އިރުއޮއްސި، އަނދިރިކަން މުޅި ދުނިޔެއަށް ވެރިވަމުން ދިޔަ ވަގުތެވެ. އާދައިގެ މަތިން އެދުވަހުވެސް އަހަރެން ކަނޑުމަތީގެ ބުރަ މަސައްކަތް ނިންމައި، މަހުން ލަފައިގެން ގެއަށް އައިސް ވަތްއިރު މުޅި މާހައުލަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ނަމަވެސް، އެ ހަމަހިމޭންކަން ފޫއަޅުވާލާފައި ގޭތެރެއިން އިވެމުންދިޔައީ ކެކުޅުމާއި ހިތްދަތިކަމުން ފުރިގެންވި ރުއިމެއްގެ އަޑެވެ. އަހަރެންގެ ފިޔަވަޅުތައް އަވަސްވެ، ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
ކޮޓަރިއަށް ދުވެފައި ވަދެ ބަލައިލިއިރު، އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ކުޑަކުޑަ ދަރިފުޅު ކަނެއްގައި އިށީނދެގެން އިނދެ ގިސްލާގިސްލާފައި ރޮނީއެވެ. ކޯތާފަތްމަތިން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައިރު، މުޅި ކުއްޖާ ދިޔައީ ބިރުން ތުރުތުރުއަޅަމުންނެވެ. “ދަރިފުޅާ… ކީއްވެ ރޮނީ؟ ކިހިނެއްވީ؟” އަހަރެން ކަކޫމައްޗަށް ތިރިވެ، ލޯތްބާއެކު ދަރިފުޅުގެ ގައިގައި ފިރުމަމުން ތަކުރާރުކޮށް ސުވާލުކުރީމެވެ. ނަމަވެސް، އެ މައުސޫމް ހިތަށް ވަދެފައިވާ ބިރުވެރިކަން ބޮޑުކަމުން، ބަހެއް ބުނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ބިރުން ފިތްކަނޑައިގެންދާ ފަދަ ގޮތަކަށް އަހަރެންގެ މޭގައި މޫނު ފޮރުވާލިއެވެ.
އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ. އެ މައުސޫމް ދަރިފުޅު އަތްދަނޑިމައްޗަށް ނަގައި، މޭގައި ބޮނޑިކޮށް ބާރުކޮށްލީމެވެ. ބޮލުގައި ފިރުމައި، ހިތްވަރުގެ ބަސްތައް ބުނެދީގެން، ނުހަނު ބުރަ މަސައްކަތުން އެންމެ ފަހުން ދަރިފުޅު ހަމައަކަށް އެޅުވީމެވެ. އަހަރެންގެ މި ދަރިފުޅަކީ ސްކޫލްގެ ކިޔެވުމަށްވެސް އިންތިހާއަށް މޮޅު، ބަސްއަހާ، ވިސްނުންތޫނު ކުއްޖެކެވެ. މުޅި ގޭތެރެ އުޖާލާކޮށްދޭ ދިއްލުމަކީ އެއީއެވެ. އަހަރެން ކަނޑުމަތީގައި ނޫޅޭ، ގޭގައި ހުންނަ ކޮންމެ ވަގުތެއް ހޭދަކުރަނީ ދަރިފުޅުގެ ޚިދުމަތުގައެވެ. ކާންދިނުމާއި، ފެންވެރުވުމާއި، ފިލާވަޅު ދަސްކޮށްދިނުން ފަދަ ހުރިހާ ކަމެއް ކުރަނީ އަހަރެން އަމިއްލަ އަތުންނެވެ. ސަބަބަކީ، އޭނާގެ އުފަން މަންމަގެ ފަރާތުން ދަރިފުޅުގެ އެއްވެސް ކަމަކަށް ކުޑަވެސް ފަރުވާލެއް، އަޅާލުމެއް އަދި ކުލުނެއްވެސް ނުލިބޭތީއެވެ.
އަހަރެންގެ ހިތަށް އެންމެ ބޮޑު ބިރުވެރިކަމަކާއި ހިތާމައެއް ވެރިވަނީ، އަހަރެން މަހަށް ގޮސް ގޭގައި ނޫޅޭ ވަގުތުތަކުގައި، ދަރިފުޅުގެ މަންމަ އޭނާއަށް އަނިޔާކޮށް، ބިރުދައްކައި، އަދި ހިތްކުދިކުދިވާ ފަދަ ހުތުރު ހިތްދަތި ބަސްތައް ބުނެ ހަދާ ކަމުގެ ޚަބަރު ލިބޭތީއެވެ. މިއީ އެހެން މީހެއްގެ ފަރާތުން އިވޭ އަޑުތަކެއް ނޫނެވެ. މި ހިތްދަތި ޙަޤީޤަތްތައް އަހަންނަށް ކިޔައިދެނީ ސީދާ އަނބިމީހާގެ އަމިއްލަ މަންމައެވެ. އަމިއްލަ ދަރިފުޅުގެ ރަހުމުކުޑަކަން ފެނި ކެތްނުވެގެން، އެ މައިމީހާ ކަރުނައަޅަމުން އަހަންނަށް އެ ހުރިހާ ވާހަކައެއް ކިޔައިދޭ ކޮންމެ ފަހަރަކު، އަހަރެންގެ މޭ ފަޅައިގެންދާ ވަރު ވެއެވެ.
ހިތުގައި އަނދަމުންދާ ރުޅިވެރިކަމާއި އެތައް ސަތޭކަ ސުވާލުތަކެއް އަނބިމީހާއާ ކުރިމަތިކުރުވަން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް، މައުސޫމް ދަރިފުޅުގެ ކުރިމަތީގައި އެފަދަ ހޫނު ޒުވާބެއް ނުވަތަ ވާހަކައެއް ދައްކާކަށް އަހަރެންގެ ޟަމީރެއް އެއްގޮތަކަށްވެސް ތަނެއް ނުދެއެވެ. އެއީ ދަރިފުޅުގެ ނާޒުކު ހިތަށް އިތުރު ބިރުވެރިކަމަކާއި ނަފްސާނީ ގެއްލުމެއް ލިބިދާނެތީއެވެ. އަދި ދަރިފުޅު ނިދުމުން، ނުވަތަ ކައިރީގައި ނެތް ވަގުތެއް ބަލާފައި އެ ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް، އަނބިމީހާ އާންމުކޮށް އުޅެނީ ރަށުތެރޭގައި ގެއިން ބޭރުގައި ކަމަށްވާތީ، އެކަހެރިކޮށް ވާހަކަދައްކާލާނެ ފުރުޞަތެއްވެސް އަހަންނަކަށް ނުލިބެއެވެ.
ތެދަށް ބުނާނަމަ، އަނބިމީހާގެ މި ރަހުމެއްނެތް، ޒިންމާދާރުކަން ކުޑަ އުޅުމުގެ ސަބަބުން އަހަރެންގެ ހިތުގައި އޭނާއަށް އޮތް ލޯތްބާއި ޤަދަރު ވަނީ މުޅިން ފުހެވިގެން ގޮސްފައެވެ. އެހެން ނަމަވެސް، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އޮންނައިރުވެސް އަހަރެންގެ ހިތް އަބަދުވެސް އޮންނަނީ ގޭގައި އިން މަޢުޞޫމް ދަރިފުޅުގެ ކައިރީގައެވެ. ދަރިފުޅުގެ ޙައްޤުގައި ކެތްތެރިވެގެން ހުރި ނަމަވެސް، މި އަނިޔާވެރިކަމަށް ނިމުމެއް ގެންނަން އަހަރެން ވަރުގަދަ ޢަޒުމެއް ކަނޑައެޅީމެވެ. ދަރިފުޅުގެ ހިމާޔަތަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް އަހަރެންގެ ހިތް ސާބިތުކަމާއެކު ތައްޔާރުވިއެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް، އަނބިމީހާ ދެވަނަ ފަހަރަށް ބަނޑުބޮޑުވި ޚަބަރު އަހަންނަށް ލިބުނެވެ. އެހެން ނަމަވެސް، ފުރަތަމަ ދަރިފުޅު ލިބެން އުޅުނު ދުވަސްވަރު އިޙްސާސްކުރެވުނު ފަދަ އެއްވެސް އުފާވެރިކަމެއް މިފަހަރު އަހަރެންގެ ހިތަކަށް ނުވަނެވެ. އޭގެ ބަދަލުގައި ހިތް ފުރިގެން ދިޔައީ ބަޔާންކުރަން ދަތި ބިރުވެރިކަމަކާއި ހިތާމައިންނެވެ.
ކޮޓަރީގެ ކަނެއްގައި އިނދެ، ފުން ވިސްނުމަކަށް ގެނބިފައި އިންއިރު އަހަރެންގެ ހިތަށް އެރިއެވެ. އެކުގައި ދިރިއުޅެން ބޭނުންނުވާ، އަމިއްލަ ލެއިން އުފެދިފައިވާ ތުއްތު ދަރިފުޅަށް ކުުޅުނާއި ކުލުނެއް ނެތި އަނިޔާވެރިވާ މީހަކު ގޮވައިގެން މުޅި އުމުރު ދުވަހު ދިރިއުޅޭނީވެސް ކިހިނެއް ހެއްޔެވެ؟ ކައިވެނީގެ މި ވިހަ ގުޅުމުގެ ތެރޭގައި ތަޙައްމަލު ކުރަންޖެހިފައިވާ ހިތްދަތިކަން މިއީ އަހަރެންގެ ނިތްކުރީގައި ލިޔެވިފައިވާ ތަޤުދީރު ހެއްޔެވެ؟ ނޫނީ ދުވަހަކުވެސް ހަޤީޤީ ހަމަޖެހުމާއި، ލޯތްބާއި ކުލުނު ލިބޭނެ އުފާވެރި މާދަމާއެއް އަހަރެންގެ ޙަޔާތަށް އަތުވެދާނެ ހެއްޔެވެ؟
ދޮރުމަތީގައި ހުރެ ކުޑަކުޑަ ދަރިފުޅު ރޮމުން ދިޔަ އަޑު އިވުމުން އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. މައިވަންތަކަމުގެ އެއްވެސް އިޙްސާސެއް ނެތި، ކުށެއްނެތް އެ މައުސޫމް ފުރާނައަށް އަނިޔާކުރަމުންދާ މަންޒަރު ދެކެން އަހަރެން އަދި ކިހާ ދުވަހަކު ކެތްކުރާނީ ހެއްޔެވެ؟ އަނެއްކޮޅުން މި ދުނިޔެއަށް އަލަށް އުފަންވާން އުޅޭ ތުއްތު ފުރާނައިގެ ޙައްޤުގައިވެސް އަހަރެން ވަކި ގޮތެއް ނިންމަން އެބަޖެހެއެވެ.
ހިތުގައި އުފެދެމުންދިޔަ ތޫފާނަށް ކެތްނުކުރެވިގެން އަހަރެން އިސްއުފުލައި މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވީމެވެ. މި އަނދިރި ދުވަސްތަކުން ސަލާމަތްވެ، އަހަންނާއި އަހަރެންގެ މައުސޫމް ދަރިންނަށް ރައްކާތެރިކަމާއި އުފާވެރިކަން ދެއްވުން އެދިއެވެ. އަދި ކިތަންމެ ހިތި ނަމަވެސް، ޙަޔާތުގެ މި ބަނަ ޞަފްޙާ ނިންމާލައި، އަމިއްލަ ނަފްސާއި ދަރިންގެ ދިފާޢުގައި ހިތްވަރާއެކު ތެދުވެ ވަރުގަދަ ނިންމުމެއް ނިންމަން ޖެހިއްޖެކަން އަހަންނަށް ޔަޤީންވިއެވެ.
(ނުނިމޭ)
