ޖައިލަމްއަކީ މުއްސަނދި އާއިލާއަކަށް އުފަން ނަސީބުރަނގަޅު ޒުވާނެކެވެ. އޭނާގެ އާއިލާއަކީ މާލޭގެ މުއްސަނދި އާއިލާއަކަށް ވެފައި ގެދޮރު ގިނަ ކަމާއި އާއިލީ ވިޔަފާރި ތައް ގިނަވުމުން ރާއްޖޭގެ އެތައް ބަޔަކަށް އެއާއިލާ ވަރަށް ރަނގަޅަށް އެނގެއެވެ. ނިކަމެތިންނަށް އެހީވުމުގައި އެއީ ވަރަށް ނަން މަޝްހޫރު ބައެކެވެ. ޖައިލަމްގެ އެއްބަނޑު އެއްބަފާ ތިބެނީ ދެ ބޭބެއެވެ. އެއީ ޝާމް އާއި ނިޔާޒްއެވެ. އެދެމީހުންވެސް އުޅެނީ އެމީހުންގެ އަމިއްލަ ގެދޮރުގައެވެ. ދެމީހުންވެސް ކައިވެނިކޮށް ދަރިން ލިބި އުޅެމުންދަނީ ވަރަށްވެސް އުފާވެރި ދިރުއުޅުމެވެ. ހުޅުމާލޭގައިވެސް އެއިން ކޮންމެ މީހެއްގެ އަމިއްލަގެ ހުރެއެވެ. އަގުބޮޑުކޮށް ގަނެފައިވާ އަމިއްލަ ބިމުގައި ވަރަށް ފެންވަރުގައި ގެ އަޅާފައި ކުއްޔަށް ދީފައި ހުންނަނީ މާލޭގައި އުޅެން ފަސޭހަވީމައެވެ.
ވާނީވެސް އެހެންތާއެވެ. އެމީހުންގެ ދެ ކްލިނިކް މާލޭގައި ހުންނަ އިރު ބޮޑު ތިންފިހާރަވެސް ހުރީ މާލޭގައެވެ. އެ ހުރިހާ ވިޔަފާރިއެއްގައި އެ ތިންބެއިންގެ ހިއްސާ އޮންނަނީ އެއްވަރަކަށެވެ. ޖައިލަމް އަކީ އެތަނުން އެންމެ ކުޑަ މީހާކަމަށް ވެފައި އަދީ އޭނާގެ އުމުރުން ވީ އެންމެ ހަތާވީސް އަހަރު ކަމުން ވިޔަފާރީގެ ކަންކަމުގައި ބޮޑަށް އުޅެނީ ޖައިލަމްއެވެ. ޖައިލަމް އަދި ކައިވެނި ނުކުރިޔަސް އޭނާގެވެސް އަމިއްލަ ގެ ހުރެއެވެ. މާލޭގެ އެންމެ ފެންވަރުގެ ރީތި ގެތަކުގެ ތެރެއިން އެ ތިންބެއިންގެ ގެވެސް ހިމެނޭނެއެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެމީހުންގެ މަންމަ ވަނީ 2015 އަހަރުގައި ހާޓްއެޓޭކެއް ޖެހި ކުއްލިގޮތަކަށް ނިޔާވެފައެވެ. އޭގެ ދުވަސް ގަނޑެއް ފަހުން އެމީހުންގެ ބައްޕަ ނިޔާވީ ކޮވިޑްޖެހިގެންނެވެ.
ކުރިން އެމީހުންގެ ހުންނަނީ 1 ކްލިނިކާއި ދެ ފިހާރައެވެ. ނަމަވެސް ޖައިލަމް މެލޭޝިއާއިން ބިސްނަސް ކިޔަވައިގެން އައިސް ވިޔަފާރީގެ ކަންކަމާއި ބޮޑަށް އުޅެން ފެށިފަހުން ވިޔަފާރި ފުޅާވެ އިތުރު ކްލިނިކެއް ހުޅުވައި އިތުރު ބޮޑު ފިހާރައެއްވެސް ހުޅުވީއެވެ. ޝާމް އާއި ނިޔާޒް އަދި ޖައިލަމްއަކީ ވަރަށް ގުޅޭ ތިންބެއިން ކަމުން ވިޔަފާރީގެ ކަންކަމުގައި ދުވަހަކުވެސް އެއްވެސް ދެބަސްވުމަކަށް ނުދެއެވެ. ފައިސާގެ ކަންކަމުގައި ބޮޑަށް އުޅެނީ ޝާމްއެވެ. މުވައްޒަފުންނާއި އޮފީހުގެ ގިނަ ކަންކަމުގައި ނިޔާޒް އުޅޭއިރު ޖައިލަމް އަށް ޖެހެނީ މާކެޓިން އާއި ވިޔަފާރި ކުރިއެރުވުމުގެ ކަންކަމުގައި އުޅޭށެވެ.
އަހަރެންނާ ޖައިލަމް ދިމާވީ އަހަރެން އެމީހުންގެ ކްލިނިކަކުން ރިސެޕްޝަނިސްޓެއްގެ ވަޒީފާ ލިބި ވަޒީފާއަށް ދާންފެށި ދެވަނަ މަހުގައެވެ. އަހަރެންނަކީ ރާ އަތޮޅުގެ ކުޑަ ރަށަކަށް އުފަން އަންހެން ކުއްޖަކީމެވެ. އަހަރެންގެ އެއް ބަފާ އިތުރު ކުއްޖެއް ނުހުރެއެވެ. އަހަރެން ވަރަށް ކުޑައިރު ބައްޕަ ނިޔާވުމުން މަންމަ ހަސަންބެއާއި ކައިވެނިކުރިއެވެ. ބައްޕައަކީ ކާފަ އާއި މާމަގެ ހުރި ހަމަ އެކަނި ދަރި ކަމުން ބައްޕަ ފަރާތުގެ އާއިލާއެއް ވެސް ނެތެވެ.
މަންމައާއި ހަސަންބެގެ ކައިވެންޏަށް ތިންކުދިން ލިބިފައިވެއެވެ. ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. މަންމައަށް ފުރަތަމަ ކުއްޖާ ލިބުނީ އަހަރެންގެ އުމުރުން އެންމެ އަށް އަހަރުގައެވެ. އެއީ ކަރަމްއެވެ. ކަރަމް ލިބުމުން މަންމަގެ ހުރިހާ ވަގުތެއް ކަރަމްއަށް ހުސްކުރިއެވެ. އެހިސާބުން އަހަރެން ޖެހުނީ އަމިއްލައަށް ފެންވަރައި ހެދުމާއި ޔުނިފޯމް އިސްތިރިކޮށް ރީތިވާން ދަސްކުރާށެވެ. ސުކޫލަށް ދާންވެސް ތައްޔާރުވާން ޖެހެނީ އަމިއްލައަށެވެ. އަހަރެންގެ ކަންކަމާ މަންމަ މާބޮޑަކަށް އަޅައެއް ނުލައެވެ. އަހަރެން ގަބޫލުކުރީ އެއީ މަންމަ އަހަރެންދެކެ ލޯބި ނުވާތީކީ ނޫން ކަމަށެވެ. ކަރަމް ކޮއްކޮ ކުޑަކަމުން އޭނާއަށް ބޮޑަށް އަޅާލަން ޖެހޭނެކަމަށް އަހަރެން ގަބޫލުކުރީމެވެ. ހަސަންބެވެސް އަހަރެންނަކަށް ގޯހެއް ނޫނެވެ. ނަމަވެސް ބައްޕައެއްގެ ލޯބި ހަސަންބެގެ ފަރާތަކުން އަހަރެން ނަކަށް ނުލިބުނެވެ.
އަހަރެން ބޮޑުވާން ފެށީ އަހަރެންނާ އެއްވަރުގެ އެހެން ކުދިންނަށް މައިންބަފައިންގެ ފަރާތުން ލިބުނު ލޯބި ނުލިބިއެވެ. އަހަރެންގެ އުމުރުން ސާދަ އަހަރުގައި މަންމައަށް ޝާރިމް ކޮއްކޮ ލިބުނެވެ. އަނެއްކާވެސް މަންމަ އިތުރަށް ބިޒީވާންފެށިއެވެ. އެހާހިސާބުން ގޭތެރޭގެ ގިނަކަންކަން އަމިއްލައަށް ކޮށް ކައްކައި އެންމެންގެ އެއްޗެހި ދޮވެ ހަދައި އުޅެންޖެހުނެވެ. އަހަރެން އެއިން އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރަމެވެ.
އޭގެ ދެ އަހަރު ފަހުން އަނެއްކާ މަންމައަށް އީޝާ ކޮއްކޮ ލިބުމުން ހަސަންބެއާއި މަންމަ އުފަލުން މޮޔަވި ކަހަލައެވެ. އަންހެން ދަރިއެއް ލިބުމުން އާއިލާ ފުރިހަމަ ވީކަމުގައި ބުނެ ވަރަށް އުފާ ފާޅުކޮށް ހެދިއެވެ. އަހަރެންވެސް މީ މަންމަގެ އަންހެން ދަރިއެކެވެ. ނަމަވެސް މަންމަ އަހަރެންގެ މަތިން ހަނދާންވެސް ނުހުންނަނީ ކަންނޭނގެއެވެ. އަހަރެން ގުރޭޑު ދިހައެއް ނިންމުމާއެކު ބޭނުންވީ އެހެން ކުދިންނެކޭ އެއްގޮތަށް އިތުރަށް ކިޔެވުމަށް މާލެ ދާށެވެ. މަންމަ އާއި ހަސަންބެ އަހަރެން ނަށް އެވަރުގެ ހަރަދެއް ކޮއްފާނެ ކަމާމެދު ޝައްކެއްގެ މަތީގައި ހުރެނަމަވެސް އަހަރެން އެކަމަށް އެދުނީމެވެ. އަހަރެން ހީކުރި ގޮތާ މުޅިން ހިލާފަށް ވަރަށް ފަސޭހައިން އެމީހުން އެކަމާ އެއްބަސް ވިއެވެ.
ހަސަންބެގެ ރައްޓެހި ސޯދިގުބެގެ ގެއަށް އަހަރެން ކިޔަވަން ފޮނުވިއެވެ. ނަމަވެސް މާލެ އައުމުން އަހަރެން ނަށް އެނގުނީ ހަސަންބެއާއި މަންމަ އަހަރެން މާލެ ފޮނުވީ ކިޔަވަން ނޫންކަމެވެ. ސޯދިގުބެގެ ދެކުދިން ބަލަން ކަމެވެ. ނަސީބަކުން އެގޭގައި ކައްކާ ސާފުކުރަން މަސައްކަތުމީހުން ތިބެއެވެ. އެހެންކަމުން އަހަރެން ނަށް ޖެހެނީ ސޯދިގުބެގެ ދެކުދިންނާ އެކުގައި ދުވާލުގެ ވަގުތުތައް ހޭދަކުރާށެވެ. އެކުދިންނަށް ކާންދީ އެކުދިންނާ އެކުގައި ކުޅެލާ، ހަދާށެވެ. އެކުދިން ސުކޫލަށް ގެންގޮސް ބަލާދަނީ ސޯދިގުބެ އޭނާގެ އަމިއްލަ ކާރުގައެވެ. އެހެންކަމުން އަހަރެންނަށް ކުރަންޖެހޭކަންކަން ބުރައެއް ނޫނެވެ. އަހަރެން ނިދަން އެގެއިން ކުޑަ ކޮޓަރިއެއް ދީފައި ހުރެއެވެ.
އަހަރެންގެ މަސައްކަތްތައް ނިމި ހުސްވަގުތު ވަނީ ހަވީރު 5 ޖަހާއިރަށެވެ. އެއީ ސޯދިގުބެގެ އަންހެނުން ރަހީމާއްތަ އޮފީހުން ގެއަށް އަންނަ ގަޑިއެވެ. ރަހީމާއްތަ އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެވެެ. އަހަރެން ކޮއްދޭ ކަންކަން ބަލައިގަތުމުގެ ގޮތުން އަހަރެންނަށް ރީތިވާސާމާނާ ހެދުން ގަނެދެއެވެ. އަދި ކޮންމެ މަހަކު މުސާރައެއްގެ ގޮތުން 3000 ރުފިޔާވެސްދެއެވެ. މަންމައަށް ގުޅާށޭކިޔާފައި އަހަރެންނަށް ފޯނެއްވެސް ގަނެދިނެވެ. ނަމަވެސް ގިނަފަހަރަށް މަންމަގެ ހާލު ބަލާލަން ގުޅިޔަސް މަންމަ ފޯނު ނުނަގައެވެ. ގުޅާފައި އޮތަސް ފަހުންވެސް ގުޅާލާނީ މަދު ފަހަރަކުއެވެ. އަހަރެންގެ ރައްޓެއްސަކަށް ހުންނަނީ އެންމެ މީހެކެވެ. އެއީ ޝާނާއެވެ. ކުޑައިރުއްސުރެ އަހަރެންނަށް އުޅެންޖެހުނު ގޮތުން ސުކޫލުން ގެއަށް ނޫންގޮތަކަށް ބޭރަށް ނިކުމެ ވަރަށް ނޫޅެވުނެވެ. އެހެންކަމުން އަހަރެންގެ ގެއާޖެހިގެން ހުންނަ ގޭގެ ޝާނާ ފިޔަވައި އިތުރު ރައްޓެއްސެއް އަހަރެންގެ ނުހުރެއެވެ.
ޝާނާއަކީ މިދުނިޔެމަތިން ވެސް އަހަރެންނަށް އެންމެ ހެޔޮއެދޭ މީހާކަން އަހަރެންނަށް އެނގެއެވެ. އަހަރެން މާލެ އައި ދުވަހު ފުރުވަންވެސް ދިޔައީ ޝާނާ އެކަންޏެވެ. އެދުވަހު އޭނާވަރަށް ރުޔެވެ. ހަނދާންކޮށް އޭނާއަށް ގުޅަން ބުންޏެވެ. އަހަރެންނަށް ފޯނު ލިބުން ފުރަތަމަ ދުވަހުވެސް އަވަހަށް ގުޅީ ޝާނާއަށެއެވެ. އެދުވަހުވެސް އަހަރެން މަތިން ވަރަށް ހަނދާން ވެޔޭކިޔާފައިވެސް އޭނާ ވަރަށް ރުޔެއެވެ.
އަހަރެން މާލެ އައިތާ ތިންމަސް ފަހުން ރޭގަނޑު ކިޔަވަން ދާގޮތަށް ކޯހެއް ހެދުމަަށް ވިލާ ކޮލެޖަށް ވަނީމެވެ. އަހަރެން ކިޔަވަން ބޭނުންވީ އެކައުންޓިން އެވެ. ކިޔަވަން ފަށާ ވާހަކަ ބުނަން ގުޅުމުންވެސް މަންމަ ގެ ޖަވާބު ވަރަށް ކުރެވެ. ” އާނ.. ރަނގަޅު ތާ ދެން ދޯ… މިގަޑީ ކުޑަކޮށް ބިޒީ. ފަހުން ގުޅާނަން. ”
އެހެންބުނެ ފޯނު ބޭއްވިގޮތަށް ދެން މަންމަގެ އަޑު އަހަރެންނަށް އިވުނީ އޭގެ ދެ މަސްފަހުންނެވެ. އެވެސް އެތަކެއް ދުވަހު ގުޅިފަހުންނެވެ. ބައެއް ފަހަރު މަންމަ އަށް ގުޅަންވެސް ފޫހިވެއެވެ. ނަމަވެސް އެއީ މަންމަ ކަމުން މަންމަދެކެ ވާ ލޯބިން ގުޅެނީއެވެ.
އަހަރެން އަބަދު ދެރަވެފައި ހުންނާތީ ރަހީމާއްތަ އަބަދުވެސް ސުވާލު ކުރެއެވެ. ނަމަވެސް އަހަރެންގެ މާޒީ ރަހީމާއްތައަކަށް ކިޔައެއް ނުދެމެވެ. ދުވަސް ކޮޅެއް ފަހުން ޝާނާވެސް މާލެ ކިޔަވަން ބަދަލުވިއެވެ. އޭނާ ހުންނަގެ އަހަރެން ހުންނަ ގެއާއި ވަރަށް ކައިރި ކަމުން ޝާނާ ވަރަށް ގިނައިން އަހަރުމެންގެ ގެއަށް އައިސް އުޅެން ފެށިއެވެ. އެގޮތަށް އައިސް އުޅޭއިރު ރަހީމާއްތައާ ދިމާވެ ވަރަށް ވާހަކަ ދައްކައި ހަދައެވެ. ޝާނާ އަންނަން ފެށިފަހުން ރަހީމާއްތަ އަހަރެންގެ މަންމަ އަށް ގުޅަން ބުނުން ހުއްޓާލިއެވެ. އަދި އަހަރެން ކައިރީގައި ދެރަވެފަ ހުންނަ ސަބަބު އެހުންވެސް ހުއްޓާލިއެވެ.
“ޒަމްރާ… އާދެބަލަ..” އެއް ރެއަކު އަހަރެން ކޮލެޖުން އައިސް ގެއަށް ވަތް އިރު ޝާނާއާއި ރަހީއްމާއްތަ ބަދިގެތެރޭގައި ކޮންމެވެސް ކަމެއް ކުރަންއުޅުނެވެ. އަހަރެން ކޮޓަރިއަށް ވަދެ ފޮތްތައް ބަހައްޓާފައި ގޮސް ބަދިގެއަށް ވަތްއިރު ކާމޭޒު މަތީގައި ހަތަރު ޕިއްޒާ އޮތެވެ. އަދި ރީތި އެކިކުލައިގެ ކަރުދާހުން ބަންދުކޮއްފައި ހުރި ފަސްވަރަކަށް ހަދިޔާ ފޮށިވެސް ހުއްޓެވެ. “މީ ކޮންކަމެއް؟ ” އަހަރެން ހީކުރީ ރަހީމާއްތަގެ އާއިލާ ބަޔަކު އަންނާތީ އުޅެނީކަމަށެވެ. ” ސަޕްރައިޒް….” ކުއްލިއަކަށް ރަހީމާއްތައާއި ސޯދިގުބެގެ ކޮޓަރިން ސޯދިގުބެ ބޮޑު ކޭކެެއް ހިފައިގެން ނިކުތެވެ. ސޯދިގު ބެއާއިއެކު ޖައިޝް އާއި ލައިޝް ވެސް ނިކުތެވެ. ކުޑައިރުއްސުރެ އަހަރެންގެ އުފަންދުވަސް އެއްވެސް މީހެއް ފާހަގައެއް ނުކުރެއެވެ. އުފަންދުވަސް ދުވަހު އަހަރެންނަށް ހަމައެކަނި ލިބެނީ ޝާނާ އޭނާއަތުން ލިޔެފައިދޭ ކާޑެކެވެ. ގިނަ ފަހަރަށް އަހަރެންގެ އުފަންދުވަސް އަހަރެން ހަނދާންވެސް ނުހުރެއެވެ. މިފަހަރުވެސް ވީ އެހެންނެއެވެ. އަމިއްލަ އުފަންދުވަސް ހަނދާންނެތުނީއެވެ.
“ހެޕީބާތް ޑޭ ޒަމް ދައްތާ… ” ފަސް އަހަރުގެ ކުޑަ ކުޑަ އެއްމާބަނޑު ޖައިޝްއާއި ލައިޝް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ދެލޯ ފެންކަޅިވެފައި ހުރެ އެކުދިންގެ ކޮލަށް ދޮނެއް ދިނުމަށް ފަހު ސޯދިގުބެ މޭޒުމަތީގައި ބެހެއްޓި ބޮޑު ކޭކަށް ބަލައިލީމެވެ. ” ހެޕީ ބާތް ޑޭ.. ވީ ލަވްޔޫ ޒަމް.” ކޭކުގައި ލިޔެފައި އިން ލިޔުން ކޮޅުކިޔާލުމަށްފަހު އަހަރެންނަށް ރޮވުނެވެ. ރަހީމާއްތަ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
“ޒަމް އަކީ ރަހީމާއްތަ އާއި ސޯދިގުބެގެ ދަރިއެއް ނޫނަސް އަހަރުމެން ޒަމް ދެކެ ދަރިއެއެއް ފަދައިން ލޯބިވޭ. އަހަރުމެންގެ ދެކުދިން އަމިއްލަ ކޮއްކޮމެން ހެން ތިބަލަނީ. އަހަރުމެން އަބަދުވެސް އެކަން ދަންނާނަން..” އެހެން ބުނީރު ރަހީމާއްތައަށްވެސް ރޮވިއްޖެއެވެ.
“ޒަމް.. ދަރިފުޅާ… މާޒީ ހަނދާން ނައްތާލާ.. ތީމިހާރު އަހަރުމެންގެ ކުއްޖެއްނު. ” ސޯދިގުބެ އައިސް އަހަރެންގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އެތަންބަލަން އުފަލުން ފެންކަޅިވެފައި ޝާނާ ހުއްޓެވެ. ޝާނާ އެދެމީހުންނަށް އަހަރެންގެ މާޒީ ކިޔައިދިނީކަން އަހަރެންނަށް އެނގުނެވެ.
އެދުވަހު އަހަރެންނަށް އެކުރެވުނު އިހުސާސްތައް ދުވަހަކުވެސް އަހަރެންގެ ހަނދާނަކުން ނުފިލައެވެ. މައިވަންތަކަމާއި ބަފައިވަންތަ ކަމުގެ ލޯބީގެ ޒައްރެއްގެ މިންވަރު ލިބުމުންވެސް އަހަރެންގެ މުޅި މާޒީ ހަނދާން ނެތުނު ކަހަލައެވެ. ދުވަހަކު މަންމައާއި ހަސަންބެގެ ފަރާތުން އިވިފައި ނުވާ އެލޯބި ބަސްތައް އަހަރެންގެ ކަންފަތުގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ.
ނުނިމޭ….
2 Comments!
Comments are closed.



Varah reehi
Thank you Aami 🫶