ޒާޔާ – 2 (ދިހަވަނަ ބައި)
ޒާޔާ ކިޔައިދިން ވާހަކަތަކާ މެދު ވިސްނަން އޮތް ޝަޒާއަށް ކުއްލިއަކަށް އޮތްތަނުން ތެދުވެވުނެވެ. ސޯފާގައި ރަނގަޅަށް އިށީންދެ، ޝަޒާ ވިސްނަން އިނީ ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރާ އުސޫލުންނެވެ. “މަގާމުން ވަކި ކުރުން. އެއްވެސް އިދާރާއަކުން ޖަވާބު ނުދިނުން. އެސްޕެޝަލީ ޕޮލިސް. އެންޑް… ލިއަމްބެ އާ ޒަމްލާ ގެއްލުނީ ވެސް އެއްދުވަހެއްގަ..” ޝަޒާ މަޑުމަޑުން ކިޔަމުން ދިޔައެވެ. ޕަޒްލް އެއް ރާވާ އުސޫލުން ޝަޒާ ސިކުނޑި ތެރޭ އެ ކަންތައް އެއްކޮށްގެން ނަތީޖާއަކާ ހަމައަށް ފޯރާތޯ މަސައްކަތް ކުރިއެވެ. މިނެޓްތަކެއް ތެރޭ އެކަން ޝަޒާއަށް ކާމިޔާބުވިއެވެ.
“މިހުރިހާ ކަމަކާ ކޮންމެވެސް އެއްކަމެއް ގުޅުން އެބަހުރި އައި ނޯ ދެޓް. ޕޮލިސް.. ޕޮލިސް.. ޔެސް. ޒާމިލް. ޓައިމް ޓު ސްޓާޓް މައި ވަރކް.”
**********
ހޮސްޕިޓަލުގައި އުޅެފައި ޒާމިލަށް ގެއަށް އާދެވުނު އިރު ގަޑިން އަށެއް ޖަހަނީއެވެ. ކޮޓަރިއަށް ވަދެ ރީތިވެ ނަމާދުކޮށްގެން ނުކުމެ މަންމަ ކައިރިއަށް ދާން އަވަސްވެގަތެވެ.
މަންމަގެ ކޮޓަރީ ދޮރުގައި ޓަކިދިނުމާއެކު އެތެރެއަށް ވަނުމަށް ބުނުމުން ޒާމިލް މަޑުމަޑުން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. އޭރު ފޯނު ހިފައިގެން މަންމަ އިން ތަން ޒާމިލަށް ފެނުނެވެ.
“ޒާމިލް ކައިގެންތަ ތިއުޅެނީ؟ މިއަދު ހާދަ ލަހުން ގެއަށް އައީ؟” ފޯނު ބާއްވަމުން ޒާޔާ ސުވާލުކުރިއެވެ. “އާނ. ސޮރީ މަންމާ. މަންމައަށް ގުޅާލަން ވަގުތެއްވެސް ނުލިބުނީ ހޮސްޕިޓަލުގަ އުޅެން ޖެހުނީމަ.” ޒާޔާ ކައިރީ އެނދުގައި އިށީންނަމުން ޒާމިލް ބުންޏެވެ. “އެ މައްސަލައެއް ނޫން ދަރިފުޅާ. ރޭގަ ވީ ކަންތައް އެއީ ކިހިނެތް ކިހިނެތް ވީ ކަމެކޯ؟” ޒާޔާ އެހިއެވެ. “ނޭނގެ އެއްގޮތަކަށް ވެސް. ދަންވަރު މަގުމަތީ އުޅުނު ގުރޫޕެއް. އެ މީހުނަށް ވެސް ޝައްކު ކުރެވޭ. އެކަމަކު އެމީހުން ބުނޭ އެމީހުން ކުރިކަމެއް ނޫނޭ. ތެދެއް އެއީ. ފޫޓޭޖްތައް ބެލިއިރު ފެންނަނީ މޭމް މަގުމަތީ ދުވާތަން. ދެން ކުއްލިއަކަށް ވެއްޓޭތަން.” ޒާމިލަ ކިޔައިދިނެވެ.
“ދެން ތި ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުކުތްތަ؟” ޒާޔާ އެހިއެވެ. “ނޫނޭ. އަސްލު މާ ބޮޑަށް ބަލަން ޖެހޭ ކަމެއްވެސް ނޫން ކަންނޭނގެ. އެކަމަކު މޭމް ވީމަ. އެމީހުން އެހާ ބޮޑަށް އެ މައްސަލަ އެ ބަލަނީ.. އެތަނަށް ދިޔަ ބައެއް ފުލުހުންނަށް ފެނުނޯ މޭމް ކައިރީ މީހަކު ހުއްޓަ. އެހާ ރީތިކޮށެއް ނުފެނެޔޯ. ވަރުގަދަ އަލިގަނޑެއްވެސް އެ ދިމާލުން ފެނުނު ވާހަކަތަކެއް ކިޔާ އުޅުނު.” ޒާމިލް ވާހަކަތައް ކިޔައިދިންދިންހެން ޒާޔާގެ ސިކުނޑީގައި މަލައިކާގެ ސޫރަ ކުރެހެމުން ދިޔައެވެ.
ޒާމިލް ބޭރަށް ދިޔުމުން އަނެއްކާވެސް ޒާޔާއަށް ޒާމިލް ދެއްކި ވާހަކަތަކާމެދު ވިސްނަން އިނދެވުނެވެ. ދުނިޔޭގެ ބިމުގައި މަލައިކާ ނޫނަސް އެހެން ޖިންނީން އުޅޭކަން ޒާޔާ ދަނެއެވެ. އެހެންނަމަވެސް އެ ދިމާވި ކަންތައްތަކުގެ ފަހަތުގައި މަލައިކާގެ އަތެއް ވާނެއޭ ޒާޔާގެ ހިތް ބުނަނީއެވެ. ކޮންމެއަކަސް އެކަމާމެދު ވިސްނަން ޒާޔާއަށް މާ ގިނަ ވަގުތަކު ނީންދެވުނެވެ. ބައްޕަ ގުޅަން ފެށުމުން ޒާޔާ ނުކުތީ ބައްޕައަށް ކާން ހަދައިދޭށެވެ.
*********
ކާން ތައްޔާރުކޮށްފައި ޒާޔާ ނިހާނަށް ގޮވަން އުޅުނު ވަގުތަކީ، ނިހާން ބަދިގެއަށް ވަތް ވަގުތެވެ. ބައްޕަ މަޑުމަޑުން ހިނގައިފައި އައިސް ކާމޭޒު ކައިރީ އިށީން މަންޒަރު ފެނުމުން ޒާޔާއަށް ވާހަކަދެއްކުނެވެ. “ބައްޕަ ފަޔަށް އަދިވެސް ތަދުވޭތަ؟” ޒާޔާ ސުވާލުކުރުމާއެކު ނިހާން ނޫނެކޭ ބުންޏެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ނިހާން ކަމަކާ ވިސްނަން އިންކަން ޒާޔާއަށް ފާހަގަކުރެވުނެވެ. “ބައްޕާ. ކިހިނެތް ވެފަ؟” ނިހާން ކައިރީގައި އިށީންނަމުން ޒާޔާ އެހިއެވެ.
“ނިހާ އުޅޭ ގޮތެއް ބައްޕައަކަށް ކަމަކު ނުދޭ ޒާޔާ.. އަނެއްކާ ދަރިފުޅުގެ ފަރުވާގެ ކަންތަކާވެސް ބައްޕައަށް އެހާ ވިސްނޭ.” ނިހާނަށް އުނދަގޫކުރާ ޚިޔާލުތައް ޒާޔާއާ ޚިއްޞާ ކުރިއެވެ. “ކީކޭ ދެން ބުނާނީ ބައްޕާ. ދަރިން މަތިން ހަނދާން ނެތުނު ގޮތަށް، ނިހާ މަތިންވެސް ހަނދާން ނެތުނީ. ބައްޕަ މަތިން ވެސް.. ސޮރީ ބައްޕާ.” ޒާޔާއަށް ބުނެވުނެވެ. “އެހާ ދެރަވާ ކަމެއް ނޫން ދަރިފުޅާ.. ބައްޕައަކަށްނު ވިސްނޭނީ ދަރިފުޅުގެ ހާލަތު ހުރި ގޮތް. އެ ދުވަސްކޮޅާ ބަލާފަ މިހާރު ދަރިފުޅު ވަރަށް ހިތްވަރު ކުރާ މަންޒަރު ބައްޕައަށް ފެނޭ. ޝަޒާ ބުނާ ގޮތަށް ކަންތައް ކުރަމުތަ ދަރިފުޅު؟” ނިހާން އެހިއެވެ. ޒާޔާ އާނއެކޭ ބުންޏެވެ.
ނިހާން ކައި ނިމުމުން ބަދިގޭގައި ކުރަންވީ ކަންތައް ކޮށް ނިންމައިލުމަށް ފަހު ޒާޔާ ބޭރަށް ނުކުތެވެ. ގޯތިތެރެއަށް ނުކުމެ ހާމައަށް ފެންނަން އޮތް އުޑުމައްޗަށް ނަޒަރެއް ދިނެވެ. ވާރޭ ވެހެން އުޅޭކަމުގެ ނިޝާންތައް އޭރު އުޑުމަތިން ފެންނަމުން ދިޔައެވެ. އުޑުމަތިން އެންމެ ތަރިއެއް ވެސް ފެންނަން ނެތުމުން ވިލާ ބޯކޮށްފައި އޮތްކަން އެނގިގެން ދެއެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު ގޯތިތެރޭ ބަހައްޓާފައި ހުރި ހުދުކުލައިގެ އުނދޯލީގައި ޒާޔާ އިށީނެވެ. އަދި ފޯނު ނެގުމަށްފަހު ނިހާއަށް ގުޅައިލިއެވެ. ޒާޔާ ނިހާއަށް ގުޅީ އޭނާ ފޯނު ނަގާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އެހެނަސް، މިރޭ ޒާޔާގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. ދެތިން ރިންގަށްފަހު ނިހާ ފޯނު ނަގައިފިއެވެ.
ނިހާގެ ހާލު ބަލައިލުމަށްފަހު ދެން ޒާޔާ ދެއްކީ ބައްޕަގެ ވާހަކައެވެ. “ނިހާ. ބައްޕަ ވަރަށް ދެރަވެފަ ހުންނަނީ….” ޒާޔާ ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއީ ދެން ބުނަން އޮތް ވާހަކަ ބުނެފިއްޔާ ނިހާ ރުޅި އަންނާނެކަން އެނގޭތީއެވެ. “ކޮންކަމަކާ؟ ބައްޕަ ދެރަވާން ބައްޕަ އެކަންޏެއްވެސް ނޫން ދޯ. އާނ.. ބައްޕަ ދެރަވާނެ ބައްޕަ ކައިރީ ތިބި ބަޔަކު ބައްޕައަށް ނުބަލަންޏަ.” ނިހާގެ ދުލުން ބުނި ވާހަކައިން ޒާޔާގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނާގެ ބަލިކަށިކަން އިހުސާސްކުރެވުނު ވަގުތުކޮޅަކަށް އެ ވަގުތު ވިއެވެ. އެހެނަސް، ޒާޔާ ހިތްވަރުކުރިއެވެ.
“ނިހާ. ދޮންތަ ހުރިއްޔާ ބައްޕަ އެކަންޏެއް ނުވާނެ. ދޮންތައަށް ކަންތައްތައް ދިމާވި ގޮތުން. އެކަމަކު ނިހާ ތި އުޅޭގޮތުން ބައްޕަ ދެރަވަނީ.” ޒާޔާ ބުންޏެވެ. “އަގްގް.. އެގެއިން. ތި ދިމާވި ކަމެއްގެ ވާހަކަ ކިޔަން ހަދާނެކަމެއް ނެތެއްނު. ވެ ނިމިފަ އޮތް ކަމެއްގެ ވާހަކަ ތިކިޔަނީ. އެންޑް. އަންހެން ކުއްޖަކަށް މިނިވަންކަން ލިބުނުކަމަށް ޓަކައި ކޮންމެހެން ބައްޕަ ހިތާމަކުރާކަށް ނުޖެހޭނެ. ބައްޕަ ކައިރީ ބުނޭ އަބަދު ހިފަހައްޓައިގެނެއް ނޫޅެވޭނެޔޭ. ބައްޕަވެސް ދޮންތަ ތިހެން ހިފަހައްޓައިގެން ގެންގުޅޭތީ ދޮންތަ ތިހެން ތި އުޅެނީ އައި ނޯ ދެޓް.” ނިހާ ވާހަކަދައްކަމުން ދިޔަވަރަކަށް ޒާޔާގެ ހަށިތެރޭ ދައުރުވަމުންދާ ލޭ ކެކެން ފެށިފަދައެވެ. ޒާޔާ ނިހާއާ ވާހަކަދައްކާހިތް ނުވަނީ ވެސް ނިހާ ގެ ވިސްނުން ހުންނަ ގޮތުންނެވެ.
“ނިހާ ދޮންތަ ބުނަންތަ ވާހަކައެއް. ބައްޕަ ދޮންތަ ގެންގުޅުނީކީއެއް ހިފަހައްޓައިގެނެއް ނޫން. ދޮންތަގެ ޒުވާން ދުވަސްވަރު ނުލާހިކު މިނިވަންކޮށް އުޅުނީ. އެކަމަކު ދޮންތަ މިނިވަންކަމުގަ އުޅުނީ ދޮންތަ މީ އަންހެންކުއްޖެއްކަން ރަނގަޅަށް އެނގިހުރެ. ނިހާއަކަށް ނޭނގެއެއްނު އެވަރެއް. ބޭރަށް ގޮއްސަ ތި ބުރުގާ ނެގީ އެންމެ ފުރަތަމަ. ކުރު ޓޮޕް ލާފަ ކުރު ސޯޓުލުން އެއީ މިނިވަންކަމެއް ނޫން.” ޒާޔާ ވާހަކަދެއްކިއިރު ވެސް އެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. “ވެލް ދެޓްސް މައި ޗޮއިސް. އެންޑް ދިސް އިސް މައި ބޮޑީ.” ޒާޔާ ރުޅިން ފޯނު ކަނޑައިލިއެވެ. ނިހާއަށް ގުޅައިގެން ވާހަކަދެއްކުމުން ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވާނެކަން ޒާޔާއަށް އެނގެއެވެ.
*********
ގަޑިން މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. ވިލާ ބޯ ކުރަމުން ގޮސް ވައި ބާރުވެ މޫސުން ގޯސް ވެއްޖެއެވެ. އިރުކޮޅެއް ނުވެ މުޅި މާލެ ގުޑައިގެން ދާވަރުގެ ބާރުގަދަ ގުގުރިއެއް ޖެހިއެވެ. އެއަޑަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް އިޒްވާއަށް ހޭލެވުނެވެ. މަޑުމަޑުން ތެދުވެ އެއްފަރާތަށް ބަލައިލިއިރު އަޒްރާ ސޯފާގައި ނިދާފައި އޮތްތަން ފެނުނެވެ.
އަޒްރާއަކީ އިޒްވާގެ ބައްޕަ ފަރާތުން ތިމާގެ ކަމުގެ ގުޅުން އޮންނަ މީހެކެވެ. އިޒްވާއަށް ވުރެ ދިހަ އަހަރު، ބޮޑު މީހެކެވެ. އިޒްވާ ހޮސްޕިޓަލުގައި ބޭއްވުނު ވަގުތުން ފެށިގެން އިޒްވާއަށް ޚިދުމަތްކޮށްދިނުމަށް ޓަކައި އަޒްރާ، އިޒްވާ ގާތަށް އައީއެވެ.
ވަރޑު އަލިވެފައިވީ ނޫކުލައިގެ ނިދާ ބޮތްކަކުންނެވެ. އެ ބޮކީގެ ކުލަ އިޒްވާއަކަށް ކަމަކުނުދިޔައެވެ. އެހެންކަމުން އެނދު ކައިރީ ހުރި ސްވިޗްބޯޑުން ހުދުބޮކި ދިއްލަން އުޅުނެވެ. އެހެންނަމަވެސް، އެއަށް ފިތާ ފިތާ ހުދު ބޮކި ދިއްލޭ ގޮތެއް ނުވިއެވެ. އަޒްރާއަށް ގޮވުމުން އަޒްރާއެއް ނުހޭލައެވެ. އިޒްވާ މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ.
އިޒްވާ އެހެން އޮތްއިރު އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ހީވަނީ ކޮންމެވެސް ކަމެއް ވެދާނެހެނެވެ. އޭނާއަށް ދިމާވި ކަންތައް ހޭ އެރީއްސުރެ އޭނާގެ ހަނދާނުގައި ނެތަސް، އެ ހިތުގައި ބިރުވެރިކަން ވަށާލައިފައިވެއެވެ. އެކިއެކި ޝައިޠާނީ ވަސްވާސްތަކުން އެ ހިތް ފުރިފައިވެއެވެ.
ދެލޯ މެރެމުން ދިޔަ އިޒްވާ އަށް ސިއްސައިގެން ތެދުވެވުނީ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށި އަޑަށެވެ. ފުން ނޭވައެއްލުމަށްފަހު ފޯނު ނެގިއެވެ. އޭރު ފޯނު ރިންގްވުން ހުއްޓިއްޖެއެވެ. ގުޅީ ކާކުތޯ ބަލައިލަން ފޯނު ހުޅުވައިލިއިރު މީހަކު ގުޅާފައި އިން ކަމަކަށް އޭގެން ނުދައްކައެވެ. އެކަމާ އިޒްވާ ހައިރާންވިއެވެ. ކޯލް ‘އައިކޮން’ އަށް ފިތައިލި އިރު އޭގެން ވެސް މީހަކު ދެންމެ ގުޅިތަން ފެންނާކަށް ނެތެވެ. އެކަމަކު ފޯނަށް މީހަކު ގުޅިކަން އިޒްވާއަށް ޔަގީނެވެ.
ހައިރާންކަން މަތީ އިނދެ އިޒްވާ ފޯނު ބޭއްވިއެވެ. ގުޅީ ކާކުކަމާމެދު ވިސްނަން އިންދައި އަނެއްކާވެސް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނު ނަގަން އަތްލެވުނު ހިނދު ވައިބްރޭޓްވުން ހުއްޓިއްޖެއެވެ. އިޒްވާ ފޯނު ބަލައިލިއިރު ދެންވެސް މީހަކު ގުޅާފައި އިންތަނެއް އޭގެން ނުދައްކައެވެ. “ކޮންފަދަ ކަމެއްތަ މި ދެން. ކާކުތަ މިގަޑީގަ ސަމާސަ ކުރަން.” ފޯނަށް ބަލަން އިނދެ އިޒްވާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.
އަޒްރާއަށް ގޮވަން އިސްއުފުލައިލި އިޒްވާއަށް އޭނާގެ ފައިމަތީ އަޅާފައި އޮތް ފޮތިގަނޑު ފެނި ބިރުން އޭތި އެއްލައިލެވުނެވެ. ސާފު ހުދުކުލައިގައި އޮތް ފޮތިގަނޑު އޭރު އޮތީ ލެއިން ފޯވެފައެވެ. އެއީ ކިހިނެއް ކޮންތާކުން އައިހާ ލެއެއް ކަމެއް އިޒްވާއަކަށް ނޭނގުނެވެ.
ދުރުގައި ލެއިން ފޯވެފައި އޮތް ފޮތިގަނޑަށް ބަލަން އިން އިޒްވާއަށް އޭނާގެ ފަހަތުގައި މީހަކު އިންހެން ހީވެ ފަހަތް ބެލެން އުޅުނެވެ. ކިރިޔާ މޫނު އަރިވެލިއިރު ލޮލުގެ ކޮޅުން ކޮންމެވެސް މީހަކު ފަހަތުގައި އިންތަން ފެނި އިޒްވާއަށް ބިރުން މޫނުގައި ދެއަތް އެޅުނެވެ. އަދި ނިކަން ބާރަށް އަޒްރާއަށް ގޮވަން ފެށިއެވެ. އެހެންނަމަވެސް، އަޒްރާ ކަހާތާ ހިރުވާ ނުލިއެވެ. އިޒްވާ އެހާ ބާރަށް ގޮވަމުން ދިޔައިރު ވެސް އަޒްރާ އޮތީ ގަދަ ނިދީގައެވެ.
“އެކަކަށްވެސް އަޑެއް ނީވޭނެ.” އިވުނީ ޒާޔާގެ އަޑެވެ. އިޒްވާގެ ކަންފަތާ ނުހަނު ކައިރިންނެވެ. އިޒްވާއަށް އުނދަގޫވާން ފެށިއެވެ. އެއާ އެއްވަރަށް މީހާ ވެސް އިނީ ބިރުގަނެފައެވެ. ޒާޔާ އެހާ ކުއްލިއަކަށް، ވަކި ގަޑިއެއް ނުބަލާ އޭނާ ކައިރިއަށް އެ އަންނަނީ ކޮންތާކުން ހެއްޔެވެ؟ ޒާޔާ މިތަނަށް ވަތްނަމަ ދޮރު ހުޅުވުނުތަންވެސް އޭނާއަށް ފެނުނީހެވެ. އެކަމަކު ބުއްދި ގަބޫލުކުރާފަދަ އެއްވެސް މަންޒަރެއް އިޒްވާއަކަށް ފެނިފައެއް ނެތެވެ.
“ޒާޔާއަށް ސިހުރު ހަދާނަންތަ؟” އަނެއްކާވެސް ޒާޔާގެ އަޑު އިވުނެވެ. މިފަހަރު އެ އަޑުގައި ބަރުކަމެއްވިއެވެ. ބިރުގަނެފައި އިނެއްކަމަކު، އިޒްވާ އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. “ހަދާނަން. ކަލޭއަށް ސިހުރު ހަދާފަ އަހަރެން ނިންމާނީ.” އިޒްވާ ބުންޏެވެ. ކިތަންމެ މޭފުއްޕާލާފައި އެހެން ބުންޏަސް، އިޒްވާގެ އަޑު ބޭރުވީ ކެނޑިކެނޑިގެންނެވެ. އޭރުވެސް، އިޒްވާއަށް މި ވާހަކަދެއްކެނީ ޒާޔާއާ ނޫންކަމެއް ނޭނގެއެވެ.
ކުއްލިއަކަށް އޭނާގެ އަތަށް ގުޅާފައި އޮތް އައިވީ ހޮޅި ދެމިގެން ދިޔަ ވަގުތު ވީ ތަދުން އިޒްވާއަށް ހަޅޭއްލަވައިގަނެވުނެވެ. ހީވީ ކަށި ހަރާފައި އިން ނާރު ވެސް ފަޅައިގެންދިޔަ ހެނެވެ. ވީ ތަދުން އިޒްވާގެ ދެ ލޮލުން ކަރުނަ ވެސް އޮހޮރެން ފެށިއެވެ. ނަރުހަކަށް ގޮވަން އުޅި އެކަމެއް ވެސް އޭނާއަކަށް ނުވިއެވެ. އޭނާގެ އަޑު ބޭރެއް ނުވެއެވެ. އަނެއްކޮޅުން، ނިދާފައި އޮތް އަޒްރާ އޮތްގޮތަށް އޮތީއެވެ. ދެލޯނުހުޅުވި ތަނުގައި ގުޑާ ވެސް ނުލަނީއެވެ.
“ހަދާނަން؟ ސިހުރު ހަދާނަން؟ ބުނޭ.” ‘ޒާޔާ’ ގެ އަޑު ބާރެވެ. ‘ޒާޔާ’ ވާހަކަދެއްކީ އިޒްވާގެ ފަހަތުގައި އިނދެއެވެ. އިޒްވާއަށް ބިރުން ވާހަކައެއް ނުދެއްކުނެވެ. ކިތަންމެ ގަދަކަމަށް ދެއްކެން އުޅުނަސް އޭނާ ބަލިކަށިވާން ފަށައިފިއެވެ. އެކަމަކު އޭނާ ބަލިކަށިވެއްޖެ ކަމަށް ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ. “ކޮބާ ޒަމްލާ؟”‘ޒާޔާ’ އެހިއެވެ. “ކަ.. ކަލޭ.. ކީއްކުރަން އޭނަ ހޯދަނީ.. ކަލެއާ ބެހޭ ކަމެއް ނޫން އެ…” އިޒްވާއަށް ބުނެވުނީ އެވަރަށެވެ. އެވަގުތު ‘ޒާޔާ’ އޭނާގެ ބޮލުގައި ޖެހިލެއް ބާރުކަމުން ހީވީ ބޮލަށް އައްސިގަނޑެއް އަރައިގެން ދިޔަހެނެވެ. “ޒާޔާ ކީއްވެގެންތަ ތިއުޅެނީ. ތަދުވެއްޖެ އިނގެ.” ބޮލުގައި އަތް އަޅައިގެން އިނދެ އިޒްވާ ބުންޏެވެ. އޭރު ބޮލަށް އެރި ތަދުގެ ސަބަބުން އިޒްވާ އިނީ ދެލޯ މަރާ ބާރުކޮށްގެނެވެ.
“އުހުނ.. ނުވާނެ ތަދެއް. ބާރުގަދަ މީހުނަކަށް ތަދެއް ނުވާނެ.. އިނގޭތަ؟ ކަލެއަށް ތިވާ ތަދުގެ އެތައް ގުނަ ތަދާ ވޭން ކަލޭގެ ސަބަބުން އެއްބަޔަކު އެބަ ތަހައްމަލު ކުރޭ..” ޒާޔާ ބުންޏެވެ. “މަށެއް ނުޖަހަމޭ ޒަމްލާ ގަޔަކު.” އިޒްވާ ބުންޏެވެ. “ނުލަފާ އިންސާނާ… ކަލޭ ޖަހާ. ކަލޭގެ އަމަލުތަކާ ކަލޭގެ ދުލުން ބުނާ ކޮންމެ އެއްޗެއް ހެރެނީ އެ ކުއްޖާގެ ހިތަށް. ނުޖެހިޔަސް، އަނިޔާ ނުކުރިޔަސް، އެމީހުންގެ ހިތަށް މާ ތަދުވެޔެ.” ‘ޒާޔާ’ ބުންޏެވެ. އިޒްވާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ބޮލުގައި އަތް އެޅިގޮތަށް ހަމަ އިނީއެވެ.
އިޒްވާގެ ހަރަކާތްތަކަށް ބަލަން އިޒްވާގެ ފަހަތުގައި އިން މަލައިކާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މަލައިކާ ބޭނުންވެފައިވީ އިޒްވާގެ ބަލިކަށިކަން އޭނާއަށް ދައްކައިލުމަށެވެ. އަދި ޒާޔާގެ ކުރިމަތީ އިޒްވާއަކީ އެއްވެސް މީހެއް ނޫންކަން އިޒްވާއަށް އަންގައިދިނުމަށެވެ.
މަލައިކާ މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ވަށްކަޅިން އިޒްވާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އިޒްވާގެ ކުރިމައްޗަށް އެރިއެވެ.
ކުރިމަތީ މީހަކު ހުއްޓުނު ކަމުގެ އިހުސާސް ކުރެވިގެން އިޒްވާއަށް ދެލޯ ހުޅުވައިލެވުނެވެ. އެހެނަސް، އެންމެ ރަނގަޅަކަށް އެ ދެލޮލެއް ނުހުޅުވުނެވެ. ހުޅުވެނީ ކިރިޔަ ކިރިޔާއެވެ. ކުރިމަތީ ހުރި މީހާއާ ދިމާލަށް ބަލައިލެވުނަސް، އެއީ ކާކުކަމެއް ވަކިވާވަރެއް ނުވިއެވެ. އިޒްވާ ހިތުން، އޭނާ ކުރިމަތީ އެހުރީ ޒާޔާއެވެ.
“އެ މީހުނަށް ސިހުރު ހަދަން ހިތަށް ވެސް ނާރުވާތި އިނގެ. ލިއަމްއާ ޒާޔާ ވަރިކުރުވަން ވެސް އުޅެގެން ނުވާނެ! އެއިން ކަމެއް ކޮށްފިކަން އަހަންނަށް އެނގިއްޖެއްޔާ ކަލޭގެ ބޮލަށް ތި އެރި ތަދު ދެ ގުނަ ވާނެކަން ހަނދާން ބަހައްޓާތި.” މަލައިކާގެ ވާހަކަދެއްކުމުގެ ރާގުގައި ވަނީ އިންޒާރެވެ. އިންތިހާ ރުޅިވެރިކަމުން ފުރިފައިވި ނަޒަރަކުން އިޒްވާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި މަލައިކާ ހުރިތަނަށް ޣައިބުވީއެވެ. އެވަގުތަކީ ސޯފާގައި ނިދާފައި އޮތް އަޒްރާއަށް ހޭލެވުނު ވަގުތެވެ.
އެނދުމަތީ އިޒްވާ އިން ޙާލު ފެނި އަޒްރާއަށް އަވަހަށް އޭނާ ކައިރިއަށް ދެވުނެވެ. “އިޒްވާ ކޮންކަމެއް ތީ؟ ކީއްވެ އައިވީ ނެއްޓީ. ތިހިރަ ލޭ އަންނަނީއެއްނު.” އަޒްރާގެ އަޑުގައިވީ ހާސްކަމެވެ. އިޒްވާއަކަށް ވާހަކައެއް ނުދެއްކުނެވެ. އަޒްރާ އަވަސްއަވަހަށް ވަރޑުން ނުކުތީ ނަރުހަކަށް ގޮވުމުގެ ބޭނުމުގައެވެ.
**********
ކަޅުފުސް ވިލާތަކުން އުޑުމަތި ފުރެމުން ގޮސް އިސާހިތަކު، ވާރޭ ވެހެން ފަށައިފިއެވެ. ހިނދެއް ހިނދަކަށް ވާރޭ ބޯކުރަމުން ގޮސް ދޭތެރެއަކުން މުޅި ފަޒާ ގުގުމައިގެން ދަނީ ޖަހާލާ ބާރުގަދަ ގުގުރީގެ އަޑުންނެވެ.
ވާރޭ ވެހެމުން ދިޔަ މަންޒަރު ބަލަން ޖަލުގެ ތޭރިތަކުގެ ތެރޭ ލިއަމް އިނެވެ. އެހެން ދިމާލަކަށް ކަޅި ހިންގައިނުލާ އެއްދިމާލަކަށް ބަލަހައްޓައިގެން ލިއަމް އިނީއެވެ. ހީވާ ކަހަލައެވެ. ވެހެމުން ދާ ވާރޭގެ ތެރޭ ލިއަމްއާ ޒާޔާ މަޖާކޮށް އުޅޭ މަންޒަރު ލިއަމްގެ ލޯ ކުރިމަތިން ފެންނަމުންދާހެން ހީވާ ކަހަލައެވެ. “ޝީ ލަވްސް ދަ ރެއިން.” ލިއަމްއަށް މަޑުމަޑުން ކިޔައިލެވުނެވެ.
**********
“ހީ އިސް ދަ އޮންލީ ވަން ދެޓް ނޯސް.. ހައު މަޗް އައި ލަވް ދަ ރެއިން.” ކޮޓަރީގެ ކުޑަދޮރުން ބޭރުން ވާރޭ ވެހޭ މަންޒަރު ބަލަން ހުރި ޒާޔާ އަށް ވައި އަޑުން ބުނެވުނެވެ. ޒާޔާވެސް ވީ ލިއަމްއާ އެއް ޙާލެއްގައެވެ. ވެހެމުން ދިޔަ ވާރޭ ތެރެއިން ލިއަމްއާއެކު މަޖާކޮށް އުޅޭ މަންޒަރު ޒާޔާއަށް ސިފަވަމުން ދިޔައެވެ. ވާރޭ ވެހުނު އެތައް ރެއަކާ ދުވާލެއްގައި ދެމީހުން ވާރޭ ތެމެން ދިޔަ ދުވަސްތައް މަތިން ވެސް ޒާޔާ، މިރޭ ވަރަށް ހަނދާންވިއެވެ.
*********
“ބުރުގާ ތެރެއިން އެ ދޮން މޫނު ދިއްލިފަ ހުންނަ ގޮތް. ހަނދާން ނުނެތޭނެ. މައި ވައިފް.. ކަމް ބެކް ޓު މީ.. ހާދަ ހިތަށް އުނދަގުވެޔެ ޒާޔާ.” އަމިއްލަ ނަފްސާ ވާހަކަ ދައްކަން އިނދެ ލިއަމްއަށް ދެ ކަކުލުގައި ބޯ އަޅައިލެވުނެވެ.
********
“އަހަންނަށް އެ ދެލޮލުން ބަލަހައްޓައިގެން ހުންނަ ގޮތް.. ހަނދާން ނުނެތޭނެ. މައި ހަޒްބެންޑް.. ކަމް ބެކް. ހިތަކަށް ފަސޭހައެއް ނޫން.. ވޭން އަޅަނީ… ލިއަމް..” ޒާޔާއަށް އިސްޖަހައިލެވުނެވެ. އެވަގުތު އެ ދެލޮލުން ކަރުނަތައް އޮހޮރިގެންފިއެވެ.
********
ދެމަފިރިން ދުރުގައި އެތައް އަހަރެއް ހޭދަވެގެން ދިޔައިރު ވެސް ދެ ހިތް ގުޅިލާމެހިފައިވާ ފަދައެވެ. އެކަކު އަނެކަކު މަތިން ހަނދާން ނުވާ ދުވަހެއް ނުދެއެވެ. އަނބިމީހާ މަތިން ހަނދާންވާހާ ބޮޑަށް ދަރިން މަތިން ވެސް ލިއަމް އެހާ ހަނދާންވެއެވެ. ޚާއްޞަކޮށް އޭނާގެ އަންހެން ދަރިފުޅެވެ. ލިއަމްއަށް އަދާ ހަމައަށް ވެސް ޒަމްލާ ވަނީ ޒާޔާއާ ވަކިވެފައިކަމެއް ނޭނގެއެވެ. އޭނާ ބަންދުކޮށްގެން ގެންދެވުނު ދުވަހު އޭނާގެ އަންހެން ދަރިފުޅު ވެސް މައިމީހާއާ ވަކިކޮށްފިކަމެއް ނޭނގެއެވެ.
ލިއަމް މަތިން ހަނދާންވާހާ ބޮޑަށް ޒާޔާ ވެސް ޒަމްލާ މަތިން އެހާ ހަނދާންވެއެވެ. ފޮޅެމުން އަންނަ މަލެއް ފަދަ ލޯބި ދަރިފުޅު ވީނުވީއެއް ނޭނގި ގެއްލެންވީ ސަބަބެއް ދެނެގަންނަން ވެސް ޒާޔާއަށް ދައްޗެވެ. ލިއަމްގެ ޚަބަރު ނުވި ދުވަހު ޒަމްލާގެ ޚަބަރު ނުވުން، އެއީ ކިހިނެތްވީ ކަމެއް ބާވައެވެ. ދެބަފައިން އެއްދުވަހެއްގައި ވީނުވީއެއް ނޭނގި ގެއްލުން، އެއީ ހަމަ އިންތިފާގެއް ބާއެވެ؟ ކޮންމެއަކަސް، މި ސުވާލުތަކުގެ ޖަވާބުތަކާމެދު ވިސްނާލަން ކިތަންމެހާވެސް ދައްޗެވެ.
***********
“ނޯ.. ނޯ.. ތި ގެންދޭ.. ގެންދޭ.” ގައިމަތީގައި ފޮތިގަނޑު އަޅަން އުޅުމުން އިޒްވާ ހީވީ ބިރެއް ފެނިގެން އުޅުނުހެނެވެ. ނަރުހުން އުޅެއުޅެ ވެސް އެ ފޮތިގަނޑު އިޒްވާ ގައިމަތީ އެޅޭގޮތެއް ނުވިއެވެ.
ފޮތިގަނޑު އެއްލާލާފައި އޮތްތަނުން އެ ނެގި މަންޒަރު އިޒްވާއަށް ސާފުކޮށް ފެނުނެވެ. އޭރު އޭގައި ލޭގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އޮތީ، އިހު އޭނާގެ ފައިމަތީ އޮތްގޮތަށް، ސާފު ހުދުކުލައިގައެވެ. އެހެންނަމަވެސް، އޭތި ލެއިން ތަތްތެޅިފައި އޮތްގޮތް ސިފަވާން ފެށުމުން އިޒްވާ ބިރުގަންނަން ފެށީއެވެ.
ފޮތިގަނޑު ބާއްވާފައި އިޒްވާގެ އަތަށް ގުޅާފައިވި އައިވީ ޗެކްކޮށްލުމަށްފަހު ނަރުހުން ވަރޑުން ނުކުމެއްޖެއެވެ. އިޒްވާ އޮށޯންނަން އަޒްރާ އެހީވެދިނެވެ. އިޒްވާގެ ފަރާތުން މިރޭ ފެނުނު ސިފަތަކާމެދު އަޒްރާ ހުރީ ހައިރާންވެފައެވެ. ބޮޑެތި ޓްރެއިނިންގް ހަދައިގެން ހުރި ފުލުހަކު އެފަދައިން އުޅުނު މަންޒަރު ފެނުމުން، އަޒްރާއަށް އެ މަންޒަރު ޤަބޫލުކުރަން ދަތިވީއެވެ.
އިޒްވާއަށް އެނދުމަތީ ހަމަޖެހިލެވުނު ވަގުތަކީ ސަލާމް ގޮވައިލުމަށްފަހު ޒާމިލް އެ ވަރޑަށް ވަތް ވަގުތެވެ. އެ ސޫރަ ފެނުމާއެކު، އިޒްވާގެ ހިތުގައިވި ބިރުވެރިކަން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އެ މޫނުމަތީގެ ކުލަވަރުތައް ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ.
-ނުނިމޭ-

