އެހެން ދުނިޔެއެއް؟ – 5
އޮއްސެމުންދިޔަ އިރު އޭގެ ދޯދިތައް ފަނޑުކުރުވަމުން ފެނުގެ ތިރިއަށްގޮސް ފިލައިފިއެވެ. ދޭތެރެ ދޭތެރެއިން ޖެހިލާ ފިނި ވައިރޯޅިތަކަށް ރޯނުގައި ހިއްކަން އަޅާފައިހުރި އަންނައުނުތައް ހެލިލައެވެ. ޝަފީންއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އަނދެގެން އުޅުނު ތުވާލި ހެޔޮވަރުކޮށްލަމުން ބޭރަށް ނުކުތެވެ. ރޯނުގައި އަޅާފައިހުރި އަންނައުނު ހިފައިގެން އެތެރެއަށްވަދެ، އެ އަންނައުނަށް ބަދަލުވިއެވެ. ގޭތެރެއަށް އަނދިރިކަން ވެރިވެފައިވުމާއެކު، އަލިފާނުގެ ވޮށްތައް ދިއްލާލިއެވެ. ބަދިގޭގައި ކާ އެއްޗެއްހުރިތޯ ބަލަން ދިޔައެވެ. ނަމަވެސް އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ޝަފީން ސިހިގެން ދިޔައީ ފެންޑާއިން ޜަނީފް އޭނާއަށް ގޮވާލުމުންނެވެ.
ޜަނީފްގެ އަތުގައި އަޅުވާފައިހުރި ތަރުކާރީ ކޮތަޅު ހިފައިގެން ބަދިގެއަށް ދިޔައެވެ. ތަރުކާރީ ކޮށައި ތައްޔާރު ކުރިއެވެ. އެއަށްފަހު ޝަފީން ޜަނީފްއާއެކު، ކާން އިށީނެވެ. “ކޮބާ މިއަދު ކޮން ކަމެއްތަ ކުރީ؟” ޝަފީން އަހާލިއެވެ. “މިއަދު… އުޅުނީ ދަރަޖަ ތިނެއްގެ މަޚުލޫޤު ހޯދަންވެގެން. އެކަމު ނުފެނުނު.” ޜަނީފް ޝަފީންއާ ދިމާއަށް ބަލައިލަމުން ބުންޏެވެ. “އަހާލަންތަ ސުވާލެއް؟” ޝަފީން މިއަދު އޭނާއަށް ވިސްނުނު ކަމެއް ސުވާލުކުރަން ބޭނުންވިއެވެ. “ކޮށްބަލަ!” ޜަނީފް ގަބޫލުވިއެވެ. “އަހަރެން މި ދުނިޔެއަށް ވުޖޫދުވީ ކިހިނަކުން؟ ނޫނީ ޜަނީފް އަހަރެން މި ދުނިޔެއަށް ގެނައީތަ؟” ޝަފީން އޭނާގެ ސުވާލު ކުރިއެވެ. “ތިއީ އަހަންނަށް ޖަވާބު ދޭކަށް އިނގޭ ސުވާލެއް ނޫން. އެކަމު ޝަފީންއަށް ހަމަލާ ދިން މަޚުލޫޤު މެރުމަށް ހަވާލުވީ އަހަރެން.” ޜަނީފް ވިސްނަން ހުރެފައި ބުންޏެވެ. “ވެދާނެ އަހަރެން އެވަގުތު ކައިރީގައި ހުރީމަ ކަމަށްވެސް.” ޜަނީފް ޚިޔާލެއް ދިނެވެ.
“އެކީއްވެތަ މަޚުލޫޤުންގެ ދަރަޖަތައް ހުންނަނީ؟” ޝަފީން ކުއްލިއަކަށް ހަނދާންވެގެން ސުވާލުކުރިއެވެ. “ޖަނަވާރުންގެ ގައިގަ ބާރު ހުންނާނެ. އެއާ ހަނގުރާމަކުރުމަށް ކުޅަދާނަ މީހުންނަށް އެ މަޚުލޫޤެއް މަރާލެވޭނެ. މަޚުލޫޤުން ހުންނަ ފަދައިން އާހިތަވެރީންގެ ދަރަޖަތައްވެސް ހުންނާނެ. ފޮތް ބަލާބަލަ.” ޜަނީފް މޭޒުމަތީގައިހުރި ތަށިތައް ނަގަމުން ބުންޏެވެ. ޝަފީން އޭނާގެ ފޮތް ވުޖޫދަށް ގެނުވިއެވެ. އޭގައި އޭނާގެ ދަރަޖައަކީ ކޮބާތޯ ބެލިއެވެ. “އަހަންނަކީ ދަރަޖަ ކާފު(ކ). އެއީ ކޮން ދަރަޖައެއް.” ޝަފީން ބާރަށް ބުންޏެވެ. “އެއީ އާހިތަވެރީންގެ ތެރެއިން އެންމެ ދަށުންވާ ދަރަޖަ.” ޜަނީފް ތަށިތައް ދޮންނަމުން ބުންޏެވެ. ޝަފީންގެ މޫނަށް ވެރިވެފައިވާ ހިނިތުންވުން ފުހެވިގެން ދިޔައެވެ. ޝަފީން އަޑުމަޑުވިހެން ޜަނީފް ބުންޏެވެ. “ދަރަޖަ މަތިކުރެވޭނެއޭ. އަދި ދެރަވާކަށް ނުވޭންނު!” ޜަނީފް ހިތްވަރު ދިނެވެ. ޝަފީންއާއި ޜަނީފް ދެމީހުންވެސް މާދަމާ ހެނދުނު ކަނޑީގެ ތަމުރީނުވުމަށް އެއްބަސްވެ ނިދިއެވެ.
ތެތްފިނިކަން ވެރިވެފައިވާ މާހައުލަށް ހޫނުކަން ގެންނަންފެށީ އިރުގެ ރަން ދޯދިތަކުންނެވެ. އަިރުގެ ދޯދިތައް ކޮޓަރިއަށް އެޅުނުހެން ޝަފީން އެނދުން ތެދުވިއެވެ. ލައިގެންހުރި އަންނައުނު ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު، ކަނޑި ހިފައިގެން ބޭރަށް ނުކުތެވެ. އޭރުވެސް ޜަނީފް ގަދަ ނިދީގައި ގުގުރިދަމަން އޮތެވެ. ޝަފީން އެ ގެއާ ކައިރީގައިހުރި ގަހެއްގައި ކަނޑިން ޖަހަންފެށިއެވެ. އެކި ގޮތްގޮތަށް ކަނޑި އަތަށް މަހާލަމުން ކަނޑިއަށް ފަރިތަވިއެވެ. އަތް ވާޅުވަންދެން ކަނޑި ހޫރުވަން ހުއްޓެވެ. ވަރުބަލިވިހެން ފެންބުޔުމަށް ބަދިގެއަށްވަނެވެ. އޭރު ޜަނީފް ތެދުވެ އުޅޭއަޑު ކޮޓަރިތެރެއިން އިވެއެވެ. ހަމަޖެހިލުމަށްފަހު އަނެއްކާވެސް، ބޭރަށް ނުކުމެ ކަނޑިން ތަމުރީނުވާން ފެށިއެވެ. އިރުކޮޅަކުން ޝަފީން ނުކުމެ ބުންޏެވެ. “ތިހެން ކަނޑި ހޫރުވިޔަކަސް، ކަނޑި ގެންގުޅޭކަށް ތަމުރީނެއް ނުވާނެ.” އެހެން ބުނުމަށްފަހު ޜަނިފް އޭނާގެ ކަނޑި އަތަށް ފާޅުކޮށް، ޝަފީންއާ ކުރިމަތިލިއެވެ. “އާދޭ އަހަންނާ ހަނގުރާމަކުރަން. އޭރަށް ފަރިތަވާނީ.”
ޝަފީން އޭނާގެ ބައްޕަ ބުނި ބަހެއް ހަނދާންވެ ފަސްޖެހެން ފެށިއެވެ. އަނިޔާވެރިކަމަކީ ރަނގަޅުކަމެއް ނޫންކަން ޝަފީންއަށް އިނގެއެވެ. “ތިހެން ހުރެގެން މަޚުލޫޤު އައިސް ކަލޭ ކާލާނީ!” ޜަނީފް ހަޅޭއްލަވައިގަތެވެ. ޝަފީން ހަނދާންވީ އޭނާއަށް އަވަލައިގެން އުޅުނު މަޚުލޫގުގެ މަތީންނެވެ. އޭނާގެ ހިތުގައި ރުޅި އުފެދެން ފެށިއެވެ. ފުން ނޭވާއެއްލުމަށްފަހު، ޝަފީން ދުއްވައިގަތެވެ. ބާރު ދުވެލީގައިގޮސް ޜަނީފްއާ ދިމާއަށް ކަނޑި ހޫރުވާލިއެވެ. ނަމަވެސް ޜަނީފް ވަގުތުން ޝަފީންގެ ކަނޑި ދުރަށް އެއްލާލިއެވެ. “ސީދާ އަންނަ ގޮތަށް ހޫރާލައިފިއްޔާ އިނގޭނެ. ކަނޑި ހިފައިގެން އާދޭ!” ޜަނީފް ކިޔައިދެމުން ދިޔައެވެ. އެކި ފަހަރުމަތިން ޝަފީން އެކި ގޮތްގޮތަށް ކަނޑި ގެންގުޅުނެވެ. އެހެންނަމަވެސް ޝަފީންއަށް އަބަދުވެސް ހީވަނީ ޜަނީފް ހުންނަނީ އެއްފިޔަވަޅު ކުރީގައި ހެންނެވެ. މެންދުރުވާން އުޅުނުހެން ޝަފީން ވަރުބަލިވެގެން ވެއްޓޭވަރު ވިއެވެ. އަދިވެސް އޭނާގެ ކަނޑި އަތުގައެއް ނުބޭއްވެއެވެ. ޜަނީފް ކޮންމެ ފަހަރަކުވެސް، ޝަފީންގެ ކަނޑި ދުރަށް އެއްލާލައެވެ.
ވަރުބަލިވެ މާނޭވާލެވެމުންދިޔަ އިރުވެސް ޝަފީން ކޮޅަށްތެދުވެ ކަނޑި ހިފައިގެން ދުވެފައި ދިޔައެވެ. މިފަހަރު ކަނޑި ހިފައިގެން ދިޔަގޮތަށް ޜަނީފްގެ ކަނޑީގައި ޖަހަން އުޅޭގޮތަށް ހަދާލިއެވެ. ނަމަވެސް އެންމެފަހު ވަގުތުގައި ކަނޑި ހޫރުވާލީ ޜަނީފްގެ ކަނޑީގެ ދަށުން އޭނާގެ މެޔާ ދިމާއަށެވެ. ޜަނީފް ފަހަތަށް ފުންމައިގަތެވެ. އަދި ޝަފީންގެ ކަނޑި އަނެއްފަހަރަށް ދުރަށް އެއްލާލިއެވެ. “މިއަދަށްވާނެ. ދެންދޭ ފެންވަރަން.” ޜަނީފް އޭނާގެ ކަނޑި ސާފުކުރުމަށް ފެންޑާގައިހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. ޝަފީން ފާހަނައަށްވަދެ އަންނައުނާއެކު ފެންވެރިއެވެ. ހަށިގަނޑަށް އަރާފައިވާ ހޫނު ނެތިގެން ދިޔަހެން ގައިގަ ވަރުޖެހެން ފެށިއެވެ.
އަންނައުނު ހިއްކަން އެޅުމަށްފަހު، ޝަފީން ތުވާލި އަނދެގެން ކޮޓަރީގައިހުރި ސޯފާގައި އިށީނެވެ. އަދިވެސް ފުންކޮށް ނޭވާލަމުންދިޔައިރު އޭނާގެ ފޮތް ވުޖޫދަށް ގެނުވިއެވެ. ފޮތުގެ ސަފުހާތަށް އެއްލަމުން ބަލަމުން ގެންދިޔައެވެ. ‘ހުނަރު’ ސުރުހީއަކަށް ޖަހާފައިވާ ސަފުހާއަކުން ކަނޑި ގެންގުޅުމުގެ ހުނަރު ދަރަޖަ ފަހެއް ޖެހިފައިވާތަން ފެނުނެވެ. ވީ އުފަލުން ޝަފީންއަށް ހިނިތުންވެވުނެވެ. އަދި ލޮލުން ކަރުނައެއް އަޅާލެވުނެވެ. އޭނާ ކުރި މަސައްކަތުގެ ފޮނި ނަތީޖާ އޭނާއަށް ފެނުމުން އަސަރު ކުރީއެވެ. އަދިވެސް އެ ފޮތުގައިވާ އެހެނިހެން ސަފުހާތައް ބެލިއެވެ. ޖާދޫގެ ސުރުހީގެ ދަށުން އުފެއްދުމުގެ ޖާދޫ ދަރަޖަ ދޭއް އޮތްތަން ފެނުނެވެ. އޭނާގެ ހިތަށް އަރަމުންދިޔައީ މި ޖާދޫގެ ކިޔެވެލިތައް އޭނާ އަމިއްލައަށް ކިޔަން އިނގޭނެބާއެވެ.
އޭރު ކޮޓަރިއަށް ވަދެގެންއައި ޜަނީފް ފެނި ޝަފީން ސުވާލުކުރިއެވެ. “އުފެއްދުމުގެ ޖާދޫގެ ދަރަޖަ މަތިކުރަން ހަދާނީ ކިހިނެތް؟” ޜަނީފް އާދައިގެ ގޮތަކަށް ބުންޏެވެ. “ހުންނާނެ ކިޔަވާ ކޮޓަރީގައި ފޮތްތަކެއް. އޭގެން ބަލައިލަބަ. އޭރަށް އިނގިދާނެ. އިހަށް މިވަންނަނީ ފެންވަރަން.” ޝަފީން ލަސްނުކޮށް ކިޔަވާ ކޮޓަރިއަށް ދިޔައެވެ. އަދި މޭޒުމަތި ހާވަން ފެށިއެވެ. އިރުކޮޅަކުން އުފެއްދުމުގެ ޖާދޫ ޖަހާފައިވާ ފޮތެއް ފެނުނެވެ. އެ ފޮތް ހިފައިގެން ކިޔުމަށް ސޯފާއަށް އެނބުރި އައެވެ. ފޮތުގައިވާ ފުރަތަމަ ފަސް ސަފުހާ ކިޔުނުހެން ޜަނީފް ފާހާނާއިން ނުކުތެވެ. “ކޮބާ އެއްޗެއް ދަސްވެއްޖެތަ؟” ޜަނީފް ފޮއްޓަކުން އާ އަންނައުނެއް ނަގަމުން ސުވާލުކުރިއެވެ. “ނޫން އަދި އެހާ ބޮޑަކަށް ދަހެއްނުވޭ.” ޝަފީން ފޮތުގެ ގަނޑު އެއްލަމުން ބުންޏެވެ.
ހަވީރުގެ ވަގުތުވީއިރުވެސް ޝަފީން އެ ފޮތަށް ލޯބޮޑުކޮށްގެން ކިޔަން އޮތެވެ. ޜަނީފް ފެންވަރުމަށްފަހު ނިދާފައި އޮތެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އެ ފޮތުގައިވާ ކިޔެވެއްޔެއް ކިއެވެ. ޝަފީންގެ އަތާ ދިމާއަށް ހުދު ކުލައިގެ ވަށްބުރެއް ފާޅުވުމަށްފަހު، އަތުގައި އާފަލެއް އޮތެވެ. “ހާދަ ފައްކަލޭ!” ޝަފީންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އަދިވެސް އެއްފަހަރު އަނބެއް ފާޅުކުރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ފާޅުވީ އާފަލެކެވެ. ދެތިން ފަހަރު މަސައްކަތް ކުރިހެން އޭނާއަށް އެއްޗެއް ވިސްނިގެން ދިޔައެވެ. ޝަފީންގެ ނަޒަރުގައި ކިޔެވެލީގެ ބޭނުމެއް ނެތެވެ. އެއީ އޭނާއަށް މިހާރު ހިތަށް އަރުވާލުމާއެކު ޖާދޫގެ ވަށްބުރު ފާޅުވެ، ހިތަށް އެރުވި މޭވާއެއް ފާޅުވާތީއެވެ. ނަމަވެސް ކޮންމެ ފަހަރަކު، ޝަފީން ވަރުބަލިވަމުން ދިޔައެވެ. ކަނޑި ހިފައިގެން ތަމުރީނުވުމެކޭ އެއްފަދައިން ވަރުބަލި ކުރުވިއެވެ. ބަނޑުހައިވާން ފެށިއެވެ. ޖާދޫ ހެދުން ހުއްޓުމަށްފަހު، ފާޅުކުރި އާފަލެއް ކާލިއެވެ.
އާފަލުގައި ހުންނަންޖެހޭ ފޮނިކަމެއް އެއަކު ނެތެވެ. ނަމަވެސް ހައިވެފައި ހުރިވަރުން އަޅައިނުލާ އާފަލު އެއްކޮށް ހުސްކޮށްލިއެވެ. އިރުގެ އަވި ފަނޑުވިހެން ޝަފީން ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާގެ ހަށިގަނޑުގައި ވޭން އަޅައެވެ. ގައިގަ ރިއްސިޔަސް ހެޔޮކަމަށް ކަނޑި ހިފައިގެން ތަމުރީނުވާން ފެށިއެވެ. ގަހުގެ މައިގަނޑުގައި އެކި ހުނަރުތައް ބޭނުންކުރިއެވެ. އެކި ފަހަރުމަތިން ކަނޑި ހޫރުމަށްފަހު ހަމަޖެހިލުމަށް ގަސްދޮށުގައި އިށީނެވެ. އަދި އޭނާގެ ފޮތް ވައިގެ ތެރެއަށް ފާޅުކުރުވިއެވެ. ކަނޑި ގެންގުޅުމުގެ ހުނަރު ހަވަނައަށް އަދި އުފެއްދުމުގެ ޖާދޫ ތިންވަނަ ދަރަޖައަށް ގޮސްފައިވެއެވެ. މިއަދުގެ ކުރިއެރުމަށް އަމިއްލައަށް ފަޚުރުވެރިވެ، ޝަފީންގެ މޫނަށް ހިނިތުންވުމެއް ފާޅުކުރިއެވެ.
އޮއްސެމުންދިޔަ އިރަށް ބަލަން އިން ޝަފީން އަދިވެސް ވިސްނަމުން ދިޔައީ އޭނާ މިދުނިޔޭގައި އުޅެންޖެހޭނެ ގޮތާމެދުއެވެ. އޭނާއަށް މި ދުނިޔޭން ދަންނަ އުޅެނީ ދެތިން މީހެކެވެ. ހާލުގައި ޖެހޭ ދުވަހު، އެހީއެއް ފޯރުކޮއްދޭން އޭނާގެ ބައްޕަ ނުހުންނާނެކަން މިހާރު އޭނާ ދަނެއެވެ. ޝަފީންއަށް އޭނާގެ ބައްޕަ ބުނި ބަސްކޮޅެއް ހަނދާނަށް އައެވެ. ހާލަތެއް ދިމާވުމުން ކެތްތެރިވާންބުނި ހަނދާންވެ، ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. މިފަދަ ހާލަތެއްގައި އޭނާގެ މަންމަގެ ފިރުމުންތަކުންވެސް މަހުރޫމުވީއެވެ. އާދައިގެމަތިން އޭނާއަށް ލިބެމުންދިޔަ އަޅާލުމާއި ލޯބި މިހާރު ލިބޭނެ ހެއްޔެވެ؟ ދުނިޔެއަކީ ކެހިވެރި ތަނެކޭ ބައްޕަ އަބަދުވެސް ބުނެއެވެ. ނަމަވެސް ޝަފީންއަށް އިނގޭގޮތުގައި މިއީ އަދި އެއަށްވުރެ ބޮޑަށް ގޮންޖެހުންތައް ކުރިމަތިވާނެ ދުނިޔެއެކެވެ. ޝަފީން ސިހިގެން ދިޔައީ ފަހަތުން އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. ޜަނީފް ހުރިތަންފެނި، ޝަފީން ލޮލުގައިހުރި ކަރުނަތައް ފުހެލުމަށްފަހު ތެދުވިއެވެ. ޜަނީފްގެ އެދުމާއެކު، ޝަފީން ބާޒާރަށް ދިޔައެވެ. ގަންނަންބުނި ތަރުކާރީގެ ބާވަތްތައް ގަތުމަށް އަވަސްވެގަތެވެ.
ތަރުކާރީ ގެނައުމަށްފަހު، ޜަނީފް ކާތަކެތި ތައްޔާރުކޮށްދިނެވެ. ޝަފީންވެސް އޭނާއަށް ވެވުނު އެހީއެއްވިއެވެ. ކައްކަން ތެލި އުދައިގެންހުރެ، ޜަނީފް ސުވާލުކުރިއެވެ. “މިއަދު ކަނޑި ގެންގުޅުމުގެ ދަރަޖަ މަތިވިތަ؟” ހަޑިވެފައިވާ ތަށިތައް ސިންކަށްލަމުން ޝަފީން ބުންޏެވެ. “ދަރަޖަ ހަޔަކަށް ގޮސްފައިވޭ.” ޜަނީފް ހަނދާންވެގެން ސުވާލު ކުރިއެވެ. “ސޯފާގައި އެހުރީ ކޮން އާފަލުތަކަކާއި، އަނބުތަކެއް؟” ޝަފީން އުފެއްދުމުގެ ޖާދޫ ފަރިތަކުރި ވާހަކަ ބުންޏެވެ. “އެކަމު އެ މޭވާތަކުން ރަހަ ވަރަށް ތަފާތު! އެ ކީއްވެ؟” ޝަފީން ސުވާލު ކުރިއެވެ. “ކިޔެވެލި ނުކިޔަވަންދޯ؟” ޜަނީފްވެސް ކުރީ ސުވާލެވެ. “ލައްބަ. ހިތަށް އަރާފަހުން އަތްމައްޗަށް ފާޅުވޭ. އެހެންވެ.” ޝަފީން ކުރު ޖަވާބެއް ދިނެވެ. “އެގޮތަށް އުފެދޭ އެއްޗެހި ފުރިހަމައެއް ނުވާނެ. ކިޔެވެލި ކިޔަވައިފިނަމަ އެއްކޮށް ފުރިހަމަވާނެ.” ޜަނީފް ކެކިފައިހުރި ތެލި އުނދުން މަތިން ބާލަމުން ބުންޏެވެ. ދެ މީހުންވެސް ތައްޓަށް ކާން އަޅައިގެން ކާމޭޒުގައި އިށީނެވެ. ހިމޭނުންތިބެ ދެ މީހުންވެސް ކައިގެން އޮށޯވެ ނިދިއެވެ.
އާ ދުވަހަކަށް އިރުއަރައިގެންއައީ ޝަފީން އާހިތަވެރީންގެ ހަރުގެއަށް ދިޔަހެންނެވެ. ބޭރުގައިވާ ބޯޑުން އައު މުހިންމަތެއް ނެގިއެވެ. އޭގައި ޖަހާފައިވަނީ ދަރަޖަފަހެއްގެ މިނިކާވަގެއް މެރުމަށެވެ. ލަސްނުކޮށް ކައިރީގައިވާ ޖަންގައްޔަށް މިސްރާބު ޖެހިއެވެ. ޝަފީންއަށް ދެވުނުހާ ބާރަކަށް ޖަންގަލީގެ މެދަކާ ހިސާބަށް ވަނެވެ. އޭނާއަށް ކުރިން މިނިކާވަގު ފެނުނު ސަރަހައްދަށް ދިޔައެވެ. ގަހެއްގެ ނިވަލުގައި ފިލައިގެންހުރެ، މިނިކާވަގެއް ފެންނަންދެން ހުއްޓެވެ. މެންދުރާ ގާތްވި އިރުވެސް މިނިކާވަގެއްގެ ހިލަމެއް ނުވިއެވެ. ވަރަށް އިރު މަޑުކުރުމަށްފަހު، އެނބުރި ރަށަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އޭނާގެ ބަނޑުގައި އެއްޗެއް ނެތުމާއެކު ލަސްލަހުން ހިނގާފައި ދިޔައެވެ. ރަށަށް ވަދެވުނުހެން އަލްފަންއާއި ސަޔާރާއާ ދިމާވިއެވެ. “ކޮބާ ޝަފީން ހާލު ކިހިނެތް؟” ސަޔާރާ ސުވާލު ކުރިއެވެ.
“ރަނގަޅު. ކިހިނެތް ހުރިހާ އެންމެން؟” ޝަފީންވެސް އެ މީހުންގެ ހާލުއަހުވާލު ބެލިއެވެ. “ރަނގަޅު. ޝަފީންއަށް ޝުކުރު އަދާކުރަން. އެ ދުވަހު ޒޫލާ ސަލާމަތްކޮށްދިނުމުން.” އަލްފަން ކަނޑި އަތަށް މަހާލަމުން ބުންޏެވެ. “ކޮންތާކަށް ތި ދަނީ؟” ޝަފީން ސުވާލު ކުރިއެވެ. “މިހާރު މިދަނީ މުހިންމަތެއް އަދާކުރުމަށް ޖަންގަލިތެރެއަށް.” ސަޔާރާ ބުންޏެވެ. ޝަފީން އެމީހުންގާތު ދަނީއޭ ބުނުމަށްފަހު، ޜަނީފްގެ ގެއަށް މިސްރާބު ޖެހިއެވެ. ލަސްނުކޮށް ބަދިގެއަށްވަދެ، ރޭގައި ބާކީވެފައި ހުރި ތަރުކާރީކޮޅު ތައްޓަށް އެޅުމަށްފަހު ކާން އިށީނެވެ. ހައިވެފައި ހުރިވަރުން އަވަހަށް ކައި ނިންމާލިއެވެ. އެއަށްފަހު، އުފެއްދުމުގެ ޖާދޫ ހެދުމަށް ސޯފާއަށް ދިޔައެވެ.
(ނުނިމޭ)


