އިންސާފް.. 05 ވަނަ ބައި
ސައިކަލް ޕާކް ކޮށްލުމަށްފަހު އަވަސް ކަމާއި އެކު ލިފްޓަށް އެރީމެވެ. ލިފްޓުން ފައިބާ ގެއަށް ވަންނަން އަހަރެން ދޮރުގައި ހިފާލީމެވެ. ދޮރު ހުޅުވާލެވުނު ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
އަހަރެންނަށް ވާނުވާ އެނގެން ފެށިއިރު މަންމައާއި ބައްޕަ ތިބީ އަހަރެން ކައިރީގައެވެ. އަހަރެންގެ މޫނަށް ފިނިވެގެން ބަލާލިއިރު ނިއްކުރިމަތީގައި ވަނީ ކުޑަ ފޮތިކޮޅެއް ތެއްމާފައި ބާއްވާފައެވެ. “ދަރިފުޅާ” މަންމަ ގޮވާލިއެވެ. “ނޫން ނުނަގާ.. ވަރަށް ހުން ގަދަ..” ނިއްކުރި މަތީގައި ބާއްވާފައިވާ ފޮތިކޮޅު ނެގުމަށް އަހަރެން އުޅުމުން މަންމަ އަހަރެންނަށް އެކަން މަނާ ކުރިއެވެ. “ދަރިފުޅަށް އެނގޭތަ.. ގެއަށް އައިސް ވަތް އިރު ދަރިފުޅު ހުރީ ހުންއައިސް ރަތްވެފަ.. ބައްޕައަށް އެވަގުތު އެގިއްޖެ ކޮންމެވެސް ނުބައި ކަމެއް ވެއްޖެކަން” ބައްޕަ ބުނެލިއެވެ. “ބައްޕާ އެއީ ވަރަށް ބާރުގަދަ އެއްޗެއް.. އަހަރެންނާއި ކައިރިވާން އޭތި ވަރަށް މަސައްކަތް ކުރޭ.. އަދި މިއަދު ބުނި އަހަރެން މިއީ އޭތީގެ މިލްކެކޭވެސް” އަހަރެން ކުޑަކުއްޖެއް ފަދައިން ބައްޕަ ކައިރީގައި ޝަކުވާ ކުރީމެވެ. ކިހާ ހެއްވާ ހެއްޔެވެ. ޖިންނިއެއްގެ ޝަކުވާ އަހަރެން މިކުރަނީ އިންސާނެއްގެ ކައިރީގައެވެ. މަންމަ ހާސްކަމާއި އެކު ބައްޕައާއި ދިމާލަށް ބަލާލިއެވެ. “ދަރިފުޅު ހަމަޖެހިލާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
މަންމައާއި ބައްޕައަށް އަހަރެން އޭތީގެ ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އެރޭ އަހަރެން ކައިރީގައި ކޮންމެވެސް މީހަކު އިންނަން ޖެހޭނެ ކަމަށް ބުނެ ބައްޕައާއި މަންމަ ކޮޓަރިން ނިކުތެވެ. ނިކުތުމުގެ ކުރިން ފޯނުން ޤުރުއާން ޖެހުމަށް ބުންޏެވެ. އަހަރެންނަށް މާގިނަ އިރެއް ނުވެ ނިދުނެވެ. އެއްފަހަރު ހޭލެވުނު އިރު ދޮންބެ އަނެއްފަހަރު ހޭލެވުނު އިރު ބައްޕަ ކައިރީގައި ޤުރުއާން ކިޔަވަން ތިއްބެވެ. ފަތިސް ވުމުން އަހަރެންވެސް ތެދުވެ ނަމާދުކޮށްލީމެވެ. އެރޭގައި އަހަރެންނަކަށް އޭތީގެ އުދަގުލެއް ނުޖެހުނެވެ. އެވެސް ނަސީބެކެވެ.
އާދައިގެ މަތިން ހެނދުނު އަހަރެން އޮފީހާށް ދިއުމަށް ތައްޔާރުވީމެވެ. މަންމަ އަހަރެން އޮފީހަށް ނުދިއުމަށް އެދެމުން ދިޔައެވެ. “މަންމާ.. ކަމެއް ވާނެ ކަމަކަށް އަހަރެންނަކަށް އަބަދަކު ގޭތެރެއަކު ނީދެވޭނެ ދޯ” އަހަރެން މަންމަގެ ކުރިމައްޗަށް އަރަމުން ބުނެލީމެވެ. “ދަރިފުޅާ.. އާސީންއަށް ވިސްނާދީބަލަ.. މަންމަ ބުނާ އެއްޗެއް މިހާރު މި އާސީން ނުވިސްނާ” މަންމަ ދޮންބެ ފެނުމުން ބުނެލިއެވެ. ދޮންބެ ހިނިތުންވެލިއެވެ. ކިތައްމެ ވަރަކަށް ކިޔަސް އަހަރެންގެ ހިޔާލު ބަދަލު ނުކުރެވޭނެކަން ދޮންބެއަށް އެނގެއެވެ. “އަޅާ ނުލާ މަންމާ.. އަހަރެން ދާނަން ކޮއްކޮ ގޮވައިގެން އޮފީހަށް” ދޮންބެ ވާހަކަ ދެއްކީ އަހަރެންނާއި އެއްކޮޅަށެވެ. މަންމަ ދޮންބެއާއި ދިމާލަށް ބަލާލިއެވެ. “މިގޭގައި އެކަކުވެސް މިހާރު އަހަރެން ބުނީމަ އަޑު ނާހާ..” އެހެން ބުނެލަމުން މަންމަ އެތަނުން ދުރައް ދިޔައެވެ. އަހަރެން ހިނިތުންވެލަމުން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. “ކޮއްކޮ ގަބޫލު ނުކުރިޔަސް މަންމަ އެބުނީ ތެދެއް.. އެހަށް ގޭގައި މަޑު ކުރަންވީނުން” ދޮންބެއަށް އަހަރެން އެކަމާއި އެއްބަސް ނުވާނެކަން އެނގޭއިރު އެހެން ބުނެލިއެވެ. “ހިނގާ ދާން” އަހަރެން ދޮންބެގެ ކޮނޑުގައި ޖެހިލަމުން ބުނެލީމެވެ.
އޮފީހަށް އައިސް ވަތްތަނުން އަހަރެންގެ ސިކުނޑީގައި އެބުރިގަތީ ރޭގައި ވީ ކަންތަކެވެ. ބަންޝީލް އަހަރެންނާއި އޮފީހުން ދިމާކުރި ކުރުމެވެ. ބިރުގަނެ މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. ހިތް ދިރުވާލީމެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބިރު ގަނެއްޖެނަމަ އެ އެއްޗަށް އަހަރެންނާއި ކައިރިވާން ފަސޭހަ ވާނެއެވެ. ޖިންނި އެއްޗެހި ގަޔާވާ އެއްސިފައަކީ ބިރުގަތުމެވެ. މީހަކު ބިރު ގަނެއްޖެކަން އެއެއްޗަށް ޔަގީންވާ ހިސާބުން އެމީހެއްގެ ފަހަތުން އަޅުވާލާނެވެ. އަހަރެން ހަމަޖެހުމަށްޓަކައި ނޭވާއެއް ބޭރުކޮށްލީމެވެ. އަދި މަޑު ހިގުމެއްގައި އަހަރެން ގޮސް މޭޒުކައިރީގައި އިށީދެލީމެވެ. އެވަގުތު އަހަރެން ހަދަންޖެހޭ ރިޕޯޓް މަތިން ހަނދާންވެގެން ދިޔައެވެ. “ހޯ ނޯ” އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ. ޖައިޝް ވަނީ އޭނާއަށް މިއަދު އެރިޕޯޓް ދިނުމަށް ބުނެފައެވެ. އަހަރެންނަށް އެ ރިޕޯޓް ނުލިޔެވޭކަން އޭނާއަށް އެގިއްޖެނަމަ އަހަރެންގެ ވަޒީފާ އަނެއްކާވެސް ގެއްލި ދާނެއެވެ. އަހަރެންނަށް މާގިނަ އިރަކު އެހެނެއް ނީދެވުނެވެ. ޖައިޝްގެ ކެބިންއިން އަހަރެންނަށް ގޮވާލި އަޑު އިވިގެން ދިޔައެވެ. އަހަރެން ހާސްވެގެން ދިޔައެވެ. އޭނާ އަހަރެންނާއި ސުވާލު ކުރުމުން އަހަރެން ބުނަންވީ ކީކޭ ހެއްޔެވެ. ޖިންނިއެއްގެ އުދަގުލާއި ހުރެ އަހަރެންނަށް އެ ނުލިޔެވުނު ވާހަކަ ހެއްޔެވެ. އެކަމަކު.. މިޒަމާނުގައި އެވާހަކަ ގަބޫލު ކުރާނީ ވަކި ކާކު ހެއްޔެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުން ޖިންނި އެއީ އުޅޭވެސް އެއްޗެއް ނޫނެކެވެ.
އަހަރެން މަޑުމަޑުން އެކެބިންއަށް ވަނީމެވެ. އަހަރެން ހީކުރި ގޮތާއި ހިލާފަށް ޖައިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އަލާމާތެވެ. އޭނާ އަތުގައި ގަނޑުތަކެއް ހުއްޓެވެ. އަހަރެން ހައިރާން ކަމާއި އެކު ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “ވާއު.. ދިސް އިޒް ސޯ ގުޑް… މިއީ އަދި އާސީން މިހާ ހިސާބަށް ހެދި އެއްމެ ސަޅި ރިޕޯޓް” ޖައިޝް އަހަރެން ފެނުމާއި އެކު ބުނެލިއެވެ. އަހަރެން ހައިރާން ވެގެން ދިޔައެވެ. އަހަރެން އެއްވެސް ރިޕޯޓެއް ނުލިޔަމެވެ. “މީގެ މިހުރީ ހުސް ތެދު މައުލޫމާތު.. ވާ.. އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ.. މިކަހަލަ މައުލޫމާތު ހޯދީ ކިހިނެއްތަ.. ކާކުތަ އާސީންއަށް މައުލޫމާތު ދިނީ” ޖައިޝް ބުނެލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ތި ރިޕޯޓް” އަހަރެން އެހެން ބުނެލަމުން ޖައިޝްއާއި ދިމާލަށް އަތް ދިއްކޮށްލީމެވެ. އެވަގުތު ޖައިޝް އެ ރިޕޯޓް އަހަރެންގެ އަތައް ދިނެވެ. “ހޫމް.. ކޮންމެހެން އަހަރެން ބޭނުމެއް ނޫން އާސީންއަށް މައުލޫމާތު ދިން މީހެއްވެސް ހޯދާކަށް.. އެކަމަކު ބުނަން.. ތިއީ ރަނގަޅު ރިޕޯޓެއް.. ތީގެން އެތަނުގެ މަތީގައި ތިބޭ މީހުން ކެކިގެންދާނެ” ޖައިޝް ހުރީ ވަރަށް ފޯރީގައެވެ. އަހަރެން މަޑުމަޑުން ރިޕޯޓް ކިޔާލީމެވެ. އޭރު އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭގައި އެހުރި މައުލޫމާތަކީ މީގެ ކުރިން އެއްވެސް ތާކުން އަހަރެން އަޑުއަހާފައިވާ މައުލޫމާތު ތަކެއް ނޫނެކެވެ. މިމައުލޫމާތުތައް ބޭރު ވެއްޖެނަމަ ހުރިހާ ފުލުހުން އަހަރެންނާއި ދިމާ ކުރާނެކަން ޔަގީނެވެ.
“ޖައިޝް.. އަހަރެން” “އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ.. މިހާރު އަހަރެންނަށްވެސް ޔަގީން ވެއްޖެ އާސީން އެމީހުން ދެކެ އަހަރެން މި އަންނަ ވަރަށް ވުރެއް ބޮޑަށް ރުޅި އަންނަކަން” ޖައިޝް އަހަރެން ޖުމްލަ މެދު ކަނޑާލަމުން އެހެން ބުނެލުމުން އަހަރެންނަށް ވަގުތުން ދެކޮޅަށް ބޯ ހޫރާލެވުނެވެ. “ޖައިޝް.. މިއީ” އެހާ ހިސާބަށް ބުނެވުނު ތަނާ ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ޖައިޝްގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރި ބަންޝީލްއެވެ. ބަންޝީލްގެ މޫނުމަތީގައި ކުޅެމުން ދިޔަ ނުލަފާ ހިނިތުންވުމުގެ ސަބަބުންވެސް އަހަރެންގެ ނޭވާ ތާށިވިކަހަލައެވެ. އެވަގުތު އެއީ އޭނާގެ ކަމެއްކަން އަހަރެންނަށް އެނގިގެން ދިޔައެވެ. އޭނާ މަޑުމަޑުން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލިއެވެ. އެއްވެސް އެއްޗެއް ބުނެގެން ނުވާނެއޭ ބުނާފަދަ ގޮތަކަށެވެ. “އާސީން.. ކިހިނެއްވީ” އަހަރެން ޖައިޝްއާއި ތަންކޮޅެއް ދުރަށް ބަލަހައްޓައިގެން ހުރުމުން ޖައިޝް ގޮވާލިއެވެ. “ކަމެއް ވީތަ” ފުރަގަހަށް ބަލާލަމުން އަނެއްކާވެސް ޖައިޝް ބަލާލީ އަހަރެންނާއި ދިމާލަށެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަނެއްކާ އޭނާ ޖައިޝްއާއި ދިމާކޮށްފާނެއެވެ.
ޖައިޝް ލިޔުންތައް ޕްރިންޓް ކުރަން ހަވާލުކުރާ މީހާއަތައް އަހަރެންގެ ލިޔުން ދިނެވެ. އަދި ވީހާވެސް އަވަހަށް އެލިޔުން ޕްރިންޓް ކުރުމަށާއި އެންމެ އަވަހަށް ނެރޭ ނޫހެއްގައި އެ އާޓިކަލް ޖެހުމަށް ބުންނެވެ. އެކަމަކު އެހެން ހަދައިފިނަމަ.. “ޖައިޝް.. ތި ލިޔުން އެހައް ބަހައްޓަން ވީނުން.. އަހަރެން އާ ލިޔުމެއް ލިޔެފާނަން” އަހަރެން އެލިޔުން އެއްވެސް އެއްޗެއްގައި ޖަހާކަށް ބޭނުމެއް ނުވެއެވެ. އެ ލިޔުން ޖަހައިފިނަމަ އައިރް ހިތައް އަރާނީ ކީކޭ ބާއެވެ. އަހަރެންގެ ހިތައް އައިރް ސިފަވެގެން ދިޔައެވެ. “އިތުރު ލިޔުމެއް ލިޔަނީ ކީއްކުރަން… މިހާ ފުރިހަމަ.. މިހާ ރީތ.. އެނީވޭ.. ދެން އެހެން ކަމަކަށް އާސީން އުޅޭ” ޖައިޝް އެހެން ބުނެލަމުން އެހެން ކަމަކަށް އެބުރުނެވެ. އަހަރެން މާޔޫސް ވިއެވެ. ބަންޝީލް ކީކޭ ހިތައް އަހަރައިގެން ކުރި ކަމެއް ހެއްޔެވެ. ބޭނުންވަނީ އަހަރެންގެ އަގު އެންމެންގެ ކުރިމަތީގައި ވައްޓާލަން ހެއްޔެވެ. އަނެއްކާ އޭނާ އެ ލިޔުން ލިޔުނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ކޮންޕިއުޓަރ އިން ހެއްޔެވެ. ނޫނީ އެމީހުންގެ އަތުގައިވެސް އެކަހަލަ ކޮމްޕިއުޓަރ ކަހަލަ އެއްޗެހި ހުންނަނީ ހެއްޔެވެ. ނޫނީ އޭނާއަށް ލިބިފައިވާ ބާރުގައި އަތުން އެއްމެ ފުއްޓައްކެއް ޖަހާލާ އިރަށް ޕްރިންޓް ވެގެން އައީ ހެއްޔެވެ. އަހަރެންގެ ސިކުނޑިއަށް އަރަމުން ދިޔަ ސުވާލު ތަކުން އަހަރެން ބޯ ހާސް ކުރުވަމުން ދިޔައެވެ. އަދި އެ ބަންޝީލް ކިޔާ އެއްޗާއި މެދު އަހަރެންގެ ސިކުނޑި ވިސްނަމުން ދިޔައީތީ އަމިއްލައަށް ބޮލުގައި ޖަހާލެވުނެވެ.
މަޑުމަޑުން އަހަރެން ގޮސް ގޮޑީގައި އިށީދެލީމެވެ. ބަންޝީލް ބުނި ގޮތުން އޭނައަކީ ޖިންނިއެކެވެ. އެކަމަކު އޭނަ ރޭގައި ވާހަކަ ދެއްކީ އަހަރެންނާއި ދިވެހި ބަހުންނެވެ. އަނެއްކާ އޭނާއަށް ދިވެހި ބަސް އެނގުނީ ކިހިނެއް ހެއްޔެވެ. އެމީހުންނަށް ސްކޫލްގައި އެކި ބަސްތައް ކިޔަވައިދެނީ ހެއްޔެވެ. އެމީހުންގެ ސްކޫލެއް ހުރޭ ހެއްޔެވެ. އޭނައަކީ ޖިންނިއެއް ނަމަ އިންސާނެއްގެ ސިފައިގައި އެ ފެންނަނީ ކީއްވެ ހެއްޔެވެ. އޭނާގެ އަޑު އެހާ ފިރިހެނީ ކީއްވެ ހެއްޔެވެ. އެކަހަލަ ޖިންނިން ތިބެނީ އެގޮތައް ބާއެވެ. އެކަހަލަ ޖިންނިން އުފެދޭ އިރުވެސް ތިބެނީ ބޮޑެތިކޮށް ބާއެވެ. ނޫނީ ޖިންނިން ތެރޭގައިވެސް ކުދި ޖިންނިވެސް އުޅޭބާއެވެ. އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔައީ “ޖިންނި.. ޖިންނި.. ޖިންނި..” މި ލަފްޒެވެ. އިތުރު ލަފްޒެއް ނުވެސް ވަނެވެ. އެންމެ ފަހުން ރުޅިގަދަވާން ފެށިއެވެ. މީހާ ދާހިއްލަން ފެށިއެވެ. އެންމެ ފަހުން ތެދުވެގެން އަހަރެން ގޮސްވަނީ އަންހެނުންގެ ފާހަނައަށެވެ.
މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓިލަމުން އިސްކުރު ދޫކޮށްލާ އަތުން މޫނުގައި ފެން ފޮދެއް ފުހެލީމެވެ. މޫނުމަތިން އަތް ނެގި ވަގުތު ކުރިމަތީގައި ހުރި ލޯގަނޑުން އަހަރެންގެ ފަހަތުގައި ހުރި ބަންޝީލް ފެނިގެން ދިޔައެވެ. ސިހިގެން ދިޔަ ވަރުން އަހަރެންގެ އަނގައިން އަޑެއް ބޭރު ނުވީ ކިރިޔާއެވެ. “ވަޓް ދަ” އަހަރެންނަށް މަޑުމަޑުން އެހެން ބުނެލެވުނެވެ. ބަންޝީލް ހުރީ އަހަރެންނާއި ދުރުގައެވެ. ފަހަރެއްގައި އޭނާއަށް އެއަށް ވުރެއް ކައިރި ނުވެވެނީ ކަމަށް ވެދާނެއެވެ. “ތިހާ އަހަރުމެންނާއި ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންނަމަ އަހަރެން ކައިރީގައި އަހަން ކީއްވާނީ.. އަނެއްކާ އަހަރުމެންނާއި ބެހޭގޮތުން އާޓިކަލްއެއް ލިޔަން ވިސްނަނީތަ” ބަންޝީލްގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން އަހަރެންގެ ސިކުނޑި ގަޑު ކޮށްލި ކަހަލައެވެ. މަޑުމަޑުން އަހަރެން އޭނައާއި ދިމާލަށް އެބުރުނީމެވެ. އޭރު ހިތް ނެގިނެގިފައި ޖެހޭ އަޑު އިވެމުން ދިޔައެވެ. އެވަގުތު އަހަރެން ހަނދާންވީ އޭނާ ލިޔުނު ރިޕޯޓެވެ. ވަގުތުން ރުޅިގަދަވިއެވެ. “ކީކޭތަ ހީކުރަނީ.. މީސް މީހުންނޭ ކިޔައިގެން ރިޕޯޓް ހަދާއިރު.. ހަގީގަތަކީ ކޮބާކަން ބަލާލުމެއް ނެތް ދޯ” އައިސްފައިވާ ރުޅިގަނޑުގައި އަހަރެންނަށް އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެވަގުތު ބަންޝީލް ހީގަތެވެ. “ބަލަ އަހަރެން އާސީންއަށް އެ މަސައްކަތް ކޮށްދިނީމަ ޝުކުރު އަދާކުރުމުގެ ބަދަލުގައި ރުޅިތަ އަންނަވީ” ބަންޝީލް ބުނެލިއެވެ.
“އަހަރެން ބުނެގެންތަ އެމަސައްކަތް ކުރީ.. އަހަރެން ނުބުންނަންދޯ.. ކީއްކުރަން ކުރި ކަމެއް އެއީ.. އަހަރެންނަށް ހެޔޮ ކަލޭ އަހަރެންނަށް އެއްވެސް މަސައްކަތެއް ނުކޮށްދިނަސް.. އަޑުއިވިއްޖެ” ރުޅިގަދަވެފައި ހުރުމުން ބަންޝީލްއާއި ކައިރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެވަގުތު ބަންޝީލް ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް އެމޫނުމަތިން އޭރުވެސް ފެންނަން ހުރީ ނުލަފާ ހިނިތުންވުމެކެވެ. “އަހަރެންނަށް އެނގޭ އަހަރެން އެ ރިޕޯޓް ނުލިޔުން ނަމަ މިއަދު އާސީންގެ ޖޮބް ގެއްލޭނެކަން.. އެހެން ނޫނަސް އޭގައި ހުރީ ހުސް ތެދު މައުލޫމާތުކަން އާސީންއަށްވެސް ރަނގަޅަށް އެނގޭނެ” ބަންޝީލް ހުރީ ރޭގައި ލައިގެން ހުރި އެއްޗެހި ލައިގެންނެވެ. ބަންޝީލް އެހެން ބުނެލަމުން ޖީބަށް އަތް ޖަހާލިއެވެ. އެހެން ހުންނަ އިރު ހީވަނީ މޮޑެލް އިޝްތިހާރު ކުޅޭ މީހެއް ހެންނެވެ. އެއީ ކާކުކަން ނޭނގޭނަމަ އޭނާއަށް ހިތްދެވޭނެތާ ކިތައްމެ ދުވަހެކެވެ. ނަސީބަކުން އަހަރެންނަށް އެއީ ކާކުކަން ރަނގަޅަށް އެނގެއެވެ.
“އަހަރެންގެ ވަޒީފާ ގެއްލުނަސް އެއީ ކަލެއާއި ބެހޭނެ ކަމެއް ނޫން.. މީގެ ފަހުން އަހަރެންނަށް އެހީވާން ކަލޭ މަސައްކަތް ނުކުރާތީ.. އަހަރެން އެހީތެރިކަން ބަލައިގަންނަނީ ރަހްމަތްތެރިންގެ ފަރާތުން… ކަލޭ ތިއީ އަހަރެންގެ ރަހްމަތްތެރިއަކަށް ކިޔާވަރުގެ މީހެއް ނޫން.. އެހެން ނޫނަސް މިއީ އަންހެނުންގެ ފާހަނަ.. ކަލޭ މިތަނަށް ވަދެގެން!!!..އާހްހްހް… ހަމަ މިހާރު ނިކުމޭ” އަހަރެން ބޭރަށް ނިކުންނަން ހުރި ދޮރާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލީމެވެ. އެވަގުތު އަނެއްކާވެސް ބަންޝީލް ހީގަތެވެ. “އާސީންއަށް ރަނގަޅަށް އެނގޭނެ އަހަރެން ނިކުންނާކަށް ކޮންމެހެން ދޮރެއް ބޭނުމެއް ނުވާކަން.. އަދި އަހަރެން ވަންނާކަށް ފާހަނައެއް ކޮޓަރިއެއް ގެއެއް ނުއޮންނާނެ.. އަހަރެން ބޭނުން ތަނަކަށް އަހަރެންނަށް ވަދެވޭނެކަން އާސީންއަށް އެނގޭނެ.. އަނެއްކާ ހީވަނީތަ އަހަރެން މިއީ އިންސާނެކޭ.. ނޫނީ ގަސްދުގައި ނޭނގޭކަމަށް ހަދަނީތަ..” ބަންޝީލް ބުނެލިއެވެ. “ލުކް… އަހަރެންނަށް ހެޔޮ ތިއީ މޮޔައަކަށް ވިޔަސް.. ހަމަ މިހާރު މިތަނުންދޭ” އެހާ ހިސާބަށް ބުނެވުނުތަނާ ކުއްލިއަކަށް ދޮރު ހުޅުވާފައި ވަނީ އެތަނުގައި މަސައްކަތް ކުރާ އައިޝާއެވެ.
އައިޝާ ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނާއަށް ރަނގަޅަށްވެސް އަހަރެން އެންމެ ފަހުން ބުނި ޖުމްލަ އަޑުއިވޭނެކަން އަހަރެންނަށް ރަނގަޅަށް އެނގެއެވެ. ވަގުތުން އަހަރެން މޫނު ދޮންނަ ތައްޓާއި ދިމާލަށް އެބުރި އަނެއްކާވެސް މޫނުގައި ފެންފޮދެއް ލީމެވެ. އޭރު އެތަނުން ބަންޝީލް ފެންނާކަށް ނެތެވެ. “ކާކާތަ ތި ވާހަކަ ދައްކަނީ” ހައިރާންކަމާއި އެކު އައިޝާ އަހަރެންނާއި ސުވާލު ކުރިއެވެ. އަހަރެން އެތާ ހުރި ޓިޝޫފޮށިން ދެތިން ޓިޝޫ ނެނގީމެވެ. “އަހަރެންތަ.. އަމިއްލައަށް.. އަމިއްލަ މީހާއާއި ވާހަކަ ދައްކަން ޖެހޭ ކަންތައްތައްވެސް އާދެއެއްނުން.. އެހެން ނޫނަސް ބުނެއެއްނުން.. އެކްސްޕާޓްސްގެ އެހީ ބޭނުންނަމަ އަމިއްލަ ނަފްސާއި ވާހަކަ ދައްކާށޭ .. ނޫންތަ” މޫނު ފޮހެލަމުން އައިޝާއަށް ޖަވާބު ދެމުން އަހަރެން އެތަނުން ނިކުތީމެވެ. އޭރު އަހަރެންގެ ދަތްޕިލަ ވަނީ ބާރުކޮށްލެވިފައެވެ. މޭޒުކައިރިއަށް ހުއްޓި އަތުން މަޑުމަޑުން މޭޒުގައި ޖަހާލީމެވެ. ބަންޝީލް ނަމަކަށް ކިޔާ އެތި ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ. އެންމެންގެ ކުރިމަތީގައި އަހަރެންގެ މޮޔައަކަށް ހަދަން ހެއްޔެވެ. ކައިރި ނުވެވުނަސް ދުރުގައި ހުރެގެން ހާދަ ވަރެއް އެބަ އަރުވައެވެ. ހާދަ ބޮޑާވެސް އެއްޗެކެވެ. އަހަރެންގެ ރުޅިގަނޑު މަޑުވާ ގޮތެއް ނުވިއެވެ.
މޭޒު ކައިރިއަށް އައި އިރު އެތަނުގައި ސިޓީ އުރައެއް އަހަރެންގެ ނަން ޖަހާފައި އޮތެވެ. “އާސީން ތިއީ ދެންމެ އައި އެއްޗެއް” އޮފީސް ތެރެއިން މީހަކު ގޮވާލިއެވެ. އަނެއްކާ ކޮން އެއްޗެއް ހެއްޔެވެ. ކާކުގެ ކަމެއް ހެއްޔެވެ. ބަންޝީލްގެ ކަމަކަށް ވެދާނެ ހެއްޔެވެ. އެހެން ހިތައް އެރުމާއި އެކު ބަލާނުލާ އަހަރެން ބޭނުންވީ އެ ޑަސްބިންއަށް ލާށެވެ. ސިޓީ އުރަ ނަގާ ޑަސްބިންއާއ ކައިރި ކޮށްލުމަށްފަހު އަނެއްކާވެސް ނަގާ މޭޒުމަތީގައި ބޭއްވީމެވެ. އެކަމަކު ބަންޝީލް އަހަރެންނަށް ސިޓީ އުރައެއް ފޮނުވަންވީ ކީއްވެ ހެއްޔެވެ. އެއީ ޖިންނިއެކެވެ. އެތަނުގައި ފޯސްޓް ކުރެވޭ ގޮތް ވެސް ހުންނަނީ ހެއްޔެވެ. އެހެން ހިތައް އެރުމާއި އެކު އަމިއްލަ މީހާގެ މޮޔަކަމާއި މެދު ހީލެވުނެވެ. އަދި ސިޓީ އުރަ ކަޑާލީމެވެ. އޭގައި ހުރީ ލިޔުން ތަކެކެވެ. އަހަރެން އަދްލީ ކައިރީގައި ފޮނުވަން ބުނި ލިޔުންތައް އޭނާ ފޮނުވާފައެވެ. އޭގައި އަހަރެން ބޭނުންވި ފޮޓޯވެސް އޮތެވެ. އަހަރެންނަށް ހިނިތުން ވެލެވުނެވެ. “ހޭ އާސީން.. ހާދަ ނައިޝް އާޓިކަލްއެކޭ ދޯ ލިޔެލާފަ” ކުއްލިއަކަށް އޮފީސް ތެރެއިން މީހަކު ގޮވާލިއެވެ.
އަހަރެން ބޮލުގައި ހިފަހައްޓާލީމެވެ. އެވެސް އެ ޕްރިންޓް ވީއެވެ. މަގޭ ދުވަސް މިއަދު ދާނެއެވެ. އިރުއިރު ކޮޅާ މީހަކު އެ އާޓިކަލް މޮޅުވެގެން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އަހަރެން އެހެން އިދެފައި ބަލާލި ވަގުތު ތަންކޮޅެއް ދުރުގައި ހަށަން ބަދެލައިގެން އަހަރެންނާއި ދިމާލަށް ބަންޝީލް ބަލަން ހުރި ތަން ފެނުނެވެ. އެމޫނުމަތިން ފެންނަން ހުރީ ނުލަފާ ހިނިތުންވުމެކެވެ. އެހެން މީހަކަށް އޭނާ ނުފެންނަނީ ހެއްޔެވެ. ނޫނީ ފެނުނަސް އޭނާއަށް މާ ބޮޑު ކަމަކަށް ނުވަނީ ހެއްޔެވެ. އަހަރެން ދެލޯ އަޅާލީމެވެ. އައިސްފައިވާ ހުރިހާ ރުޅިއެއް ބޭލެމުން ދިޔައީ އެއްވެސް ކުށެއް ނެތް ކީބޯޑަށެވެ. އުޅެއުޅެ އަހަރެންނަށް އެއްވެސް ކަމަކަށް ޝުއުގުވެރިކަމެއް ނުދެވުނެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ.
“ހަލޯ” އަރާފައި އިނީ ކޮން ނަންބަރެއްތޯ ނުބަލާ ކަންފަތުގައި ޖަހާލީމެވެ. “އަހަރެން ދެކެ އެހާ ރުޅި އައިސްފަތަ ތި ހުރީ” އެކޮޅުން އިވިގެން ދިޔައީ އައިރްގެ އަޑެވެ. އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ކަންފަތުގައި އިން ފޯނު ވަގުތުން ދޫވެގެން ވެއްޓުނެވެ. ނަމަވެސް ވެއްޓުނީ އަހަރެންގެ އުގު މައްޗަށް ކަމުން އަވަހަށް ފޯނު ނަގާ އަނެއްކާ ކަންފަތުގައި ޖަހާލީމެވެ. ‘ނޫން.. ކިހިނެއްތޯ ވީ” އަވަސްކަމާއި އެކު އަހަރެން އަހާލީމެވެ. “ވަރުގަދަ ރިޕޯޓެއް ލިޔެފައި އޮތުމުން.. ފުލުހުންނަށް އެމީހުންގެ މަސައްކަތްތައް ނުވަނީ ކީއްވެގެންކަން ބުނެދީފަ އޮތުމުން” އައިރް ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އެއީ އަހަރެން ލިޔުނު ރިޕޯޓެއް ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ. “އާސީން.. އާ ޔޫ ދެއަރ” އައިރް ބުނެލިއެވެ. އެއަޑު ޖެހުމުންވެސް ހިތައް ފިނިވެގެން ދެއެވެ. އަރާފައިވާ ރުޅިގަނޑުވެސް ފިނި ވެއްޖެއެވެ. “އާދެ.. ސޮރީ.. އެއީ” “އެކަމާއި އަޅާނުލާ.. އެ ލިޔުން އެއީ އާސީންގެ ވަޒީފާ.. އަހަރެން މި ގުޅި އަހަރެންގެ ވަޒީފާގެ ގޮތުން” އައިރް ބުނެލިއެވެ. “އާދެ.. ވިދާޅުވޭ” އަހަރެން ހިތް އަވަސް ވެފައިވާތީ ވާހަކަ ދެއްކުނީ އަވަސްކަމާއި އެކުގައެވެ. “އާސީންއަށް ރަނގަޅަށް އެނގޭ.. ނާސިރު އަހަރުމެންގެ މީހަކާއި ވާހަކަ ނުދައްކާކަން.. އަހަރުމެން އޭނަގެ އަނގައިން އެއްވެސް މައުލޫމާތެއް ހޯދާކަމަށްވާނަމަ އާސީންގެ އެހީ ބޭނުންވޭ.. އާސީން.. އަހަރެން އާސީންއަށް މަޖްބޫރެއް ނުކުރާނަން.. އެކަމަކު އާސީން އައިސްފިނަމަ އަހަރުމެންނަށް ވަރަށް ފައިދާވާނެ” އައިރްގެ އަޑުގައި ހުރީ ދުރުހިލޭ ގޮތެކެވެ. އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން ދެރަވިއެވެ. “ލައްބަ.. އަޅުގަނޑު ދާނަން.. ކިހާ އިރަކާތޯ ދާންވީ” އަހަރެން މަޑުމަޑުން އަހާލީމެވެ. “މިހާރު އާދެވޭ ކަމަށްވާނަމަ ރަނގަޅުވާނެ.. މިހާރު މެންދުރު ވެއްޖެ.. އަވަހަށް މި މަސައްކަތް ނިއްމާލެވުނީމަ އާސީންއަށްވެސް ފަސޭހަ ވެގެންދާނީ” އައިރް ބުނެލިއެވެ. “އާދެ.. އަޅުގަނޑު މިދަނީ” އަހަރެން އެހެން ބުނުމާއި އެކު އައިރް ފޯނު ކަނޑާލިއެވެ.
އަހަރެންނަށް އިތުރަށް ބަންޝީލް ދެކެ ރުޅި އާދެވުނެވެ. ބަންޝީލްއާއި ހެދި އައިރްވެސް އަހަރެން ދެކެ ރުޅި އައީއެވެ. އަހަރެން ދަބަސް ތެރެއަށް އަދްލީ ފޮނުވި ސިޓީ އުރަ ލަމުން ދަބަސް ހިފައިގެން މަޑުމަޑުން ޖައިޝްގެ ކެބިންއަށް ދިޔައީމެވެ. “ހޫ..ހޫމް.. ޖައިޝް” އަހަރެންނަށް ކުޑަކޮށް ވާހަކަ ދައްކަން އުދަގޫވެގެން ދިޔައެވެ. ހީވަނީ ހިލަގަނޑެއް އަހަރެންގެ ލަގޮނޑި މަތީގައި ބާއްވާފައި އޮތް ހެންނެވެ. “ފުލުސް އޮފީހަށް އައުމަށް މިއަދުވެސް އެދިއްޖެ” އަހަރެން މަޑުމަޑުން ބުނެލީމެވެ. “އޯކޭ.. އަވަހަށް ދޭ.. އެކަމަކު މިއަދުވެސް އައިސް ވާ ގޮތް އަހަރެންނަށް ކިޔައިދޭންވާނެ އިނގޭ.. އެންޑް މިއަދު ނާސިރުއާއި ދިމާވާ ގޮތެއް ވޭތޯ ބަލައްޗޭ” ޖައިޝް ހުއްދަދިނީ ފަސޭހަކަމާއި އެކުގައެވެ. އަހަރެންނަށް އޭނާ ހުއްދަ ދޭނެކަން މާކުރިންވެސް އެނގެއެވެ. އަވަހަށް އެތަނުން ނިކުމެ އަހަރެން ސައިކަލަށް އެރީމެވެ. އަދި އަވަސް އަވަހަށް ޝަހީދު ހުސައިން އާދަން ބިލްޑިންއަށް ދިއުމަށް މިސްރާބު ޖެހީމެވެ.
“އައިރް އާއި ބައްދަލު ކުރަން” އަހަރެން އެތަނަށް ވަދެ ރިސެޕްޝަންގައި އިންކުއްޖާ ކައިރީގައި އެހެން ބުނެލީމެވެ. އޭރު އަހަރެންގެ ހިތަށް ބުނަން ނޭނގޭ ގޮތަކަށް ތަދުވަމުން ދިޔައެވެ. އައިރް ފޯނުން ވާހަކަ ދެއްކި ގޮތުން އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. “އެބަ ދުރުވޭ.. އިށީންނަވާ” ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރި ދައްކާލަމުން އެކުއްޖާ ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލަމުން ގޮނޑިބަރީގައި އިށީދެލީމެވެ. “އާސީން” އޭގެ އިރުކޮޅެއް ފަހުން އަހަރެންނަށް އަޑުއިވިގެން ދިޔައީ އަހަރެން އެންމެ އަޑުއަހަން ބޭނުންވި މީހާގެ އަޑެވެ. އިސްޖަހައިގެން ހުރުމުން އައިރް އައިތަނެއް އަހަރެންނަކަށް ނުފެނުނެވެ. އަވަސް އަވަހަށް އިސްއުފުލާލީމެވެ. އައިރް ފެނުމާއި އެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކުރިން ދުވަހަށް ވުރެއް މިއަދު އައިރް ރީތިކަމަށް ދައްކައެވެ. ހޭންޑްސަމް ކަމަށް ދައްކައެވެ. އޭނާ ހުރީ އަހަރެންނާއި ތަންކޮޅެއް ދުރުގައެވެ. “ދުރުވޭ” އަތުން ދައްކާލަމުން އައިރް ބުނެލީ ނުދަންނަ މީހަކާއި ވާހަކަ ދައްކާފަދަ ގޮތަކަށެވެ. އެހެން ބުނެލަމުން އިތުރު ވާހަކައެއް ނުދައްކާ އައިރް ހިގައިގަތީ ލިފްޓާއި ދިމާލަށެވެ. ހީވާ ގޮތުން އެ ރިޕޯޓްގެ ސަބަބުން އައިރް ވަނީ އަހަރެން ހީކުރި ވަރަށް ވުރެއް ބޮޑަށް ރުޅި ގަދަވެފައެވެ.
ލިފްޓަށް އަރާ އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. އެންމެ ފަހަރަކުންވެސް އަހަރެންނާއި ދިމާލަށް އޭނާ ބަލާނުލައެވެ. މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ހީވާގޮތުން މިއަދު އޭނާ އަހަރެންނާއި ދިމާލަށް ނުބަލަން ހުވާ ކޮށްގެން ހުރި ކަހަލައެވެ. “އަ..އިރް.. ކިހިނެއްތަ” އަހަރެންގެ އަޑު ކިތައްމެ އުދަގުލުން ވިޔަސް ބޭރަށް ނިކުތެވެ. “ވަރަށް ރަނގަޅު” އައިރް ޖަވާބު ދިނީ ބަލާވެސް ނުލައެވެ. އިތުރަށް އެންމެ ސުވާލެއްވެސް ނުކުރެއެވެ. އަހަރެންގެ ހާލު އަހާލާނެ ނަމަ ކޮންފަދަ ހެއްޔެވެ. އޭނާ އެހާ ބޮޑަށް ރުޅި އައިސްފައި އެހުރީ ހަމައެކަނި އެ ރިޕޯޓްގެ ސަބަބުން ހެއްޔެވެ. ނޫނީ އަހަރެންނަށް އެހެން ކަމެއްވެސް ކުރެވުނީ ހެއްޔެވެ. އެކަމަކު.. އެހާ ގޮތްބޮޑު ވާކަށް ނުވާނެތާއެވެ. އެއްވެސް އިތުރު އެއްވެސް އެއްޗެއް އައިރް ނުބުނުމުން އަހަރެންނަށް ހީވީ އައިރްގެ އަތުން އަހަރެންގެ ހިތް ފުޑުފުޑު ކޮށްލި ހެންނެވެ. ހިތްވަރުކޮށްފައި އެއްޗެއް ބުނީވެސް އޭނަ އިތުރަށް ވާހަކައެއް ދައްކާތޯއެވެ. އަހަރެންގެ ހާލު ކިހިނެއްތޯ.. އަހަރެންގެ ދުވަސް ދިޔައީ ކިހިނެއްތޯ.. ރޭގަނޑު ދިޔައީ ކިހިނެއްތޯ.. އެ ރިޕޯޓް ލިޔުނީ ކީއްވެތޯ ވިޔަސް އަހާތޯއެވެ. އެކަމަކު އޭނާ އެއްވެސް އެއްޗެއް ނޭހިއެވެ. ހަމައެކަނި ބޮޑާކަން ލިބިފައިވަނީ ޖައިޝް ނުވަތަ ބަންޝީލްއަށް ނޫނެކޭ އަހަރެންގެ ހިތައް އެރިއެވެ. ބަންޝީލްގެ ނަން ހިތައް އެރުމާއި އެކު އަތް މުއްމަޅާލެވުނެވެ.
ލިފްޓް އައިސް މަޑު ކުރުމާއި އެކު އަވަސް ކަމާއި އެކު އައިރް ލިފްޓުން ނިކުތެވެ. ނާސިރު ބައިންދާފައިވާ ރޫމް އާއި ޖެހިގެން ހުރި ރޫމްއަށް އޭނާ ގޮސްވަނެވެ. އަހަރެން މަޑުމަޑުން އެތަނަށް ވަތް އިރު ކުރިން ދުވަހުވެސް ތިބި ތިންމީހުން އެތަނުގައި ތިއްބެވެ. “ނައުޝާން.. އާސީންއަށް ގަނޑު ހަވާލުކުރޭ” އަހަރެން ވަނުމުން އައިރް ބުނެލިއެވެ. އޭރު އައިރް ހުރީ ލޯގަނޑުން ނާސިރުއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “ތި ގަނޑަކީ މިއަދު އާސީން ނާސިރުއާއި ކުރަންޖެހޭ ސުވާލުތައް..” ނައުޝާން އަހަރެންނާއި ގަނޑު ހަވާލު ކުރުމުން އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު އަހަރެންގެ އަތުން ގަނޑު ދޫވިއެވެ. ވަގުތުން އައިރް އަނެއް ފަރާތައް އެބުރި ޖީބަށް އަތް ޖަހާލިއެވެ. އަހަރެން ލަދުގަތެވެ. ވަރަށް ބޮޑަށެވެ. އެހާ އަޅާލުން ކުޑަ ގޮތަކަށް އަހަރެންނާއި ދޭތެރޭގައި ކަންތައް ކުރާނެ ކަމަކަށް އަހަރެން ހިތަކަށްވެސް ނާރައެވެ. ނައުޝާން އެގަނޑު ނަގާ ދިއްކޮށްލިއެވެ. “މިތަނުގެ އެއްޗެއްސަކީ ސަރުކާރު މުދާ.. އެހެންވީމަ ކުޑަކޮށް ބަލައިގެން އުޅެންވާނީ” އައިރްގެ އަޑު އިވުނެވެ. އަހަރެންނަށް ހީވީ ހިތް މައްޗަށް ގާގަނޑެއް ވައްޓާ ހިތް ޗިސްކޮށްލި ހެންނެވެ. ވަގުތުން ދެލޯ ކަރުނުން ފުރުނެވެ. “އިތުރު ކަމެއް ނެތިއްޖާ އަވަހަށް ދޭ.. ނާސިރު އެއިނީ އާސީންގެ އިންތިޒާރުގައި” އައިރް އެހުރި ގޮތައް ހުރެ ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވުމެއް ގެންނަމުން އެތަނުން ނިކުތީމެވެ
އެގޮތައް އަހަރެންނާއި ދޭތެރޭގައި އޭނާ އެ ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ. އަހަރެންނަށް އައިރް ފެނުމުން ވެގެން ދާގޮތް އޭނާއަށް ނުފެންނަނީ ހެއްޔެވެ. އަހަރެންގެ ދެލޮލުން ކަރުނަތައް މަޑުމަޑުން އޮހިގަތެވެ. އެހާ ބޮޑަށް މީގެ ކުރިން މީހަކު އަހަރެން ދެރަ ކޮށްލާފައެއް ނުވެއެވެ. މަޑުމަޑުން އަހަރެންގެ ހިތް މަތީގައި އަތް ޖައްސާލެވުނެވެ. އަދި މީހާ ހަމައަކަށް އެޅުމައްޓަކައި ދެތިން ނޭވާއެއް ބޭރުކޮށްލީމެވެ. އަދި އަތުގެ ނުފުށުން ދެލޯ ފުހެލީމެވެ. ނާސިރު ބައިންދާފައިވާ ހުރި ރޫމް ކައިރީގައި ތިބި ފުލުހުން އަހަރެންނާއި ދިމާލަށް ބަލަމުން ދިޔަކަން އަހަރެންނަށް އެގުނެވެ. އެހެންކަމުން މީހާ ހަމައަކަށް އެޅުމައްޓަކައި ދަބަސް ތެރެ ބަލާލީމެވެ. ފުއްދަޅު ނަގާ ފުއްޖާލީ އެމީހުން އެހެން ބަލަން ތިބީމައެވެ. އަދި އެތަނުގައި ކެމެރާ ހުރުމުން އައިރްވެސް ބަލަން ހުންނާނެކަން އަހަރެންނަށް އެގޭތީއެވެ. އޭގެ ފަހުގައި ދަބަސް ތެރެއިން އައިރް ދިން ގަނޑު ލުމަށްފަހު އަހަރެންގެ ކާޑު ނަގާ ބޮލުގައި އަޅާލީމެވެ. އަދި އަވަސް ކަމާއި އެކު އެ ރޫމްއާއި ދިމާލަށް ދިޔައީމެވެ.
ރޫމްގެ ދޮރު ހުޅުވާލަމުން އަހަރެން އެތެރެއަށް ވަނީމެވެ. ނާސިރު އިނީ ހަމަ ކުރިންވެސް އިންނަ ހެންނެވެ. މާބޮޑު ތަފާތެއް އޭނާގެ މޫނުމަތިން ފެންނާކަށް ނެތެވެ. އަހަރެން ވަނުމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ވަދުން ގޮތަށް ބަލާލީ އެތަނުގައި ހުރި ލޯގަނޑާއި ދިމާލަށެވެ. އޭގެ އަނެއް ފަރާތު އައިރް ހުންނާނެކަން އަހަރެންނަށް ޔަގީނެވެ. “ނާސިރު” އަހަރެން ނާސިރުއަށް ގޮވާލީމެވެ. މިއަދުވެސް ނާސިރުގެ ދެލޯ އަހަރެންނަށް ފެންނަމުން އެހާ ބިރުވެރިކޮށެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ނުއުފެދުނެވެ. އޭގެ ބަދަލުގައި އަހަރެންގެ ހިތުގައި ރޯވެ އުތުރިގަތީ ރުޅިވެރިކަމެވެ. ނާސިރުއާއި ދޭތެރޭގައެވެ. އޭނައާއި ހެދި އަހަރެން އުފުލަން ޖެހޭ އުދަގޫތަކާއި ހެދިއެވެ. ނާސިރުގެ ހިޔަނި އަހަރެންގެ ދިރިއުޅުމެއް ނޭޅުނަމަ އަހަރެންނާއި ބަންޝީލްއަކާއި ދިމާލެއް ނުވާނެއެވެ. އައިރްއަކާއިވެސް ދިމާލެއް ނުވާނެއެވެ. އޭނާ ރުޅި އައުމުން އަހަރެންގެ ހިތައް މިވާ ތަދެއް އޭރަކުން ނުވާނެއެވެ.
“އާސީން.. ކިހިނެއްތަ” އަހަރެން އައިސް މޭޒުކައިރިއަށް ހުއްޓިލުމުން ނާސިރު އަހާލިއެވެ. “އަހަރެން ހީކުރީ އިއްޔެ ދިޔަގޮތުން މިތަނަށް ދެން ނައަންނާނެކަމަށް” ނާސިރު ވާހަކަ ދެއްކިއެވެ. “އަހަރެން ހުރީ ވިސްނައިގެން.. ދެން ދުވަހަކުވެސް ނާސިރުގެ މޫނު ނުދެގެން.. އެކަމަކު ކީއްކުރަނީ… ނާސިރުގެ ދޮގުތަކުގެ ސަބަބުން އަހަރެން އެއްފަހަރު ނާސިރުގެ މޫނު ބަލާލާ ހިތްވީ” އަހަރެން ބުނެލީމެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އަހަރެން އެއްވެސް ވަރަކަށް އަހަރެން ބިރުގަނެފައި ހުރި ކަމެއް އެމީހުންނަކަށް ނުދައްކަމެވެ. އަހަރެން އެހެން ބުނެލި ގޮތުން ނާސިރުގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. “ހޫ.. މިއަދު ކިހިނެއްތަ އިރު އެރީ.. ކުރިން ދުވަހު ބިރުން ވާހަކަ ނުދެއްކުނު ކުއްޖާ.. މިއަދު ހާދަ އަޒުމަކާއި އެކު..” ނާސިރު ބުނެލިއެވެ. އަހަރެން ގޮޑީގައި އިށީދެލީމެވެ. ނާސިރުގެ މޫނާއި ދިމާލަށް ބަލާލީމެވެ. “އިއްޔެ މިތަނުގައި އިނީ އާސީން.. އެކަމަކު މިއަދު މިތަނުގައި މިއިނީ ޖާނަލިސްޓް އާސީން” އަހަރެން ކާޑު ދައްކާލަމުން ވާހަކަ ދެއްކީމެވެ. “މިއަދު ނާސިރު އަހަރެން ކުރާ ސުވާލަށް އެކަނި ޖަވާބު ދޭނީ.. އަހަރެން ނާސިރުގެ ބޭކާރު ވާހަކަ އަޑު އަހާކަށް މިތާކު ނުހުންނާނަން.. އެކަން ހަނދާންކުރާތި” އަހަރެން ފެށުމުގެ ކުރިން ނާސިރުއަށް އިންޒާރު ދިނީމެވެ.
“އައިރް ދިން ސުވާލު ގަނޑުތަ ތި ހޯދަނީ.. އަހަރެން ހީކުރީ ޖާނަލިސްޓުންނަކީ އަމިއްލައަށް ސުވާލު ހަދައިގެން ސުވާލު ކުރާ ބައެއްކަމަށް” އަހަރެން ދަބަސް ތެރެ ބަލާލުމުން ނާސިރު އަހާލިއެވެ. އަހަރެން ހައިރާންކަމާއި އެކު ނާސިރުއާއި ދިމާލަށް ބަލާލީމެވެ. އޭނާއަށް އައިރް އަހަރެންނަށް ސުވާލު ގަނޑެއް ދިންކަން އެނގުނީ ކިހިނެއް ހެއްޔެވެ. އެވަގުތު އެ ރޫމްގެ އެއްފަރާތަކު ފާރުގައި ލެގިލައިގެން ހުރި ބަންޝީލް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން ބިރުގަތެވެ. މީހާގެ ގައިން ހީބިހި ނަގައިގަތެވެ. ނަމަވެސް އެކަން ނުދައްކާ އަހަރެން ދަބަހުން އަހަރެން ނެގީ ކުޑަ ރެކޯޑަރެކެވެ. “ދައްކާ ހުރިހާ ވާހަކައެއް މީގެ ރިކޯޑް ކުރެވޭނެ” އަހަރެން އޭތި ނަގާ މޭޒު މަތީގައި ބޭއްވީމެވެ. “އަހަރެން ބޭނުންނަމަ ތީގެއަށް އެއްވެސް އަޑެއް ނުދާ ގޮތްވެސް ހެދިދާނެ” މާ ބާރުގަދަ މީހަކަށް ވެގެން ނާސިރު އުޅެނީ ކީއްވެ ހެއްޔެވެ. އޭނާ އެހެން ނުބުންޏަސް އަހަރެންނަށް ރަނގަޅަށް އެކަން އެނގެއެވެ. އަހަރެން އެ ބަހަކަށް ރައްދެއް ނުދެކެވެ. ދަބަސް ތެރެއިން އަހަރެން ދެން ނެގީ އަދްލީ އަހަރެންނަށް ފޮނުވި ސިޓީ އުރައެވެ.
އޭގެތެރެއިން އަހަރެން ފޮޓޯ ގަނޑު ނެގީމެވެ. “ކީއްވެ ކުރިން ދުވަހު އަހަރެންނަށް ދޮގު ހެދީ” ފޮޓޯގަނޑު މޭޒުމަތީގައި ބައްވާ ނާސިރުއާއި ކައިރިކޮށްލަމުން އަހަރެން ބުނެލީމެވެ. ނާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސްކަމާއި އެކު އެދެލޯ ކަރުނުން ފުރިގެން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.




mi baives hurihaa kudin nah kamudhaane kamah heekuran 🙂 hurihaa kudin ge hiyaal thakah maruhaba 🙂
Varah salhi varah kiyaahithun kiyey vaahaka eh mi. Avahah up Kohllane kamah uhmeedhu kuran
thnks ishee bodu koh 🙂 v try kuraana up koh dheveytho 🙂
v reethi mi part. keehvetha haadha lahun update vany?
mi vaahaka up vaale lahe noon kanneyge
thnks kamana dear 🙂 try kuraanan igey avas kureveytho 🙂
thnks ninni bodu koh igey 🙂
Wow Insaaf up vejje dhw. Adhi mibai nukiya mi comment kuri ? fahun kiyaalaafa comment kolllannan ingey fantasyyyy ??✌???☺☺☺☺???
thnks dear 🙂
story is awesome good luck dr.☺.
thnks ken bodu koh igey 🙂
Varah reethi mi baivx Fantasy ? keep it up!!!
faxooge lobi comment fenunyma abadhuves fantasy happy vey igey dear 🙂
Fantasy aa seen a kee girl or boy tha?… v v salhi haada inthixaarekey kurevenee nxt part a vvvv avaskodeythi ingey………..
yes ny aseen aky girl eh 🙂 v bodah thnks dear 🙂
ohh finally up vejje dhww☺.. hehe, thankxx dear, 4 this luvly story.. abadhuvx inthizaaru kureveny mi story up vaane irakah.. nd todayge partvx hama v v v v v rythi..❤❤??..hp nxt part avahah kiyaalan libeyne kamah.. gud luck?
thnks shine dear bodu koh 🙂 v happy vejje thihaa lobi comment eh kohleema 🙂
Wow vvvv reethi mi part vx vvv wait kurevey mi vaahaka up kuraane irah..vv interesting mi part…waiting for the nxt part…fantasy haadha molhey dhw stry write kuran..i luv ur storys..keep it up dear
thnks niz dear bodu koh for the lovely comment 🙂
A’iru headhi gothun ma vs dhera vejje..
heheh aslu ves dhoo.. fantasy ves v dhera vi 🙂 😉
Alheyyy fantasy…..haadha thihthi vaahaka ekey..love it…banshyl e haadha handsome jinni ekey dhw..hehe…whn nxt prt..gd luck dear?
heheh dhoo princess .. v handsome dhoo 🙂 thnks bodu koh dear 🙂
FANTASYYYY! God. Enme reethi hisaabun thi nimmy mi faharuves. U pretty girl. Oh sorry! I don’t even know if u are pretty or not. but still myhun buney reethi rangalhu kudhinnashey molhu vaahaka liyan egeynee.
Wow cant wait ??
Hehe haadha salhiay mivaahaka kiyaa vaguthu rayz ah miulhe veny mahsala therygahen mulhin meehaa finivefa hehe varah reethi ingy.77??