އެމީހުން ތިބެނީ ތަންކޮޅެއް މައިތިރިވެފައެވެ.
ބައްދަލުކުރަން ޒޭން ނައުމުން ޒޭން ހޯދަންވެގެން ސާމިރުމެން ދިޔައީ އެގެއަށެވެ.
ގެއެކޭ ބުންޏަސް އެއީ ނުތާހިރު، ޖާގަ ކުޑަ ގޮޅިއެއްފަދަ ތަނެކެވެ. ބަދިގެއެއް ކާގެއެއްހައި ހިސާބުވެސް ނެތެވެ. އެހިސާބުގައި ދިރިއުޅެނީވެސް މަސްތުވާއެއްޗެހި ބޭނުންކުރާ މީހުންނާއި އެފަދަ ފާޑުފާޑުގެ މީހުންނެވެ. މުޅި އެސަރަހައްދުންވެސް ފެންނަނީ ނުތާހިރުކަމެވެ.
” ޒޭން. ޒޭން. ” އެގޭގެ ދޮރު ހުޅުވާލުމަށްފަހު ސާމިރު ގޮވާލިއެވެ. އެހެނަސް ޒޭންގެ އެއްވެސް ހިލަމެއް ނުވިއެވެ. އޭނާ ފެންނާކަށްވެސް ނެތެވެ.
ޒޭން އޮންނަނީ އަބަދުވެސް ޑަބަލް ތަޅުދަނޑިއެއް ސާމިރުގެ އަތަށް ދީފައެވެ.
” ނެތް އޭނައެއް. މަ ގުޅާނަން ޝައިހާއަށް. އޭނަ އުޅޭތޯ ބަލާލަން. ” ގޭގެ ބޭރުދޮރު ގާތުގައި މަޑުކޮށްގެން ތިބި އެހެންމީހުން ގާތުގައި ސާމިރު ބުނެލިއެވެ. ޝައިހާގެ ނަންބަރުވެސް ސާމިރުގެ ފޯނުގައި އިނދެއެވެ.
” ހަލޯ. ” އެކޮޅުން ޝައިހާ ފޯނުނެގިއެވެ.
” ޒޭން އެބައުޅޭތަ؟ ” ސާމިރު ސުވާލުކޮށްލިއެވެ.
” ނޫޅޭ. ” ޝައިހާ އެއަށް ޖަވާބުދިނެވެ.
” މިއީ ސާމިރު. ޒޭން ގެއްލިގެން މިއުޅެނީ. ” ސާމިރު އަވަސްއަވަހަށް ބުނެލިއެވެ.
” އަހަރެން އޭނައާ ރުޅިވެއްޖީން. އޭނަ ނާންނަތާ މިހާރު ހަފްތާއެއް ވެދާނެ. ” ޝައިހާ ފޫހިރާގެއްގައި ބުނެލިއެވެ.
” އޯކޭ. ” ސާމިރު ފޯނު ބޭއްވިއެވެ.
ސާމިރު ފޯނު ބޭއްވުމުން އަވަަހަށް ޝައިހާ އެނަންބަރު ބްލޮކްކޮށްލިއެވެ.
******************
” ހިނގާ ފުލުހަށް ރިޕޯޓް ކުރަން ” ހާޒިމް، ސާމިރަށް ޚިޔާލެއްދިނެވެ. އެހެނަސް ފުލުހުންނާ އެއްވެސް ކަމަކާ ގުޅޭކަމެއް ކުރާކަށް ސާމިރު ބޭނުމެއް ނުވެއެވެ.
އޭރު، ޒޭން ނުފެނިގެން އުޅޭތާ 24 ގަޑިއިރުވީއެވެ.
” ކަލޭ ވީނު އެކަން ކުރަން. ” ސާމިރު ހާޒިމްގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ.
” އޯކޭ މައްސަލައެއް ނޯންނާނެ ” އެހެންބުނެފައި ފޯނުނަގައި ފުލުހުންގެ ސްޓޭޝަން ނަމްބަރަކަށް ގުޅާލިއެވެ.
ސާމިރުގެ ވަރަށް ގިނަ ކުށުގެ ރެކޯޑްތައް އޮވެއެވެ. ފުލުހުންނާ އޭނާއާ ދެމެދުގައި ފާރެއް ބައިންދަން ސާމިރު ބޭނުންވަނީ އެހެންވެގެންނެވެ.
އެއާއި ޚިލާފަށް ހާޒިމްގެ އެއްވެސް ކުށުގެ ރިކޯޑެއް އަދި މިހާތަނަކަށް ނެތެވެ. އެއީ މުޅިން އަލަށް އެގޭންގްއާއި ގުޅުނު ކުއްޖެކެވެ.
******************
” ހަލޯ. އަޅުގަނޑު މިގުޅާލީ ހެންވޭރު ވައިޓްލިލީގައި ދިރިއުޅޭ އަހުމަދު ޒާއިން ނަސީމް ގެއްލިގެން އުޅޭ ވާހަކަ ރިޕޯޓްކޮށްލަންވެގެން. ލައްބަ. މިހާރު 24 ގަޑިއިރު މިވީ ގެއްލިގެން ހޯދާތާ. އޭނަގެ ގާލްފްރެންޑްވެސް ބުނަނީ އޭނައާ ދިމާނުވާތާ ހަފްތާއެއް ވެއްޖެކަމަށް ” ހާޒިމް ވާހަކަދައްކަމުން ގެންދިޔައެވެ.
ޒޭންގެ އަސްލު ނަމަކީ ޒާއިންއެވެ. އެހެންނަމަވެސް އެންމެންވެސް ކިޔަނީ ޒޭންއެވެ.
” ލައްބަ. އާންމު ނަަމަކީ ޒޭން. ” ފުލުހުންކުރަމުންދާ ސުވާލުތަކަށް ހާޒިމް ޖަވާބުދެމުންގެންދިޔައެވެ.
” ލައްބަ. އަޅުގަނޑުމެން ދާނަން. ” އެންމެފަހުން އެހެންބުނެފައި ހާޒިމް ފޯނު ބޭއްވިއެވެ.
” ފުލުސް ސްޓޭޝަނަށް ހާޒިރުވާންވީއޯ. އަހަރެމެން އެންމެން. ” ހާޒިމް ބުނެލިއެވެ.
” އަހަރެމެންގެ ދުވަސް ތިދިޔައީ. ” ސާމިރުގެ ބޮލުގައި ރިއްސާލިއެވެ.
***************
ހަމަ އެވަގުތެވެ. ނުދަންނަ ނަންބަރަކުން ޝައިހާއަށް ގުޅާތީ އޭނާ ވިސްނާލުމަށްފަހު ފޯނުނެގިއެވެ.
” އައްސަލާމު ޢަލައިކުމް. ޝައިހާތޯ؟ ” އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ.
” ޝައިހާ ވާހަކަ ދައްކަނީ ” ޝައިހާ އެއަށް ޖަވާބުދިނެވެ.
” މިގުޅާލީ މާލޭ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ފަރާތުން. އަހުމަދު ޒާއިން ނަސީމް ދަންނަންތޯ؟ ” އެފުލުސް މީހާ ސުވާލުކޮށްލިއެވެ.
” ލަަައްބަ. ” ޝައިހާ ޖަވާބުދިނެވެ.
” ޕޮލިސް ސްޓޭޝަނަށް އާދެވިދާނެތޯ އަޅުގަނޑުމެންނާ ބައްދަލުކޮށްލަން. ޒާއިން ނަސީމް ގެއްލިގެން ރިޕޯޓްކޮށްފައިވާތީ މަޢުލޫމާތުކޮޅެއް ނަގަންވެގެން. ” ފުލުސްމީހާ އަހާލިއެވެ.
(ނުނިމޭ)


