ގާތުގާ… 35
” ޒާ… އަހަންނަށް ހީވަނީ ނަވީން ގުޅެން ހުރިއްޔާ ނަވީންއަށް ފުރުސަތެއް ދޭންވީ ހެން….. ނަވީން ރަނގަޅޭނުން އަސްލު….” ޖަނާވެސް އޭނައަށް ފެންނަ ގޮތް ބުނެލިއެވެ. އާއެކެވެ. ނަވީން ރަނގަޅެވެ. އެކުގައި ހޭދަވި ބާރަ ވަރަކަށް ގަޑިއިރުވެސް އެކަން އަހަރެންނަށް ސާބިތުވިއެވެ. ޔަޤީން ވިއެވެ.
ފޯނުގެ ސްކުރީން ދިއްލުމާއި އެކު އަހަރެން ފޯނު ނަގައި ބަލައިލީމެވެ. އަވަހަކަށް މަރެއްވެސް ނުވާނެ އެވެ. އެއީ ނަވީންގެ މެސެޖެކެވެ.
*********
” މިރޭ ދިމާ ވެވިދާނެ ތަ..؟” އަހަރެންގެ ތުންފަތަށް އިޚްތިޔާރަކާއި ނުލައި ހިނިތުންވުމެއް ވެރިވީ އެއީ އެދިއެދި ހުރި ކަމަކަށް ވީމައެވެ. އަހަރެންގެ މޫނަށް އަރައި ފައިބާ ކުލަތައް ތަރުޖަމާ ކުރަން ޖަނާ އިންކަންވެސް އަހަރެން ކުޑަ ވަޤުތު ކޮޅަކަށް ހަނދާނުން ކައްސާލިއެވެ.
” ކާކު…. ނަވީން ދޯ…؟” ޖަނާ އަހައިލިއެވެ. އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލަމުން ޖަނާއަށް ފޯނު ދައްކައި ލީމެވެ. ޖަނާ އަހަރެންގެ މޫނަށް ބަލައިލީ އަހަރެންގެ ޖަވާބަކަށް އެދެމުން ކަހަލައެވެ.
” ދާކަށް ބޭނުމެއް ނޫންތަ…؟” ޖަނާ އަހައިލިއެވެ.
” ވަރަށް ބޭނުން…” އަހަރެންގެ އަޑުގައި ހުރި އުފާވެރިކަމުން ޚުދު އަހަރެންވެސް ހައިރާން ވިއެވެ.
” ދެން ކީއްވެ ލަސްކުރަނީ… ބުނެބަ ދާން ބޭނުމޭ…..’ ޖަނާ އަހަރެންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ. އަހަރެން ހަމައެކަނި ޔެސްއެއް ޖަހާފައި މެސެޖު ފޮނުވައިލީމެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދެވަނަ މެސެޖަކާއި އެކު ފޯނު އަނެއްކައިވެސް ދިއްލުނެވެ.
” އަށެއް ޖަހާއިރު…. ބަލައިދާނަން….” ނަވީން ބުނެލާފައި އޮތެވެ. އަހަރެންގެ އަތުން ފޯނު ޖަހައިގަންނަމުން ޖަނާ މެސެޖު ކިޔައިލިއެވެ. އިސާހިތަކު އެތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ.
” މިއޮތީ މިކަން ނިމިފައޭނުން… ހިނގާ މިރޭ ލާނެ ހެދުމެއް ގަންނަން ޝޮޕިންއަށް ދާން … އަހަރެން ޒާނާއަށް ރީތި ހެދުމެއް ގަނެދޭނަން… ކިހާ ދުވަހެއް ފަހުން ޑޭޓަކަށް ދެވެން ތިއުޅެނީ… އެހެންވީމަ މިރޭ ވާނެ ވަރަށް ރީތި ވެލަން… އެހެން ނޫނަސް ނަވީން އޭނުން އެ މީހަކީވެސް… އެހެންވީމަ ވާނެ ވަކިން ބޮޑަށް ރީތިވެލަން…..” ޖަނާ ފަތިވަރު އަމުނައިލިއެވެ. އެއީ އެކަން ވާނެ ގޮތްކަންވެސް އަހަރެންނަށް އެނގެއެވެ. އެކަހަލަ ރަޙުމަތްތެރިއަކު ހުރީތީ އަހަރެން މިއަދު ފަހުރުވެރި ވެއެވެ. ނަމަވެސް ޒަމާން ގަނޑަކަށްފަހު ފިރިހެނަކާއި އެކު އެކަހަލަ ލޯބިވެތި ވަޤުތުކޮޅެއް ހޭދަކޮށްލުމަށް ބޭރަށް ދެވެން އުޅޭތީ އަހަރެން ކުޑަކޮށް ހާސްވާ ގޮތް ވެސް ވިއެވެ. އެ މީހަކީ ނަވީން ކަމަށް ވިޔަސް އަހަރެން ހާސްވާގޮތް ވިއެވެ. ނަމަވެސް ނަވީންއާއިއެކު ދިއުމަށް އަހަރެންގެ ބަސްނާހާ ހިތް ހަރު އަޑުން ގޮވަމުން ދިޔަ ދިއުމަށް އަހަރެންނަށް ބީރު ކަންފަތެއް ދެވޭނީ ފަހެ ކިހިނެތް ހެއްޔެވެ؟
**********
ޗެޕްޓާ 14
ނަވީން
” މިރޭ ބައްދަލު ވެވިދާނެތަ…؟” މެސެޖު ޒާނާއަށް ފޮނުވައިލި ވަގުތު އާކިފް އައިސް އަހަރެންގެ ކެބިންއަށް ވަނެވެ.
” އެމް.ޕީ ރުހާމް…..” އާކިފްގެ އަނގައިގާ އެއްބައި އޮށްވައި އެތެރެއަށް ވައްދާށޭ އަހަރެން އާކިފް ގާތު ބުނީމެވެ. ހަޤީޤަތުގައިވެސް އަހަރެން މިހުރީ ރުހާމްގެ އިންތިޒާރުގަ ވީމައެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރުހާމް އައިސް އަހަރެންގެ ކެބިންއަށް ވަނެވެ. އެމޫނުމަތީގައި ހުރި ކަންބޮޑުވުމާއި އެކުވެސް އެ މޫނުމަތީގައިވި އިންތިހާ ރުޅިވެރިކަން ހުރީ ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާށެވެ. ނަމަވެސް އެމަންޒަރުތަކުން އަހަރެންގެ ހިތަށް ލިބުނީ ބުނެދޭން ނޭނގޭފަދަ ހިތްހަމަ ޖެހުމެކެވެ. އުފާވެރި ކަމެކެވެ. އަހަރެންގެ ބޭނުންވި ފަދައިން އަމާޒަށް އަހަރެންގެ ހަމަލާ އެރިކަން ޔަޤީން ވުމުންނެވެ. އެކަމަކު އަދިވެސް އަހަރެންގެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމައަށް ދިން އަނިޔާގެ ބަދަލުގައި ރުހާމްއަށް ކޮށްލެވެނުވަރު ކުޑައެވެ. ނަމަވެސް އަހަރެން ބޭނުން ވަނީ އެއްފަހަރުން މަރާލާކަށް ނޫނެވެ. ނޭވާ ހާސްވެގެން މަރަށް ތެޅޭތަން ބަލަން އަހަރެން ބޭނުމެވެ.
އަހަރެން އަތުން އިޝާރާތް ކޮށްލުމުން އާކިފް ކެބިން އިން ނިކުތެވެ. އަހަރެން ބޭނުންވީ ރުހާމްއާއި އެކަނި އަހަރެން ކުރިމަތިލާށެވެ. އާކިފް ނިކުތުމުން މާހައުލު އެކަށް ހަމަހިމޭން ވިއެވެ.
” އަހަރެން ނަމަ އެއީ އަހަރެން ނޫން ކަމަށް އިންކާރުކޮށް މިހާރު ނޫސް ބަޔާނެއްވެސް ނެރެފީމުސް…” މަލާމާތުގެ ރާގަކަށް އަހަރެން ބުނެލީމެވެ.
” މަ މިއީ ކަލޭ ނަމަ މިއަދު މިތަނަކަށް ނުވެސް އައީމުސް….” އަހަރެން ގޮނޑި ދެ ފަރާތަށް ކުޑަކޮށް އަނބުރައިލަމުން ބުނީމެވެ. ރުހާމް މަޑު ފިޔަވަޅު ތަކެއްގައި އައިސް އަހަރެންގެ މޭޒުގެ ކުރިމަތީގައި ހުއްޓިލިއެވެ.
އަހަރެންގެ ފޯނު ދިއްލިގެން އައީ ޒާނާގެ މެސެޖަކުންނެވެ. ހަމައެކަނި “ޔެސް ” ޖަހާލާފައި އޮތަސް އެ ކުރު ޖަވާބުން އަހަރެންގެ ހިތް މުޅި އާސްމާނުގައި އުދުހެން ފެށި ކަހަލައެވެ. ކުރިމަތިލާން ޖެހޭ އެހެން އިފުރީތެއް ކުރިމަތީގައި ހުރުމުން އަހަރެން ހަމައެކަނި ގަޑިއާއި ބަލައި ދާނެ ވާހަކަ ބުނެލާފައި ކުރު މެސެޖެއް ޒާނާއަށް ފޮނުވައިލަމުން ފޯނު ޖީބަށް ލީމެވެ.
“ކޮންކަމެއް ބޭނުން ވެގެން ތިއުޅެނީ….؟” ރުހާމް އަހަރެންގެ ސަމާލުކަން ހޯދުމަށް އަހައިލިއެވެ.
” ކިހާވަރެއް ބޭނުން ވަނީ….؟ ކިހާވަރެއް ދިނިއްޔާ އަހަރެންގެ ދިރިއުޅުމުން ދުރަށް ދާނީ…..” ރުހާމްގެ ދެ އަތް މޭޒު މަތީގައި ވިއްދައިލަމުން އަހަރެންނާއި ދިމާއަށް ގުދުވެލަމުން ބުނެލިއެވެ. އަހަރެންނަށް ޗޮކެއް ކަނޑައިލެވުނީ ބޮލަށް ތުރާ ވީވަރުންނެވެ.
” ކަލެއަށް އަދިވެސް ވިސްނޭކަށް ނޫޅޭތަ ލާރިއެއް މަ ބޭނުން ނުވާ ކަމެއް…” އަހަރެން ރުހާމްއަށް ބުނެލީމެވެ. ރުހާމް ހިނދުކޮޅަކަށް ހަމަހިމޭން ވިއެވެ. ދެލޯ މަރައި ތަގުޅި ކޮށްލި ގޮތުން ރުޅިގަނޑު ހިފަހައްޓަން މަސައްކަތް ކުރަނީ ކަން ދޭހަވެއެވެ.
“އަހަރެން ކަލޭ ބުނި ގޮތް ހެދިން….” ރުހާމް އަހަރެންނަށް ޝަހާދަތް އިނގިލި ދިއްކޮށްލާފައި ރުޅިވެރި ކަމާއިއެކު ބުނެލިއެވެ.
” ކަލޭ ބުނިހެން ޒާނާއާއި ދުރުގަ ހުރިން…..” ރުހާމް ބުނެލިއެވެ.
“އެވަރުން ނުފުދުނީތަ؟ އޭނ…. ދެން ކޮން ކަމެއްތަ ބޭނުން ވެގެން ތި އުޅެނީ….؟ ” ކަމުގެ ވާނުވާއެއް ނެނގޭތީ ރުހާމްގެ އަޑު ބާރުވަމުން އައެވެ. އައިސްފައި ހުރި ރުޅީ ހައްދުން ނައްޓަމުންދާ ފަދައެވެ. ރުހާމްގެ ބަހުރުވަ ހުރި ގޮތުން އަހަރެންގެ ކައިރިއަށް ވެސް ރުޅި އަންނަން ފެށިއެވެ.
“އާން … ކަލޭ އަހަރެން ބުނި ގޮތް ހެދި….” އަހަރެން ގޮނޑިން ތެދުވެ ރުހާމްއާއި ގާތަށް އަންނަމުން ބުނީމެވެ.
” ކަލޭ ޒާނާއާއި ދުރުގަ ވެސް ހުރި. އެކަމަކުވެސް މަށަށް އެނގޭ ކަލޭ ހުރީ ހަމަ ފުރުސަތަކަށް ބަލަ ބަލާ ކަން… އެދުވަހު ރިސޯޓުގަވެސް މަ އެތާ ނެތް ނަމަ ކަލޭ ޒާނާއާއި ދިމާވެސް ކުރީސް….” އަހަރެން ރުހާމްގެ ކުރިމަތީގައި މަޑުކޮށްލަމުން ބުނީމެވެ. މޭޒުން އަތް ނަގަމުން ރުހާމްވެސް އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ.
” ކަލޭ ޒާނާއާއި މަގޭ ދަރިފުޅަށް ދިން އަނިޔާގެ ބަދަލުގަ މިކޮށްލީ އަދި ކުޑަވަރެއް… އަދި މިދިނީ ކަތިލުމުގެ ކުރިން ފެން……” އަހަރެން ދަތް ވިކައިލަމުން އިންޒާރެއް ދިނީމެވެ. އެހިނދު ރުހާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން އައެވެ. ނަމަވެސް އިސާހިތަކު މަކަރުވެރިކަމުގެ ހިނިތުންވުމަކުން އޭނާގެ ދެމިޔަކަން ދެމިލައިފިއެވެ. އެ މޫނުމަތީގައި މަކަރުވެރިކަމެވެ. ހީލަތްތެރިކަމެވެ. ކުރެވުނު ލާއިންސާނީ އަމަލާއި ދޭތެރޭގައި ފަޙުރުވެރި ވެފައިވީ ކަމުގެ ބޮޑާ ހިނިތުންވުމެވެ.
” އޯހް… އެކަންވެސް އެނގުނީތަ…؟” އެއްބުމަ ހިއްލައިލަމުން ރުހާމް އަހައިލި އިރު އެއަޑުގައިވީ މަލާމާތެވެ. ކެހިވެރިކަމެވެ.
” އެކަމަކު އެއްވެސް މީހެއް ކައިރީގަ ބުނަން ނުކެރޭވަރު ކޮށްލީމަވެސް މިހާ ދުވަސް ފަހުންވެސް ކަލޭ ކައިރީގަ ބުނެފި ދޯ…..” ހިނިގަނޑެއް ޖަހައިލަމުން ރުހާމް ބުނެލިއެވެ.
” އެހާ ހިސާބަށް ވެސް ދިއައީތަ މިހާރު… ކުރިއަކަށް ޖައްސާލައިފިއޭ ދޯ….” އެއަޑުގައި މަލާމާތުގެ ހުރިހާ ފަންތިއެއް ވިއެވެ.
” ދެން………..؟” ރުހާމް ސުވާލު އުފެއްދިއެވެ.
“ދެން ކަލެއަށް ކީއް ކުރެވޭނީ…؟” މޭ ފުއްޕާލާފައި ރުހާމް ހިނިގަނޑެއް ޖަހައިލިއެވެ. އަހަރެންގެ ލޭ ކެކެން ފެށީ ރުހާމްގެ މަލާމާތް އަހަރެންނަށް ރައްދުވަމުން އަންނާތީއެއް ނޫނެވެ. އެ މަލާމާތުގެ އަމާޒު ފަތްގަނޑަކަށް ޒާނާ ވަމުން އަންނާތީއެވެ.
” ނުކުރެވޭނެ އެއްވެސް ކަމެއް…” އެއަޑުގައިވި ޔަޤީންކަން އަހަރެންގެ ބަދަލު ހިފުމުގެ އަލިފާނަށް ތެޔޮ އެޅިފަދައެވެ.
” ފުރާނަވެސް ނާޅުވަނީސް އޮންނާނީ އެކަން ނިންމާލާފަ…..” ދެ އަތް ދެފަރާތަށް ހުރަހަށް ހިންގާލަމުން ރުހާމް ބުނެލި ގޮތުން އަހަރެންގެ ދެލޮލުން ދިލަ ނަގައިގެން ދިއައީ އަހަރެންގެ ގާތަށް އަންނަން ފެށި ގަދަ ރުޅީގެ ސަބަބުންނެވެ. މައުސޫމު ފުރާނައެއް ނެތިކޮށްލި އިހާނެތި ގޮތް ބުނަން ރުހާމްއަށް ހާދަ ފަސޭހައެވެ.
” ޒާނާއަށްވެސް އޮންނާނީ ހަޓުކާ ދައްކާލާފަ. ނިކަން މޮޅިއްޔާ އެއީ ނުވާ ކަމަކަށް ހަދާބަލަ…” ރުހާމް ގޮން ޖެހިއެވެ.
” ކަލޭ ހިތުން މަގޭ ވީޑިއޯ ލީކް ކޮށްލައިގެން ކަލެއަށް ތިކުރެވުނީ ވަރަށް މޮޅު ކަމެއް. އެކަމަކު ކަލެއަށް ތި އުކުނީ ކުޅަނދުރު ހަތައަށް އޮއްގާ…” ރުހާމް ޝަހާދަތް އިނގިލި އަހަރެންނަށް ދިއްކޮށްލަމުން އިންޒާރު ދިނެވެ.
” އެކަން ކަލޭ ވަރަށް ރަނގަޅަށް ހަނދައިން ބަހައްޓާތި…..” ރުހާމް ބުނެލިއެވެ.
” ކަލޭ ހިތުން ކަލޭ ވެސް ތިކުރީ ވަރަށް މޮޅު ކަމެއް.. ކަލެއަށް ހަޔާތުގައިވެސް އެޅުނު އެންމެ ބޮޑު ޅަ އެއްޗަކީ އަހަރެންގެ ދަރިފުޅު މަރައިލުމާއި ޒާނާއަށް ދިން އަނިޔާތައް.. އެ ކަންކަމަށް ކަލޭ މޮޔަ ހީވާވަރު ކޮށްނުލިއްޔާ މަގޭ ނަމަކަށް ނަވީންއެއް ނުކިޔާނެ…” އަހަރެންވެސް ވަކި ދޫކުރާކަށް ނޫޅުނީމެވެ. މުށް ކަވައިލަމުން އަހަރެން ރުހާމްއާއި ގާތަށް ފިޔަވަޅެއް އަޅައިލަމުން އަހަރެންވެސް ވަރުގަދަ އިންޒާރެއް ދިނީމެވެ.
” އޭތް… މާ ނުފުއްޕައްޗޭ އިނގޭ… ކަލެއަކަށް އަދި މަށެއް ނޭނގޭނެ.. ނުފޯރާ ފޮތިން ފޫގަ އަޅަން ނޫޅެ މައިތިރިވޭ އޮރިޔާން ނުވަނީސް….” ރުހާމް ރުޅި އައިސް ރަތްވެފައި ބުނެލިއެވެ. އިންޒާރަކަށް ފަހު އިންޒާރެއް ދެމުން ދިޔައެވެ.
” ހައްހައް… ކަލެއަކަށް މަށެއްވެސް ނޭނގޭނެ… ކަލެއަށް ހީވޭތަ ނުވާވަރުން ހެން މަ ކަންކަން ކުރަން މިއުޅެނީ….؟” އަހަރެން ބުނެލީ ރުހާމް ވިސްނާލަން މަޖުބޫރު ކުރުވި ނުކުތާ އެކެވެ. ކުޑަ ހިނދުކޮޅަކަށް ރުހާމްގެ މޫނު މަތިން ވަރަށް ފަނޑުކޮށް ކަންބޮޑުވުމުގެ އަސަރެއް ދުވެލިތަން އަހަރެންނަށް ފެނުނެވެ. ނަމަވެސް އެއީ ހަމައެކަނި ކުޑަ ހިނދުކޮޅަކަށެވެ.
” އާދައިގެ މީހަކަށް ހޯދޭ ވަރަށް ވުރެން މާ ސިއްރިޔާތުގަ ކުރަމުން އައި ކަމެކޭ މަ އެއޮތީ ހޯދާފަ….” އަހަރެން ބުނީމެވެ. ހަމަ ހަޤީޤަތުގައިވެސް ރުހާމް ވިސްނާލަން މަޖުބޫރުކުރުވާ ވަރުގެ ވާހަކައެއް އަހަރެން ބުނީމެވެ.
” އެކަމާ ކަލޭ ސުވާލެއް ނުއުފެދޭތަ…؟” އަހަރެން މަލާމާތް ކޮށްލީމެވެ. ރުހާމް ކުޑަ ކޮށްލީމެވެ.
” ކަލޭ ކިތަންމެ ހުއްޕިޔަސް މަ ނުގަންނާނެ ބިރެއް. މަ ޖެހިލުމެއް ވެސްނުވާނެ….ޖެހިލުންވާން ޖެހެންޔާ ޖެހޭ ހުރިހާ ކަމެއް ކަލޭ އެއޮތީ މުޅި ދުނިޔެއަށް ބޭޒާރު ކޮށްލާފަ… އިތުރަށް ގެއްލޭނެ އަބުރެއް ދެން ނެތް…” ރުހާމްގެ ރައްދުން އަހަރެންގެ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. ބިރެއް ނުގަންނާނޭ ބުނިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއްވެސް ވިއެވެ.
” ހައް… ކަލޭގެ ލޯބވެރިޔާއަށް މަ އޮންނާނީ މަ ބޭނުން އެއްޗެއް ހަދާފަ….” ރުހާމް ފަހުރުވެރި ކަމާއިއެކު ބުނެލިއެވެ. މަޑުމަޑުން ފިނިވާން ފަށާފައި ހުރި އަހަރެންގެ ރުޅީގައި އަނެއްކައިވެސް ކަނި ބުރައިލިއެވެ.
” ޅަ ބުޅާ ގަނޑެއްހެން ކަރުގަ ހިފާ ނޭވާ ހާސް ކޮށްލާފަ އޮންނާނީ….” ރުހާމް ބުނެލީ އެއްވެސް ރަހުމެއް ކުލުނެއް ނެތިއެވެ. ޒާނާއަށް ދީފައި ހުރި އަނިޔާތަކުގެ އަޑު އިވުމުން އަހަރެންގެ ރުޅި ގަދަވާން ފެށިއެވެ.
” މިހެން ފިއްތާލާފައި އޮންނާނީ….” މުށްކަވާފައި އަތް ދައްކައިލަމުން ރުހާމް ބުނެލިއެވެ.
” ރޮއެރޮއެ އޮއްވަވެސް….ބޭނުން އެއްޗެއް….ބޭނުން އިރަކު….. ބޭނުން ތާކު….. ބޭނުން ގޮތަކަށް ހަދާފަ އޮންނާނީ……” ފަޙުރުވެރިކަމާއިއެކު ރުހާމް ފާޅުކޮށްލި ހަޤީޤަތުން އަހަރެންގެ މުޅި ދުނިޔެވެސް އެނބުރިގަތް ކަހަލައެވެ. އަހަރެންގެ ގައިން ހޫނު އަރައިގެން ދިޔައީ އަންނަން ފެށި ޒަވި ރުޅީގެ ސަބަބުންނެވެ. އެ ދަރަޖައަށް ރުހާމް ޒާނާއަށް އަނިޔާވެރި ވެފައި ވޭ ހެއްޔެވެ.؟ އެއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އިންސާނެއްގެ ސިފައިގައި ހުރި ނުބައި މާރިދެއް ހެއްޔެވެ؟ ޒާނާ އުޅުނީ ކޮންފަދަ ހާލެއްގައިކަން އަންދާޒާ ކޮށްލަންވެސް އަހަރެންނަށް ނޭނގެއެވެ. އެފަދަ ކިތަށް ކަންކަމަށް ޒާނާ ކެތްކޮށްފައި މިވީ ހަތް އަހަރުގެ ތެރޭގައި ވާނެ ހެއްޔެވެ؟ އެނގެމުން ދިޔަ އިތުރު ކަންކަމުގެ ސަބަބުން އަހަރެން ހަމައިންވެސް ނެއްޓެމުން ދިޔައެވެ. އަހަރެންގެ ރުޅި އިންތިހާއަށް ގަދަ ވަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

