ހިމޭން 22
ދެފަރާތަށް ބޯ ހަލުވާލަމުން އިނާޔާ ރީތިވާން ފެށިއެވެ. ޝަރާގެ ކަންކަން ހުންނަ ގޮތުން އިނާޔާއަށް އެގޮތް ކަމު ނުދަނީއެވެ. ރިޒޯޓަށް ދިޔަފަހުން ނަޝާޔާގެ ހާލު ބަލާލާ އެކުއްޖާއާ ވާހަކަ ދައްކާލަން އަދި ގުޅާނުލައެވެ. ކުރާނީ ކީއްހެއްޔެވެ؟ އެވެސް މަންމައެކެވެ.
“މިންހާ…! ޝަރާ އެބުނި ކަމެއް ކުރަން މަ މިދަނީ.. ދެން ނޭނގެ މިރޭ އަވަހަށް ގެއަށް އާދެވޭނެ ކަމެއްވެސް.. ނަޝާޔާ ހުރީމަ އޭނަ އެކަނި ކޮށްފަ އަހަރުން ދެ މީހުންނަކަށް ވެސް ނުދެވޭނެއްނު.” އަޅާފައި ހުރި ޝޯލް ރީތިކޮށް ލަމުން އިނާޔާ ކޮޓަރިން ނުކުތެވެ.
ރޭގަނޑުގެ ލަސް ގަޑިއެކެވެ. ބޭރަށް ދިޔަ ގޮތަށް އިނާޔާ ގެއަކަށް ނާދެއެވެ. ދިރިއުޅުމުގެ ހުރިހާ ގޮންޖެހުމެއް ހަނދާން ނެތިފައި ހުރި މިންހާ ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ދިއްލާފައިވާ ނަޝާޔާގެ ކޮޓަރިއާ ދިމާލަށެވެ. އިރުކޮޅަކު ދޮރު ކައިރި ހުރުމަށް ފަހު މިންހާ އެ ކޮޓަރި ތަޅުގައި ހިފާ އަނބުރާލިއެވެ.
************
ނަޝާޔާ އިނީ އެނދުމަތީގައެވެ. ކުރިމަތިލައިން އިނީ ‘ޑައިރީ’ އަށެވެ. ކައިރީގައި އަތުރާފައި ހުރީ ލިޔަން ބޭނުން ކުރާ އެކި ސާމާނެވެ. އުނގު މަތީގައި އޮތް ފޮތް ލައްޕާލީ ކޮޓަރި ހުޅުވާފައި މިންހާ ވައިން އަޑަށެވެ. ވަގުތުން އެތަކެތި ނަގާފައި ހުންނަ ތަނަށް ލާން ނަޝާޔާ ތެދުވެ އަވަސްވެގަތެވެ.
ހިނިތުން ވުމާއެކު ކުރިޔަށް ހިނގަމުން ދިޔަ މިންހާ އިށީނީ ނަޝާޔާގެ އެނދުގައެވެ. ނަޝާޔާ ކުރަން އިން އެއްވެސް ކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާކަން ދައްކަމުން މިންހާ ހަމަޖެހިލިއެވެ.
“ދައްތަ ނުނިދަންތަ؟” ހަރުގަނޑުގައި އެއްޗެހިތައް އަތުރާލުމަށް ފަހު ނަޝާޔާ އެނދަށް އަރާ އޮށޯތެވެ.
“މިރޭ ނިދާނީ ނަޝާޔާ ގާތުގަ.” މިންހާ އެހެން ބުނުމުން ނަޝާޔާ ކުޑަކޮށް ޖެހިލުން ވިއެވެ. ދެބުމަ ކައިރި ކޮށްލީ ދެރަ ވެފައިވާ ކަހަލަ ގޮތެއް މޫނަށް ހަދާލަމުންނެވެ.
މިންހާއަށް އެއްވެސް ޖަވާބެއް ނުދީ ވިސްނަން އޮވެ ނަޝާޔާ އެނބުރިލީ އޭނާގެ ‘ޑައިރީ’ އާ ދިމާލަށެވެ.
“ސޮރީ ޑައިރީ” އެޔާ ދިމާލަށް މަޑުމަޑުން ތުން ތަޅުވާލުމަށް ފަހު އަނެއްކާ ވެސް މިންހާއާ ދިމާލަށް އެނބުރިލިއެވެ. ޑައިރީއަށް މުޚާތަބުކޮށް ނަޝާޔާ މަޑުމަޑުން އެ ބުނެލި ޖުމްލަ މިންހާގެ ކަންފަތަށް ވާސިލް ވިއެވެ. އެހެނަސް މިންހާ އެކަމާ އަޅައެއް ނުލައެވެ.
“ދައްތަ ބޭނުމިއްޔާ ނިދާ..” މިންހާ އޮށޯންނަން ތަންކޮޅެއް ދައްކަމުން ނަޝާޔާ އަރިޔަކަށް ޖެހިލިއެވެ.
ތިރީގައި އަޅާފައިވާ ގޮދަޑީގައި އޮވެ ރީމް ވިސްނަމުން ދަނީއެވެ. މަތީ އެނދުގައި ނިދާފައި ތިބި ދެ ކުދިންގެ ފަރާތުން މިއަދު އިވުނު ވާހަކަ ތަކުގެ ސަބަބުން ރީމްގެ ބޯ ހާސް ވުން ނޫން ކަމެއް ނުވެއެވެ. އަމީލަކީ ކޮންކަހަލަ މީހެއް ކަން އެންމެ ފުރަތަމަ ދަސްވީ ރަށު މީހުންގެ ފަރާތުންނެވެ. އޭގެ ފަހުން އިނާޔާއާ މިންހާގެ ފަރާތުން އިނގުނު ވާހަކަތަކުން ވެސް އަމީލުގެ ވިޔާނުދާކަން ވަނީ ޔަގީން ވެފައެވެ. މި ހުރިހާ ކަމަކާ އެކު، މިހާރު ރީމްގެ ސިކުނޑިއަށް ބަރު ވަނީ މާ ބޮޑަށެވެ. އެ ދެ ކުދިންގެ ހިތުގައި ވެސް އަމީލަށްޓަކާ ލޯތްބެއް ނެތެވެ. އޯގާތެރި ކަމެއް ނެތެވެ. އާނއެކެވެ. އެކުދިންނަށް އެހެން ވިސްނެނީ އަމީލުގެ އަމަލާއި ބަސް މޮށުންތެރިކަން ހުންނަ ގޮތުންނެވެ. މިންހާއާ ދެ ދަރިންގެ މައްޗަށް އަމީލުގެ ހިތުގައި އެއްވެސް ގަދަރެއް ނެތެވެ. ވީއިރު ރީމްގެ މައްޗަށް އަމީލުގެ ހުންނާނީ ކޮން އޯގާތެރި ކަމެއް ބާއެވެ؟
ކޮޓަރި ތެރޭގެ މުށިތައް މަތީ އިނދެ އަމީލު ބޮމުން ދިޔަ ސިނގިރޭޓުން އަރަމުންދާ ދުންތައް މުޅި ތަނަށް ތަގައްޔަރު ވެފައިވެއެވެ. އެއް އަތުގައި ސިގިރެޓް އޮތް އިރު އަނެއް އަތުން ފޯނު ނަގާ ރީމަށް ގުޅާލިއެވެ.
ފޯނުގެ ޑިސްޕްލޭ އިން އަމީލުގެ ނަން ފެނުމާއި އެކު ރީމްގެ ހިތަށް ވެރިވީ ފޫހިކަމެވެ. ވާހަކަ ދައްކާ ހިތް ނުވިޔަސް މިވަގުތު އަމީލުގެ ދަރިންގެ ބެލެނިވެރިޔަކީ ރީމެވެ. އެހެންވެ އެ ފޯނަށް ޖަވާބު ދިނުން ނޫން ގޮތެއް ވެސް ރީމަކަށް ނެތެވެ.
“ހަލޯ އަމީލު…! މިހާރު މިންހާ ކިހިނެއްތަ؟” ރީމް ބުނެލިއެވެ.
“މިގަޑީގަ މިންހާގެ ވާހަކަ ނުދައްކަބަލަ.. ލޯބި އަދިވެސް ނުނިދަންތަ؟ ހޭލާ އޮންނާނެ ކަމަކަށް ވެސް ނޫން މި ގުޅީ.” ހަމަޖެހެން މަސައްކަތް ކުރަމުން އަމީލު ބުނެލިއެވެ.
“ނުނިދިފަ.” ފުން ނޭވާއެއް ދޫކޮށްލަމުން ރީމް ދިނީ ކުރު ޖަވާބެކެވެ.
“ހެހެހެ… އަހަރެން މަތިން ހަނދާން ވެގެން ދޯ؟” އަމީލު ޖަހާލީ ހިނިގަނޑެކެވެ.
“އާނ….!. ހަގީގަތަށް ބުނަންޏާ، މިރޭ ވަކިން ބޮޑަށް ވިސްނޭ ރެއެއް.” ފާޑަކަށް އޮވެ ރީމް ބުނެލިއެވެ.
“އެހެން ވިއްޔާ ވަރަށް އުފާވެއްޖެ. ބައެއް ފަހަރަށް މިހެން ބޯ ގޮވީމަ ބޯ ހަމަޖެހެއޭ ރީމަށް ގުޅާލީމަ ވެސް.” ހިނިއައިސްފައި ހުރެ އަމީލު ބުންޏެވެ.
“ބޯ ގޮވީ ކޮންކަމަކާ؟ އެވަރު ކަންކަން އަމީލުގެ ހުރޭތަ؟” ރީމް ބުނެލީ ނޭނގޭ ކަމަށް ހަދަމުންނެވެ.
“އާނ..! ދެން ކޮންމެ މީހަކު ވެސް ވިސްނަންވާ ކަންތައް ތަކެއް ހުންނާނު..” ފުން ނޭވާއެއް ދޫކޮށްލަމުން އަމީލު ބުނެލީ ދުރުދުރުންނެވެ.
“ކޮން އިރަކު އަންނަނީ؟” އަމީލު ނައިސްގެން ރީމް ހުރީ ކެތް މަދުވެފައެވެ. އަމީލު އައުމުން ރީމް ދައްކަން ހުރި ވާހަކަތައް ބޮލުގައި ހުރި އިސްތައްޓަށް ވުރެ ގިނައެވެ.
“ހެހެހެ… އަހަރެން ނުފެނިގެން ހާދަ ވަރެއް ވަނީ؟ އަސްލު އަދި މަޑުކޮށްލަން ބޭނުމީ. އެކަމު އަހަރެން ވަރަށް އަވަހަށް ދާން ވެސް އެބަ ޖެހޭ.. މާދަން ނޫން އަނެއް ދުވަހަށް.” އިނގިލިން ސިނގިރޭޓްގައި ޖަހާލަމުން އަމީލު ބުނެލިއެވެ.
“އަހަންނަށް ވާވަރަކާ ވީގޮތަކާ ދެން އިނގޭނެއްނު އައިމަ.. އެހެން ނޫނަސް އަހަރެން ޗުއްޓީއަށް މި އައީ އަމީލު އަހަރެން ބަހައްޓާފަ ތިރަށަށް ދާނެ ކަމަށް ނޫން. ބާއްވަނީ.” ރީމް ފޯނު ބާއްވަން ބޭނުންވީ އަމީލު ރުޅިއަންނަ ފަދަ ވާހަކައެއް އިތުރަށް ބުނެވިދާނެތީއެވެ.
“ދެން މިހާރު ކިހިނެއް ތި އުޅެނީ؟ އަބަދު ފޯނު ނުބޭއްވިގެން… މިހާރު އެއް ވަރަކަށް ވެސް މަށާ ލޯބިން ވާހަކަ ދައްކައެއް ނުލަ.. ކުރިން ދޭތެރެ އަކުން ލޯބީގެ މެސެޖް ވެސް ކުރާނެ. މިހާރު އެކަމު އެއް ވަރަކަށް މެސެޖެއް ވެސް ނުކުރެ. ގުޅިޔަސް ތިހުންނަނީ ފޯނު ނުބާއްވައިން ލަސްވެފަ.” ހިތްހަމަ ނުޖެހިފައި ހުރި އަމީލު ރުޅިއައިސްގެން ފޯނު ކަނޑާލިއެވެ.
ރިޒޯޓްގެ ދޮންވެލި ތުނޑިމަތީ ޝަރާ އިނީ މޫދައް އެރޭ ހެދުމެއްގައެވެ. އަތް ދަބަހުން ކެވިން ބްރޭންޑްގެ ކޮފީ ޕެކެޓެއް ނެގުމަށް ފަހު ހޮޅި ޖަހާލީ ވަރަށް ހަމަ ޖެހިލައިން އިނދެއެވެ. އޭރު އަރައިން އައި އިރުގެ ދޯދި ތަކުން ޝަރާގެ މޫނަށް ވަނީ ރަން އަލި އެޅިފައެވެ. ޝަރާގެ ލޮލުގައި އަޅާފައިވާ އަވި އައިނުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމައެވެ.
ގެސްޓް ރޫމްގައި ޗާޖަށް ޖަހާފައި އޮތް ފޯނު ހިފައިން އައިސް ވިޔާމް ދިއްކޮށްލީ ޝަރާއަށެވެ. ސޯޓާއި ޓީޝާޓެއް ލައިން ހުރި ވިޔާމްގެ ލޮލުގައި އަވި އައިނެއް އަޅާފައި ވާއިރު، ބޮލުގައި ވަނީ ޒަމާނީ ތޮތްޕެއް އަޅާފައެވެ. ފައިވާން ބޭލުމަށް ފަހު ވިޔާމް ޝަރާ ގާތުގައި އިށީންދެ ހަމަޖެހިލިއެވެ.
“ޝަރާ! މިކޮޅަށް އައި ފަހުން ގުޅިންތަ ނަޝާޔާއަށް؟” ވެލިގަނޑުގައި އަތް ހާކާލަމުން ވިޔާމް އަހާލިއެވެ.
“ޕިސް… ދެން އިނާޔާ މެން ބަލާނެއްނު.. ތި ވާހަކައެއް ނޫނޭ… މި މަހުގެ ސެލަރީ މަށަށް ފޮނުވައިފިންތަ؟ އަނެއްކާ އެމީހުންނަށް މުސާރަ ދޭން ޖެހޭ ދުވަސް އައީ..” އަތުގައި ހުސް ޕެކެޓް ބައިންދައިން އިނދެ ވިޔާމްގެ މޫނަށް ބަލައިލަމުން ޝަރާ ބުންޏެވެ،
“ރޭގަ ހަމަ ޖަމާވީ އިރަށް ފޮނުވާފަ އިންނާނީ.. ޝަރާ ވީނު ދެން ތިކަން ހުއްޓާލަން. އަބަދު ދަރާފަ ތި ހުންނަނީ. ބުނެބަލަ ކިހާވަރެއް އެބަ އޮތް ދަރަނީގަ؟” ކުރިންވެސް ޖަވާބު ނުލިބޭ ސުވާލަކަށް ވީތީ އަނެއްކާ ވެސް ވިޔާމް އެ ސުވާލު ތަކުރާރު ކޮށްލިއެވެ.
“މިކަން ހުއްޓާލީމައޯ؟.. ހާދަ ރުފިޔާއެއް ލިބެޔޭ ފެހީމަ… ފައިސާ ލިބިލިބި ހުއްޓަ މިކަހަލަ ކަމެއް ހުއްޓާލާނީ މޮޔައެއްނު؟” ޝަރާ ގޮތްދޫ ނުކުރާން ބުނެލިއެވެ.
“ތިބުނާ ވަރަށް ފައިސާ ލިބެންޏާ ދަރަނި ކުޑަކުރެވެން ވާނެއްނު؟” އަނެއްކާ ވެސް ވިޔާމް ބުނެލިއެވެ.
“ކުޑައެެއް ނުވާނެ ދޯ… މަށަށް ގަވާއިދުން ނުދެއްކެންޏާ!..” ޝަރާ ބުނެލީ ފޫހި ރާގަކަށެވެ.
“އެ ކީއްވެހޭ ނުދެއްކެންވީ؟” ވިޔާމް އޭނާގެ ގޮތުގައި މަޑުމަޑުން އިނދެ އަހާލިއެވެ.
“ފަސް ލައްކައަށް ކުޑަ ވެއްޖެއޭ. ދަރަންޏެއް ނުދެއްކޭނެ ދޯ.. ޓްރިޕެއް ދިޔަސް މަ އެންމެނަށް ހަރަދު ކުރަނީ.. ތުރުކީއަށް ދިޔަ ފަހަރު ވެސް މަށާ އެކީ ދިޔަ މީހުންގެ ދެކޮޅު ޓިކެޓާ.. ހުރުމާ ކެއުމާ މަގޭ ފައިސާގަ ހަމަޖެއްސީ.” ޝަރާ ކިޔައިދިނެވެ.
“ޝަރާ!…… ދަރަނި އަދާ ނުކޮށް، ވަރަށް ބޭކާރު ފައިސާ ތި އިސްރާފު ކުރަނީ.. މަށަށް ފެންނަނީ ތިކަން ހުއްޓާލާފަ ޝަރާ ދެން ނަޝާޔާގެ ސްކޫލަށް އިސްކަން ދީގެން އެމަންޖެ ރަނގަޅު ކުއްޖަކަށް ހަދަން އުޅެވޭތޯ ބަލަން ވެއްޖެހެން.” ވިޔާމް ބުނެލީ އޭނަ ބޭނުންވާ ގޮތެވެ.
“ވިޔާމޫ!… އަޅެ ނަޝާޔާ ގޯސްތަ..؟ ކިހާ ބަސްއަހާ ކުއްޖެއް އެއީ. އެ އިންނަނީ އަހަރުމެން ބުނީމަ ބުނިހާ ގޮތެއް ހެދިގެން. ދިން އެއްޗެއް ކައިގެން ބޮއެގެން…. އަހަރެންގެ ދުލުން ބުނެލި ކަމެއް ވިއްޔާ އެބަ ކުރޭ… ދެން ވިސްނަބަލަ! ވިޔާމް ރިޒޯޓުގަ ހުއްޓަސް އޭނައަށް ހެޔޮޮ…. އަހަރެން ކިތަންމެ އިރަކު ބޭރުގަ އުޅުނަސް އޭނައަށް ހެޔޮ… އެ އިންނަނީ އަހަރެން އަންނަންދެން ގޭގަ… މިހެން ތާކަށް ޓްރިޕެއް އަޔަސް، ދުވަހަކު ވެސް ޝަކުވާއެއް ނުކުރޭ… ޝަކުވާއެއް ނެތި..، ބޮޑާ ވެސް ނުހާކާ…. ބަސް އަހާތީނު ގައިމު މަށަށް މިހެން މި އުޅެވެނީ ވެސް.. އެހެން މީހުންގެ ދަރިންނަށް ވުރެ އެތައް ގުނައެއް ބަސްއަހާ… ގައިމު މަށަށް ބިޒްނަސްގަ އުޅެމުން ދަރިން ބަލަން އިނގޭތީ ދޯ މިހާ ހަމަޖެހިގެން މި އުޅެލެވެނީ.” ފަޚުރުވެރި ވެފައި ޝަރާ ބުންޏެވެ. އެވާހަކަ ތަކުގައި ވަނީ އިހުމާލެއް ގަބޫލު ނުކުރެވޭ ހަގީގަތެވެ. ނަޝާޔާގެ އަދަބުވެރި ކަމުގެ ފަޚްރުވެރި އެވޯޑް އުފުލާލައިން ހުރީ ހަމައެކަނި ޝަރާކަން ސާބިތުކޮށްދޭ ކިބުރުވެރި ހިނިތުން ވުމެއް އެވަގުތު ވިޔާމަށް ދައްކާލިއެވެ.
“ނަސޭހަތް ދޭން އުޅުނަސް، މަށަކަށް ނޭނގެ ތި ފެންވަރަށް ވާހަކަ ދައްކާކަށް. އެހެންވެ ދެން ރަނގަޅު ވާނީ މިވަގުތަށް ވާހަކަ ހުއްޓާލީމަ.” ފޫހި ގޮތަކަށް މޫދާ ދިމާލަށް ބަލައިލަމުން ވިޔާމް ބުންޏެވެ.
“ވަރަށް އަވި ގަދަވޭ އެބަ.. ދެން ހިނގާ މޫދަށް.” މޫދާ ދިމާލަށް ދާން ތެދުވަމުން ޝަރާ ބުނެލީ ވިޔާމް ބުނި ޖުމްލަތައް އަޑުއިވޭ ކަމަށް ވެސް ހަދާ ނުލައެވެ.
މޫދަށް ދާން ތެދުވި ވަގުތު ވިޔާމްގެ ފޯނު ރިންގް ވާން ފެށިއެވެ. ސޯޓުގެ ފަހަތު ޖީބުގައިވާ ފޯނު ނަގާ ޑިސްޕްލޭއަށް ބަލައިލީ ދެލޯ ހަނި ކޮށްލަމުންނެވެ. ގުޅަމުން ދަނީ އިނާޔާއެވެ.
“ވިޔާމް..! ކޮބާ ޝަރާ؟ ފޯނު ނިވާފަ އޮތީ..” ފޯނު ނަގާ ކަންފަތުގައި ޖައްސާލި ވަގުތު އެކޮޅުން ވާހަކަ ދެއްކީ އިނާޔާއެވެ.
“ފޯނު އެ އޮތީ ޝަރާ އަތުގަ. ޗާރޖް ކުރަން ނިވި ގޮތަށް ނުހުޅުވަނީ ކަންނޭނގެ. މިހުރީ ޝަރާ. މަޑުކުރައްޗެ..” ޝަރާ އަތަށް ފޯނު ދެމުން ވިޔާމް އޭނާގެ ފައިވާނަށް އެރިއެވެ.
“އޭތް.. ކޮބާ ނުވޭތަ އަންނާކަށް. މާދަން ރަށަށް ދާން ވެއްޖެ. މިންހާއަށް ކޯޓަށް ކިޔައިފި.” އިނާޔާ ވާހަކަ ދެއްކީ ޝަރާ ދޭނެ ޖަވާބަކާ ދޭތެރޭ ކަންބޮޑުވެ ހުރެއެވެ.
“އާނ.. އަދި މާދަން ހުރެލާފަ އަހަރެން ދަނީ.. ދެން؟… ދެން ކިހިނެއް ހަދާނީ؟..” ޝަރާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އުފާވެރި ވަގުތުތައް ކުއްލިޔަކަށް ނިންމާލަން ޖެހިދާނެތީއެވެ.
“ނޭނގެ.. ދެން އާދޭ އަވަހަށް. މިންހާއަށް އެހާ ދުވަހު މަޑެއް ނުކުރެވޭނެ. މިހާރު ވެސް އަހަރުމެން އިތުރަށް މި މަޑުކުރީ ދޯ؟” އިނާޔާ ބުންޏެވެ.
“އެހެންވިއްޔާ ތިރަށަށް ދޭބަލަ ނަޝާޔާ ގޮވައިން. ބަނޫން ވެސް ހުންނާނެއްނު. އަހަރެން ދާނަން އޭނަ ބަލާ…” ޝަރާގެ ރޭވުންތެރި ކަމާމެދު މީހަކު ހައިރާން ނުވާނެހެއްޔެވެ؟
“ޕިސްޕިސް… ޝަރާ…! ދެން ކީކޭ ދޯ ބުނާނީ؟” އިނާޔާ ފޯނު ބޭއްވީ ހިތްހަމަ ނުޖެހިފައި ހުރި ވަރުންނެވެ.
މިންހާއާއި ނަޝާޔާ އެވަގުތު އިނީ ސައިބޯން އިނާޔާ ގާތުގައެވެ. ސްޕީކަރަށް ލައިން އިނދެގެން އިނާޔާ އާއަ ޝަރާ ދެއްކި ހުރިހާ ވާހަކައެއް އެންމެ ރަނގަޅަށް ނަޝާޔާއަށް އަޑު އިވުނެވެ. އެހެން ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ ނަޝާޔާ ސައި ބޮމުން ދިޔައެވެ.
އަނެއްކާވެސް ރިންގް ވަމުން ދިޔަ ފޯނަށް އިނާޔާ ބަލައިލިއެވެ. ގުޅަމުން ދަނީ އަމީލެވެ. އިނާޔާގެ ނަޒަރު ވަގުތުން އަމާޒުވީ ކައިރީގައި އިން މިންހާގެ ލޮލަށެވެ. މިންހާގެ މުޅި ހަށިގަނޑުން އެވަގުތު ފެންނަމުން ދިޔަ ބިރުވެރި ކަމާއި ހާސްކަމުގެ އަސަރު އިނާޔާއަށް ނުހަނު ރަނގަޅަށް ނަގައި ގަނެވުނެވެ.
“ނަގާބަލަ!…” އިނާޔާ ބުނެލީ މިންހާއަށް ބަލަން އިނދެއެވެ.
ނޫނެކޭ ބުނުމުގެ ގޮތުން ފުރަތަމަ ވެސް މިންހާ ބޯ ހޫރާލީ ހިތާމަވެރި މޫނަކާ އެކުގައެވެ.. ފޯނުގައި އަތްތިލަ ޖައްސަން އުޅުނަސް މިންހާގެ އަތުގައި އަޅަމުން ދިޔަ މަޑުމަޑު ތުރުތުރު ނަޝާޔާގެ ލޯމަތީ ފެންނަމުން ދިޔައެވެ. ވަގުތުން ނަޝާޔާއަށް ބަލައިލެވުނީ ތާޒާކަން ގެއްލިފައިވާ މިންހާގެ މޫނަށެވެ.
“ދެން ނަގާބަލަ!… ޕްލީޒް މިންހާ!.. އަހަރެން މި ހުރީނު… ބުނަން އުޅޭ އެއްޗެއް އަޑު އަހާލަން ވެސް އެ ނަގާބަލަ.” އިނާޔާ ހިއްވަރު ދިނުމުގެ ސަބަބުން މިންހާ އެ ފޯނު ނެގީ ލޯ މަރާ ތަގުޅި ކޮށްގެން އިނދެއެވެ.
“ހަލޯ.. ކޮބާ މިންހާ..! އޭނަ އަތަށް ފޯނު ދީބަލަ.” އަމީލުގެ އަޑުގައި ވަނީ އަވަސް އަރުވާލާފައި ހާސްކަމުގެ ރުޅިގަދަ އަސަރެވެ.
“މި… މިންހާ ވާ…ވާހަކަ ދައްކަނީ.” ދެލޯ މަރައިގެން އިން މިންހާ ތުރުތުރު އަޅަމުންދާ އަޑަކުން ބުނެލިއެވެ.
“ކަލޭ ކީއް ކޮށްގެން ތިއުޅެނީ؟ ކީކޭ ހިތަށް އަރައިން ތި އުޅެނީ؟ މަށަށް ކޯޓަށް ކީމަ ކަލޭ ހީކުރީތަ ކަލޭ ވަރިވާނެ ކަމަށް؟ ހާދަ ގަދަ ވެލައިންނޭ ދޯ މިހާރު ތި އުޅެނީ…” ރުޅިއައިސްގެން ހުރެ އަމީލު ބުންޏެވެ.
ނުނިމެ.
3 Comments!
Comments are closed.







MA ✨🫶🏻 when’s next?
Alhamdh lillah
Thanks Black
Next part Monday ga in sha Allah.
Inthizaaru kollavvaa
Mi faharu Black busy kamun’ney I didn’t reply about story btw keep it up!🩷😭