ކުރީގެ ޢަދަދާއި ގުޅޭ:
ޝައިހާއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތްހެންނެވެ. ” ނޯ ޑޮކްޓަރ. ” ޝައިހާއަށް އެކަން ޤަބޫލްކުރަންވެސް ދަތިވިއެވެ.
” އަބަދުވެސް އަޅުގަނޑުމެން ކިޔާދެން ޕްރޮޓެކްޝަން ޔޫސްކުރަން. ” ޑޮކްޓަރު ދެރަވެލާފައި ބުނެލިއެވެ.
ހަޤީޤަތުގައި ޝައިހާއަށްވަނީ އެކަމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރެވިފައެވެ. ޒޭން ހަދާނަހަދާ ބަލާނުލެވިފައެވެ. އެހެންނަމަވެސް ވަގުތު މިވަނީ ފާއިތުުވެފައެވެ. އެވެސް ފޫނުބެއްދޭވަރުގެ ގެއްލުމަކުންނެވެ.
********************
” ޒޭން. އައިމް ޕޮޒިޓިވް ފޯ އެޗްއައިވީ. ” އެންމެފުރަތަމަވެސް ޒޭން ފެނުނުތަނާހެން ޝައިހާގެ އަނގައިން ނުކުތީ އެބަސްތަކެވެ.
” އެހެންތަ؟ ” ފަރުވާކުޑަ ރާގެއްގައި ޒޭން ބުނެލިއެވެ.
” ތިއީތަ ޒޭންގެ ޖަވާބަކީ؟ ” ޝައިހާ ގާތަށް ކުޑަކޮށް ރުޅިއަންނަގޮތްވިއެވެ.
” އާނ. ޒޭން ނުދެން އެޗްއައިވީއެއް. ” ޒޭން ހަމަޖެހިލަމުން ބުނެލިއެވެ.
” އަހަރެން ދެން ކިހިނެއް ހަދާނީ؟” ޝައިހާގެ ބޮލަށް އެނބުރުންއަރަން ފެށިއެވެ.
” ނޭނގެ. ” ޒޭންގެ ޖަވާބުކުރެވެ.
ޝައިހާއަށްވެސް އަސްލު ޖަވާބު އެނގެއެވެ. ޒޭން ވަނީ މީގެ ކުރިން އެތައް އަންހެންކުއްޖެއް ތަޖުރިބާކޮށްފައެވެ. ޒޭން ވަނީ އެވާހަކަތައް ޝައިހާއަށް ކިޔާދީފައެވެ. ޝައިހާއަކީ ޒޭން ރައްޓެހިވި 10 ވަނަ ކުއްޖާވިއްޔާއެވެ.
*********************
” އޮހޮއް އޮހޮއް އޮހޮއް އޮހޮއް.. ” ޕަނީނޯ ހައުސް ގޭތެރޭގައި ހުރި ކޮޓަރިއެއްތެރޭ އޮތް ވަފިއްޔާ ކުއްލިއަކަށް ކެއްސަން ފެއްޓިއެވެ. ” ދަރިފުޅާ .. ޝައިހާ .. ވިލްދާން .. އާދެބަލަ.. ” ވަރުދެރަކަމާއެކު ވަފިއްޔާ ގޮވާލިއެވެ.
އެހެންނަމަވެސް އެވަގުތު އެއްވެސް މީހަކަށް އަޑެއް ނީވުނެވެ. ކެއްސަ ކެއްސާފައި އެންމެފަހުން ވަފިއްޔާގެ ހަރަކާތްތައް މަޑުވިއެވެ. މީހާ އެއްކޮށް ހަމަހިމޭންވިއެވެ.
********************
” މާމާ ހޭލަބަލަ. މާމާ މާމާ. ” ހެނދުނު ހޭލައިގެން އައިސް ވިލްދާން މާމައަށް ގޮވަން ފެއްޓިއެވެ. އެހެންނަމަވެސް ވަފިއްޔާގެ އެއްވެސް ހަރަކާތެއް ނެތެވެ.
ދެން ޝައިހާގެ ކޮޓަރި ކައިރިއަށް ގޮސް އެކޮޓަރީގައި ވިލްދާން ޓަކި ޖަހާލިއެވެ.
” ކިހިނެއްވީ؟ ” ކޮޓަރީގެ ދޮރު ހުޅުވާލަމުން ޝައިހާ އަހާލިއެވެ.
” މާމައަށް ކޮންމެސް ގޮތެއްވެއްޖެ. ” ވިލްދާން ވަރަށް ހާސްވެފައިހުރެ ބުނެލިއެވެ.
އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ޝައިހާ ވިލްދާންއާއި ދިމާލަކަށް ހަޅޭކެއްނުލަވައެވެ. އޭގެ ބަދަލުގައި މަޑުމަޑުން ވަފިއްޔާގެ ކޮޓަރިއާއި ދިމާއަށް ޝައިހާ ހިނގައިގަތެވެ. ފަހަތުން ވިލްދާންވެސް ދިޔައެވެ.
” މަންމާ.. މަންމާ ” ޝައިހާވެސް ގޮސް ވަފިއްޔާގެ ގައިގައި ކޮއްޓަމުން ގޮވަމުން ދިޔައެވެ. ޝައިހާއަށް ކުޑަ ޝައްކެއްވިއެވެ.
އަތުގައި އޮތް ފޯނުނަގައި އައިޖީއެމްއެޗްގެ އެންބިއުލާންސް ނަންބަރަށް ޝައިހާ ގުޅާލިއެވެ. ” ހަލޯ. އެމްބިއުލާންސް ފޮނުވާދެވިދާނެތޯ؟ ” ވެގެންއުޅޭގޮތް ކުޑަކޮށް ކިޔާލަދިނުމަށްފަހު ޕަނީނޯ ހައުސްގެ އެޑްރެސް ދިނެވެ.
******************
އެމްބިއުލާންސްއަށް ވަފިއްޔާ ލެވުނީ ޑްރައިވަރުގެ އެހީތެރިކަމާއެކުގައެވެ. ޝައިހާއާއި ވިލްދާންވެސް އެމްބިއުލާންސްގައި ވަފިއްޔާއާއެކު ދިޔައެވެ. އެމްބިއުލާންސް އެތެރޭގައި ޑޮކްޓަރެއްވެސް ވަފިއްޔާގެ ޙާލު ބަލަމުން ދިޔައެވެ.
” ސޮރީ. ޝީ އިޒް ނޮޓް އެލައިވް އެނީމޯ. ” އެމްބިއުލާންސް ތެރޭގައި އިނދެފައި ޑޮކްޓަރު ޝައިހާއާ ވާހަކަދެއްކިއެވެ. ” ވަޓް؟ ” ޝައިހާގެ ހަތަރެސްފައި ފިނިވާން ފެށިއެވެ.
ވިލްދާންއަށް ރޮވެން ފެއްޓިއެވެ. ” މަންމަވެސް ، ބައްޕަވެސް އަދި މާމަވެސް މިހާރު އަހަރެން ދޫކޮށްފައި އެދިޔައީ. އަހަރެން މުޅިން އެކަނިވީ. ” ވިލްދާން ހިތާހިތާ ކިޔާލިއެވެ.
އައިޖީއެމްއެޗް ޑޮކްޓަރުންވެސް ވަފިއްޔާގެ މަރު ޝައިހާމެންނަށް ޔަޤީންކޮށްދިނެވެ. ވަފިއްޔާގެ މަރުވެފައިވާ ހަށިގަނޑު އެތައް އިރެއްވަންދެން ހޮސްޕިޓަލްގައި އޮތުމަށްފަހު ހިނަވާގެއަށް ގެންދެވުނެވެ.
އޭރު ޝައިހާ، ވަފިއްޔާގެ ތިމާގެ މީހުންނަށް ގުޅޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. ވިލްދާން ތައްޔާރުވެގެން ހުރީ މާމަގެ ކަށުނަމާދުގައި ބައިވެރިވާށެވެ.
********************
” ވިލްދާން. ” މީހަކު ގޮވާލިއަޑަށް ވިލްދާން އެނބުރެލިއެވެ. ” ކީއްކުރަނީ މިތަނުގަ؟ ” ގާތުގައި ހުރި ސިތާރާ ފެނުމުން ވިލްދާން އަޖައިބުވާގޮތްވިއެވެ.
” މިއައީ ވިލްދާންގެ މާމަގެ މޫނު ބަލާލަން ” ސިތާރާ ޖަވާބުދިނެވެ.
” ކިހިނެއް އިނގުނީ އެއީ އަހަރެން މާމަކަމެއް؟ ” މާމައާ ބެހޭ އެއްވެސް އެއްޗެއް ވިލްދާން ސިތާރާއަކަށް ކިޔައެއްނުދެއެވެ.
” ވިލްދާން. އަހަރެމެން އުޅެނީ ތިގެއާ ވަރަށް ކައިރީގައޭ. މިހިރީ އަހަރެންގެ ބޮޑުބޭބެ. ” އިންސާނެއްގެ ސޫރައިގައި ހުރި އިކްލީލް ދައްކަމުން ސިތާރާ ޖަވާބުދިނެވެ.
” ތެދެއް. ބޭބެއަށް ކިޔަނީ ނައުފަލް އިނގޭ. މާމަ ނިޔާވި ޚަބަރު ލިބިގެން މިއައީ. ” ނައުފަލްގެ ސިފައިގައި ހުރި އިކްލީލް ޖަވާބުދިނެވެ. އެއަށްފަހު ވިލްދާންގެ ބުރަކަށީގައި ކުޑަކޮށް ފިރުމާލިއެވެ.
” ކޮއްކޮ ދެރަނުވޭ. ކަމެއްދަމެއް ބޮޑުވެއްޖިއްޔާ ބޭބެއަށް ގުޅާ. މިއޮތީ ނަންބަރު. ” ކަރުދާސްކޮޅަކު ޖަހާފައި އޮތް ފޯނުނަމްބަރެއް ވިލްދާންގެ އަތަށް ދެމުން ނައުފަލް ބުނެލިއެވެ.
ފޯނުން ވާހަކަދައްކަމުން ދިޔަ ޝައިހާއަށް ކުޑަކޮށް ކަޅިއެއް އެއްލުމަށްފަހު ސިތާރާ ގޮވައިގެން ނައުފަލް ދާން ހިނގައިގަތެވެ. އޭރު ކޮންމެސްވަރަކަށް މީހުން އެތަނަށް އަންނަމުން ދިޔައެވެ. އޭގެ ތެރޭގައި ވަފިއްޔާގެ ތިމާގެ މީހުންނާއި ރައްޓެހިން ހިމެނެއެވެ.
******************
” ސިތާ.. އެއަންހެނާ ދެން މަރާކަށް ނުޖެހޭނެ. އޭނަ އެހެން އުޅެއުޅެފައި މަރުވެދާނެ. ” އަނބުގަހެއްގެ މަތީގައި އޮވެ އިކްލީލް ވާހަކަދެއްކީ ސިތާރާއާއެވެ. “ތިބުނީ؟ ” ސިތާރާ ސުވާލުކޮށްލިއެވެ. ” އޭނަ އުޅޭގޮތް ނުލަފާކަމުން މިހާރު އެހެރީ އެއިޑްސް ޖެހިފަ. އެއީ ފަރުވާއެއްނެތް ބައްޔެއް. ” އިކްލީލް ޖަވާބުދިނެވެ.
” އެހެންތަ؟ ދެން އޭނަ މަރުވީމަ ވިލްދާން އެކަނިވާނެ އެއްނު. ” ސިތާރާ ހުރީ ދެރަވެފައެވެ.
” ތިކަމަށް ކޮންމެވެސް ގޮތެއްް ހަދަންޖެހޭނީ. ވިލްދާން މަންމަގެ ވަރަށް ރަނގަޅު ރައްޓެއްސެއް ހުންނަކަމަށްވަނީ. ރިޔާޝާއެއް ކިޔަނީ. އޭނަ ގާތަށް ވިލްދާން ދާން ރަނގަޅުވާނެ. ” އިކްލީލްއަށް ފެންނަގޮތް އޭނާ ހާމަކޮށްލިއެވެ. އިކްލީލް އަންނަނީ ވަރަށް ރަނގަޅަށް އެހުރިހާކަމަކަށް ފާރަލައި ބަލަމުންނެވެ. ވިލްދާންއާ ގުޅުން ހުރި މީހުންގެ ވަރަށް ގިނަ ޚަބަރުތައް އެހެންވެ އޭނާއަށް އިނގެއެވެ.
” ދެން އޮތްގޮތަކީ އަހަރެމެން ގާތުގައި އުޅެން އޭނާ ގެނައުން. އެކަމާ އެންމެ ނުގަބޫލުވާނީ ސިތާގެ ބައްޕަ. އެކަމަކު މިހާ އެކަނިވެރިވާންހުރި ކުއްޖަކު ނުގެންނާކަށް ޒިލާލް ނުބުނާނެ. ” އިކްލީލް ވިސްނާލުމަށްފަހު ބުނެލިއެވެ.
******************
ވަފިއްޔާ ވަޅުލުމުގެ ކަންތައްތައް ނިމިގެން ގެއަށް އައިސް ޝައިހާއަށް ލެވުނީ ފުންނޭވައެކެވެ. ވިލްދާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
” އަހަރެން ކިހާ ބަދުނަސީބު. ” ޝައިހާގެ ހިތަށް އަރަމުން ދިޔައެވެ. ޝައިހާ ސޯފާ މައްޗަށް ގޮސް ވެއްޓިގަތެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ނިކަމެތިކަމާއި ދޭތެރޭގައި ޝައިހާއަށް ވިސްނާލެވުނެވެ. ބޮލުގައި ހިފަހައްޓާލެވުމާއެކު ޝައިހާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.
” ޒޭންއާ ރުޅިވަންވީ. އެއީ މިހާރު މުޅިން ބޭކާރު މީހެއް. ” ޝައިހާގެ ސިކުނޑި އެވަގުތު ހެޔޮ ވިސްނައިދިނެވެ. ޝައިހާ ވަގުތުން ޒޭންގެ ނަންބަރަށް ގުޅާލިއެވެ.
” ޒޭން. އަހަރެން ބޭނުމެއް ނޫން ދެން ޒޭންއާ އެކީ އުޅޭކަށް. މިކަން ދެން މިނިމުނީކަމަށް ހީކޮށްލާ. ” ޒޭން ފޯނު ނެގުމާއެކު ޝައިހާ އަވަސްއަވަހަށް ވާހަކަދައްކަން ފެއްޓިއެެވެ.
” އޯކޭ.. ” ޒޭންގެ ކުރު ޖަވާބުއައެވެ.
” އޯކޭއޭ ؟ އޭނައަށް ބުނަން އެނގުނީ އެހެން އެކަނި؟ މިފަހަކަށް އައިސް ޒޭން އަހަންނާ ދޭތެރޭ ޢަމަލުކުރަމުންދާ ގޮތް ވަރަށް ގޯސް. ” ޝައިހާ ހިތާހިތާ ކިޔާލިއެވެ.
އެހެންނަމަވެސް، ޒޭންގެ ކިބައިން ސަލާމަތްވުމުން ޝައިހާ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ. ޝައިހާގެ ހިތާމަތަކަށް ކުޑަވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ.
**********************
” ސިތާރާ މިހާރަކަށް އައިސް ކޮންތާކު ތިއުޅެނީ؟ ” ޒިލާލް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. ” އިކްލީލްބެއާއެކު.” ސިތާރާ ޖަވާބުދިނެވެ.
” ކީކޭ؟ އިކްލީލްއާއެކު؟ އެއީ އެކީ އުޅެން ހެޔޮވާވަރުގެ މީހެއްވެސް ނޫނެއްނު. އޭނަ އެހެރަ ކޮށްލާ ކަންތަކުން… ” ޒިލާލްގެ ހިތްހަމަނުޖެހުން ބޮޑުވިއެވެ.
” ޔާސްމީން. ސިތާރާ އުޅޭގޮތް ބަލާނުލަންތަ؟ ” އެސުވާލު އަމާޒުވީ ޔާސްމީނަށެވެ.
” އަހަރެން ސިތާރާއަށް އިތުބާރުކޮށްފައި ސިތާރާ ތަނަކަށް ދާންބޭނުންވިއަސް ފޮނުވަނީ. ” ޔާސްމީން ހާހެއްނުވެއެވެ.
ޒިލާލް، ޔާސްމީންއާ ކާވެނި ކުރީ އެއީ މުސްލިމު ޢާއިލާއެއްގެ ޚުލްގު ހެޔޮ އަންހެން ދަރިއަކަށް ވީތީއެވެ.
” އޭނަ އުޅޭގޮތް ބަލާލައްޗޭ. އިކްލީލްގެ އަތް މައްޗަށް އޭނަ އެއްކޮށް ދޫކޮށްލާކަށް ނުވާނެ. އަހަންނަށްތާ އޭނަގެ ގޮތް ރަނގަޅަށް އެނގޭނީ.. ” ޒިލާލް ނަސޭހަތްދިނެވެ.
ޔާސްމީންގެ ބައްޕަމެން ޔާސްމީންގެ ކައިވެނި ޒިލާލްއާކޮށްދިނީ، ޒިލާލްމެންގެ ޢާއިލާއަކީ ޖިންނިންގެ ތެރޭގައި ބާރުގަދަ ޢާއިލާއަކަށް ވާތީއެވެ. އެޢާއިލާއާ އަޅާ ބަލާއިރު ޔާސްމީންގެ ޢާއިލާއަކީ ފަޤީރު، ދެރަ ނިކަމެތި ޢާއިލާ އެކެވެ. އެހެންވެ ޖިންނިންގެ ތެރޭގައި ތިބޭ ބާރުގަދަ ޖިންނީން އެޢާއިލާގެ މީހުންނާ ދޭތެރޭ ނިކަމެތި ގޮތްގޮތަށް ޢަމަލުކުރަމުން ދެއެވެ.
ޔާސްމީންގެ ބައްޕަ ޔޫސުފްއަށް ކިރިޔާވެސް އެކަމުން ހިތްހަމަޖެހުމެއް ލިބޭގޮތްވީ ޔާސްމީން ޒިލާލްއާ ކައިވެނި ކުރުމުންނެވެ. ޒިލާލްގެ ޢާޢިލާގައި ވަރަށް ބޮޑެތި ބިޔަ، ބާރުގަދަ ޖިންނީން ތިބެތެވެ. އޭގެ ތެރޭގައި ދެޔޯއިން، މާރިދުން އަދި ބޮޑެތި އިފުރީތުން ހިމެނެއެވެ.
އެމީހުން، ޔާސްމީން ބަލައިގަތީ އުފަލާއި އެކުގައެވެ. ދީނީގޮތުން ތަފާތުކަމެއް ހުއްޓަސް އެގޮތެއް އެމީހުން ނުބާއްވައެވެ. އަދި ވަކިން ޚާއްސަކޮށް ޔާސްމީންގެ ޢާޢިލާގެ މީހުންނަށް ކަމެއްވޭތޯ ނުވޭތޯވެސް އެމީހުން ބަލައެވެ. ދެން ތިބޭ ޖިންނީންނަކަށްވެސް އެހެންވެ އެޢާއިލާއާ އިތުރަށް ދިމާކުރާކަށް ނުކެރެއެވެ.
ޔާސްމީންގެ ބައްޕައަށް ޒިލާލްގެ ގޮތްވެސް ރަނގަޅަށް އެނގެއެވެ. ކޮންމެވެސް ދުވަހަކުން ޒިލާލްވެސް މުސްލިމްވާނޭކަމުގެ ފުރިހަމަ އުއްމީދު އަބަދުވެސް ޔޫސުފްއަށް އޮވެއެވެ.
(ނުނިމޭ)


