ހިތުގެ މަގުތައް-5
ޔަޝްމީގެ ބޭބެގެ ފޯނު ކޯލަށްފަހު އަފްލާޒްގެ ލޮލުން ނިދި ފިލައިގެންދިޔައެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތްއިރު ހިތުގައި އެކި ކަހަލަ ޚިޔާލުތައް އެނބުރެމުންދިޔައެވެ. ޔަޝްމީގެ ބޭބެއަކީ ކާކުކަމާއި، އޭނާ އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަމެއް އަފްލާޒްއަކަށް ނޭނގެއެވެ. ނަމަވެސް އޭނާ ހުރީ ކޮންމެ ފަދަ ހާލަތަކާވެސް ކުރިމަތިލާން ތައްޔާރަށެވެ. ޔަޝްމީ ދެކެ އޭނާ ވާ ލޯބި ގުރުބާންކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު 7:30 ގައި އަފްލާޒް ގޮސް ހުރީ ކޮލެޖު ކައިރީގައި އޮންނަ ހިމޭން ޕާކެއްގައެވެ. އިރުކޮޅަކުން ކަޅު ކުލައިގެ ކާރަކުން ފޭބި އުމުރުން ދުވަސްވީ، ހައިބަތު ހުރި ފިރިހެނަކު އަފްލާޒްއާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.
“އަފްލާޒް؟” އޭނާ އަހައިލިއެވެ.
“އާނ، އަހަރެން މިއީ އަފްލާޒް. ޔަޝްމީގެ ބޭބެއަކީ ތިއީތަ؟” އަފްލާޒް ޖެހިލުންވުމެއް ނެތި ސުވާލުކުރިއެވެ.
އެމީހާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުން އަފްލާޒްގެ ހިތުގައި އޮތް ބިރުވެރިކަން ކުޑަކޮށް ފިލައިގެންދިޔައެވެ. “އާނ، އަހަރެން މިއީ ސާޖިދު. ޔަޝްމީގެ ހުރި ހަމައެކަނި ބޭބެ. އަހަރެން އަފްލާޒް އާ ބައްދަލުކުރަން މި އައީ ޔަޝްމީގެ ފަރާތުން ކަމެއް އެނގިގެންނެއް ނޫން. އަހަރެން އަމިއްލައަށް ކޮލެޖު ތެރެއިންނާއި ޔަޝްމީގެ އުޅުމަށް އައި ބަދަލުން ފާހަގަކުރެވިގެން.”
ސާޖިދު އަފްލާޒްގެ ކޮނޑުގައި އަތްބާާލިއެވެ. “އަފްލާޒް، ކަންބޮޑުނުވޭ. އަހަރެން މިއައީ ތިޔަ ދެމީހުންގެ ލޯތްބަށް ހުރަސްއަޅާކަށް ނޫން. އަހަރެންނަށް އެނގޭ އަފްލާޒްއަކީ ކޮލެޖުގައި ކިޔަވަން މޮޅު، އަޚުލާޤު ރަނގަޅު ކުއްޖެއްކަން. އަހަރެން ބޭނުންވަނީ މަގޭ ކޮއްކޮ އުފަލުގައި ބަހައްޓަން. އޭނާ އަފްލާޒް ދެކެ ވަރަށް ލޯބިވޭ. އަހަރެން އެދެނީ ކިޔަވައި ނިމެންދެންވެސް ތިޔަ ސާފު ގުޅުން ތިގޮތުގައި ކުރިއަށް ގެންގޮސް، ކިޔަވާ ނިމުމުން ރަސްމީކޮށް ގުޅުން ކުރިއަށް ގެންދަން.”
ސާޖިދުގެ ބަސްތަކުން އަފްލާޒްގެ ހިތް އުފަލުން ފުރުނެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ ސާޖިދުބޭ. އަހަރެން ޔަޝްމީގެ ހިތުގައި ދުވަހަކުވެސް ނުޖައްސާނަން. އޭނާ އަބަދުވެސް ބަހައްޓާނީ އުފަލުގައި،” އަފްލާޒް ޔަގީންކަން ދިނެވެ.
އަފްލާޒް ކޮލެޖަށް ވަތްއިރު ގޭޓު ކައިރީގައި ޔަޝްމީ ހުއްޓެވެ. އަފްލާޒް ފެނުމާއެކު އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ. އަފްލާޒް ގޮސް ޔަޝްމީގެ ގާތުގައި ހުއްޓި، ހެނދުނު ބޭބެއާ ބައްދަލުވި ވާހަކަ ކިޔައިދިނެވެ. ބޭބެ އެމީހުންގެ ލޯތްބަށް ގަބޫލުވިކަން އެނގުމުން ޔަޝްމީގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއެވެ. އެ ދެމީހުންގެ ދެމެދުގައި އޮތް ހުރިހާ ހާސްކަމެއް ފިލައި، އާ އުންމީދެއް އުފެދުނެވެ.
އެވަގުތު ކްލާސް ރޫމް ތެރޭގައި ލިޔުޝާ އިނީ އެކަނިމާ އެކަނި ފޮތް ކިޔާށެވެ. ޔައިޝް ކްލާހަށް ވަދެ، މަޑުމަޑުން ގޮސް ލިޔުޝާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
“ލިޔޫ… ގުޑް މޯނިންގް،” ޔައިޝް މަޑުމަޑުން ބުންޏެވެ.
ލިޔުޝާ އިސްއުފުލާވެސް ބަލައެއް ނުލިއެވެ. އޭނާ ފޮތުގެ ސަފުހާ އުކާލަމުން ހިމޭނުން އިނެވެ.
“ލިޔޫ، އަހަރެން އެނގޭ ލިޔޫ އަހަރެންދެކެ ރުޅިއައިސްފައި ހުރިވަރު. އެކަމަކު އަހަރެން ކޮލެޖުގެ އެސައިންމަންޓް ގްރޫޕުން ވަކިވެއްޖެއިން. ލިޔޫއަށް އުނދަގޫ ނުކުރަންވެގެން. އަހަރެން ހަމައެކަނި ބޭނުންވަނީ ލިޔޫ ހިތްހަމަޖެހިގެން އުޅޭތަން ދެކެން،” ޔައިޝް ދެރަވެފައި ބުންޏެވެ.
ލިޔުޝާ ފޮތް ލައްޕާލުމަށްފަހު ޔައިޝްގެ މޫނަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން އަދިވެސް ހިތްދަތިކަން ފެންނަން ހުއްޓެވެ. “ޝުކުރިއްޔާ ޔައިޝް، ތިގޮތް މާ ރަނގަޅުވާނެ. އަހަރެމެން ދެމީހުން ދުރުގައި ތިބުމުން ދެމީހުންނަށްވެސް ވިސްނަން ވަގުތު ލިބޭނެ،” ލިޔުޝާ އެހެން ބުނެފައި ތެދުވެގެން ކްލާހުން ނުކުތެވެ. ޔައިޝްއަށް ކުރެވުނު ކުށުގެ ސަބަބުން އޭނާގެ ހަޔާތުން އެންމެ އަގުބޮޑު ޖަވާހިރު ގެއްލިއްޖެކަން އޭނާއަށް އިހުސާސްވަމުންދިޔައެވެ.
ކޮލެޖުގެ ކެންޓީނުގައި ޒައިން އާއި ޝައިހާ ތިއްބެވެ. ޒައިން އިނީ ފޯނަށް ބަލަން ވަރަށް ބޮޑަށް ވިސްނުމަކަށް ގެއްލިފައެވެ.
“ޒައިން، ކިހިނެއްވީ؟ ހެނދުނުން ފެށިގެން ތިއިންނަނީ ވަރަށް ބޮޑަށް ބަދަލުވެފައި،” ޝައިހާ ކަންބޮޑުވެފައި އަހައިލިއެވެ.
ޒައިން ފޯނު މޭޒުމަތީގައި ބާއްވާލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. “ޝައި… އަހަރެންގެ ބައްޕަ ބޭނުންވަނީ އަހަރެން މި ސެމިސްޓާ ނިމުމުން، ވިޔަފާރީގެ ކަންތައްތަކުގައި އެހީވާން ސިންގަޕޫރަށް ބަދަލުވާން. ބައްޕަ ބުނަނީ ކިޔެވުން އެކޮޅުން ކުރިއަށް ގެންދަން.”
ޒައިންގެ ދުލުން އިވުނު ވާހަކައިން ޝައިހާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނު ފަދައެވެ. މޭޒުމައްޗަށް އޮހޮރިގެންދިޔަ ޖޫސްތަކަށް ބަލަން އިންއިރު، އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތް ގޮތުގައި ކަރުނަ ފައިބަން ފެށިއެވެ. ކޮލެޖުގައި އެންމެ އުފާވެރިކޮށް އުޅުނު ދެމީހުންގެ ހަޔާތަށް މިފަދަ ތޫފާނެއް އަތުވެދާނެއޭ އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.
“ޒައިން… ތީ މަޖަލަކަށް ބުނި ވާހަކައެއް އެއް ނޫން ދޯ؟” ޝައިހާ ގިސްލަމުން އަހައިލިއެވެ. “އަހަރެން ކިހިނެއް ޒައިންއާ ދުރުގައި އުޅޭނީ؟ އަހަރެން ބަހައްޓާފައި ދާން ކެރޭނެތަ؟”
ޒައިން އަވަސްއަވަހަށް ޓިޝޫއެއް ނަގައި މޭޒުމަތި ފުހެލަމުން، ޝައިހާގެ ތުރުތުރުލާ އަތުގައި ހިފާލިއެވެ. “ޝައި… ހެޔޮނުވާނެ ނުރޮއެބަލަ. އަހަރެންވެސް ދާކަށް ބޭނުމެއް ނޫން. ބައްޕަ ކުއްލިއަކަށް އެހެން ބުނީމާ އަހަރެންވެސް މިހުރީ ހަދާނެގޮތް ހުސްވެފައި. އެކަމަކު އަހަރެން ބައްޕައާ ވާހަކަދައްކާނަން. ޝައި ދޫކޮށްލާފައި އަހަރެން އެއްވެސް ތަނަކަށް ނުދާނަން،” ޒައިން ޝައިހާގެ ކަރުނަތައް ފުހެދެމުން ޔަގީންކަން ދިނެވެ. ނަމަވެސް ބައްޕަގެ ނިންމުން ބަދަލުކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން ޒައިންއަށް ރަނގަޅަށް އެނގެއެވެ.
ކެންޓީނުގެ އަނެއްކޮޅުގައި ތިބި އަފްލާޒް އާއި ޔަޝްމީއަށް ޒައިންމެންގެ މޭޒުމަތިން ފެނުނު ހާސްކަން ފާހަގަކުރެވުނެވެ. އެމީހުން ތެދުވެގެން ގޮސް ޒައިންމެންގެ ކައިރީގައި އިށީނދެލިއެވެ.
“ޒައިން، ޝައި… ކިހިނެއްވީ؟ ދެމީހުން ހާދަ ދެރަވެފައި؟” ޔަޝްމީ ކަންބޮޑުވެފައި އަހައިލިއެވެ.
ޒައިން ފުން ނޭވާއެއްލުމަށްފަހު ބައްޕަގެ ރޭވުމުގެ ވާހަކަ އަފްލާޒްމެންނަށް ކިޔައިދިނެވެ. “އަހަރެން ސިންގަޕޫރަށް ބަދަލުވާން ބައްޕަ އެދެނީ. އެކަމަކު އަހަރެން ޝައިއާ ދުރުވާކަށް ބޭނުމެއް ނޫން،” ޒައިން ބުންޏެވެ.
އަފްލާޒް ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ. “ޒައިން، ބައްޕައާ ވާހަކަދައްކައިގެން ކަމެއް ހައްލު ވާނީ. ބައްޕައަށް ވިސްނައިދޭންވީ މިކޮޅުން ކިޔެވުން ނިންމާފައި ވިޔަފާރިއާ ގުޅެން. އޭރުން ޝައިއާ ދުރުވާކަށް ނުޖެހޭނެ. އަހަރެމެން އެންމެންވެސް ޒައިންއަށް އެހީވާނަން.” އަފްލާޒްގެ ހަރުދަނާ ވިސްނުމުން ޒައިންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
އެވަގުތު ކޮލެޖުގެ ލައިބްރަރީގެ ކަނެއްގައި ޔައިޝް އިނީ އެކަނިމާ އެކަނި ފޮތްތަކެއް ހާވަށެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ ހަމައެކަނި ލިޔުޝާގެ ސޫރައެވެ. އޭނާގެ ކޮންމެ މެސެޖަކަށް ލިޔުޝާ ދެނީ ފިނި ޖަވާބުތަކެކެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ލިޔުޝާގެ މެސެޖެކެވެ.
“ޔައިޝް، މިއަދު ހަވީރު ކޮލެޖު ނިމިގެން ގާޑިއާ ސަރަހައްދަށް އާދެވިދާނެތަ؟ އަހަރެން ބޭނުން އެކަނި ބައްދަލުކޮށްލަން.”
މި މެސެޖު ކިޔާލުމާއެކު ޔައިޝްގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާ އަވަސްއަވަހަށް “އާނ، ހަމަ ހުރެފައިވެސް ދާނަން” ޖަހާފައި ރިޕްލައި ކުރިއެވެ. ލިޔުޝާ އޭނާއާ ވަކިން ބައްދަލުކުރަން އެއުޅެނީ މާފުކުރަން ބާވައޭ ޔައިޝްގެ ހިތަށް އެރިއެވެ. އޭނާ ހުރީ ހަވީރުވާނެ ވަގުތަކަށް ކެތްމަދުވެފައެވެ.
ހަވީރުގެ ފިނިރޯޅިތައް މާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ބޮސްދެމުންދިޔަ ވަގުތެވެ. ޔައިޝް ހުރީ ލިޔުޝާގެ އިންތިޒާރުގައި ގާޑިއާއެއްގެ ކައިރީގައެވެ. އިރުކޮޅަކުން ރީތި ހުދު ހެދުމެއްގައި ލިޔުޝާ އަންނަނިކޮށް ފެނުނެވެ. އޭނާގެ މޫނުމަތިން ކުރީގެ ރުޅިވެރިކަމެއް ނެތެވެ. ނަމަވެސް މަޑުމައިތިރިކަމެއް ވެރިވެފައިވިއެވެ.
“ލިޔޫ…” ޔައިޝް ކުރިއަށް ޖެހިލިއެވެ.
“ޔައިޝް، އަހަރެން މިތަނަށް މިއައީ ވަރަށް ބޮޑަށް ވިސްނާފައި ގޮތެއް ނިންމައިގެން،” ލިޔުޝާ ކަނޑާދިމާއަށް ބަލަން ހުރެ ބުންޏެވެ. “އަހަރެންނަށް އެނގޭ ޔައިޝް ތިހުރީ ވަރަށް ދެރަވެފައިކަން. އަދި އަހަރެންވެސް ޔައިޝްއާ ދުރުގައި އުޅޭކަށް ބޭނުމެއް ނޫން. އެކަމަކު އަހަރެމެންގެ ގުޅުން ކުރިއަށް ގެންދެވޭނީ އެންމެ ޝަރުޠެއްގެ މަތިން.”
“ކޮން ޝަރުޠެއް؟ ލިޔޫ ބުނި ކޮންމެ ކަމެއްވެސް އަހަރެން ކުރާނަން!” ޔައިޝް އަވަސްއަވަހަށް ބުންޏެވެ.
ލިޔުޝާ ޔައިޝްގެ ދެލޮލަށް ބަލައިލިއެވެ. “އަހަރެމެންގެ މެދުގައި ދެން ދުވަހަކުވެސް ސިއްރެއް އޮވެގެން ނުވާނެ. އަދި ކޮންމެ ހަފުތާއަކު އެއްފަހަރު އަހަރެމެން ދެމީހުންގެ ހިތްހަމަނުޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަންޖެހޭނެ. އަހަރެން ބޭނުމީ އިތުބާރު އަލުން ބިނާކުރަން. ވަގުތުން ހުރިހާ ކަމެއް ކުރީގެ ގޮތަށް ނުވިޔަސް، އަހަރެމެންނަށް މަސައްކަތް ކުރެވިދާނެ.”
ޔައިޝްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. އޭނާ ލިޔުޝާގެ އަތުގައި ހިފާލިއެވެ. “ލިޔޫ… ވައުދުވަން. ދުވަހަކުވެސް ދެން ތި ހިތަކު ނުޖައްސާނަން.”
މި ހަ ޒުވާނުންގެ ހަޔާތުން އެއް މައްސަލަ ހައްލުވިއިރު، އަނެއްކޮޅުން ޒައިން އާއި ޝައިހާގެ ހަޔާތަށް އޮތީ ބޮޑު ހުރަހެކެވެ.
ނުނިމޭ!
ނޯޓް…
ސުކޫލު ކިޔެވުން ފެށިފައިވާތީ ދެން ވާހަކަ ނެރެވޭލެށް ތަންކޮޅެއް ލަސްވެދާނެ އެކަމަށް ހުރިހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން! އެކަމަކު އަޅުގަނޑަށް ވަގުތު ލިބުން ވަރަކުން ވާހަކަ އަޕްލޯޑް ކޮށްދޭނަން ހުރިހާ ކިޔުންތެރިން އަށް ވެސް އަންޑަސްޓޭންޑް ވާނެ ކަމަށް އުންމީދުކުރަން! 🥰
9 Comments!
Comments are closed.


MashaAllah ❤️ me 1 st
When’s next?
Awaiting for next part!! Ly❤️
It’s fine Me vx vv busy schl feshuneema academic abilities competition ge kankamuga mi. Ulheney’So I know!! 😄❤️
Happy to know that you enjoyed 🥰
Yay u first congrats 😊
Vrh ufaavehje understand veema
Stay tuned for next part
Lym dear 🫀💌
Varah varah reethi
Thank youuu 🥰
Maashaa Allah vrh vrh reethi…
When next?
Curiosly waiting…
Keep shining girrl ☺️
Happy to know that you enjoyed 🥰
Next part soon IA
Maasha allah vrh reethi .mi part vex..so happy everyone is finally happy …but zain and shaisha dho…sad …
It’s okay I also have school and it’s kinda bxy but up kohla dhechey time v ma
Btw..how old r u
Happy to know that you enjoyed 🥰
Yes finally dhw. yhh sad for xain and Shai 🥺
Vrh ufaavehje understand veema yess IA free v varakun up kohla dheynan… I’m 14 yrs old this year 15 vaane