Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު މެސެޖު – 4

modduwrites
modduwrites Level 1
September 9, 2026 6 Mins Read
0 Comments

“ވާރޭ ބާރަށް ވެހެމުންދިއުމުގެ ސަބަބުން، އޭނާއަށް ކާރު ކޮންޓްރޯލެއް ނުކުރެވުނު.”

“ނޫން..” އަމާންގެ އަނގައިން އެ ބަސް ބޭރުވީ މަޑު ސިއްރު އަޑަކުންނެވެ. އޭނާ ވަރުބަލިކަމާއެކު ހިނިތުންވެލިއެވެ. ގަބޫލުކުރަން ދަތިވެފައި ދެކޮޅަށް ބޯ ހޫރުވަމުން ގެންދިޔައެވެ.

“އޭނާ ހަމައެކަނި ދިޔައީ ކާރު ދުއްވާލަން. އޭނާ އެއަންނަނީ ގެއަށް.” އަމާންގެ އަޑު ތުރުތުރުއެޅިއެވެ.

“އަހަންނަށް މާފުކުރޭ.” އުމުރުން ހަގު އޮފިސަރު ކަންބޮޑުވެފައި އިސްދަށަށް ޖަހާލިއެވެ. އަމާން ދެ އޮފިސަރުންގެ މޫނަށް އެކަކު އަނެކަކަށް ބަލައިލިއެވެ. އިންތިޒާރުކުރަމުންނެވެ. މިއީ އޮޅުމެއް ކަމަށް ބުނާނެ ވަގުތަކަށެވެ. އޮފިސަރުންނަށް ފެނުނު ކާރު ދުއްވަން އިނީ އެހެން އީތަންއެއް ކަމަށް އަޑުއަހަން ބޭނުންވެފައެވެ.

ނަމަވެސް ހިމޭންކަމެވެ. އަމާންއަށް ހެވުނެވެ. އޭނާގެ ކުޑަކުޑަ ހިތް ފަޅައިގެންދިޔައެވެ.

“ނޫން.. ނޫން!” ބާރުބާރަށް އޭނާ ގޮވާލިއެވެ. އޭނާގެ ކަކޫމައްޗަށް ތިރިވެ، ބިންމައްޗަށް ވެއްޓެން ދިޔައެވެ. ބިންމަތީގައި ޖެހުމުގެ ކުރިން ދުވަސްވީ އޮފިސަރު އޭނާގެ ގައިގައި ހިފެހެއްޓިއެވެ. އޭނާއަށް ނޭވާލާން ދަތިވިއެވެ. ކޮންމެ ނޭވާއެއް ލާން އުނދަގޫވެ، މޭފިތެމުންދިޔައެވެ. ޙަޤީޤަތް ޤަބޫލުކުރަން ބޭނުންނުވެގެން އުޅޭފަދައިން އޭނާ އޮފިސަރުގެ އަތްކުރީގައި ހިފާ ބާރުކޮށްލިއެވެ.

“އަހަރެން ނުވެސް…” އެ ބަސްތައް އޭނާގެ ކަރުތެރޭގައި ތަޅުލެވުނެވެ.

“އަހަރެން އަލްވަދާޢުއެއް ނުކިޔަން.” ކަރުނައިގެ ސަބަބުން ތަންތަން ފަނޑުވެފައިވެއެވެ.

“އަހަރެން…” އޭނާގެ އަޑު ކެނޑިގެން ދިޔައެވެ.

“އޭނާ ދެކެ ލޯބިވާ ވާހަކައެއް ނުބުނަން.” މުޅި އެޕާޓްމަންޓްގައި ގުގުމައިގެން ދިޔައީ އަމާންގެ ރޮއިގަތުމުގެ އަޑެވެ. އެއީ އެދުވަހުގެ ހެނދުނު ހީނސަމާސާ ކުރުމުން ފުރިފައިވި އެޕާޓްމަންޓެވެ. އެއީ ކޮންމެ ދުވަހަކު އީތަން ނުކުމެގެން ދިއުމުގެ ކުރިން އޭނާގެ ނިތްކުރިއަށް ބޮސްދިން އެޕާޓްމަންޓެވެ. އެހެންނަމަވެސް އެ އުފާވެރިކަމުގެ އެއްވެސް ނިޝާނެއް މިހާރު އެތަނުގައި ފެންނާކަށް ނެތެވެ.

ގަޑިއިރެއް ފަހުން، ޚަބަރު ހިފައިގެން އައި އޮފިސަރުން ދިޔައެވެ. އަމާންގެ އެއްބަޑު އެއްބަފާ ދައްތަ ލުހާ އައުމުންނެވެ. އޭރު މަޑުމަޑުން ގިސްލެވިފައި އަމާން އިނީ ސޯފާގައެވެ. ރޮއިރޮއި ގޮސް ކަރުނަތައް ހުސްވެފައިވާ ފަދައެވެ.

ލުހާ އަމާންގެ އަތަށް ފެންތައްޓެށް ދިނެވެ. އަމާން އެއަށް ބަލައިލިއެވެ. އެހެންނަމަވެސް ފެންތަށިން ބޯން އަމާން ޙިޔާލެއް ނުކުރިއެވެ. އެވަގުތު އޭނާގެ ފޯނު ވައިބްރޭޓްވިއެވެ. އޭނާ ވަގުތުން ތިރިއަށް ބަލައިލިއެވެ. ބޭސްކާން ޖެހޭ ވަގުތު ޖެހުމުން އެކަން ހަނދާން ކޮށްދިނުމަށް ލިބުނު މެސެޖެކެވެ. އެވަގުތު އެ މެސެޖާއެކު ވިދިގެން އެންމެ ނޮޓިފިކޭޝަނެއް އަދިވެސް ސްކްރީންގެ މަތީގައި އިންތިޒާރު ކުރަމުންދިޔައެވެ. 7:18 ގައި ފޯނަށް އައިސްފައިވާ މެސެޖެކެވެ.

އަމާން އެ ނޮޓިފިކޭޝަނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ބޮޑުވައިއިނގިލި އޭގެ މަތީގައި ހުއްޓުނެވެ. އެއަށްފަހު އޭނާ މަޑުމަޑުން ފޯނުގެ ސްކްރީން ނިއްވައިލިއެވެ.

“އަހަރެން އޭނާގެ އަޑު އަހައިފިނަމަ… އަހަންނަކަށް ކެތެއް ނުކުރެވޭނެ..” އެންމެ ކަރުނައިގެ ތިއްކެއް އަމާންގެ ކޯތާފަތުން ތިރިއަށް ފައިބައިގެން ދިޔައެވެ. ހަށިގަނޑުގެ ކޮންމެވެސް ގުނަވަނަކުން އޭނާގެ ކައިރީގައި ބުނަމުން ދިޔަ ކަހަލައެވެ. އެ މެސެޖު އަޑު އަހައިފިނަމަ އީތަން ހަގީގަތުގައިވެސް އޭނާއާ ވަކިވީއެވެ.

އެއް ހަފްތާ ފަހުން.

އާއިލާއާ ރައްޓެހިން އަމާންއަށް ޒިޔާރަތްކުރަން އައިއިރު ގެނައި މާތައް އެ ގޭތެރެއަށް ގިނަވެފައި ހުއްޓެވެ. މުޅި އެޕާޓްމަންޓް ފުރިފައިވަނީ ހުދުކުލައާއި މަޑު ފެހިކުލައިގެ މާތަކުންނެވެ. އީތަން އެންމެ ގަޔާވާ ދެ ކުލައެވެ. އެ މާތަކުން ދުވާ މީރު ވަސް ގޭގެ ދޮރުފޮތިތަކާއި ސޯފާގެ ކުޝަންތަކުގައި ހިފާފައިވެއެވެ. މާ ގެނައި މީހުން އެ މާތައް ބެހެއްޓި ތަންތަނުގައި އަދިވެސް ހުރި ގޮތަށް އެބަ ހުއްޓެވެ. ކާމޭޒުމަތީގައެވެ. ޓީވީ ކައިރީގައެވެ. ހެނދުނު އީތަން ކޮފީ ބޯން އިންނަ ކުޑަދޮރު ކައިރީގައެވެ.

“އެއްވެސް އެއްޗެއް ކައިފިންތަ؟” ލުހާ އަހައިލިއެވެ. އަމާން ބޯ ހަރަކާތްކޮށްލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ކޮންމެވެސް އެއްޗެއް ކެވޭތޯ ބަލާބަލަ.” ލުހާ އޯގާތެރިކަމާއެކު ބުންޏެވެ.

“ފަހުން ކާނަން.” ފުލުހުން އެގެއަށް އައި ފަހުން އެންމެންނަށްވެސް އަމާން ދެމުންދިޔައީ އެއް ޖަވާބެކެވެ. ފަހުން ކާނެ ކަމަށެވެ. ލުހާ އައިސް އަމާންގެ ކައިރީގައި އިށީނުމަށްފަހު އޭނާގެ އަތުގައި ހިފާލިއެވެ. އިރުކޮޅެއް ވަންދެން އަޑެއްބަޑެއް ނެތި ދެމީހުން ތިއްބެވެ.

“އީތަންގެ ސޫޓު ގެންދަން ޖެހޭ.” އަމާން ކުއްލިއަކަށް ކޮޓަރިއާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

“އަމާން. މިރޭ ތިކަން ނުކުރިޔަސް ރަނގަޅުވާނެ.” ލުހާ އަމާންގެ އަތަށް ބާރުކޮށްލިއެވެ.

“އެނގޭ.” އެހެން ބުނެފައި ވެސް އޭނާ ތެދުވިއެވެ.

އީތަންގެ އަލަމާރި އަދިވެސް ހުރީ އޭނާ ބަހައްޓާ ގޮތަށެވެ. ގަމީސްތައް ތަރުތީބުން އެކި ކުލަކުލައަށް ވަކިން އަތުރާފައިވާއިރު، ޖެކެޓްތައް ހުރީ އެއްފަރާތަކަށް ޖައްސާފައެވެ. އަނެއް ބައި އަމާންއަށް ހާއްސަކޮށްފައި ހުރި ނަމަވެސް، އޭނާ ދުވަހަކުވެސް އެ ޖާގައެއް ބޭނުމެއް ނުކުރެއެވެ. އީތަންގެ އަންނައުނުގެ ތެރެއިން އޭނާ ބޭނުންކުރާ ސެންޓުގެ ވަހާއެކު، ދޮވެފައިވާ އަންނައުނުގެ ސާފު ވަސް ދުވަމުންދިޔައެވެ.

އަމާން އަލަމާރި ކުރިމަތީގައި މަޑުކޮށްލައިގެން ސިކުންތުކޮޅަކު ހުއްޓެވެ. އެއަށްފަހު، އޭނާގެ ދައްތަގެ ކައިވެނީގެ ހަފްލާއަށް އީތަން ލީ ނޫ ކުލައިގެ ސޫޓުގައި ހިފެހެއްޓިއެވެ. އެދުވަހުގެ ހެނދުނު އީތަން ލޯގަނޑު ކުރިމަތީގައި ހުރެ، ޓައި ރަނގަޅުކުރަން އުޅުނު ގޮތާއި، ކޮޓަރީގެ ދޮރުމަތީގައި ހުރެ އޭނާއަށް ހެވުނު ހަނދާން އަމާންގެ ސިކުނޑިއަށް ވެރިވިއެވެ.

“ނުބައިކޮށް ތި އަޅަނީ. މުޅި ޓައި ރޫޖެހިފައެއްނު ތިއޮތީ.” އަމާން ހެމުން ހެމުން ބުންޏެވެ.

“މިއީ މިހާރުގެ ފެޝަން.” ޖަވާބުގައި އީތަން ބުންޏެވެ.

“މިހާރު ރީތި.” އަމާން އައިސް އޭނާގެ ޓައި ރަނގަޅުކޮށްދިނުމަށް ފަހު، ކޯތާފަތުގައި ބޮސްދިނެވެ.

“މިހާރު؟” ލޯގަނޑުން އަމާންގެ ސޫރައަށް ބަލައިލަމުން އީތަން ހިނިތުންވެލިއެވެ.

އެ ހަނދާނަކީ ވަރަށް އާދައިގެ ހަނދާނެކެވެ. ނަމަވެސް އެކަމުން ހިތުގައި އުފެދުނު ރިހުން އީތަންގެ ޖަނާޒާއަށްވުރެވެސް ބޮޑެވެ. އަމާން އެ ސޫޓު އޭނާގެ މޭގައި ޖައްސައި ބާރުކޮށްލިއެވެ. ވުން ނާދިރު ކަމެއްކަން އެނގޭއިރުވެސް، އެ ސޫޓު ހިފައިގެން އީތަންގެ ގާތަށް ގޮސް، އޭނާ އެ ސޫޓު ލައިގެން ހުއްޓާ އެއްފަހަރު އަދި ބަލާލަން އަމާން ބޭނުންވިއެވެ.

ކުއްލިއަކަށް އަމާންއަށް ހަގީގަތަށް އަނބުރާ އާދެވުނެވެ. އޭނާ ތިރީގައި އިށީނެވެ. އިރުކޮޅެއް ފަހުން ލުހާއަށް އޭނާ ފެނުނުއިރު ވެސް، އެ ސޫޓުގައި ހިފަހައްޓައިގެން އެގޮތުގައި އިނެވެ. ލުހާ އެ ސޫޓު އޭނާގެ އަތުން އަތުލާކަށް ނޫޅެއެވެ.

އެރޭ އޭނާ ނިދީ އެނދުގެ އީތަން ނިދާ ފަރާތުގައެވެ. ތަންމަތިވަނީ ފިނިވެފައެވެ. ނަމަވެސް ބާލީހުން އަދިވެސް އޭނާގެ ވަސް މަޑުމަޑުން ދުވައެވެ. ކުޑަދޮރުގައި ވާރޭގެ ތިކިތައް މަޑުމަޑުން ޖެހެމުންދިޔައިރު، އޭނާ އެ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން ސީލިންގަށް ބަލަހައްޓައިގެން އޮތެވެ.

އޭނާގެ ފޯނު އޮތީ އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައެވެ. އެ ފޯނުގައި އޭނާއަށް އިންތިޒާރު ކުރަމުންދަނީ ކޮން އެއްޗެއްކަން އޭނާއަށް އެނގެއެވެ. އެކްސިޑެންޓް ހިނގި ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އޭނާއަށް އެ ނޯޓިފިކޭޝަން ފެނެއެވެ.

އީތަންގެ ފަރާތުން 1 އާ ވޮއިސް މެސެޖު.

އޭނާ ފޯނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ފޯނުގެ ސްކްރީން ވަގުތުން ދިއްލުނެވެ. އޭނާގެ ބޮޑުވާއިނގިލި މެސެޖުގެ މަތީގައި ހުއްޓުނެވެ. އިރުކޮޅަކަށް، އެ މެސެޖު ޕްލޭކޮށްލާނެ ގޮތް އޭނާގެ ހިޔާލަށް އައެވެ. އީތަންގެ އަޑު އިވޭނެ ގޮތް ތަސައްވުރުކޮށްލެވުނެވެ. އޭނާގެ ސިކުނޑީގައި ރިކޯޑުވެފައިވާ އީތަންގެ ހަނދާންތަކުގެ އަޑުތައް ފިޔަވައި، މުޅިން އާ އެއްޗެއް އެ މެސެޖުގައި ވާނެކަން އިނގުމުން އަމާންގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. ފަހަރުގައި އެ މެސެޖު ހުޅުވަން ދަތިވެގެން އުޅޭ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. އީތަން ދުނިޔެއާއި އަލްވަދާއު ކިޔާފައިވާކަން ގަބޫލުކުރަން ދުވަހަކު ވެސް އަމާން ބޭނުމެއް ނުވެއެވެ. އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. ފޯނު އަނެއްފުށަށް ޖަހައި މޭޒުމަތީގައި ބޭއްވިއެވެ.

“މާދަމާ.” އޭނާ މަޑުމަޑުން ބުނެލިއެވެ. އެއަށް ފަހު އެސްފިޔަތައް ލައްޕައިލިއެވެ. އަދި ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އީތަންގެ އަޑުން ‘ގުޑް ނައިޓް’ ބުނާ އަޑު ނީވި އޭނާއަށް ނިދިއްޖެއެވެ.

ދަންވަރު ބާރަޖެހި ފަހުން ފެށިގެން ވާރޭ ވެހެމުންދިޔައެވެ. އަމާންއަށް ހޭލެވުނީ އެ ވާރޭގެ އަޑަށެވެ. އެވަގުތު މޭގައި އުފެދިފައިވާ ހިތާމަވެރިކަން އިޙްސާސްވަމުން ދިޔައިރު، ހަރަކާތެއްވެސް ކޮށްނުލައި ސީލިންގަށް ބަލަހައްޓައިގެން އޮތެވެ.

އޭނާ އެނދުގެ އީތަން ނިދާ ފަރާތަށް އެނބުރިލިއެވެ. އެތަނުގައިވާ އޭނާގެ ބާލީސް އަދިވެސް އިނީ ކުޑަކޮށް ފިއްތިފައެވެ. އަމާން އޭގައި ބައްދައިލި ވަރުންނެވެ.

އަމާންގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ އޭނާގެ ފޯނާ ދިމާއަށެވެ. އީތަން ވަކިވެގެން ދިޔަފަހުން ފުރަތަމަ ފަހަރަށް ފޯނު ފެނުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. ފޯނުގައިވާ މެސެޖު އަޑުއަހަން އަމާން ބޭނުންވިއެވެ. އޭނާގެ ހިއްސުތައް އެކަމަށް އެހީތެރިވަމުންދާތީ އަމާން އެންމެ އިރުކޮޅެއްވެސް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. އަދި ވަގުތުން ފޯނުނެގިއެވެ.

“އެންމެ ފަހަރަކު. ހަމައެކަނި އެންމެ ފަހަރަކު އަޑުއަހާނީ.” އޭނާ ސިއްރުސިއްރުން ބުނެލިއެވެ. އެއަށް ފަހު އަމާން އެ މެސެޖު ޕްލޭކޮށްލިއެވެ. ހިނދުކޮޅަކަށް، ހަމައެކަނި އިވުނީ މަޑުމަޑުން ކާރު ދުއްވާ އަޑެވެ. އެއަށްފަހު އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ، ހިތަށް ތަދުކުރުވި ފުން ނޭވާއެއްގެ އަޑު އިވުނެވެ.

“ހައި ލަވް..” އަމާންގެ ނޭވާ އެތެރެއަށް ހިފެހެއްޓުނެވެ. އެއީ ހަމަ އީތަންއެވެ.

“އެނގޭ އަދިވެސް ހުންނާނީ އަހަރެން ދެކެ ރުޅިއައިސްކަން.” އީތަން މަޑުމައިތިރިކަމާއެކު ކުރިއަށް ގެންދިޔައެވެ.

“ވަރަށް ބޮޑަށް ސޮރީ މަޑުނުކޮށް ގެއިން ނިކުމެވުނީމަ. ދެމީހުންގެ ރުޅި މަޑުވަންދެން އަހަރެން މަޑުކުރަން ވާނެދޯ އަސްލު. ކަންކަން މާ ގޯސްނުކޮށް ބުނާނެ އެއްޗެއް ނޭނގުނީ.” އަމާން ދެލޯ މަރައިލިއެވެ. އީތަން ކާރުގެ ތެރޭގައި އިނދެ، ބުނާނެ ރަނގަޅު ބަސްތަކެއް ހޯދަން އުޅޭނެ ގޮތް އޭނާގެ ހިޔާލަށް އައެވެ.

“އަނެއްކާވެސް ގުޅަން އުޅެފަވެސް ހީވީ އަމާންއަށް ކުޑަ ވަގުތުކޮޅެއް ބޭނުންވާނެހެން. އެކަމަކު ގެއަށް އައުމުގެ ކުރިން އެއްޗެއް ބުނެލަން ބޭނުންވީ. އަމާންއަކީ އުއްމީދު ގެއްލިފައިވާ މީހެއް ނޫން. އަމާންއަކީ ނާކާމިޔާބު މީހެއްވެސް ނޫން. އަމިއްލަ އުފަން ދަރިއަކު ނެތުމަކީ އަންހެންވަންތަކަން އުނިވާނެ ކަމެއްވެސް ނޫން. އަހަރެން އަމާންއާ ކައިވެނިކުރީ ދަރިން ހޯދައިދޭނެކަމުގެ އުންމީދަކު ނޫން.” އަމާން ލޯ ހުޅުވައިލިއެވެ.

“އަހަރެން އަމާންއާ ކައިވެނިކުރީ ހަމައެކަނި އަމާންއަށްޓަކައި. އަމާން ރޭގަނޑު ނިދާ ގަޑީ ރަޖާގަނޑު  އަތުލައިގަނެފައި، އަހަންނޭ އަތުލައިގަތީ ކިޔައި ތުހުމަތުކުރާތީ. މަގުމަތިން ބުޅަލެއް ފެނިގެން ރޯތީ. ދުނިޔޭގައިވެސް ފިހެވޭނެ އެންމެ ނުބައި ޕޭންކޭކު ފިހެފައިވެސް، އަހަރެން އެ ކާނެކަމަށް އުންމީދުކުރާތީ.” އަމާންގެ އަރުތެރެއިން ކުޑަ ހިނިގަނޑެއްގެ އަޑު ބޭރުވިއެވެ.

“އަދި ވަރުބަލި ދުވަހަކަށްފަހު ގެއަށް އަންނައިރު، މުޅި ދުވަހުގެ ވަރުބަލިކަން ފިލުވައިދޭ މީހަކީ އަމާން ކަމަށްވާތީ.” އަމާން ފޯނު އޭނާގެ މޭގައި ޖައްސައި ބާރުކޮށްލިއެވެ.

“އަހަންނަށް އެނގޭ، ދަރިއަކު ނުލިބޭތީ އަހަރެން ރުޅިއައިސްފާ ހުރިކަމަށް އަމާން ހީކުރާކަން. އަހަރެން ދެމީހުންގެ ދަރިއަކާ މެދު އަހަރެންވެސް ހުވަފެން ދެކުނިން. ކުޑަކުޑަ ފައިތިލަތަކުން ގޭތެރޭގައި ދުވާނެ ދުވަހާއި، މުޅި ތަނުގައި ކުޅޭއެއްޗެހި އުކާފައި ހުންނާނެ ދުވަހާއި، ދަންވަރު ތިނެއްޖަހާއިރު އަހަރެމެން ގޮވާލައި ހޭލައްވާނެ ދުވަސް. އެކަމަކު އެއިން އެއްވެސް ކަމަކީ އަމާންއަށްވުރެ މުހިންމު ކަންކަމެއް ނޫން.” އޭނާގެ އަޑު މަޑުމައިތިރިވިއެވެ.

“އަހަރެމެންނަށް ދުވަހަކުވެސް ދަރިއަކު ނުލިބުނަސް، އަހަރެން ވާނީ މި ދުނިޔޭގައި ހުރި އެންމެ ނަސީބުވެރި އިންސާނާއަށް. ސަބަބަކީ އަހަރެންގެ މުޅި އުމުރު ހޭދަކުރަން މިލިބުނީ އަމާންއާއެކު ކަމަށްވާތީ.” އަމާން ކުރިއަށް ގުދުވެލައި، އަޑެއް ބޭރުނުކޮށް ރޯންފެށިއެވެ.

“އަމާންއަކީ ފުރިހަމަ މީހެއް. އަބަދުވެސް އަމާން ހުންނާނީ ފުރިހަމައަށް. އަހަރެން އަމާން ދެކެ ނުހަނު ލޯބިވޭ. އަދި އެއީ ދޮގެއްކަމަށް އަމާންއަށް އިޙްސާސްކުރެވުނުނަމަ އެކަމަށް މާފަށް އެދެން. އަހަރެން މިއަންނަނީ ވަރަށް އަވަހަށް ގެއަށް. ގޮސް އަހަރެމެން ދެމީހުން ރަނގަޅަށް ވާހަކަދައްކާނީ. އަދި ކޮންމެ ގޮތަކަށް ނިންމިޔަސް، ނިންމާނީ ދެމީހުން އެކުގައި. އެކަނި އެއްވެސް ކަމެއް ތަހައްމަލުކުރާކަށް ނުޖެހޭނެ.” އީތަން ބުނަމުންދިޔަ ކޮންމެ ޖުމްލައަކުން އަމާންގެ ހިތުގައި ކޫރުން އެޅެމުންދިޔައެވެ.

“އަދި ކޮންމެވެސް ދުވަހަކުން އަހަރެމެން ކުޑަކުޑަ މުޢުޖިޒާތަކާއި ބައްދަލުވެއްޖެނަމަ، އަހަރެންގެ ފަރާތުން އެކުއްޖާ ގާތު ބުނެދޭންވާނެ. އެކުއްޖާގެ ނަންވެސް ނޭނގޭއިރު، އެކުއްޖާގެ ބައްޕަ އެކުއްޖާގެ މަންމަ ދެކެ އިންތިހާއަށް ލޯބިވި ވާހަކަ. އަހަރެން އަބަދުވެސް ޚިޔާރުކުރާނީ އަމާންކަން. ކޮންމެ ފަހަރަކު. ކޮންމެ ޙަޔާތެއްގައިވެސް. މިއަންނަނީ ވަރަށް އަވަހަށް. އަމާން ނިދާލެވޭތޯ ބަލާ. ކާން ހަނދާން ނައްތާނުލާތި. އަހަރެން ނެތި ޕޭންކޭކު ނުފިހާތި. ދެމީހުންނަށްވެސް އެނގޭ އަމާންއަށް ބެލެހެއްޓުންތެރިއަކު ބޭނުންވާނެކަން.” ރެކޯޑިން ނިމުނެވެ. އަމާން ހަރަކާތެއްވެސް ކޮށްނުލައި އިނީއެވެ. ފޯނު އަދިވެސް އޮތީ އޭނާގެ ކަންފަތުގައި ޖައްސާފައެވެ.

އެއަށްފަހު އޭނާ އަނެއްކާވެސް އެ މެސެޖު ޕްލޭކޮށްލިއެވެ. އަދި އަނެއްކާވެސްމެއެވެ. ބައެއް ފަހަރު އޭނާއަށް ރޮވުނެވެ. އަނެއްބައި ފަހަރު ޕޭންކޭކުގެ ވާހަކައިން ހެވުނެވެ. އަނެއްބައި ފަހަރު އީތަން އޭނާގެ ނަމުން ގޮވާލުމުން ލިބޭ އަސަރުން ރެކޯޑިން ހުއްޓާލައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް، އޭނާ އެ އަޑު އިތުރަށް އަޑުއަހަން އަމިއްލަ ނަފްސަށް ފުރުޞަތު ދިނެވެ.

އީތަންގެ މެސެޖު އަޑުއެހި ފުރަތަމަ ދުވަސްކޮޅު، އަމާން އުޅުނީ ކޮންމެ ތަނަކަށް ދިޔަޔަސް ފޯނު އަތަށް ނަގައިގެންނެވެ. އެއްޗެހި ފައްޖަހާއިރު، ތަށިދޮންނައިރު، އަދި ހެނދުނު ކޮފީ ބޯން ބެލްކަނީގައި އިނދެގެންވެސް އޭނާ އެ މެސެޖު އަޑުއަހައެވެ.

އޭނާ އެ އަޑުއަހަނީ ރޯކަށެއް ނޫނެވެ. އޭނާ އެ އަޑުއަހަނީ މިހާރު އީތަންގެ އަޑު އިވުމަކީ އަލިފާނުގެ ތެރެއިން ސަލާމަތްވި އަގުހުރި އެއްޗެއްގައި ބީހިލުން ފަދަ އިޙްސާސަކަށް ވީތީއެވެ. ހިތާމަ އަދިވެސް އަންނަނީ އެއްވެސް އެންގުމަކާ ނުލައެވެ. ދެވަނަ ތަށްޓަށް ސައިއަޅަން އުޅެފައި، އެ ސައިބޯނެ މީހަކު ނެތްކަން ހަނދާންވާ ފަހަރުފަހަރާއި، ކޮޓަރީގައި އުޅެނިކޮށް އީތަން ގޮވާލިހެން ހީވެގެން ހޭލެވޭ ފަހަރުތަކުންނެވެ. ނަމަވެސް އެކަނިވެރިކަން ވެރިވާހިނދު، ކުރިން ކުރެވޭ ފަދަ އެކަނިވެރިކަމުގެ އިހުސާސެއް މިހާރަކު އޭނާއަކަށް ނުކުރެވެއެވެ. އޭނާގެ އަތުގައި އީތަންގެ އަގުހުރި ބަސްތައް އެބަހުއްޓެވެ.

Share Article

modduwrites
Follow Me Written By

modduwrites

Level 1

Turning thoughts, emotions, and imagination into stories. Welcome to my little world of words. @modduwrites on instagram if you want to connect! ⭐️

Other Articles

Previous

ހިތުގެ މަގުތައް-14

Next

މަންޒިލް 48

Next
September 9, 2026

މަންޒިލް 48

Previews
September 9, 2026

ހިތުގެ މަގުތައް-14



All Right Reserved!