އެހެން ދުނިޔެއެއް؟ – 6
ޜަނީފްގެ ފޮތް ހިފައިގެން އިނދެ އާފަލެއް ފާޅުކުރުމަށް ކިޔަވަންޖެހޭ ކިޔެވެލި ހޯދަމުން ދިޔައެވެ. ސަފުހާތައް އުކަމުންގޮސް ކިޔެވެލިތައް ލިޔެފައިވާ ސަފުހާއަށް ދެވުނެވެ. ޝަފީން އެ ކިޔެވެލި ހިތުން ކިޔާލިހެން ހުދު ކުލައިގެ ވަށްބުރެއް ފާޅުވެ، އާފަލެއް ފާޅުވިއެވެ. ފޮތް ބޭއްވުމަށްފަހު، އާފަލުގެ ރަހަ ބެލިއެވެ. ޝަފީންއަށް އާފަލުގެ މީރު ރަހަލީހެން އޭނާ އުފާވިއެވެ. އެއީ އަސްލު އާފަލުގެ ރަހައެވެ. ޝަފީން ކިޔެވެއްޔަށް ރަނގަޅަށް ބަލައިލިއެވެ. އެ ކިޔެވެލީގައި، ފަސް ބައެއް އެކުލެވެއެވެ. ފަސް ހިއްސު ކަމުގައިވާ ފެނުން، އަޑު، ވަސް، އިހުސާސް، އަދި ރަހައެވެ. މިފަހަރު އޭނާ ވިސްނަމުން ދިޔައީ އަނބެއް ހުންނަގޮތާއި، އޭގެ ވަހާއި ރަހައަށެވެ. ކުއްލިއަކަށް ޝަފީންގެ އަތަށް ހުދު ކުލައިގެ ވަށްބުރެއް ފާޅުވެ، އަނބެއް އޮތެވެ. އޭގެ ރަހަ ރަނގަޅުތޯ ބެލުމަށް ވިސްނިއެވެ. ރަހަ ބެލުމަށްފަހު ސޯފާއިން ކޮޅަށް ތެދުވިއެވެ. “ހާދަހާ މީރޭ. ހަމަ ހީވަނީ މާމަ ގޭގައިހުރި އަނބުގަހުގެ އަނބެއްހެން.” ޝަފީންއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ވީ އުފަލުން އޭގެ އިތުރަށް ބައިވަރު މޭވާތަކެއް އުފެއްދިއެވެ. ހޯދުނު ކާމިޔާބީއަށް ފަޚުރުވެރިވެ، ފޮތުގައިވާ އެހެނިހެން ބައިތަކަށް ދިޔައެވެ.
ޝަފީންއަށް އިނގުނު މައުލޫމާތު ބޭނުންކޮށް އިތުރު ކަނޑިއެއް އުފެއްދުމަށް އުޅުނެވެ. ތުނިކަންހުރި ކަމުގައިވިޔަސް ވަރުގަދަ ކަނޑިއެއް ހިތަށް އެރުވިއެވެ. މޮޅު ދަގަނޑުގެ ބާވަތަކުން އޭނާގެ ހިތުގައި އެ ކަނޑި ސިފަކުރިއެވެ. މުއްގަނޑު އޭނާގެ އަތުގައި ފާޅުވިއެވެ. ކަނޑީގެ މިޔަ އުފެދެމުންދިޔަހެން ހުދު ކުލައިގެ ޖާދޫގެ ވަށްބުރު ގެއްލުނެވެ. ޝަފީންއަށް ނިމުނު އިރު ހުރެވުނުތަންވެސް ނޭނގުނެވެ. ބޮލަށް އެނބުރުންއަރައި ބަނޑުހައިވެ، ސޯފާއަށް ވެއްޓުނެވެ. މާ ބޮޑުވަރު ނުވަނީސް ޝަފީން އަނބެއް ކާލިއެވެ. މީހާ ހަމަޖެހިލުމުން ތެދުވެ އަނެއްކާވެސް ޖަންގައްޔަށް ދިޔުމަށް ރަށުން ބޭރަށް ނުކުތެވެ. އަދި މަޑު ހިނގުމެއްގައި، ޖަންގަލީގައިވާ މަގުތަކުން ހިނގާފައި ދިޔައެވެ.
ފަތްތައް މުގުރެމުންދިޔަ އަޑުން ޝަފީންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މިއީ އޭނާއަށް އިހުސާސްވަމުންދިޔަ ހިމޭންކަމުގެ އިތުރަށް ގަސްބޯ ހިސާބަށް ވަދެވުނު ފުރަތަމަ ފަހަރަށްވެސް ވުމުންނެވެ. ޝަފީން ޖަންގަލި ތެރޭގައި ހިނގާތާ އިރުކޮޅެއް ވެއްޖެއެވެ. އޭނާއަށް ކަމެއް ޝައްކު ކުރެވެން ފެށިއެވެ. އެއީ ކޮންމެ ފަހަރަކުވެސް ކުރިމައްޗަށް ފެންނަމުންދިޔަ ބޮޑު ގަހެއް ތަކުރާރުކޮށް ދިމާވާތީއެވެ. އޭނާގެ ހިތަށް އިތުރަށް ބިރުވެރިކަންވަނެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. މިއީ އެ ނުބައި ނުލަފާ މަޚުލޫޤުގެ ކަންތައްގަނޑުކަން މިހާރު ޝަފީންއަށް ދެނެގަނެވުނެވެ. ޝަފީން ހުރިތަނަށް ހުއްޓިހުރެ، އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ. އެ މަޚުލޫޤު ހުރެދާނެކަމަށް އިރުކޮޅަކޮޅާ ފަހަތްވެސް ބަލައެވެ. ކަނޑި ނަގާ އަތަށް މަހާލިއެވެ. ކޮންމެ ފަހަރަކުވެސް ދިމާވަމުންދިޔަ ގަހުގެ ކައިރިއަށް ސަމާލުވަމުން ދިޔައެވެ.
ކުއްލިއަކަށް އެ ގަހާ ދިމާލު މަތީ އޮފިތަކުން އެއްޗެއް ފުންމައިގަތެވެ. ކަނޑި ހިފައިގެން އެ އަޑަށް ތައްޔާރުވެހުރި ޝަފީން އަވަހަށް އެ ދިމާއަށް ބަލައިލިއެވެ. މަތީގައިވާ އޮފިގަނޑުން ފައިބައިގެން އެ އަންނަނީ އެ މަޚުލޫޤެވެ. ފެހިކުލައިގެ ހަށިގަނޑެއް ވާއިރު ފަރުހަކި ވަހެއް ދުވަމުން ދިޔައެވެ. އެކި ހަނދާންތައް ޝަފީންއަށް އާވަމުން ދިޔައެވެ. ތިރިއަށް ފައިބަމުންދިޔަ އެ މަޚުލޫޤާ ދިމާއަށް ޝަފީން ކަނޑި ދިމާކުރަން ފެށިއެވެ. ނަމަވެސް އޭނާއަށް އެ ކަނޑި ގާތްނުކުރެވެނީސް އެ ކަނޑި ހުރިގޮތަށް ވިރުވާލިއެވެ. ޝަފީން ކަންބޮޑުވަމުންދިޔައީ، އޭނާ އެ ވަރުން އުފެއްދި ކަނޑި ހަލާކުވުމުންނެވެ. ބިރުން މީހާ ތުރުތުރު އަޅާ ހާލު އުފެއްދުމުގެ ޖާދޫ ބޭނުންކޮށް އާ ކަނޑިއެއް ވުޖޫދަށް ގެނުވިއެވެ. އެ މަޚުލޫޤާ ދިމާއަށް ކަނޑި ހޫރުވާލިހެން އަނެއްކާ އެ ކަނޑި ވިރުވާލިއެވެ. ޝަފީންއަށް ސަލާމަތްނުވެވިދާނެ ކަމުގެ ބިރުހީވާންފެށިއެވެ. ފަހަތަށް ފިޔަވަޅު އަޅަމުން އުފެއްދުމުގެ ޖާދޫ ބޭނުންކޮށް ވަޅިއެއް އުފެއްދިއެވެ.
މަޚުލޫޤާ ދިމާއަށް ބާރަށް އެ ވަޅި އެއްލިއެވެ. ނަމަވެސް އެ ވަޅި ޖެހުނުތަން އަވަހަށް ރަނގަޅުވެގެން ދިޔައެވެ. ޝަފީން ހަސްވާން ފެށިއެވެ. އޭނާއަށް މިތަނުން ސަލާމަތްވާނެ ގޮތެއް އިނގެނީކީއެއް ނޫނެވެ. މިއީ އޭނާގެ ނިމުން ހެއްޔެވެ؟ ދެ ދުނިޔޭންވެސް އޭނާގެ ދިރިއުޅުން އަބާއްޖަވެރިވީ ހެއްޔެވެ؟ އެ މަޚުލޫޤަކީ ކޮންފަދަ އެއްޗެއްކަން އަދިވެސް ޝަފީންއަކަށް ނޭނގެއެވެ. ޝަފީންއަށް ހިތަށް އަރަމުން ދިޔައީ އޭނާއަށް ކުރިމަތިވި ނައްސި ހާލަތްތަކެވެ. ނަމަވެސް މަންމައާއި ބައްޕަމަތިން ހަނދާންވިހެން އޭނާގެ ހިތުން އެ މަޚުލޫޤަށް ވެރިވެފައިވާ ރުޅި އިތުރަށް ގަދަވިއެވެ. އުފެއްދުމުގެ ޖާދޫ ބޭނުންކޮށް އޭނާ ހިތަށް އަރުވަމުން ދިޔައީ ހޫނުކަންގަދަ ވޭންހުރި އަލިފާނެވެ. އެ މަޚުލޫޤާ ދިމާއަށް އަތްދިއްކުރުމަށްފަހު، އަލިފާން ފާޅުކުރުވިއެވެ. އަލިފާނުން އެ މަޚުލޫޤުގެ ހަށިގަނޑު ވިރެމުންދިޔައެވެ. ނަމަވެސް އިރުކޮޅަކުން އަލުން އިޢާދަވާން ފެށިއެވެ. ޝަފީންއަށް މި މަންޒަރު ފެނި އަލިފާނުގެ ހޫނުކަން އިތުރު ކުރިއެވެ. ޝަފީންގެ ބޮލަށް އެނބުރުން އަރަމުން ދިޔައެވެ. އެ މަޚުލޫޤު ފަހަރަކަށްވުރެ ފަހަރެއް ކައިރިއަށް އަންނަމުންދިޔައެވެ. އަލިފާނުން ކަމެއް ނުވިކަން ދޭހަވިއެވެ. ދެން ޝަފީންއަށް ކުރެވޭނެ ކަމަކީ ކޮބާހެވެ؟ އޭނާގެ ހެއަށް ގޮތްވާންފެށިއެވެ. ގޮތް ދޫނުކޮށް އެ މަޚުލޫޤާ ދުރަށް ޖެހުނެވެ.
ފޮނިކަންހުރި މީރު ކަދުރެއް އުފެއްދުމަށްފަހު ޝަފީން ކާލިއެވެ. ހަށިގަނޑުގައި ވަރުޖެހެންދެން އެ މަޚުލޫޤާ ދުރަށް ހިނގަމުން ދިޔައެވެ. ޝަފީންއަށް ލެވުނުހާ ބާރެއްލައިފައި އެ މަޚުލޫޤާ ދިމާއަށް އަދި އެއްފަހަރު، އަލިފާން ދޫކުރިއެވެ. ޝަފީންގެ ހަށިގަނޑުން ވަރު ދެރަވަމުން ދިޔަހެން ހަޅޭއްލަވައިގަތެވެ. ކުއްލިއަކަށް އެ މަޚުލޫޤުގެ ހަށިގަނޑު ވިރެން ފެށިއެވެ. ބޯ ވެއްޓުމަށްފަހު، ދެ އަތް ވެއްޓުނެވެ. އެއަށްފަހު، ފައިގެ ބައިތައް ވަކިވެ، ބިމަށް ވެއްޓިގެން ދިޔައެވެ. ޝަފީންވެސް ވަރުބަލިވެ، ގައިގަ ހިރިލާނެ ހަކަތައެއް ނެތި ވެއްޓުނެވެ. ޖާދޫ ހެދުމަކީ މިހާ ވަރުބަލި ކަމެއްކަން ޝަފީންއަށް މި އެނގުނީއެވެ.
ޝަފީންއަށް ހޭވެރިކަންވީ އިރުއޮއްސުނު ފަހުންނެވެ. އޭނާއަށް ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެ މަޚުލޫޤުގެ ހަށިގަނޑުގެ ބައިތަކެވެ. އެ ކުނިގަނޑުތެރޭގައި ދިއްލޭ ގާކޮޅެއް އޮތެވެ. ނަމަވެސް އާދައިގެ ގާތަކަށްވުރެ، ބޮޑުވެފައި ފުދޭވަރަކަށް ދަޅައަރައެވެ. އޭނާގެ ބޮލުގައި އަތް އަޅައިގެން ކޮޅަށް ތެދުވެ، އެ ގާކޮޅޫ ނަގާ ޖީބަށްލިއެވެ. އަނދިރިވަމުންދިޔަ ޖަންގަލިން ނުކުންނަން ޝަފީން ހިނގައިގަތެވެ. މިއަދުހެދި ޖާދޫތަކުން ދަރަޖަ މަތިވެފައިވޭތޯ ބެލުމަށް ފޮތް ފާޅުކުރުވިއެވެ. “ދަރަޖަ ދިހައެއް؟!!” ޝަފީންއަށް ބޭއިޚްތިޔާރުގައި ބާރަށް ބުނެވުނެވެ. ހަނދު އަރާފައިވާ ދިމާ ބަލައިގެން ޝަފީން ޖަންގަލިން ނުކުމެވޭތޯ ބެލިއެވެ. މިނިކާވަގެއް ނުފެނުނު ނަމަވެސް އޭނާ ވަރުބަލިވެގެން ވެއްޓިދާނެހެން ހީވެއެވެ. ލަސްލަހުން ހިނގާފައި ޖަންގަލީގައި މަގެއް ފެނޭތޯ ގަސްތަކުގެ ތެރެ ހޯދަމުން ދިޔައެވެ.
ވަރަށް އިރު ހިނގުމަށްފަހު، ގަސް ކަނޑާފައިވާ ސަރަހައްދެއް ފެނުނެވެ. އެއީ އޭނާއަށް އެތަން ފެނުނު ފުރަތަމަ ފަހަރެވެ. އެ ހިސާބުން މަގެއް ފެނޭތޯ ހިނގަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް ބާރަށް ހިނގޭތޯ ބަލަމުން ދިޔައެވެ. ޝަފީން އަނެއްކާވެސް ކަދުރެއް ފާޅުކުރެވޭތޯ ބެލިއެވެ. އިރުކޮޅަކު ހިތަށް އެރުވުމަށްފަހު ފޮނި ކަދުރެއް އޭނާ އަތުގައި އޮތެވެ. ހަނދުން ދިއްލިފައިވާ މަގުން ހިނގަމުން އެ ކަދުރު ކާލިއެވެ. އަވަސް އަވަހަށް ހިންގަފައި އެ މަގު ހުރަސްކޮށް ދިޔައެވެ. ރަށަށް ވަދެވުނީ އެހާ ލަހުންނެވެ. އެހާ ލަސްވީ ކީއްވެތޯ ދޮރުވާނުން ސުވާލު ކުރިއެވެ. “ތަންކޮޅެއް ދުރު ސަރަހައްދަކަށް ދެވުނީމަ ލަސްވީ.” ޝަފީން ކުރު ޖަވާބެއް ދިނެވެ. ލަސްލަހުން ޜަނީފްގެ ގެއަށް މިސްރާބު ޖެހިއެވެ.
ގެއަށް ވަދެވުނު އިރު ޜަނީފް ބަދިގޭގައި އުޅޭ އަޑު އިވެއެވެ. ޝަފީންއަށް ބަދިގެއަށް ވަދެވުނެހެން ސުވާލުތައް ކުރަން ފެށިއެވެ. “ކޮންތާކުން ތިއައީ؟” ޝަފީން ޖީބުން ގާކޮޅު ނަގާ މިއަދު ވީ ކަންތައްތައް ކިޔައިދިނެވެ. އުފެއްދުމުގެ ޖާދޫ ކުރިއެރި ވާހަކައާއި އެ މަޚުލޫޤުގެ ވާހަކަތައް ކަމުން ކިޔައިދިނެވެ. ޜަނީފް އުނދުނުން ތެލި ބާލަމުން ބުންޏެވެ. “އާދޭ އިހަށް ކާން ވަރަށް ބަނޑުހައިވެފަދޯ ތިހުރީ؟” ޝަފީން ތައްޓަށް ކޮށާފައިހުރި ފަތާއި ތަރުކާރީކޮޅެއް އަޅައިގެން އިށީނދެ ބަނޑު ފުރެންދެން ކެއެވެ. ގައިގައި ވަސްދުވާތީވެ ލަސްވި ނަމަވެސް ފެންވަރަން ދިޔައެވެ. ބާލިދީއަކަށް ފެންހުރި ތާންގީއަކުން ފެން ހިފައިގެން ފާހާނާއަށްވެދެ ފެން ވަރާލިއެވެ. ޝަފީން ލައިގެންހުރި އަންނައުނުވެސް ދޮވެ ހިއްކަން އެޅިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތުގައިވެސް ޝަފީންގެ ސިކުނޑި ފުރިފައިވަނީ މިއަދުގެ ހާދިޘާތަކެވެ. މިއީ އޭނާއާ އެ މަޚުލޫޤު ދިމާވީ ދެވަނަ ފަހަރެވެ. އޭނާގެ ހަޔާތަށް ބަދު ނަސީބު ގެނުވި އެއްޗެވެ. މިއަދު އޭނާއަށް ޖާދޫ ނެހެދުނުނަމަ މި ދުނިޔެއިންވެސް އޭނާ ނިމިގެން ދިޔައީހެވެ. ޖާދޫ ހެދުމަށް ފަރިތަވާން އޭނާ ނިންމިއެވެ. ކަނޑިއަށް ފަރިތަވުމަށް ޜަނީފްގެ އެހީތެރިކަން މާދަމާ ލިބޭނެ ވާހަކަ ކާން އިށީން އިރު ބުންޏެވެ. ނިދި އައިސް ވަރުބަލި ވެފައިވާތީވެ، ތުވާލި އަނދެގެން ސޯފާގައި އޮށޯވެ ނިދީއެވެ.
އާ ދުވަހަކަށް އިރުއަރައިގެންއައީ ޝަފީން އާހިތަވެރީންގެ ހަރުގެއާ ދިމާއަށް ހިނގާފައި ދިޔަހެންނެވެ. އޭނާ އިއްޔެ މަރާލި މަޚުލޫޤުގެ ގާކޮޅު ވިއްކާލުމުން އޭނާއަށް ލިބޭނެ ފައިސާގެ މިންވަރަށް ވިސްނަމުން ދިޔައެވެ. “އެ މަޚުލޫޤަކީ ހަނގުރާމަކުރަން ހާދަހާ އުނދަގޫ އެއްޗެކޭ” ޝަފީންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. މަގުމަގުން އަޅަމުންގޮސް އާހިތަވެރީންގެ ހަރުގޭގެ ކުރިމައްޗަށް އެރިއެވެ. މައިދޮރުން ވަދެވުމާއެކު ޒަޥްލާ ހޯދުމަށް އަވަސްވެގަތެވެ. އަވަސް އަވަހަށް އެކި ދިމަދިމާ ބަލައިލި ނަމަވެސް ޒަޥްލާއެއް ފެންނާކަށް ނެތެވެ. ޔުނީފޯމު އަޅައިގެންހުރި އެހެން ކުއްޖެއްގެ ކައިރިއަށް ޝަފީން ދިޔައެވެ. ޖީބުން ގާކޮޅު ނަގާ ދައްކާލަމުން ބުންޏެވެ. “މި ގާކޮޅު ވިއްކާލެވޭނީ ކިހާވަރަކަށް؟” ގާކޮޅު ޝަފީންގެ އަތުން ނެގުމަށްފަހު ރަނގަޅަށް ބަލައިލުމަށްފަހު ބުންޏެވެ. “މިއީ ދަރަޖަ ތިނެއްގެ މަޚުލޫޤެއް. ކޮން މަޚުލޫޤެއް މިއީ؟” ޝަފީން އެ މަޚުލޫޤު ހުރިގޮތް ހަނދާނަށް ގެނެސް ކިޔައިދިނެވެ. އެ ކުއްޖާ ވިސްނާލުމަށްފަހު ބުންޏެވެ. “ތިކިޔަނީ… ފެހި މައްޔިތާ ކަންނޭނގެ.” މޭޒުގައިވާ ފޮށިގަނޑަކުން ކަރުދާހެއްނަގައި ޝަފީންއަށް ދައްކާލަމުން ބުންޏެވެ. “މި މަޚުލޫޤު ދޯ؟” ޝަފީންއަށް ޔަޤީންވުމާއެކު، އާނއެކޭ ބުންޏެވެ.
ފަސް ރިހި ފައިސާ ފޮއްޗާއެކު ހަރުގެއިން ނުކުމެ ރަށުން ބޭރަށް ދިޔުމަށް މިސްރާބު ޖެހިއެވެ. މިނިކާވަގެއް ހޯދުމަށް އުޅޭތާ މިހާރު ދެތިން ދުވަސްވެއްޖެއެވެ. ޖަންގައްޔަށް ދިޔުމަށް އޮތް މަގުން ހިނގަމުން ދިޔައިރު ޝަފީންއަށް މަޚުލޫޤުންގެ އަޑުތައް އިވެމުން ދިޔައެވެ. ޖަންގަލީގެ ގަސްތަކާއި ކައިރިވިހެން، މިނިކާވަގެއް ފުންމައިގަތެވެ. ޝަފީން ފަހަތަށް ޖެހުނުހެން ފަތިހު އުފެއްދި ކަނޑިން ހަމަލާ ދިނެވެ. މިނިކާވަގުގެ ތޫނު ދަތްތައް ޝަފީންއާ ދިމާއަށް ދިއްކުރިއެވެ. ވަގުތުގެ ބޭނުން ހިފާ ކަނޑި މިނިކާވަގުގެ ކަރާ ދިމާއަށް ހޫރުވާލިއެވެ. އޭނާގެ ގައިމައްޗަށް ވެއްޓުނީ މިނިކާވަގުގެ ފުރާނަ ނެތް ހަށިގަނޑެވެ. މިނިކާވަގު ޖަންގައްޔާ ދިމާއަށް އެއްލާލިހެން ގަސްތަކުގެ ތެރެއިން ބޮޑު މަޚުލޫޤެއް އޭތި ޖަހައިގަތެވެ. ޝަފީން ބިރުން ސިއްސައިގެންގޮސް މިނިކާވަގުގެ ބޮޮލުންނެގި ގާކޮޅު ހިފައިގެން މުހައްރު ރަށަށް އެނބުރި ދުއްވައިގަތެވެ.
ގާކޮޅު ވިއްކާލުމަށްފަހު، ލިބުނު ދެ ރިހި ފައިސާފޮތި ހިފައިގެން ގެއަށް ދިޔައެވެ. އަދިވެސް އޭނާއަށް ހީވަނީ ކޮންމެވެސް އެއްޗެއް އޭނާ ފަހަތުން އުޅޭހެންނެވެ. ޜަނީފް ހޯދުމަށް ގެއަށް ދިޔައެވެ. ޖަންގަލިން ފެނުނު މަންޒަރު ކިޔައިދެން ލަސްވެފައިހުރި ޝަފީންއަށް ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ. ޜަނީފްގެ އެނދުގައި ނިދާފައި އޮތީ އޭނައެއް ނޫނެވެ. ކަޅުކުލައިގެ ދުންތަކުން ފުރިފައިވާ މަޚުލޫޤެކެވެ. ކަޅު ކުލައިގެ ދުންފުސްގަނޑެއްހެން ހުރި އެ މަޚުލޫޤު ޝަފީންއާ ދިމާއަށް އައެވެ. ނަމަވެސް ޝަފީން ދުވެފައި ބަދިގެ ފަޅިއަށް ދިޔައެވެ. “ޜަނީފް! ޜަނީފް؟!!” ޝަފީން ބިރުން ތުރުތުރު ލައިގަތެވެ. އެ މަޚުލޫޤު ދެން ފާޅުވީ ޝަފީންގެ ފަހަތުގައިހުރި އުނދުން ކައިރިންނެވެ. “ކީއްވެ ދަރިފުޅު ބިރުން ތި އުޅެނީ؟” ޝަފީންއަށް އަޑު އިވުނީ އޭނާގެ މަންމަގެ އަޑެވެ. “ޝަފީން ފަހަތް ބަލައިލި އިރު އޭނާގެ މަންމަ އުނދުން ކައިރީ ރޮށި ފިހަން ހުއްޓެވެ. “މަންމަ؟ އެކަމު ކިހިނެތް؟”
ޝަފީން ގަބޫލުނުކޮށް ބަދިގެއިން ބޭރަށް ނުކުތެވެ. އޭނާއަށް ހައިރާންވެވުނީ އެއީ އޭނާ އުޅެ ބޮޑުވި ގެ ކަމުންނެވެ. އޭރު ސޯފާގައި އޭނާގެ ބައްޕަ ޓެލެވިޜަން ބަލަން އިނެވެ. “ދަރިފުޅާ ކިހިނެތްވެފައި ތިހުރީ؟ އާދެބަލަ ބައްޕަ ކައިރިއަށް” ސޯފާގައި އަތް ޖަހާލަމުން އަހުމަދު ބުންޏެވެ. “އެކަމު މިއީ އެހެން ދުނިޔެއެއްނު!!” ޝަފީން ޝައްކު ކުރެވެން ފެށިއެވެ. އޭނާގެ ބައްޕަ ކައިރިއަށް މަޑުމަޑުން ކައިރިވަމުން ދިޔައެވެ. ކައިރިވަމުން ދިޔަވަރަކަށް ޝަފީންއަށް ފިނިކަމެއް އިހުސާސް ކުރެވުނެވެ. ކަޅު ދުންތަކެއް ފެނުނެވެ. ޝަފީން ބިރުން ދުރަށް ޖެހެން މަސައްކަތް ކުރިއެވެ. މިއީ އަޅެ ހުވަފެނެއް ހެއްޔެވެ؟ ޝަފީން ދުރަށް ޖެހެމުން ދިޔައެވެ. ނަމަވެސް ފަހަތުން އައީ އޭނާގެ މަންމަގެ އަޑެވެ. ގެއިން ނުކުތުމަށް މައިދޮރު ހުޅުވަން ޝަފީން ދިޔައެވެ. ގައިގައިހުރި ހިތްވަރެއްނެރެ، ފައިންޖަހާ ދޮރު ވައްޓާލިއެވެ. ދޮރުގެ ބޭރުން ފެންނަންއޮތީ މާކަނޑެވެ. ޝަފީންއަށް ހަދާނެގޮތް ހުސްވެ ދެކަކޫޖަހާ އިށީނެވެ.
(ނުނިމޭ)


