Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސިއްރު ކައިވެނި – ފަހުބައި

leafy Level 210 Stories100 Login
June 25, 2026 5 Mins Read
0 Comments

މަގުމަގަށް އަޅަމުންގޮސް ކާރު ހުއްޓުވާލީ މަލްޝާ ނުދަންނަ ގެއަކަށެވެ. ގަދަކަމުން އެ މީހާ މަލްޝާ ދަމާފައި އެތެރެއަށް ވެއްދިއެވެ. އޭރު މެދުއުމުރުގެ ފިރިހެނެއް ސޯފާގައި އިށީނދެ އިނެވެ. މޫނުގަނޑު އަޅައިގެންހުރި މީހާ މަލްޝާ ގޮނޑީގައި އެއްސުމަށްފަހު، ނުޒުހާއާ ދިމާއަށް ދިޔައެވެ. ނުޒުހާ ފަސްހާސް ރުފިޔާ އެ މީހާގެ އަތަށް ދިއްކޮށްލުމަށްފަހު، ދާށޭ ބުންޏެވެ. “ކަލޭ ނުލަފާކަން އިނގިގެން މިދަނީ. ބަލައިބޮޑުކުރި މައިމީހާއަށް އެންމެ ފަސޭހައެއްވެސް ކޮށްދީފައެއް ނުހުންނާނެ.” ނުޒުހާ ރުޅިއައިސް ހުރެ ބުންޏެވެ. މަލްޝާގެ އަނގަމަތީ އައްސާފައިހުރި ފޮތިގަނޑަކާހެދި ވާހަކައެއް ނުދެއެކުނެވެ. “ކަލޭ ކާސިމުއާ މާދަމާ ކައިވެނި ކުރަންޖެހޭނެ. އޭރަށް މަށަށް ފަސޭހަ ދިރިއުޅުމެއް ލިބޭނެ. ކަލެއަށް އެންމެ ފުރިހަމަ ދިރިއުޅުމެއް ކާސިމު ދޭނެ.” ނުޒުހާ ސޯފާގައި އިށީނދެ އިން މީހާއާ ދިމާއަށް އިޝާރާތްކޮށް ބުންޏެވެ. “މިއީތަ މަލްޝާއަކީ؟” ކާސިމު އަހާލިއެވެ. ކާސިމުއަށް މަލްޝާ ބަލައިލީ ފޫހިކަންހުރި ނަޒަރަކުންނެވެ. “މާދަމާ އަހަރެން އަންނާނަން. މި މަންޖެ ރީތިކޮށްފައި ބައިންދާތި. މިހާރު އިހަށް ދަނީ.” އެހެން ބުނުމަށްފަހު، ކާސިމު އެގެއިން ބޭރަށް ނުކުތެވެ.

އެރޭ އެއްކޮށްހެން މަލްޝާ އިނީ ގޮނޑީގައި ލައްގަނެގެންނެވެ. އޭނާ ހުރިހާ އިރުހެން ތާއްޔާ ޖެހިލަޖެހިލާ އިނެވެ. ނަމަވެސް ނިދި ޖެހޭއިރަށް އޭނާއަށް ހޭލެވެއެވެ. އިރުއަރައިގެން ދިޔަފަހުން، ނުޒުހާ ތެދުވެ މަލްޝާ ގައިގައިހުރި އެއްޗެހި ބާލުވާ ގަޔަށް ފެން އެޅިއެވެ. ސައިބޯނިލައި ސާފުކުރީވެސް ގޮނޑީގައި އައްސާފައި އިންދައެވެ. ގައި ހިއްކުމަށްފަހު، ރީތި ހުދު ހެދުމެއް ލެއްވިއެވެ. ގޮނޑީގައި އައްސާފައިވުމާއެކު ހެދުން ވަށައިގެން ލެއްވުމަށްފަހު ޒިބު އެޅުވިއެވެ. ހޫނު ބާރުވަމުންދިޔަ ވަގުތުގައި ނުޒުހާ ތައްޔާރުވަމުން ދިޔައީ ކާސިމު އަންނާނެ އިރަކަށެވެ. މަލްޝާ ހިތުން ދުއާ ކޮށްލަކޮށްލާ އިނީ ކޮންމެ މީހަކުވިޔަސް އޭނާ ސަލާމަތްކުރަން އައުމަށެވެ.

ޒަޔާން އާދައިގެމަތިން ފަތިހަށް ހޭލައިގެން އުޅުނެވެ. ފަތިސް ނަމާދަށްފަހު، ސައިބޮއެގެން އޭނާ ވަޒީފާއަށް ދާންވެގެން ނުކުތެވެ. މިއަދުވެސް މަލްޝާ ފެންނާނެކަމުގެ އުންމީދުގައި ޒަޔާން އޮފީހަށް ވަނެވެ. ނަމަވެސް މަލްޝާގެ މޭޒުކައިރީގައި އޭނާ ފެންނާކަށް ނެތެވެ. އެހެން ތަންތަން ބެލުމުންވެސް އޭނާއަކަށް މަލްޝާއެއް ނުފެނުނެވެ. މާޒިންގެ އެހީގައި އޮފީހު ގުރޫޕަށް ވަދެފައިވާ ނަންބަރަށް ޒަޔާން ގުޅިއެވެ. ފޯނު ނެގީ މަލްޝާއެއް ނޫނެވެ. މަލްޝާ ގެއްލިގެން ހޯދަމުންދިޔަ ޒޫނާއެވެ. “ހަލޯ.” ޒޫނާ ގޮވާލިއެވެ. “މަލްޝާ އެބައުޅޭތަ؟” ޒަޔާން ސުވާލުކޮށްލިއެވެ. “ނޫނޭ މިއަދު ހޭލިއިރު އޭނާ ފެންނާކަށް ނެތް. އެކަމު ފޯނާ އެއްޗެހި އެބަހުރި. އެހެންވެ އޭނާ ދިޔައީ ކޮންތާކަށްކަމެއް ނޭނގިގެން މިއުޅެނީ.” ޒޫނާ އަވަސް އަވަހަށް ކިޔައިދިނެވެ. ޒަޔާން އޮފީހުން ނިކުމެ ކާރަށް އަރާ ދުއްވާލިއެވެ. އޭނާ މަލްޝާ ހޯދަން ނިކުތެވެ.

މަލްޝާ އަދިވެސް ދުއާކުރަމުން ދިޔައީ އޭނާ މި ހާލަތުން ސަލާމަތް ކޮށްދެއްވުމަށެވެ. މިނިޓަކަށްފަހު މިނިޓެއްވެސް ހިނގަމުން ދިޔައީ އެހާމެ އަވަހަށެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖަހަން ފެށިއެވެ. ނުޒުހާ ދޮރުހުޅުވާލުމާއެކު ކާސިމް ބޮޑު ފޮށްޓެއް ހިފައިގެން އެތެރެއަށްވަނެވެ. ނުޒުހާއަށް އެ ފޮށި ހަވާލުކުރުމަށްފަހު، މަލްޝާ އިށީނދެ އިން ގޮނޑއާ ދިމާއަށް ދިޔައެވެ. މަލްޝާއަށް ކާސިމު ފެނުނުހެން ފަކުރުގަތެވެ. ގޮނޑީގައި އައްސާފައިވާ ވާތައް މުހާލުމާއެކު، މަލްޝާ ހުޅުވާފައިހުރި މައިދޮރާ ދިމާއަށް ދުއްވައިގަތެވެ. ކާސިމުއަށް މަލްޝާ ގައިގަ ނުހިފެހެއްޓުނު ނަމަވެސް އޭނާގެ ހެދުމުގައި ހިފިއެވެ. ގައިގަ ހުރި ބާރެއްލައިފައި މަލްޝާ ލަކި ޖެހުމަށްފަހު، ކާސިމްގެ އަތުން ސަލާމަތްވެ، އެ ގެއިން ނުކުމެ ދުއްވައިގަތެވެ. މަލްޝާ ލައިގެންހުރި ހެދުމުގެ ފަހަތުބައި އިރައިގެން ގޮސްފައިވެއެވެ. ކާސިމު މަލްޝާގެ ފަހަތުން ދުއްވައިގަތެވެ. އިއްތިފާގުން އޭރު ޒަޔާންވެސް ކާރު ދުއްވަމުން ދިޔައީ އެ ސަރަހައްދުގައެވެ. މަލްޝާ ދުނިޔޭގެ ކެތަށް ދެވުނުހާ ބާރަކަށް ދިމާވި ފުރަތަމަ ކާރާ ދިމާލަށް ދިޔައެވެ. ޒަޔާންއަށް ދުވެފައި އައި މަލްޝާ ފެނުމުން ކާރު ހުއްޓުވާފައި ނިކުތެވެ.

ބިރުން މާނޭވާ ލަމުންދިޔަ މަލްޝާ ޒަޔާންގެ ގައިގައި ބާރަށް ބައްދައިގަތެވެ. އިރިފައިވާ ހެދުމުން އައުރަ ކަޝްފުވާތީވެ ޒަޔާންގެ ކޯޓު މަލްޝާގެ ގައިގައި އެޅުވިއެވެ. މަލްޝާއަށް އެ ވަގުތު ޒަޔާންގެ އެހީތެރިކަން ލިބުމުން އޭނާގެ ހިތަށް ގޮތެއްވިއެވެ. މަލްޝާގެ ފަހަތުން ދުވެފައި އައި ކާސިމުއާ، ނުޒުހާއަށް މި މަންޒަރުފެނި ހަޅޭއްލަވައިގަތެވެ. “މަގޭ އަނބިމީހާއާ ނުބެހޭ!!” ކާސިމު ހަޅޭއްލަވައިގަތެވެ. ނުޒުހާވެސް ހެއްދެވިނުހެއްދެވިއަށް ގޮވަމުން ޒަޔާންއާ ދިމާއަށް އައެވެ. ނަމަވެސް ޒަޔާން ފޯނުނަގާފައި ގުޅީ އޭނާގެ ބައްޕައަށެވެ. “ބައްޕާ ނުޒުހާ ފެނިއްޖެ! މިފޮނުވާލަނީ އަޅުގަނޑު ހުރިތަން.” ޒަޔާން އެހެން ބުނެ މެސެޖެއް ކުރުމަށްފަހު ފޯނު ޖީބަށްލިއެވެ. “ކަލޭ ތީ ކާކު؟ މަގޭ އަނބިމީހާ މަށަށް ހަވާލުކުރޭ!!” ކާސިމު ހަޅޭއްލަވައިގަތެވެ. “މިހިރަ ނުލަފާ ދަރިއެއް. މަގޭ ރަނގަޅު ފިރިއެއް ހޯދަދިނުމުންވެސް ބަލާ އުޅޭ ވައްތަރު!” ނުޒުހާ ހަޅޭއްލަވައިގަތެވެ. “މީހަކާ ކައިވެނިކޮށްގެން ހުރި އަންހެނަކަށް، އެހެން މީހަކާ ކައިވެނިކުރުން އެއީ އޮންނަ ކަމެއްނޫން.” ޒަޔާން ކިޔައިދިނެވެ. “އޭނާ އެކަކާވެސް ކައިވެންޏެއް ނުކުރޭ!! ތި ހަދަނީ ދޮގު!” ނުޒުހާ ޒުވާބުކުރާ ރާގަކަށް ބުންޏެވެ. “މަލްޝާ ކައިވެނިކޮށްފައިވަނީ އަހަންނާ. އޭގައި ގޯހެއް އެބަ އޮތްތަ؟” ޒަޔާން ނުފޫޒުވެރި ރާގަކަށް ބުންޏެވެ.

މަލްޝާ ބިރުން ޒަޔާންގެ ކާރު ތެރެއަށް ވަނެވެ. ޒަޔާންގެ ކޯޓު ގައިގެވަށާ ހިފަހައްޓާހާލު، އޭނާ އިނެވެ. އޭރު ޒަޔާން އަދިވެސް ނުޒުހާއާއި ކާސިމު ހިފަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން ޕޮލިހުގެ ކާރުތައް އައިސް ގެ ވަށާލިއެވެ. “ބުނަން، ކަލޭމެން ވަރަށް މޮޔަ! މިހުރިހާއިރު އަހަރެން ކަލޭމެން މި ހިފެހެއްޓީ މިތާގައި.” ޒަޔާން ބުނެލިއެވެ. ޕޮލިހުން ދެ މީހުންވެސް ހައްޔަރުކޮށް ތަހުގީގަށް ގެންދިޔައެވެ. އެންމެފަހުން ނުޒުހާ ޖަލަށްލެވުނެވެ. ކާސިމުއަށްވެސް ވައްކަން ކުރުމާއި ޚިޔާނާތުގެ ކުށްތަކަށް ޖަލަށް ލެވުނެވެ.

ކާރުތެރޭ ބިރުން ގުޑާލަންވެސް ނުކެރި އިން މަލްޝާ ސިހިގެން ދިޔައީ ޒަޔާން ކާރަށް ވަންނަން ދޮރު ހުޅުވުމުންނެވެ. “އަދިވެސް އަހަރެން ގެއަކަށް ނުދާނަންތަ؟” ޒަޔާން ސުވާލުކޮށްލިއެވެ. މަލްޝާ ބިރުގަނެ ހިމޭންވެފައި ހުރިކަން އެނގި ޒަޔާން އޭނާ ގައިގަ ބައްދާލިއެވެ. އަދި އިރުކޮޅެއް ވަންދެން އެގޮތުގައި ތިއްބެވެ. “އެ ކީއްވެތަ މަށާ ދޭތެރޭ ހިތްހަމަނުޖެހިގެން ތިއުޅެނީ؟” ޒަޔާން ސުވާލުކުރިއެވެ. “ހިތްހަމަ ނުޖެހިގެންނޭ؟” މަލްޝާ ހިތުގެ ތެރޭގައި ޖަޒުބާތުތައް ތޫފާނެއްހެން އެނބުރެމުން ދިޔައެވެ. “މިރޭ އަހަރުންގެ ގެއަށް ބަދަލުވާން ޖެހޭނީ! މިފަދަ ކަމެއް އަދިވެސް ހިނގާފާނެ.” ޒަޔާން ކުރިއަށް އޮތް މަގު ބަލަމުން ބުންޏެވެ. މަލްޝާ ހިމޭނުން އިނެވެ. މަލްޝާއަށް މިހާރު އޭނާއަށް އަޅާލަންހުރީ ހަމައެކަނި ޒަޔާންކަން ވިސްނުނެވެ.

ޒަޔާން ގަދަކަމުން މަލްޝާ ގެއަށް ގެންދިޔައެވެ. ޒަޔާން ކޮޓަރިއާ ހިސާބަށް ދެވެންދެން މަލްޝާގެ އަތުގައި ހިފައިގެން ހުއްޓެވެ. ޒަޔާންގެ ބާރުގަދަ އަތުން އޭނާއަށް ސަލާމަތްވެވޭނެ ގޮތެއްނެތެވެ. މަލްޝާ ޒަޔާންއަށް ރުހޭ ނަޒަރަކުން ބަލައިލިއެވެ. ކޮޓަރިއަށް ވަދެވުނުހެން ޒަޔާން ދޮރު ލައްޕާލިއެވެ. މަލްޝާ ގާތްކޮށް ބައްދާލިއެވެ. ޒަޔާންގެ ދެ އަތުން ސަލާމަތްވާނެ ހިތްވަރެއް މަލްޝާގެ ގަޔަކު ނެތެވެ. އޭނާ ޒަޔާންގެ މޭމަތީގައި ބޯ އަޅާލައިގެން ހުރީއެވެ. އިރުކޮޅަކުން ޒަޔާން މަލްޝާގެ މޫނުގާތްކޮށް ބޮސްދޭންފެށިއެވެ. މަލްޝާއަށް މިފަހަރު އިންކާރު ކުރެވޭވަރަށްވުރެ ވަރުދެރަވެފައި ހުއްޓެވެ. މަޑުމަޑުން މަލްޝާ އެނދުގައި ބޭއްވުމަށްފަހު، އަލަމާރިން އެއްޗެއް ނަގަންވެގެން ދިޔައެވެ. ކުޑަ ފޮއްޓެއްގެ ތެރޭގައިވާ އަނގޮއްޓިއެއް ޒަޔާން ހިފައިގެން އައެވެ. އަދި މަލްޝާގެ ކަނާތު ކަށި އިނގިލީގައި އެޅުވިއެވެ. “މިއީ؟” މަލްޝާ ސުވާލުކުރިއެވެ. “ހަދިޔާއެއް.” ޒަޔާން މަޑުން ބުންޏެވެ. “އަހަރެން އޮފީހުން އަންނަންދެން އޮންނައްޗޭ!” ޒަޔާން މަލްޝާގެ ގައިގައި ރަޖާގަނޑު އެޅުމަށްފަހު އެނދަށް ފުރަގަސްދެމުން ބުންޏެވެ. މަލްޝާގެ ދެ ލޮލަށް ނިދި ސަވާރުވިއެވެ.

ޒަޔާން މަސައްކަތަށްފަހު، މާޒިންއަށް ގޮވިއެވެ. މާޒިން އޮފީހަށް ވަންހެން ޒަޔާން ޝުކުރު އަދާކުރިއެވެ. މާޒިން ހެއްވާ ރާގަކަށް ބުންޏެވެ. “އަދިވެސް ލޯތްބާ ބެހޭ ނަސޭހަތެއް ބޭނުންނަމަ އަހަންނަށް ގުޅާލާ!” ދެ މީހުންވެސް ހީގަތެވެ. ޒަޔާން އޮފީހުގެ ބުރަ މަސައްކަތްތައް ހަމައަކަށް އެޅުވުމަށްފަހު، އަސުރު ނަމާދު ބަންގިއަށް މިސްކިތަށް ދިޔައެވެ. އެއަށްފަހު އެނބުރި ގެއަށް އައެވެ. ގަމީހުގައިވާ ޓައީ އާއި ފަޓުލޫނުގައިވާ ކަމަރު ދޫކުރަމުން ކޮޓަރިއަށްވަނެވެ. ޒަޔާން ކަމަރު ނައްޓާލުމަށްފަހު ގޮނޑިއަށް އެއްލާލިއެވެ. އޮފީހުން އައިސް ވަރުބަލިވެފައިވުމުން މަލްޝާ ކައިރީ އޮށޯވެ، އޭނާ ގައިގަ ބައްދާލިއެވެ. އިރުކޮޅަކުން ޒަޔާންއަށްވެސް ނިދި ޖެހުނެވެ.

މަލްޝާއަށް ހޭލެވުނުއިރު އޮވެވުނީ ޒަޔާންގެ މޭ މަތީގައެވެ. ޒަޔާން ނޭވާލީ ކޮންމެ ފަހަރަކު، މަލްޝާގެ އިސްތަށިކޮޅު ހެލިލައެވެ. މަލްޝާ ޒަޔާންއާ ދުރުވެވޭތޯ ބެލިއެވެ. ނަމަވެސް މަލްޝާގެ ކަނާއަތްވަނީ ޒަޔާންގެ ކަރުދަށުން ހިފެހެއްޓިފައެވެ. ޒަޔާން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާފައިހުރިތަން ފެނުނީ ދެނެވެ. ބަނޑު މަސްގަނޑުގެ ބައްޓަން ހިފަހައްޓާފައި ހުއްޓެވެ. އޭނާގެ ބަނޑުގައި މަލްޝާ އަތްލިއެވެ. އޭނާއަށް ހައިރާންވެވުނީ ހަރު ހިލަގަނޑެއްގައި އަތްލެވުނުހެން ހީވާތީއެވެ. މަލްޝާ ސިހިގެން ދިޔައީ ޒަޔާން ވާހަކަ ދައްކަން ފެށުމުންނެވެ. “އަދިވެސް ހިތް ފުރޭވަރު ނުވަނީތަ؟” މަލްޝާ ލަދުން ޒަޔާންގެ ގަމީހުގެ ތެރެއިން އޭނާގެ އަތް ނެގިއެވެ. އޭނާއަށް ކައިވެނިކޮށްގެން އުޅޭކަމުގެ އިހުސާސް މަލްޝާއަށް މަޑުންނަމަވެސް ކުރަންފެށިއެވެ. ޒަޔާން ލޯ ހުޅުވާލުމަށްފަހު، މަލްޝާ ގައިގައި ބައްދައިގަތެވެ. އަދި މަލްޝާގެ ތުންފަތް ވެރިކޮށްލިއެވެ. މިފަހަރު މަލްޝާ ދެކޮޅު ނަހަދާ ޒަޔާންއާ ބައިވެރިވިއެވެ. ދެ މީހުންވެސް ބައިވެރިވެ ލޯބީގެ އާ ހަރުފަތަކަށް ދިޔައެވެ. އެރޭ ހޭދަކުރުމަށްފަހު، މަލްޝާ ޒަޔާންއާމެދު ހިތް ބަދަލުވަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވެ ދިޔައީވެސް އެހާ އަވަހަށެވެ. ޒަޔާންއާއެކު އުޅުމަކީ މަލްޝާއަށް ފަސޭހަކަމަކަށްވިއެވެ. އޭނާގެ ހިތް އެއްކޮށްވެސް ޒަޔާންއަށް ދިނެވެ. މަލްޝާ ޒަޔާންއާ ކައިވެނި ކުރިފަހުން އަހަރެއްވީއެވެ. ނުޒުހާއާއި ޝަރީފުގެ ވަކިތަކުން ސަލާމަތްވީއެވެ. ޝައިރާގެ ހާލަތު އިތުރަކަށް ރަނގަޅެއް ނުވެއެވެ. ޝައިރާގެ ބަލަދުވެރިއެއްގެ ގޮތުގައި މަލްޝާ ރަޖިސްޓަރީވިއެވެ. އޭގެފަހުން ޒަޔާން ޝައިރާގެ ފަރުވާއަށް ފައިސާ ދަށްކަމުން ދިޔައެވެ. ޒަޔާން އޮފީހުން އަންނާނެ އިރަކަށް އިންތިޒާރުކޮށްގެންހުރި، މަލްޝާ ކޮޓަރީގެ ކުޑަދޮރުން ބަލަން ހުއްޓެވެ. ޒަޔާން ކޮޓަރިއަށް ވަންހެން މަލްޝާ އޭނާގެ ގައިގަ ބައްދައިގަތެވެ. “ޒަޔާން؟” މަލްޝާ ލޯބިން ގޮވާލިއެވެ. “ލައްބަ، މަލް.” ޒަޔާން އިޖާބަދިނެވެ. “ޒަޔާން، އަހަރެން… ބަނޑުބޮޑު.” މަލްޝާ އުފަލުން ޒަޔާންގެ މޫނަށް ބަލައިލިއެވެ. ޒަޔާން ވީ އުފަލަކުން ވަގުތުން މަލްޝާއަށް ބޮސްދޭންފެށިއެވެ. މިގޮތުގައި މަލްޝާގެ ހަޔާތް ފުރިހަމަވެގެން ދިޔައެވެ. އޭނާގެ އެކަނިވެރި ހަޔާތަށް ޒަޔާން އައުމަށްފަހު، އަބަދުވެސް ހުންނަނީ ހެވިފައެވެ.

ނުވަމަސްފަހުން، ވިއްސާ ކޮޓަރި ބޭރުގައި ޒަޔާން ކެތްމަދުވެފައި ހުއްޓެވެ. ވިއްސާ ކޮޓަރިން ނުކުމެގެންއައި ނަރުހެގެ އަތުގައި އޮވެ ރޮމުންދިޔަ ކުޑަ ފުރާނައަށް ބަލައިލަމުން ޒަޔާން މަލްޝާ ކޮބާތޯ ސުވާލު ކުރިއެވެ. “އަދި މަލްޝާ ހަމައަކަށްނޭޅޭ. ރަނގަޅުވުމުން ނެރޭނެ.” ދުވަހުގެ ބޮޑުބައެއް ދިޔުމަށްފަހު މަލްޝާ ފަރުވާ ކޮޓަރިން ނެރެވުނެވެ. ޒަޔާން ދުވެފައިގޮސް މަލްޝާގެ އަތުގައި ހިފާލިއެވެ. އަދިވެސް ވަރުދެރަވެފައިވާތީ އައި.ސީ.ޔޫއަށް ގެންދިޔައެވެ. ޒަޔާން ހާސްވެ ކަންބޮޑުވަމުން ދިޔައީ މަލްޝާގެ ފުރާނައަށެވެ. ދެތިން ދުވަހަށްފަހު މަލްޝާ ވަކި ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. މަލްޝާގެ އަތުގައި އޮތް ކުޑަ ދަރިފުޅާ ގާތަށް ޒަޔާން ދިޔައެވެ. “މީ މަންމިގެ ލޯބި ލޯބި ކުއްޖެއްތަ؟” މަލްޝާ ދަރިފުޅުގެ ބަނޑުގައި ވަސްގަންނަމުން ސުވާލުކޮށްލިއެވެ. ޒަޔާންވެސް މަލްޝާއާ ބައިވެރިވެ، ދަރިފުޅާ ވާހަކަ ދައްކަން ފެށިއެވެ. މިގޮތުގައި ޒަޔާންއާއި މަލްޝާ އުފާވެރި ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.

(ނިމުނީ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ނޭދެން ވަކިވާކަށް 19 ވަނަ ބައި

Previews
June 25, 2026

ނޭދެން ވަކިވާކަށް 19 ވަނަ ބައި



All Right Reserved!