Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވޭން – 2

Eyesh Level 210 Stories100 Comments
July 30, 2026 4 Mins Read
2 Comments

“ޒަމް…”…

ޖައިލަމް ގެ އަޑު އިވުމާއެކު އަހަރެން ޑައިރީ ލައްޕާލައި ބާލީސް ދަށަށް ކޮއްޕާލައި ހަމަޖެހެވޭތޯ ބެލީމެވެ .އޭރު އަހަރެންގެ ހިތް ތެޅެން ފެށިބާރަށް ހީވީ މޭފަޅާފައި ނިކުންނަން އުޅުނުހެންނެވެ. “ކީކޭ..” ކުރިމައްޗަށް އައިސް ހުއްޓުނު ޖައިލަމްގެ މޫނަށް ބަލަން އިނދެ އަހަރެން އަހާލީމެވެ. ޖައިލަމް ގެ މޫނުނަތިން ފެންނަން ހުރީ އެހެންޏާވެސް ފެންނަ ކުލަވަރެވެ. އޭނާއަކީ އަހަރެންނަށް ބަލާލައި ހީލާ ހަދާ މީހެއްނޫނެވެ. އަހަރެންނާ ވާހަކަދެއްކިޔަސް ހީވާނީ ބުދަކާ ވާހަކަ ދައްކާހެންނެވެ.

 

 

“ވަރަށް އަވަހަށް ތައްޔާރުވެލާބަލަ. ދޮންބެ މެންގެއަށް ދާންޖެހިއްޖެ ޕާޓީއަކަށް.” ޖައިލަމް އެހެން ބުނެގޮސް އަލަމާރިން އަހަރެން ލާންވީ ހެދުން ނަގައި ދިއްކޮއްލިއެވެ. އެވަރުގެ ކުޑަކުޑަ ކަމެއްގައިވެސް އަހަރެންގެ އަމިއްލަ ބާރެއް ނޯންނަ ކަހަލައެވެ. އަހަރެން ބޭރަށް ދާއިރު ހުންނަން ޖެހެނީ އަގުބޮޑެތި ހެދުނު ލައި، އެތައްލައްކަ ރުފިޔާއެއްގެ އަގުބޮޑު ދަބަސް އަޅައިގެންނެވެ. އެއީއަހަރެން ކުރާހިތްވާ ކަމެއްނޫނަސް ޖައިލަމްއަކީ ވަކިގޮތަކަށް އޭނާގެ އަނބިމީހާ ދުނިޔެއަށް ދައްކަން ބޭނުންވާ މީހެކެވެ. އަހަރެން މީ ދުނިޔެއަށް ދައްކަން އިނދެގެން އުޅޭ މީހެކޭވެސް ހީވާ ކަހަލައެވެ.

 

ދިހަބުރީގެ މިއޮއްބޮޑު ގޭގައި އަހަރެން މިވަނީ ކުއްވެރިއެއް ފަދައިން ބަންދުވެފައެވެ.

ގޭގެ އެންމެ ތިރީގައި ޖައިލަމްގެ 2 ކާރާއި ސައިކަލު ޕާކް ކުރަން ގަރާޖު ހަދާފައި ހުންނައިރު ފުރަތަމަ ފަންގިފިލާ އަކީ އަހަރެންނާ ޖައިލަމް އުޅޭ ބައެވެ. ކޮންމެ ފަންގިފިލާއެއްގައި ބޮޑު ތިން ކޮޓަރިއާ ސިޓިންރޫމު އަދި ބަދިގެ ހުރެއެވެ. އަހަރުމެން އުޅޭ ބައިގައި ހުންނަ ތިންކޮޓަރިން އެއްކޮޓަރީގައި އަހަރެން އުޅޭއިރު އަނެއް ކޮޓަރި އެއީ ޖައިލަމްގެ ކޮޓަރިއެވެ. ކައިވެނި ކޮއްގެން އުޅުނަސް އަހަރުމެން ނިދަނީ ވަކި ދެކޮޓަރީގައެވެ. އެކަމިގެ ހަގީގަތެއް އަދި އަދަށް ވެސް އަހަރެންނަކަށް ނޭނގެއެވެ. ތިންވަނަ ކޮޓަރި އެއީ ޖައިލަމްގެ އޮފީހެވެ. އެތާގައި ދުވާ މެޝިނަކާ ބައެއް ކަސްރަތުކުރާ މެޝިންވެސް ހުރެއެވެ. ކޮޓަރީގެ އެއްކަނުގައި މޭޒަކާ ގޮނޑިއެެއް އަދި ކޮންޕިއުޓަރެއް ބަހައްޓާފައި ހުންނައިރު ކޮޓަރީގެ އަނެއްފަޅި ހުންނަނީ ކުޑަ ޖިމް އެއްގޮތައް ތައްޔާރު ކޮއްފައެވެ.

 

މަތީފަންގިފިލާގައި އުޅެނީ ކައްކާމީހާ މާލާ އާއި ޖައިލަމްގެ ޑްރައިވަރު ރުބެލް އެވެ. އަދި ގޭތެރެ ސާފުކޮށް ބާޒާރު ކުރަން މުސާރަ ދީފައި ހުންނަ ކަމާލް އެވެ. މާލާ އަކީ އިންޑިޔާ އަންހެނެކެވެ. ދެން އުޅޭ ދެ ފިރިހެނުންނަކީ ބަންގްލަދޭޝް ދެމީހުންނެވެ. އެމީހުންނަށް ވެސް އަހަރެން މިގޭގައި މިއުޅެންޖެހިފައިވާގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އެމީހުންނަށް ދޭ ބޮޑު މުސާރައާއި ބޯނަސްގެ ސަބަބުން އެމީހުން ގެއަނގަ ބަންދުވެ ދެލޮލަށް ކަންކަން ނުފެންނަނީއެވެ.

މަތީހުރިހާ ފަންގިފިލާތައް ހުންނަނީ ހުހަށެވެ. ބަޔަކަށް ކުއްޔަކަށްވެސް ނުދެއެވެ. ހަމައެކަނި ސާފުކޮއްފައި ބަހައްޓަނީއެވެ. އަހަރެން ދުވަހަކުވެސް އެބައިތަކަކަށް ނުދަމެވެ. އެތާގައި އެއްޗެއް ފޮރުވާފައި ހުރީބާއޭވެސް ހިތަށް އަރައެވެ. އެބައިތަކަށް އެރުމުގެ ހުއްދަ ހަމައެކަނި އޮންނަނީ ގޭތެރެ ސާފުކުރާ މީހާއަށެވެ.

 

 

ކައިވެންޏަށް މިވީ ފަސް މަސް ތެރޭގައި އަހަރެން މިކައިވެނިން ބޭރުވާން އެތަކެއް މަސައްކަތެއް ކޮއްފީމެވެ. ނަމަވެސް ކޮންމެ ފަހަރަކު އެކަން ވަނީ ބޭކާރު ކަމަކަށެވެ. އަހަރެން ފެންވަރައިގެން ނިކުމެ ޖައިލަމް ނަގާފައި އޮތް ހެދުމާއި ބުރުގާ އަޅައި ތައްޔާރުވެލީމެވެ. ކޮޓަރިން ނިކުތް އިރު ޖައިލަމް ސިޓިންރޫމުގައި ފޯނާކުޅެން އިނެވެ. “ހިނގާދާން.” އެއްވެސް އެއްޗެއްނުބުނެ އަހަރެން ޖައިލަމް އެކީގައި ގޮސް ކާރަށް އެރީމެވެ. އޭރު ރުބެލް ބޮޑު މާބޮނޑިއަކާ ޕާރުސަލެއް ހިފައިގެން އައިސް އަހަރެން އަތަށް ދިނުމަށް ފަހު ކުރީސީޓުގައި އިށީނދެ ގަރާޖުން ކާރު ނެރުނެވެ. “ދޮންބެގެ އެނިވާސަރީ ޕާޓީއަަަށްމިދަނީ. ތީގައި އޮންނާނީ ދޮންބެ އަށް އޮތް ރޮލެކްސް ގަޑި އަކާ ދޮންބެ ދައްތައަށް އޮތް ގޯލްޑް ފަށެއް. ބުނާތި ތީ ޒަމްއާ މަށާ ގޮސް ގަތް ހަދިޔާއެކޭ. މާގިނަ ވާހަކަ ނުދައްކާތި މީހުންނާ.” ޖައިލްމް އަހަރެންގެ މޫނަށް ބަލަން އިނދެ ވާހަކަދެއްކިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީ އިތުރު ގޮތެއް ނެތުމުންނެވެ.

 

ކާރުގޮސް ޝާމްމެންގެ ކައިރިއަށް މަޑުކޮށްލުމާއެކު ޖައިލަމް ފައިބައި އަހަރެން ފޭބުމަށް އަށް ދިއްކޮއްލިއެވެ. ކުއްލިއަކަށް ޖައިލަމްގެ ރަނގަޅުސިފަ ފާޅުވީއެވެ. އެއީ މީހުން ކުރިމަތީގައި ފެންނަ ރަނގަޅު، އަނބިމީހާދެކެ އިންތިހާއަށް ލޯބިވާ ޖައިލަމްއެވެ. ޖައިލަމް އަހަރެން ގޮވައިގެން ގޮސް އެގެއަށް ވަދެ ދިހަވަނަބުރީގެ ޓެރަސް އަށް އެރިއެވެ. ޓެރަހުގައި ގޮނޑިޖަހައި ތަން ޒީނަތްތެރި ކޮއްލާފައި ވާއިރު މޭޒުތައް އަތުރާލައި ތަފާތު ވައްތަރުގެ ހެދިކާ ހުއްޓެވެ. އޭރު މޭޒުތައް މަތީގައި ބޯއެއްޗެހި އެތުރުމުގައި ތިން ވެއިޓަރުން ވަރަށް އަވަދިނެތި އުޅެއެވެ.

 

އަހަރުމެން ފެނުމާއެކު ފުރަތަމަވެސް އަހަރުމެންނަށް މަރުހަބާކީ ޝާމްގެ އަނބިމީހާ ހަނާއެވެ. އަހަރެންގެ އަތުގައި އޮތް މާބޮނޑިއާއި ހަދިޔާ ހަނާއަތަށް ދިނުމަށް ފަހު ޖައިލަމް އެކީގައި ގޮސް އެތަނުން މޭޒެއް ކައިރީގައި އިށީނދެލީމެވެ. ޖެހިގެން ހުރި މޭޒުގައި ޖައިލަމްގެ އަނެއް ބޭބެ ނިޔާޒް އޭނާގެ އަނބިމީހާ ފަޒޫ އާއި އެމީހުންގެ ހަ އަހަރުގެ ދަރިފުޅު ޒައުލް ގޮވައިގެން ތިއްބެވެ. “ޒަމް ހާދަ ރީއްޗޭ..” ފަޒޫ ހީލަމުން އަހަރެން ނަށް ތައުރީފު ކޮއްލިއެވެ. އަހަރެން ތޭންކްސް އޭބުނެ ހީލީމެވެ. އަހަރެން ނަށް މީހުންނާ މާގިނަ ވާހަކަ ދެއްކުމުގެ ހުއްދައެއް ނޯވެއެވެ. އެހެންކަމުން އަބަދުވެސް މީހުން ތެރޭގައި ވަރަށް ބަސްމަދުކޮށް އުޅެވޭތޯ ބަލަމެވެ.

 

 

ޮާޕާޓީ ނިމި ގެއަށް ދެވެންދެންވެސް އަހަރެން އިނީ ވަރަށް މަޑުންނެވެ. އެތާއިނދެ ކޮޅަށް ތެދުވެ ހަޅެއް ލަވައިގަންނަންވެސް ބޭނުންވިއެވެ. ސަލާމަތް ކޮއްދޭށޭވެސް ބުނަން ބޭނުން ވިއެވެ. ނަމަވެސް އަހަރެންގެ ދުލުގައި މިވަނީ ތަޅެއް އެޅުވިފައެވެ. އަހަރެންގެ ކައިވެނި ކުރުމުގެ ކުރިން ޖައިލަމް މަންމައާއި ހަސަންބެގެ ގެ ވަރަށް ފެންވަރުގައި ހަދާދިނެވެ. އޭރު އަހަރެންނަކަށް ޖައިލަމްގެ ހަގީގަތެއް ނޭނގެއެވެ. ހަގީގަތަށް ބުނާނަމަ އަދިވެސް ނޭނގެއެވެ.

ޖައިލަމް ބުނީ އަހަރެންގެ މަންމަ އަހަރެންނަށް ކިތަންމެ ގޯހަސް އެމީހުންނަށް ހެޔޮކޮށް ހިތަން ޖެހޭނެ ކަމުގައެވެ. މަންމަމެންނަށް އޭނާ ކަންތައްކޮއްދިން ހެޔޮކަމުން އަހަރެން ވަރަށް އުފާކުރީމެވެ. މަންމަ މެން އެމީހުންނަށް ޖައިލަމް ހޯދައިދިން މުއްސަނދިކަމުގައި އުޅެނީ ވަރަށް އުފަލާ އަރާމުގައެވެ. ރަށުގައި ބޮޑު ފިހާރައެއް ހުޅުވައި ދީ މާލެ ދުއްވާ ބޮޑު ބޯޓެއްވެސް ހަސަންބެއަށް ހަދިޔާކުރިއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެމީހުން އަހަރެންގެ ހާލެއް ނުބަލައެވެ.

 

ކައިވެންޏަށް މިވީ ފަސްމަސް ތެރޭގައި އަހަރެންނަށް ޝާނާއަކާވެސް ދިމަލެއް ނުވެއެވެ. އަހަރެންގެ ފޯނުން ކުރާ ހުރިހާ ކަމެއް ޖައިލަމް އަށް އެނގެއެވެ. އެހެން ކަމުން ޝާނާއަށް މެސެޖެއް ކޮއްލާފައިވެސް ހަގީގަތެއް ނުބުނެވެއެވެ. ގުޅާފައި ކިޔާ އެއްޗެހިވެސް ޖައިލަމްއަށް އެނގެއެވެ. އަހަރެން ގެންގުޅެން މިޖެހެނީ ޖައިލަމް ދިން ފޯނެކެވެ.

 

 

އަހަރުމެން ޕާޓީނިމިގެން ގެއަށް ގޮސް އަހަރެން އެއްޗެހި ބަދަލު ކޮއްލައިގެން އެނދުގައި އޮށޯވެލީމެވެ. މާޒީގެ ހިޔާލުތަކަށް ގެއްލި ކުރެވުނު މޮޔަކަންތަކާމެދު ވިސްނާލެވުނެވެ. ކުރިއަށް ވާނެ ގޮތް އެނގޭނަމަ އަހަރެން މިފަދަ މޮޔަކަމެއް ނުކުރީމުހެވެ. ” މެޑަމް ޑިނަރް އިސް ރެޑީ..” ދޮރުގައި ޓަކި ޖަހާލަމުން މާލާ ގޮވާލުުމުން އަހަރެން މަޑުމަޑުން ތެދުވެ ކުޑަކޮށް މަތިހަދާލައިގެން ގޮސް ކާގެއަށް ވަނީމެވެ. އޭރުޖައިލަމް ވެސް ކާމޭޒު ކައިރީގައި އިށީނެވެ. މާލާ އަހަރުމެން ނަށް ޖޫސް އަދި ފެން އަޅައި ދިނުމަށް ފަހު އިރުކޮޅަކު ކައިރީގައި މަޑުކޮށްލިއެވެ. ޖައިލަމް އަތުގެ އިޝާރާތުން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނުމުން މާލާ އޭނާއުޅޭ ފަންގިފިލާއަށް ދިޔައެވެ.

 

 

އާންމުކޮށް އެހެން މާލާ ފޮނުވާލައިފިނަމަ ޖައިލަމް އެއުޅެނީ ކޮންމެވެސް ވާހަކައެއް ދައްކަން ކަން އަހަރެންނަށް އެނގެއެވެ. “އަހަންނަކަށް އަދި ނެތް ޒަމް ވަރިކުރެވޭކަށް. ވަރަށް ގިނަމީހުންނަށް އަހަރެން އެނގޭ. އަހަރެންގެ ރެޕިއުޓޭޝަން އަށްވެސް ވިސްނަން ޖެހޭ.” ” ޖައިލަމް ވާހަކަ ދެއްކީ ކާންއިނދެ ވަރަށް ހަމަޖެހިގެންނެވެ. “އެކަމަކު ޖައިލަމް. … މީ ދިރިއުޅުމެއް ނޫން… އަހަރެން މި މުއްސަނދިކަމެއް ބޭނުމެއްނެތް. އަހަރެން ބޭނުމީ މީހަކާއެކު ލޯބިން އުޅެން..” އަހަރެން ފެންކަޅި ވާގޮތް ވިއެވެ.

” ޒަމް ކައިރީގަ މަ ބުނިންދޯ ކައިވެނި ކުރުމަށް ފަހު އެކަކު އަނެކަކުގެ ސިފަތައް އެކްސެޕްޓް ކުރަންވާނެއޭ.. ޒަމް އެއްބަސްވި. އެހެންނޫނަސް ޒަމްގެ ޕޭރެންޓްގެ ލައިފް ސެޓްލް ކޮއްދީ ޒަމްގެ ލައިފް ވެސް ސެޓްލް ކޮއްދީފަ މެރީކުރީ.. ” ޖައިލަމްގެ ވާހަކަ ހުރިގޮތުން މިކައިވެނީގައި އެއްވެސް މައްސަލައެއް އުޅޭކަމަކަށް ޖައިލަމްއަށް ގަބޫލު ނުކުރެވެނީހެންވެސް ހީވިއެވެ. އަހަރެން ކިތަންމެ ވަރަކަށް ވިސްނިޔަސް ޖައިލަމްގެ ސިކުނޑީގައި ހިނގާ ކަންކަމެއް ނޭނގޭނެއެވެ. އަހަންނަށް އޮތީ ސުވާލުކުރުމެވެ. ސުވާލުކުރިޔަސް ޖައިލަމްގެ ފަރާތުން ލިބެނީ ދެކޮޅު ނުޖެހޭ ޖަވާބުތަކެކެވެ. ހަގީގަތެއް ނޭނގުނެވެ. އަންހެނަކާ ކައިރިވާން ބޭނުން ނުވާއިރު މިހެން މީހަކު ގެންގުޅެނީ ކީއްވެބާއެވެ. އަހަރެންދެކެ އެހާ ފޫހިވަންޏާ އަގުބޮޑެތި ހެދުމާ ދަބަހާ ގަޑިޔާ އަދިވެސް އެހެންއެއްޗެހި ހޯދައިދެނީ ކީއްކުރަންހެއްޔެވެ.

 

 

” މިހާރު ކައިވެންޏަށް މިވީ ފަސްމަސް ދޯ. ދެން ދާންވީ މެލޭޝިއާއަށް ބޭބީއެއް ހޯދަން.. ބޭބީއެއް ލިބުނީމާ ޒަމް ބޭނުން ތާކަށް ދާންވީ… އެހިސާބުން ޒަމް ފްރީވީ. އަހަރެން ތި އާއިލާއަށާ ޒަމްއަށް ކޮއްދިން ހުރިހާ ކަމެއްގެ ބަދަލުގަ ބޭނުންވަނީ ދަރިއެއް…”

ޖައިލަމްގެ ވާހަކަ އަޑުއަހަން އިނދެފައި އަހަރެން ކައިކައިއިން އެތިކޮޅު ކަރުގައި ތާށިވީހެން ހީވިއެވެ. ޖައިލަމް އަހަރެންނާ އިނީ ހަމައެކަނި ދަރިއެއްބޭނުންވެގެން ބާއެވެ. ދަރިއެއް ލިބުނަސް ޖައިލަމް އަށް ދަރިފުޅު ވިއްކާލައިފައި އަހަރެން ދާނީ ކިހިނެއްހެއްޔެވެ. އަހަރެންގެ ސިކުނޑި ފަޅައިގެން ދާންއުޅޭ ކަހަލައެވެ.

 

ނުނިމޭ…

 

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހިތުގެ މަގުތައް-1

Next

މަންޒިލް 40

Next
July 30, 2026

މަންޒިލް 40

Previews
July 30, 2026

ހިތުގެ މަގުތައް-1

2 Comments!

  1. Aami says:
    July 30, 2026 at 2:22 pm

    mipaatukiyaafa varahdheravi

    1. Eyesh says:
      July 30, 2026 at 3:12 pm

      Awwn Aami 🥺 thank you for reading and dropping a comment. I hope you will like the next part too 😊🫰

Comments are closed.



All Right Reserved!