ލޯބިވޭ އަނަންތަކަށް… – 2
ޖެއްސުން ކުރުވަނިވި ތަޤުދީރު
‘ޔަގީން މިއީ މަށަށް ހީވާ ކުށް ހީއެއް!’ ޔުންގެ ހިތް އެފުށް މިފުށަށް ޖެހެމުން ދިޔައެވެ. ފޮތުން މޫނު ފޮރުވަމުން ދިޔަ ޔުން އިއްޔެގެ ހަނދާންތައް ވަމުން ދިޔައެވެ. މީކާއިލުގެ ފިރިހެންވަންތަ ހަށިގަނޑު އޭނާއަށް އިހުސާސްވަމުން ދިޔަ ފަދައެވެ. މަސްތައް އެތުރިފައިވާ ފުރިހަމަކަން ސިފަވަމުން ދިޔައެވެ. ނަމަވެސް ޔުން ދިޔައީ އިރުކޮޅުކޮޅާ އަމިއްލަ ސިކުނޑި ތެރޭގައި އެފަދަ ޚިޔާލުތަކާއި ހަނގުރާމަ ކުރަމުންނެވެ.
“ކިލާސް ކުރިއަށް ގެންދަވާ، މުދައްރިސް!” ސުޒާނާ ރަކި ގޮތަކަށް ބުންޏެވެ. ސުޒާނާ ހީވަނީ ދިއްލިފައިވާ ބޮތްކެއް ހެންނެވެ. ހީވަނީ މިހާރުވެސް މީކާއިލްގެ ސަމާލުކަން ހޯދަން އުޅޭ ހެންނެވެ.
“ލައްބަ. ޝުކުރިއްޔާ.” މީކާއިލު ބުންޏެވެ. ކިލާހުގެ އިސް ދާރިސްއާ ވާހަކަ ދެއްކުމަށްފަހު މީކާއިލު ހަމަޖެހިލިއެވެ. އަދި ކިޔަވައި ދިނުމަށް ފޮތެއްނަގާ ތައްޔާރުވެލިއެވެ.
ދޭދޭ އަންހެން ދަރިވަރުންގެ ތެރޭގައި ވާހަކަތައް ދެކެވެމުން ދިޔައެވެ. “އަހަރެން ދުވަހަކުވެސް މި ކިލާހުގެ ގަޑިތަކަށް ފަރުވާކުޑައެއް ނުކުރާނަން ކިޔަވައި ދެއްވާ މުދައްރިސް މިހާ ފިރިހެންވަންތަ ވެފައި ރީތި ވީމާ! ހަހަހަ” “އަހަރެމެން އަސްލު ހާދަހާ ނަސީބު ގަދައޭ!” ފިރިހެންވަންތަކަމުގެ ފުރިހަމަ ފަރާތެއްކަމުގައި މީކާއިލުގެ ނަން ކިލާހުގައި ފަވާލެވިގެން ދިޔައެވެ. އޭނާ ކިޔަވައިދިން އެއްޗަކަށްވުރެ އޭނާގެ ސިފަ ދެނެގަންނަ އަންހެން ކުދިން ގިނައެވެ.
ޔުން ފޮތުގެ އެއްފަޅިން ބޯ އަރިކޮށްގެން މީކާއިލުއަށް ލޯއަޅަން ހުއްޓެވެ. ޔުންއަށް ވިސްނެމުން ދިޔައީ ‘ކިތަންމެ ފިރިހެންވަންތައަސް ޖެއްސުން ކުރަންޏާ އެއީ އެއްވެސް މީހެއް ނޫން’ ކަމަށެވެ. ކުއްލިއަކަށް އޭނާއަށް ހަނދާންވީ އިއްޔެ ހިނގި ހާދިޘާއެވެ. މީކާއިލުގެ ހަށިގަނޑު މަތީގައި ޔުން އޮތް އިރުގެ ހަނދާންތަކެވެ. ބަނޑުގައިވާ މަސްތަކުގެ ހަރުކަމާއި، މޭމަތީގެ ހަރު ހިލަފަދަ މަސްތަކެވެ. އެއީ އެ ފިރިހެން މީހާކަން ޔަގީންވުމުން އައި ރުޅީގައި ޔުން ފޮތުގައި ބާރަށް ދަތް އެޅިއެވެ. ‘ކީއްވެތަ އޭނަގެ ހަށިގަނޑު މަތިން ހަނދާންވަނީ؟!’ ހިތުގެ ތެރޭގައި އިއްޔެ ވީ ކަންތައްތަކަށް ކުދި ކިޔަމުން ދިޔައެވެ. ކައިރީގައި އިން އީނާވެސް ބުންޏެވެ. “ޔުން؟ މޮޔަވަނީތަ؟”
“ހޫނ. ތިޔަ ކުއްޖާ! ކީއްވެތަ ތިޔަ ފޮތުގައި ދަތް އަޅަނީ؟.” މީކާއިލު ފޮތް ހިފަހައްޓައިގެން ހުރެ ޔުންއާ ދިމާއަށް ބަލައިލިއެވެ. ޔުންއަށް ހޭވެރިކަންވީ ދެނެވެ. މޫނުގެ ބޮޑުބައެއް އިސާހިތަކު ރަތްވެގެން ދިޔައެވެ. “ކޮބާ ނަމަކީ؟” މީކާއިލު ސުވާލު ކުރިއެވެ.
ޔުން ހިތާހިތުން ބިންގަނޑު އޭނާ ގަންބަވާލުމަށް ދުޢާ ކުރަމުން ދިޔައެވެ. “އާއިޝަތު… ޔުން…” ފޮތުގައި އަތުން ހިފަހައްޓައިގެން އިނދެ ލަދުރަކި ގޮތަކަށް ޔުން ބުންޏެވެ.
“ޔުން…! ދުވަހަކުވެސް އަހަންނަކަށް އިނގިފައެއް ނުވޭ ފޮތެއްގައި ދަތް އަޅައިގެން އޭގައިވާ އެއްޗެއް ފަހުމުވާކަމަކަށް.” މީކާއިލު އެއްވެސް ޖަޒުބާތެއްނެތި ޔުންއަށް ބަލަމުން ބުންޏެވެ. އެ ޖުމުލަ ބުނިހެން މުޅި ކިލާސް އެކުއެކީގައި ހޭން ފެށިއެވެ. ބައެއް ކުދިން ޔުންއާ ދިމާއަށް އިނގިލި ދިއްކޮށްފައި ހީ ހަދަމުން ދިޔައެވެ.
“ހޫނ. ދެން މިހާރު ތިޔަ ފޮތުގެ ސަފުހާ ސަތޭކަ އަށްވަނަ ގަނޑު ހުޅުވާލާ! އަދިވެސް އެއްފަހަރު އެއީ ސަފުހާ ސަތޭކަ އަށެއް!” މީކާއިލު އިއްޔެ ޔުން ބުނި އަދަދު ހަނދާންވެ ގަސްތުގައި ބުންޏެވެ. ޔުން އަދިވެސް ހިތް ހަމަނުޖެހިފައި އިނެވެ. މީކާއިލު ފޮތަށް ބަލަމުން ބުންޏެވެ. “އާހ. މާފުކުރޭ… މިބުނީ ދިހަވަނަ ސަފުހާގެ އަށްވަނަ ނުކުތާގެ ވާހަކަ.” މީކާއިލު އިތުރު ކޮށްލިއެވެ. “އަވަސްކުރޭ! ކޮބާ ދިހަވަނަ ސަފުހާގެ އަށްވަނަ ނުކުތާއަށް ޔުންގެ ޚިޔާލަކީ؟” މީކާއިލު ގަސްދުގައި އެހެން ބުންޏެވެ. ނުލަފާ ގޮތަކަށް ހިނިތުންވުމެއް އޭނާގެ މޫނަށް ވެރިވެފައިވެއެވެ. އެ ކިލާހުގައި ޔުން ލަދުން މަރުވާވަރުވިއެވެ.
“އަހަރުން މިހުރީ ހަމަ ހައިރާންވެފައި ކަލޭ ކިލާހަށް ވަނީމައި!” ސުޒާނާ މީކާއިލުއާ ގާތްވަމުން ބުންޏެވެ. އަދިވެސް އޭނާ ދިޔައީ ދަޅަ ދައްކަމުންނެވެ. “ބުނެލަން ރަނގަޅެއްނު މި ކޮލެޖަށް އަންނަކަން! ހިނގާ ގަހުވައަކަށް އަރަން؟ މިތާ ކައިރީގައި ގަހުވަޚާނާއެއް ހުންނާނެ!” ސުޒާނާ މީކާއިލުއާ ދިމާއަށް ބުންޏެވެ.
“ނޫނޭ. މެންދުރުފަހުން އަހަރެން ވަރަށް ބުރަވާނެ!” މީކާއިލު ހާޒިރީގެ ބައިތައް ފުރަމުން ބުންޏެވެ. “އެހެން ނޫނަސްވެސް ދާރިސްއަކާއި ދަރިވަރެއް ގަހުވަ ބުޔުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫން.” މީކާއިލު އިތުރު ކޮށްލިއެވެ.
“އާނ. މައްސަލައެއް ނެތް.” ސުޒާނާ ބުންޏެވެ. އެހެން ބުނުމަށްފަހު ކިލާހުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ކިލާސް ނިމި ކިލާހުގެ ބޭރުގައި މަޑުކޮށްގެން ތިބި އަންހެން ކުދިންތަކެއް ސުޒާނާ ހިފެހެއްޓުވިއެވެ.
“ކަލެއަށް އެނގޭ އެ މުދައްރިސް؟! ސުޒާނާ!” ކިލާހުން ނުކުން އެހެން އަންހެން ކުދިން ކިޔަން ފެށިއެވެ. “އާނ. އަހަރެމެންގެ އާއިލާ ވަރަށް ގާތް ވާނެ. މީކާއިލު.. މިބުނީ ދާރިސް މީކާއިލު އަހަރުން ގާތު ނުބުނޭ ކިލާހަށް ކިޔަވައިދޭން އަންނަ ކަމެއް. އާނ. މާފު ކުރޭ އަހަރެން އާންމުކޮށް ބޭނުންކުރަނީ މީކާއިލުގެ އަސްލު ނަން.”
އެތަނުން އަންހެން ކުއްޖެއް ބުންޏެވެ. “ތިޔަ ބުނީ ތި ދެ މީހުންނަކީ ވަރަށް ގާތް ދެމީހުންނޭ؟ އަހަރެން ފާޑަކަށް ހަސަދަވެއްޖެ…”
ސުޒާނާ ވަރަށް ނުވާކަމަށްހެދި ބުންޏެވެ. “އޭތް! މާބޮޑަށް މި ވާހަކަ ފަތުރައި ނުލައްޗޭ! އެހެން މީހުންވެސް ދެރަވާނެއްނު.”
“އޭނާ އަމިއްލައެއްނު އަބަދުވެސް ކަންތައް ފަލަކުރަނީ!” ޔުންގެ ރައްޓެހި އީނާ އަމިއްލައަށް އަޑުއިވޭ ވަރަށް ބުންޏެވެ. ކިލާހުން ބޭރަށް ނުކުމެ، ޔުން ހުއްޓިގެން ހުރި ދިމާއަށް އޭނާ ދިޔައެވެ. “ޔޫން! ހިނގާބަލަ މީރު ނޫޑުލިސްގަނޑެއް ކާލަން ދާން! ދާނަންތަ؟” ނިކަން ދަމަދަމާފައި އީނާ ޔުންއަށް ގޮވާލިއެވެ.
ޔުން ހުރީ އަދިވެސް ކިލާހުން ނިކުމެގެންދިޔަ މީކާއިލުއަށް ބަލާށެވެ. “ނޫނޭ. އަހަރެން އިހަށް މިދަނީ ގެއަށް… މަ އެހައި ރަނގަޅެއް ނޫން މިއަދު.” ޔުން އެހެން ބުނުމަށްފަހު ބާރު ހިނގުމުގައި މީކާއިލު ހުރި ދިމާއަށް ދިޔައެވެ.
“އަނެއްކާ ކަމެއް ގޯސްވީތަ!؟” އީނާ ބާރަށް ސުވާލު ކޮށްލިއެވެ.
“ނޫނޭ. އަރާމުކޮށްލީމައި، ރަނގަޅުވާނެ!” ޔުން ބުނެފައި ހިނގުން އަވަސްކޮށްލިއެވެ.
ސަރައްކާލިތެރެއިން މުވައްޒަފުންގެ ކޮޓަރިއަށް ހިނގާފައި ދިޔަ މީކާއިލު ހުއްޓުން އެރީ ޔުން ގޮވާލުމުންނެވެ. “ދާރިސް! ދާރިސް!! މިގަޑީގައި އަޅުގަނޑާއި ބައްދަލު ކުރެވިދާނެތޯ؟” ޔުން ފުންކޮށް ނޭވާލަމުން ބުންޏެވެ. “އަހަރެން ބޭނުންވަނީ މަޢާފަށް އެދެން… ފަހަރުގައި އަހަރުމެން… ފުރަތަމަ ފަހަރު ނުބައި ގޮތަކަށް ބައްދަލުވީއަށް ވެދާނެ. އެކަމު އެ ވާހަކަތައް ކިލާހަށް ނުގެނައުން އެދެން.”
މީކާއިލް ތުންފަތުގެ އެއް އަރިން ހިނިތުންވުމެއް ފާޅުކުރަމުން ބުންޏެވެ. “އަހަރެން؟ އަހަރުން ހީކުރީ ޔުން، އަހަރެން ހަނދާން ނުވާކަމަށް. އެދުވަހުވެސް ހަނދާން ނެތުނީއެއްނު؟ އެހެންނޫނަސްވެސް އަހަރެން ޒާތީ ކަންކަން ކިލާހެއްގައި މަަޝްވަރާއެއް ނުކުރަން. އަހަރެން އަދާކުރީ ދާރިސްގެ މަގާމު. އަހަންނާމެދު އެއްވެސް ކުށްހީއެއް ގެންގުޅެން ނުފަށާ!” މީކާއިލު އެހެން ބުނަމުން ޔުންއަށް ފުރަގަސްދީފައި ހިނގައިގަތެވެ. ޔުން ހުރިތަނަށް ގަބުވެފައި ހުއްޓެވެ. އަދި އަމިއްލަ ނަފުސަށް ކުދި ކިޔަމުން ގެންދިޔައެވެ. ޔުން އިތުރު އެއްޗެކޭ ނުބުނެ އެނބުރި ގެއަށް ދެވޭތޯ ބެލިއެވެ.
ރޭގަނޑުގެ ފިނި ވަގުތެވެ. އެހާ ދަންވި އިރުވެސް ޔުން ފިލާވަޅު ހެދުމުގައި އަވަދިނެތި އުޅުނެވެ. ލެޕުޓޮޕު ހިފައިގެން ފިތްތަކަށް އޮބާލަ އޮބާލާ އިނެވެ. ކުއްލިއަކަށް އޭނާގެ ފޯނުން އަޑު ކިޔަން ފެށިއެވެ. ‘ކާފަ’ އިސްކިރީނަށް އަރާފައިވެއެވެ. ޔުން ފޯނު ނަގާ ވާހަކަ ދައްކަން ފެށިއެވެ.
“ޔުން، ކިހިނެތް ހާލު ދަރިފުޅާ؟” ކާފަގެ މުސްކުޅި އަޑުން ބުނަމުން ދިޔައެވެ.
“ރަނގަޅު. ކާފަގެ ހާލު ކިހިނެތް؟” ޔުން ޖަވާބުގައި ބުންޏެވެ.
“ކާފަވެސް ހަމަ ރަނގަޅު! އެއްވެސް ވަރަކަށް ހާސްވާނިކަމެއް ނެތް! … އާނ. ކާފަ ދާނަން މިއަންނަ ހޮނިހިރު ދުވަހު ދަރިފުޅު ތިއުޅޭ ރަށަށް.” ޖަމީލު ފޯނުން ވާހަކަ ދެއްކިއެވެ. “ލައްބަ. ކާފަ މިފަހަރު މިދަނީ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކާ ބައްދަލު ކުރަން. އޭނާ އެއީ އާއިލާ ފަދަ މީހެއް. ދަރިފުޅަށް ކާފައާއެކު ދެވިދާނެތަ؟” ޖަމީލު ވާހަކަ އަމުނާލިއެވެ.
“ލައްބަ ކާފާ. ހޮނިހިރު ދުވަހު އަހަރެން ހުސްވާނެ!” ޔުން ބުންޏެވެ.
“އާނ. ރަނގަޅު ދަރިފުޅާ! ދެން ކާފަ ބޭއްވީއޭ!” ކާފު ފޯނު އަތަށް ލަމުން ބުންޏެވެ.
“ފަހުން ކާފައާ ބައްދަލުވާނެ! ބޭއްވީ!” ޔުން ފޯނުން ވާހަކަދައްކަމުން ކުޑަދޮރު ކައިރީގައި އިނެވެ. ފޯނު ކެނޑުނު އަޑު އިވުނުހެން އޭނާގެ މޫނަށް ވެރިކޮށްފައިވާ ހިނިތުންވުން ފަނޑުކޮށްލިއެވެ.
ޖެހިގެންއައި ހޮނިހިރު ދުވަސް
“އަހަނ. ތަހުސީން!” ޖަމީލު ބާރަށް ގޮވަމުން ތަހުސީނުގެ ގެއަށް ވަނެވެ. “އަހަރުމެންނަށް މަރުޙަބާ ކިޔަންތަ ދޮރު ކުރިމަތީގައި ތި ތިބީ؟ އެކަމު ތިއީ ކުންފުނީގެ ވެރިޔާއެއްނު؟ ހަހަހަހަހާ!”
“ނޫނޭ ނޫނޭ! އަހަރެން މިހުރީ ކަލޭގެ ކާފަދަރިއާ ބައްދަލު ކުރާން ވެގެން.” ތަހުސީން ކާފައާ ސަލާން ކުރަމުން ބުންޏެވެ.
“ޔުން. މިއީ އަހަރެންގެ ރައްޓެހި ދާވޫދުގެ ދަރި ތަހުސީން. ޔުންގެ މަންމައާއި ބައްޕަގެވެސް ރައްޓެހިން. ތަހުސީންއާއި ޔުސްރާ” ކާފަ އަތްނަގާފައި ކިޔައިދެމުން ދިޔައެވެ. “ތަހުސީނަކީ ‘ޓީ.ޖޭ’ ކުންފުނީގެ ވެރިޔާ. އިނގޭ ދޯ ޔުންއަށް؟” ކާފަ ސުވާލު ކޮށްލިއެވެ.
“ލައްބަ. ކާފާ. ވަރަށް އުފާވެއްޖެ ބައްދަލުވީތީ. އަހަރެންގެ ނަމަކީ އާއިޝަތު ޔު…”
ޔުންގެ ވާހަކަ މެދުކަނޑާލާފައި ތަހުސީނު ވާހަކަ ފެށިއެވެ. “އަހަރުންވެސް ތިބާއާ ބައްދަލުވީތީ އުފާވެއްޖައީމު. ޔުން މިހާރު ހާދަހާ ރީތި ވެއްޖެއޭ!”
ޔުސްރާވެސް ބައިވެރިވެލިއެވެ. “އާދޭ، އެތެރެއަށް!”
ތަހުސީން ކާފައާ ވާހަކަ ދެއްކިއެވެ. “ކިހިނެތް ހާލު ޖަމީލުބޭ؟ މި ހިސާބަށް އައުމަށް ވަރަށް ދަތިތައް ދިމާވި ދޯ؟ އަހަރެމެން ދިޔައީމުހޭ ތި ރަށަށް.”
“އަހަރެންގެ ހާލު ރަނގަޅު… މުސްކުޅި މީހަކާ ބަލާފައި. ހަހަހަހާ! އެއީ މައްސަލައެއް ނޫން… އަހަރެން ބޭނުންވީ މި އާއިލާ މީހުންގެ ހާލު ބަލައިލާ ދެކިލުމަށް.” ޖަމީލު ކާފަ ވާހަކަ ދެއްކިއެވެ.
“ޔުން. ޖަމީލު ކާފައާ ނުލައި ‘ޓީ.ޖޭ’ ކުންފުނި މިއަދު ނެތީސް.” ތަހުސީން ޝުކުރުވެރި ރާގަކަށް އަމުނާލިއެވެ.
“ނޫނޭ ތިހެން ނުބުނޭ… އަހަރެން ރައްޓެއްސަކަށް އެހީވީ ދޯ ދެން. އެހެން ނޫނަސް ކަލޭގެ ބައްޕަ އަހަރެން އެހާލުގައި އޮވެ މަރުފަލި ޖަހާނަމަ ހަމަ އެހީވާނެ.”
ޔުސްރާ ގޭގެ މައިދޮރު ހުޅުވާލާފައި ވަނެވެ. ގެއަކަށްވުރެ ހަވޭލީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެހާވެސް ކޮޓަރިތަކުގައި ޒަމާނީ ޒައުގުތައް ހުއްޓެވެ. ޔުން ކޮސްވެފައި ބަލަން ހުއްޓެވެ.
“ޔުން… އަހަރުން މަޢާފަށް އެދެން މަންމައާއި ބައްޕަގެ މަރަށްފަހު ބައްދަލު ނުކުރެވުނީތީވެ. ކާފަ ބަލައިދީފައި ހުރިކަން އަހަރެން ޝުކުރުވެރިވަން.” ތަހުސީނު އިސްދަށަށް ޖަހާލަމުން ބުންޏެވެ.
“ތަހުސީން… މިހާރު ކޮން ވާހަކައެއް ތި ފެށީ؟! އެކުއްޖާފުޅު ދެރަވާނެއެއްނު!” ޔުސްރާ ތަހުސީނުގެ ވާހަކައަށް ހުރަސް އެޅިއެވެ.
“ނޫނޭ! ކަމެއް ނުވޭ!” ޔުން މަޑުމަޑުން ބުނެލިއެވެ.
“މިހާރުން ފެށިގެން އަހަރެމެން ގިނައިން ބައްދަލުވާން ވާނެ! އެއްވެސް ބޭނުމެއް އޮތް ނަމަ އެކަމެއްވެސް ބުނަން ލަދުނުގަންނައްޗޭ!” ތަހުސީނު އިތުރުކޮށްލިއެވެ. “ޔުން ބޭނުންނަމަ، އަހަރެމެންގެ ދަރިއަށްވެސް ވެވިދާނެ. އެއިރަށް ދެ ބޭބެއިންވެސް ލިބޭނެ. ހަހަހަހަހާ!” ތަހުސީނު ޔުސްރާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ.
“ހަހަހަހަހާ! ޖަމީލުބޭ! ޔުންއަށް ސަމާލުވައްޗޭ! ތަހުސީން އަބަދުވެސް އަންހެން ދަރިއެއް ބޭނުންވޭ. ނަމަވެސް ލިބުނީ ދެ ފިރިހެން ދަރިން.” ޔުސްރާ ބުނެލިއެވެ. ޔުން ފިޔަވާ ހުރިހާ އެންމެން ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“އާނ. އެހުރީ މަގޭ ހަގު ދަރިފުޅު. ޔަމީން! އާދޭ މިކޮޅަށް.” ތަހުސީން ޔަމީންއަށް އިޝާރާތް ކުރިއެވެ. އެ ފިޔަވަޅުމަތީގައި މަޑު ހިނގުމުގައި އައިސް އޭނާ ތަޢާރަފުވިއެވެ.
“މިއީ އަހަންނަށް ޔަމީން ފެނުނު ފުރަތަމަ ފަހަރު! ހަމަ ހީވަނީ ތަހުސީނުހެން.” ޖަމީލު ބުންޏެވެ. “އެންމެ ފަހުން ބައްދަލުވިއިރުވެސް އެންމެ ދަރިއެއް ދޯ ހުންނަނީ؟… އަހަރެން ހާދަހާ މުސްކުޅިއޭ…ހަހަހަހަހާ!” ޖަމީލު ހިނިގަނޑެއް ޖަހާލިއެވެ.
ބޮޑުކޮޓަރީގެ ދޮރުފަތް ޖެހުނު އަޑު އިވިގެން ހުރިހާ އެންމެން އެ ދިމާއަށް ލޯ ގެންދިޔައެވެ. ބޫޓުން ހިނގަމުން އައިސް ޔުސްރާ ކައިރީ މަޑުކުރީ ޔުން ދަންނަ މޫނެކެވެ. “މިއީ އަހަރެންގެ އެންމެ ދޮށީ ދަރިފުޅު.” ޔުން ވަގުތުން ވަގުތަށް ގަނޑުވެގެން ދިޔައެވެ. ދެ މީހުން އަނެއްކާވެސް ހުއްޓާނުލާ އެކަކު އަނެކަކަށް ބަލަން ހުއްޓެވެ. ޔުން ސިކުނޑީގައި ގުގުމަމުން ދިޔައީ ‘ދާރިސް މީކާއިލް؟!’އެވެ.
މެންދުރުގެ ހޫނުކަން މުޅި ބަގީޗާއަށް ވެރިވެފައިވެއެވެ. ޔުން އަދިވެސް ގޭގެ އެކި ބައިތައް ބަލަމުން ދިޔައެވެ. ބަގީޗާގެ ބަޔަށް ނުކުމެވުނު އިރު މީކާއިލް އެތަނުގައި ހުއްޓެވެ. “އަހަރެން ހިއެއް ނުކުރަން އަނެއްކާވެސް ބައްދަލުވާނެ ކަމަކަށް. ވެދާނެ މިއީ ތަޤުދީރު ކަމަށްވެސް” މީކާއިލް ގުޑައިވެސްނުލާ ހުރެ ބުންޏެވެ.
“ހަހަހަ… އާނ… ކިހިނެތް އިނގޭނީ…” ޔުން އަދިވެސް ލަދުރަކިކޮށް ހެމުން ދިޔައެވެ. އޭނާ ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ. “ހޫނ. އަސްލުވެސް އަހަރެމެން ދެން ފަށަންވީ އަނެއްކާވެސް އަލުން. ފުރަތަމަ ބައްދަލުވުން އެހާ ކަމުނުދިޔައީ ކަމަށް ވާނީ. ހޫނ. ތިބާ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި ވަރަށް ބޮޑަށް މަޢާފަ…”
ޔުންގެ ވާހަކަ މެދުކަނޑާލާފައި މީކާއިލު ބުންނެވެ. “އެހެންވީމާ، ހަމަ ހަނދާންވޭ ދޯ ވީ ކަންތައްތައް؟ ހޫނ. ހަނދާންވޭތަ އަހަރެމެން ކާރަށް ވެއްޓި…”
ޔުން މީކާއިލު ދައްކަން އުޅުނު ވާހަކަ އެނގި ބާރަށް ބުންޏެވެ. “އަހަހަހާ!! އިތުރު ތަފުސީލަށް ދިޔުމުގެ ބޭނުމެއް ނެތް!! އަހަރެން ހަނދާން އެބަހުއްޓޭ ހުރިހާ ކަމެއްވެސް. އެއީ އޮޅުމަކުން. މީކާއިލު… މިބުނީ ދާރިސް މީކާއިލު.”
“ކަލޭ ބޭނުންނަމަ އަހަންނަށް މީކާއިލު ކިޔަސް އެންމެ ރަނގަޅު. އެހާ ރަސްމީ ނުވިޔަސް ހެޔޮ. މިހުރީ ކިލާހެއްގައެއް ނޫން ވިއްޔަ.” މީކާއިލު ފަޓުލޫނު ޖީބަށް އަތްތިލަ ލައްވާލަމުން ބުންޏެވެ.
ޔުން އަދިވެސް ހިތް ތެޅެމުން ދިޔައެވެ. “ނޫން. ކަލޭ ތިއީ އަދި އަހަރެމެންގެ ވެސް އެތަށް އަހަރެއް ދޮށީ މީހެއް. އަހަންނަށްވުރެ މާ ތަޖުރިބާވެސް ބޮޑުވާނެ!” ޔުން ކޮންމެ ބަހަކަށް ރޫރޫ އަޅަމުން ދިޔައެވެ.
“ގިނަ ތަޖުރިބާ؟!” މީކާއިލު ޔުންއާ ދިމާއަށް ލޯ ކުނާކޮށްލިއެވެ. “އާނ. ތިބުނީ އަހަރެން މާ ތަޖުރިބާ އޮވެއޭ ބޮސް ދިނުމަށް؟ އެކަމު، އަހަރެން އެންމެ ފަހަރަކު ބޮސް ދިނީ… ޔުން ފަދައިން ސަތޭކަ އަށްފަހަރު ބޮސްދިން މީހަކާ އެއްވަރެއް ނުވާނެއްނު؟!” މީކާއިލު ފާޑަކަށް ބަލައިލިއެވެ. ޔުންގެ މޫނުމަތި ރަތްވަމުން ދިޔައެވެ. ބޭއިޚުތިޔާރުގައިވެސް ދެބުމަ ގޮށްޖެހިއެވެ. “މިބުނީ ރަނގަޅަށް، ދޯ ޔުން؟” މީކާއިލް ލޯ ހަނިކޮށް ޔުންއާ ދިމާއަށް ބަލައިލިއެވެ. އަދި ޔުންގެ މޫނާ ގާތްވިއެވެ.
ޔުންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “މީކާއީލް!!! ކަލޭ ތީ ކޮންފަދަ ނުބައި މީހެއް؟! ހާނ؟ އަހަރެން މިވަރު މިކުރަނީ ކާފައަށް ޓަކައި. އަދި ކަލޭގެވެސް މަންމައާއި ބައްޕައަށް ޓަކައި. ދެން ދުވަހަކުވެސް މަށާ ވާހަކަ ނުދައްކާތި؟!!”
“ހޫނ. އަދި ކިރިޔާ ކަލޭގެ އަސްލު ސޫރަ ތިޔަ ފެންނަނީ. ވަކި މަ ކުރިމަތީގައި މަތި އޮމާންކޮށްގެން އުޅޭނިކަމެއް ނެތް!” ޔުންގެ މޫނާއި ގާތްވިއެވެ. “ތި ވާހަކަދައްކާ ގޮތްގަނޑު ކަލެއާ ނުވެސް ގުޅޭ.” މީކާއިލު މަޑުން ބުނެލުމަށްފަހު ގެއާ ދިމާއަށް ދިޔައެވެ. ޔުން އަދިވެސް މޫނުގައި ރަތްކަން ހުއްޓެވެ. ނަމަވެސް ރުޅި މަޑުކުރެވޭތޯ ބަލަމުން ދިޔައެވެ.
ޖެހިގެންއައި އާދީއްތަ ދުވަސް…
އާދީއްތަ ދުވަހުގެ ހެނދުނު ކިލާސްތައް ނިންމުމަށްފަހު ގަހުވަ ބުޔުމައިގެން ޔުންއާއި އީނާ މޭޒު ދޮށުގައި ތިއްބެވެ. “އަހަންނަށް ހީވަނީ ދާރިސް މީކާއިލު ކަލެއަށް ޓަކައި އިހުސާސްތަކެއް ހުރިހެން.”
“ހާނ؟ ކޮން އިހުސާސެކޭ؟ ރުޅި ދޯ؟” ޔުން މޫނު ކުނިކޮށްލަމުން ބުންޏެވެ.
“އަހަރުން މިބުނީ… ކަލޭ ގަޑިއަށް ލަހުން އައީމާ، ވަރަށް އެއްޗެހި ކިޔެއްނު! އެކަމު ސަޔާން ލަހުން އައިމާ ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހައިނުލާ!” އީނާ ވިސްނަން އިނދެފައި ބުންޏެވެ.
“ނޫނޭ. އީނާ… މާބޮޑަށް ތި ކަމަކަށް ތިޔަ ވިސްނަނީ!” ޔުން ފޫހި ރާގަކަށް ބުންޏެވެ.
“އެއީ އެހެން ނޫނަސް ވާނެ ކަމެއް ނޫން. އަހަންނަށް އެނގޭ ގޮތުގައި މީކާއިލު ގަޔާވާނީ ވިސްނުން ތޫނު ރިވެތި އަންހެން ކުދިންނާ.” ސުޒާނާ އީނާއާއި ޔުން ދައްކަމުން ދިޔަ ވާހަކައަށް އަނގަލިއެވެ. “މިބުނީ ޔުން ހަޑި ވާހަކައެއް ނޫން އަނެއްކާ. އަހަރެން މި ބުނެދިނީ އޭނާ ގަޔާވާ ވައްތަރު.” ސުޒާން އިތުރުކޮށްލިއެވެ.
“މަށަށް އިނގެޔޭ! ހެވޭ، އޭނާ އެއީ މަގޭ އެހާ ގަޔާވާ ވެސް މީހެއް ނޫން.” ޔުން ގަހުވަ ބޮމުން ބުންޏެވެ. “އަހަރެން ފިރިއެއް ބޭނުންވެޔޭ. އެކަމު އެވަރުގެ އިންސާނަކާ މަ ގަޔާ ނުވާނެ.”
“ވަރަށް ގިނަ އަންހެން ކުދިންގެ ހިތްތައް ލެނބޭ އެބަ. ވަރަށް ވަރުގަދަ ފިރިވާދައެއްހެން ހީވަނީ. އާނ. އަހަރެން ދަނީއޭ.” ސުޒާނާ މޭޒުދޮށުން ތެދުވަމުން ބުންޏެވެ.
“ޔުން ކަލޭ ހަމަ އަސްލަށްވެސް ފިރިއެއް ހޯދަނީތަ؟ އަނެއްކާ އެއީ ސަމާސާއެއްތަ؟ ޔަގީންތަ ކައިވެނި ކުރުމަށް؟” އީނާ އެހީ އެހާވެސް ބައިވަރު ސުވާލެވެ.
“އީނާ… އެއީ ހަމަ އަސްލު…” އީނާއަށް ކަމުގެ ހަގީގަށް ކިޔައިދިނެވެ. “އަހަރެން ވަރަށް މަސައްކަތް ކޮށްފިން އެކަމަކުވެސް ފިރިއަކަށްވުމަށް ރަނގަޅު ފުރަދާރެއް ނުފެނުނު. ސަޔާން ކައިރީވެސް އެހިން.”
“އާނ؟؟ ސަޔާނުއޭ! ހަމަ އަސްލުވެސް؟ ކީކޭ އޭނާ ބުނީ؟” އީނާ ސުވާލު ކުރިއެވެ.
“އޭނާ ނޫނެކޭ ނުބުނޭ… އޭނާ ހީކުރީ އަހަރެން އެ ވާހަކަ ދެއްކީ މަޖަލަށް ކަމަށް.” ޔުން ދެއަތް އުރާލައިގެން އިނދެ ބުނެދިނެވެ.
“ހުވާ މިބުނީ… ތިއީ ކައިވެނި ތިޔަހެން ދޫކޮށްލައިގެން ނުވާނެއެއްނު؟ ރަނގަޅު މީހަކު ހޯދާ!!” އީނާ ޔުންއާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ. “މާ ރަނގަޅުވާނެ ފިރިއެއް ހޯދުމަށް ‘ބުލައިންޑު ޑޭޓަށް’ ދިޔަޔަސް… އަހަރެންގެ ބޮޑުދައިތަ ހިންގާނެ އެފަދަ ވިޔަފާރިއެއް. ކަލެއަށް ކަމުދާ ކަހަލަ ފިރިއެއް ހޯދަދޭނެ. ހަމަ މިހާރު މިގުޅަނީ! ކިހިނެތް ވާނެ ހޮނިހިރު؟” އީނާ ގައިގައި ހީވަނީ އަލިފާން ރޯވެގެން އުޅޭހެންނެވެ. ވާހަކަ ދެއްކުން އެހާވެސް އަވަހެވެ.
މުޅި ހަފުތާ ވޭޭތުވެގެން ދިޔައީ މީކާއިލުއާ ދުރަށް ދިޔުމަށް ޔުން މަސައްކަތް ކުރާ ހާލުއެވެ. ވީހާވެސް ބޮޑަކަށް ޔުން ބަލަނީ މީކާއިލްއާ ދުރުން ދެވޭތޯއެވެ. ފިލާވަޅުތައް ކިޔަވައިދޭ އިރުވެސް ޔުން ގައިން ދާހިއްލާ ވަރުވެއެވެ. އިމްތިހާނު ކުރިޔަސް މީހާ ގައިގައި އެފަދަ ހިތްވަރެއް ނުހުރެއެވެ.
ޖެހިގެންއައި ހޮނިހިރު ދުވަސް…
އީނާ ބުނިހެން ގަހުވަޚާނާގައި އިށީންދެ އިނދެ އޭނާއަށް ޒިޔާރަތް ކުރާނެ މީހާއަށް އިންތިޒާރު ކުރަމުން ދިޔައެވެ. “އާއިޝަތު… ޔުން..” ފަހަތުން ވަރަށް ރީއްޗަށް އަންނައުނު ލައިގެން ހުރި ފިރިހެނަކު ގޮވާލިއެވެ. “ލައްބަ” ޔުން އެ މީހާއާ ދިމާއަށް އެނބުރެމުން މޫނުމައްޗަށް ވަންނިއެއް ލައްވަން ފެށިއެވެ. ‘މިހާރު އަހަންނަށް މި އިނގެނީ ފިރިއަކު ހޯދުމީ ގޮނޑަކުން ޖަވާހިރެއް ހޯދުން ފަދަ ކަމެއްކަން…’
(ނުނިމޭ)
2 Comments!
Comments are closed.



Vrh reethi but what will happen next🤔
I am sure that yun and the teacher will gonna get married
And wish that happens🤞
When next
Tc✨
Lysm💋✨
Thanks for reading. Lets see what happens next. Very busy now but I will upload soon. Insha allah