ރޫހާނީ ކަންކަން ލޮލަށް ފެނުމާއި ޖިންނި އެއް އަވަލުމާއި ޖިންނީންގެ ނުރައްކާތެރިކަން ފޯރުމަކީ އަޅުގަނޑުމެންގެ މުހުޖުތަމައުގައި ބައެއް މީހުން ތަހައްމަލުކުރަމުންގެންދާ ކަންކަމެވެ. ޖިންނީންގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ނުރައްކާތެރި ބޮޑެތި ބަލިތަކަށް ހުށަހެޅި މިދުނިޔެ ދޫކޮށްދާ ފަހަރުވެސް އާދެއެވެ. މީހެއްގެ ދުލުން ބުނެލަން މިއީ ފަސޭހަ ބަހެއް ނަމަވެސް މިކަން ތަހައްމަލުކުރާ ބަޔަކަށް މިކަހަލަ ވާހަކަތަކަކީ އަހާލާކަށް ނުވަތަ ދައްކާކަށް ފަސޭހަ ވާހަކަތަކެއް ނޫނެވެ. ބައެއް ފަހަރު މިކަހަލަ ކަންކަމަކީ އަޅުގަނޑުމެންގެ ފަރާތުން ވެވޭ އިހުމާލެއްގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
ފަސްވަނަ ބައި
“ބަރާބަރަށް ނަމާދުކޮށް ގުރުއާން ނުކިޔަވަންޏާ ބައްޕަ އަށް ޖެހޭނީ ދަރިފުޅު އަތުން ތި ފޯނު އަތުލަން. އެއީ ބައްޕަ ބޭނުމެއްނުވޭ ދަރިފުޅު އަޅުކަންކަމާ ދުރުވާކަށް”
މުރާދު ގެ ކޮންމެ ވާހަކައަކަށް ބޯޖަހަޖަހާ މިއާ އިނެވެ.
“މި ހަފްތާ ބަންދުގަ އަންހެނުންގެ ޑޮކްޓަރަކަށް ދައްކާލަން ދާން ދެމައިން ތައްޔާރުވޭ” މުރާދު ބުންޏެވެ.
“އޯކޭ ދާނަން. އެކަމު ބައްޕަ މި ފޯނުގެ ނަންބަރަކީ ކޮބާތަ؟” މިއާ ބުންޏެވެ.
****
ގަޑިން ނުވައެއް ނުޖަހަނީސް މިއާ ދޮރާށި ކައިރިއަށް ނިކުމެއްޖެއެވެ. އޭނާ ގެ ހިތް ވަނީ އަވަސްވެފައެވެ. ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ޝެހެރޯޒް ގެ ހަބަރެއް ނުވެއެވެ. ދޮރާށި ކައިރީގައި ދެކޮޅަށް އޭނާ ހިނގާލިއެވެ. ފަނަވަރަކަށް މިނެޓް ފާއިތުވެގެން ދިޔައެވެ. ޝެހެރޯޒް ނައެވެ. މިއާ މާޔޫސްވާގޮތް ވިއެވެ. ޝެހެރޯޒް ދެކެ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ފަހުން އޭނާ ހިތަށް ވިސްނައިދިނެވެ. އެވާނީ ކޮންމެސް ކަމެއްގައި ޝެހެރޯޒް ބިޒީ ވީ ކަމަށެވެ. އެހެންނޫނީ ނައިސް ނުދާނެއެވެ. ގެ ހުރިތަނެއް ނޭނގުނީ ކަމަށްވެސް ވެދާނެއެވެ. ޝެހެރޯޒް ގެ މިޒާޖުގައި ދޮގުހެދުމެއް، މަކަރު ހެދުމެއް ނުވާނެއެވެ. އެއީ އެއަށް ވުރެ ހިތް ސާފު އިންސާނެކެވެ. ވަރަށް ގިނަ ވަގުތު ފާއިތުވެއްޖެއެވެ. ދެފަޔަށް ވަރުބަލިވެގެން ގޭ ކައިރީގައި ހުރި ޖޯލީގައި އޭނާ އިށީނެވެ. ދޮރާށިން ބޭރަށް އަސްމާ ބޯދިއްކޮށްލިއެވެ.
“ހަބަރެއްނުވީމަ ބަލާލަން މަންމަ މިއައީ” އަސްމާ ބުންޏެވެ.
“އަދި ނާދޭ. ކަމެއް ޖެހުނީ ކަންނޭނގެ” މިއާ ބުންޏެވެ.
މިއާ އެތެރެއަށް ވަނެވެ. ބަދިގެއަށް ވަދެ ފެތް ތައްޓެއް ހިފައިގެން މޭޒު ކައިރީގައި އިށީނެވެ. ޝެހެރޯޒް ގެ ހަބަރެއް ނުވުމުން އޭނާ އިނީ ދެރަވެފައެވެ. އަތުގައި އޮތް ފޯނަށް މިއާ ބަލައިލިއެވެ. ޝެހެރޯޒް އަށް ގުޅަން ބޭނުންވިއެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޝެހެރޯޒް އަށް ގުޅޭނެ ނަންބަރެއް ނޭނގެއެވެ. ހުދު އޭނާ ގެ ނަންބަރެއްވެސް އޭނާ އަށް ނޭނގެއެވެ.
“މިއާ ކޮޓަރިއަށް ނުވަންނިސް މަންމަގެ ލޮލަކަށް ނިންޖެއް ނާންނާނެ. އަވަސްކުރާތި” އެތެރެއަށް ވަންނަމުން އަސްމާ ބުންޏެވެ.
ކޮޓަރިއަށް ވަނުމުގެ ކުރިން އަދިއެއްފަހަރު ބޭރު ބަލައިލަން މިއާ އުޅުނެވެ. ދިރޭ އެއްވެސް ފުރާނައެއްގެ ނިޝާނެއް ނެތެވެ. ކައިރި ކޮންމެސް ގެއަކު ހުޅުވާފައި ހުރި ރޭޑިއޯ އަކުން ސިހުގެ ލަވައެއް އިވެމުން ދިޔައެވެ. މިރޭ ދެން ޝެހެރޯޒްގެ ހަބަރެއް ނުވާނެ ކަމަށް ބަލައި އެތެރެއަށް ވަންނަން މިއާ ނިންމިއެވެ. ކުއްލިއަކަށް ކައިރި ހިސާބަކުން މީހަކު ކަރުކެލިހެން މިއާ އަށް ހީވިއެވެ. އެއީ ހީވިގޮތެއް ކަމަށް ހިތައި އަޅާނުލާ ހުއްޓާ ކެއްސާލި އަޑު އިވިއްޖެއެވެ. މިފަހަރު އިވުނީ ވަރަށް ކައިރިންނެވެ. މިއާ ގަތީ ބިރެވެ. މީހަކު ފެންނަން ނެތް ހިސާބަކުން އިންސާނުން ކުރާ ކަންކަމުގެ އަޑު އިވިގެން ނުވަނެތާއެވެ. ދޮރާށި ލައްޕާލުމަށްފަހު މިއާ އައީ މައި ދޮރާ ދިމާލަށެވެ.
“މިއާ…” މިއާ ގެ ދެފައިގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ކަންފަތުގައި ޝެހެރޯޒް ގެ އަޑު ޖެހުމުންނެވެ. ފަހަތް ބަލައިލިއިރު ދޮރުމަތީގައި ޝެހެރޯޒް ހުއްޓެވެ. ޝެހެރޯޒް އާ ދިމާލަށް މިއާ ދުއްވައިގަތެވެ. ވިސްނާލުމެއްވެސް ނެތި ޝެހެރޯޒް ގެ ގައިގައި މިއާ ބައްދައިގަތެވެ. މިއާ ގެ ގައިގައި ޝެހެރޯޒް ގެ ދެއަތުން ވަށާލިއިރު އޭނާގެ ދެލޮލުން އަޖައިބެއް ކަހަލަ ވިދުމެއް ފާޅުވެގެން ދިޔައެވެ. އޭނާގެ ދެލޮލުން ފޮނުވާލި އަލި މުޅި ގޭތެރޭގެ ވަށައިގެން ހަރަކާތްތެރިވަމުން ދިޔައެވެ. އޭނާގެ ބާރުގެ ދަށަށް މުޅި ގެ ގެނެވިއްޖެއެވެ. މިއާ ލަސްވެގެން ހޯދަން އެކަކު ވެސް ދެން ނުނިކުންނާނެއެވެ. މިއާ ގެ މައިންބަފައިން މިހާރު ތިބޭނީ ގަދަ ނިދީގައެވެ.
“އަންނާނަމޭ ކިޔާފަ ނައިމަ ވަރަށް ދެރަވި. ކީއްވެ ލަހުން ތިއައީ” މިއާ ޝަކުވާކޮށްލިއެވެ.
“ސޮރީ މިއާ. އެހާ ލަހެއްނުވެއެއްނު. މިއާ ކައިރީގަ ހުންނަތާ ހާދަ އިރެއްވެއްޖޭ” ޝެހެރޯޒް ބުންޏެވެ.
“ދެންމެ… ދެންމެ މިތާ ކައިރިން މީހަކު ކެއްސާލި އަޑު އިވުނު” މިއާ ބުންޏެވެ.
“އެއީ އަހަރެން. މިއާ އާ ލޯބިން ސަމާސަކޮށްލީ” ޝެހެރޯޒް ބުންޏެވެ.
“އެހެނެއްނުވާނެ. އެކަކުވެސް ނެތް” މިއާ ބުންޏެވެ.
“އަހަރެން ބުނީމެއްނު އަހަންނަކީ އިންސާނެއް ނޫނޭ” ޝެހެރޯޒް ގެ އަޑުގައި ވަނީ ސީރިޔަސްކަމެވެ. އެހެންނަމަވެސް ހާނސްވެ ކަންބޮޑުވެފައި ހުރި މިއާ އަކަށް އެކަން ފާހަގައެއް ނުކުރެވުނެވެ.
“ވަރަށް މަޖާ. ހައްތަހާ ބިރުތިގަންނަވަނީ. ތިކަހަލަ އެއްޗެއްވެސް މިތާ ހުރެދާނެ ކަންނޭނގެ. އެކަމު އަހަންނަށް ފެނިގެން ނުވާނެ. އެއީ މަނާކަމެއް” ޝެހެރޯޒް މިއާ ގެ މޫނަށް ބަލަން ހުރީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
“ސޮރީ… ވަރަށް ބިރުގަންނަވާލެވިއްޖެ ދޯ” ޝެހެރޯޒް ބުންޏެވެ.
މިއާ އަށް ހަގީގަތް ބުނެދޭނެ ގޮތަކާމެދު ޝެހެރޯޒް ވިސްނަން ފެށިއެވެ. އެކަމަކު މިވަގުތަކު ނޫނެވެ.
“މިވަގުތު ވަރަށް އަމާން. އަހަރެމެންނަށް އުނދަގުކުރާނެ އެއްވެސް ދިރޭ ފުރާނައެއް ނެތް. ހިނގާ ދާން އަހަންނާއެކު” މިއާ ގެ އަތްތިލައިގެ ތެރެއަށް ޝެހެރޯޒް އަތް ލައްވާލިއެވެ.
“ކޮންތާކަށް. ނުދެވޭނެ. މަންމަ ނޫނީ ބައްޕަ ނިކުމެދާނެ. އަދި ޔަގީނުންވެސް މަންމަ ނުނިދާނެ” މިއާ ބުންޏެވެ.
“ހާނސްނުވޭ. އެންމެން ތިބީ ނިދާފަ. އާދޭ ދާން. މިރޭ ވަރަށް ގިނަވަގުތު މިއާ ކައިރީގަ ހުންނަން ބޭނުން”
މިއާ ގެ އަތުގައި ހިފައިގެން ދޮރާށިން ބޭރަށް ޝެހެރޯޒް ނިކުތެވެ. މިއާ ޝެހެރޯޒް އަށް ބަލައިލިއެވެ. މިއާ ހިތުގައި ސުވާލު އުފެދުނެވެ. މިކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ ޝެހެރޯޒް އަށް އިތުބާރު ކުރަންވީ ހެއްޔެވެ؟
“ޔަގީނުންވެސް މިއާ ތިކުރާ އިތުބާރު ގެއްލުނަ ނުދޭނަން. ވައުދުވަން”
މިއާ ހައިރާންވިއެވެ. އޭނާ ހިތުގައި އުފެދުނު ސުވާލަށް ޝެހެރޯޒް ޖަވާބުދިނުމުންނެވެ.
މިއާ އަކަށް ވީނުވީއެއް ނޭނގުނެވެ. އޭނާ އަށް ދެލޯ ހުޅުވާލެވުނުތަނާ ފުރަތަމަ ވެސް ފެނުނީ އުޑު މެދުގައި ހުރި ބުރު ހަމަ ހަނދެވެ. އޮތް ތަނާ މެދު ވިސްނުން ހިނގާލެވުނެވެ. އޭނާ ފުންމައިގެން ތެދުވެ ބަލައިލިއެވެ. އިވެމުން ދިޔައީ ރާޅުޖަހާ އަޑެވެ. ގައި ދަށުގައި ވަނީ މަޑު ތަންމައްޗެކެވެ. ފަތްތަކެއް ކަމެއް ގޮދަޑިއެއް ކަމެއް ނުވަތަ އެހެން އެއްޗެއް ކަމެއް ދެނެގަންނާކަށް އޭނާ އަށް ނޭނގުނެވެ. ކައިރީގައި ހެވިފައި ބަލަން އިނީ ޝެހެރޯޒް އެވެ.
“ކިހިނެއް މިވީ” މިއާ އަހާލިއެވެ.
“ހުރިހާ ކަމެއް ކުރީ މިއާ އެއްނު” ހިނި އައިސްފައި އިނދެ ޝެހެރޯޒް ބުންޏެވެ.
“އަހަރެން މިތަނައަށް އައީ ކިހިނެއް؟ މިއީ ކޮންތަނެއް؟” މިއާ ގެ އަޑުގައިވީ ކަންބޮޑުވުމެވެ.
“މިއީ އަހަރެމެންގެ މި ލޯބި ފެށުނު ތަން. މިތަނަށް އައީ އަހަރެމެން ދެމީހުން އެކީގައެއްނު. އެހާ އަވަހަށް ހަނދާންނެތުނީ؟ މިއީ އަހަންނަށް މިއާ އެންމެ ފުރަތަމަ ފެނުނު ތަން. މިތަނަކީ އަހަރެމެންގެ ލޯބީގެ ބަގީޗާ. މިތަނުގަ މިއާ އާއެކު އެތައް ހަނދާނެއް އުފެދިއްޖެ” ޝެހެރޯޒް ބުންޏެވެ.
ވާނުވާއެއް މިއާ އަށް ނޭނގުނެވެ. އޭނާ ދެފަރާތަށް ބޯހޫރަން ފެށިއެވެ. ކޮންމެސްކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖޭ އޭނާގެ ހަ ވަނަ ހިއްސު ބުނަން ފަށައިފިއެވެ. ބުނެދޭން ނޭނގޭ އިހުސާސްތަކެއް އޭނާގެ ހަށިގަނޑަށް އެބަކުރުވައެވެ. ހިތުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. އިސާހިތަކު މިއާ ގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. މިއާ އަށް ވަމުންދާ ގޮތް ބަލަން ޝެހެރޯޒް އަށް ނީނދެވުނެވެ. އޭނާ މިއާ އާ ގާތަށް ޖެހިލިއެވެ. މިއާ ގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.
“ކޮންކަމަކާ މިއާ ތިހާ ކަންބޮޑުތިވަނީ. މިއާ ބޭނުންވާ ގޮތެއް ބުނޭ. ހިތުގައި އޮތް އެއްޗެއް ވިއްޔާ ބޭރުކުރޭ. އަހަރެން ޖަވާބުދޭނަން. ތިހެން މިއާ ރޯތަން ބަލާކަށް ކެތެއްނުވާނެ. އިންތިހާ އަށް މިއާ ދެކެ ލޯބިވޭ” ޝެހެރޯޒް ބުންޏެވެ.
“ނޭނގެ. އަހަރެމެން ދެމީހުން ދެމެދުގަ ކަމެއް ހިނގިތަ؟ އަހަރެންގެ ހަނދާނަކަށް ނާދޭ. ބުނެބަލަ. މީހަކަށް ފެނިގެން ފޮޓޯ ވެސް ނަގާފާނެ” މިއާ ބުންޏެވެ.
“ދެމީހުންނަށް އެކަކު އަނެކަކާ ގާތްވެވުނީ. އެއީކީ މައްސަލައެއް ނޫން. މިއާ… މިއާ ހީކުރަނީ އަހަރެން މިއީ ކާކު ކަމަށްތަ؟” ޝެހެރޯޒް ބުންޏެވެ.
“ވަރށް ބޮލުގަ ރިއްސަން ފަށައިފި. ކިހާ އިރެއްތަ ގަޑިން ހިނގީ. މިރޭ އަހަރެން ގެއަށް ދާން ދެން ބޭނުންވަނީ”
“މިއާ ބޭނުންގޮތެއް. މާދަމާ އަހަރެން މިއާ ބައްދަލުކުރަން ތިގެއަށް ދާނަން. މާދަމާ އަހަރެންގެ ހުރިހާ ހަގީގަތެއް ކިޔައިދޭނަން”
މިއާ ބޯޖަހާލިއެވެ. ޝެހެރޯޒް ގެ އެހީތެރިކަމާއެކު އޭނާ އެތަނުން ތެދުވިއެވެ. ހެދުން ފޮޅާލިއެވެ. ގަސްތަކުގެ ތެރެއިން ހޭރެމުން ނިކުތް ކަޅު ބުޅަލެއް އައިސް ޖެހުނީ މިއާ ގެ މޫނުމަތީގައެވެ. ލިބުނު ކުއްލި ސިހުމުގައި މިއާގެ ކަރު ތެރެއިން ބާރު އަޑެއް ނިކުތެވެ. ހަމައެއާކު މިއާ އަރި އަޅާލައިފިއެވެ. ވަގުތުން ޝެހެރޯޒް މިއާ ހިފަހައްޓާލިއެވެ. ހަމަ އެސިކުންތުގައި ވަށައިގެންވި މާހައުލަށް ނަގޫ ރޯޅިއެއް އަރައިގެންދާހާ ބާރު މިނުގައި ޝެހެރޯޒްގެ ކަޅި ހަރަކާތްކުރަން ފެށިއެވެ. މާ ދުރު ނޫން ހިސާބެއްގައި އޮތް ކަޅު ބުޅަލަށް ޝެހެރޯޒް ބަލައިލިއެވެ. އޭނާގެ ދެލޮލުން އަލިފާން ބުރަމުންދާ ކަހަލައެވެ.
****
ގޭދޮށު ފިހާރައިން ނިކުމެގެން އަސްމާ އައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ބަދިގެ އަށް ވަދެ ކިރު ތައްޓެއް ގިރާލައިގެން އޭނާ ވަނީ ކޮޓަރި އަށެވެ. އެނދުގައި އޮތް މިއާ ކުކުރަމުން ދިޔައެވެ. އޭނާ މިއާ އަށް ގޮވާލާފައި ބޭސް ގުޅަ އަނގަ އަށް ލައްވާލިއެވެ. ކިރު ތަށި އަނގައިގައި ޖައްސާލުމާއެކު މިއާ އޯކަށް ދެމިގަތެވެ. އަސްމާ އަށް ރޮވުނެވެ. މިއާ ބަލިވުމަކީ އަސްމާ ގެ މުޅި ދުނިޔެ އަނދިރިވެގެންދާ ކަހަލަ ކަމެކެވެ. ކުރުނބާ ހިފައިގެން މުރާދު އައިސް ވަތްއިރު އަސްމާ އުޅުނީ މިއާ ގެ ހިދުމަތުގައެވެ.
“ސެންޓަރަށް ގެންދަންވީނު” ކޮޓަރީގެ ދޮރު ކަނީގައި އަތް ވިއްދާލައިގެން ހުރި މުރާދު ބުންޏެވެ.
“އާނ ގެންދަންވީ” އަސްމާ ގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ.
ދެމަފިރިންގެ އުމުރު ފަންސާހުން މައްޗަށް ދިޔައިރު ދަރިއަކަށް ލިބުނީ މިއާ އެކަންޏެވެ. މިއާ އަކީ އެ ދެމަފިރިންގެ މުޅި ދުނިޔެއެވެ. ކުޑައިރުން ފެށިގެން މިއާ ކިތަންމެ ކުޑަ ބައްޔެއް ވިޔަސް އަސްމާ ރޯންވެސް ރޯނެއެވެ. އުމުރުން ހަތް އަހަރުގައި މިއާ އަށް މަދިރީގެ ޒަރީއާއިން ފެތުރުނު ހުމެއް ޖެހިގެން ހާލު ވަރަށް ސީރިޔަސް ވިއެވެ. އޭރު މިއާ އެކޭ އެއްފަދައިން ހިތާމަކޮށްކޮށް މާބޮޑަށް ބަލިވެގެން އެޑްމިޓްކޮށްގެން އަސްމާ އަށް ފަރުވާދޭން ޖެހުނެވެ.
އިސާހިތަކު މިއާ ހޮސްޕިޓަލަށް ގެންދެވުނެވެ. ޑޮކްޓަރެއް އެވަގުތު ނެތިގެން ސެންޓަރުގައި ތިބި ދެ ނަރުހުން މިއާ އަށް ފަރުވާދޭން ފެށިއެވެ. މުންޑު އަރުވާ ޖަހައިގެން މުރާދު ދިޔައީ ޑޮކްޓަރު ދިރިއުޅޭ ގެއަށް ޑޮކްޓަރު ބަލައެވެ. އެރަށުގައި މީހަކު ބަލިވެގެން ސެންޓަރަށް ގެނައިއްޔާ ރައްޔިތުން އުޅޭ ގޮތަކީ އެއީއެވެ. ޑޮކްޓަރު ގެ ފޯނަށް ގުޅައިގެން ދުވަހަކުވެސް ފޯނެއް ނުނަގައެވެ. އިރުއޮށްސިއްޖެއެވެ. މިއާ ގެ ހުން ވަރަށް ގަދައެވެ. ސެންޓަރަށް ގެންދިޔަފަހުން ހޮޑުލާންވެސް ފެށިއެވެ. ހުމުގެ ސަބަބުން ވާނުވާ ނޭނގި މޮޔަ ވާހަކަ ދައްކަން ފެށިއެވެ. މިއާ ގެ އެ ހާލަތު ބަލަން އަސްމާ އަށް ކެތެއްނުވިއެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އަތޮޅު ހޮސްޕިޓަލަށް މިއާ ގެންދިޔުމަށް ދޯންޏެއް ހަމަޖެހޭތޯ މުރާދު މަސައްކަތްކުރަން ފެށިއެވެ. ބޭނުންވާނެ ސާމާނު ބަލައި އަސްމާ އައީ ގެއަށެވެ. މިއާ ކައިރީގައި މަޑުކޮށްގެން އިން ނަރުސް ކުއްޖާ ނިދިޖެހެން ފެށިއެވެ. މާގިނަ އިރުތަކެއް ނުވެ ނަރުސް ކުއްޖާ ގަދަ ނިދީގެ ތެރެއަށް ފީނައިގަނެފިއެވެ.
ކުއްލިއަކަށް ވާޑުގައި ދިއްލާފައި ހުރި ހޮޅިބުރީގެ ހުދު އަލި ނިވި ދިއްލެން ފެށިއެވެ. މިއާ އޮތް އެނދާ ދިމާލު ފާރުތެރެއިން ފުރޭނިގެން ނިކުތް ހުދު ކުލައިގެ ބޯ ދުންގަނޑުން މުޅި ވާޑުތެރެ ފުރާލިއެވެ. ހިނދުކޮޅެއްފަހުން ދުންތައް ސާފުވެ އަލިވެއްޖެއެވެ. މިއާ ގެ މަގަތުން އިށީނދެގެން އިން ޝެހެރޯޒްގެ އުނގުގައި މިއާ އޮތެވެ. މިއާ ދެލޯ ވަނީ މެރިފައެވެ. މޫނު ވަނީ ހުމުން ރަތްވެފައެވެ. ކެނިއުލާ ގުޅާފައިވާ އަތްތިލައިގައި ދުޅަކަމެއް ހުއްޓެވެ. ޝެހެރޯޒް އަށް ރޮވުނެވެ. މިއާ އޭނާގެ މޭގައި ޖައްސާލައިގެން އެތައް އިރަކު އޭނާ އިނެވެ. ޝެހެރޯޒް ގެ މޫނުގެ އެތަންމިތަނުގައި ހުރީ ޒަހަމެވެ. އިރުކޮޅަކުން ޝެހެރޯޒް ކައިރިން ފާޅުވީ ރީތި އަންހެންކުއްޖެކެވެ. ޝެހެރޯޒް އަށް ވުރެ އިސްކޮޅުން ކުރެވެ. އިސްތަށިގަނޑު ދިގުކަމުން ކޮޅެއް ނުފެނެއެވެ. ޝެހެރޯޒް ގެ ކޮނޑުގައި އެ ކުއްޖާ އަތްޖައްސާލިއެވެ. އެއީ ޝެހެރޯޒް ގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝެރާއީ އެވެ. ދުނިޔޭގެ ބިމަށް ޝެރާއީ ފައިބާކަށް ހުއްދައެއް ނެތެވެ. އެހެންނަމަވެސް ލޯބިވާ ބޭބެގެ އެންމެ އިޝާރާތަކަށް އެނާ އައީ އެންމެންނަށް ސިއްރުންނެވެ. ޝެހެރޯޒް ދިއްކޮށްލި އަތަށް ޝެރާއީ ފެހިކުލައިގެ ފަތެއް ލައިދިނެވެ. ޝެހެރޯޒް ގެ އަތްތިލަ މަތީގައި އެ ފަތް ފަތުރާލިއެވެ. ޝެރާއީ ގެ އިނގިލިތައް އެއް އިނގިލި އަނެއް އިނގިއްޔާ ޖައްސާ ފިއްތާލުމަށްފަހު ފަތާ ދިމާލަށް ތިރިކޮށްލިއެވެ. ޝެރާއީ ދެލޯ މަރާލިއެވެ. ޝެރާއީ ގެ އިނގިލިތަކުގެ ކޮޅު ފަތުގައި ޖެހޭނުޖެހޭ ހިސާބާ ގާތްކޮށްލިއެވެ. އެހިނދު އިނގިލތަކުން ޒައިތޫނި ކުލައިގެ އޮލަ ތެލެއް ފަހަރަކު ތިއްކެއް ކަމަށް ފަތަށް ޖެހެން ފެށިއެވެ. ޝެރާއީ ގެ މޫނަށް ޝެހެރޯޒް ބަލައިލީ ޝުކުރުވެރިވަމުންނެވެ. ޝެހެރޯޒް އަތުގައި އޮތް ފަތުން ކުޑަ ގޮއްޓެއް ހަދާލާފައި މިއާ ގެ އަނގަ އާ ގާތްކޮށްލިއެވެ. އެވަގުތު އޭގެ ޒާތުގައި މިއާ ގެ ދެތުންފަތް ކުޑަކޮށް ފޭވެލިއެވެ. ފަތުގައި ހުރި ދިޔާ އެއްޗެއް އެއްކޮށް މިއާ ގެ އަނގައިގެ ތެރެއަށް ފައިބަމުން ދިޔައެވެ. މާގިނައިރެއް ނުވެ މިއާ ގެ އެސްފިޔަތަކަށް ބާރުކޮށްލިއެވެ. އޭނާ އަށް ނިދިން ހޭލެވުނެވެ. ކައިރީގައި އިން ޝެހެރޯޒް އޭނާ އަށް ފެނުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިޔަސް އަޑެއް ނުނިކުތެވެ. މިއާ ގެ މޫނުގައި ޝެހެރޯޒް ބޮސްދިނެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމުން ބާލީސް މަތީގައި މިއާ ބޭއްވުމަށްފަހު ޝެހެރޯޒް އާއި ޝެރާއީ ގައިބުވިއެވެ.
****
ރާއްޖޭގެ އެންމެ އުތުރުގައި ހުރި ރަށެއްގެ ވަލުތެރޭގައި ހުރި ކާނި ގަހެއްގެ އެންމެ މަތީގައި ޝެހެރޯޒް އިނެވެ. އޭނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ދެލޮލުގައި ކަރުނައެވެ. ކައިރީގައި އިން ޝެރާއީ ޝެހެރޯޒް ގެ ޒަހަމްތަކުގައި ބޭސް އުނގުޅަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Reethi
Hai liu dhathii…hope uh doing well and this part is amazing..💕 well dhathi one online ah liyun story complete nukurany thr?!