ހިޔަނިހެން 3
އެހެން މަޚްލޫޤުންނެކޭ އެއްފަދައިން ޖިންނީންނަށްވެސް އެސޮރުމެންނަށް ޚާއްޞަ ކަންތައްތަކެއް ވެއެވެ. އެސޮރުމެންގެ ދިރިއުޅުމާއި އުޅޭ ތަންތަނާ ބެހޭގޮތުން އަޅުގަނޑުމެންނަށް ޔަޤީންކަމާއެކު އެނގެން އޮތީ ކީރިތި ޤުރުއާނާއި ސުންނަތުން އެނގެންހުރި ކަންތައްތަކެވެ. ހުރިހާ ބާވަތެއްގެ ޖިންނީންވެސް އުޅެނީ ދުނިޔޭގައެވެ. ޖިންނީން އާންމުކޮށް އުޅެ ތަންތަނުގެ ތެރޭގައި ގަޟާ ޙާޖާ ކުރާ ތަންތަނާއި ބާޒާރުތަކާއި ހުސްބިންތަކާއި ގަސް ބޯ ބިޔަ ޖަންގަލިތައް ހިމެނެއެވެ. ޖިންނިއެއް އަވަލައިފިނަމަ އިންސިއާއެކު ތާ އަބަދުވެ ދިރިއުޅެއެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ތިންވަނަ ބައި
“ދަރިފުޅު ގެއްލެން މަންމަ ނޭދެން”
އަސްމާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.
“ދެން ތިވާހަކަތައް ހުއްޓާލަބަލަ” މުރާދު ބުންޏެވެ.
އަތުގެ ނުފުށުން ދެލޯ ފޮހެމުން އަސްމާ ހިނގައިގަތެވެ.
****
ނިދާ ހެދުމަށް ބަދަލުކޮށްގެން މިއާ އެނދަށް އެރިއެވެ. އެނދުގައި ދެފަރާތަށް ފޮރޮޅި އޭނާ އޮތެވެ. އޭނާގެ ހިތާއި ސިކުނޑިން އެންމެ ހިނދުކޮޅަކަށް ވެސް ޝެހެރޯޒް ގެ ތަސްވީރު ފިލައި ނުދެއެވެ. އޭނާ ބޭނުންވަނީ ވައްލަ އަށް ދާށެވެ. އަދި އެއްފަހަރު ޝެހެރޯޒް ދެކިލާށެވެ. ވާހަކަދައްކާލާށެވެ. ޝެހެރޯޒް ގެ އެކުވެރިޔަކަށް ވާށެވެ. މިއާ އަށް ނިދޭ ގޮތެއް ނުވިއެވެ. އެނދުން ތެދުވެ ދެ ފައި ކުރުކޮށްގެން އިށީނެވެ. ފަހަތަށް ފަތުރާލާފައިވާ އޭނާ ގެ ރީތި އިސްތަށިގަނޑު އެއްކޮށްލާފައި އެއްފަރާތުން ގެނެސް ކޮނޑުމަތިން ތިރިއަށް ވައްޓާލިއެވެ. ކޮޓަރިން ބޭރަށް ނިކުމެލަން އޭނާ ބޭނުންވިއެވެ. ބޭރު ގޯތި ޖޯއްޔަށް ދާން ހިތަށް އެރިއެވެ. އެއާއެކު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލިއެވެ. ދޭއް ޖަހަން ފަނަރަ ވަރަކަށް މިނެޓް ހުއްޓެވެ. ދެން ބަލައިލީ ތިރީގައި އޮތް ގޮދަޑި މަތީގައި އޮތް މަންމަ އަށެވެ. ބޭރު ކޮޓަރީ ގައި ބައްޕަ ވެސް އޮންނާނެއެވެ. މިގަޑީގަ ނިކުމެގެން އަނެއްކާ ކުރިމަތިލާންޖެހޭނީ މަންމަގެ ކަންބޮޑުވުމާއެވެ. މޭޒުމަތީގައި ހުރި ރޭޑިޔޯ އިން ފޮނުވަމުން ދިޔައީ ގުރުއާނެވެ. އެއީ މަންމަ އާއި ބައްޕަގެ ޒަމާންވީ އާދައެވެ. ކޮޓަރިން ގުރުއާން އަޑު ނީވޭ އެންމެ ހިނދުކޮޅެއް ނުދެއެވެ. ކުއްލިއަކަށް އޭނާ އަށް ހޫނުވާން ފެށިއެވެ. މަތީގައިވާ ފަންކާ އެނބުރެމުން ދިޔައީ ހަމަ ނަމަކަށެވެ. ފާއިތުވެމިދިޔަ ދެތިން އަހަރުގައި އެއަށް ވުރެ ބާރަށް އެ ފަންކާ ނޭނބުރެއެވެ. އޭނާ ކޮޅަށް ތެދުވިއެވެ. ފޮތަކުން ބޯ ކަރުދާސްގަނޑެއް ނައްޓައިގެން މޫނަށް ވިހެން ފެށިއެވެ. ހޫނު ކުޑަވާގޮތެއް ނުވިއެވެ. ނިތްމަތިން ދާތައް ފައިބަން ފަށައިފިއެވެ. އެންމެފަހުން ލަސްލަހުން ހިނގާފައި އައިސް ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ބޭރު ކޮޓަރި އަށް ނިކުތެވެ. އެތަނުގައި ދިއްލާފައިވާ އޮރެންޖު ކުލައިގެ ފަސް ވޯޓުގެ ބޮކީގެ އަލީގެ ތެރެއިން ފަތްޖެހި އެނދެއްގައި ނިދާފައި އިތް މުރާދު އޭނާ އަށް ފެނުނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ނިދީގެ ތެރެއަށް މުރާދު ދޫކުރަމުން ދިޔަ ފުން ނޭވާތަކުގެ އަޑެވެ. މައި ދޮރާ ދިމާލަށް އޭނާ ދިޔައީ ސިއްރު ފިޔަވަޅުތަކެއް އަޅަމުންނެވެ. ކިރިޔާ އަޑެއް އިވުނަސް ބައްޕަ ކޮޅަށް ޖެހޭނެކަން އޭނާއަށް އެނގެއެވެ. ނަސީބަކުން ގޯތިތެރެއަށް އިތުރު އުނދަގުލަކާ ނުލާ އޭނާ އަށް ނިކުމެވިއްޖެއެވެ. ޖޯލީގައި ޖައްސާނުލެވެނީސް އޭނާގެ މޫނުގައި ތާޒާ ވައިރޯޅި އެއް އައިސް ބީހިލިއެވެ. އެހިނދު އޭނާ އަށް ހިނިތުންވެވުނެވެ. އޭނާ ޖޯލީގައި އިށީނދެފައި ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި ބަނބުކެޔޮ ގަހުގެ ބޯކަމުން އުޑު ހާމައަށް ނުފެނެއެވެ. ބަދިގޭ ދޮރުމަތީގައި އޮތް ހޮޅިބުރިން އެޅިފައިވާ ހުދު އަލި ނޫން އެހެން އައްޔެއް ނެތެވެ. މުޅި ރަށް ހިމޭން މަރަކުން މަރުވެފައިވާ ކަހަލައެވެ. އޭނާ ޖޯލީގައި ބުރަކަށި ދަމާލިއެވެ. އެހިނދު މޫނުމަތިން އިންސާނެއްގެ އިނގިލިތަކަކުން ބީހުނުހެން ހީވެ ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. މޫނުގެ އިހުސާސް ކުރެވުނު ފަޅީގައި އޭނާ އިނގިލި ޖައްސާލިއެވެ. އެއީ ހިންޏެކެވެ. ހިތްހަމަނުޖެހިފައި އޭނާ ހިނި ދުރަށް ފޮޅާލިއެވެ.
“އޭނަ ވެސް އޮންނާނީ ހޭލާތަ މިގަޑީގަ. ކޮން ނަމެކޭތަ ބުނީ…. ޝެހެރޯޒް” އަމިއްލަ ނަފްސަށް އެކަނި އިވޭވަރަށް މިއާ ބުންޏެވެ.
ހިނިވެސް އައެވެ. އޭނާ އަކީ ރަނގަޅަށް ކާކު ކަން ނުވެސް ދަންނަ ޒުވާނަކާ މެދު ވިސްނަންވީ ސަބަބެއް ނެތޭ ހިތް ބުނެލިއެވެ. އެކަމަކު އެކަން ހުއްޓާލާކަށް ސިކުނޑި އެއްބަހެއް ނުވިއެވެ. ޝެހެރޯޒް އާއެކު ހޭދަކުރެވުނު ކުޑަ ވަގުތުކޮޅު އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ފަހު ވަގުތު ބާއި ވެސް ކިޔައިނުލެވެއެވެ. ކުޑަމިނުން މިރަށު އޭނަ ހުންނަ ގެއެއް ވެސް އަހައިނުލެވެއެވެ. އޭނާ ގިޓާ ކުޅުނުލެއް މޮޅުކަމުން ތައުރީފް ވެސް ކޮށްނުލެވެއެވެ. ޝެހެރޯޒް ހީކުރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ފުން ނޭވައެއް އޭނާ ދޫކޮށްލިއެވެ.
“މާދަމާ ދާނަން އެތަނުން އޭނާ އާ ދިމާވޭތޯ ބަލާލަން. އެކަމަކު… މަންމަ އޯކޭ ކުރާނީ ކިހިނެއް؟ ދެން ނޭނގެ. އަވަހަށް އެތެރެއަށް ވަންނަންވީ. މިހާރު މާބޮޑަށް ފިނިވެއްޖެ”
މިއާ ޖޯލިން ތެދުވެލިއެވެ. ދޮރާ ހަމައަށް ގޮސްފައި ފަހަތް ބަލައިލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އޭނާގެ ދާދި ގާތުގައި ވައިރޯޅިއަކަށް ވެސް ނުވަދެވޭހާ ގާތުގައި ހުރި ޝެހެރޯޒް އޭނާ އަށް ނުފެނެއެވެ.
****
ހެނދުނުގެ ސަޔަށް ފަހު މުރާދު މަސައްކަތަށް ނިކުމެއްޖެއެވެ. މެންދުރަށް ކައްކަން ތައްޔާރުކުރަން ބަދިގޭ ގައި އަސްމާ ހުރިއިރު ފެން އަޅާ ކަޅު ހަން ކައިރީގައި ހުރި ގޮނޑިއެއް ގައި މިއާ އިނެވެ. އޭނާ އިނީ ދޮލަނގަކަށް ހަނޑޫ އަޅައިގެން އެ ސާފު ކުރާށެވެ. ބަދިގެ އިން ދިމާލަށް ހުޅުވާފައި ހުރި ކުޑަދޮރުން އޭނާ އަށް މިއާ ފެނެއެވެ. ހުސް ޖަގު ހިފައިގެން ފެންއަޅަން ނިކުތް އަސްމާ ދިޔައީ މިއާ އާ ގާތަށެވެ. ވިސްނުމަކަށް ގެއްލިފައި އިން މިއާ ފެނި އަސްމާ ހައިރާންވިއެވެ. ހިތުގައި ސުވާލު އުފެދުނެވެ. މިއާ އެހާ ފުންކޮށް އެ ވިސްނަނީ ކޮން ވިސްނުމެއް ހެއްޔެވެ؟
“ކޮން ފިކުރެއް ތިކުރަނީ؟” ޖަގަށް ފެން އަޅަން ހުރެ އަސްމާ އަހާލިއެވެ.
“ނުވިސްނަން” މިއާ ބުންޏެވެ.
ފެންޖަގު ހިފައިގެން ގޮސްފައި އިރުކޮޅެއްނުވެ އަސްމާ އައިސް މިއާ ގެ ގާތުގައި އިށީނެވެ. އޭނާ އިށީނީ ވަޅި އަކާއި ހިކި މަސްގަނޑެއް ހިފައިގެންނެވެ.
“މިއުޅެނީ މެންދުރަށް މަސްފެން ހަދަން. ދަރިފުޅު ކާނަންތަ؟” އަސްމާ އަހާލިއެވެ.
“އެހާ މީރު އެއްޗެއް ނޫން” މިއާ ބުންޏެވެ.
“މީރެއް ނޫނަސް މިއަދަށް ހުރިގޮތް. މިރަށަށް މަހެއް ނުބާނާ. މިއަދު ތަންކޮޅެއް އަވަހަށް މަސައްކަތް ނިމުނިއްޔާ ބައްޕަ ބުނި މަހެއް ބޭނޭތޯ ދާނެ ވާހަކަ” އަސްމާ ބުންޏެވެ.
“ކޮން ވިސްނުމެއްގަ ދެންމެ އިނީ. މަންމަ އަށް އެނގޭ ކަމަކާ ވިސްނިކަން” އަސްމާ ބުންޏެވެ.
“މަންމަ ކީއްވެތަ އަހަރެން ވިހާފަ ދެން އިތުރު ކުއްޖަކު ނުވިހެއީ” މިއާ ބުންޏެވެ.
އަސްމާ ހައިރާންކަމާއެކު މިއާ އަށް ބަލައިލިއެވެ. މިއާ އެކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ؟
“އެކަމާތަ ތި ވިސްނަނީ؟” އަސްމާ އަހާލިއެވެ.
“ވިސްނާނެއްނު. މަންމަ ނުވޭ އަޅުގަނޑު އެއްވެސް ތަނަކަށް ފޮނުވައިގެނެއް. އަބަދު ކިހިނެއް ގޭގަ އިންނާނީ. މިހާރު ސްކޫލަށްވެސް ނުދާއިރު ކިހާ ފޫހިވާނެ. މަންމަ ކޮންކަމަކާތަ ތިހާ ބިރުގަންނަނީ؟” މިއާ ޝަކުވާކޮށްލިއެވެ.
“ތިއީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅަށް ވީމަ. އިއްޔެގަ އިރުއޮށްސުނުއިރު ވެސް ގެއަށް ނާންނާތީ ކަންބޮޑުވީ. ދަރިފުޅަށް ކަމެއްވިއްޔާ ކޮބާ ދެން މަންމަ ދުނިޔޭގަ އުޅުމުގެ ބޭނުމެއް” އަސްމާ ބުންޏެވެ.
“އަބަދު ކަމެއް ވެދާނެއޭ ހީކުރާކަށް ނުވާނެއްނު. އަޅުގަނޑުމެންގެ އިސްލާމް މުދައްރިސް އަބަދުވެސް ބުނާނެ ކޮންމެ ކަމެއްގަވެސް ﷲ އަށް ވަކީލުކުރަން ވާނޭ. އަޅުގަނޑަށް ވުރެ ރަނގަޅަށް މަންމަ ނަމާދުވެސް ކުރަމެއްނު. މިރަށުގަ އަންހެންކުއްޖަކަށް ގޯނާއެއް ކުރާނޭވަރުގެ ނުލަފާ މީހަކާ ވެސް އަދި ދިމައެއްނުވޭ. އަޅުގަނޑު ބޭރަށް ނިކުތިއްޔާ ބޯކޮޅު ބަލަން އުޅޭ މީހަކީ އެ ބިލާލު. އޭނަވެސް ގައިގަ އަތެއްނުލާ” މިއާ ބުންޏެވެ.
“ތިހާ ވަރެއް ތިއަރުވާލީ ވައްލަ އަށް ނުދާށޭ ބުނީމަތަ؟” އަސްމާ ބުންޏެވެ.
“މަންމަ އަށް އެނގޭނެ މިއަދު އެކަނި ދާތަނެއް ނޫންކަން. އެންމެ ކުޑައިރުވެސް ގޭދޮށު ކުދިންނާއެކު ގޮސް ކުޅެން. އަނެއްކާ އެކަންޏެއްނޫން މިހާރު ދަނީކީ. ހަސް ދޭ ކޮންމެ ދުވަހަކު. މަންމަ އަށް އެނގޭނެ މަދު ބިންނަހިއްވާނެކަން. މަންމަ ތިހާވަރުން އަޅުގަނޑު މިގޭގަ ބަހައްޓަން ބޭނުންވަންޏާ ބައްޕަ ކައިރީގަ ބުނޭ މިހެރަ ބަނބުކެޔޮ ގަސް ކަނޑާލާފަ މިތަނުގަ ދެތިން މަދު ގަސް އިންދަދޭށޭ” މިއާ ބުންޏެވެ.
“މަންމަ އަށް އެންމެރަނގަޅޭ ދިޔަސް. އެކަމަކު އެކަނި ގޮސްގެން ނުވާނެ. މަދު ބިންނަން ގަހަށް އަރައިގެން ނުވާނެ. އިރުއޮށްސުމުގެ ކުރިން ގެއަށް އަންނަންވާނެ” އަސްމާ ހަތިޔާރު ބެހެއްޓިއެވެ.
މިއާ އަށް ހެވުނެވެ. ވައްލަ އަށް ދާހިތުން ވަގުތުން އަހާލެވުނީ ގަޑިއެވެ.
އަސްމާ ގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އޭނާ ވިސްނާލިއެވެ. މިއާ އެބުނީކީ މުޅިއަކުން ދޮގު ވާހަކަތަކެއްވެސް ނޫނެވެ. މިއާ އަކީ ބޮޑުވަމުން އަންނަ އަންހެންކުއްޖެކެވެ. މިހާރު އެހުރީ ސްކޫލު ނިމި ވަޒީފާގެ މައިދާނަށް ނިކުންނަ އުމުރަށް ފޯރާފައެވެ. އެވަރުގެ އަންހެންކުއްޖަކު ގޭތެރޭގަ ހިފަހައްޓައިގެން ވާނެ ފައިދާއެއް ނޯންނާނެއެވެ. މިއާ އެކުވެރިޔާއާއެކު މަދު ބިންނަ ވާހަކަ އަކީ ދޮގެއް ނޫނެވެ. މިއާ މަދު ހިފައިގެން އަންނާނީ ގެއަށެވެ. އޭގެއިން ވެސް ކުޑަކުޑަ ވިޔާފަރިއެއް ކުރެވެއެވެ. އެއީ ވެސް ލާރިއެވެ.
ތި ތަނަކަށް ދިޔުމުގެ ކުރިން ފިޔާކޮޅު ކޮށާލައްޗެ” ކޮށި މަސް އެތި ހިފައިގެން ބަދިގެ އާ ދިމާލަށް ހިނގައިގަންނަމުން އަސްމާ ބުންޏެވެ.
****
ފޮތް ބަހައްޓާފައި ހުރި މޭޒު ކައިރީގައި ހުރި މިއާ ސިކުންތަކު ދެ ފަހަރު ގަޑި ބަލައިލައެވެ. ވައްލަ އަށް ދާން ހުއްދަ ލިބުނުފަހުން ގަޑީގެ ހަރަކާތް ލަސްވެއްޖެއެވެ. އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އަލަމާރި ހުޅުވާފައި ލާނެ ހެދުމަކާ މެދު ވިސްނާލިއެވެ. ޝެހެރޯޒް އަށް އެންމެ ކަމުދަނީ ކޮން ކުލައެއް ހެއްޔެވެ؟ އަމިއްލަ ހިތާ އޭނާ ސުވާލުކޮށްލިއެވެ. މާ ބައިވަރު ހެދުމެއް ހުރީކީ ވެސް ނޫނެވެ. މިއާ ނެގީ އަޅި ކުލައިގެ ހެދުމެކެވެ. އެއީ މިވަގުތަށް އަތުގައި އޮތް އެންމެ އައު ހެދުމެވެ. ސްކޫލު ނިމޭތީ ބޭއްވި ޕާޓީގައި އޭނާ ލި ހެދުމެވެ. މިއާ ހެދުން ހިފައިގެން ދިޔައީ އަސްމާ އާ ދިމާލަށެވެ. ހެދުމުގައި ރޫ އެބަހުއްޓެވެ. އެހެން ހުރެގެން ގޮސްގެން ޝެހެރޯޒް ގެ ސަމާލުކަމެއް ނުލިބޭއެވެ. އިސްތިރި ކުރުމަކީ އުނދަގޫ ކަމެކެވެ. ކަރަންޓު އިސްތިރިއެއް ނެތެވެ. އަލިފާން އިސްތިރި ބޭނުންކުރަން އެނގޭ މީހަކީ ހަމައެކަނި މަންމަ އެވެ. މިއާ ހެދުން ހިފައިގެން ހިނގައިގަތީ އަސްމާ ހޯދާށެވެ.
****
ކޮޓަރީ ގައި ފެން ފޮތި އަޅަން އުޅުނު އަސްމާ ގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާ އަށް ބަލަހައްޓައިގެން އިނދެވުނީ ރީތިވާ އެއްޗެހިތައް ބަހައްޓާފައި ހުރި މޭޒާ ދިމާލަށެވެ. އެނދު ކައިރީގައި ފެންފޮތި އަޅަން ހުރެފައި އޭނާ އަށް ބަލައިލެވުނީ އިވުނު ވަރުގަދަ އަޑެއްގެ ސަބަބުންނެވެ. އޭރު މޭޒު ވަނީ ވެއްޓިފައެވެ. ރީތިވާ އެއްޗެހިތައް އެތަން މިތަނުގައެވެ. ބިއްލޫރި ފުޅިތަކުގައި ހުރި އެކި ވައްތަރުގެ މީރުވަސް ދުވާ އެއްޗެހި ވަނީ ބިއްލޫރިތަކާއެކު ކޮޓަރި ތެރެއަށް ފެތުރިފައެވެ. ކުޑަކޮށް ދެލޯ މަރާލައިގެން ހުރުމަށްފަހު ހުޅުވާލިއިރު ކުރިން ހުރި ގޮތަށް ހުރިހާ އެއްޗެއް ހުއްޓެވެ. އެއްވެސް ގެއްލުމެއް ނެތެވެ. އެހެންނަމަވެސް ވެއްޓިފައި އޮތް ރޭޑިޔޯ އޮތެވެ. އޭނާ ތެދުވެގެން ގޮސް ރޭޑިޔޯ ހިފައިގެން އައިސް އަލުން އެނދުގައި އިށީނެވެ. މިއަދު އޭނާ ރޭޑިޔޯ ނިއްވާލާފައި ބެހެއްޓީ އޭތި ސާފުކޮށްލުމަށެވެ. ވިސްނުމަކަށް ގެއްލިފައި އިން އަސްމާ ސިހުނީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް ބޭއްވިކަން އެނގުމުންނެވެ.
“ކޮންކަމަކަށް ގެއްލިފަ” ކައިރީގައި ހުރީ މުރާދެވެ.
މަސައްކަތް ނިންމާފައި ގެއަށް އައި އިރު ބަދިގެފަރާތުން އަނބިމީހާގެ ހަބަރެއް ނުވުމުން އޭނާ އެ އައީ ސީދާ ހަބަރެއް ވާނެ ދިމާލަށެވެ.
“ހިތަށް އަރަނީ ކިހާ ދުވަހެއް ވާންދެން މިކަމެއްގަ އުޅެންޖެހޭނެބާއޭ” އަސްމާ ބުންޏެވެ.
“އުނދަގުލެއްވީތަ؟” މުރާދު ކައިރީގައި އިށީނެވެ.
“ބިރުދެއްކުން. އެކަމަކު އަހަރެން ބިރެއްނުގަނޭ” އަސްމާ ބުންޏެވެ.
“ދުރުގަ ތިބެގެން ބިރުދެއްކޭނީ. ގައިގަ އަތެއް ނުލެވޭނެ. ގަޔާ ހަމައަށް ނުވެސް ނާދެވޭނެ. އެގޮތަށް ތެޅިތެޅި ތިބެންޖެހޭނީ” މުރާދު ބުންޏެވެ.
“އަހަރެން ކަންބޮޑުވަނީ މިއާ އާ މެދު”
“އެމަންޖެ އަށް ވެސް ނުކުރެވޭނެ ކަމެއް. ކުރިމަތިލައިފިއްޔާ މުޅި އާއިލާ ވެސް އަންދާލާނަން. އެމަންޖެ އަށް ކަމެއް ކުރަންޏާ މިހުރިހާ ދުވަސްވިއިރު ކުރީހެއްނު. އެހާވަރަށް ނުވިސްނާ. ނަމާދުކޮށްގެން ﷲ އެންގެވި މަގުން އުޅުނީމަ އަހަރެމެން ތިބޭނީ ރައްކާތެރި ހިސާބުގަ” އަސްމާ ގަޔާ ކައިރިކޮށްލަމުން މުރާދު ބުންޏެވެ.
“މިހާރު ކޮބާތަ މިއާ؟”
“އަހަރެން ހެދުން އިސްތިރިކޮށްދިނީމަ ހިނގައްޖެ ފާހަނަ އާ ދިމާލަށް” އަސްމާ ބުންޏެވެ.
****
ހަވީރު ނުވަނީސް މިއާ ފެންވަރާ ރީތިވެއްޖެއެވެ. އަޅި ކުލައިގެ ކަށިމައްޗާ ހަމައަށް އަރާ ހެދުމަކާއެކު އޭނާ ލުއި މޭކްއަޕް އެއް ވެސް ކުރިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ހުރީ ފަހަތަށް ފަތުރާލާފައެވެ. ދޮރާއްޓާ ދިމާލަށް ދަމުން އަސްމާ އަށް ގޮވާލިއެވެ.
” ތުންފަތުގަ ކުލަވެސް ޖައްސައިގެން އަދި. ވައްލައަށް ތަ؟ އަސްމާ ބުންޏެވެ. މިއާ އަކީ ތަންތަނަށް ދާއިރު މީގެކުރިން ތުންފަތުގަ ކުލަ ޖައްސާ ކުއްޖެއް ނޫނެވެ. މިއަދު މާ ވަރަކަށް ރީތިވެލައިގެން ހުރި ދުވަހެކެވެ.
“ހަސް ގެންގުޅޭނެ ކެމެރާއެއް. މޫދު ކައިރީގަ ފޮޓޯ ނަގާލަން މިދަނީ. މަންމަ އަށް ދައްކާލަނަން އެނގޭ”
ދޮރާށިން ނިކުންނަން ދިޔަ މިއާ އަށް އަސްމާ ގޮވާލިއެވެ.
“ގަހަށް ނާރާތި”
“މަންމަ އަށް ހީވޭތަ މިހެން ހުރެ ގަހަށް އަރާނެހެން. އެހެންނޫނަސް ހަސް ގަހަށް އަރަނީ. އަޅުގަނޑު މިއީ މަދު ހޮވާ މީހާ. ދެމީހުން އެކުގަ މަދު ކަނީ. އޮށް ހިއްކައިގެން އޮށް ފަޅައިގެން މަދު ގެ ވިޔަފާރިކުރަނީ މަންމަމެންނު”
އަސްމާ އަށް ހެވުނެވެ. މިއާ ދެއްކި ވާހަކަތަކުން އޭނާ އަށް މާނަ ނެގުނު އެއްޗަކީ އެތަނަކަށް މިއާ ދާން ބޭނުންވެފަ ހުރި މިންވަރެވެ. އުމުރުން ސޯޅަ އަހަރާއި ބައިގައި އޭނާގެ ޒުވާން ދުވަސްވަރަށް އެޅެމުން އަންނަ ދަރިފުޅުގެ ޅަ ހިތް ޒުވާނަކަށް ހަދިޔާކޮށްގެން އުޅޭ ކަމަކަށް އޭނާގެ ހިޔާލަކަށް ވެސް ނާދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




