އެއްވެސް ބައެއްގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއޭ ބުނާ ބުނުމަކީ ވަރަށް ބޮޑު ހަގީގަތެކެވެ. މަލީޒްގެ ކިބައިގައިވެސް ސާރާ ބޭނުން ނުވާކަހަލަ ސިފަތައް ހުއްޓެވެ. މަލީޒް ސާރާދެކެ ލޯބިވީ އިންތިހާއަށެވެ. ސާރާ ބޭނުންވާވަރަށް ވުރެންވެސް ބޮޑަށެވެ. ލޯތްބަށްވުރެން ބޮޑަށް އެއީ ހޭބަލިވުން ހެންވެސް ހީވާފަހަރު އާދެއެވެ. ސާރާ ދާ ކޮންމެ ތަނެއް މަލީޒު ބަލައެވެ. ދަނީ ކާކާ އެއްކޮށްތޯވެސް ބަލައެވެ. ގެއާ ޖެހިގެން ހުރި ފިހާރައަށް ފެންފުޅި އެއް ގަންނަން ދާންވިޔަސް މަލީޒް ކައިރީގައި ބުނަން ޖެހެއެވެ. ގިނަފަހަރަށް މަލީޒް ހުރިތާކުން އައިސް ފެންފުޅިގަނެގެން ގެއަށް ގެނެސްދެއެވެ. އެވަރުގެ ކަންކަން އަމިއްލައަށް ކޮއްލަން ސާރާވެސް ބޭނުން ވެއެވެ.
ސާރާގެ ތިބެނީ ގިނައިން އަންހެން ރައްޓެހިންނެވެ. އެމީހުން އެކުގަ ތާކަށް ދިޔަޔަސް މަލީޒްގެ ސުވާލުތައް އާދެއެވެ. ގެއިން ނިކުތީތޯ، ގެއަށް ދެވުނުތޯވެސް ބަލާ ހަދައެވެ.
ދެމީހުން ރައްޓެހިވީ ފުރަތަމަކޮޅު ސާރާއަށް އެކަންވީ ލޯބި ކަމަކަށެވެ. ނަމަވެސް ދުވަސްވީވަރަކަށް ސާރާއަށް އެކަން ކަމުން އުނދަގޫ ވާންފެށިއެވެ. އަމިއްލަ ވަގުތު ބޭނުން ވާންފެށިއެވެ. ބައެއްފަހަރު އޮފީސް ނިމިގެންވެސް އެކަނި ހިނގާލާފައި ގެއަށް ދާން ބޭނުންވާން ފެށިއެވެ. ނަމަވެސް މަލީޒް އަށް ވިސްނުނީ ސާރާ ދުރުވަނީ ކަމުގައެވެ.
” ބައެއް ފަހަރު ނޭވާލާންވެސް އުނދަގޫ ވާހެން ހީވޭ މަލީޒް އުޅޭ ގޮތުން.. ތި އޮބްސެސިވް ގޮތްގަނޑު ދޫކޮއްލަން ވެއްޖެއެންނު ” ދެމީހުން ދެބަސްވާ ވަގުތު ތަކުގައި ސާރާއަށް މިފަދަ ބަސް ބަސް މަލީޒްއާއި ދިމާލަށް ބުނެވެން ފެށުނެވެ. ނަމަވެސް މަލީޒް ސާރާއާއި ކުޑަކޮށްވެސް ދުރުވެދާނެތީ ގަންނަ ބިރަށް ސާރާގެ އެކަހަލަ ޝަކުވާ ތަކަށް ދެނީ ބީރު ކަންފަތެކެވެ.
ދުވަސް ތައް މަސްތަކަށް މަސްތަށް އަހަރުތަކަށް ބަދަލުވަމުން ގޮސް ސާރާ މަލީޒްއަށް ކުދި ކުދި ދޮގު ހަދަން ފެށިއެވެ. ބައެއް ކަންކަން ސިއްރު ކުރަންވެސް ފެށިއެވެ. އެހެން ދަމުންގޮސް ސާރާއަށް އޭނާގެ މުޅި ހަޔާތުގައިވެސް ހެދުނު އެންމެ ބޮޑު އެއްގޯސް ހެދުނީއެވެ. އެހެން ފިރިހެން ކުއްޖަކާ ވާހަކަ ދެއްކުނީއެވެ. ސާރާ މަލީޒްގެ ކިބައިން މާފައް އެދުނެވެ.. މަލީޒް އޭނާއަށް މާފް ކޮށް އަލުން ދެމީހުން ގުޅުނެވެ. ސާރާ މަލީޒް ކައިރީގައި މަލީޒްގެ ކަންކަން ބަދަލު ކުރުމަށް އެދުނެވެ. ނަމަވެސް މަލީޒް ގެ އެސިފަ އިތުރަށްވީ ބޮޑެވެ. ސާރާ ފަހަތުން ދީވާނާއެއްހެން އެނބުރެންފެށީއެވެ. މަލީޒް ނުލައި ސާރާއަށް ބޭރަށް ފިޔަވަޅެއްވެސް ނޭޅެއެވެ. މަޑުމަޑުން އަނެއްކާވެސް ސާރާ މަލީޒް ދެކެ ފޫހިވާން ފެށިއެވެ.
އާދައިގެ މަތިން އެދުވަހުވެސް ސާރާއާއި މަލީޒް ތިބީ އެމީހުން އާންމުކޮށް ހުޅުމާލެ ގޮސްފިއްޔާ ތިބޭ ބީޗުގައެވެ. އޭރު އިރު ހުރީ މަޑުމަޑުން ތިރިއަށްގޮސް އޮއްސުމާ ނުހަނު ކައިރިވެފައެވެ. މާހައުލުގައި ވަނީ ހަމަ ހިމޭންކަމެވެ. ދެމީހުންވެސް ބަހެއްނުބުނެ އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ތިއްބެވެ.
“މަށަށް ހީވަނީ އަސްލު މިހެން އުޅެން ވެއްޖެއްޔާ ދެމީހުންގެ ލައިފްހެން ހަލާކުވާނީ.. ރީތިކޮށް ދެމީހުން ސެޕަރޭޓް ވަމާދޯ. .” ސާރާ އިނީ އަދިވެސް އިރު އޮއްސޭ މަންޒަރަށް ނަޒަރު ހުއްޓާލައިގެންނެވެ. މަލީޒް އިނީ އެކަމާ ބުނާނެ އެއްޗެއް ނޭނގިފައި ހެންވެސް ހީވާކަހަލައެވެ. އަބަދުވެސް މަޖާކޮށް އަނގަތަޅާ މަލީޒް މިއަދު ބަސްހުސްވެފައި އިނީއެވެ. މަޑުމަޑުން މަލީޒް އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެދުވަހު ދެމީހުންވެސް ނިންމީ ދެމީހުންގެ ލޯބީގެގުޅުން ނިންމާލުމަކީ ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތްކަމުގައެވެ.
ދުވަސްތައް އެގޮތް މިގޮތަށް ފާއިތު ވަމުން ގޮސް ދެ އަހަރަށް ފަހު ސާރާ ނަސްރުއާއު ކައިވެނިކުރިއެެވެ. އޭގެ އަހަރެއް ފަހުން މަލީޒްވެސް ނައުފާ އާއި ކައިވެނިކޮށް ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. ސާރާއާއި މަލީޒް ދެމީހުންގެ ވަކި ދިރިއުޅުމާއިގެން ކުރިއަށް ދާންފެށިއެވެ. ދެމީހުންވެސް ހީލާފައި އުޅެންފެށިއެވެ. ދިރިއުޅުން ހިކިނެއްތޯ މީހަކު އަހާލިޔަސް އުޅެނީ ވަރަށް އުފަލުގައި ކަމަށް ބުނެ ހިތްހަމަޖައްސާލައެވެ. ދެމީހުންވެސް އެދެމީހުންގެ 7 އަހަރުގެ ލޯބީގެ ދުވަސްތައް ހަނދާން ވާކަން ދުނިޔެއަށް ސިއްރުކުރިއެވެ.
*******************************
ސާރާ އޮފީހުން ނިކުމެ ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. މަޑު ހިނގުމެއްގައި ބޭރުންމަގުން ހިނގާފައި ދިޔައިރު ސާރާކައިރިން ދެކުއްޖަކު އަތުގައި ހިފާލައިގެން ހިނގާލައިފައި ދާތަންފެނުނެވެ. ފިރިހެން ކުއްޖާ ވަރަށް ލޯބިން އޭނާކައިރީގައި ހުރި އަންހެން ކުއްޖާގެ މޫނަށް އިރު އިރުކޮޅާ ބަލާލައެވެ. އެ ކޮންމެ ފަހަރަކު އަންހެއްކުއްޖާ ރަކި ގޮަތަކަށް ހީލައެވެ. އެމީހުން ނަށް ބަލަންހުރެ ސާރާހީލިއެވެ. އެމީހުން ދަންނާތީކީ ނޫނެވެ.. އެއް އިރެއްގައި އެއީ ސަރާ ވެސް ރަކިވެ ހިނިތުންވީގޮތް ކަމުން އެމަންޒަރު ފެނިފައި ބޭއިޚްތިޔާރުގައި ހީލެވުނީއެވެ.
މަލީޒް އޮފީހުން ނިކުމެ ސައިކަލުގައި ހުޅުމާލެއަށް ދިއުމަށް ދަތުރުފެށިއެވެ. ބްރިޖު މަތިން ދުއްވާފައި ދިޔައިރު އިރު އޮއްސޭ މަންޒަރު ފެނުމުން ބާރަށް ގޮސް ހުޅުމާލޭގެ އިރުއޮއްސޭ ދިމާލުން ބީޗްގައި މަޑުކޮއްލިއެވެ. ސައިކަލުމަތީގައި އިނދެ ސިނގެރެޓެއް ރޯކަށްލައިގެން އޮއްސެމުން ދިޔަ އިރަށް ބަލަން އިންއިރު ސާރާގެ ހަނދާންތައް އާވާން ފެށިއެވެ. ސާރާ އަދިވެސް އިރުއޮއްސޭ މަންޒަރު ބަލަން ދޭބާއެވެ. އޭނާގެ ފިރިމީހާއާއެކު އޭނާއުޅެނީ އުފަލުގައި ބާއެވެ. އެކަހަލަ ހިޔާލުތަކެއްގެ ތެރޭގައި އިންދާ އަނދިރިވާން ފެށުމުން މަލީޒް އަވަހަށް ގެއަށްދިއުމަށް އަވަސް ވެގަތެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. ސާރާ އުޅުނީ ސިޓިންރޫމުގައި ހުރި ކަބަޑުތަކާއި ބަދިގެ ސާފުކުރުމަގެވެ. ކަބަޑުގެ އެކި ވަތްގަނޑުތަކުގައި ހުރި ސާމާނުތައް ނަގައި ސާފުކުރަމުން ދަނިކޮށް ލޮލުގައު އަޅައިގަތީ އޭގެތެރޭގައި އޮތް ކުޑަފޮއްޓެކެވެ. ލަކުޑިން ހަދާފައި އޮއް އެރީތި އެފޮށި ނަގައި ސާރާ އޭގައި މަޑުމަޑުން ފިރުމާލިއެވެ. އެފޮށި ހުޅުވައިފިނަމަ ކުރީގެ ހަނދާއްތައް އާވެ ހިތަށް ތަދުވުން ނޫންކަމެއް ނުވާނެކަން އެނގޭތީ އެފޮށި ކަބަޑުތެރޭގައި ބަހައްޓަން ބޭނުންވިއެވެ. ނަމަވެސް ސާރާގެ ހިތްއެދުނީ އެފޮށި ހުޅުވައި ބަލާލުމަށެވެ. ހިންދިރުވާލުމަށްފަހު އެފޮށިނަގައި ހުޅުވާލިއެވެ. ފޮށިތެރޭގައި ހުރީ އެތައް ދުވަހެއްގެ ހަނދާ ތަކެކެވެ. ހިކިފައި އޮތް 3 ފިނިފެންމަލާ، އަނގޮޓިއަކާ، ފުރަތަމަ މަލީޒްއެކީގައި ފިލްމަށް ދިޔަދުވަހުގެ ޓިކެޓް ކޮޅާއި، މަލީޒް ދީފައި ހުރި އުފަންދުވަހުގެ ކާޑުތަކާއި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޮއެކެވެ. އެއީ ހަތްއަހަރު ތެރޭގައި މަލީޒް ދީފައިވާ ހަނދާން ތަކުން ކުޑަމިންވަރެކެވެ.
ސާރާ މަޑުމަޑުން އެފޮޓޯގަނޑު ނަގައި ބަލާލިއެވެ. އޭގައި ވަނީ މަލީޒް އާއި ސާރާ ސާރާގެ އުފަންދުވަހެއްގައި އެކުގައި ނެގި ފޮޓޯއެކެވެ. އެއީ މަލީޒް ސާރާގެ ނޭފަތުގެ ކުރީގައި ކޭކްގެ އައިސިން ކޮޅެއް ހާކާލުމުން ސާރާ ހެނިކޮށް މަލީޒްގެ ކޮއްކޮ ޖުމާ ނެގިފޮޓިގަނޑެކެވެ. އެފޮޓޯގައި ސާރާ ހުރީހޭށެވެ. އެފޮޓޯ ބަލާލި ކޮންމެ މީހަކަށްވެސް ސާރާ އުފާވެފައި ހުރި ވަރު ފެންނާނެއެވެ. މިހާރު ސާރާ އެހެން ހިތުގެ އަޑިން ނުހޭތާވީދުވަހެއް ނޭގެއެވެ. ކުރީގައި ސާރާގެ މޫނުމަތިން ފެންނަ އުފާވެރިކަން ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. ސާރާ ފެންކަޅިވެހުރެ އެތައް އިރަކު އެފޮޓޮއަށް ބަލަން ހުރުމަށް ފަހު ފޮޓޯގަނޑު ފޮއްޓަށް ލައި ފޮށި ކަބަޑަށް ލިއެވެ. ހިތަށްކުރި އަސަރުން ކުރަންހުރި މަސައްކަތްތައް ވެސް ބެހެއްޓުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ ނިދާފައި އޮތް ނަސްރު ކައިރީގައި އޮށޯވެލިއެވެ. އަނެއްފަރާތައް އެނބުރި ދެލޯމަރާލިއެވެ.
” ސާރާ” ނަސްރު މަޑުމަޑުން ސާރާގެ ކޮނޑުގައި ކޮއްޓާލިއެވެ.
ކޮޓަރީގެ ބޮކި ނިއްވާފއި ހުރުމުން އެއީ ދުވާލުގެ ވަގުތު ނަމަވެސް ކޮޓަރިތެރޭގައި ވަނީއަނދިރިކަމެވެ. ސާރާ އެނދުގައި އޮށޯތް އިރު ނަސްރު ހޭލާއޮތްކަން ނޭނގުނީ އެހެންވެއެވެ. “ހުމްްމް. ކީކޭ؟.” ސާރާ މަޑުމަޑުން ނަސްރުއާ ދިމާލަށް އެނބުރުނެވެ. ” މެންދުރަށް ކެއްކީތަ؟” ސާރާ ގައިގައި ފިރުމާލުމެއް ގަޔާކައިރި ކޮއްލާ ބައްދާލުމަކީ ނަސްރުއަށް ކުރަން ނޭނގޭ ނުވަތަ ކުރަން ބޭނުން ނުވާކަންކަމެވެ. ” އާނ…” ސާރާ ކުރު ޖަވާބެއް ދިނުމަށް ފަހު ނަސްރުގެ މޭގައި ބޯއަޅާލިއެވެ. “ހިނގާދޯ މިއަދު ހުޅުމާލެއަށް ދުއްވާލަން ދާން. އިރު އޮއްސޭތަން ބަލާލާފަ އަންނަން.. ” ހުކުރު ދުވަސް ކަމުން ސާރާ ބޭނުންވީ ބޭރަށް ގޮސްލާށެވެ. ނަސްރު ދޭނެ ޖަވާބު އެނގިހުރެވެސް ސާރާ މަޑުމަޑުން ބުންޏެވެ.
” ނުދެވޭނެ.. ގޭގަ ތިބެ ޓީވީ ބަލާލާނީ ދޯ. މީރެސްޓް ކުރާދުވަސް.”
މަލީޒްގެ ޖަވާބު އިވިފައި ސާރާ ދެރަވިއެވެ. އަދި ހިތްހަމަވެސް ނުޖެހުނެވެ. ” އަޅެ އަހަރެން ގޮސްލާ ހިތުންނޭ. އަބަދު ތިހެން ހަދާތީ އޭ ބުނަނީ އަހަރެން ލައިސެންސް ނަގާގެން ސައިކަލް ދުއްވަން ހުއްދަ ދޭށޭ.. އޭރުން ނަސްރް ނުގެންދިޔަޔަސް އަހަރެންނަށް ދާންބޭނުންވާ ތަންތަނަށް ދެވޭނެދޯ.” ސާރާ އެހެންބުނީ ވަރަށް ފޫހިރާގެއްގައި ކަމުން ނަސްރު ވެސް ހިތްހަމަ ނުޖެހޭގޮތް ވިއެވެ. “ސާރާ އަށް ކަމެއް ވެދާނެތީ ބުނަނީ ސައިކަލު ދުއްވާނެ ކަމެއް ނެތޭ. އެކަމާވެސް އަބަދު ތިކުރަނީޝަކުވާ.. އަބަދު ޝަކުވާ ކުރަންޔާ ވަރަށް ފޫހިވޭ.. ” ހިތްހަމަ ނުޖެހިގެން ނަސްރު ތެދުވެގެން ގޮސް ފާހާނައަށް ވަނެވެ.
ސާރާގެ އިހުސާސްތަށް ނަސްރުއަށް އެނގޭނީ ކޮންދުވަކުން ބާއެވެ. ފަސް އަހަރުވީއިރު އިރު އޮއްސޭތަން ތަން ބަލާލަން ސާރާއަށް ދެވުނީ ދިހަ ވަރަކަށް ދުވަހުއެވެ. ދުއްވާލަން ދާ ފަހަރެއްގައިވެސް ނަސްރު އަނގަޔަކުން ނުބުނާނެއެވެ. ސާރާ މާގިނަ ވާހަކަ ދެއްކިޔަސް ނަސްރުއަށް އުނދަގޫ ވާތީ ސާރާ ވެސް އިންނަނީ މިހާރު އަނގައިން ނުބުނެއެވެ. ބީރައްޓެހި ދެމީހުން ހެން ދުއްވަ ދުއްވާފައި ގެއަށް އަޔަސް ލިބޭނީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ. މިހާރު ނަސްރު އެކީގައި ދުއްވާލަން ދާންވެސް ސާރާ ފޫހިވެއެވެ. އިނދެވުނީތީ އުޅެނީ އޭބުންޏަސް ދޮގަކަށް ނުވާނެއެވެ.
މުޅިދުވަސް ގޭގައި އުޅެން ޖެހުމުން ސާރާ ހުރީ އަވަހަށް އަނެއްދުވަހު އޮފީހަށް ދާން ބޭނުންވެފައެވެ. ގެއަށްވުރެ އޮފީހުގައި ހޭދަކުރާ ވަގުތުތަކުގައި ސާރާމާ ހިތްހަމަ ޖެހެއެވެ.
އޭގެއަނެއްދުވަހު ސާރާ އޮފީހަށް ދިޔައީ އާ ހެދުމެއްލައި ރީތިވެގެންނެވެ. އާދައިގެ މަތިން ނަސްރު އަކަށް ފާހަގައެއް ނުވެއެވެ. ސާރާ ގެއިން ނިކުންނަނިކޮށް ބަލާލާފައި ” ބާއި.. ލަވްޔޫ..” އެހެންބުނީރުވެސް ސާރާގެ ލައިގެން ހުރި ހެދުމަށް އެއްފަހަރުވެސް ބަލާނުލައެވެ. ސާރާވެސް ބާއި ބުނުމަށްފަހު އަވަށް އޮފީހަށް ދިޔައީއެވެ. ދުވަހަކުވެސް ނަސްރުގެ ފަރާތުން ތައުރީފެއް ނުލިބޭނެ ކަން އެނގޭތީ މިހާރު ސާރާއެކަމަށް އާދަ ވެއްޖެއެވެ.
އޮފީހަށް ވަތްއިރު މާޝާ އާއި އާސިމް ތިބީ ކޮފީބޯ މޭޒުގައި ވަރަށް އޮލަ ވާހަކައެއްގައެވެ. “ގުޑް މޯނިންްސާރާ. އާދެބަލަ ކޮފީއެއް ގިރައިގެން މިތަނަށް.” ސާރާ ފެނުމާއެކު މާޝާ ގޮވާލިއެވެ. ސާރާ ކޮފީ ތައްޓެއް ގިރައިގެން ގޮސް އެމީހުންނާ ބައިވެރިވެލިއެވެ. “މިދައްކަނީ އާސިމް ވައިފްއަށް ބާތްޑޭ ޕްރެޒެންޓަކަށް ދޭނެ އެއްޗެއްގެ ވާހަކަ. އާސިމް ބުނީ ގަޑި އެއް ގަނެފީމޯ މިހާރު ދޯ.. ” މާޝާ އާސިމް އާދިމާލަށް ނިތް އަރުވާލިއެވެ. “އާނ.. އެކަމް އަދި ބޭނުން އެހެން ސަޕްރައިޒެއް ދޭން. ހައު އެބައުޓް އަ ޓްރިޕް ޓު މާފުށި؟ ” އާސިމް ވަރަށް ހެވިފައި އެހިއެވެ. ” ވަރަށް ސަޅިވާނެ. ޔަގީން ޔޫގެ ވައިފް ވަރަށް ހެޕީވާނެ.. ” އެއީ ނަސްރުގެ ފަރާތުން ދުވަހަކުވެސް ސާރާއަށް ލިބިފައިނުވާ ކަންކަން ކަމުގައި ވީނަމަވެސް އެއީ ސާރާވެސް ބޭނުންވާ ކަންކަމެވެ. “އޯކޭ ފައިނަލް. ތޭންކްސް ގާލްސް.. ” އާސިމް ތެދުވަމުން ސާރާއާއި ނާޝް އަށް ޝުކުރު އަދާކުރުމަށް ފަހު ގޮސް އޭނާގެ މޭޒުކައިރީގައި މަސައްކަތް ކުރަން އިށީނެވެ.
އަހަރެން ގޮވައިގެން ނަސްރު ވެސް އެހެން ވީކެންޑްސް ކައިރި ތަންތަނަށް ގޮސްލާނަމައެވެ. އެކަހަލަ ސަޕްރައިޒް ދޭނަމައެވެ. ސާރާއަށް ހިތާހިތުން ޝަކުވާ ކޮއްލެވުނެވެ.
ނުނިމޭ…
2 Comments!
Comments are closed.



Varah reethi
Glad that you liked it Aami 🤍🫰 and thank you for dropping a comment 😘