ޖޫނާ ދާގީ ތައްޔާރު ކުރަމުން ދިޔައެވެ. ދެތިން ހެދުމަކާއި ފަރިވާ ސާމާނު އެޅިއެވެ. ލެޕުޓޮޕާއި އެހެނިހެން ސާމާނުވެސް ލިއެވެ. ބޭނުން ވެދާނެކަމަށް ހީވާ ޒާތުގެ ތަކެތިވެސް ލައި ދާގީ ފުރާލިއެވެ. ވައިގެ ބަނދަރަށް ދިޔުމަށް ކުއްޔަށް ހިފައިގެން ކާރެއްގައި ދިޔައެވެ. ޖޫނާ ފައިސާ ދެއްކުމަށް ފަހު ކާރުން ފައިބާ ވައިގެ ބަނދަރަށް ވަނެވެ. އޭނާއަށް މީހަކު ފާރަލާ ކަމުގެ އިހުސާސް ވަމުން ދިޔައެވެ. ނަމަވެސް އެއްވެސް ދިމާއަކުން އެކަހަލަ މީހަކު ފެންނާކަށް ނެތެވެ. ދާގީ ހިފައިގެން މަތިންދާބޯޓަށް އެރިއެވެ. ރޭ ހަތަރު ދަމު ނުނިދާ ހުރުމުގެ ސަބަބުން ބޯޓު ބިމުން ހިއްލާލުމުގެ ކުރީގައި ޖޫނާ ނިދި ޖެހުނެވެ. މުޅި ދަތުރު އެއްކޮށް ނިދާފައި ތެދުވެވުނީ ބޯޓު ޖެއްސުމަށް ތިރި ކުރި ހިސާބުންނެވެ. ފޯނުން ގަޑި ބަލައިލަމުން ފާހާނާއަކަށް ދިޔައެވެ. މޫނު ދޮވެ ތާޒާވެލައިގެން ގަދަކަމުން އަސްލު ނޫން ހިނިތުން ވުމެއް ދައްކަމުން ނުކުތެވެ. ގޮނޑީގައި އިށީނދެ އިނެވެ. ހުރިހާ މީސްތަކުން ފައިބާހާ ވަންދެން އޭނާ އިށީންދެ އިނެވެ. އަތު ދަބަސް ހިފައިގެން އޭނާ ސިޑިބަރިން ފޭބިއެވެ. ‘ވީސާ’ ހައްދައިގެން ވައިގެ ބަނދަރުން ނުކުމެވުނީ އިރުއޮއްސެން އުޅެނިކޮށެވެ.
ކުއްޔަށް ހިފާ ތަނެއް ފޯނުން ހާވަމުން ދިޔައެވެ. އެކި ދިމާލަށް ބެލުމަށްފަހު ރައްްކާތެރި ހިސާބެއް ނެގިއެވެ. ކުޑަކޮށް އަގު ބޮޑު ވިޔަސް އޭނާ ބޭނުންވީ ސަލާމަތްތެރި ކަމެވެ. ކޮޓަރިއަށް ދެވުމުން ފުރަތަމަވެސް އެނދުގައި ތަންމަތި އަޅާ އޮށޯތެވެ. އޭނާއަށް ހުރީ ނިދި އައިސްގެން ތާއްޔާ ޖެހޭ ހާލުގައެވެ. ޚިޔާލުތަކަށްވެސް ފުރުސަތު ނުދީ އޭނާ ނިދިއެވެ. މިއާ ޚިލާފަށް އާހިލުއަށް އުޅުނީ ނުނިދިގެންނެވެ. ހަސަނުއަށް ރާއްޖޭން ބޭރަށް ދާން ޓިކެޓު ލިބުނީ ފަސް ދުވަސް ފަހުން ކަމުގައި ވާތީވެ އޭނާގެ ލޭ ކެކި ކެކި ހުއްޓެވެ. މިހާރު އޭނާއާ ގާތްވާން މަސައްކަތް ކުރާ ލުބުނާގެ އުނދަގޫތަކުން އޭނާއަށް ސަލާމަތްވެވެނީ ހަމަ ކިރިޔާއެވެ. ނުވި ތާކަށް ހަސަނުއަށް ޖޫނާ ދިޔައީ ކޮން ހިސާބުަނޑަކަށް ކަމެއްވެސް ނޭނގެއެވެ. އޭނާ ފާރައަށް އުޅެގެންވެސް ޖޫނާ ދިޔަ ތަނެއްގެ އެއްވެސް މައުލޫމާތެއް ނުލިބުނެވެ. ޖޫނާއަށް ގުޅާކަށް އާހިލުގެ ހިތުގައި ހިތްވަރެއް ނެތެވެ. މޫނު މައްޗަށް އެއްލާނީ ވަރީގެ ބަސް ކަމުގައި ވާތީ އޭނާއަށް ފޯނު ކުރަންވެސް ނުކެރެނީއެވެ.
އާ ދުވަހަކަށް އިރު އެރިކަންވެސް ނޭނގެއެވެ. ވިލާތަކުން ފަނޑު އައްޔެއް މުޅި އުދަރެހަށް ވެރިވެފައިވެއެވެ. ނާރިނގީ ކުލަތައް ނެތަސް ވިލާތަކުން ފުރޭނިފައިވާ ހުދު އަލިތައް ވިއެވެ. ދޭތެރެ ދޭތެރެއިން ވައި ރޯޅިއެއް ޖެހިލައެވެ. ތަފާތު ވަސްތައް މުޅި ވައިގެ ތެރޭގައި ވިއެވެ. ނަމަވެސް ގަދައީ އުޅަނދުތަކުން އަންދާ ތެޔޮގަނޑުގެ ވަހެވެ. ޖޫނާ އުޅުނު ކޮޓަރީގެ ބާލުޚާނާއަށް ނުކުމެ ހުއްޓެވެ. ގަހުވަ ތަށިން އާވިތައް އަރައަރާ ހުއްޓެވެ. އޭނާގެ މޫނުގައި އެއްވެސް ޖަޒުބާތެއް ފެންނާކަށް ނެތެވެ. ޚިޔާލުތަކާއި ފިކުރުތަކުގައި ބަނދެވިފައި ހުރީއެވެ. ގަހުވަ ތަށި ހޫނުކަން ފިލައިގެން ދިޔައިރު ވެސް އޭނާއަށް އެކަމެއް ނޭނގެއެވެ. ‘ދަރިފުޅު ވިހެއުމަށްފަހު ހަދާނީ ކިހިނެތް ހެއްޔެވެ؟ އާހިލުއަށް އެ ކުއްޖާ ފޮރުވާނީ ކިހިނެތް ހެއްޔެވެ؟ މިހާރު އެއްވެސް އެހީދާރެއް ނެތެވެ. އިބުރާހިމުވެސް ހުންނާނީ ހުޅުމާލޭގައެވެ. މިތަނުގައި އަހަންނަކީ ބީރައްޓެއްސެކެވެ. އަހަރެންގެ ގާތުގައި ހުންނާނެ މީހަކު ނެތެވެ. ހާލަތް މެދުވެރި ވުމުންވެސް އެހީ ވާނެ ފަރާތެއް މިތާގައި ހުރީކީއެއް ނޫނެވެ. ވިހާ ދުވަސްކޮޅަށް ނަޒްލާ ގެންނަން ވިސްނަންވީ ނޫންބާވައެވެ؟’ ޖޫނާގެ ސިކުނޑި ތެރޭގައި އެކި ޚިޔާލުތަކާއި ސުވާލުތައް ވިއްސިވިހާލި ވެފައިވާ ފަދައެވެ. އެ ގަހު ކޭލެއް މި ގަހު ކޭލެއް ނޭނގޭ ވަރެވެ.
އާހިލުއަށް ތެދުވެވުނީ ވަރަށް ފަހުންނެވެ. މިއަދު އޭނާގެ ސިކުނޑީގައި ވަޒީފާއަށް ގޮސް އުޅުމުގެ ހިތްވަރެއް ނެތެވެ. ޖޫނާގެ ޚިޔާލުތައް އޭނާ ވައުކޮށްލި ފަދައެވެ. އަތުގެ އިނގިއްޔެއްހާ ހިސާބުވެސް ގުޑުވާނުލާ އޮތީއެވެ. ރަޖާގަނޑު އޮޅާލައިގެން ދެފައި ކުރުކޮށްގެން އޮތެވެ. ފޯނުން ޔަފުއާނުއާ އެހެން މީހުންވެސް ގުޅާ ހެދިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު އެނދުގައި އޮތެއް ކަމަކު އޭނާގެ ސިކުނޑި ވަނީ އެހެން ދުނިޔެއެއްގައެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. ތަށަށް ކިޔަނީ މަރިޔަނބު ހޭވެސް އަހައި ނުލައި އާހިލު އޭނާގެ ޚިޔާލީ ދުނިޔޭގައި އޮތެވެ. އިރުކޮޅަކުން ކޮޓަރި ދޮރު ހުޅުވާފައި ވަނީ ލުބުނާއެވެ. އޭނާގެ އަތުގައި ކޭކު ފޮއްޗެއް އޮތެވެ. “މަރުހަބާ. އާހީ. ބާއްޖަވެރި ހެނދުނެއް!” ލުބުނާ ދޮރު ލައްޕާލަމުން ބުންޏެވެ. އާހިލު ހަނު ހުއްޓެވެ. ލުބުނާގެ އަޑު ނީވޭ ކަމަށް ހަދައިގެން އޮތެވެ. “އާހީ ތެދުވަން އުޅޭ. މިހާރު ދިހައެއްޖަހާ ބޮޑުވީ.” އާހިލު ގައިގަ ކޮށްޓާލަމުން ލުބުނާ ބުންޏެވެ. ކޭކު ފޮތި އެނދުގެ މަގަތުގައިވާ މޭޒުގައި ބެހެއްޓުމަށްފަހު ލުބުނާ އާހިލުގެ ގައިގަ އަޅާފައިވާ ރަޖާގަނޑަށް ދަމަން ފެށިއެވެ. އާހިލުގެ ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ދެނެވެ. “ދާން އުޅޭ މިތަނުން. ކީއްކުރަން ހުއްދަ ނާހާ ތި ވަންނަނީ؟ ދޭ ހަމަ މިހާރު ދޭ!!!” އާހިލުގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ލުބުނާ ދިޔައީ ސިހިގެންނެވެ. މިއީ އޭނާއަށް އާހިލު މިގޮތަށް ހަޅޭއްލަވާ ހެދި ފުރަތަމަ ފަހަރެވެ. ބަހެއްވެސް ނުބުނެ ގެނައި ކޭކު ފޮތި މޭޒުގައި ބާއްވާފައި ލުބުނާ ކޮޓަރިން ނުކުތުމާއެކު އާހިލު އަނެއްކާވެސް އެ ޚިޔާލީ ދުނިޔޭގެ ތެރެއަށް ޣަރަގުވިއެވެ. މިފަހަރުވެސް ލުބުނާ އެ ވާހަކަ އޭނާގެ ބައްޕަ ގާތު ދެއްކިއެވެ. އާހިލުގެ އަމަލުތައް ހުރި ގޮތް ކިޔައިދިނެވެ.
ޖޫނާ ގަހުވަ ތަށި ދޮވުމަށްފަހު ސޯފާގައި އިށީނެވެ. މިއަދު ހެނދުނު ބާޒާރަށް ދިޔުމަށް ވިސްނަމުން ދިޔައެވެ. ކޮޓަރިން ނުކުމެ މަޑުމަޑުން އިމާރާތުގެ ސިޑިބަރިން ހިނގާފައި ފޭބިއެވެ. އޭނާގެ މޫނުގައި އެއްވެސް ކުލަވަރެއް ނެތެވެ. މަޑު ހިނގުމުގައި ބޭރަށް ނުކުތެވެ. ކުރޮޅިއެއްގައި ބާޒާރަށް ދިޔުމަށް ދަތުރު ފެށިއެވެ. ކުރޮޅިއާއި މަގުމަތީގެ އަޑުފަށްގަނޑުން ޖޫނާ އެހެން ދުނިޔެއަކަށް ނުގޮސް ހިފެހެއްޓުވިއެވެ. ބާޒާރުގެ ދޮރުން ވަދެވުނުހެން މަހުގެ ވަސްގަނޑު އަރައިގަތެވެ. އޭގެ އަނެއް ފަރާތުގައި މޭވާ އާއި ތަރުކާރީ ހުރިތަން ފެނުނެވެ. ތަރުކާރީގެ ބާވަތް އަދި މޭވާވެސް ގަތެވެ. ޕިތާޔާ ކާ ހިތުން ޕިތާޔާ ހުރި ތަނެއް ބަލަމުން ދިޔައެވެ. ޖޫނާއަށް ޕިތާޔާ ހުރިތަން ނޭނގިގެން މީހެއް ގާތު އަހާލިއެވެ. އެ މޭވާ ހުރި މޭޒާ ގާތްވިހެން ޖޫނާގެ ހިތް ހުއްޓުނު ފަދައެވެ. “ޒާޝާ؟!” ޒާޝާވެސް މީހަކަށް ކޮތަޅު ދިއްކޮށްގެން ހުރެ ޖޫނާއާ ދިމާއަށް ބެލިއެވެ. “ޖޫން… ތިއީ ޖޫނާތަ؟” ޒާޝާއަށް ދިވެހި ބަސް އޮޅުނު ފަދައެވެ. އެ މީހާއަށް ކޮތަޅު ދީފަ އައިސް ޖޫނާ ގައިގައި ބައްދައިގަތެވެ. “ކޮން އިރަކު އައީ؟” ޒާޝާ ސުވާލު ކުރިއެވެ. “އެއީ ވަރަށް ދިގު ވާހަކައެއް! ހިނގާ ގަހުވައަކަށް އަރަން ދާން؟” ޖޫނާ ސުވާލު ކޮށްލިއެވެ. ޒާޝާ މޭޒު ކައިރީހުރި ފިރިހެނެއް ގާތު އެބަ އަންނަމޭ ބުނެ ޖޫނާ އާއެކު ކައިރީގައި ހުރި ގަހުވަޚާނާއަށް މިސްރާބު ޖެހިއެވެ. “ކާކު އެއީ؟” ޖޫނާ ބޭއިޚުތިޔާރުގައި ސުވާލު ކުރެވުނެވެ. “އެއީ މަގޭ ފިރިމީހާ. މިހާރު ވަރަށް ދުވަސްވެއްޖެ ކައިވެނި ކުރިތާ!” ޒާޝާ ބުންޏެވެ.
ގަހުވަޚާނާގެ އެންމެ މަގަތުގައި ހުރި މޭޒުގައި ދެ މީހުންވެސް އިށީނެވެ. “އެންމެ ފުރަތަމަ ހާލު ރަނގަޅުތަ؟” ޒާޝާ ސުވާލު ކުރިއެވެ. “ހާލު އެކަހަލަ ގޮތެއް. ތިބާގެ ހާލު ކިހިނެތް؟” ޖޫނާވެސް ބޭނުންވީ އޭނާގެ ރައްޓެހި ޒާޝާގެ ހާލު ބަލާލާށެވެ. “އަހަރެމެންވެސް އެކަހަލަ ގޮތެއް. އަހަރެން އާއިލާ ނުގަބޫލުގައި ކައިވެނި ކުރީތީވެ މަންމަ އާއި ބައްޕަ ވާހަކަވެސް ނުދައްކާ.” ޒާޝާގެ ހިނިތުންވުން ފޭދުނެވެ. “އަދި އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ.” ޖޫނާވެސް އެ ހިތާމައިގަ ބައިވެރި ވިއެވެ. “މިހާރު ކީއްކުރަނީ؟ ކުޑަ އިރު ބުނި ޑަކުޓަރުކަން ކިޔެވުނުތަ؟” ޖޫނާ ސުވާލު ކުރިއެވެ. “ނޫނޭ. އެ ޚިޔާލު ދޫކޮށްލައިފިން ހިންދޫކަރައަށް ބަދަލުވި ފަހުން.” ޒާޝާ އިސްދަށަށް ޖެހިއެވެ. “އޭނ. ކީއްވެ؟” ޖޫނާ ހައިރާންވިއެވެ. ކުޑައިރުއްސުރެ ޑަކުޓަރުކަން ކިޔަވަން ބޭނުންވި ޒާޝާ މިއަދު އެހުރީ ޒިރާޢަތުގެ ދާއިރާގައި ކަމަށް ވާތީއެވެ. “އަހަރެން އިސްކުރެވުނީ ލޯބި. ޑަކުޓަރުކަން ދޫކޮށްލީ އަހަރެންގެ ލޯބިވާ ފިރިމީހާ ނުގަބޫލު ވުމުން. އެކަމު މީގެ އަހަރެއް ކުރިން އޭނާ އަހަރެން ހުވަފަތް ކޮށްލާފައި މި ދުނިޔެއާ ވަކިވީ. އެކަމުގެ ހިތާމައިގައި އުޅެނިކޮށް ދިމާވި މީހާއާ މިހާރު އިނދެގެން މިއުޅެނީ.” ޒާޝާ ލޮލުން ކަރުނަ ފުހެލަމުން ކިޔައި ދިނެވެ. “ދެން ޖޫނާ. ވިޔަފާރީގެ ދާއިރާއިން ކާމިޔާބު ވިތަ؟” ޒާޝާ ސުވާލު ކުރިއެވެ. “ނޫނޭ. އަހަރެން މިއުޅެނީ ވީގޮތް ކިޔައިދޭން.” ޖޫނާގެ މާޒީވެދިޔަ ސަފުހާތައް ޒާޝާއަށް ކިޔައިދިނެވެ. ވާނީވެސް އެހެންތާއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ.
“އެހެންވެ އަހަރެން އެހީއެއް ބޭނުން. ވިހައިގެން ރާއްޖެއަށް ދާނަން. މި ވާހަކަ ސިއްރު ކުރަމުން މި އުޅެނީވެސް. އެކަކު ގާތުވެސް ނުބުނާތި.” ޖޫނާ ފެންކަޅިވެ ހުރެ ބުންޏެވެ. ޒާޝާ ހޫނ އަޅުވާލާފައި ގަހުވަ ތަށިން އެތިކޮޅެއް ބޯލައިފިއެވެ. “މިހާރު އުޅެނީ ކޮންތާކު؟” ޒާޝާ ގަހުވަ ތަށި މޭޒުގައި ބަހައްޓަމުން އަހާލިއެވެ. ޖޫނާގެ ފޯނުން އުޅޭ ތަން މަންޒަރުން ދައްކާލިއެވެ. “ދޭތެރެ ދޭތެރެއިން ތިކޮޅަށް ޖައްސާލާނަން. މިއީ މަގޭ ނަންބަރު.” ކުޑަ ކާޑެއް ޖޫނާގެ އަތަށް ދެމުން ޒާޝާ ތެދުވިއެވެ. “މިހާރު ދަނީ ލަސްވެގެން އެ ގުޅަނީ ފޯނަށް.” ޖޫނާ މަޑު ހިނގުމެއްގައި ތަރުކާރީ އަދި މޭވާ ކޮތަޅު ހިފައިގެން ކުރޮޅިއަކަށް އަރައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
އާހިލު އަދިވެސް ހިތް ހަމަ ނުޖެހިފައި އޮތެވެ. އެނދުން ފާހާނާއަށް ދިޔުން ނޫން ކަމެއް އޭނާ ނުކުރެއެވެ. އާރިފުއަށްވެސް އޭނާގެ ދަރި ތަހައްމަލު ކުރަމުން ދިޔަ ވޭން އިނގޭފަދައެވެ. ޖޫނާގެ ޚިޔާލުތައް އޭނާގެ އެ ކޮޓަރި ތެރެއިން ފެނެއެވެ. ޖޫނާއަކީ އޭނާއަށް ކުޑަ އިރުއްސުރެ ވެސް ވަރަށް ކައިރިން އުޅުނު ކުއްޖެކެވެ. އާހިލުއަށް ޖޫނާ ކަމުދިޔައީ މަޑުމައިތިރިވެ، މައުސޫމުކޮށް ހުރުމުންނެވެ. ލުބުނާމެން ދިމާ ކުރިޔަސް ޖޫނާ އަޅައި ނުލާ ދުރަށް ދެއެވެ. ނަމަވެސް ދަށު ސާނަވީއާ ހިސާބުން މަލާމާތްކުރުން ހައްދު ފަހަނައަޅާ ދިޔައެވެ. އެހާލުގައި އުޅުނު އިރުވެސް އާހިލު އޭނާއަށް ކުރީ މަލާމާތެއް ނޫނެވެ. އެއީ އޭރު އޭނާ ޖޫނާދެކެ ލޯބި ވުމުގެ ގޮތުން އެކަން ފާޅު ކުރުމަށް ބޭނުންކުރި އަލާމާތެވެ. މިހާރު އޭނާއަށް އެ ކުރެވުނު މަލާމާތްތަށް ނުކުރެވުނު ނަމައޭ ހިތަށް އަރައެވެ. ވެފައި އޮތް ކަމެއް ނުވާ ކަމަކަށް ނުހެދޭނެއް ނޫން ހެއްޔެވެ؟ އޭނާ މަލާމާތް ކުރީ ލޯބިންކަން ޖޫނާއަށް ނަގައި ނުގަނެވުނެވެ. އެއީ އޭނާ އަބަދުވެސް ހަނު ހުންނާތީއެވެ. މިޒާޖެވެ. މިޒާޖުގައި ބޮޑުވަމުން އައިރުވެސް ޖޫނާއަކީ އެހާ ޖަޒުބާތީ ކުއްޖެއް ނޫނެވެ. އޭނާގެ އިހުސާސްތައް އެހެން މީހުންނަށް ނޭނގޭ ފަދައެވެ.
މުޅި ބަދިގޭގައި ހަނާކުރި ތަރުކާރީގެ މީރު ވަސްގަނޑު ފެތުރެމުން ދިޔައެވެ. އުނދުނުން ތެލި ބޭލުމަށްފަހު ތައްޓަށް އަޅާ ކާ ކޮޓަރިއަށް ދިޔައެވެ. ކުއްލިއަކަށް އޭނާގެ ފޯނުން އަޑު ކިޔަން ފެށިއެވެ. ކާކު ތޯ ބެލުމަށް ސޯފާ ކައިރިއަށް ދިޔައެވެ. އާހިލު އިސްކިރީނަށް އަރާފައި ވުމާއެކު އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޮންލައިންކޮށް ތަސްވީރު ފެންނަ ގޮތަށް ގުޅަމުން ދިޔައެވެ. ޖޫނާ ފަހެ ވަކި ކުރާނީ ކީއް ހެއްޔެވެ؟ އޭނާ ފޯނު ނަގާނީ ބާވައެވެ. ނޫނީ ފޯނުގައި އަތް ނުލައި ބާއްވާނީ ބާވައެވެ.
(ނުނިމޭ)


