“އެއީ ރައިޝާ ނަމަކަށް ކިޔުނު މީހެއް.” އާހިލުގެ ކަންފަތަށް އިވުނު އަޑަކީ ތެދުކަން ގަބޫލުކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. ދުރުގައި ތިބި ނަޒުރާނާމެން އުފާވެރި ހިނިތުންވުމެއް މޫނުމަތިން ފާޅު ކުރިއެވެ. އާހިލު އަވަސްވެގަތީ އިތުރު މައުލޫމާތުތައް ހޯދާށެވެ. ރައިޝާއަކީ އާހިލު ދަންނަގޮތުން އެފަދަ ނުބައި އަމަލެއް ކުރާނެ މީހެއް ނޫނެވެ. ނަމަވެސް ނުމޮށޭ ގުރާ ބާރަށް ދަތް އަޅާނޭ ބުނާ އަޑު އޭނާ އަހައެވެ. ރައިޝާއާމެދު އާހިލު އަދިވެސް ހިތުން ޝަކުވާ ކޮށްލަކޮށްލާ ހުއްޓެވެ.
ފަރީ ދޮނޭމެން ގެއަށް ދެވުނު އިރު ސައި ތައްޔާރުކޮށް ނިންމައިފިއެވެ. ސައިބޮއެ، ފެންވަރާ ތާޒާވެލައިގެން ޖޫނާ ނުކުތެވެ. އޭރުވެސް ނަޒްލާ ބޭރަށް ނުނިކުމެއެވެ. “ނަޒްލާ!! އާދޭ އަވަހަށް ގަޑި ޖެހެނީ..” ޖޫނާ ބާރަށް ގޮވާލިއެވެ. “އެހާ ބާރަށް ނުގޮވާ މި ނިކުތީއެއްނު.” ނަޒްލާ ދޮރުން ނުކުމެ ބޫޓަށް އަރަމުން ބުންޏެވެ. ދެ ކުދިންވެސް އަވަސް ހިނގުމުގައި އޮފީހަށް ދިޔައެވެ. ލޯ ކުނާކުރަމުން އޮފީހުގެ މަގަތުގައި އާހިލު ހުރިތޯ ބަލަމުން ޖޫނާ ކުރިއަށް ހިނގައިގަތެވެ. އޮފީހުގެ ތެރޭގައިވެސް އާހިލު ފެނިދާނެކަމަށް އޭނާގެ ހިތް ތެޅިލަތެޅިލާ ހުއްޓެވެ. ހުރިހާ ކަނެއް ބެލުމަށްފަހުވެސް ޖޫނާއަކަށް އޭނާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ދުވަހުގެ މަސައްކަތެއް ހަވާލުކުރުމަށް ވަދީލުގެ އޮފީހަށް ޖޫނާ ދިޔައެވެ. ވަދީލު އިށީނދެގެން އިން ގޮނޑި ވަނީ ބިތްދޮށަށް އަނބުރާފައެވެ. މައުސޫމުކަމާއެކު ދޮރު ލައްޕާލުމަށްފަހު ޖޫނާ ވަދީލުގެ އޮފީހުގެ މޭޒުމަތީގައި ފައިލުތައް ބޭއްވިއެވެ. ޖޫނާގެ ހިތް ތެޅެމުން ދިޔައީ ވަދީލު އޮފީހުގައި ފެންނަން ނެތުމުންނެވެ. އެއްވެސް އިތުރު ހަރަކާތެއްނުކޮށް ޖޫނާ އޮފީހުން ނުކުތެވެ.
ޖޫނާ މޭޒު ދޮށުގައި އިށީނދެ ހަމަޖެހިލުމަށް ނޭވާއެއް ލާން އުޅުނެވެ. އިށީނދެ ފުން ނޭވާއެއް ލުމަށް މޭމަތީ އަތް އެޅިހެން ފަހަތުން އިވެންފެށީ އާހިލުގެ އަޑެވެ. ޖޫނާގެ މައިބަދަ ގަނޑުވާން ފެށިއެވެ. އާހިލު ފުރަތަމަވެސް އައީ ޖޫނާގެ ގާތަށެވެ. އަތުގައި ހިފާ ގެންގޮސް ވަދީލުގެ އޮފީހާވީ ދިމާއަށް ގެންދިޔައެވެ. އޮފީހުގެ ބިތުން ނިވާވެފައިވާ ސަރަހައްދުގައި ފާރާ ދިމާލުން ޖޫނާއަށް ނުދެވޭ ގޮތަށް އާހިލު އަތް ފުޅާކުރިއެވެ. “ރައިޝާ. ތެދަށް ބުނޭ! ކުންފުނީގެ ރުފިޔާ ވައްކަންކުރީ ކަލޭތަ؟” އާހިލު ބަރު އަޑުން ބުންޏެވެ. “ނޫ..ން. ތިފަދަ އެއްވެސް… ކަމެއް އަޅުގަނޑު ނުކުރަން.” ޖޫނާ އަޅައިގަތެވެ. “ދެން މިއީ ކޯއްޗެއް؟” އާހިލު ފޯނު ނަގާ މަންޒަރުތަކެއް ދައްކާލިއެވެ. “ތި އޮފީހަށް އަޅުގަނޑުވަނީ ވަދީލު ބުނެގެން. މާލީ ކަންކަމާ ބެހޭ ކީސާ ބޭއްވުމަށް. ދެން ދަބަހުން އެއްޗެއް ވެއްޓިގެން އޭތި ނެގީ” ޖޫނާ ކިޔައިދިނެވެ. “މިއީ ހެކި ހުރިވަރު. އަދި އިތުރަށް ސާބިތުވެއްޖެނަމަ ޖަލު ހުކުމެއް ލިބުން އެކަށީގެންވޭ.” އާހިލު ހިތް ހަމަނުޖެހިފައި ބުންޏެވެ. “މަށަށް ލޯތްބެއް ދެވެން ނެތްތާކު ކުންފުނީގެ ރުފިޔާއިންވެސް ވައްކަން ކުރަންފެށީތަ؟” ޖޫނާގެ ދެ ލޮލަށް ބަލަމުން އާހިލު ބުންޏެވެ. މިފަހަރު އާހިލު ޖޫނާއާ ދޭތެރޭ އަނެއްކާވެސް ޝައްކު ކުރަން ފެށިއެވެ. “އަހަރެން…ހ…ހަ..ނުކުރަން.” ޖޫނާގެ ލޮލުގައި އެއްވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް މިނިވަން ވެގަތެވެ. ގިސްޖަހަމުން ވާހަކަދެއްކިއެވެ. “އާހިލު…އަހަން…ނަށް އިތުބާރު ނުކު…ރަންތަ؟” ޖޫނާ އިސްދަށަށް ޖަހާލިއެވެ. އަދި އުޑަފައިން އިށީނެވެ. ލޯ އުނގުޅަމުން ރޯން ފެށިއެވެ. އާހިލުގެ ހިތަށް އަސަރެއް ނުކުރެއެވެ. އޭނާގެ ހިތް ހަރުވީ ކީއްވެބާއެވެ؟ ޖޫނާ ދޫކޮށްފައި އާހިލު ބޭރަށް ދިޔައެވެ. ޖޫނާ އެ އިންތާ އިނދެ ހިތާމަ ކުރަމުން ދިޔައެވެ. އެއީ އާހިލުގެ ފަރާތުން ފުރަތަމަވެސް ނުކުތީ އާރިފުގެ އަނގައިން ނުކުން ދޮގު ވާހަކަތައް ކަމުންނެވެ.
މެންދުރު ކާން ދާންވީ ވަގުތުގައިވެސް ޖޫނާ މޭޒުދޮށުގައި އިނދެ މަސައްކަތް ކުރަމުން ދިޔައެވެ. އަތަށް ދެވިފައިވާ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. ހުއްޓައިނުލާ ފަރިތަކަމާއެކު ފިތަކަށްފަހު ފިތެއް ލެޕުޓޮޕުން އޮބަމުން ދިޔައެވެ. ބޮޑު ސިޓީއެއް ލިޔެ ނިންމިއެވެ. އެއީ އޭނާ އިސްތިއުފާ ދޭން ލިޔުނު ސިޓީއެވެ. ކަރުނަތަށް ފުހެމުން އެ ސިޓީ ވަދީލުގެ އޮފީހުގެ މޭޒުގައި ބޭއްވުމަށްފަހު ޖޫނާގެ ތަކެތި ހިފައިގެން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ހިނގާފައިދިޔަ މަގުމަތީގައި ޖޫނާ ކަރުނަތައް ބާލަމުން ދިޔައެވެ. މަޑު ހިނގުމުގައި ގެއާ ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ފަހަތުން ސައިކަލެއް ދުއްވާފައި އައެވެ. ތަށަށް ކިޔަނީ މަރިޔަނބުހޭވެސް އަހައިނުލާ ޖޫނާ ހިނގާފައި ދިޔައެވެ. ސައިކަލު ބެހެއްޓުމަށްފަހު އާހިލު ހިނގާފައިގޮސް ޖޫނާގެ ގައިގަ ބައްދާލިއެވެ. ޖޫނާއަށް މިވަނީ ކީއްކަން ހިތާ ސުވާލު ކުރެވުނެވެ. އާހިލުގެ މިފަދަ އަމަލަކަށް ފެންބޮވައިގަނެފައިވާ ފަދައިން ޖޫނާ އޭނާއާ ދިމާއަށް ބަލައިލިއެވެ. ޖޫނާ ހިތުގެ އެތެރޭގައި ހިފަހައްޓައިގެންހުރި އުދާސްތައް ނިކުންނަން ފެށިއެވެ. ލޮލުން ހޫނު ކަރުނަ އައުމާއެކު ގިސްޖަހާފައި ރޯން ފެށިއެވެ. ސައިކަލަށް އެރުވުމަށްފަހު ޖޫނާ ގޮވައިގެން އާހިލު ކުއްޔަށް ހިފައިގެންހުރި ކޮޓަރިއަށް އެނބުރި ދިޔައެވެ. ނަފުސާނީގޮތުން އަސަރުކޮށްފައިހުރި ޖޫނާ އެނދަށް ވެއްޓިގަތެވެ. މިހާރު އޭނާއަށް ކުރެވޭ ނުކުރެވޭ ކަންތައްވެސް ސާފުނުވާވަރު ވިއެވެ. އޭނާ އަނެއްކާވެސް އާހިލުގެ ނުފޫޒުދަށަށް ގެންދިޔައީއެވެ.
އެ ނިކަމެތި ހިތުގައި ހިނގަމުން ދިޔަ އިހުސާސްތައް އެނގޭނީ އޭނާއަށާއި ހެއްދެވި ފަރާތަށް އެކަންޏެވެ. އެއްބާރު މައްޗަށް މަންމައާއި ބައްޕަ މި ދުނިޔެއާ ވަކިވުމެވެ. އޭނާއަށް ކިރިޔާވެސް ކުރިއަށް އޮތް މަގު ބުނެދޭނެ މަންމަ މިޙާރު މިދުނިޔޭގައި ނެތް ކަމީ އޭނާގެ ހިތަށް އަނަރޫފަކަން ގެނުވާ ކަމެކެވެ. ބައްޕަ ކުށުގެ ވެށީގައި ކުރި ކިތަންމެ ކަމެއް ޖޫނާއަށް އެނގެއެވެ. ނޭނގޭ އެތައް ބައިވަރު ކަންތައްތައް ހުރިކަން އޭނާ ދަނެއެވެ. ބޮޑުވާން ފެށި ފަހުން ބައްޕަގެ ނުލަފާކަން އަމިއްލައަށް ދެނެގަނެވުނެވެ. ޖޫނާ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ބައްޕައަށް ހައްގު އަދަބެވެ. އޭނާގެ ދޮންބެގެ ޚަބަރެއް ވީވެސް އެހާ ފަހުންނެވެ. ނަމަވެސް އޭނާގެ ދޮންބެވެސް ބައްޕަގެ އަމަލުތަކެކޭ އެއްފަދައިން އެ މަގަށް އެޅިފައިވާތަން ފެނި ޖޫނާގެ ހިތަށް އަސަރުކުރަން ފެށިއެވެ. ނަފުސާނީގޮތުން އޭނާއަށް އަސަރުކޮށްފައިވާލެއް ބޮޑުކަމުން ލޭކަރުނައަަށް ދާންދެން ރުޔެވެ.
އާހިލު ފެންވަރައިގެން ފާހާނާއިން ނުކުންއިރު ޖޫނާއަށް އޮތީ ނިދިފައެވެ. ‘މިފަދަ މައުސޫމު އަދި އެހާމެ އޮމަލަ އަންހެނެއް އަހަންނަކަށް ނުފެނެއެވެ. އޭނާއާ ބައްދަލުވާ ކޮންމެ ފަހަރެއް މުޅި ދުނިޔެ ހިނގާ ބާރުމިން ލަސްވާހެން ހީވެއެވެ. އޭނާގެ މޫނުން ހިރާސްތައް ގިރާކޮށްފައިވާ މީހެއްކަން ދައްކައެވެ. ހަށިގަނޑުގެ ނިކަމެތިކަމުން ފުދޭ މިންވަރަށް ކައިގެން ހުންނަކަން އިނގޭ ކަހަލައެވެ. އަތްތިލަ ހަރުވެފައި އިނގިލިތަށް ހިމައެވެ. ބަދިގެ މަސައްކަތުން ކަނޑައިގެންގޮސް ހުރި ތަންތަން މަދެއް ނޫނެވެ. މަދިރިއެއް ލޭބޮއެގެން ދިޔަސް އެ މަރާލަން ނުކެރޭފަދަ ގޮތެއް ރައިޝާގެ ވެއެވެ. މިވަރުގެ މީހަކު ބޮޑެތި ކުށްތަކަށް އަރައި ނުގަންނާނެކަން ޝައްކެއްވެސް ނެތެވެ.’ އާހިލުގެ ބޯ ހިއްކަމުން ދިޔަ ވަގުތު ހިތަށް އަރަމުން ދިޔައެވެ. ކުއްލިއަކަށް ނިދީގައި ޖޫނާ ތެޅިގަތުމުން އާހިލު ސިހުނެވެ. ‘މީނާ އަހަރެންދެކެ މިވަނީ ކޮންފަދަ ލޯތްބެއް ހެއްޔެވެ؟ ކައިވެނި ކުރިތާ ވަރަށް ދުވަސް ވެއްޖެއެވެ. ރައިޝާގެ ޚިޔާލުތައް އަހަރެންގެ ބޯމަތީ ބުރު ހަމަކުރެއެވެ. ނަމަވެސް އޭނާގެ ހިތުގައި އަހަންނާމެދު ދެކެނީ ކިހިނަކުން ހެއްޔެވެ؟ އޭނާއަށް މަލާމާތް ކުރީތީވެ އަހަންނާ ނުވަނީ ހެއްޔެވެ؟’ އާހިލު އަދިވެސް ފުން ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓެވެ. އިރުކޮޅަކުން އަންނައުނުލައި އެނދުގައި އޮށޯވެ އާހިލު ޖޫނާގެ ގައިގަ ބައްދައިގަތެވެ. އާހިލުގެ އަތުން ސަލާމަތްވުމަށް ޖޫނާ ތޮޅިގަތެވެ. ނިދީގައިވެސް ޖޫނާ އާހިލުއާ ދުރަށް ދިޔުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް ދުރަށް ދާނީ ކިހިނަކުން ހެއްޔެވެ؟ ކައިވެނީގެ ގޮށް މުހާލެވޭނީ ހަމައެކަނި އާހިލުއަށެވެ. ފުން ނިންޖަކަށް އާހިލުގެ ދެ ލޯ މަރާލިއެވެ.
އިރުގެ އަލިކަން ދުނިޔެއިން ފަނޑުވަމުން ދިޔައެވެ. އުދަރެހުގައި ރަތްވިލާ އުފެދެން ފެށިއެވެ. ގަސްތަކާއި އިމާރާތްތަކުގެ ހިޔަނިތައް ކަޅުވާން ފެށިއެވެ. އިމާރާތްތައް އަލިކުރަން ފެށިއެވެ. އޭރުވެސް ޖޫނާއާއި އާހިލު ތިބީ ނިދާފައެވެ. ބަނދެވިފައިވާ ފަންބޮޑިއެއްހެން ނިދީގައި ދެ މީހުން އޮޅުލައިގަނެގެން އޮތެވެ. މަޣުރިބަށް އުޑުމަތި ރަތްވިލާތަކުން ފުރާލިއެވެ. މަގުތަކުގައި ހަވީރީ މައިދާންތަކުން ގެއަށް ދަތުރު ފަށައިގެން އުޅުނު އުޅަނދުތައް ގިނަވެ އަޑު ގަދަވިއެވެ. ކާރުބާރުބޮޑުވެ މަގުތަކަށް ހީވަނީ އުޅަނދުތަކުގެ ސުނާމީއެއް އައިސްގެން އުޅޭހެންނެވެ. ޖޫނާއަށް ހޭވެރިކަންވިއެވެ. ކަރުތެރޭގައި ރޯގާ ވައްތަރު ވެފައިވުމުން އެތެރެއަށް ނޯއްދަމާލިއެވެ. ލޯ ފުހެލުމަށްފަހު ކައިރީގައި އޮތް އާހިލުގެ އަތުން ލޫދިގަނެފައި އެނދުގެ މަގަތުގައި އިށީނެވެ. ކުއްލިއަކަށް ދަށްބަނޑަށް ތަދުވާން ފެށިއެވެ. މައްސަރު ކަންތައް ލައިގަތީއޭ ހިތާހިތުން ޖޫނާ ބާރަށް ހަޅޭއްލަވައިގަތެވެ. ފާހާނާއަށް ވަންނަން ހިނގައިގަތެވެ.
ޖޫނާ އިތުރު ތާކަށް ދާކަށް ނުވިސްނައެވެ. ކޮންމެ ތާކަށް ދިޔަޔަސް އާހިލު އޭނާ ހޯދާނެކަން މިހާރު އޭނާ ދަނެއެވެ. އެހެން ނަމަވެސް އޭނާ އާހިލުއާ ގާތްނުވުމަށް ހިތުންވި ވައުދު ހަދާންވެ ގެއަށް ދިޔުމަށް އެއްޗެހި ހިފައިގެން މައިދޮރާ ދިމާއަށް ދިޔައެވެ. މޫނުގައި އަތް އުނގުޅަމުން ކޮޓަރީގެ މައިދޮރު ހުޅުވުމަށް ދިޔައެވެ. ތަޅުގައި ދެފަހަރަކު ހިފާލުމުންވެސް ނުހުޅުވުމުން ތަޅުލާފައިހުރިކަން އެނގި ޖޫނާ ހިތްހަމަނުޖެހުނެވެ. އެނދުގެ ބާލީސްތަކާއި ރަޖާގަނޑު ތޯރާކޮށް ބަލަމުން ދިޔައިރުވެސް ތަޅުދަނޑިއެއް ފެންނަގޮތެއް ނުވިއެވެ. އެންމެފަހުން އާހިލު ލައިގެން އޮތް ފަޓުލޫނުގެ ޖީބު ބެލުމަށް އަވަސްވެގަތެވެ. ގައިގައި ނުޖެހޭނެ ފަދައިން އިނގިލިތައް ލައްވައިގެން ޖީބުތެރެ ހާވަން ފެށިއެވެ. ރުފިޔާ ދަބަހާއި އެހެނިހެން އެއްޗެހި ނެގި އިރުވެސް ތަޅުދަނޑިއެއް ނުފެނުނެވެ. ކުއްލިއަކަށް އާހިލު ޖޫނާގެ ދެއަތުގައި ހިފާ އިތިފުށަށް އެނދަށް އެއްލިއެވެ. ބާރު ހަޅޭކާއެކު ޖޫނާ “ތަދުވެއޭ” ބުންޏެވެ. “ކީއް ތި ކުރަނީ؟ ހަނ؟” އާހިލު ނިދި ބަރު އަޑުން ބުންޏެވެ. “މިހާރު މަގޭ ބޭނުންވީތަ؟” އާހިލު މަލާމާތް ރާގަކަށް ބުންޏެވެ. “ކާކު ކަލޭ ބޭނުންވާނީ؟… އާނ އެއްކަލަ ލުބުނާއެއްނު.” ޖޫނާ ޔަގީންކަމާއެކު ބުންޏެވެ. “ލުބުނާއާމެދު ހަސަދަވީތަ؟” އާހިލު ޖޫނާގެ މޫނާ ގާތްކޮށްފައި ބުންޏެވެ. “މަ ދޫކުރޭ!!” ޖޫނާ ބާރަށް ހަޅޭއް ލަވައިގަތެވެ.
“ކީތްކުރަން؟ އަނެއްކާ ފިލައިގެން އެހެން ގައުމަކަށް ދާން؟” އާހިލުގެ ދެލޯ ކުނާކުރަމުން ބުންޏެވެ. ޖޫނާ ހަނުހުއްޓެވެ. “ކީއްވީ؟ މިހާރު ބަސްހުސްވީ؟” އާހިލު މައްލަވަކުރާ ރާގަކަށް ބުންޏެވެ. “މަގޭ ޖަލުގައި ކުނިވާން ދޫކޮށްލިޔަސް އެންމެ ރަނގަޅު. ކަލޭގެ ބާރުދަށަށް މަ ދާކަށް ބޭނުމެއް ނޫން.” ޖޫނާ ދެ އަތުގެ އުޅަނބުށި އާހިލުގެ ދެއަތުން ނެއްޓޭތޯ ތެޅިގަތެވެ. “ދެނެއް ނުދެވޭނެ. މިހާރު ކިހާ ދުވަހެއް؟ ފިރިމީހާގެ އަމުރުތަކަށްވެސް ކިޔަމަންވާން ޖެހޭނެ.” އާހިލު ޖޫނާގެ މޫނާ ގާތްވެ ތުންފަތް ޖެހޭ ނުޖެހޭ ހިސާބަށްގޮސް ބުންޏެވެ. އެހެންބުނެ ޖޫނާއަށް ބޮސްދޭން ފެށިއެވެ. “މައްސަރު ކަންތައް ޖެހިފައި.” ޖޫނާ ލަދުރަކި ގޮތަކަށް ބުންޏެވެ. އާހިލު ޖޫނާ ބުނި ބަހަކަށް ނުބަލާ ކަރުގެ އަރީގައި ދަތްއެޅިއެވެ. “އައްދޯތް.” ބޭއިޚުތިޔާރުގައި ޖޫނާއަށް ހަޅޭއް ލަވައިގަނެވުނެވެ. މާ ބޮޑުވަރު ނުވަނީސް ޖޫނާ އާހިލުގެ ދެފައިދޭތެރޭގައި ކަކުލުން ޖަހާ ސަލާމަތްވިއެވެ. ގަޑަގަޑަލައިފައި އެނދުން ފުންމައިގަނެ ފާހާނާއާ ދިމާއަށް ދިޔައެވެ. ނަމަވެސް ދޮރު ނުހުޅުވެނީސް ދަށްބަނޑުގެ ދަށުގައި އަތް އަޅައިގެންހުރެ އާހިލު ޖޫނާގެ އަތުގައި ހިފެހެއްޓިއެވެ.
ރަތްވިލާތައް އޮއްސި އަނދިރިކަން ވެރިވިއިރުވެސް ޖޫނާ އާހިލުގެ ދަންތުރައިގައި ތާށިވެފައި އޮތެވެ. އެންމެފަހުން ޖޫނާއަށް މަޖުބޫރުވީ އާހިލުއާއެކު އެނދުގައި އޮށޯތުމަށެވެ. އަދި އޭނާގެ ގައިގަ ބައްދައިގެން އޮންނާން ޖެހުމެވެ. ޖޫނާ ވިސްނަމުން ދިޔައީ އޭނާގެ ދޮންބެ މަތިންނެވެ. އޭނާއަށް ދޮންބެ ޖަލަށް ލީފަހުން އަދިއެއް ނުދެކެއެވެ. ވަންހަނާ ކަންމަތީގައި ކުރަންވީފަދަ ވަޒީފާއެއް ޖޫނާއަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. “ޒާންމެން ކީއްވެ ޖަލަށް ގެންދިޔައީ؟!” ކުއްލިއަކަށް އާހިލުއަށް ސުވާލު ކުރިއެވެ. އާހިލުގެ ދުލަށް ބަހެއްނައިސް އޮތްހެން އަނެއްކާވެސް ޖޫނާ ސުވާލުތަކަށް ފެށިއެވެ. “އަހަންނާ ވަރި ކުރަނީ ކޮން ދުވަހަކުން؟” ޖޫނާ ސުވާލު ކުރިއެވެ. އާހިލުއަށް ހީވީ މިރުސް ކައިފައި ހޫނު ސައިތައްޓެއް ބޯލެވުނުހެންނެވެ. ނަމަވެސް ނަގާނެ ދިލައަށްވުރެ އޭނާގެ ހިތަށްއެރި ހަންޖަރު މާ ބޮޑެވެ. “ވަރިއެއް ނުކުރާނަން. އަދި ކަލޭގެ ދޮންބެމެން ކުރީ އަދަބު ހައްގުވާފަދަ އަމަލެއް.”
“އެއީ ކޮން އަމަލެއްތަ؟” ޖޫނާ އަދިވެސް އާގަމަވެފައި ސުވާލުކުރިއެވެ. “ކުންފުނީގެ މުހިންމު މަސައްކަތެއް ވައްކަންކޮށް އެހެން ކުންފުނިތަކަށް އެ ފޮނުވާނެކަމަށް އިންޒާރު ދިންކަން.” އާހިލު މޫނު ގުރުޑު ކޮށްލުމަށްފަހު، ބުންޏެވެ. “އަހަރެން ގެއަށް ދާން ޖެހޭނެ. އެހެންނޫނީ ދޮނޭ އޭއްޗެކޭ މީއްޗެކޭ ކިޔާނެ.” ޖޫނާއަށް ކުއްލިއަކަށް ވިސްނުމެއް އައެވެ. “އަހަރެންގެ ފަރާތުން ސަލާމަތްވުމަށް ހާދަހާ މަސައްކަތެއް ތިކުރަނީ!” އާހިލު މަލާމާތަށް ބުންޏެވެ. އާހިލު ޖޫނާއަށް ލޯބީގެ ނަޒަރުން ބަލަން އޮތެވެ. ހުޝާމަތު ކުރާނެ ފަދަޔަކުން އޭނާގެ ދެ ލޯ ބަލަމުން ދިޔައެވެ. އިރުކޮޅަކުން ޖޫނާގެ ގައިގައި ފިރުމަން ފެށިއެވެ. އޭނާގެ ހިތަށް އެރިހާ ފޮނި ބަސްތައް ބުނަމުން ޖޫނާގެ ތުންފަތާ ގާތްވެ ބޮސްދޭން ފެށިއެވެ. “މަގޭ މީ ކޮންމެ މީހަކަސް ކަލޭގެ ތިޔަ މަލާމާތެއް ނުހުއްޓުވޭނެ ދޯ؟” ޖޫނާ ހިތްހަމަ ނުޖެހިފައި އާހިލުއާ ދުރަށް ޖެހެމުން ބުންޏެވެ.
އިރުކޮޅަކުން އާހިލުއަށް ކޮންމެވެސް މީހަކު ގުޅިއެވެ. ވާހަކަ ދެއްކިލެއް އަޑުބާރުކަމުން ޖޫނާއަށްވެސް އަޑުއިވުނެވެ. “ދަނގެތީގައި މަރާލި ހަތަރު ކުދިންގެ ބައިގައި ފެނުނު ހެކިތަކުން އިނގިލީގެ ނިޝާނެއްް ދިމާވެއްޖެ.” ނުހާދު ހިނގައިދިޔަ ހާދިސާތަކާމެދު ބުންޏެވެ. ޖޫނާގެ ހިތް އެ އަޑަށް ބާރަށް ތެޅެން ފެށިއެވެ. އެ ހިނގާދިޔަ ބޮޑު މާރާމާރީގައި ބައިވެރިވި ހުރިހާ ފަރާތެއް ބެލުމަށް އޭނާގެ ހިތްވެސް ބޭނުންވިއެވެ. އާހިލުއާ ގާތްވެ ފޯނުން ނުހާދު ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައެވެ.
(ނުނިމޭ)
One Comment
Comments are closed.



wow vrh reethi 10 and 11 vs
akaaku ameehunan lubuna kan agee netha?
and is joonaa gonna fall in love?
hama vrh reethi
when next
TAKE CARE=====
lysm