އެހެން ދުނިޔެއެއް؟ – 7
ކުއްލިއަކަށް ހުރިހާ މަންޒަރެއް ފަނޑުވެ ގެއްލިގެން ދިޔައެވެ. އޭރު ޜަނީފް ޝަފީންއަށް ބާރަށް ގޮވަމުން ދިޔައެވެ. ޜަނީފްއަށް ޝަފީންގެ ކައިރީގައިހުރި ކަޅު ދުންގަނޑު ފެނުނީ ދެނެވެ. ކިޔެވެއްޔެއް ކިޔެވުމަށްފަހު، ހަލާކުގެ ޖާދޫހުރި ކަރުދާހެއް އެއާ ދިމާލަށް އެއްލިއެވެ. އިރުކޮޅެއްގެ ތެރޭގައި، އެ ދުންގަނޑު އާތްވަށް އަރައިގެން ދިޔައެވެ. ޝަފީންގެ ގައިގަ ބާރަށް ހިފައހައްޓައިގެންހުރެ ޜަނީފް ބުންޏެވެ. “ޝަފީން. ރަނގަޅުތަ؟ އެ މަޚުލޫޤު ދެއްކި އެއްވެސް އެއްޗަކީ ތެދެއް ނޫން.” ޝަފީން އާނއެކޭ ބުނެ، ގެއިން ބޭރަށް ނުކުތެވެ. ދެންމެ ފެނުނު މަންޒަރުތަކުން އޭނާގެ މާޒީއަށް ގެންދެއެވެ. އޭނާގެ މައިންބަފައިން މަތިން ހަނދާންވެ، އަސަރު ކުރިއެވެ. ދެން އެނބުރި އޭނާ މަންމަ ކައިރިއަށް ނުދެވޭނެކަން އެނގި މާޔޫސްވިއެވެ. ހިތްދަތިވެ ކަރުނަތައް ލޮލުން ފައިބަމުން ދިޔައެވެ.
ތިންމަސް ފާއިތުވެ ދިޔައީ އެހާވެސް އަވަހަށެވެ. މިހާރު ޝަފީން މި ދުނިޔޭގައި އުޅެން ދަސްކޮށްފިއެވެ. އާހިތަވެރިޔަކަށް ވީތީވެ، ރުފިޔާވެސް އެއްކުރިއެވެ. ޜަނީފްގެ އެހީތެރިކަމަށް ޝުކުރު އަދާކޮށް އެގެއިން ނުކުތެވެ. ކުއްޔަށް ހިފައިގެން ތަނެއްގައިހުރީ އޭނާގެ އަމިއްލަ ގެއެއް އެޅެންދެނެވެ. ޝަފީންގެ ހުނަރުތައްވެސް ކުރިއަރާފައިވެއެވެ. ދަރަޖަ ފަންސާހުގައި ކަނޑި ގެންގުޅުންވާއިރު، އުފެއްދުމުގެ ޖާދޫ ވަނީ ދަރަޖަ ތިރީސް ފަހަކަށް ގޮހެވެ. އޭނާ މިދިޔަ ހަޔާތުގައި އަރުތަވެރިނޫނަސް މި ހަޔާތުގައި ކާމިޔާބުވުމަށް ގަދައަޅާ މަސައްކަތް ކުރެއެވެ. ރަޖާގަނޑު އަޅައިގެން ނިދާފައި އޮތް ޝަފީންއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އެއީ އޭނާއަށް އެ ހުވަފެން ފެންނަތާ ތިންވަނަ ދުވެހެވެ. މޫނުމަތީގައިހުރި ދާތަށް އަތުގެ ނުފުށުން ފުހެލަމުން ތެދުވިއެވެ. އޭނާގެ ހަށިގަނޑުގައިވާ މަސްތައް އޮނިގަނޑު ހިފަހައްޓާފައިވެއެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. އިސްތަށިގަނޑު ނިތްކުރިމަތި ފޮރުވިފައިވެއެވެ. ފާޚާނާއަށް ދިޔުމަށް އަވަސްވެގަތެވެ.
ތާޒާވެލައިގެން، ކޮޓަރިއަށް ނުކުމެ އެނދުތަންމަތި ރީތިކޮށް އާ އަންނައުނުލިއެވެ. ކޮޓަރިން ނުކުމެ ކައިރީގައިހުރި ގަހުވަޚާނާއަށް ވަންނަން ދިޔައެވެ. އޭރު ދޮރުކައިރީގައި މަޑުކޮށްގެންހުރި އަލްފަން ފެނުމުން ޝަފީން ބާރަސް ހިނގާފައި ދިޔައެވެ. ދެ މީހުންވެސް ބައްދަލުވުމާއެކު، ވާހަކަތައް ދައްކަމުން މޭޒެއްދޮށުގައި އިށީނެވެ. “ކީއްވެތަ އަހަންނާއެކު ގަހުވައަށް… އަރަން ބުނީ” ޝަފީން ނޯއް ދަމާލަމުން ބުންޏެވެ. “ޝަފީން އަހަރެން ކުރަން މިއުޅޭ ކަންތައްތައް އިނގޭނަމަ ތިހެން ވާހަކައެއް ނުދައްކާނެ.” އަލްފަން އަތުގެ އިނގިލިތަކާ ކުޅެމުން ބުންޏެވެ. “ކިޔާބަލަ. ކިހިނެތް ވީ؟” ޝަފީން ސީރިއަސްވުމަށްފަހު އެހިއެވެ. “އަހަރެން… މިއުޅެނީ… ކައިވެނި ކުރަންވެގެން.” އަލްފަން މަޑުމަޑުން ބުންޏެވެ.
ޝަފީން އިރުކޮޅަކު މަޑުން އިނުމަށްފަހު، ބުންޏެވެ. “ތިއީތަ ދައްކަން އުޅުނު ވާހަކައަކީ؟ ތިއީ އެހާ ބޮޑު ކަމެއް ނޫނެއްނު؟” އަލްފަން ޝަފީންއަށް ފާޑަކަށް ބަލައިލިއެވެ. “ބޮޑު ކަމެއް ނޫނޭ؟ ސަޔާރާ އަހަންނަށް ފަނަރަ އަހަރު ވީއްސުރެ ކައިވެނިކުރަން އުޅެނީ. އެކަމު ކޮންމެ ފަހަރަކުވެސް އުޒުރެއް ދައްކައިގެންހުރީ. އެކަމު ކުރީދުވަހަކު ސަޔާރާ އަހަރެންގެ ބައްޕަ ކައިރީ ބުނެފި.” އަލްފަން ބޮލުގައި އަތްއެޅިއެވެ. މަސައްކަތްކުރާ ކުއްޖަކު ދެ ގަހުވަ ޖޯޑު ހިފައިގެން އައިސް މޭޒުގައި ބެހެއްޓިއެވެ. “މިތަނުގައި ކައިވެންޏަކީ ގޯސް ކަމެއްތަ؟” ޝަފީން ސުވާލުކުރިއެވެ. “ކައިވެނި ކުރުމަކީ އުމުރު ދުވަހަށްވެވޭ ވައުދެއް. އެއަށްފަހު ދެ މީހުން ވަތްކެއް ނުވެވޭނެ.” އަލްފަން ޝަފީންއަށް ކިޔައިދިނެވެ. “ދެން ސަޔާރާއާއެކު ދިރިއުޅުމެއް ފަށަންވީނު؟” ޝަފީން ސުވާލު ކުރިއެވެ. “އެކަމު ޝަފީން. އަހަރެން ލޯބިވާ އެހެން މީހަކު އެބަހުރި. ސަޔާރާއާ ކައިވެނި ކުރިޔަސް ލޯތްބެއް އަހަންނަކަށް ނުދެވޭނެ.” އަލްފަން ޔަގީންކަމާއެކު ބުންޏެވެ.
“ދެން ތިހެން ވެއްޖިއްޔާ ބައްޕަ ކައިރީ ރީއްޗަށް ބުނޭ.” ޝަފީން ޚިޔާލެއް ދިނެވެ. “ކައިވެންޏެއް ހުށަހަޅާފައިވާއިރު، ނޫނެކޭ ބުނުމަކީ މުޖުތަމައުގައި މީހާގެ ގަދަރު ވެއްޓޭކަމެއް.” އަލްފަންގެ ލޮލުގައި ކަރުނަތައް ފުރެމުން ދިޔައެވެ. ޝަފީންއަށް ދެން އެއްވެސް ގޮތެއް ނުވިސްނުނެވެ. އޭނާވެސް އަލްފަންއަށްޓަކައި ދެރަވެފައި ހުއްޓެވެ. ގަހުވަތަށި ބުޔުމަށްފަހު، ޝަފީން ފައިސާ ދެއްކިއެވެ. އަލްފަންއަށް ދަނީއޭ ބުނުމަށްފަހު، އާހިތަވެރީންގެ ހަރުގެއަށް މިސްރާބުޖެހިއެވެ. ހަރުގެ ބޭރުގައި ބަހައްޓާފައިހުރި ބޯޑުކައިރީ ބަޔަކު އެއްވެފައި ތިބިތަންފެނި ޝަފީން އެ މީހުންނާ ގާތްވިއެވެ. ޚަބަރު ލިބުނު ގޮތުގައި އިއްޔެ މަޚުލޫޤުންގެ ބިންގަރާހެއް ފެނިފައިވާކަމަށް އާހިތަވެރިން ބުނަމުންދިޔައެވެ. ޝަފީން ވިސްނަމުންދިޔައީ މިއަދު އޭނާ ކުރަންހުރި ކަންތައްތައް ބަހައްޓާފައި އެ ބިންގަރާހަށް ދިޔުމަށެވެ. އޭނާއަތުގައި މިހާރު ވަރުގަދަ ކަނޑިއެއް އެބައޮތެވެ. އޭގެ އިތުރުން ފުދޭވަރަކަށް ޖާދޫވެސް ބޭނުންކުރެވެއެވެ.
ލަސްނުކޮށް ރަށުގެ އުތުރު ފަރާތުގައިވާ ދޮރާ ދިމާއަށް ދިޔައެވެ. ފާސް ދެއްކުމަށްފަހު، ޖަންގަލި ތެރެއިން ދުވެފައިގޮސް އެ ބިންގަރާސް ހޯދަން އުޅުނެވެ. އިރުގަނޑެއްފަހުން ބިންގަރާހުގެ ދޮރު ފެންނަވަރުވިއެވެ. ޝަފީން މަޑުމަޑުން ހިނގާފައި ބިމުގެ އަޑިއަށް ފައިބައިގެން ދިޔައެވެ. ފުރަތަމަ ދިމާވީ މުސަޅާއި، ވަލުއޫރުފަދަ ކުދި މަޚުލޫގުންތަކެވެ. އެ މަޚުލޫޤުންތައް އެއްފަހަރާ ކަނޑިންޖަހާ މަރާލުމަށްފަހު، އޭގެ ގާކޮޅުތައްނަގާ ބޮޑު ދަބަހަކަށް އަޅަމުން ބިމުގެ އަޑިއަށް ފައިބަމުން ދިޔައެވެ. ދެން ހަނގުރާމަ ކުރީ ދަޅުފީނިފުއްލާފަދަ މަޚުލޫގުންނާއެވެ. ފަހަރަކަށްވުރެ ފަހަރެއް އުނދަގޫވަމުންދިޔައެވެ. ނަމަވެސް އަޑިއަށް ދިޔަވަރަކަށް ޖާދޫގެ ގާކޮޅު ލިބޭ މިންވަރު އިތުރުވިއެވެ. މިނިކާވަގާއި ބޮޑެތި ހަރުފައާ ހަނގުރާމަ ކުރުމުން ބޮޑެތި ގާ ލިބެން ފެށިއެވެ. ޝަފީންގެ ދަބަހަށް ބަރުވަމުން ދިޔައެވެ. އެންމެފަހުން ކެތްނުކުރެވިގެން މިއަދަށްހެވޭ ބުނުމަށްފަހު، އެ ބިންގަރާހުން ނިކުންނަން މައްޗަށް އަރަން ދިޔައެވެ. ޝަފީން ހައިރާންވެ ދިޔައީ އޭނާ ތިރިއަށް ފޭބި މަގު ނުފެނުނީމައެވެ.
ޝަފީން ބިރުން އަވަސް އަވަހަށް ނުކުމެވޭތޯ ގޮތެއް ހޯދުމަށް އުޅުނެވެ. އެކި ދިމާލަށް ހިނގުމުންވެސް އޭނާއަށް ދޮރެއްހާ ހިސާބުވެސް ނުފެނުވެ. ހަމައެކަނި ފެނުނީ ތިރިއަށް ދެވެންއޮތް މަގު އެކަންޏެވެ. މަރާފައިވާ މަޚުލޫޤުން ދުރަށް އެއްލާލުމަށްފަހު، ބިމުގައި އިށީނދެ އުފެއްދުމުގެ ޖާދޫ ބޭނުންކުރަން ފެށިއެވެ. އާފަލެއް ފާޅުކޮށް ކެއުމަށްފަހު، ވަރުބަލިކަން ފިލުވާލާ ކޮޅަށް ތެދުވިއެވެ. ޝަފީން ދަބަސް ކޮނޑުގައި އަޅުވައިގެން ބިންގަރާހުގެ އަޑިއަށް ފޭބިއެވެ. ތިރިއަށް ފޭބިހެން މަޚުލޫޤުންގެ ބާރު ގަދަވަމުންދިޔައެވެ. ޝަފީންއަށް ވާވަރަށް ހަނގުރާމަ ކުރެވިއްޖެއެވެ. ޖާދޫގެ ގާކޮޅުތަކުން ދަބަސް ފުރިގެން ފައިބަމުން ދިޔައެވެ. ޝަފީން ބޮލަށް އެނބުރުން އަރަން ފެށިއެވެ. އެ ކޮޓަރީގައި އުޅުނު ހުރިހާ މަޚުލޫޤެއް މަރާލުމަށްފަހު، ބިމުގައި އިށީނެވެ. އަދި އޭނާގެ ވަށައިގެން ފާރެއް އުފެއްދިއެވެ. ހުދުކުލައިގެ ވަށްބުރެއް ފާޅުކުރުމަށްފަހު، ދެ ނާރިނގު ފާޅުކުރިއެވެ. މަޑުމަޑުން އިނދެ ކައި ހުސްކޮށް ނިދިފިޔެއް ޖެހޭތޯ ބެލިއެވެ.
އަލިފާން ކަނޑީގެ ހަތަރު މީހުންވެސް ހަވީރުގެ ވަގުތު އެ ބިންގަރާހަށް ދަތުރު ކުރަމުން ދިޔައެވެ. އަލްފަންއާއި ގިވަން ބަރުމުދާ ހިފައިގެން ދިޔައިރު، ޒޫލާއާއި ސަޔާރާވެސް އެމީހުންނާއެކު ކުރިއަށް ދިޔައެވެ. ޖަންގަލީގެ އެކި ހިސާބުތައް އަތްފުނާއަޅަމުންގޮސް ބިންގަރާސް ހުރިތަން ފެނުނެވެ. ހުރިހާ އެންމެންވެސް ވާހަކަދަށްކަމުން ބިންގަރާހުގެތެރެއަށް ވަނެވެ. މަޚުލޫޤުން ތިބެދާނެކަމަށް ކަނޑި އަތަށް މަހާލައިގެން އަލްފަން ކުރިއަށްވަނެވެ. ނަމަވެސް ހުރިހާ އެންމެންވެސް ހައިރާންވެފައި ތިބީ އެއްވެސް މަޚުލޫޤެއްގެ ނިޝާން ފެންނަން ނެތުމުންނެވެ. އިތުރަށް ބިމުގެ އަޑިއަށް ދިޔުމުންވެސް މަޚުލޫޤުންގެ ނިޝާން ފެންނާކަށް ނެތެވެ. ޒޫލާއަށް ލޮލުގައި އަޅައިގަތީ އެމީހުން ތިރިއަށްފޭބިތަން އަމިއްލައަށް ބެދޭ ތަނެވެ. “އަހަރެމެން މިތާގައި ތާށިވާނީ ބަލާ އެއޮތް ބެދެނީ.” ޒޫލާ ހަޅޭއްލަވައިގަތެވެ. ދެންހުރި ތިން މީހުންވެސް ކުއްލިއަކަށް އެ ދިމާއަށް ބަލައިލިއެވެ.
ހުރިހާ އެންމެންވެސް ސަމާލުކަންދީގެން ހުރީ ދެންހުރި ބައިން އިވެމުންދިޔަ އަޑުންނެވެ. ކަނޑިޔާ ކަނޑިއަޅާ ހަނގުރާމަ ކުރާ އަޑެވެ. އަދި ހުރިހާ އެންމެންވެސް ދަންނަ އަޑެއް ހަޅޭއްލަވަމުންދިޔައެވެ. އެ ބަޔަށް ހުރިހާ އެންމެންވެސް ދުވުމާއެކު ޝަފީން އުޅުނުތަން ފެނުނެވެ. އޭނާ ހަނގުރާމަ ކުރަމުން ދިޔައީ ދަހަނާ އަޅައިގެންހުރި މަޚުލޫޤަކާއެވެ. ޝަފީން ދިޔައީ މާނޭވާ ލަމުންނެވެ. އެއީ ކަނޑި ހިފައިގެން އެ މަޚުލޫޤާ ހަނގުރާމަކުރުމުގައި ގިނަ އިރު ހޭދަކޮށްފައިވާތީއެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާގެ ވަރުބަލިކަން އިތުރުވަމުން ދިޔައެވެ. އެ ކޮޓަރިއަށް ވަދެގެންއައި، ‘އަލިފާން ކަނޑީ’ގެ އަލްފަން ކަނޑި ހިފައިގެން އެ މަޚުލޫޤާ ހަނގުރާމަކުރަން ދިޔައެވެ. ޝަފީން ކޮޅަށްނުހުރެވިގެން ވެއްޓުނެވެ. އޭނާގެ ހަށިގަނޑުގައި ލޭ އަންނަމުންދިޔަ ބައިވަރު ތަންތަން ހުއްޓެވެ. ޒޫލާ ފެހިކުލައިގެ ފުޅިއެއް ހިފައިގެން ޝަފީން ކައިރިއަށް ދިޔައެވެ. ޝަފީން އެ ދިޔަކޮޅު ބޭނުންކުރިހެން އޭނާގެ ހަށިގަނޑު ފަނޑު ފެހި ކުލައަކުން ދިއްލުނެވެ. ލޭ އަންނަމުންދިޔަ ހުރިހާ ތަނެއް އަމިއްލައަށް ބަންދުވިއެވެ. ވަރުބަލިކަންފިލާ ހަށިގަނޑަށް އާރޯކަން ގެނެސްދިނެވެ.
އަލްފަން އާއި ގިވަން ހުއްޓައިނުލާ އެ މަޚުލޫޤަށް ހަމަލާދެމުން ދިޔައެވެ. އިރުކޮޅުކޮޅާ ވެއްޓިގެންނަމަވެސް އެ މަޚުލޫޤަށް ވަރުގަދަ ހަމަލާއެއް ދިނެވެ. އެވަރުންވެސް ދަހަނާގައިހުރި މަޚުލޫޤަށް ގޮތެއް ނުވިއެވެ. ސަޔާރާ އޭނާގެ ޖާދޫގެ ކިޔެވެލިތައް ކިޔަވަމުން ދިޔައެވެ. “ޖާދޫ މަސައްކަތެއް ނުކުރާނެ. ޖާދޫތައް ރިވެލިވާނީ!!” ޝަފީން ކަނޑި ހިފައިގެން ކޮޅަށް ތެދުވަމުން ބާރަށް ބުންޏެވެ. އެ މަޚުލޫޤުގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ބެލުމަށްފަހު، ޝަފީން އަލްފަންމެން ގާތަށް ދިޔައެވެ. އަދި ތިން މީހުންވެގެން އެ މަޚުލޫޤާ ހަނގުރާމަކުރަން ފެށިއެވެ. ޝަފީން ތިރިން ދިޔައިރު ގިވަން ފަހަތަށް ދިޔައެވެ. އަލްފަން މަޚުލޫޤުގެ އަތުގައި އޮތް ކަނޑީގައި އޭނާގެ ކަނޑިލައި ހިފަހައްޓައިގެން ހުއްޓެވެ. ޝަފީން ތިރިންގޮސް ފަލަމަސްގަނޑާ ދިމާއިން ކަނޑި ހޫރުވާލިއެވެ. ގިވަން އޭގެ ބޮލުގައި ޖަހާ ވައްޓާލިއެވެ. މައްޗަށް އަތުރާފައިހުރި ދަގަނޑު ދަޅުތަކެއްހެން އެ މަޚުލޫޤު ބުރިބުރިވެގެން ވެއްޓުނެވެ.
ޝަފީން، ގިވަންއާއި އަލްފަން މާނޭވާލަމުން ޒޫލާމެން ގާތަށް ދިޔައެވެ. އަަދި ބޮޑު ދަބަހުން ފެންފުޅިއެއް ނަގާ ހުރިހާ އެންމެންނަށް ފެން ދިނެވެ. ދާހިއްލާފައިވާތީވެ، އަލްފަން ޒޫލާއަތުން ތުވާއްޔެއް ނެގިއެވެ. މި ހަރަކާތްފެނި ސަޔާރާ ތުންފަތަށް ގޮތެއް ހަދާލިއެވެ. ދެބުމަ ގޮއްޖަހާ އަލްފަންމެންނާ ދުރަށް ދިޔައެވެ. ޝަފީން އޭނާ ގެންގުޅުނު ދަބަސް ހިފައިގެން ބިންގަރާހުގެ އަޑިއަށް ދިޔައެވެ. ގިވަންމެން އިހަށް މަޑުކުރާނީއޭ ބުންޏެވެ. ޝަފީން ބިންގަރާހުގެ އަޑީގައިވާ ބައިތަކަށް ދިޔައެވެ. އޭނާ ހައިރާންކުރުވީ އެތަނުން ފެންނަންހުރި މަންޒަރަކުންނެވެ. އެކަތައިން ހެދިފައިހުރި ބޮޑު ކަނޑުގެރިއެކެވެ. އޭގެ މުޅި ހަށިގަނޑުން ދަޅައަރައެވެ. މާހައުލަށް ނަޒަރު ހިންގާލުމަށްފަހު، ދަބަސް ބޭއްވިއެވެ. ލައިގެންހުރި އަންނައުނު ހެޔޮކޮށްލައި ކަނޑި އަތަށް މަހާލިއެވެ. ހަމަ އެ ވަގުތު އެ ކަނޑުގެރިއާ ދިމާއަށް ކަނޑި ހިފައިގެން ޝަފީން ދުއްވައިގަތެވެ.
އެ މަޚުލޫޤުގެ ހަށިގަނޑުގައި ކަނޑި ޖެހުނުހެން ފަޅިފަޅިވެގެން ދިޔައެވެ. ޝަފީން ފަހަތަށް ދުއްވައިގަތެވެ. އޭރު އެ މަޚުލޫޤު ޝަފީންއާ ދިމާއަށް ހިނގައިގަތެވެ. ކޮންމެ ފިޔަވަޅަކާއެކު ގުޑުން އަރައިގެން ދިޔައެވެ. ބިންގަރާހުގެ ބައިތަކުގައި ރެނދުލާންވެސް ފެށިއެވެ. ކިތަންމެ ބިރުގަނެފައި ހުއްޓަސް ޝަފީން އުފެއްދުމުގެ ޖާދޫ ބޭނުންކޮށް ކަނޑިއެއް އުފައްދަން ފެށިއެވެ. އޭނާ ޚިޔާލުކުރަމުންދިޔަ ކަނޑި އުފެއްދުމަށް ވަރަށް އިރު ނެގިއެވެ. އެތަކަށްވުރެ ބަރު މަޚުލޫޤު ޝަފީންހުރި ދިމާއަށް ކައިރިވަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް އަވަސްކުރަމުން ކަނޑި އުފެއްދުނެވެ. ހައެއްކަ ކަދުރު ފާޅުކުރުމަށްފަހު، އަނގައަށްލިއެވެ. އޭނާއަށް ޜަނީފް ދަސްކޮށްދިން ހަލާކުގެ ޖާދޫ ކަނޑިއަށް އެޅުވިއެވެ. ކިޔެވެލި ހިތަށް އަރުވަމުން ދިޔަހެން، ކަނޑީގެ ކުލަ މަރުވެ ދަގުއިވަމުން ދިޔައެވެ. ކައިރިވަމުންދިޔަ މަޚުލޫޤުގެ ފަޔަށް ކަނޑި ހޫރުވާލިއެވެ. ކަނޑީގެ މިޔަ ޖެހުނު ތަންތަން ދަގުއިވާންފެށިއެވެ. ފީވެ ވެއްޓެންދިޔަ މަޚުލޫޤާ ދުރަށް ޝަފީން ދުއްވައިގަތެވެ. އިރުގަނޑަކަށްފަހު، މުޅި އެ ކަނޑުގެރި ދަގުއިކޮށް ހަލާކުރިއެވެ. ޝަފީންއަށް ކޮޅަށް ނުހުރެވޭވަރުވިއެވެ. އަނގައަށްލީ ކަދުރުކޮޅު ހަފާލިހެން އެ މަޚުލޫޤު ވެއްޓިފައި އޮތްތަނަށް ޝަފީންވެސް ހޭނެތިގެން ވެއްޓުނެވެ.
ޝަފީން ގެންގުޅުނު ކަނޑިވެސް ބިމަށް ވެއްޓިގެން ދިޔައެވެ. ބިންގަރާހުގެ ކޮޓަރި އެއްކޮށްހެން ފީވަމުންދިޔައެވެ. ޝަފީން ހޭނެތިފައިވުމާއެކު، އޭނާ ބަޔަކަށްފަހު ބައެއް ހަލާކުވެ ވެއްޓެމުންދިޔަ އިހުސާސެއް ނުކުރެއެވެ. ބަޔަކަށްފަު ބައެއް ފީވެ ހަލާކުވެ ބިމުގެ ވަރަށް އަޑިއަށް ގޮސް ކުއްލިއަކަށް ކަނޑި ވިރިގެން ހަލާކުވެ ވުޖޫދުން ގެއްލުނެވެ. މި މަންޒަރު ބެލުމަށް ދުރުގައި ހުރި އަންހެނެއް ޝަފީން ގާތަށް އައެވެ. ޝަފީން ކޮނޑަށްލުމަށްފަހު، އެ ޒުވާން އަންހެނާ ކުޑަ ޖިފުޓިގަނޑަކަށް ގެންދިޔައެވެ. އިރުގެ އަލިކަން ލިބެން ހުއްޓެވެ. ވިނަތަކާއި ގަސްތައް ފެހިކުލައިން ދިއްލިފައިވެއެވެ. އިރުކޮޅުކޮޅާ ޖެހިލާ ވައިރޯޅިތަކުން ފިނިކަން ގެނެސްދެއެވެ. އެކަމު މިއީ ބިމުގެ އަޑިއެއް ނޫން ހެއްޔެވެ؟ އިރުގެ އަލިކަން ލިބެންވީ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)


