އެހެން ދުނިޔެއެއް؟ – 8
ޝަފީންއަށް ލޯހުޅުވާލެވުނީ އަލިކަންގަދަ މާހައުލަކަށެވެ. ކަދުރުކޮޅުކޮޅު އޭނާގެ އަނގަތެރޭގައި ހުއްޓެވެ. އަނގަ ސާފުކުރަން ދިރުވާލުމަށްފަހު، ބޭއްވިފައިވާ އެނދުން ތެދުވެ މާހައުލަށް ނަޒަރު ހިންގާލިއެވެ. “މިއީ ކޮންތަނެއް؟ ކިހިނެތް އެކަމު އަހަރެން ބިންގަރާހުން ނުކުތީ؟” ޝަފީންއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އޭނާއަށް ކުރެވުނު ސުވާލަށް ޖަވާބެއް ފަހަތުން އައެވެ. “އަހަރެން ކަލޭ ސަލާމަތްކުރީ. ކަލޭ އޮތީ ބިންގަރާހުގެ ވަރަށް އަޑީގައި ހޭނެތިފައި.” ޝަފީން ޓަސްކިޔާފައި ފަހަތަށް އެނބުރުނެވެ. “ތީ ކާކު؟” ޝަފީން ހައިރާންވެހުރެ ގޮނޑީގައި އިށީންދެ އިން ޒުވާން އަންހެން ކުއްޖާއާ ދިމާއަށް ބުންޏެވެ. “އަހަންނަކީ މިޝްރާ. ދެން ކަލޭ ތިއީ؟” ޝަފީން އަމިއްލައަށް އޭނާގެ ނަން ބުންޏެވެ. ޝަފީންގެ ހާލަތު ރަނގަޅުތޯ ބެލުމަށްފަހު، މިޝްރާ ޖިފުޓިގަނޑުގެ ބޭރަށް ނުކުތެވެ. ޝަފީން އަދިވެސްހުރީ ވާނުވާގައެވެ. ބިންގަރާހުން ސަލާމަތްވެވޭނެ ގޮތެއް ނެތެން ނޫންބާވައެވެ؟ ތިރިއަށް ފޭބިވަރަކަށް ދޮރުތައް ބަންދުވިއެއް ނޫންބާވައެވެ.
ޝަފީންވެސް އެނދުން ތެދުވެ، ޖިފުޓިގަނޑުން ބޭރަށް ނުކުތެވެ. އޭރު މިޝްރާ ކެއްކުމުގައި އުޅެއެވެ. މަހުގެ ބާވަތެއް ހަދައިގެންއުޅޭ ވަސްގަނޑު އަރައިގަތެވެ. ޖިފުޓިގަނޑުގެ ބޭރުގައި ފިހަމުންދިޔަ މަހުގެ ވަސްގަނޑު ޝަފީންއަށް ކަމުދިޔައެވެ. މިއޮށް ހާދުވަހު އޭނާ ކައިއުޅުނީ ތަރުކާރީގެ ބާވަތްތަކެވެ. މަހުގެ ބާވަތްތައް މުހައްރު ރަށުގެ މީހުން ކައެއް ނޫޅެއެވެ. ގޮހޮރުން އަޑުފަށްގަނޑު އިވިގެން ދިޔައެވެ. އަނގައިގައި ކުޅު ދިޔާވާން ފެށިއެވެ. “ވަރަށް ބަނޑުހައި ދޯ؟ މިހާރު ފިހެ ނިމެނީ!” މިޝްރާ ބުންޏެވެ. “ތިޔައީ ކޮން މަހެއް؟” ޝަފީން މަހުގެ ބާވަތް އެހިއެވެ. “މިއީ ބަކަރީގެ މަސް.” މިޝްރާ އޫތަށް ފުށުން ޖަހަމުން ބުންޏެވެ.
އިރުކޮޅެއްފަހުން ވިނަގަނޑުގައި ޝަފީން އިށީންދެ ކާން ތައްޔާރުވިއެވެ. މިޝްރާ ޝަފީންއަށް ކުޑަ ކަންވާރަކަށް ފެން އަޅާފައި ދިނެވެ. އޭގެ އިތުރުން ބޯތައްޓަކަށް މަސް އަޅާފައި ދިނެވެ. ޝަފީން ކުޅު ދިޔާވަމުން ދިޔައެވެ. މަސްގަނޑު އަނގަޔަށްލައި ހަފާލިހެން ޝަފީންގެ ލޮލުން ކަރުނަ ފޭދިގެން ދިޔައެވެ. “ކިހިނެތްވީ މަސް ނުބައީތަ؟” މިޝްރާ ޝަފީންއާ ދިމާއަށް ބަލަންހުރެ ބުންޏެވެ. “ނޫނޭ ވަރަށް މީރު. މިއީ މަސް ކާން ލިބުނު ފުރަތަމަ ފަހަރު.” ޝަފީން މަސްކޮޅެއް ވަކިކޮށްލަމުން ބުންޏެވެ. މިޝްރާވެސް ޝަފީންއާއެކު ކެއުމުގައި ބައިވެރިވިއެވެ. “މިއީ ކޮން ރަށެއް؟” ޝަފީން އަހާލިއެވެ. “މިއީ ރަށެއް ނޫން. ޖަންގަލީގެ ހިސާބެއް.” މިޝްރާ އުލަކުން މަސްގަނޑު ނައްޓާލަމުން ބުންޏެވެ. “މުހައްރަށް ދެވޭނީ ކޮން މަގަކުން؟” ޝަފީން އަވަސްވެގަތީ ދަތުރު ފެށުމަށެވެ. މިޝްރާ އިރުކޮޅަކު ވިސްނުމަށްފަހު، ކިޔައިދިނެވެ.
އިރުގެ އަލިކަން ފަނޑުވަމުން ދިޔައެވެ. ވިނަތަކަށް އެޅިފައިވާ ރަން ދޯދިތައް ފަނޑުވަމުން ދިޔައެވެ. ޝަފީން ތައްޔާރުވަމުންދިޔައީ މިޝްރާގެ ގެއިން މުހައްރަށް ދަތުރު ފެށުމަށެވެ. ޝަފީން ހިނގައިގަތްހެން މިޝްރާ ފަހަތުން ގޮވާލިއެވެ. ކުޑަ ކަންވާރަކަށް ލައިފައިވާ ބަކަރި މަސްކޮޅެއް ދިއްކޮށްލިއެވެ. “ވަރަށް ދިގުވާނެ މުހައްރަށް ދެވޭ އިރު ބަނޑުހައިވެސް ވާނެއެއްނު؟” މިޝްރާ ބުންޏެވެ. ޝަފީން އަދިވެސް އެއްފަހަރު ޝުކުރު އަދާކުރިއެވެ. އިރުގެ އަލިކަމުން މިޝްރާގެ ދެލޮލުގައި ދިއްލިފައިވާ ރަތް ކަޅި ފެނުނެވެ. ޝަފީން މާބޮޑުކަމަކަށް ނުހަދާ ކުރިއަށް ހިނގައިގަތެވެ.
މިޝްރާ ދެއްކި މަގުން ހިނގާތާ އިރުގަނޑެއް ވެއްޖެއެވެ. އޭނާ ޖަންގަލީގެ ގަސްތައް ކައިރިއަށް ދިޔަހެން ފަހަތުން އަޑެއް އިވުނުހެން ހީވެގެން ބަލައިލިއެވެ. ނަމަވެސް ފަހަތުގައި އޮތީ ކޮޅުކޮޅަށް ދެމިފައިވާ ވިނަގަނޑެވެ. އަޅައިނުލާ ކުރިއަށް ދިޔައެވެ. ޖަންގަލީގެ މަގުން ލައިގެން ހިނގާ ހިނގާ ޝަފީން ވަރުބަލިވާން ފެށިއެވެ. މިޝްރާ ދިން ބަކަރި މަސްކޮޅު ކާލަން ގަހެއްގެ އޮފިގަނޑުގައި އިށީނެވެ. ކައި ނިމުނުހެން ގަސްތަކު ތެރެއިން އަޑެއް އިވުނެވެ. ރަތްކުލައިގެ ދިއްލިފައިވާ ދެ ލޯ ގަސްތަކުގެ ތެރޭގައިވެއެވެ. ޝަފީން ގަތް ބިރުން އަތުގައި އޮތް ބަކަރި މަސްގަނޑު އެއްލާލުމަށްފަހު، ގަހުން ފުންމައިގަތެވެ. އަދި ދާންޖެހޭ މިސްރާބަށް ދުއްވައިގަތެވެ. ޝަފީންއަށް ތަނެއް ދޮރެއް ނުފެނެއެވެ. އަނދިރިވަމުންދިޔަ ޖަންގަލިތެރެއިން ދުވެދުވެފައިގޮސް ބޮޑު ގަހެއްގެ ދޮށުގައި ނޭވާއެއްލުމަށް ހުއްޓާލިއެވެ. އަވަސް އަވަހަށް އެކި ދިމަދިމާއަށް ނަޒަރު ހިންގާލަމުން އޭނާއަށް ކަނޑިއެއް ފާޅުކުރެވޭތޯ ބެލިއެވެ.
އިރުއޮއްސި ތަނެއް ވަކިވާވަރު ނުވުމުން ޝަފީން އޭނާ ފާޅުކުރި ކަނޑީގައި އަލިފާން ރޯކުރިއެވެ. ކުރިމަތިން ފެނުނު މަންޒަރަކުން މޭގަނޑު އަތަށްނައީ ހަމަކިރިޔާއެވެ. ކުރިމަތީގައިހުރީ މިޝްރާއެވެ. އޭނާހުރީ ލޯ މަރައިގެންނެވެ. ކުއްލިއަކަށް މިޝްރާ ދެ ލޯ ހުޅުވާލިއެވެ. ރަތްކުލައިން ދިއްލިފައިވާ ދެ ލޮލުން ޝަފީންއަށް ބަލަހައްޓައިގެން ހުއްޓެވެ. “މިޝްރާ؟ މިތާ ކީތް ކުރަނީ؟” ޝަފީން އަދިވެސް ހަމައަކަށްނޭޅިހުރެ ބުންޏެވެ. މިޝްރާގެ ޖަވާބެއް ނައެވެ. ނަމަވެސް އޭނާގެ އަނގައިގެ ދެ އަރިން ދިގު ފޭރާ ދަތް ނުކުތެވެ. އަނގަ ހުޅުވާލުމަށްފަހު ޝަފީންއާ ދިމާއަށް އައެވެ. މިއީ އާދައިގެ އިންސާނެއް ނޫންކަން މިހާރު ޝަފީންއަށް ދޭހަވިއެވެ. ވަގުތުން ކަނޑި ހޫރުވާލިއެވެ. ހަމަ އެވަގުތު މިޝްރާ ފަހަތުން ފާޅުވިއެވެ. ޝަފީންގެ ކަނދުރާގައިވާ ނާރުގައި ދަތްއަޅަން އުޅުނެވެ. ޝަފީން ހުޝިޔާރު ކަމާއެކު މިޝްރާއާ ދުރަށް ދިޔައެވެ.
ޖަންގަލީގެ ތެރެއިންލައިފައި އަލިފާން ރޯކޮށްފައިވާ ކަނޑި ހިފައިގެން ޝަފީން ދުވެފައިދިޔައެވެ. އޭނާގެ ހިތުގައި އޮތީ އެ ބިރުވެރި ޖަންގަލިން ނުކުތުމެވެ. އިރުކޮޅަކުން ފާރެއްގައި ކަނޑި ޖެހުނެވެ. ވަގުތުން ކައިރީގައިވާ ގަސްތަކާއި، ހަނދާއި ތަރިތައް ފޭދިގެން ދިޔައެވެ. ޝަފީންއަށް ހުރެވުނީ ބިންގަރާހުގެ ބައެއްގައެވެ. ފަހަތަށް ބަލައިލިހެން މިޝްރާ ހުރިތަން ފެނުނެވެ. ނަމަވެސް މިފަހަރު އޭނާގެ ހަށިގަނޑުގައި ލޭ ހުއްޓެވެ. އޭނާގެ ދެލޯ ރަތުން ދިއްލިފައިވާއިރު، ފޭރާ ދެ ދަތް ފެންނަން ހުއްޓެވެ. ޝަފީން ބިރުން ކަނޑީގައިހުރި އަލިފާންގަނޑު ވަރުގަދަ ކުރިއެވެ. ފަހަރަކަށްވުރެ ފަހަރެއް މިޝްރާގެ ގަޔާ ދިމާއަށް އެ ކަނޑި ގާތް ކުރަމުން ދިޔައެވެ. ގައިގައިހުރި ބާރެއްލައި ކަނޑި މިޝްރާގެ ބަނޑާ ދިމާލުން އެއްފަހަރާ ހުރަސްކޮށްލިއެވެ.
މިޝްރާގެ ހަށިގަނޑު އަލިފާނުން ވިރެމުންދިޔައެވެ. “ކަލޭ މަގޭ އަތަކުން ސަލާމަތެއް ނުވާނެ!” ކުނޑިއަށްވަމުންދިޔަ މިޝްރާ ބުނަމުން ދިޔައެވެ. ޝަފީން އަޅައިވެސް ނުލައި އޭނާ ގެންގުޅުނު ދަބަސް ހޯދުމަށް ދިޔައެވެ. ވެއްޓިފައިވާ ބޮޑެތި ހިލަތަކުގެ ތެރެ ހާވަމުން ދިޔައެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން ތިރިއަށްދެވެން އޮތް ހޮހޮޅައަކާ ދިމާއަށް ދިޔައެވެ. ބަނޑުން އަޑުފަށްގަނޑު ގޮވިހެން އަނބެއް އުފެއްދިއެވެ. އަނބުކާ ކޮންމެ ފަހަރަކު އޭނާގެ މާމަމަތިން ހަނދާންވެއެވެ. އެކަމު މި ދުނިޔޭގައި މާމަ ފެނިދާނެ ހެއްޔެވެ؟ އަނބު ކައި ނިމުނުހެން ޝަފީން ތެދުވިއެވެ. ހޮހޮޅައެއްފަދަ ތާކުން އަޑުތަކެއް އިވޭތީވެ، ޝަފީން އެ ދިމާއަށް ދިޔައެވެ. އެ ހޮހޮޅައިގެ ތެރެ ވަރަށް އަނދިރިއެވެ. އޭނާގެ މަންމަ ވާހަކަ ދައްކާ އަޑު އިވެއެވެ.
ޝަފީން އިތުރަށް ވިސްނަން ނުހުރެ، އެ ހޮހޮޅައިގެ ތިރިއަށް ފޭބުމަށް އަވަސްވެގަތެވެ. މަތީބައިން އަތް ދޫކޮށްލިހެން އޭނާ ވެއްޓިގަތެވެ. ޝަފީން އަދިވެސް ދިޔައީ ވެއްޓެމުންނެވެ. އަންނަންތެއްހާ އިރު ފަހުން ބިމު އަޑިން އަލިގަނޑެއް ފާޅުވިއެވެ. ނަމަވެސް ޝަފީން ވެއްޓުނު ގޮތަކުން އޭނާގެ ބޯ ބިމުގައި ޖެހުނެވެ. އޭނާ ހޭނެތިގެން ދިޔައެވެ. މިއީ ޝަފީންގެ ނިމުން ހެއްޔެވެ؟ އޭނާ ދެ ހަޔާތުންވެސް އަބާއްޖަވެރިވީ ހެއްޔެވެ؟ މިއީ މިވާހަކައިގެ ނިމުމެއް ނޫންބާވައެވެ؟ ނުނިމެންޏާ މި ވާހަކަ ކުރިއަށްދާނީ ކިހިނަކުން ހެއްޔެވެ؟ ބަޠަލު ދެފަހަރުންވެސް މަރުވީއެއްނޫންބާވައެވެ؟
މެޝިނެއްގެ އަޑުތައް ކިޔަމުން ދިޔައެވެ. ފުސްކަމުން އިރުކޮޅުކޮޅާ އަޑުތައް ކެނޑޭގޮތްވެއެވެ. މަންޒަރެއް ފެންނަނީކީއެއް ނޫނެވެ. ހަށިގަނޑު ގުޑުވައެއް ނުލެވެއެވެ. މުޅި ގައިގައި ވޭންއަޅައެވެ. ހިތަށްއެރި ނަމަވެސް ލޯ ހުޅުވައެއް ނުލެވުނެވެ. އިހުސާސްވަމުންދިޔައީ ފިނިކަމެވެ. އަނގަތެރޭގައި ކުޑަވަރެއްގެ ހޮޅިއެއް ވެއެވެ. ލެވުނުހާ ބާރެއްލައި ލޯ ހުޅުވާލިއެވެ. މަންޒަރެއް ފެނުމުގެ ބަދަލުގައި ފެނުނީ ހުސް ހުދު އަލިކަމެވެ. އެ އަލިގަނޑުން އެއްޗެއް ވަކިވާވަރެއް ނޫނެވެ. އިރުކޮޅަކުން ކައިރީ ހުރި މީހަކު ބާރަށް ހަޅޭއްލަވައިގެން އަޑު އިވެއެވެ. “ޑަކުޓަރު..ޑަކުޓަރު..” ބާރަށް ގޮވަަމުން ދިޔައެވެ. އިރުކޮޅަކުން ލޮލަށް ކުޑަކޮށްނަމަވެސް މަންޒަރުތައް ސާފުވާން ފެށިއެވެ. ހަސްފަތާލުގެ ބޮކިން އަލިވެފައިވާ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ކަރު ގުޑުވައެއް ނުލެވުނެވެ. އިރުކޮޅަކުން ޑަކުޓަރު އައުމަށްފަހު، ގޮވާލިއެވެ. “ޝަފީން!” ޝަފީން ލޮލުން ނަޒަރު ހިންގާލީ އެ މީހާއަށެވެ. “މިއޮވެވެނީ ކޮންތާކު ހެއްޔެވެ؟ މިއީ ކާކު ހެއްޔެވެ؟” ޝަފީން ހިތަށް އަރަމުން ދިޔައެވެ.
ފާއިތުވީ ދެ އަހަރު ޝަފީންވީ ކޯމާއެއްގައެވެ. ހިނގަމުން ދިޔަ ދުވަސްތަކުގައި އޭނާއަށް ފަރުވާދެމުން ގެންދިޔައެވެ. ކަސްރަތުކޮށް ހަށިގަނޑު މަޑުމަޑުން ގުޑުވާލެވޭވަރުވިއެވެ. ހިއްސުތައް ފުރިހަމަވެ، ވާހަކަ ދެއްކޭވަރު ވިއެވެ. ރަމީޒާ ކައިރީގައިހުރި ގޮނޑީގައި އިށީންދެ އިނދެ ވާހަކަދަކަމުން ދިޔައެވެ. “ބޮލުގައި ރިއްސާތަ އަދިވެސް؟ ދަރިފުޅު އައިސީޔޫއަށް ގެންދިޔަ ކުރި ރޭ މާމަ ނިޔާވި ޚަބަރު ލިބުނީ. ދަރިފުޅު މިތާގައި އޮންނަތާ ދެ އަހަރުވަނީ.” ރަމީޒާ ޝަފީންގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ. “މަރު.. ވީއޭ” ޝަފީން ގަދަކަމުން ބުންނެވެ. “ބައް..ބައްޕަ… ކޮ..ބާ؟” ޝަފީން ގަދަކަމުން ދެތިން ބަހެއް ބުނެވޭތޯ ބެލިއެވެ. “ބައްޕަވީ ރިސޯޓަށް މަސައްކަތްކުރަންގޮސް. ހަސްފަތާލުގެ ބިލުތައް ދައްކަންވެގެން.” ލޮލަށް ކަރުނަ ޖަމާވެފައިވާ ހާލުގައި ބުންޏެވެ.
ދެން ޝަފީން މި ހުރިހާ ދުވަހު އުޅުނީ ފަހެ ކޮންތާކު ހެއްޔެވެ؟ އޭނާ މަރުނުވެ އޮވެ މި ތެދުވީ ޚިޔާލީ ދުނިޔެއަކުން ނޫނބާވައެވެ؟ އެކަމު އެ ދުނިޔޭގައި ހިނގި ކަންކަން އަސްލާ ގާތެވެ. އޭނާއަށް މިއީ ބޮޑު އަޖައިބެކެވެ. އެނދުގައި އިށީނދެއިން ޝަފީން ވިސްނަމުން ދިޔައީ ވީ ގޮތަކާއިމެދުއެވެ. އެނާގެ ސިކުންޑިއަށް އުފެއްދުމުގެ ޖާދޫ ބޭނުންކުރުމަށް ޚިޔާލު އައެވެ. އޭނާ ސިފަކުރަމުން ދިޔައީ މާމަގޭ ގަހުގައި އަޅާ އަނބެވެ. އެ ދުނިޔޭގައި ވީހެން އަނބެއް ފާޅުވޭތޯ އިން ޝަފީން މޮޔަ ހީވިއެވެ. މިއީއެހެން ދުނިޔެއެއް ނޫނެވެ. މިތަނުގައި ޖާދޫ ބޭނުމެއް ނުކުރެވޭނެއެވެ. އެހެން ހިތަށް އަރުވާފައި ލޯ ހުޅުވާލިހެން އޭނާ ސިއްސައިގެން ދިޔައީ އޭނާގެ އެނދުގައި އަންބެއް އޮތުމުންނެވެ. “އެއީ ކިހިނެތް؟” ޝަފީން ބުންނެވެ. އިރުކޮޅަކުން ރަމީޒާ ވަޅިއެއް ހިފައިގެން ދޮރުން ވަނެވެ. ބިރުން ފިތް ކަނޑައިގެން ދިޔައެވެ. ޝަފީންގެ އެނދުގައި އޮތް އަނބުނަގާ މަށަންފެށުމުން ހިތަށް ހަމަޖެހުން ލިބުނެވެ.
“މީ ކޮންތާކުން ގެނައި އަނބެއް؟” ޝަފީން ސުވާލުކުރިއެވެ. “މާމަގެއިން. ދަރިފުޅަށް އަބަދުވެސް މީރެއްނު.” ރަމީޒާ އަނބު ކޮށަމުން ބުންޏެވެ. “އަހަންނަށް ކިހިނެތްތަ ވީ؟” ޝަފީން އަދިވެސް އޭނާ ކޯމާއަށް ދިޔަ ގޮތް ބަލަން ބޭނުންވިއެވެ. “ބައްޕައާއެއްކޮށް ކަށިއެތި އުކާލަންދިޔަ ދުވަހު ބޮލަށް ކާށްޓެއް ވެއްޓި ބޯފަޅައިގެން ދިޔައީއެއްނު. އޭގެ ފަހުން ހަސްފަތާލަށް ގެނައީ. އެރެއަށްފަހު، ބޮލުގައިހުރި އިސްތަށިގަނޑުވެސް ބޭލީ.” ރަމީޒާ ކިޔައިދެމުން އަނބުގެ އެތިކޮޅުކޮޅު ޝަފީންއަށް ލަވަމުން ދިޔައެވެ. ޝަފީންއަށް މާމަގޭ އަނބު އޭނާ ހަނދާންހުރި ވަރަށްވުރެ މީރެވެ. މިހާރު އޭނާއަށް ޔަގީނެވެ. އޭގެފަހުން އޭނާއަށްވި ހުރިހާ ކަމަކީ އޭނާގެ ސިކުނޑީގައި ތާށިވެފައިވީއިރުގެ ކަމެކެވެ. ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ. އެއީ އޭނާއަށް މަންމައާއި ބައްޕަގެ ގާތުގައި އުޅުމަށް ދެވަނަ ފުރުސަތެއް ދެއްވީތީއެވެ.
(ނިމުނީ)


