Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ހިތް އެދޭތީ

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments1K Visits
September 3, 2026 9 Mins Read
2 Comments

 

އާދައިގެ މަތިން، ފަތިހު ނިއާފް ނަމާދުން އަންނަން ވާ އިރަށް ރީމާ ހުރީ ކޮފީތަށި ގިރާފައެވެ. ނަމަވެސް ރީމާ ފެންނާކަށް ނެތެވެ. ނަމާދު ކޮށްގެން އެ ގަޑީގައި ނިދާލުމަކީ ރީމާގެ އާދައެވެ. ކުދިން ސްކޫލަށް ފޮނުވުމަށާ ނިއާފް އޮފީހަށް ދާން ވާ އިރަށް ސަޔާއި އިންޓަވަލް ތައްޔާރު ކުރުމަށް ރީމާ ހޭލާނެ ކަން ނިއާފްއަށް އެނގެއެވެ. އެފަދަ އެއްވެސް ކަމަކަށް ރީމާ ފަރުވާކުޑަ ނުކުރާނެކަން ނިއާފްއަށް އެނގެއެވެ. އެހެން ނަމަވެސް ފަތިހުގެ އެ ވަގުތު ކޮފީ ބޯން އިންނަ އިރު ކައިރީގައި ރީމާ އިންނަ ނަމަ ނިއާފްއަށް އެ ކޮފީއިން ލިބޭ ހިތްހަމަޖެހުން އެތައް ސަތޭކަ ގުނައެއް އިތުރުވާނެ ކަން ޔަގީނެވެ.

ހައެއް ޖެހުމާއެކު ރީމާ ތެދުވެ، އެ ދެމީހުންގެ ދެ ކުދިން ކަމަށްވާ ބާރަ އަހަރުގެ މީރާއާ، ހަ އަހަރުގެ މާޒްއަށް ގޮވާ ފެންވަރުވަން ފޮނުވާފައި ބަދިގެއަށް ވަނެވެ. ކާމޭޒުދޮށުގައި އޭރުވެސް ނިއާފް އިނެވެ.

ހަގަޑި ސާޅީސް ވާންވީ އިރަށް ރީމާ ދެ ކުދިން ސައިބޮއެ ނިމި އިންޓަވަލް ތައްޔާރުކޮށް، މީރާ ގޮވައިގެން ނިއާފް ނިކުތުމުން އޭރު އަދި ތައްޔާރު ނުވެ ހުރި މާޒްގެ ހުރިހާ ކަމެއް ނިންމުމަށް ރީމާ ދިޔައެވެ. ދިހަވަރަކަށް މިނަޓް ފަހުން ނިއާފް އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލި އިރު ރީމާ ހުރީ މާޒް ގޮވައިގެން ނިކުމެއެވެ. މާޒް ގޮވައިގެން ނިއާފް ދިޔުމުން ރީމާ ގެއަށް ވަދެ މެންދުރަށް ހުރިހާ ކަމެއް ފަސޭހަ ވާނެހެން ތައްޔާރު ކުރުމަށް ފަހު ނިއާފްއަށް ސައި ހަދާފައި ކޮޓަރިއަށް ވަނެވެ.

ނިއާފް އައިސް ސައި ބޮއެގެން ތައްޔާރުވީ އިރު ރީމާވެސް ހުރީ ނިމިގެންނެވެ. އާދައިގެ މަތިން ނިއާފް އޮފީހަށް ދިޔައީ ޓިއުޝަން ސެންޓަރަށް ރީމާ ލާފައެވެ. ރީމާ މަސައްކަތް ކުރަނީ ޕާޓްޓައިމް ޓީޗަރެއްގެ ގޮތުގައެވެ. ދިހައެއް ޖަހާ އިރަށް މާޒް ބަލާ ދާ ވަގުތަކީ ރީމާގެ ހުސްގަޑިއެކެވެ. ބާރަ ޖަހާ އިރު ރީމާ ނިމެންދެން މާޒް އިންނާނީ އެ ތަނުގައެވެ. ރީމާ ގެއަށް ދާނީ މީރާ ނިމުމުން މީރާވެސް ގޮވައިގެންނެވެ.

ގެއަށް ގޮސް މެންދުރަށް ކާން ތައްޔާރުކޮށް ނިމެން ވާ އިރަށް ނިއާފް ކާން އަންނާނެއެވެ. ދެން ލިބޭ ވަގުތަކީ ގޭތެރޭގެ ބާކީ ހުރި މަސައްކަތް ކޮށްފައި ކުދިންގެ ފިލާވަޅުތައް ހެދުމުގައި އެހީވުމަށް ރީމާ ހޭދަ ކުރާ ވަގުތެވެ. އެހާ އިރަށް ނިއާފް ގެއަށް އަންނާނެއެވެ. ގިނަ ދުވަހު ނިއާފް ގެއަށް އައުމާއެކު ރީމާ ދާނީ ރީމާގެ ގެއަށް، ނުވަތަ އެކުވެރިއަކާއެކު ބޭރަށެވެ. ދެން އަންނާނީ ނުވައެއް ނުވަތަ ދިހައެއް ޖަހާލުމުންނެވެ. ކުރިން އެކަމާ ނިއާފް ޝަކުވާކުރެއެވެ. ނަމަވެސް އެއީ ރީމާގެ “ސެލްފްޓައިމް” ކަމަށް ބުނެ އެ ވަގުތަކީ ރީމާއަށް މުހިންމު ވަގުތެއް ކަމަށް ބުނުމުން ނިއާފް ފަހުން އެކަން ދޫކޮށްލީއެވެ. އެ ގޮތުން ހަފްތާއަކު ހަތަރު ވަރަކަށް ދުވަހު ރީމާ ބޭރަށް ދެއެވެ. އެ ރޭރޭ ކުދިންނަށް ކާން ދިނުމަކީ ނިއާފްގެ ޒިންމާއެކެވެ.

އެ ކަމަކާ ނިއާފް ޝަކުވާއެއް ނުކުރެއެވެ. ކުދިންގެ ކަންތައްތަކާ ގޭތެރޭގެ ކަންތައްތަކަކީ ރީމާއެކޭ އެއްފަދައިން ނިއާފްވެސް ހިއްސާ ވާންޖެހޭ ކަންތައް ކަމުގައި ނިއާފް ގަބޫލު ކުރެއެވެ. އެހެން ކަމުން، ވަގުތު ވީ ވަރަކުން ކުދިންނާ ގޭތެރޭގެ އެކިއެކި ކަންކަމުގައި ރީމާއަށް އެހީވުމަށް ނިއާފް މަސައްކަތް ކުރެއެވެ.

 

ނިއާފްއާއި ރީމާގެ ކައިވެންޏަށް ފަނަރަ އަހަރު ފުރިގެން ދިޔައީ ހައްލު ނުކުރެވޭ ވަރުގެ ހަމަނުޖެހުމެއް ނުވަތަ ޒުވާބެއް ނެތިއެވެ. ބޭރުފުށުން ބަލާ މީހަކަށް އެއީ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އެ ދިރިއުޅުމުގެ އެތެރޭގައި ވަނީ ވަރަށް ބޮޑު ހިމޭންކަމަކާއި ހުސްކަމެއް އުފެދިފައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެކަކު އަނެކަކަށް އޮތް ލޯބި ފާޅުކުރުން މަދުވެ ދެމަފިރިންގެ ދިރިއުޅުން އާދައިގެ ދިރިއުޅުމަކަށް ބަދަލުވެގެން ދިޔައެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތަކީ ކުރިން ދެމަފިރިން އެކުގައި ހޭދަކުރާ އެންމެ ޚާއްޞަ ވަގުތެވެ. ނަމަވެސް ފަހަކަށް އައިސް ރީމާ ގޭގައި ހުންނަ ރެއެއްގައިވެސް ހަމައެކަނި މޭޒުމަތީގައި ކާން ހެދުމަށްފަހު ސިޓިންގރޫމްގައި ޓީވީ ބަލަން ނުވަތަ ފޯނާ ކުޅެން އިނދެއެވެ. އެކަނި އިނދެ ކެއުމަކީ ނިއާފްގެ އާދައަކަށް ވެފައިވިއެވެ.

ކުރީގައި ނިއާފް ލޯތްބާއެކު ރީމާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ..

“ރީމާ.. އަހަރެން ބޭނުންވަނީ ރީމާ އަހަރެން ކައިރީގަ އިނދެލަން، އަހަންނާ އެކީ ކާން އަރަން، ނުކެޔަސް އަހަރެން ކައި ނިމެން ދެން ކައިރީގަ ރީމާ އިނަސް އަހަރެން ވަރަށް އުފާ ވާނެ. އަހަރެން ގެއަށް އަންނައިރު ރީމާގެ މޫނު ފެނުނީމަ ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑު. އެއީ އަހަންނަށް ވަރަށް މުހިންމު ކަންކަން” ލޯތްބާއެކު ނިއާފް ރީމާއަށް ވިސްނައިދޭން މަސައްކަތް ކުރެއެވެ.

“ނިއާފް ދެން ތީ މާބޮޑު ކަމެއް ކަމަށް ހަދައިގެން ތިއުޅެނީ. އަހަރެން މިހިރީ ހުރިހާ ކަމެއް ކޮށްދީފައެއްނު؟ ކާއެއްޗެހި ތައްޔާރު، ގޭތެރެ ސާފުކޮށްފަ، ކުދިން އެ ތިބީ ނިދާފަ. ދެން ކައިރީގަ ނީނދެވުނަސް އަހަރެން މި އިންނަނީ ދުރަކު ނޫނެއްނު؟ މުޅި ދުވަހު އަހަރެންވެސް މަސައްކަތުގަ އުޅެނީ. އަހަންނަށްވެސް ފްރީ ޓައިމް ބޭނުން ވާނެއެއްނު؟” ރީމާ އެކަންކަން ނެގީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ.

ކުދިން ލިބުމުން ރީމާގެ މަސައްކަތްވެސް އިތުރުވިއެވެ. ކުރިން ފުލްޓައިމްކޮށް ވަޒީފާއަށް ދިޔަ ނަމަވެސް ދެ ކުދިން ލިބުމުން ވަޒީފާއަށް ނުގޮސް ހުރުމަށް ފަހު ޕާޓްޓައިމްކޮށް އަލުން ވަޒީފާއަށް ދާންފެށީ މާޒް ސްކޫލަށް ވެއްދުމުންނެވެ. ޒިންމާ އިތުރުވެ ހުސް ވަގުތު ލިބުން ދަތިވީ ވަރަކަށް ރީމާގެ “ސެލްފްޓައިމް” ރީމާއަށް އިތުރަށް މުހިންމު ވިއެވެ. ކައިވެނީގެ އެންމެ ކުރީ ދެ އަހަރެއްހާ ދުވަހު އެ ވަގުތަކީ ރީމާއަށް އެހާ މުހިންމު ވަގުތަކަށް ނުވި ނަމަވެސް އޭގެ ފަހުން ފެށުނު އެ އާދަ، ކޮންމެ ކުއްޖަކު ލިބުމަށް ފަހު މެދުކެނޑުނެވެ. ނަމަވެސް މާޒް ސްކޫލަށް ވައްދާ، ރީމާ އަލުން ވަޒީފާއަށް ދާން ފެށި ފަހުން އަނެއްކާވެސް އެ ވަގުތު ރީމާއަށް ބޭނުންވިއެވެ.

އެހާ ދުވަސްވީ އިރު ދެމަފިރިންގެ މެދުގައި ހަމަނުޖެހުންވެސް އުފެދެއެވެ. ރުޅިގަދަވެ ޒުވާބު ކުރާ ހިސާބަށްވެސް ދެއެވެ. އެހެން ނަމަވެސް ދެ މީހުންނަކީވެސް ވިސްނޭ ދެ މީހުންނެވެ. ނުރުހިފައި ތިބެން ޖެހޭ ވަގުތު މާ ދިގުލައިގެން ނުދަނީސް އެ ކަންތައް ހައްލު ކުރަނީ ބައެއް ފަހަރު ރީމާ، އަނެއްބައި ފަހަރު ނިއާފް އިސްނަގައިގެންނެވެ.

އެހެން ނަމަވެސް ދެމަފިރިންގެ މެދުގައި ހުސްކަމެއް އުފެދެން ފެށިއެވެ. ނިއާފް އޮފީހުން އަންނަ އިރު ރީމާ ހުންނާނީ ބޭރަށް ދާން ތައްޔާރު ވެގެންނެވެ. ރީމާގެ އެ މިނިވަންކަމަށް ހުރަސް އެޅުމަކީ ނިއާފް ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އެހެން ކަމުން، ހިތްހަމަ ނުޖެހުނު ނަމަވެސް ނިއާފް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ ދިރިއުޅުމާ މެދު ނިއާފްގެ ހިތުގައި ޝަކުވާ އުފެދެން ފެށިއެވެ. ދެމަފިރިން އެކުގައި ފެށި ދިރިއުޅުން އެކަނިވެރި ދިރިއުޅުމަކަށް ވެއްޖެ ކަމުގައި ހީވާން ފެށިއެވެ. ރީމާއާ ނުލާ އެކަނި ގޭގައި ގިނަ ވަގުތު ހޭދަ ކުރެވުނު ވަރަކަށް އަމިއްލަ ދިރިއުޅުމަށް ބަދަލެއް ގެންނަން ވެއްޖެ ކަމުގައި ހިތް ބުނަން ފެށިއެވެ.

އެހެން ނަމަވެސް އެ ބަދަލުގެ ކުރިން ރީމާއާ ވާހަކަ ދައްކަން ނިއާފް މަސައްކަތް ކުރިއެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަ ކުރުމަށް އެދުނެވެ. މަންމަމެންމާ ކުދިން ހަވާލު ކޮށްފައި “ޑޭޓް ނައިޓް”އެއް ނުވަތަ ދެމަފިރިން އެކަނި ދެ ދުވަހަކަށް ރަށުން ބޭރަށް ގޮސްލުމަށް ބުނުމުން ފުރަތަމަ ރީމާ އެއްބަސްވިއެވެ. ނަމަވެސް ދެ އަހަރެއްހާ ދުވަސް ވީ އިރު، އެ ކަންތަކުން ރީމާގެ އަމިއްލަ ވަގުތަށް ހުރަސް އެޅެން ފެށުމުން ރީމާ ފޫހިވާން ފެށިއެވެ. މަހަކު އެއް ފަހަރު އެކުގައި ހޭދަ ކުރެވެން ފެށި ވަގުތު ދުރުވަމުން ގޮސް، ތިން އަހަރު ވީ އިރު ނިއާފް އެ ކަން ދޫކޮށްލީ އެއީ ހިތްހަމަޖެހުން ލިބޭ ކަމަކަށް ވުރެ ޝަކުވާ އަޑުއަހަން ޖެހޭ ކަމަކަށް ވުމުންނެވެ. ނަމަވެސް ދެންވެސް ރީމާއާ ވާހަކަ ދައްކާ ދެމަފިރިންގެ ގުޅުމަށް އިސްކަން ދިނުމަށް ނަސޭޙަތް ދޭން ނިއާފް މަސައްކަތް ކުރިއެވެ. ބައެއް ފަހަރު ރީމާ އަޑުއަހައެވެ. އަދި ނިއާފް އެދޭ ފަދަ ބަދަލުވެސް ފެނެއެވެ. ނަމަވެސް އަނެއްކާވެސް ކުރީގެ މިނިވަން ދިރިއުޅުމަށް އެނބުރި ދެއެވެ.

ދުވަސްތަކާއެކު ނިއާފްގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ރީމާއާ ވާހަކަ ދައްކަން މަސައްކަތް ކުރުން ހުއްޓި ހިމޭންވިއެވެ. ކުރިން ރީމާގެ ސަމާލުކަމަށް އެދި އާދޭސްކުރި ނިއާފް، ގެއަށް އަންނަ ވަގުތު މަދުކުރަން ފެށިއެވެ. ކުރިން ނިއާފްގެ ފަރާތުން ނުފެންނަ ކަމެއް ފެންނަން ފެށިއެވެ. އޮފީސް ނިންމާފައި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ފެށިއެވެ. ގޭގައި ހުންނަ ވަގުތުތަކުގައިވެސް ފޯނަށް މާބޮޑަށް ސަމާލުކަން ދޭން ފެށިއެވެ.

އާދީއްތަ ދުވަހެއްގެ ރެއެވެ. އެއީ އާންމުކޮށް އެކުވެރިންނާ އެކު ރީމާ ބޭރަށް ދާ ރެއެއް ނަމަވެސް އެރޭ ރީމާ ބޮލުގައި ރިއްސާތީ ނުގޮސް ގޭގައި މަޑުކުރިއެވެ. ފަހަކަށް އައިސް ބައެއް ރޭރޭ ރީމާ އެ ގޮތަށް ގޭގައި މަޑު ކުރާލެއް ގިނައެވެ. ބޭސް ކައިގެން އިރުކޮޅަކު ކޮޓަރީގައި އޮވެފައި ނިކުމެ ނިއާފް އިން ސޯފާގެ އަނެއް ކޮޅުގައި ރީމާ އިށީނެވެ. ޓީވީ ހުޅުވައިގެން އިން ނަމަވެސް ނިއާފްގެ ސަމާލުކަން ހުރީ އަތުގައި އޮތް ފޯނަށެވެ. ޓީވީއިން ދައްކަމުން ދިޔަ ފިލްމް ބަލަން އިން ނަމަވެސް ރީމާގެ ސަމާލުކަން ބޮޑަށް ހުރީ ނިއާފްއަށެވެ. މެސެޖް ކުރަމުން ދިޔަ ނިޔާފްގެ މޫނުމައްޗަށް ވެރިވި އުފާވެރި ހިނިތުންވުން ފެނި ފުރަތަމަ ފަހަރަށް ރީމާގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ދަތުރު ކޮށްލިއެވެ.

ނިއާފް އެހާ ހިނިއައިސްފައި އިނދެ މެސެޖް ކުރަނީ ކާކަށް ބާއޭ ރީމާ ހިތަށް އެރިއެވެ. އެއާއެކު ރީމާގެ ހިތަށް އެކިއެކި ވަސްވާސްތައް ވަންނަން ފެށިއެވެ. ރީމާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އިރުކޮޅެއް ނުވެ ހިތުގައި އުފެދެން ފެށި ޝައްކު ކުރިލާ ހެދެން ފެށިއެވެ.

ރިމާއަށް ނިއާފްއާ ސުވާލުކޮށްލާކަށް ނުކުރުނެވެ. ލިބިދާނެ ޖަވާބަކާ މެދު ކަންބޮޑުވެ ހާސްވީއެވެ. ފުރަތަމަ ހިތަށް އެރީ ހިތުގައި ވީ ފަދަ ކަމެއް ނަމަ ޖަވާބު ބޭނުން ނޫން ކަމުގައެވެ. ނަމަވެސް ދުވަސްތަކާ އެކު އެ ކަން ބަދަލުވިއެވެ. ނިއާފް ފޫހި ފިލުވަނީ ފޯނުންނެވެ. ގޭގައި ހުއްޓަސް ރީމާގެ ވަގުތަކަށް ނިއާފް ނޭދެއެވެ. ފަހަކަށް އައިސް ރޭގަނޑު ބޭރަށް ދާން ފެށިއެވެ. ރީމާ ސުވާލު ނުކުރި ނަމަވެސް ނިއާފް ކޮންމެވެސް ޖަވާބެއްވެސް ދެއެވެ.

“އެގާރަ ޖަހާލާ ހާއިރު އަންނާނަން.. ރީމާ ނިދާ އިނގޭ..”

“މިރޭ ނުކާނަން.. ކުދިންނާ އެކީ ރީމާ ކައިގެން އޮށޯވޭ އިނގޭ..”

“އަހަރެން މިރޭ ތަންކޮޅެއް ލަސްވެދާނެ..”

ކޮންމެ ރެއަކުވެސް ގެއިން ނިކުންނަމުން ރީމާ ގާތު ކޮންމެވެސް އެއްޗެއް ނުބުނެ ނިއާފް ނުނިކުމެއެވެ. ނަމަވެސް އެކަމަކުން ރިމާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭގެ ބަދަލުގައި ހިތަށް ވެރިވަނީ ނުތަނަވަސްކަމާ ހާސްކަމެވެ. ޝައްކާއި ވަހުމެވެ.

ރިމާއަށް އިތުރަށް ކެތް ނުވީ ނިއާފް މުޅި ރޭ އެކީގައި ބޭރުގައި އުޅެފައި ފަތިހު ގެއަށް އައުމުންނެވެ.

އެރޭ ރީމާގެ ލޮލަށް ނިންޖެއް ނައެވެ. އަމިއްލަ ނަފްސާ ސުވާލު ކުރެވެން ފެށިއެވެ. ފުރަތަމަ ހިތަށް ވެރިވީ މުޅިންވެސް ނޭދެވޭ ޚިޔާލުތަކެވެ. ނިއާފްއާ މެދު ޝައްކު ކުރެވުނެވެ.

“އަހަރެން ދޫކޮށްލާފަ އެހެން މީހަކު ކައިރިއަށް ދާން ފެށީތަ؟ އަނތްބަކު ހުރި ކަން، ދަރިން ތިބި ކަންވެސް ހަނދާން ނެތުނީތަ؟ ނިއާފްއަކަށް އެހެންނެއް ނުހެދޭނެ.. އަހަރެން ސުވާލު ކުރާނަން.. ނިއާފް ޖެހޭނީ ތެދަށް ބުނަން.. ދޮގު ހަދައިފިއްޔާ އަހަރެން ކޮންމެވެސް ގޮތަކުން ހުރިހާ ކަމެއް ހޯދާނަން..” ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން ރީމާއަށް ރޮވުނެވެ. އަމިއްލަ ކުށް އިހުސާސް ކުރެވެން ފެށުނީ އެ ގޮތުގައި އެތައް އިރެއް ހޭދަވީ ފަހުންނެވެ.

ފާއިތުވި އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތާމެދު ފުންކޮށް ވިސްނެން ފެށިއެވެ. ނިއާފް އެދުނީ ބޮޑެތި ކަންތައްތަކަކަށް ނޫނެވެ. އޭނާ އެދުނީ ހަމައެކަނި ލޯތްބާ އަޅާލުމަށެވެ. މަސައްކަތުގައި އުޅެ ވަރުބަލިވެގެން ގެއަށް އަންނައިރު އެ ވަރުބަލިކަން ފިލާނެ ފަދަ ހިނިތުންވުމަކަށެވެ. އެކުގައި ތިބެ ހޭދަކޮށްލާނެ ވަގުތުކޮޅަކަށެވެ. ނިއާފް އެދުނީ ނިއާފްގެ އަނބިމީހާގެ ލޯތްބާ އަޅާލުމަށެވެ.

ނަމަވެސް ރީމާއަށް މުހިންމުވީ ރީމާގެ އަމިއްލަ ވަގުތެވެ. ރިމާގެ އަމިއްލަ އުފަލާ ހިތްހަމަޖެހުމެވެ. ކައިވެންޏަށް ފަނަރަ އަހަރު ވީ އިރު، ރީމާގެ އެއްވެސް އެދުމަކަށް ނިއާފް ދެކޮޅެއް ނުހަދައެވެ. ކޮންމެ ކަމެއްގައިވެސް ނިއާފް އިސްކަން ދިނީ ރީމާއަށް ފަސޭހަ ވާނެހެން ގޮތް ނިންމުމަށެވެ. ނިއާފްއަކީ އެއްވެސް އިރެއްގައި ރައްޓެހިންނާއެކު ގިނަގިނައިން ބޭރުގައި އުޅުނު މީހެއް ނޫނެވެ. ނަމަވެސް ރީމާ އެއާ ޚިލާފެވެ. އެކުވެރިންނާ އަމިއްލަ ނަފްސަށް ވަގުތު ދިނުން ރީމާއަށް އެންމެ މުހިންމު ކަމަކަށް ވީ އިރު، ނިއާފް ބެލީ ދެމަފިރިން އެކުގައި، ބައެއް ފަހަރަށް ކުދިންނާވެސް ވަކިން ހަމަ އެކަނި ދެ މީހުންނަށް ޚާއްސަ ވަގުތުކޮޅެއް ހޯދުމަށެވެ. ކޮންމެ އަނތްބަކުވެސް އެދޭނީ އެފަދަ ވަގުތަކަށް ނޫން ހެއްޔެވެ؟ ފިރިމީހާގެ ފަރާތުން އެދޭނީ އެފަދަ ކުދިކުދި ކަންތައްތަކަށް ނޫން ހެއްޔެވެ؟ އަނބިމީހާއަކީ ހަމައެކަނި ގޭތެރޭގެ ކަންތައް ކުރުމަށާ ކުދިން ބެލުމަށް ހުންނަ މީހެއްގެ ބަދަލުގައި، އެއީ ހަމައެކަނި އަނތްބެއްގެ ގޮތުގައި ފިރިމީހާއަށް ޚާއްސަ މީހެއްކަން ބަހުންނާ އަމަލުން ހާމަ ކޮށްދިނުމަށް ނޫން ހެއްޔެވެ؟

ނިއާފްއަކީ ނަމޫނާ ފިރިއެކެވެ. ނިއާފްގެ ކިބައިގައިވެސް އުނި ސިފަތަކެއް ހުންނާނެއެވެ. އިންސާނަކަށް ވިތީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ހުރުމަކީ ނުވާނެ ކަމެކެވެ. އެހެން ނަމަވެސް ނިއާފްގެ ކިބައިން ފެންނަ ރަނގަޅު ސިފަތަކަށް ބަލާއިރު، އެފަދަ ކުދި ކަންތައްތަކަކީ އެއްވެސް އެއްޗަކަށް ނުވާނެކަން ޔަގީނެވެ.

ހުރިހާ ކަމަކަށް ފަރުވާކުޑަކޮށް ފިރިމީހާއާ ދުރެ ވެވުނީ އަމިއްލައަށް ކަން ރީމާއަށް އިހުސާސް ކުރެވި އަމިއްލަ ކުށް ގަބޫލު ކުރެވުނެވެ. އެހާ ދުވަސް ވަންދެން އެދެމުން ދިޔަ އަޅާލުމާ ލޯބި ރީމާގެ ފަރާތުން ނުލިބުމުން އެހެން ގޮތަކުން އެ ލޯތްބާ އަޅާލުން ހޯދުމަށް ނިއާފް މަސައްކަތް ކުރާނަމަ ކުށްވެރިއަކީ ރީމާއެވެ. އެ ގުޅުން ދެމެހެއްޓުމަށް ފަރުވާކުޑަކުރީ ރީމާއެވެ. އެހެންކަމުން އެ ކަމުގެ ޒިމްނާ ނަގަން ޖެހެނީވެސް ރީމާއެވެ.

މުޅި ރޭ ވިސްނުމުގައި ހޭދަ ކުރުމަށް ފަހު ރީމާ އަޒުމެއް ކަނޑައެޅިއެވެ. ގެއްލިފައިވާ ދިރިއުޅުން އަލުން ހޯދުމަށެވެ. ނިއާފް އެދޭ ލޯބި ފުރިހަމައަށް ނިއާފްއަށް ދިނުމަށެވެ. ނިއާފް އެދޭ ފަދަ އަނތްބަކަށް ވާށެވެ. އެހެން މީހެއްގެ ފަރާތުން ވަގުތާ އެހީތެރިކަމާ އަޅާލުން ހޯދުމަށް ހިތަށްވެސް ނާންނާނެ ވަރަށް ނިއާފްއަށް ލޯބި ދިނުމަށެވެ.

ޖެހިގެން އައި ދުވަހަކީ ހޮނިހިރު ދުވަހެކެވެ. އެކަކުވެސް އޮފީހަށް ދާން ނުޖެހޭ ދުވަހަކަށްވެފައި ސްކޫލްވެސް ބަންދު ދުވަހެއް ކަމުން އާންމުކޮށް އެއީ ފަތިސްނަމާދަށް ފަހު ނިދާފައި އެންމެންވެސް ލަހުން ހޭލާ ދުވަހެކެވެ. ނަމަވެސް ނަމާދަށް ފަހުން އަލުން ނިދާލުމުގެ ބަދަލުގައި ރީމާ ތެދުވެ ނިއާފް އެންމެ ގަޔާވާ ނާސްތާ ތައްޔާރުކުރިއެވެ. އެ ކަން ނިންމާލުމަށް ފަހު ރީތިވެލައިގެން ނިއާފްއަށް ގޮވިއެވެ. ދުއްވާލަން ދާން ރީމާ އެދުނީ ނިއާފް ފެންވަރައިގެން ނިކުތުމުންނެވެ. ނިއާފް ދެކޮޅެއް ނުހަދައެވެ. ރީމާ އެދުނީތީ ވަގުތުން އެއްބަސްވިއެވެ. ހުޅުމާލެއާ ހަމައަށް ގޮސްފައި އެނބުރި އައިސް ރީމާ ސައި ހެދީ ދެ މީހުންނަށެވެ. މޭޒުދޮށުގައި ނިއާފް ކައިރީ އިށީނދެފައި ރީމާ ނިއާފްގެ އަތުގައި ހިފަހައްޓާލިއެވެ.

“ނިއާފް… އަހަންނަށް މާފުކޮށްދީ..” ރީމާއަށް އެ ވަރަށް ބުނެވުނު އިރަށް ރޮވިއްޖެއެވެ.

“ކޮން ކަމަކާ؟ ކިހިނެއް ވީ؟” ނިއާފް ކަންބޮޑުވެގެން ރީމާ ގެނެސް މޭގައި ޖައްސާލިއެވެ.

“އަހަންނަށް ހީކުރެވުނީ ކައިވެންޏަކީ ހަމައެކަނި ވާޖިބުތަކެއް އަދާކުރުން ކަމަށް. ނިއާފް އަހަރެންގެ ފަރާތުން ބޭނުންވި ކުދިކުދި ކަންތައްތަކުގެ އަހަންނަށް މާ ބޮޑު ކަމަކަށް ނުވީ. އެހެންވެ އަޅާނުލާ ދޫކޮށްލެވުނީ. ނިއާފް އެދުނު ކޮންމެ ކަމެއް އަހަންނަށް ވީ ބޭކާރު ކަންތައްތަކަކަށް. ދެމަފިރިންގެ މެދުގަ އޮންނަންވާ ގުޅުމަކީ ހަމައެކަނި ކައިވެނި ނޫންކަން އޭރު ނުވިސްނުނީ. އަހަންނަށް މުހިންމު ވީ އަހަރެންގެ އަމިއްލަ ނަފްސާ، އަހަރެންގެ އެކުވެރިންނާ.. އަހަންނަށް ހީވީ ކުދިންގެ ކަންތައް ކޮށްފަ، ކުދިންނާ ނިއާފްއަށް ކައްކާ ކާން ދީފަ، ގޭތެރޭގެ ކަންތައް ކުރީމަ އެ ނިމުނީ ހެން.. އެކަމަކު އެއީ ހުރިހާ ކަމެއް ނޫން.. އަހަންނާ ނިއާފްއަށް “އަހަރުމެންގެ” ޓައިމް ބޭނުންވޭ.. އަހަރެން ބޭނުމީ އަލުން އަހަރުމެންގެ ދިރިއުޅުން ރަނގަޅުކުރަން. ޕްލީޒް.. އެހެން މީހަކު ނިއާފްގެ ލައިފްއަށް އަންނާކަށް އަހަރެން ނޭދެން.. ހުރިހާ ކަމެއް ރަނގަޅު ކުރަން އަހަންނަށް ޗާންސެއް ދީ..” ރީމާގެ އަޑުގައިވީ މަޑުމައިތިރިކަމާ އާދޭހެވެ.

ނިއާފް އިރުކޮޅަކު ރީމާގެ މޫނަށް ބަލަން ހުއްޓެވެ. އެ ދެލޮލުން ފެނުނީ ހައިރާންކަމާއި މަޑުމައިތިރިކަމެވެ. ނިއާފް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރީމާގެ އަތުގައި ބާރަށް ހިފާލިއެވެ.

“ރީމާ… އަހަރެން އެހެން އެއްވެސް މީހަކު ބޭނުމެއް ނޫން. އަހަރެން އަބަދުވެސް ބޭނުންވީ އަހަރެންގެ ރީމާ. އެކަމަކު އަހަރެން އެދުނު ލޯތްބާ އަޅާލުން ރީމާގެ ފަރާތުން ނުލިބުނީތީ އަހަރެންގެ ހިތް މާޔޫސްވީ. އަހަރެން އަދިވެސް ރީމާދެކެ ލޯބިވޭ” ނިއާފް ބުންޏެވެ.

“ނިއާފް.. އެހެން މީހަކު ނިއާފްގެ ޙަޔާތުގަ ނެތްތަ؟” އިސް އުފުލާ ނިއާފްގެ މޫނަށް ބަޅާލަމުން ފަސްޖެހިފައިވެސް ހިތުގައިވި ސުވާލު ރީމާ ކޮށްލިއެވެ.

“ތި ނޫން އަންހެނަކު އަހަރެންގެ ހަޔާތަށް ގެންނާކަށް ދުވަހަކުވެސް ނުވިސްނަން” ރީމާގެ މޫނުގައި ދެ އަތުން ހިފާލަމުން ނިއާފް ޔަގީންކަމާއެކު ބުންޏެވެ.

“ދެން.. ދެން.. މި ހުރިހާ ދުވަހު ކާކާ އެހާވަރަށް ޗެޓް ކުރީ؟ ރައްޓެއްސަކާ އެކީވެސް ރޭގަނޑު ބޭރަށް ނިކުންނަން ބޭނުން ނުވާ މީހާ ކޮންމެ ރެއަކުހެން ކޮން ތާކަށް ދަނީ؟” ރީމާ އެހިއެވެ.

“ރީމާ އަހަންނަށް ޝައްކު ކުރަނީތަ؟” އެހެން އަހާލި އިރު ނިއާފްގެ އަޑުގައިވީ ސަމާސާއެވެ.

“ޝައްކު ކުރާ ގޮތަކަށް ނޫންތަ ނިއާފް އުޅުނީ؟” ރީމާ އަހާލިއެވެ.

ޖަވާބެއް ދިނުމުގެ ބަދަލުގައި ނިއާފް ފޯން ނަގާ ހުޅުވާފައި ރީމާ އަތަށް ދިނެވެ.

ރީމާ އެކިއެކި އެޕްތައް ބެލިއެވެ. އެހެން އަންހެނަކާ އެއްވެސް ނަހަމަ ގުޅުމެއް އޮވެދާނެ ފަދަ އެއްވެސް ހެއްކެއް އެ ފޯނަކުން ނުފެނުނެވެ. ހުރީ އެކުވެރިންނާ އަދި އާއިލާގެ މީހުންނާ ދައްކާފައި ހުރި ވާހަކައެވެ.

“ދެން..؟” ރިމާ އެހިއެވެ.

“ބަލާބަލަ ތި ޗެޓްތަކުގަ އެހާ ވަރަށް ވާހަކަ ދައްކާފަ ހުރީ ކޮން ދުވަސްތަކެއްގަ ކާކާ ތޯ؟” ނިއާފް ބުންޏެވެ.

ތެދެކެވެ. ނިއާފް އެހެން މީހަކާ ވާހަކަ ދައްކާ ކަމަށް ރީމާއަށް ހީކުރެވުނު ދުވަސްތަކުގައި ނިއާފް އެންމެ ގިނައިން ވާހަކަ ދައްކާފައި ހުރީ ރިމާގެ ބޭބެއާއެވެ. ރީމާގެ ބޭބެއާ ފަހަރިއާ ދެމެދު ޖެހުނު މައްސަލަ ހައްލު ކުރުމަށް ރީމާގެ ބޭބެއަށް ލަފާދީ އެހީވީ ނިއާފްއެވެ.

“ބޭރަށް ދަނީވެސް ރާއިމްއާ އެކީ.. ދެން އަހަރެންވެސް އެ ޗާންސްގެ ބޭނުން ކުރީ.. ރީމާއަށް ޝައްކު ވާނެހެން ކަންތައް ކުރީ ގަސްތުގަ.. ރާއިމްއާ އެކީ ގޮސް އޭނައަށް ދޭ ނަސޭހަތާ އެއްގޮތަށް އަހަރެންވެސް ކަންތައް ކުރީ” ހިނިއައިސްފައި އިނދެ ނިއާފް ކިޔައިދިނެވެ.

“ހަމަ ތެދެއްތަ ތީ؟ އެހެން.. އެހެން އަންހެން ކުއްޖަކާ ނޫންތަ ޗެޓް ކުރީ؟ ބޭރަށް ދިޔައީ ހަމަ ދޮންބެއާ އެކީތަ؟” ރީމާއަށް އަހާލެވުނެވެ.

“އަހަރެން ބުނީމަ ގަބޫލު ނުކުރެވެންޏާ ރީމާގެ ދޮންބެ ކައިރީ އަހާލަބަލަ” ނިއާފް ބުންޏެވެ.

“ނޫން.. ނިއާފް ބުނެގެން ގަބޫލު ނުކުރެވުނީއެއް ނޫން.. އަހަރެން ކަންތައް ކުރި ގޮތަށް ފަހުވެސް ނިއާފް އެހެން ދިމާއަކަށް ނުގޮސް ހުރެދާނެކަން ގަބޫލު ކުރަން އުނދަގޫވީ.. އަހަންނަށް މާފުކޮށްދީ ނިއާފް. ދެން އެހެންނެއް ނުވާނެ” ރީމާ އަނެއްކާވެސް މާފަށް އެދުނެވެ.

“އަހަރެން ރީމާއަށް މާފު ކޮށްފިން. އެކަމަކު ގޮތެއްގެ މަތިން” އަނބިމީހާ ނެގެސް މޭގައި ޖައްސާލަމުން ނިއާފް ބުންޏެވެ.

“ކޮން ގޮތެއް؟” ރީމާ އަހާލިއެވެ.

“މަހަކު އެއް ފަހަރު ޑޭޓަކަށް ދާންވާނެ. އަދި.. ރީމާ ރައްޓެހިންނާ އެކީ ބޭރަށް ދިޔަޔަސް އަހަންނަށް އޯކޭ، އެކަމަކު އަހަންނަށްވެސް ވަގުތު ދޭން ވާނެ. ރީމާއާ ކައިވެނި ކުރި ދުވަހެކޭ އެއް ގޮތަށް، ނޫނީ އެއަށް ވުރެވެސް ބޮޑަށް މިއަދުވެސް އަހަރެން ރީމާ ބޭނުންވޭ. އަދި އަހަރެން އެދެނީ ރީމާވެސް އެ ގޮތަށް އަހަރެން ބޭނުން ވާން..” ނިއާފް އެދުނެވެ.

“އަހަރެން މަސައްކަތް ކުރާނަން.. އަހަރެންވެސް ނިއާފް ދެކެ ވަރަށް ލޯބިވޭ.. ފަރުވާކުޑަ ކުރެވުނީ ލޯބި ނުވާތީއެއް ނޫން.. ދުވަސްވީ ވަރަކަށް އެ ލޯބި ފާޅު ކުރުމަކީ އެހާ މުހިންމު ކަމެއް ނޫނޭ ހީކުރެވުނީ.. އެކަމަކު އެއީ ކަންތައް ވާންވީ ގޮތެއް ނޫން ކަން މިހާރު ވިސްނިއްޖެ. ނިއާފް ޝަކުވާ ކުރަން ޖެހޭ ކަމެއް ދެން އަހަރެންގެ ފަރާތުން ނުފެންނާނެ..” ނިއާފްގެ އަތުގައި ހިފާލަމުން ރީމާ ބުންޏެވެ.

“ތި ވަރުން އަހަންނަށް ފުދޭ. އަހަރެން ގަބޫލު ކޮށްފިން. ރީމާއަށް ވިސްނިއްޖެ މިހާރު، ދެން އެހެން ވިމާ މާފު ކުރާކަށް އެއްވެސް ކަމެއް ނެތް” ނިއާފްވެސް ރިމާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

“އަހަރެން ކަހަލަ ބޯހަރު މީހަކާ އެކީ ކިހިނެއް ނިއާފް މި ހުރިހާ ދުވަހު ކެތްކުރީ؟” ބޯ ހިއްލާ ނިއާފްއަށް ބަލާލަމުން ރީމާ އަހާލިއެވެ.

“އަހަރެން ލޯބިވީ ހަމައެކަނި މީހަކީ މި ބޯހަރު ރީމާ ވީމައެއްނު؟” ނިއާފް ސަމާސާއަކާއެކު ބުންޏެވެ.

ރީމާ ބާރަށް ހީލިއެވެ. ނިއާފްވެސް ހެމުން ރީމާގެ ނިތްކުރީގައި ބޮސްދިނެވެ.

 

އެ ދުވަހަށްފަހު ރީމާއާ ނިއާފްގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. ކައިވެންޏަކީ ހަމައެކަނި އެކުގައި ދިރިއުޅުން ނޫންކަމާ، އެކަކު އަނެކަކު ދެކެ ވާ ލޯބި ކުދިކުދި ކަންތައްތަކުން ފާޅުކުރުމަކީ އެ ލޯބި އިތުރުވާ ކަމެއް ކަން ރިމާއަށް ދަސްވިއެވެ. އަނބިމީހާގެ ޒިންމާއަކީ ހަމައެކަނި ގޭތެރޭގެ ކަންތައްތަކާ ކުދިންގެ ކަންތައް ނޫން ކަން ވިސްނުނެވެ. ކައިވެންޏަކީ ދެ މީހުންގެ މަސައްކަތުން ދެމެހެއްޓޭ ގުޅުމެކެވެ. ހަމައެކަނި ދެ މީހަކު އެކުގައި މުޅި ދިރިއުޅުން ހޭދަ ކުރުމަކީ ކައިވެނީގެ ހަގީގީ ބޭނުމެއް ނޫނެވެ. އެކުގައި ހޭދަ ކުރާ ދިރިއުޅުމަކީ އުފާވެރި ހިތްހަމަޖެހުން އެކުލެވިގެންވާ ގުޅުމަކަށް ހެދޭނީ އޭގައި ލޯތްބާ އަޅާލުމާ އޯގާތެރިކަން ހިމެނިގެންނެވެ. ކައިވެންޏަށް ދުވަސްވީ ވަރަކަށް ދެމަފިރިންގެ ލޯބިވެސް އިތުރުވާނީ އެ ކަމަށް މަސައްކަތްވެސް ކުރެވިގެންނެވެ. އެކަކު އެކަންޏެއް ނޫނެވެ. ދެ މީހުން އެކުގައި އެއްވަރަށް ހިއްސާ ވެގެންނެވެ.

ނިމުނީ

 

*ނޯޓް- އާ ވާހަކައެއް ގެނެސްދިނުމަށް ގިނަ ދުވަސް ނަގާތީ ކިޔުންތެރިންނަށް މާޝާގެ ފަރާތުން މި ކަހަލަ ކުރު ވާހަކަތައް ގެނެސްދިނުމަށް މަސައްކަތް ކުރާނަން. އެ ގޮތުން މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން.

 

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments1K Visits

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނޭދެން ވަކިވާކަށް 37 ވަނަ ބައި

Next

މަންޒިލް 47

Next
September 4, 2026

މަންޒިލް 47

Previews
September 3, 2026

ނޭދެން ވަކިވާކަށް 37 ވަނަ ބައި

2 Comments!

  1. Mar Sha Mar Sha says:
    September 3, 2026 at 11:10 pm

    Salaam kudhin, vaahakaeh genenudhevi maa gina dhuvas vyma kuri vaahakaeh mi faharu genesdhiny. mi vaahaka kiyuntherinnah kamudhaane kamah hykuran.

  2. Shaba_17 says:
    September 4, 2026 at 9:09 am

    Heyy Marsha how are you?
    After a long time dhw Hehe Vrh Habeys MA 💗💯
    Reema and niaaf so lwbii Masha Allah 😍
    Curiously waiting for a new story When’s next?
    Dhigu vhk eh kiyaalan libeyny Kon irakun?
    Lysm and Tc 💗✌🏻

Comments are closed.



All Right Reserved!