Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް.. 15 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
May 14, 2016 11 Mins Read
11 Comments

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޭވާ ހުރީ އަވަސްވެފައެވެ. އޭނަގެ އަތް އަހަރެންގެ ގައިގައި ޖެހުނު ވަގުތު ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. “އަހަރެންދެކެ ބިރު ގަންނަ ނަމަކަ.. އާސީންއަށް ތިވާ ހުރިހާ ގޮތެއް ނުވޭނެ.. އަދި އަހަރެންނަށް އާސީންއާއި މިހާ ކައިރީގައި ނުހުރެވޭނެ” އަހަރެން ނަގާ ކޮޅަށް ބަހައްޓަމުން އައިރް އެހެން ބުނެލިއިރު އަހަރެންގެ އަމިއްލަ ނަފްސުގެ ބާރުވަނީ ކެޑިފައެވެ. އަހަރެންގެ އެއްވެސް އިހްތިޔާރެއް ނެތި ކުރިއަށް ވުރެއް ބޮޑަށް އައިރްއާއި ކައިރިއަށް ޖެހިލެވުނެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އައިރްގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެމުން ދިޔައެވެ. މަޑުމަޑުން އައިރް އޭނަގެ އިނގިލިތަކުން އަހަރެންގެ މޫނުގައި ފިރުމާލިއެވެ. “އަހަރެން ހިތައް އަރާ.. އަހަރެންނަށް އަބަދުވެސް އާސީންއާއި މިހާ ކައިރީގައި ހުރެވޭނެ ނަމައޭ.. އަބަދުވެސް އާސީން މިގޮތަށް އަހަރެންގެ އަތުގެ ތެރޭގައި ވާނެނަމައޭ.. މިހާ ލޯބިން އަހަރެންނަށް އާސީންގެ މޫނުގައި އަބަދުވެސް ފިރުމޭނެ ނަމައޭ” އައިރްގެ އަޑު އަހަރެންގެ ކަންފަތަށް އިވެމުން ދިޔައީ މިއުޒިކެއް ފަދަ ގޮތަކަށެވެ. ބުނެލާ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތައް އިތުރު ފިނިކަމެއް ގެނެސްދެއެވެ. “މިލޯބި ލޯބި މޫނަށް ބަލަހައްޓައިގެން މިހެން އަބަދުވެސް އަހަރެން ބޭނުންވަނީ ހުންނަން.. އެކަމް އާސީން..” އައިރް އެހެން ބުނެލި ވަގުތު އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. ކުއްލިއަކަށް މީހާގެ ކޮންޓްރޯލްގެ ދަށަށް އަމިއްލަ ނަފްސު ގެންނައީމެވެ. ހުރެވުނީ އައިރްއާއި ކިހާ ކައިރިއެއްގައި ކަން އިހްސާސް ކުރެވުނެވެ. ވަގުތުން އައިރް ދުރައް ކޮށްޕާލެވުނެވެ.

އައިރް ހުރީ އެވަރަށް އެކަމަށް ވިސްނައިގެން ނޫންކަމުން އޭނަވެސް ކުޑަކޮށް ސިހިގެން ދިޔައެވެ. “އާސީން” އައިރް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އަތް ކުޑަކޮށް އުފުލާ އޭނަގެ ވާހަކަ ހުއްޓުވީމެވެ. ވަގުތުން އޭނައަށް ފުރަގަސް ދިނީމެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އަހަރެންގެ ނަފްސުގެ ކޮންޓްރޯލް ގެއްލުމުން އަމިއްލައަށް މީހާއަށް މަލާމާތް ކުރީމެވެ. “ސޮރީ… އިޓް ވޮންޓް ހެޕެން އެގެއިން” އަހަރެންނަށް އެހެން ބުނެވުނު އިރު ލޮލުން ކަރުނައިގެ ތިކިތައް އޮހިގަތެވެ. އަހަރެން އައިރްގެ ކުރިމަތީގައި ރޯކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ވަގުތުން އަތުގެ ނުފުށުން ދެލޯ ފުހެލީމެވެ. އަދި މަޑުމަޑުން ފާރުގައި ހަރުކޮށްފައި ހުރި ބޯޑާއި ދިމާލަށް ބަލާލީމެވެ. “އާސީން.. ޕްލީޒް.. އަހަރެން އާސީންއަށް ބޭނުން އެއްޗެއް ކިޔައިދީފާނަމޭ.. ޕްލީޒް.. އަހަރެންނާއި ސުވާލު ކޮށްބަލަ.. އަހަރެންނާއި ވާހަކަ ދައްކަބަލަ” އައިރްގެ އަޑުއިވުނެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. އައިރްގެ މޫނުމަތިން އޭނަ ދެރަވެފައި ހުރިކަން ކިތައްމެ ރަނގަޅަކަށްވެސް އެނގެއެވެ. “މައްސަލައެއް ނެތް.. އަހަރެން އަހާ ސުވާލުގެ ޖަވާބު އައިރްއަށް ދެވޭނެތަ” އަހަރެން ހަށަން ބަދެލީމެވެ. “ކީއްވެ ނުދެވޭންވީ” އައިރް ޔަގީންކަމާއި އެކު ބުނެލިއިރު އެމޫނު މަތިން ކުޑަހިނިތުންވުމެއް ފެނިގެން ދިޔައެވެ. “އޯކޭ.. އެހެން ވިއްޔާ ބުނެބަލަ.. އަދްލީ މަރާލީ ކާކު.. ބިކޯޒް.. އަހަރެންނަށް އެނގޭ އަދްލީ އަމިއްލައަށް މަރުވީ ނޫންކަން” އަހަރެން އެސުވާލު ކުރުމުން އައިރްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ.

އަހަރެންނަށް ހެވުނެވެ. “ވަޓް” އައިރް އަހަރެން އެހި ސުވާލު ޔަގީން ކުރުމަށްޓަކައި އަހާލިއެވެ. “އަހަރެން އޭނަ މޫނު ބަލަން ދިޔަ ދުވަހު އޭނަގެ މޫނުމަތީގައި ހުރި ނިޝާންތައް ދެކުނިން.. އެއީ އޭނައަށް މީހަކު އަނިޔާ ކޮށްފައި ހުރިކަމުގެ ނިޝާންތަކެއް.. އައިރް ބުނެދޭންވީ.. އޭނަ މަރާލީ ކާކުކަން” އަހަރެން ބުނެލީމެވެ. “ތިއީ ކޮންސުވާލެއް.. އަހަރެން ބުނީ” “އައިރް ބުނީ ސުވާލު ކުރާށޭ.. އެހެންވީމަ އަހަރެން މި ސުވާލު ކުރީ.. އެހެންވީމަ ޖަވާބު ދީ” ދެންމެ އެތަނުގައި ކަމެއްވީ ކަމަކަށް ހަދާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އެހެންކަމުން އަހަރެން ހިނިތުންވުމެއް މޫނުމައްޗަށް ގެނުވީމެވެ. އައިރްއަށް އަހަރެންގެ ސިކުނޑީގައިވާ އެއްޗެއް ނަގައިގަނެވުނު ކަހަލައެވެ. އޭނަގެ މޫނުމަތިންވެސް ނުލަފާ ހިނިތުންވުމެއް އެވަގުތު ފާޅުވިއެވެ. “އަހަރެން ބުނީ އަހަރެންނާއި ބެހޭގޮތުން ސުވާލު ކުރާށޭ.. މައްސަލައެއް ނެތް.. އެކަމަކު އާސީން ތި ކުރި ސުވާލުގެ ޖަވާބަކީ ތިކަމަކީ މިވަގުތު ތަހުގީގު ކުރެވެމުން ދާ ކަމަކަށް ވާތީ އެއްވެސް އެއްޗެއް ބުނެވޭކަށް ނެތޭ” އައިރް އޭނަގެ ފުރިހަމަ ހިނިތުންވުން އަހަރެންނަށް ރައްދުކޮށްލިއެވެ. އައިރް އެހެން ބުނުމާއި އެކު އަހަރެންނަށް ހެވުނެވެ. ހެވުނު ވަގުތު އަހަރެންނަށް އިސްޖަހާލެވުނެވެ. “ތިހެން އަބަދުވެސް އާސީން ހެވިފައި ހުންނައްޗޭ އިނގޭ” އައިރް އެހެން ބުނެލި އަޑު އިވިގެން އަހަރެން ބަލާލި އިރަކު އައިރް ކޮޓަރި ތެރޭގައި ފެންނާކަށް ނެތެވެ. އަހަރެން ހައިރާންވިއެވެ. އަވަސް އަވަހަށް އައިސް ކުޑަދޮރުން ބޯ ދިއްކޮށްލީމެވެ. އޭރު އައިރް އޭނަގެ ސައިކަލުގައި އެތަނުން ނައްޓާލަނީއެވެ.

އައިރްގެ އަމަލުތައް ހުރި ގޮތުން އޭނަ ހުރީ ވަރަށް ދެރަވެފައިކަން އެނގުނެވެ. އެއީ އަހަރެން އެހެން ހެދީމަކަންވެސް އަހަރެންނަށް އެނގެއެވެ. އެކަމަކު އަހަރެން ވަކި ކުރާނީ ކީން ހެއްޔެވެ. އައިރް އަކީ އަހަރެންނަށް ދުވަހަކު އުޅުނަސް ނުލިބޭނެ މީހެއްކަން މިހާރު އަހަރެންނަށް ޔަގީން ވެއްޖެއެވެ. އެކަމަކު އެލޯތްބާއި ނުލާ އަހަރެން އުޅޭނެ ގޮތެއްވެސް ހިތައް އެރިޔަސް އަހަރެންގެ ހިތައް ވެގެން ދަނީ ބުނަން ނޭނގޭ ކަހަލަ ތަދެކެވެ. އަހަރެން މަޑުމަޑުން ކޮޓަރި ތެރެއަށް ބަލާލީމެވެ. އެވަގުތު ބޯޑު ފެނުމުން ވަގުތުން އަހަރެންގެ ހިތައް ސިފަވީ އަދްލީއެވެ. އޭނަގެ އެހުންނަ ގޮތްގަނޑެވެ. އެ ހުންނަ ރުޅި ގަނޑެވެ. ސްކޫލް ދައުރުގައި ދެމީހުން ވެގެން އެތައް މަޖާކަމެއް ކޮންފަ ހުންނާނެއެވެ. އަހަރެން އޭނަގެ މަރުގެ އަސްލު ހަގީގަތް ހޯދާނަމެވެ. އައިރް ނުބުނިއްޔާ ވާނީ ކީންހެއްޔެވެ. ބުނާނެ އިތުރު މީހުން ތިބޭނެއެވެ. ގަޑި ބަލާލީމެވެ. ދަންވަރު އެކެއް ޖަހައިފިއެވެ. ވަގުތުން ދަބަސް އަޅުވާލައިގެން ބޭރަށް ނިކުންނަން ހިގައިގަތީމެވެ.

ދޮރު މަޑުމަޑުން ހުޅުވާލީމެވެ. ސިޓިންރޫމްއަށް މަޑު ފެހިކުލައިގެ ބޮކިން އަލިކަން ގެނެސްދެމުން ދިޔައިރު ހަމަހިމޭންކަމުން އެތަން ވަނީ ނިންދަވާލާފައެވެ. އެއްވެސް އަޑެއް ނުލައްވާ ފައިގެ އިނގިލި ތަކުގެ ކުރި ޖައްސަމުން މަޑުމަޑުން އަހަރެން ބޭރަށް ނިކުންނަން ހުރި ދޮރާއި ކައިރިއަށް ދިޔައީމެވެ. އަދި މަޑުމަޑުން ދޮރުގައި ހިފާލީމެވެ. “ކޮންތާކަށް ދަނީ” ސިހިގެން ދިޔަ ވަރުން އަހަރެންނަށް ހަޅޭލަވައި ނުގަނެވުނީ އަނގަމަތީގައި އަތް އަޅާލެވުނީމައެވެ. އެއަޑަށް ބަލާލިއިރު ދޮންބެ ހުރީ އަހަރެންނާއި ކައިރީގައި ފާރުގައި ލެގިލައިގެން ހިނިއައިސްފައެވެ. “ދޮންބެ ނުނިދަންތަ” މޭމަތީގައި އަތްއަޅައިގެން އަހަރެން ވަރަށް ސިއްރުން އަހާލީމެވެ. “ނޫނޭ.. ދެބަ ދޭތެރޭގައި މިހުރީ.. ކޮއްކޮ ނުނިދާ ކޮންތާކަށް ތިދަނީ” ދޮންބެވެސް ވާހަކަ ދެއްކީ ސިއްރު ސިއްރުންނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “ލުކް.. ކޮއްކޮއަށް ރަނގަޅަށް އެނގޭނެ ދޮންބެއަށް ކޮއްކޮ މިގަޑީގައި ގެއިން ބޭރަށް ދާކަށް ހުއްދައެއް ނުދެވޭނެކަން” އަހަރެން އެއްވެސް އެއްޗެއް ނުބުމުން ދޮންބެގެ މޫނުމަތިން ސީރިއަސްކަން ފެނިގެން ދިޔައެވެ. “ނަސީބެއް ނުން.. އައިރް ގުޅިކަން.. ކޮއްކޮގެ ފޯނަށް ނުގުޅިގެންނޯ ކިޔާފަ ދޮންބެގެ ފޯނަށް ގުޅީ.. ކޮއްކޮ ކައިރީގައި ބުނެބަލާށޯ ފޯނަށް ކިހިނެއްތޯ ހަދައިގެން ތިއުޅެނީ” ދޮންބެ ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އަހަރެންގެ ފޯނު އޮތީ އަހަރެންގެ އަތުގައެވެ. ފޯނަށް އެއްވެސް ކަމެއް ނުވެއެވެ. އައިރް ގުޅާފަ އެއްވެސް ނެތެވެ.

އެހެންވީއިރު އައިރް ދޮންބެއަށް ގުޅާފައި އެހެން ބުނަންވީ ކީއްވެ ހެއްޔެވެ. އަނެއްކާ އޭނައަށް އަހަރެން ބޭރަށް ދާންއުޅޭކަން އެނގުނީ ހެއްޔެވެ. އާއެކެވެ. އެހެންވެ އޭނަ ދޮންބެ ފޮނުވީ އަހަރެން ހުއްޓުވަން ވެގެންނެވެ. “ދޮންބެ.. ޕްލީޒް.. އަހަރެން ކޮންމެހެން ދާންޖެހޭ އެބަ..” އަހަރެން ބުނެލީމެވެ. “މިހާ ދަންވަރު ކޮންމެހެން ދާންޖެހޭ ތަނެއް އޮވޭތަ.. ނޫން ނުދެވޭނެ” ދޮންބެ ސީދާ އިދިކޮޅު ހެދިއެވެ. “އަހަރެން ބޭނުންވާ ޖަވާބު ތަކެއް ހޯދަން އެބަޖެހޭ.. ދޮންބެ ޕްލީޒް.. އަހަރެން މިހެންދާނީ ވަރަށް މުހިއްމު ވީމަކަން ދޮންބެއަށް އެނގެއެއް ނުން.. އެހެން ނޫނީ އަހަރެން މިގޮތަށް ވާހަކަ ނުދައްކާނެކަން އެނގެއެއްނުން” އަހަރެން ބެލީ ދޮންބެއަށް ވިސްނައިދެވޭތޯއެވެ. “ކާކުގެ ފަރާތުންތަ ތި ޖަވާބުތަކެއް ބޭނުންވެގެން ތިއުޅެނީ.. މާދަން ހެނދުނުންވެސް ކޮއްކޮއަށް ތިޖަވާބުތައް ހޯދިދާނެ.. ކޮއްކޮ ހަނދާންނެތުނީތާ.. ބަންޝީލް ކޮއްކޮގެ އިންތިޒާރުގައި މިގެއިން ބޭރުގައި ހުރިކަން.. ތިގޮތައް ބޭރަށް ދާތަނުން.. އޭނަ ކޮންމެ ފަދަ ކަމެއްވެސް ކޮއްކޮއަށް ކޮއްފާނެ.. މުހައްމަދުފުޅުބެ ބުންޏެއްނުން.. ދަންވަރުގެ އެކަކުން ފެށިގެން ތިނެއް ޖަހަންދެންނޭ އޭނަގެ ބާރު އެންމެ ގަދަވާނީ.. ނޫންތަ” ދޮންބެ ބުނެލިއެވެ.

“އޭނަ އެއްވެސް ކަމެއް ނުކުރާނެ.. އަހަރެންނަށް ޔަގީން” އަހަރެން ބުނެލީމެވެ. “ކޮއްކޮއަށް ކިހިނެއްތަ އެހާ ޔަގީންކަމާއި އެކު ތިހެން ބުނެވޭނީ.. ކޮއްކޮއަށް އެނގޭނެ” “އަހަރެންނަށް ޔަގީން.. ދޮންބޭ ޕްލީޒް.. އަހަރެންނަށް އިތުބާރު ކޮށްބަލަ” އަހަރެން ދޮންބެގެ އަތުގައި ހިފާލީމެވެ. އާދޭސް ކުރާ ކަހަލަ ގޮތަކަށް ދޮންބެއާއި ދިމާލަށް އަހަރެން ބަލާލީމެވެ. “ކޮއްކޮއަށް އިތުބާރު ކުރަމޭ.. އެކަމަކު ބަންޝީލްއަށޭ ނުކުރަނީ” ދޮންބެ ބުނެލިއެވެ. “އަހަރެންނަށް އިތުބާރު ކުރީމަ އެނިމުނީ.. ސޯ ޕްލީޒް.. އަހަރެން ދާން ހުއްދަ ދީ.. އަހަރެން އަންނާނަށް ތިނެއް ޖެހުމުގެ ކުރިން.. ޕްރޮމިސް.. ނައިސްފިނަމަ މައްސަލައެއް ނެތް.. ދޮންބެއަށް ފެންނަ ގޮތަކަށް ކަންތައް ކުރިއަސް” އަހަރެން ބުނެލީމެވެ. ދޮންބެ ޝައްކުގެ ނަޒަރަކުން ބަލާލިއެވެ. “އަސްލު.. މިބުނަނީ… ދޮންބެ ބޭނުން ކަމެއް ކުރިޔަސް އޯކޭ..” އަހަރެން ދެވަނަ ފަހަރަށް ބުނެލީމެވެ. “ކޮއްކޮ ތިނެއް ޖަހާ އެމްމިނެޓް ހިގާ އިރު މިގޭގައި ނެތިއްޔާ ބައްޕައަށް ގޮވާނަން” ދޮންބެ އަހަރެންނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިންޒާރު ދިނުމުގެ ގޮތުން ބުނެލިއެވެ. “އޯކޭ..” އަހަރެން ބުނެލީމެވެ. “ތެންކިއު ތެންކިއު ތެންކިއު” އަހަރެން އެހެން ކިޔަމުން އަވަސް ކަމާއި އެކު ދޮރު ހުޅުވާލަމުން ބޭރަށް ނިކުތީމެވެ.

ބޭރަށް ނިކުމެ އަވަސް ކަމާއި އެކު ސައިކަލް ދުއްވާލީމެވެ. ދަންވަރުގެ ފިނި ވައިރޯޅިތައް އަހަރެންގެ ގައިގައި ބޮސްދެމުން ދިޔައެވެ. އަހަރެން އަވަސް ކަމާއި އެކު އައިސް ސައިކަލް މަޑުކޮށްލީ ފެމެލީ ކޯޓް ކައިރިއަށެވެ. އެތަނުގައި ޖަހާފައިވާ ހޮޅިބުރީގެ އަލި ފެމެލީ ކޯޓް ކައިރިއަށް އެޅިފައި ހުއްޓަސް އަނެއް ފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް އެހާ ބޮޑަކަށް އެޅިފައެއް ނެތެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެވަގުތު އެތަނުގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. އަހަރެން ކޮނޑުގައި އިން ދަބަސް ތެރެއަށް އައްލަމުން އެއްޗެއް ނެގީމެއެވެ. އެއީ މީގެ ކުޑަ އިރުކޮޅެއް ކުރިން އަހަރެންގެ އުނަގަނޑުގައި އޮތް ތަވީދެވެ. ގެއިން ނިކުމުގެ ކުރިން އަހަރެން އޭތި ނަގާ ދަބަސް ތެރެއަށް ލީއެވެ. އަލުން އޭތި ދަބަސް ތެރެއަށް ލަމުން މަޑުމަޑުން އެންމެ އަދިރިކޮށް ފެންނަން ހުރި ގަސްތަކުގެ ތެރެއަށް ހިގައިގަތީމެވެ. ބިރު ގަތްނަމަވެސް އަހަރެން މިރޭ ދާނީ އަހަރެން ބޭނުންވާ ސުވާލު ތަކުގެ ޖަވާބު ހޯދައިގެންނެވެ. ބަންޝީލް މިރޭ އަހަރެންގެ ހުރިހާ ސުވާލު ތަކަށް ޖަވާބު ދޭންޖެހޭނެއެވެ. އެހެން ނޫނީ އޭނައަށް އަހަރެން އެއްކޮށް ގެއްލޭނެއެވެ.

ގަސްތަކުގެ ތެރެއަށް ވަތް އިރު އަހަރެންގެ އަމިއްލަ ހިތުގެ ތެޅުމުގެ އަޑު އިވެމުން ދިޔައެވެ. މަޑުމަޑުން ދެއަތް ދެއަތާއި ކާއްތާލީމެވެ. އުޑުމަތި ވަނީ ބަނަފެވަ ކަންނޭނގެއެވެ. އެއްވެސް ތަރިއެއް ފެންނާކަށް ނެތެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން ހީވަނީ ވަރަށް އަވަހަށް ވާރޭ ވެހެން އުޅޭ ހެންނެވެ. “ބަންޝީލް” އަހަރެން މަޑުމަޑުން އެނަން ކިޔާލީމެވެ. އަތުގައި އޮތް ދަބަސް ކައިރީގައި އިށީންނަން ހަދާފައިވާ ކުޑަ ބެންޗް މަތީގައި ބޭއްވީމެވެ. އަދި މަޑުމަޑުން ތެދުވެ އެތަނާއި ކުޑަކޮށް ދުރައް ޖެހިލީމެވެ. ދެވަނަ ފަހަރަށް ހިތައް ބަންޝީލްގެ ނަން އަރުވާލީމެވެ. “ވައު.. އަހަރެންނަށް މިފެންނަނީ ހުވަފެނެއްތަ” ބަންޝީލްގެ އަޑު އިވުނީ އަހަރެންގެ ފަހަތުންނެވެ. އަހަރެން އެބުރި ބަލާލީމެވެ. އާދައިގެ ގޮތަކަށް ކަޅު ކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި އިރު އެސިފައަށް އިތުރު ފުރިހަމަކަމެއް ދައްކައެވެ. އޭނަ ހުރީ އެއްއަތް ޖީބަށް ޖަހާލައިގެންނެވެ. “އަހަރެން ހިތަކަށް ނާރާ ދުވަހަކުވެސް.. އާސީން ތިގޮތަށް އަމިއްލައަށް އަހަރެން ކައިރިއަށް އަންނާނެ ކަމަކަށް” ބަންޝީލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އަހަރެންނަށް ފަހަތަށް ފިޔަވަޅެއް ޖެހިލެވުނެވެ. “ހާދަ ބިރެއް ތި ގަންނަނީ.. އެނގޭތަ.. އަހަރެންނަށްވެސް އެބަ އިވޭ ތި ކުޑަކުޑަ ހިތް ތެޅޭ އަޑު.. ތިހާ ބާރަށް ތެޅެންޏާމު ހާޓްއެޓޭކެއް ޖެހިދާނެ އެއްނުން” ބަންޝީލްގެ މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމެކެވެ. “އަހަރެން މިއައީ ސުވާލު ތަކެއްގެ ޖަވާބު ބޭނުންވާތީ..” އަހަރެން ހިތްވަރުކޮށްފައި ވާހަކަ ދެއްކީމެވެ.

“އާސީން ހާ މޮޔަ އަންހެން ކުއްޖެއް އަހަރެން އަދި ނުދެކެން.. ސުވާލު ތަކެއްޖެ ޖަވާބު ބޭނުންވާތީ.. މިގަޑީގައި.. ތަވީދު ނަގައިގެން.. އަހަރެން ކައިރިއަށް ތި އައީ..” ބަންޝީލް ބުނެލިއެވެ. “އާ.. މޮޔަ ވިޔަސް.. އަދި އެހެން ކަމެއް ވިޔަސް.. އަހަރެންނަށް މިސުވާލުގެ ޖަވާބުތައް ލިބިގެން ނޫނީ މިރޭ އަހަރެންނަށް ނުވެސް ނިދޭނެ” އަހަރެން ކޮންމެހެން ބަންޝީލްގެ ކުރިމަތީގައި ދެރަވެ ފިޑީވާކަށް ބޭނުމެއް ނުވިއެވެ. “ތިހާ މުހިއްމު ސުވާލު ތަކެއް ނަމަ.. ކީއްވެ މުހައްމަދުފުޅު ކައިރިއަށް ނުދިޔައީ.. ބާރުގެ ބޭނުން ކީއްވެ ނުކުރީ..” ބަންޝީލް އަހާލިއެވެ. “އަހަރެންނަށް ކޮންމެހެން ބަންޝީލްއާއި ވާހަކަ ދައްކާކަށް އިތުރު މީހެއްގެ އެހީއެއް ބޭނުމެއް ނުވޭ.. އެގޮތަށް އަހަރެންނަށް ވިސްނިފައިއޮތީ” އަހަރެން ހަމަޖެހިލުމައްޓަކައި ހަށަން ބަދެލީމެވެ. އެވަގުތު ބަންޝީލް ހިނިގަޑެއް ޖަހާލިއެވެ. “އާސީން ހަނދާންވޭތަ.. އެއްދުވަހަކު އަހަރެން ބުނި އެއްޗެއް.. އަހަރެން ބުނިން އާސީންގެ ދުނިޔެއް އަށް ގެންދާނަމޭ.. އެއްވެސް މީހަކަށް ނުހުއްޓުވޭނެއޭ” ބަންޝީލް ބުނެލިއެވެ. އޭނަ ބޭނުންވި އަހަރެންނަށް ބިރު ދައްކަން ކަންނޭނގެއެވެ. “އަހަރެންނަށް އެނގޭ ބަންޝީލް އަހަރެންނަށް އެއްވެސް ދެރައެއް މިރޭ ނުދޭނެކަން..” އަހަރެން ބުނެލީމެވެ. އެއީ ކީއްވެހޭ އަހާލާ ގޮތަކަށް ބަންޝީލް އަހަރެންނަށް ބަލާލިއެވެ. “ކުރިންރޭ.. މުހައްމަދުފުޅުގެ ގެއިން ބަންޝީލްއަށް ކަމެއް ނުވެ ސަލާމަތްވީ އަހަރެންގެ ސަބަބުން” އަހަރެން ބުނެލީމެވެ.

“އާ ތިކަން އަހަރެންނަށް އެނގޭ.. އެރޭގައި ވީ ހުރިހާ ކަމެއް އަހަރެންނަށް އެނގޭ” ބަންޝީލް ހިނިތުންވެލިއެވެ. “އެކަމަށް އަދި އަހަރެންނަށް ޝުކުރު އަދައެއް ނުކުރެވޭދޯ.. ތެންކިއު ސޯ މަޗް.. ފޮ ސޭވިން މައި ލައިފް” އެހެން ބުނެލިއިރު އެމޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެވެ. “އެހެންވެ އަހަރެން މިރޭ މިއައީ.. އޭގެ ބަދަލު ހޯދަން” އަހަރެން ބުނެލީމެވެ. ބަންޝީލްގެ މޫނަށް އެރި ކުލަވަރުން އޭނަ ހައިރާންވިކަން އަހަރެންނަށް އެނގުނެވެ. “ބަދަލު ހޯދާށޭ..” ބަންޝީލް ހީގަތެވެ. “ލުކް.. އައި ޖަސްޓް ވޯންޓް އާންސާސް.. އެކަން ކުރީމަ އެނިމުނީ ނުން.. އަހަރެންނަށްވެސް އަދި ބަންޝީލްއަށް ވެސް އެނގޭ އަހަރެން މިތަނަށް މިގޮތަށް މި އައީ ބަންޝީލްގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން އަހަރެންނަށް އޮތީމަކަން.. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް.. އަހަރެންނަށް މުހިއްމީ ޖަވާބު.. ސޯ.. ޓެލްމީ.. ދޭނަންތަ ތަ ނޫނީ ނުދޭނަންތަ..” އަހަރެން ހިތްހަމަނުޖެހުނެވެ. “އޯކޭ.. އަވަހަށް އަހާ.. ޖަވާބު ދޭން މިހުރީ ތައްޔާރަށް.. އެއްވެސް އިރެއްގައި އަހަރެން ޖަވާބު ނުދޭކަން ނޫޅެމޭ.. އެކަމަކު.. ތިހާ ލޯބިން އަހާލީމަ ހަމަ ހިނިއައީ..” ބަންޝީލް ބުނެލިއެވެ. “އޯކޭ.. އަހަރެންގެ ދެތިން ސުވާލެއް އެބައުޅޭ.. ތައްޔާރުތަ” އަހަރެން އަހާލީމެވެ. “މިއީ އިންޓަވިއު އެއްތަ.. ނައިސް.. އެންމެ ފުރަތަމަ ޖިންނިއަކާއި އިންޓަވިއު ކުރި ކަމުގެ ޝަރަފު އާސީންއަށް… ގަދަ އިނގޭ” ބަންޝީލް އަނެއްކާވެސް ހީގަތެވެ. އޭނަގެ މަގްސަދަކީ އަހަރެން ރުޅިއެރުވުމެވެ. އެހެންކަމުން ދަތްޕިލަ ބާރުކޮށްލަމުން އޭނައަށް ހިނިތުންވުމެއް ރައްދުކޮށްލީމެވެ.

” އަދްލީ މަރާލީ ބަންޝީލްތަ” އަހަރެން ސުވާލު ކުރީމެވެ. “އަހަރެން މޮޔައޭ ބުނީ އަޅެއް ބުނަންވެގެންނެއް ނޫންތަ.. ބަލަ ރަނގަޅަށް އެނގޭނެ.. އަހަރެން އެރޭގައި ހުރީ މުހައްމަދުފުޅުގެ ހައްޔަރުގައި ކަން..” ބަންޝީލް ވާހަކަ ދެެއްކިއެވެ. “ތިކަން އަހަރެންނަށް ކިތައްމެ ރަނގަޅަކަށްވެސް އެނގޭ.. އެކަމަކު ޖިންނިންނަކީ އެތައް ކަމެއް ކުރުމުގެ ބާރު ލިބިފައިވާ ބައެއްކަން އަހަރެންނަށް އެނގޭ.. އެހެންވެ މިއެހީ.. ސޯ ޓެލްމީ ޔޭސް.. އޯ ނޯ..” އަހަރެން ހިތްހަމަނުޖެހިފައި ބުނެލީމެވެ. “ބާރު ތަކެއް ލިބިފައި ހުރޭ.. އެކަމަކު އެރޭގައި.. އަހަރެންގެ ހުރިހާ ބާރެއް ހުރީ އާސީން މެދުވެރިކޮށް މުހައްމަދުފުޅުގެ ބާރުގެ ދަށުގައި.. ސޯ ނޯ.. އަހަރެން އަދްލީއެއް ނުމަރަން” ބަންޝީލް ބުނެލިއެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “އެކަމަކު އަދްލީ މަރާލި މީހުން އަހަރެންނަށް އެނގޭ.. އާސީން ބޭނުން ވެއްޖެ ކަމަށްވާނަމަ އަހަރެން އެމީހުންގެ ނަންތައް ބުނެލަދީފާނަން” ބަންޝީލް ބުނެލިއެވެ. އަހަރެން ބަންޝީލްގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަން ހުރީ ނުލަފާ ހިނިތުންވުމެވެ. އެކަމަކު އޭނައަށް އަސްލަށްވެސް އެމީހުން އެނގިދާނެއެވެ.

“އަހަރެން ކޮންމެހެން އެމީހުން އެނގޭކަށް ބޭނުމެއް ނޫން.. ސޯ އަހަރެން ދެވަނަ ސުވާލަކީ.. ނަޝްފާގެ ކޭސްގައި ބަންޝީލް މެރި މީހުން މެރީ ކިހިނެއްކަން އަހަރެންނަށް ކިޔައިދީ” އަހަރެން ބުނެލީމެވެ. އަހަރެން އެސުވާލު ކުރުމުން މިފަހަރުވެސް ބަންޝީލްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އޭނަ އަހަރެންގެ މޫނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “އަހަރެންނަށް އެނގޭ ނާސިރުކަން އެކަން ކުރަން އެންގީ.. އެކަމަކު އަހަރެން ބޭނުންވަނީ ބަންޝީލް އެމީހުން މެރި ގޮތް އެނގެން.. އޭރުން އަހަރެންނަށް ނާސިރު ބޭނުންވާ ގޮތަށް ނަޝްފާއަށް އިންސާފު ހޯދައިދޭން ފަސޭހަވާނީ..” އަހަރެން ބުނެލީމެވެ. “އަހަރެން ބުނަން ބޭނުން ނުވެއްޖެނަމަޔޯ” ބަންޝީލް އެހެން ބުނެލީ ތަންކޮޅެއް ތަފާތު އަޑަކުންނެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ސީރިއަސް ކަމެވެ. “އަހަރެން ނަޝްފާއަށް އިންސާފް ހޯދައިދީފިން.. އެކަމުގައި އިތުރަށް ހޯދަންޖެހޭ އިންސާފެއް ނެތް..” ބަންޝީލްގެ އަޑު ބަރުވެގެން ދިޔަކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “ލުކް.. ބަންޝީލްއާއި ނާސިރުއާއި ދެމެދުގައި އުފެދިފައިވާ ރުޅީގެ އަމާޒަކަށް އަހަރެން ހަނދާނެ ކަމެއްނެތް.. އަހަރެން މިއުޅެނީ.. މީހަކު ކައިރީގައި ކަމެއް ކޮށްދޭނަމޭ ބުނެވުނީމަ.. ބަންޝީލްއަށް ރަނގަޅަށް އެނގޭނެ.. އަހަރެންނަކީ އެގޮތަކަށް އެއްބަސް ވެވުނަސް ކޮށްދޭ މީހެއްކަން.. ސޯ ޕްލީޒް.. އަހަރެންނަށް އެކަންތައް އެނގުން ވަރަށް މުހިއްމު” އަހަރެން ބުނެލިމެވެ. ބަންޝީލް އިސްޖަހާލިއެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަނުޖެހުމުގެ އަސަރު ތަކެވެ.

“އޯކޭ.. އެކަމަކު.. އަހަރެން އެވާހަކަ ކިޔައިދޭކަށް ބޭނުމެއް ނޫން.. އަހަރެން އެކަންތައް ވީ ގޮތް ދައްކައިދީފާނަން” ބަންޝީލް އިސްއުލުފާލި އިރު އެމޫނުމަތިން ކުރިން ފެނަން ހުރި ހިތްހަމަނުޖެހުމެ އަސަރުތަކެއް ފެންނާކަށް ނެތެވެ. އޭރު އެމޫނުމަތީގައިވަނީ ހިނިތުންވުމެވެ. “ދައްކައިދީފާނަމޭ..” އަހަރެން ނޭނގިފައި އަހާލީމެވެ. “އާ.. އަހަރެންނާއި އެކު ހިނގާ.. އޭރުން ވީ ހުރިހާ ކަމެއް އަހަރެން ދައްކައިދޭނަން” ބަންޝީލް ބުނެލިއެވެ. އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. އަނެއްކާ ބަންޝީލް އެއުޅެނީ އެއްޗެކޭ ކިޔާފައި އަހަރެން އޭނަގެ ދުނިޔެއަށް ގެންދަން ހެއްޔެވެ. “ޑޯންޓް ވޮރީ.. އަހަރެން އާސީން ބުނާއިރަށް ގެނެސް ދޭނަން.. އާސީންއަށް ހަމަހީވަނީ ފިލްމުގެ މަންޒަރުތަކެއް ފެންނަހެން.. ސެވަން ޑީ ކޮށް އާސީންއަށް ފެންނާނީ.. ހުރިހާ ކަމެއްވެސް.. އެތަނުގައި ހުރެވޭހެން ހީވާނީ” ބަންޝީލްއަށް އަހަރެން ބިރުގަތީކަން އެނގުނެވެ. “ޔަގީންތަ އަހަރެން ގެނެސްދޭނަންކަން” އަހަރެން އަހާލީމެވެ. “އައި ޕްރޮމިސް.. ޔަގީން.. އަހަރުމެންނަކީވެސް ވައުދެއް ވެއްޖެނަމަ އެކަން ފުއްދާ ބައެއް” ބަންޝީލް އޭނަގެ އަތް ދިއްކޮށްލިއެވެ. އަހަރެން އެއްފަހަރު އެއަތަށް އަނެއް ފަހަރު އޭނަގެ މޫނަށް ބަލާލީމެވެ. ބަންޝީލްއަށް އިތުބާރު ކުރަންވީ ހެއްޔެވެ. އޭނައަކީ ޖިންނިއެކެވެ. އެކަމަކުވެސް ޖިންނިންގެ ތެރެޭގައިވެސް ރަނގަޅު އެއްޗެހި އުޅޭނެއެވެ. އަހަރެން ބޭނުންވަނީ ބަންޝީލް ރަނގަޅު ޖިންނިއަކަށް ވާށެވެ. އެކަމަކު އޭނައަކީ މީހުންވެސް މެރި ޖިންނިއެކެވެ. އެހެންވީމަ އެއީ ރަނގަޅު ޖިންނިއެއް ނޫނެކެވެ.

“އައި ޕްރޮމިސް.. އެއްވެސް ގެއްލުމެއް ނުދީ.. އާސީން ބުނާއިރަށް.. އަހަރެން އާސީން މިތަނަށް ގެނެސް ދޭނަން.. ޓްރަސްޓް މީ” ބަންޝީލްގެ އަޑު އިވިގެން ދިޔައެވެ. އަހަރެން މަޑުމަޑުން ބަންޝީލްގެ އަތުގައި ހިފާލީމެވެ. އެވަގުތު ބަންޝީލް އަހަރެންގެ އަތަށް ދަމާލިއެވެ. އެއްވެސް ބާރެއް ނެތި އެވަގުތު އަހަރެން ގޮސް ލައްވީ އޭނަގެ ގައިގައެވެ. އަހަރެން ހުރީ އެކަމަށް ވިސްނައިގެން ނޫންކަމުން އަހަރެންގެ މޫނު ގޮސްޖެހުނީ ބަންޝީލްގެ ތަނަވަސް މޭމަތީގައެވެ. އަހަރެންނަށް ބަންޝީލްގެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ބަންޝީލްގެ އޭނަގެ އަތުން އަހަރެންގެ ހަށިގަނޑު ވަށާލިއެވެ. އެހެން ހެދުމުން އަހަރެންގެ ހަށިގަނޑު އޭނަގެ ހަށިގަނޑާއި ތަތްލި ކަހަލައެވެ. ވައިކޮޅަކަށްވެސް ނުވަދެވޭހާ ކައިރިކޮށްލިއެވެ. އަހަރެން ހުރީ ފުދޭވަރަކަށް އުދަގޫވެސް ވެފައެވެ. އެއީ އަހަރެންނަށް އެއީ ޖިންނިއެއްކަން އެނގޭތީއެވެ. އެކަން ނޭނގޭނަމަ.. މިހާރު އަހަރެންނަށް އިސްވެ ކަމެއް ކުރެވުނީހެވެ. “އަހަރެން އާސީން މިދައްކަން މިއުޅޭ ކަންތަކަކީ ނިމިގައިވާ ކަންތައްތަކެއް.. ސޯ.. އަހަރެން ބުނެލަން ބޭނުންވަނީ.. މީގެން އެއްވެސް ކަމެއް އާސީންއަކަށްވެސް އަދި އަހަރެންނަކަށްވެސް ޗޭންޖްއެއް ނުކުރެވޭނެއޭ.. އަޑު އިވިއްޖެ.. އަދި އެއްވެސް ކަމެއް އާސީންއަކަށް އެކަންތައް ހުއްޓުވާކަށް ނުކުރެވޭނެއޭ… އެއްވެސް އެއްޗެއް އާސީންގެ އަނގައިން ބުނެގެން ނުވާނެ.. އެއްވެސް އަޑެއް ލައްވައިގެން ނުވާނެ.. އަހަރެންގެ ގައިން ދޫކޮށްލައިގެން ނުވާނެ.. ދޫކޮށްލައިގެން ގޮސްފިނަމަ.. އާސީން އެތަނުގައި ތާށީވާނެ.. އަޑު އިވިއްޖެ..” ބަންޝީލް އިންސްޓްރަކްޝަން ކިޔައިދިނެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. “އެހެންވީމަ ދެލޯ މަރާލާ.. އާސީން ލޯ ހުޅުވާނީ.. އަހަރެން އާސީންގެ ލޯމަތިން އަތް ނެގީމަ” ބަންޝީލް އެހެން ބުނުމުން އަހަރެން ދެލޯ މަރާލީމެވެ. ބަންޝީލް އަހަރެން ލޯމަތީގައި އެވަގުތު އަތް އަޅާލިއެވެ. އެވަގުތު ވައި ގަދަވެގެން ދިޔަ ކަހަލަ އިހްސާސްއެއް އަހަރެންނަށް ކުރެވުނެވެ. ނޫނެކެވެ. އަޑުއިވެސް ފެށިއެވެ. ވަރަށް ކައިރިން ބާރަށް ވައިޖެހެމުން ދިޔަ އަޑެވެ. އަހަރެން ވަރަށް ބާރަށް ބަންޝީލްގެ ގަމީހުގައި ހިފަހައްޓާލީމެވެ.

އޭނަ އަތް ނެގުމުން އަހަރެން ލޯ މަޑުމަޑުން ހުޅުވާލީމެވެ. އޭރު އަހަރެން ހުރީ ކޮންމެވެސް ކޮޓަރިއެއް ތެރޭގައެވެ. އެތަނުގައި ވަނި މަޑު ނޫކުލައިގެ ބޮތްކެކެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ފާރުގައި ތަތްވެގެން ކަހަލަ ގޮތަކަށް ހުރި ހުމާމް ފެނުނެވެ. އެއީ ނަޝްފާގެ ކޭސްގައި ހިމެނޭ އެއްކުއްޖެކެވެ. އެކުއްޖަކީ ބަންޝީލް މަރާލާފައިވާ ކުއްޖެކެވެ. އޭނަ ބަލަހައްޓައިގެން ހުރި ގޮތުން އޭނައަށް ކޮންމެވެސް ބިރުވެރި އެއްޗެއް ފެންނަނީ ކަންނޭނގެއެވެ. އެމޫނުމަތިން ފެންނަން ހުރީ ބިރުވެރިކަމެވެ. “އަ.. ހަރެން… ދޫކޮށް..ލާ.. ޕްލީޒޒް” ހުމާމްއަށް ވާހަކަ ދެއްކުނީ ވަރަށް އުދަގުލުންނެވެ. “ތެދައްބުނޭ.. ކީއްވެ ނަޝްފާ މަރާލީ” އިވިގެންދިޔައީ ބަރު އަޑެކެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. އެވަގުތު އަހަރެންނަށް ހަޅޭލަވައިނުގަނެވުނީ ބަންޝީލް އަހަރެންގެ އަނގަމަތީގައި އަތް އެޅީމައެވެ. އެހުރި ބިރުވެރި އެއްޗެކެވެ. އޭތި ދިގުކަމުން ސީލިންގެ މަައްޗަށް ވާގޮތަށް ވަނީ ލެބިފައެވެ. އޭތީގެ އަތް އެއީ ކުރިން ރޭގައި އަހަރެންނަށް ފެނުނު ހުވަފެނުގައި ބަންޝީލްގެ އަތް ހުރި ގޮތެވެ. “އަހަ…ރުމެން.. އޭނަ.. މަރުވީ.. ސޮރީ” ހުމާމްއަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. “ކިޔައިދީ” އޭތި ކުއްލިއަކަށް ހުމާމްގެ ކަރުގައި ހިފިއެވެ. އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ކަލޭ އޭނަ މަރާލުމުގައި ބައިވެރި ވިންތަ.. ބުނޭ” އޭތީގެ އަޑު ބަރުކަމުން ހީވަނީ އެއްފަހަރާ ތިން ހަތަރު މީހުން ވާހަކަ ދައްކަމުން ދިޔަ ހެންނެވެ. “އާ.. އަހަ..ރެން.. ނަޝް..ފާ.. މަރާ…ލީ.. އޭނަ…ރޭ..ޕް.. ކުރީ… އޭނަ..ހަޅޭލެ” އެހާ ހިސާބަށް ބުނެވުނުތަނާ އޭތި ކުއްލިއަކަށް އަނެއް އަތް ހުމާމްގެ ކަރަށް ހަރާލިއެވެ. “އެހެންވީމަ ކަލޭވެސް މަރުވޭ” އެހެން ބުނެލިއިރު އެއަތުގެ ދިގު ތޫނު ނިޔަފަތި ތައް އެއްވެސް ރަހުމެއް ނެތި ހުމާމްގެ ކަރަށް ވަދެގެން ދިޔައެވެ. އަހަރެންނަށް ވަގުތުން ދެލޯ މަރާލެވުނެވެ. ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ހިތްވަރުކޮށްފައި ދެލޯ ހުޅުވާލިއިރު އޭތި ހުމާމްގެ ހަށިގަނޑު ދޫކޮށްލަނީއެވެ. އެއްވެސް ބާރެއް ނެތި ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް މަރުވެގެން ހުމާމް ވެއްޓުނެވެ. އެވަރުންވެސް އޭތި ހިންހަމައެއް ނުޖެހުނެވެ. އެހަށިގަނޑުގައި އަތުން ތަޅައިގަތެވެ. އަހަރެންނަށް ވަގުތުން ބަންޝީލްގެ މޭމަތީގައި މޫނު ފޮރުވާލެވުނެވެ.

އެވަގުތު ބަންޝީލް އަހަރެންގެ ލޯމަތީގައި އަތް އަޅާލިއެވެ. އޭނަ އަތް ނެގުމުން އަހަރެން ބަލާލިއިރު ފެންނަން ހުރީ އޮފިހެއްގެ ތެރެއެވެ. މުޅިތަނުގައި ވަނީ އުކާލެވިފައިވާ ގަނޑުތަކެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ހިތްވަރުކޮށްފައި ލެއާއި ތަތްތެޅިފައިވީނަމަވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ހުސައިން ގާޒީއެވެ. އޭނައަކީ ނަޝްފާގެ ކޭސްގައި ތަހުގީގު ކުރި ގާޒީއެވެ. މަރާލިފައިވާ މީހަކީވެސް އެއީއެވެ. “ބުނޭ.. ކީއްވެ.. ކަލޭ އެކޭސް ހުއްޓުވީ.. ކުރިއަށް ނުގެންދިޔައީ.. ކާކު ބުނެގެން.. ޖަވާބުދީ” މިފަހަރު ކުރިމަތިން ފެންނަން ހުރީ މުޑުދާރު ފާޑަކަށް ޖަހާ ބިރުވެރި އެއްޗެކެވެ. އެންމެ ލޮލެއް ފެންނަން ހުރި އިރު ނޭފަތެއް ނެތޭ ބުންޏަސް ރަނގަޅު ވާނެއެވެ. އަނގައިން އޭރުވެސް ފޮނު ނިކުންނަމުން ދިޔައެވެ. ހިމަ އަތްތަކެއް ހުރި ހުރި އިރު އަތްތިލައަކަށް ބަދަލެއް ނާދެއެވެ. އެހިމަ އިނގިލިތަކެވެ. އެދިގު ތޫނު ނިޔަފަތި ތަކެވެ. “އަހަރެންގެ ވެރިން ބުނެގެން.. މިހާރު ކިތައްފަހަރު ބުނަނީ.. މީގެ އަހަރެންގެ ކުށެއް ނެތޭ… އަހަރެން ދޫކޮށްލާ.. ވެރިން ބުނީމަ އަހަރުމެން ބޯލަބަން ޖެހޭނެ ނޫންތަ.. ކަލޭވެސް މިތަނަށް ތި އަންނަނީ ކަލޭގެ ވެރިމީހާ ބުނީމައެއް ނޫންތަ.. އަހަރެންނަށް އެނގޭ އެ މައްސަލަ ނިމުނީ އިންސާފަކަށް ނޫންކަން..އެކަމަކު އެމީހުން ބުނީމަ.. އަހަރެންނަށް ބައިވަރު ލާރިދިނީމަ.. އަހަރެންނަށް މާފުކުރޭ.. އަހަރެންނަށް އިތުރު ގޮތެއް ނެތުނީ” ގާޒީ އެހެން ކިޔާ ރޯންފެށިއެވެ. “އަހަރެން ކަލެއަށް މާފުކޮށްފިން” އެހެން ބުނެ އޭތީގެ ނިޔަފަތިތައް ގާޒީގެ ބަނޑަށް ހަރާލިއެވެ. އަހަރެންނަށް ދެލޯމަރާލަމުން ބަންޝީލްގެ އަތުގައި ބާރަށް ހިފާލެވުނެވެ. “ޕްލީޒް.. އަހަރެން ގެންގޮސް ދީ.. އަހަރެން ދާންބޭނުން.. ގެންގޮސްދީ” އަހަރެންނަށް އެހެންބުނެވުނީ ވަރަށް ބާރަށެވެ. އެވަގުތު އޭތި އަދި ގާޒީ އަހަރުމެންނާއި ދިމާލަށް ބަލާލިތަން ފެނިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ބަންޝީލް އަހަރެންގެ މޫނުމަތީގައި އަތް އެޅިއެވެ.

“ކީކޭ އަހަރެން ބުނީ.. ފުރަތަމަވެސް އަހަރެން ބުނިން ވާހަކަ ނުދައްކާށޭ” އަހަރެން ލޯމަތިން އަތް ނަގަމުން ބަންޝީލް ހިންހަމަނުޖެހިފައި ބުނެލިއެވެ. “އަހަރެން ބާރަށް ނުބުނެ.. އެތަނުން ދާން ބޭނުންވާ ވާހަކަ ކިހިނެއްތަ ބުނާނީ.. ބުނެބަލަ” ވަރަށް ބާރަށް ބަންޝީލްގެ މޭގައި އަތްއަޅާ ކޮއްޕާލަމުން އަހަރެން ހަޅޭލަވައިގަތީމެވެ. އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. ރުޅިވެސް ގަދަވެފައެވެ. ބަންޝީލް އެއީ އެހާ ނުލަފާ ރަހުމެއް ނެތް ޖިންނިއެއް ހެއްޔެވެ. “އެއްވެސް ރަހުމެއް ނެތި.. ބަންޝީލް އެމީހުން މަރާލީ.. ހަމައެކަނި.. ނާސިރު ބުނި ބުނުމަކަށް އޯހް މައި.. ހާދަ ގޯހޭ.. ކީއްވެ.. ކިހިނެއް..” އަހަރެންނަށް ދެކެމުން ދިޔަ ވާހަކައެއް ނޭނގުނެވެ. އަހަރެން ހުރީ ހާސްވެފައެވެ. ބިރުގަނެވެ. އަހަރެންނަށް އެތަނުގައި ހުރި ބެންޗްގައި އިށީދެވުނެވެ، އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ލޯމަރާލެވުނެވެ. އެވަގުތު ސިފަވެގެން ދިޔައީ އެއްވެސް ރަހުމެއްނެތި ހުމާމްއަށް ހަދާލި ގޮތެވެ. ދެލޯ ހުޅުވާލި ވަގުތު ކަރުނަތައް އޮހިގަތެވެ. “އާސީން.. އަހަރެން” “އަހަރެން ބަންޝީލްއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. ދުރައްދޭ އަހަރެންނާއި. ތިއީ ނުލަފާ މީހުންމަރާ ޖިންނިއެއް.. ތިއީ ހަމަ ޖިންނިއެއް” އަހަރެން އަވަސްކަމާއި އެކު ދަބަސް ތެރެއަށް އަތްލާ ތަވީދު ނެގީމެވެ. އަދި ބަންޝީލްއާއި ދިމާލަށް ދިއްކޮށްލީމެވެ. “ދުރައްދޭ.. ހަމަ މިހާރު ދުރައްދޭ.. އަހަރެންނާ.. ކައިރިނުވޭ” ބަންޝީލް އެތަވީދު ފެނުމާއި އެކު ހިތްހަމަނުޖެހިފައި ދުރައްޖެހިލިއެވެ.

އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ދުރައްދިޔައީމެވެ. ސައިކަލު ކައިރިއަށް ދެވުނު އިރު ސިކުނޑީގައި ވަނީ އެންމެ ނަމެވެ. އައިރްގެ ނަމެވެ. އައިރް އައިސް އަހަރެން އެބިރުވެރިކަމުން ސަލާމަތް ކޮށްދޭނެނަމައެވެ. އަހަރެން މިތަނުން ދުރައްގެންދާނެ ނަމައެވެ. އޭރުވެސް އަހަރެންނަށް ކުރެވެމުން ދިޔަ ކަންތަކެއް ނޭގެއެވެ. ސައިކަލަށް ތަޅުދަނޑި ޖަހަން އުޅެއުޅެ އެކަމެއް ނުވިއެވެ. ފަހަތަށް ބެލޭވަރުން ކައިރިވަމުން ދިޔަ ބަންޝީލް އަހަރެންނަށް ފެންނަމުން ދިޔައެވެ. “އާސީން” ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ އެމީހަކާއި ދިމާލަށް އަބުރާލިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

މާޒީ (ދެވަނަ ބައި)

Next

ޤުރުބާންވުމީ މިހިތުގެ އުފާ 18 ވަނަ ބައި

Next
May 14, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 18 ވަނަ ބައި

Previews
May 13, 2016

މާޒީ (ދެވަނަ ބައި)

11 Comments!

  1. Fantasy says:
    May 14, 2016 at 2:01 am

    mibaives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge hiyaal thakah maruhabaa 🙂

  2. ކިޑީ ދައްތަ says:
    May 14, 2016 at 2:22 am

    ހާދަ ރީއްޗޭ މިބައިވސް. މާކުރުވަނީ

  3. ކިޑީ ދައްތަ says:
    May 14, 2016 at 2:23 am

    ހާދަ ރީއްޗޭ މިބައިވސް. މާކުރުވަނީWow

  4. neeraa says:
    May 14, 2016 at 7:29 am

    v reethi when is next part i cant waite read next part. so plex up soon

  5. ken? says:
    May 14, 2016 at 9:50 am

    bansheel bunyeinnuu talk kohfiyyaa ethaanga thaashi vaaney…dn keeve nuvee….

  6. ken? says:
    May 14, 2016 at 10:04 am

    story hama awesomeness ? ❤ mi part v v dramatic…n v much entertaining…wen i was readin it i cn imagine de flashback parts right infront of my eyes…all it was like a movie..n felt like i was thr too…like in a fantasy world? hehheh…thumbs up for u? n expecting much more dramas ahead..???

  7. Hussain says:
    May 14, 2016 at 10:13 am

    Konme episodeh ves thi nimmaalanee haadha thafaathu koshey..fantasy aharun inthizaaruga eba hurin avahah up kohdhehchey..??

  8. Ushfa says:
    May 14, 2016 at 10:52 am

    Mashakah neyge. U just… What ever. Ekam haadha lahey dhw genessdhey goi. Thankolheh avas koh laa Fantasy.
    Anywayx mi part nimmi goi hama great. dhen anna part avas vaane kamah ummeedhuga vakivelan

  9. Nern.. says:
    May 14, 2016 at 2:35 pm

    fantasy..thankolheh avahah up kohdhehchey mi vaahaka reethi kamun nern varah vey.. maa slw viyya up thikuranee..and mee varah thafaathu stryeh ..avahah up kuraane kamah uhmeedhu kuran .. gud luck fantasy.

  10. Faxoo says:
    May 14, 2016 at 4:40 pm

    mibai ves varah reethi. alhey… Bansheel varah goas dhw. 😮 sifa koffa hurileh varah furihama 😀 hama heevany vaahakaige thereyga ulhevey hen 😀 keep it up up up Fantasyyyyyy 😀 😀

  11. ...Π says:
    May 14, 2016 at 8:33 pm

    Ohh my?????

Comments are closed.

Next Episodeއިންސާފް.. 16 ވަނަ ބައި←


All Right Reserved!