ރަހުމްކުރާށެވެ – 8
“ދަރިފުޅާ، މިތާ އިށީންދެބަ. ދަރިފުޅަށް މިއަދު މަންމަ ހުރިހާ ހަޤީޤަތެއް ކިޔައިދޭނަން” އަހަރެން އިށީންދެ އިން ގޮނޑި ކައިރީގަ އިން ގޮނޑިއަށް އިޝާރާތް ކޮށްފައި އަހަރެން ބުނީމެވެ. އެންމެނާ ދިމާލަށް ކަޅިހިންގަމުން ޝާޔާ އައިސް އަހަރެން ކައިރީ އިށީނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އަހަރެންގެ ވާހަކަ ފެށުނީއްސުރެ ނިމެންދެން ޝާޔާއަށް ކިޔައިދިނީމެވެ. އަހަރެން ވާހަކަ ކިޔައިދެމުން ދިޔަވަރަކަށް ޝާޔާގެ މޫނުމަތިން ކުލަވަރު ބަދަލުވަމުން ދިޔައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޝާޔާގެ ބައްޕައަކީ އާމިރު ނޫންކަން އޭނައަށް އިނގުނު ހިސާބުން އޭނަގެ ބަޑި ފަޅައިން ދިޔައެވެ. އަދި އާމިރު ގައިގާ ވަރަށް ބާރަށް ބައްދާލައިގެން ރޮމުން ގެންދިއައެވެ.
އަހަރެންގެ ވާހަކަ މެދު ކަނޑާލާފައި ދޮންތަ މެންނާ ދިމާލަށް ބަލާލީމެވެ. އެމީހުންގެ މޫނުމަތިން ލަދުވެތިކަމާ މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ. ޝާޔާ ރުއިން ހުއްޓާލާފައި ފައިޒާން ދިމާލަށް ބަލާލިއެވެ.
“ތީ އަހަރެންގެ ބައްޕަ ކަމަކަށް އަހަރެން ދުވަހަކުވެސް ޤަބޫލެއް ނުކުރާނަން. މަންމަ އަށް ދިން އަނިޔާ އަކަށް މަޢާފެއްވެސް ނުކުރާނަން. އެކަމު އަހަރެންގެ ލޭ، އަހަރެންގެ ކޮއްކޮ އަކަށް ދެރަ ގޮތެއް ވާކަށް ބޭނުމެއްނޫން. އޭނައަށް އަހަރެން އެހީވާން ބޭނުން. އޭނައަކީ މިކަންކަމާ ގުޅުން ހުރި ކުއްޖެއް ނޫން. އޭނައަށް އަދަބު ލިބޭކަށް ނުޖެހޭނެ”
“ނޫން ޝާޔާ، ތިކަން ކުރާކަށް މަންމައަކަށް ހުއްދަ އެއް ނުދެވޭނެ” އަހަންނަށް ތަންކޮޅެއް ހަރުކަށިކޮށް ބުނެވުނެވެ.
ޝާޔާ އަހަންނާދިމާލަށް ބަލާލާފައި ބުންޏެވެ. “މަންމާ، އަހަންނަކީ ބޮޑު އަންހެނެއް. އަމިއްލައަށް ކަންކަން ނިންމޭނެ. ޤާނޫނީ ގޮތުން މަންމަ އަކަށް އަހަންނެއް ނުހުއްޓުވޭނެ. މަންމަ ވިސްނާލަބަލަ ނިކަން. މީހެއްގެ ފުރާނަ ސަލާމަތް ކުރާ ވާހަކައޭ މިދައްކަނީ. މަންމަވެސް އެހާ ހިތް ހަރުވާނެހެނެއް އަހަންނަކަށް ހިޔެއް ނުވޭ.”
ޝާޔާގެ ވާހަކަތަކަކަށް އަހަންނަށް ދޭނެ ޖަވާބެއް ނޭންގުނެވެ. އޭނާވެސް އެބުނީ ތެދެކެވެ. ނަފްރަތުގެ އަލިފާނުގައި ކުށެއް ނެތް ކުއްޖެއް އަންދާލާކަށް ނުވާނެއެވެ.
“އެހެންވީމަ އަހަރެން ތިކަން ކުރަން ރެޑީ” ޝާޔާ ބުނެލިއެވެ. ޝާޔާ އެކަމަށް އެއްބަސްވުމުން ވީ އުފަލަކުން ދޮންތަ އޭނަގައިގަ ބައްދާލަން އަޔެވެ. ނަމަވެސް ޝާޔާ ފަހަތަށް ޖެހިލައި ދޮންތަ ހުއްޓުވުމުގެ ގޮތުން އަތް އުފުލާލިއެވެ.
“އަހަރެން ތިކަން ކޮށްދޭނީ ޝަރުތުތަކެއްގެ މަތިން” އަހަންނާ ދިމާލަށް ބަލާލަމުން ޝާޔާ ބުނެލިއެވެ.
“ދަރިފުޅު، ބޭނުން ކަމެއް ބުނޭ. ކޮންމެ ޝަރުތެއްވެސް އޯކޭ” ފައިޒާންގެ ދުލުން ޝާޔާއަށް “ދަރިފުޅު” އޭ ބުނުމުން ޝާޔާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.
“ފުރަތަމަ ކަމަކަށް، އަހަންނަށް ދަރިފުޅާ އޭ ނުކިޔާ. އަހަންނަކީ ތިބޭފުޅާގެ ދަރިއެއް ނޫންކަމަށް އަހަރެން މި ދުނިޔެއަށް އައުމުގެ ކުރިން ތިބޭފުޅާ ވަނީ ނިންމާފަ. ދެވަނަ ކަމަކަށް، އަހަރެން މިކަންތައް ކޮށް ނިމުނީމަ، ތިއާއިލާއިން އަހަރެންގެ އާއިލާއަށް ވައިވެސް އެޅިގެން ނުވާނެ. ތިންވަނަ ކަމަކަށް، ތިބޭފުޅާ އަހަރެންގެ މަންމައާއި ދޭތެރޭ ކަންތައް ކުރި ގޮތް، ކަމާ ބެހޭ ފަރާތަށް އަންގާ އެކަމުގެ ހައްޤު އަދަބު ހޯދަންވީ. މި ކަންކަމަށް އެއްބަސް ވަންޏާ އަހަރެން މިހާރުވެސް މިހިރީ ކޮއްކޮ އަށް އެހީވާން ރެޑީގަ.” ޝާޔާ ފަތިވަރަކަށް ހުރިހާ ޝަރުތުތަކެއް ކިޔާލާފަ ނޭވާ ދޫކޮށްލިއެވެ.
އެންމެންގެ ތެރޭގައި ހަމަހިމޭންކަމުގެ ކުޑަ ވަގުތުކޮޅެއް ދިޔައެވެ. އަހަރެންގެ ހިތް ނުތަނަވަސް ވިއެވެ. މަޑުމަޑުން ހުންނަ ޝާޔާ، މީހަކަށް ދުވަހަކުވެސް ދެރައެއް ލިބެން ނޭދޭ އަހަރެންގެ ކުޑަ ކުޑަ ޕަރީ، މިވީ ކުޑަކުޑަ ވަގުތުކޮޅު ހާދަ ހަރުކަށިވެއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ.
“ހުރިހާ ކަމަކަށްވެސް އަހަރެން އެއްބަސް،” އިސްދަށަށް ޖަހައިގެން އިނދެ ފައިޒާން ބުނެލިއެވެ.
“އެހެންވިއްޔާ ދެން ކުރިއަށްދާންވީގޮތް ބުނޭ،” ޝާޔާ ހަރުކަށިކަމާއި އެކު ބުނެލިއެވެ.
“ވީހާވެސް އަވަހަކަށް އަހަރުމެންނާ އެކީ އަތޮޅު ހޮސްޕިޓަލް އަށް ދާންވީ،” ދޮންތަ ބުނެލިއެވެ. އޭނަގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.
“އަހަރެން ދާނީ މަންމަ ގޮވައިގެން،” ޝާޔާ އެހެން ބުނެލުމަށްފަހު އަހަންނާ ދިމާލަށް އެނބުރިލިއެވެ. “މަންމަ ދާނަންދޯ؟”
އަހަރެން އާމިރުއާ ދިމާލަށް ބަލާލީމެވެ. އޭނަ އަނގައިންވެސް ނުބުނެ އަހަރުމެން ދެމައިންނަށް ބަލަހައްޓައިގެން ހުއްޓެވެ. ކަންތައް މި ވަމުންދާގޮތާއި މެދު އޭނަ ހިތްހަމަ ނުޖެހޭކަން އޭނަގެ މޫނުމަތިން ފާޅުވެއެވެ. ނަމަވެސް ޝާޔާގެ އެއްވެސް ނިންމުމަކަށް އޭނަ ދެކޮޅެއް ނަހަދައެވެ.
“މަންމަ ދާނަން. ދަރިފުޅު ތިހާ ބޮޑު ކަމެއް ކުރާއިރު މަންމަ ނުގޮސް ހުންނާނެތަ؟”
ޝާޔާ ހިނިތުންވެލާފަ ފައިޒާން އަށް ބަލާލިއެވެ.
“މާދަން ހެނދުނު ފެރީ އިން ދާނީ. ލަސްވާނެތަ އޭރަށް؟” ފައިޒާން ބޯހޫރުވާލިއެވެ. “ނޫން. ލަހެއް ނުވާނެ. މާދަން ހެނދުނު ދާން ހަދާނީ”
ޝާޔާ ބޯޖަހާލާފައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އަހަރެންވެސް ޝާޔާގެ ފަހަތުން ހިނގައިގަތީމެވެ. ފަސް އެނބުރި ދޮންތައާ ފައިޒާން އާއި ދިމާލަށް ބަލާވެސް ނުލަމެވެ.
އެރޭ އެކަކަށްވެސް ނުނިދެއެވެ. އާމިރު މުޅި ރޭ ހޭދަކުރީ އުނދޯލިގޭގައެވެ. ނިދަން އަންނަން އަހަރެން ބުނުމުންވެސް ބޯހޫރުވާލީއެވެ. މެންދަމުން އަލިވެ 3 ޖެހިއިރު ކަރު ހިއްކައިގަނެގެން ފެން ބޯން ބަދިގެއަށް ދިޔައިމެވެ. އޭރު ކާމޭޒު ކައިރީ ކޮފީ ތައްޓެއް ހިފަހައްޓައިގެން ޝާޔާ އިނެވެ.
“ދަރިފުޅާ،” އަހަރެން މަޑު މަޑުން ގޮވާލީމެވެ.
ޝާޔާ އިސްއުފުލާފާ އަހަންނާ ދިމާލަށް ބަލައިލިއެވެ. އޭނަގެ ލޮލުން ކަރުނަ ހިލޭތަން ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. މަޑުމަޑުން ގޮސް އޭނާ ގައިގާ އަހަރެން ބައްދާލީމެވެ. ބައްދާލުމާއެކެ ޝާޔާ ގިސްލަ ގިސްލާފާ ރޯން ފެށިއެވެ. އަހަރެން އަނގައިން ނުބުނަމެވެ. ޝާޔާ ހިތް ފުރެންދެން ރޯން ދޫކޮށްލީއެވެ. އޭނަ ރޯނެ ވަރަކަށް ރޮއެފަ އަހަންނާ ދުރެވެލިއެވެ.
“އަހަރެންނަށް ވިސްނެނީ މަންމަ އެ ހުރިހާ ދުވަހު އުޅުނު ހާލު. މަންމަގެ އާއިލާ މީހުންގެ އެއްވެސް އެހީތެރިކަމެއް ނެތި އަހަރެން ގޮވައިގެން މަންމަ އުޅޭނެ ހާލު. އަހަރެން ކުރާ މަސައްކަތުގެ ގޮތުން މަންމަ ކަހަލަ ބައިވަރު އަންހެނުންނާ ދިމާވޭ. ވަންނާނެ ތަނެއް ނެތިފަ ގޮތެއް ނެތިފަ. މިޒަމާނުގެ އެމީހުންނަށް ކޮށްދެވޭނެ ބައިވަރު ކަންތައްތައް އެބަހުރި. އެކަމު އަހަންނަށް އިނގޭ އޭރު މަންމަ އަށް އެހީވެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން. އެކަމާ ދެރަވަނީ”
ޝާޔާ ވާހަކަ ހުއްޓާލުމުން އަހަރެން އޭނަގެ ބޮލުގަ ފިރުމާލީމެވެ.
“ދަރިފުޅާ، އެއީ މަންމަގެ ހަޔާތުގަ އައި އެންމެ ހިތްދަތި ދުވަސްތައް. މީހުންގެ މަލާމާތާއި އާއިލާގެ ނަފްރަތާ ކުރިމަތި ލާން ޖެހުނު. މަންމަގެ ވަޒީފާވެސް ގެއްލިގެން ދިޔައީ އެކަމާ.”
“މަންމަ ބަނޑުބޮޑުވީމަ އަޅުގަނޑު ދެކެ ރުޅި އައިތަ؟” ޝާޔާ މަޑުމަޑުން އަހާލިއެވެ.
“ނޫން!” އަހަންނަށް ވަރަށް ބާރަށް ބުނެވުނެވެ. “ދަރިފުޅު ދުވަހަކުވެސް ތިހެން ހީނުކުރައްޗޭ. ދަރިފުޅުތީ މަންމަގެ އަނދިރި ހަޔާތަށް އައި އަލިކަމެއް. ދަރިފުޅު ލިބުނުކަމުން މަންމަ މޮޔަ ނުވެވެސް މިހިރީ. ތީ މަންމަ އަށް ލިބުނު ރަހުމަތެއް.”
ޝާޔާ އަހަރެންގައިގަ އަނެއްކާވެސް ބައްދާލިއެވެ.
“އަހަރެން މިކަންތައް ކުރީމަ މަންމަ އަށް ބޭއިންސާފު ވެވެނީތަ؟ މީ ރަނގަޅުކަމެއްތަ؟” ޝާޔާ ސުވާލުކޮށްލިއެވެ.
“އާން ދަރިފުޅާ. ތި ކުރަނީ ރަނގަޅު ކަމެއް. އިންސާނެއްގެ ފުރާނަ ސަލާމަތް ކުރާ ވާހަކަ މި ދައްކަނީ. އެގަޑީ މަންމައަށް އެކަމަށް ދެކޮޅު ހެދުނީ ކޮންމެހެން އެކުއްޖާއަށް ހަމްދަރުދީ ނުވާތީ އެއްނޫން. އެގަޑީ އައިއްސަ ހުރި ރުޅިއެއްގެ ސަބަބުން. މަންމަގެ ހަޔާތަށް އެހާ ވޭން ދިން މީހަކަށް މަންމަ ބޭނުން ނުވީ އެހީވާން. ކީއްކުރަން އޭނައަށް ރަހުމް ކުރަންވީ؟ އެވަގުތު މަންމަ ބޭނުންވީ އޭނަކައިރިން ބަދަލު ހިފަން. އެއީ އިންސާނީ ތަބިއްޔަތު. އެކަމު ﷲ އަށް ހަމްދު ކުރަން. އެކަން މަންމަ ގެ ހިތުން ފިލައިގެން ދިޔަކަން.”
“މަންމަ ތީ އަހަރެން މިހާ ތަނަށްދުއް އެންމެ ހިތްވަރުގަދަ އެކަކު.” ބާރަށް ބައްދާލަމުން ޝާޔާ ބުންޏެވެ.
އަހަރުމެން ދެމައިން އެރޭ ފަތިސް ވަންދެން އެކި އެކި ވާހަކަ ދައްކަން ތިބީމެވެ. އާމިރުވެސް ދޭތެރެއަކުން ކާގެއަށް ބޯދިއްކޮށްލައެވެ. އެކަމު އަނގައިންނެއް ނުބުނެއެވެ. ފަތިސް ނަމާދަށް ގޮވުމުން އަހަރުމެން ދެމައިން ނަމާދު ކުރަން ކޮޓަރިއަށް ދިޔައިމެވެ. ނަމާދުކޮށް ނިމިގެން ވަރަށް ގިނަ އިރު ވަންދެން ދުއާ ކުރަން އަހަންނަށް އިނދެވުނެވެ. ހިތުގައިވާ ހުރިހާ ކަމެއް ﷲ ހަޟްރަތުގައި ދެންނެވީމެވެ. ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

