Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެންމެ ފަހު މެސެޖު – 5

modduwrites
modduwrites Level 1
September 9, 2026 4 Mins Read
1 Comment

ހަފްތާތައް ފާއިތުވަމުން ދިޔައެވެ. އެއްދުވަހެއްގެ މެންދުރުފަހު، އަމާން މީހުން ގެނެސްފައިވާ މާތައް އެއްކޮށް ކުނިބާލިދީއަށް އުކާލިއެވެ. އަދި ހުސްކޮށްހުރި މާވަށިގަނޑުތަކަށް ބަލަހައްޓައިގެން ކުނިބާލިދީ ކައިރީގައި ހުއްޓުނެވެ. އެ މާތައް ބެހެއްޓުމަކީވެސް ރަނގަޅުކަމެއްހެން އޭނާއަކަށް ނުވިސްނުނެވެ. އަދި އުކާލުމަކީވެސް ރަނގަޅުކަމެއްހެން ހީނުވިއެވެ.

އެރޭ އޭނާ ކޮޓަރި ސާފުކުރިއެވެ. ތަންމަތި ބަދަލުކޮށް، ކުޑަދޮރުތައް ހުޅުވައި، އީތަން އަބަދުވެސް ތުނިކަމަށް ބުނެ ޝަކުވާކުރާ ރަޖާ ފައްޖެހިއެވެ. މަސްތަކެއް ވަންދެން، އޭނާ ނިދީ އީތަން ނިދާ ފަރާތުގައެވެ. ސަބަބަކީ އެކަނިވެރިކަން ކުޑަކޮށް ނަމަވެސް ލުއިވާހެން ހީވާ ހަމައެކަނި ތަނަކީ އެއީ ކަމަށްވާތީއެވެ. ނަމަވެސް އެރޭ، އޭނާ އަނބުރާ އޭނާގެ އަމިއްލަ ފަރާތަށް ބަދަލުވިއެވެ.

“އަހަރެން ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް އެބަކުރަން” އަނދިރިކަމުގެ ތެރެއަށް އޭނާ މަޑުމަޑުން ބުނެލިއެވެ.

ޖެހިގެން އައި ހެނދުނު، އެލާމުވުމުގެ ކުރިން އަމާންއަށް ހޭލެވުނީ ހަށިގަނޑަށް އާދައާ ޚިލާފު ބަރުކަމެއް އިޙްސާސްވަމުންނެވެ. އޭނާ ތެދުވެ އިށީނުމާއެކު، މޭނުބައިކުރުމުގެ އިޙްސާސެއް ވިއެވެ. އޭނާ ހީކުރީ އެއީ ހިތާމައިގެ ސަބަބުން ވާގޮތެއް ކަމަށެވެ.

އޭގެ ކުރީރޭ އޭނާ ހޭދަކުރީ އީތަންގެ ދުވަސްވީ ފޮޓޯތައް ބެލުމުގައެވެ. ކޮންމެ ފޮޓޯއަކަށް ބަލާފައި ކަހަލަ ގޮތަކަށް ރޮއި، އެންމެފަހުން ފޮޓޯއެއް މޭގައި ޖައްސައިގެން އޮވެ އޭނާއަށް ނިދުނީއެވެ. އޭނާ ރޭގަނޑު ނުވެސް ކައެވެ. ކާތަކެތީގެ ޚިޔާލު އައުމުންވެސް އޭނާގެ ބަނޑަށް އުނދަގޫވިއެވެ. ނަމަވެސް، ސައި ހެދުމަށްފަހުވެސް އަނެއްކާ މޭނުބައިކުރަން ފެށުމުން، އަމާން ބަނޑުގައި އަތްއަޅައިގެން ބަދިގޭގައި ހުއްޓުނެވެ.

ކުއްލިއަކަށް އަމާންގެ ހިތަށް ޚިޔާލުތަކެއް ވެރިވެގަތެވެ. އެއީ ތެދަކަށް ވެއްޖާ ހަދާނީ ކިހިނެއްހެއްޔެވެ؟ އަމާން ވަގުތުން ބޯ ހޫރާލިއެވެ. މީގެ ކުރިންވެސް އޭނާއަށް އެހެން ހީވިއެވެ. މައްސަރުކަންތައް ލަސްވާ ކޮންމެ ފަހަރަކު، އަދި ހަށިގަނޑަށް އާދައާ ޚިލާފު ބަދަލެއް އަންނަ ކޮންމެ ހެނދުނަކު، އޭނާގެ ހިތުގައި އުންމީދު އާވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ އުންމީދު ނިމިގެންދަނީ، ހެދޭ ޓެސްޓަކުން، ނޫނީ ޑޮކްޓަރުގެ ހަމްދަރުދީގެ ހިމޭންކަމުންނެވެ.

އަނެއްކާވެސް އެ ތަދާ ކުރިމަތިލާކަށް އޭނާ ބޭނުމެއް ނޫނެވެ. ޚާއްޞަކޮށް އީތަން ނެތް ދުވަހެއްގައެވެ. މުޅި ދުވަހު އޭނާ މަސައްކަތްކުރީ އެކަމާ ނުވިސްނޭތޯއެވެ. ނަމަވެސް މެންދުރުފަހު އަނެއްކާވެސް މޭނުބައިކުރަން ފެށިއެވެ. އަމާން އުޅޭގޮތުން ލުހާ އޭނާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

“ކިހިނެއްވީ؟” ލުހާ އަހައިލިއެވެ.

“ކަމެއް ނުވޭ.”

“މިހާރަކަށް އައިސް އަބަދުވެސް ތިހެން ތީ ބުނަނީ.” ލުހާ އަޑު ބާރުކޮށްލިއެވެ.

“ބޮލަށް އެނބުރުން އަރައި މޭނުބައިކުރަނީ.” އަމާން މައްޗަށް ބަލައިލަމުން ބުންޏެވެ.

“ކޮން އިރަކުން ފެށިގެން.”

“މަސްދުވަސް ވެދާނެ.”

“އަމާން. އެންމެ ފަހުން މައްސަރު ކަންތައްވީ ކޮން އިރަކު.” ލުހާގެ މޫނުމަތީގެ އަސަރު ބަދަލުވިއެވެ.

“ނޭނގޭ. އަހަރެން ތާރީޚެއް ނުބަލަން.” އަމާން ހައިރާންވެފައި ހުއްޓުނެވެ. އެ ސުވާލު މުޅި ކޮޓަރިތެރޭގައި އެނބުރެމުން ގޮސް އޭނާއާ ހަމައަށް ފޯރި ކަހަލައެވެ. އީތަން ނިޔާވިފަހުން، ވަގުތު ގުނުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. އެކްސިޑެންޓް ހިނގި ދުވަސް އޭނާ މުޅި އުމުރަށް ހަނދާން ހުންނާނެއެވެ. ނަމަވެސް އެހެން ހުރިހާ ކަމެއް ވަނީ ފުސްވެފައެވެ.

“ޓެސްޓެއް ހަދައިފިންތަ؟” ލުހާ އައިސް އޭނާގެ ކައިރީގައި އިށީނެވެ. އަމާން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

“ސަބަބަކީ އެއީ ކަމަކަށް ނުވާނެތީ. އަނެއްކާވެސް އެ ތަދު ތަހައްމަލެއް ނުކުރެވޭނެ.” ލުހާ ކީއްވެގެންތޯ ސުވާލުކުރުމުން އަމާން ޖަވާބުގައި ބުންޏެވެ. އޭނާގެ އަޑުގައި ސީރިއަސްކަން އެކުލެވިފައިވެއެވެ.

“އުންމީދު ކުރާކަށް ނުޖެހޭ. ހަމައެކަނި ޓެސްޓެއް ކޮށްލާ.” ލުހާގެ މޫނުމަތިން އޯގާތެރިކަން ފާޅުވިއެވެ. އޭނާ އަމާންގެ އަތުގައި ހިފާލިއެވެ. އަމާން އެމީހުންގެ ގުޅިފައިވާ ދެއަތަށް ބަލައިލިއެވެ. އެ ޚިޔާލުންވެސް އޭނާ ބިރުގަތެވެ. ޕްރެގްނަންސީ ޓެސްޓަކީ ކުޑަކުޑަ ޕްލާސްޓިކް އެއްޗެކެވެ. ނަމަވެސް އެއިން އުފުލައިދޭނެ ހިތާމައިގެ ބަރުދަން އޭނާއަށް އެނގެއެވެ. ފާއިތުވި ފަސް އަހަރުގެ އިންތިޒާރާއި، ނެގަޓިވްވި ކޮންމެ ޓެސްޓަކާއި، އީތަން ގާތު އެ ޚަބަރު ދޭނެ ގޮތް ހިޔާލުކުރުމަށްފަހު މާޔޫސްވާންޖެހުނު ކޮންމެ ފަހަރެކެވެ.

“ނެގަޓިވް ވެއްޖެނަމަ؟” އޭނާ މަޑުމަޑުން އަހައިލިއެވެ.

“ދެން އެކަމާވެސް ކުރިމަތިލާނީ.”

“ޕޮޒިޓިވް ވެއްޖެނަމަ؟”

“އެކަމާވެސް ކުރިމަތިލާނީ.” ލުހާގެ ލޮލުން ކަރުނަ އައެވެ.

އަމާން ސިޓިންރޫމާއި ދިމާއަށް ބަލައިލިއެވެ. އެތަނުގައިވާ ލޯގަނޑު ދަށުގައި އީތަންގެ ފޮޓޯއެއް އިނެވެ. އޭނާ ހުރީ ހިނިތުންވެފައެވެ. އޭނާގެ އަތް އޮތީ އަމާންގެ ކޮނޑުމަތީގައެވެ. އޭނާއަށް އީތަންގެ އަޑު ހަނދާންވިއެވެ.

އަމާން އިންތިޒާރުކުރަމުން ދިޔައިރު، ޓެސްޓު އޮތީ ފާޚާނާގެ މޭޒުމަތީގައި އަނެއްފުށަށް ޖަހާފައެވެ. އޭނާ ފާޙަނާގެ ތަށިމަތީގައި އަތްއަޅުވައިގެން، ބަދިގޭގައި ލުހާ އުޅޭ އަޑުއަހަން ހުއްޓެވެ. ގޭތެރެއިން ދުވަނީ ސައިގެ ވަހާއި ވާރޭގެ ތެތްކަމުގެ ވަހެވެ.

އަމާން ޓެސްޓަށް ބަލައިލިއެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. މަޑުމަޑުން، އޭނާ އެ ޓެސްޓު އަނބުރައިލިއެވެ. ދެ ރޮނގު ފެންނަން ހުއްޓެވެ. އޭނާއަށް ކުރިމަތީގައިވާ މަންޒަރު ޤަބޫލެއް ނުކުރެވުނެވެ. އޭނާ ޓެސްޓަށް ބަލަހައްޓައިގެން ހުރީ، އެ ރޮނގުތައް ފިލައިގެން ގޮސް، އޭނާއަށް އޮޅުނީކަން އެނގޭނެ އިރަކަށެވެ. ނަމަވެސް އެ ރޮނގުތައް ފިލައިގެންނެއް ނުދިޔައެވެ. ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

“ލުހާ؟” އަމާންގެ އަތް ތުރުތުރުލާން ފެށިއެވެ. އޭނާގެ ދައްތަ ދޮރުމައްޗަށް ހުއްޓުނެވެ. އަމާންގެ މޫނުމަތި ފެނުމުން އެކަނިވެސް ލުހާއަށް ކަންތައް ވީގޮތް އެނގުނެވެ. އަމާންއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ދެއްކީ އަތުގައި އޮތް ޓެސްޓެވެ.

ލުހާ އެ ނަގައި، ބަލައިލުމަށްފަހު އަނގަމަތީގައި އަތްއެޅިއެވެ. އަމާން ރޯން ފެށިއެވެ. ހިފެހެއްޓުމެއްނެތި ބާރަށް އައި ކަރުނައިގެ އޮހޮރުމެކެވެ. ލުހާ ފާޚާނާއަށް ވަދެ އޭނާގެ ގައިގައި ބައްދައިލިއެވެ.

“ޕޮޒިޓިވް.” އަމާން މަޑުމަޑުން ބުންޏެވެ.

“އެނގޭ.”

“ހަގީގަތުގައިވެސް ޕޮޒިޓިވް.”

“އެނގޭ.”

އަމާން ބޯހޫރާލަމުން، އިތުރަށް ގިސްލާފައި ރޯން ފެށިއެވެ. ފަސް އަހަރުގެ އިންތިޒާރާއި، ބޭސްތަކާއި، ގެއްލިގެންދިޔަ އުންމީދުތަކަށް ފަހު، އެންމެ ފަހުން އޭނާގެ ބަނޑުގައި ދިރުމެއް އުފެދެނީއެވެ. އީތަން ދެކުނު ހުވަފެނެކެވެ. ދުވަހަކުވެސް ޙަޤީޤަތަކަށް ނުވާނެކަމަށް އޭނާ ހީކުރި ދިރުމެކެވެ. އޭނާ ތިރީގައި އިށީނެވެ. އަތުގައި އަދިވެސް އެ ޓެސްޓު އޮތެވެ. ލުހާ އޭނާގެ ކައިރީގައި ކަކޫޖައްސައިގެން އިށީނެވެ. އޭނާގެ ލޮލުންވެސް ކަރުނަ އޮއްސެމުން ދިޔައެވެ.

“އަވަހަށް ޑޮކްޓަރު ދައްކަން ދަމާ.” ލުހާ ބުންޏެވެ.

އަމާން އޭނާގެ ބަނޑަށް ބަލައިލިއެވެ. ބަނޑު އަދިވެސް އިނީ ކުރިއެކޭވެސް އެއްފަދައިންނެވެ. ބޭރުފުށުން އެއްވެސް ބަދަލެއް ނެތެވެ. އޭނާ މަޑުމަޑުން އޭނާގެ އަތްތިލަ ބަނޑުމަތީގައި ބާއްވައިލިއެވެ.

“ހެލޯ.” އޭނާ ސިއްރުސިއްރުން ބުނެލިއެވެ. އެއަށް ފަހު އޭނާ ދޮރާ ދިމާއަށް ބަލައިލީ، ވާނުވާ ނޭނގިފައި ހުރެ ހިނިތުންވެލަމުން، ދެ މީހުން އެ ރޮނީ ކީއްވެގެންތޯ އަހައިލަން އީތަން އައިސްދާނެ ކަމުގެ މައުސޫމް އުންމީދާއެކުގައެވެ. އޭނާ އީތަންއަށް އެ ޚަބަރު ދޭ މަންޒަރާއި، ޓެސްޓަށް ބަލަހައްޓައިގެން ހުރެ އޭނާގެ މޫނުމަތީގެ އަސަރުތައް ބަދަލުވެގެންދާ ތަނާއި، އުފަލުން ގޮސް ރޮމުން އޭނާގެ ގައިގައި ބައްދާލައި، އަދި ނުގަނެވި ހުރި އެއްޗެއްސާމެދު ވަގުތުން ކަންބޮޑުވާން ފަށާނެ ގޮތް ހިޔާލުކޮށްލިއެވެ.

“އީތަން މިތަނުގައި ހުރި ނަމައޭ ހިތަށް އަރާ.” އަމާން ބުންޏެވެ

“އެނގޭ.” ލުހާ އޭނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.

“އޭނާ ބުނީ ވަރަށް އަވަހަށް ގެއަށް އަންނާނަމޭ.” އަމާން އެ ޓެސްޓު އޭނާގެ މޭގައި ޖައްސައި ބާރުކޮށްލިއެވެ. ލުހާ އެއަށް ޖަވާބެއް ދޭކަށް ނޫޅެއެވެ. އެ ބަސްތަކުގެ ތަދު ކުޑަކޮށްދެވޭނެ އެއްވެސް ޖަވާބެއް ނެތީތީއެވެ.

އެރޭ، އަމާން ސިޓިންރޫމްގައި އެކަނި އިނދެގެން، އޭނާގެ ފޯނުން އީތަންގެ އެންމެ ފަހު މެސެޖު ކުޑަކޮށް އަޑު ބާރުކޮށްލައިގެން އަޑުއަހަން އިނެވެ. ހެނދުނުން ފެށިގެން އޭނާ އެ މެސެޖު އެތައް ފަހަރަކު އަޑުއަހައިފިއެވެ. ނަމަވެސް، މިހާރު އޭގެ ކޮންމެ ބަހަކުން އޭނާއަށް އާ މާނައެއް ފޯރުކޮށްދޭ ކަހަލައެވެ.

އަހަރެމެންގެ ކުޑަކުޑަ މުޢުޖިޒާތާ ބައްދަލުވެއްޖެނަމަ…..

“ބައްދަލުވެއްޖެ.” އަމާން މަޑުމަޑުން ބުނެލިއެވެ. އަދި އޭނާގެ ބަނޑުމަތީގައި އަތް ބާއްވާލިއެވެ. އޭނާގެ ދެ ލޯ ކަރުނައިން ފުރުނެވެ. އަމާން އޭނާގެ ބަނޑުގައި ހިފަހައްޓައިގެން އިނދެ މެސެޖު ނިމެންދެން އަޑުއެހިއެވެ. ނިމޭއިރަށް އަނެއްކާވެސް އެ މެސެޖު ޕްލޭކޮށްލައެވެ.

މަސްތަކެއް ފަހެވެ. އަހަރުތަކެއް ކުރިން އީތަން ހަދާފައިވާ ކުޑަކުދިންގެ ކޮޓަރީގައި އަމާން ހުއްޓިލައިގެން ހުރީ، އޭނާގެ ބަނޑުމަތީގައި މަޑުމަޑުން އަތް ބާއްވާލައިގެންނެވެ. ހަވީރުގެ އަވީގެ ރަންދޯދިތައް ކުޑަ އެނދާއި، އެތަނުގައި ތައްޔާރުކޮށްފައި ހުރި ކުޑަކުއްޖާގެ ފައްޖަހާފައިވާ ހެދުންތަކުގެ މައްޗަށް އެޅެމުން ދިޔައެވެ.

އޭނާ ކުޑަދޮރުގެ ކައިރީގައި ފޯނު ބޭއްވުމަށް ފަހު، އެންމެ ފަހު ފަހަރަށް އީތަންގެ މެސެޖު ޕްލޭކޮށްލިއެވެ. އެ ހިމޭން ކޮޓަރީގެ ތެރެއަށް އޭނާގެ އަޑު ފެތުރިގެން ދިޔައެވެ. އީތަން އޭނާގެ އަރިހުގައި ހުރި ފަދަ އިޙްސާސެއް ކުރެވުނެވެ. އެ ދެމީހުން އެކުގައި ދެކުނު ހުވަފެނާއި، ދަރިފުޅުގެ އެ ކޮޓަރިއާއި، އެ ކުޑަކުޑަ ހެދުންތައް އީތަންއަށް ފެންނާނެ ނަމައޭ އޭނާގެ ހިތަށްއެރިއެވެ. އެއަށްފަހު އަމާން ތިރިއަށް، އޭނާގެ ބަނޑަށް ބަލައިލިއެވެ.

“އީތަން ދަރިފުޅު ދެކެ ނުހަނު ލޯބިވީސް.” އޭނާ މަޑުމަޑުން ބުނެލިއެވެ. ބޭރުން، އިރުގެ އަލިކަން މަޑުވަމުންގޮސް، މުޅި ކޮޓަރި ރަންކުލައިން ދިއްލުނެވެ. އަމާން އެއް އަތުން އޭނާގެ މޭމަތީގައި އަތް އެޅިއެވެ. އަދި އަނެއް އަތުން އޭނާގެ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ގައިގައި އަތް އެޅިއެވެ.

އީތަންއެއް ނެތެވެ. އެހެންނަމަވެސް އީތަން، އަމާންއަށް ދީފައިވާ ލޯބި އަދިވެސް އޭނާއާއެކު އެބަވެއެވެ. އެ ވަގުތު އީތަން ވަކިވެގެން ދިޔަ ފަހުން އެންމެ ފުރަތަމަ ފަހަރަށް އަމާންއަށް އޭނާގެ އުފާވެރި މުސްތަގުބަލާމެދު ވިސްނައިލެވުމުން ހިނިތުންވެވުނެވެ.\

 

(ނިމުނީ)

Share Article

modduwrites
Follow Me Written By

modduwrites

Level 1

Turning thoughts, emotions, and imagination into stories. Welcome to my little world of words. @modduwrites on instagram if you want to connect! ⭐️

Other Articles

Previous

މަންޒިލް 48

Next

ހުރީމެ ތިހިތުން ޖާގަ ދޭތޯ (ފަހުބައި)

Next
September 10, 2026

ހުރީމެ ތިހިތުން ޖާގަ ދޭތޯ (ފަހުބައި)

Previews
September 9, 2026

މަންޒިލް 48

One Comment

  1. Hainee says:
    September 9, 2026 at 9:04 pm

    Alhey ninmaaleetha story
    Can’t believe migoathashey story nimeyneeves
    Amaan haadha kehtheri ey
    MASHA ALLAH
    CW4 A NEW STRY OF URS
    TC

Comments are closed.



All Right Reserved!